-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނޫ (ގާނޫނު ނަންބަރު 2008-10) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-18)

(މި ގާނޫނަށް އަމަލުކުރަން ފެށީ 3 ނޮވެމްބަރު 2022 ގައި)

 

ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނޫ) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-22 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22-1. (ޅ). ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިށަނަށް ފޮނުވަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) ތަހްގީގު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ތަހްގީގުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

25. (މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެއެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

29. (1-ނ) މި މާއްދާގެ (ށ) ގެ ދަށުން ތަހްގީގު ކޮމިޓީން ކޮމިށަނަށް ފޮނުވާ ރިޕޯޓު، ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތަށް ރިއާޔަތްކޮށް ތަހްގީގުކޮމިޓީން އެކުލަވާލައި ކޮމިށަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިށަނުން ފޮނުވަންވާނެއެވެ.

(2-ނ) ތަހްގީގު ކޮމިޓީގެ ރިޕޯޓާމެދު ކޮމިށަނުން ގޮތެއް ނިންމަންވާނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

30. (ށ) މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާނުލައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުހުލަތުގެ ތެރޭގައި އެގޮތަށް އަމަލުކުރެވެން ނެތްނަމަ އިތުރު މުހުލަތަކަށް އެދި ކޮމިށަނަށް ހުށަހެޅުމުގެ ފުރުސަތު މި މާއްދާގެ ދަށުން އެފަދަ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

32-1(ހ) (1) ނަސޭހަތްދިނުން ނުވަތަ ތަހްގީގުކުރެވުނު މައްސަލައިގެ ބާވަތަށް ބަލައި އިތުރު ތަމްރީން ބޭނުންވާކަމަށް ކޮމިށަނަށް ފެންނަ ހާލަތްތަކުގައި ކޮމިށަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުން؛

 

7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު