-

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2014-18)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ވިޔަފާރި ހިންގޭނީ، މި ގާނޫނުގައި ބަޔާންކުރާ ވިޔަފާރި ތަންތަނުގެ ތެރެއިން ތަނެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ކަމުގައި ކަނޑައަޅައި، އެތަންތަނުގެ ދަށުން ހިންގާ ވިޔަފާރިތައް ރަޖިސްޓަރީކުރުން ލާޒިމުކޮށް، ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނު ހިނގާ ފަރާތްތައް

މި ގާނޫނުން އިސްތިސްނާކުރާ ވިޔަފާރި ފިޔަވައި، ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގާ ކޮންމެ ފަރާތެއްގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.

 

3 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް ބިޒްނަސަސް

(ހ) މި ގާނޫނުގައި ''ރަޖިސްޓްރާރ އޮފް ބިޒްނަސަސް'' ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އައްޔަންކޮށްފައިވާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ.

(ށ) އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުން، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސަސްއާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައްވެސް އަދާކުރާނީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒެވެ.

(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަދާކުރާ މަސްއޫލިއްޔަތެއް އަދާކުރާނީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސްގެ ހައިސިއްޔަތުން، އެ ނަމުގައެވެ.

(ރ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސަސް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު، ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށް މި ގާނޫނުން ލިބިދެއެވެ.

(ބ) މި ގާނޫނުގެ ދަށުން ދިނުމަށް ކަނޑައަޅާ ހިދުމަތްތަކުގެ ތެރެއިން، މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ދިނުމަށް ރަޖިސްޓްރާރ ކަނޑައަޅާ ހިދުމަތްތައް، ކަނޑައަޅާ އުސޫލެއްގެމަތިން، ދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

ދެވަނަ ބާބު

ވިޔަފާރި ތަންތަން ރަޖިސްޓަރީކުރުން

4 ވަނަ މާއްދާ - ރަޖިސްޓަރީކޮށްގެން މެނުވީ ވިޔަފާރިނުކުރުން

ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިންގަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވިޔަފާރި ތަންތަނުގެ ތެރެއިން ތަނެއްގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

(ހ) ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން؛ ނުވަތަ

(ށ) ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން؛ ނުވަތަ

(ނ) ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން؛ ނުވަތަ

(ރ) އަމިއްލަ ފަރުދުންގެ ވިޔަފާރިއާގުޅޭ ކަމާބެހޭ ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން.

 

5 ވަނަ މާއްދާ - ބިދޭސީން ވިޔަފާރިކުރުން

ބިދޭސީ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

 

6 ވަނަ މާއްދާ - ބިދޭސީންނަށް ކުރެވޭނެ ބާވަތުގެ ވިޔަފާރި އަދި އުސޫލު (އިސްލާހު ކުރެވިފައި)

މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ރަޖިސްޓަރީކުރުމުގެ އިތުރުން، ބިދޭސީ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ، ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

 

7 ވަނަ މާއްދާ - ރަޖިސްޓަރީކުރުން ލާޒިމު ވިޔަފާރި

މި ގާނޫނުގެ ބޭނުމަށްޓަކައި ''ވިޔަފާރި'' ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ނުހިމެނޭ ގޮތުން ހިންގާ، އަންނަނިވި ބާވަތުގެ ކަންކަމަށެވެ.

(ހ) އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތް؛

(ށ) ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް؛

(ނ) ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ހިދުމަތް؛

(ރ) ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ހިދުމަތް ދިނުމުގެ މަސައްކަތް؛

(ބ) މާލީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ނުއުފުލޭ މުދަލާ ގުޅޭގޮތުން ހައްގުތައް ދިނުން؛

(ޅ) މާލީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ހިންގާ އެނޫންވެސް ހަރަކާތްތައް.

 

8 ވަނަ މާއްދާ - ބައެއް ކަންކަން އެއީ ވިޔަފާރި ކަމުގައި ބެލުން

މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރި ތަންތަނުގެ ތެރެއިން ތަނެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަކާ ނުލާ، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް، އަންނަނިވި ދެގޮތުގެ ތެރެއިން ގޮތަކަށް ކުރާނަމަ އެއީ، މި ގާނޫނުގެ 7 ވަނަ މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިއެއް ކަމުގައި ބެލެވޭނެއެވެ. އަދި އެ ވިޔަފާރި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުން ލާޒިމުވާނެއެވެ.

(ހ) އެކަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ވަޒީފާގައި ގެންގުޅުން؛

(ށ) ކުރާ މަސައްކަތުގެ އެއްވެސް ބައެއް، ފިހާރައެއް ނުވަތަ އޮފީހެއް ނުވަތަ ހިދުމަތްދޭ ތަނެއް ނުވަތަ މަސައްކަތްކުރާ ތަނެއް ގާއިމުކޮށްގެން ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ކުރުން (އިސްލާހު ކުރެވިފައި)

 

9 ވަނަ މާއްދާ - އިސްތިސްނާވެގެންވާ ވިޔަފާރި

(ހ) ވަކިވަކި ފަރުދުން ހިންގާ ނުވަތަ ކުރާ އަންނަނިވި ކަންކަން، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރީގެ ތެރެއަކު ނުހިމެނެއެވެ. އަދި މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް، އެފަރާތްތަކުގެ މައްޗަކަށް ނުހިނގާނެއެވެ.

  1. މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭގޮތަށް އަދާކުރާ ވަޒީފާ ނުވަތަ މަގާމެއް؛
  2. އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ އަންނަނިވި މަސައްކަތް:
    (ހހ)  އަމިއްލަ ގޭގައި ނުވަތަ އެއް ތަނުން އަނެއް ތަނަށްގޮސް މުދާ ވިއްކުން؛
    (ށށ)  އަމިއްލަ ގޭގައި ނުވަތަ އެއް ތަނުން އަނެއް ތަނަށްގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ދިނުން؛
    (ނނ)  ދިރޭ ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުން؛
    (ރރ)  މަސްވެރިކަން؛
    (ބބ)  ދަނޑުވެރިކަން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ވަކި މަސައްކަތަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއް ކަމުގައި ބެލެވޭނީ، އެ މަސައްކަތަކީ، ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލާ، ތިމާ އަމިއްލައަށް ކުރާ މަސައްކަތަކަށް ވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ބބ) އެހެން އޮތްނަމަވެސް، ދަނޑުވެރިކަން ކުރަނީ 1،000 (އެއްހާސް) އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި ކަމަށްވާނަމަ، އެއީ އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

ތިންވަނަ ބާބު

ވިޔަފާރީގެ މައުލޫމާތު ދަފްތަރުކުރުން

 

10 ވަނަ މާއްދާ - ވިޔަފާރި ހަރަކާތްތަކާއި ތަންތަން ދަފްތަރުކުރުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަންތަން، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރުމުގެ އިތުރުން، އެ ތަނަކުން ކުރަން އެދޭ ވިޔަފާރި ހަރަކާތަކީ، އެހެން ގާނޫނަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ހުއްދައެއް ހޯދަންޖެހޭ ވިޔަފާރި ހަރަކާތެއްނަމަ، އެ ވިޔަފާރި ހަރަކާތެއް ފަށަންވާނީ، އެ ހުއްދައެއް ހޯދުމަށްފަހުއެވެ. އަދި އެ ވިޔަފާރި ހަރަކާތެއް ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމެނުމަށްޓަކައި، ކަމާބެހޭ ސަރުކާރުގެ އިދާރާއަކުން، އަންނަނިވި މައުލޫމާތާއެކު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރި ތަނުގެ ނަމާއި އެޑްރެހާއި ވިޔަފާރި ހަރަކާތުގެ ބާވަތް؛
  2. ކަމާބެހޭ ސަރުކާރުގެ އިދާރާއިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތާއި ހުއްދައާގުޅޭ އެހެނިހެން މައުލޫމާތު؛ އަދި
  3. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.

(ށ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަނަކުން ކުރަން އެދޭ ވިޔަފާރި ހަރަކާތަކީ، އެހެން ގާނޫނަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ހުއްދައެއް ހޯދަންޖެހޭ ވިޔަފާރި ހަރަކާތެއް ކަމުގައިނުވާނަމަ، އެ ވިޔަފާރި ހަރަކާތެއް ފެށުމުގެ ކުރިން، އަންނަނިވި މައުލޫމާތާއެކު، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމެނުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އަދި އެ ގަވާއިދުގައި ބަޔާންކުރާ ފީއާއެކު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރި ތަނުގެ ނަމާއި އެޑްރެހާއި ވިޔަފާރި ހަރަކާތުގެ ބާވަތް؛
  2. ވަކި މުއްދަތަކަށް ކުރާ ވިޔަފާރި ހަރަކާތެއްނަމަ، އެ މުއްދަތު؛
  3. ވިޔަފާރިކުރާ ތަނެއްނަމަ، ނުވަތަ ފިހާރައެއްނަމަ، ނުވަތަ ހިދުމަތްދޭ ތަނެއްނަމަ، އެ ތަނެއް ބޭނުންކުރުމުގެ ހުއްދަ، ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ހޯދާފައިވާކަމުގެ ލިޔުން؛ އަދި
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް މައުލޫމާތު

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ވިޔަފާރި ހަރަކާތްތަކުގެ ތެރެއިން، ވަކި ބާވަތްތަކުގެ ވިޔަފާރި ހަރަކާތްތައް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު ހެދުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. މިގޮތުން ހަދާ ގަވާއިދުގައި، ވަކި ބާވަތެއްގެ ވިޔަފާރި ހަރަކާތްތައް ހިންގިދާނެ ސަރަހައްދުތަކާއި ވަގުތުތައް، އަދި ވަކި ބާވަތެއްގެ ވިޔަފާރި ހަރަކާތްތައް ހިންގުމުގައި ހޯދަންޖެހޭ ހުއްދަތަކާގުޅޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ވިޔަފާރިތަކުގެ ދަފްތަރު (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރި ތަންތަނާއި، އެ ތަންތަނުން ކުރާ ވިޔަފާރި ހަރަކާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަފްތަރުކޮށް، ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފްތަރުގައި ހިމެނޭ ވިޔަފާރި ތަންތަނާއި، އެ ތަންތަނުން ކުރާ ވިޔަފާރި ހަރަކާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އާންމުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ރަޖިސްޓްރާރ ގާއިމުކުރަންވާނެއެވެ. އަދި އެ ދަފްތަރުގައި ހިމެނޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ފީއެއް ނެގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބާބު

ވިޔަފާރި ނަން

 

12 ވަނަ މާއްދާ - ވިޔަފާރި ނަން ރަޖިސްޓަރީކުރުން (އިސްލާހު ކުރެވިފައި)

(ހ) އެއްވެސް ފަރާތަކުން ވިޔަފާރިއެއް ކުރަންވާނީ، އެ ފަރާތަކުން ކުރާ ވިޔަފާރި ރަޖިސްޓަރީކުރުމުގެ އިތުރުން، އެ ވިޔަފާރީގެ ދަށުން ބޭނުންކުރާ ހުރިހާ ވިޔަފާރި ނަމެއް ރަޖިސްޓަރީކުރުމަށްފަހުގައެވެ. އަދި އެ ވިޔަފާރީގެ ދަށުން ހިންގާ އެންމެހައި ވިޔަފާރި ހަރަކާތްތަކަށް ނުވަތަ ތަންތަނަށް ވިޔަފާރި ނަމެއް ބޭނުންކުރާނަމަ، އެ ނަމެއްވެސް ރަޖިސްޓަރީކުރުމަށްފަހުގައެވެ.

(ށ) ވިޔަފާރި ހަރަކާތްތަކަށް ނަން ކިޔުމުގައި، އެ ވިޔަފާރި ހަރަކާތަކާބެހޭ ހާއްސަ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކުރާ ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

13 ވަނަ މާއްދާ - ނަން ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަންތަނުން ހިންގާ ވިޔަފާރި، މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅާއިރު، އެ ހުށަހެޅުމާ އެކުގައި، އެތަނަކުން ހިންގަން އެދޭ ވިޔަފާރިއަށް ކިޔަން ގަސްދުކުރާ ނަން ރަޖިސްޓަރީކުރުމަށްޓަކައި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވިޔަފާރި ނަމެއް ރަޖިސްޓަރީކުރަން ހުށަހަޅާއިރު، އެ ވިޔަފާރިއަށް ކިޔަން ގަސްދުކުރާ ނަމުގެ އިތުރުން، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތު، ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ނ) (އުނި ކުރެވިފައި)

 

14 ވަނަ މާއްދާ - ރަޖިސްޓަރީކޮށްނުދެވޭނެ ނަން

(ހ) މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ވިޔަފާރި ނަމަކީ ތިރީގައި ބަޔާންކޮށްފައިވާ ފަދަ ނަމެއް ކަމުގައިވާނަމަ، އެ ނަން ރަޖިސްޓަރީކޮށް ނުދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

  1. އެ ނަމަކީ، ރަޖިސްޓަރީކޮށްދީފައިވާ އެހެން ވިޔަފާރިއަކާ އެއް ނަމަކަށްވުން ނުވަތަ އިތުރު ލަފްޒެއް ހިމަނާފައި ނެތުމުގެ ސަބަބުން އެއްވައްތަރުގެ ނަމެއް ކަމަށް ގަބޫލުކުރެވުން (އިސްލާހު ކުރެވިފައި)
  2. އެ ނަމަކީ، އެހެން ފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑް މާރކަކަށްވުން؛
  3. އެ ނަމަކީ، ރާއްޖޭން ބޭރުގެ މަށްހޫރު ނަމަކަށްވެފައި، އެ ނަން ރާއްޖޭގައި ބޭނުންކޮށްގެން ކުރާ ވިޔަފާރިއަކީ ރާއްޖޭން ބޭރުގެ މަށްހޫރު ވިޔަފާރިއާ ހަގީގަތާ ހިލާފަށް ގުޅުންހުރި ނުވަތަ އެ ވިޔަފާރިކަމަށް އާންމުންނަށް އޮޅުންއަރާފާނެ ފަދަ ވިޔަފާރިއެއްގައި ބޭނުންކުރާ ނަމަކަށްވުން؛
  4. އެ ނަމަކީ، މުޖުތަމައުގެ އަހްލާގީ މިންގަނޑާ ހިލާފު ނަމެއް ކަމުގައިވުން؛
  5. އެ ނަމަކީ، އިތުރު ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކުރުމަކާ ނުލާ، ހަމައެކަނި ކަމެއް ނުވަތަ ތަނެއް ނުވަތަ އެއްޗެއް ބަޔާންކޮށްދޭ، ވަކިފަރާތަކަށް އެ ނަމެއްގެ މިލްކުވެރިކަން ލިބިނުގަނެވޭނެ ނަމަކަށްވުން؛
  6. އެ ނަމަކީ، ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ނަމެއްކަމަށް ށަރުއީ ކޯޓެއްގެ ހުކުމެއްގައި ކަނޑައަޅާފައިވާ ނަމަކަށްވުން؛
  7. އެ ނަމަކީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރިޒަރވްކޮށްފައިވާ ނަމަކަށްވުން.
  8.  އެ ނަމަކީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސަބަބުތަކަށްޓަކައި ރަޖިސްޓަރީކޮށްނުދެވޭނެ ބާވަތުގެ ނަމަކަށްވުން (އިތުރު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ވަކި ނަމަކީ، ރަޖިސްޓަރީކޮށްދީފައިވާ އެހެން ވިޔަފާރިއަކާ އެއްވައްތަރުގެ ނަމެއް ކަމުގައި ބެލެވޭނީ، އެ ނަމަކީ، އެ ދެވަނަ ވިޔަފާރިއަށް ކިޔާނަމާ ގުޅިފައިވާލެއް ބޮޑުކަމުން، އެ ނަން އެހެން ފަރާތަކުން ބޭނުންކޮށްފިނަމަ، އެއީ އެ ވިޔަފާރީގެ ބައެއް ކަމުގައި ބެލެވިދާނެ ކޮންމެ ނަމެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްނުދެވޭނެ ބާވަތުގެ ނަންތަކާއި، ނަންތައް ބޭނުންކުރުމުގެ ހަމަތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި ރަޖިސްޓަރީކޮށްނުދެވޭނެ ބާވަތުގެ ނަންތައް   މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނީ، އަލަށް ކަނޑައެޅޭ އުސޫލުތަކަށް އަމަލުކުރުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހުގައެވެ. އަދި އެފަދަ ނަންތައް ކަނޑައަޅަންވާނީ، ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކާއި ބައިނަލްއަގަވާމީގޮތުން އަމަލުކުރެވޭ ކަމާގުޅޭ އުސޫލުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ (އިތުރު ކުރެވިފައި)

 

15 ވަނަ މާއްދާ - ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ އެންގުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދީފައިވާ ނަމަކީ، ނުވަތަ ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ނަމަކީ، މި ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ފަދަ ނަމެއްނަމަ، އެ ނަމެއް ބަދަލުކުރުމަށް އެ ވިޔަފާރިއެއްގެ މަސްއޫލުވެރި ފަރާތަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވިޔަފާރިއެއްގެ ނަން ބަދަލުކުރުމަށް އެ ވިޔަފާރީގެ މަސްއޫލުވެރި ފަރާތަށް ރަޖިސްޓްރާރ އަންގައިފިނަމަ، އެފަދައިން އަންގާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ ނަމެއް ބަދަލުކުރަންވާނެއެވެ.

(ނ) ވިޔަފާރިއެއްގެ ނަން ބަދަލުކުރުމަށް މި މާއްދާގެ (ހ) ގެ ދަށުން އެ ވިޔަފާރީގެ މަސްއޫލުވެރި ފަރާތަށް ރަޖިސްޓްރާރ އަންގައިފިނަމަ، އަދި މި މާއްދާގެ (ށ) ގެ ދަށުން ނަން ބަދަލުކުރުމަށްދޭ މުއްދަތުގައި އެފަރާތުން ރަޖިސްޓްރާރގެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އެފަރާތެއްގެ ވިޔަފާރީގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ނަން ބަދަލުކުރުމަށް އެންގުމަށް އެދުން

(ހ) ވަކިފަރާތަކުން ހިންގާ ވިޔަފާރިއެއްގައި ބޭނުންކުރާ ނަމަކީ، މި ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ފަދަ ނަމެއްކަމަށް ބަޔާންކޮށް، އެ ނަން ބަދަލުކުރުމަށް އެންގުމަށް އެދި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ ފަރާތަކަށްވެސް ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކިފަރާތެއްގެ ވިޔަފާރި ނަމެއް ބަދަލުކުރުމަށް އެންގުމަށް އެހެން ފަރާތަކަށް އެދެވޭނީ، އެ ވިޔަފާރިއެއް ރަޖިސްޓަރީކޮށް، އެ ވިޔަފާރީގެ ނަން ބޭނުންކުރާތާ 12 (ބާރަ) މަސްދުވަސް ފާއިތުވެފައި ނުވާނަމައެވެ.

 

17 ވަނަ މާއްދާ - ވިޔަފާރި ނަމުގެ ދަފްތަރު

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ވިޔަފާރި ނަންތަކުގެ ދަފްތަރެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

 

18 ވަނަ މާއްދާ - ނަމާގުޅޭ ގަވާއިދު ހެދުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދެވޭ ވިޔަފާރިއެއްގައި ބޭނުންކުރުން ހުއްދަނޫން ނަންނަމާއި، ނަން ބަދަލުކުރަން އެންގޭނެ ހާލަތުތަކާއި، ނަން ރިޒަރވްކުރެވޭނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރ ކަނޑައަޅަންވާނެއެވެ.

 

ފަސްވަނަ ބާބު

ބަލައި ފާސްކުރުން

19 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް ހިންގާ ވިޔަފާރި ބަލައި ފާސްކުރުން

(ހ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަކާ ނުލާ އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިންގާކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެ ވިޔަފާރިއެއް ހިންގާ ތަނެއް ބަލައި ފާސްކޮށް، އެ ވިޔަފާރިއެއް ހިންގާކަމަށް ބެލެވޭ ފަރާތުގެ މައުލޫމާތު ހޯދުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) ވިޔަފާރިއެއް ހިންގާ ތަން، މި މާއްދާގެ ދަށުން ރަޖިސްޓްރާރ ބަލައި ފާސްކުރާނީ، މިނިސްޓްރީގެ އިންސްޕެކްޓަރުން މެދުވެރިކޮށެވެ.

(ނ) ވިޔަފާރިއެއް ހިންގާ ތަން، މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރުމުގައި، އެ ވިޔަފާރި ހިންގަނީ މި ގާނޫނާ ހިލާފަށްކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވިއްޖެނަމަ، އެ ވިޔަފާރިއެއް ހުއްޓުވުމާއި، އެ ވިޔަފާރިއެއް ހިންގި ނުވަތަ ހިންގަން މަސައްކަތްކުރި ފަރާތެއް ނުވަތަ ފަރާތްތަކެއް، މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގެ އިތުރުންވެސް، ވިޔަފާރިއެއް ހިންގަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންކަން ޔަގީންކުރުމަށްޓަކައި އެ ވިޔަފާރިއެއް ހިންގާ ތަން، ބަލައި ފާސްކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ބ) ވިޔަފާރިއެއް ހިންގާ ތަން، މި މާއްދާގެ (ރ) ގެ ދަށުން ބަލައި ފާސްކުރުމުގައި، އެތަނާއި އެތަނުގައި ހުރި އެއްޗެއްސާއި، އެތަނުގައި ހުރި ނުވަތަ އެތަނާގުޅޭ ލިޔެކިޔުންތަކާއި، އެ ވިޔަފާރިއާގުޅޭ މައުލޫމާތު ލިބޭނެ އެނޫންވެސް ވަސީލަތްތައް ހޯދައި، ބަލައި ފާސްކުރުމުގެ ބާރު، އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.

(ޅ) ދުރާލާ އެންގުމަކާ ނުލާވެސް ވިޔަފާރިއެއް ހިންގާ ތަނެއް ބަލައި ފާސްކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގައި ބަޔާންކުރާ ފާސްކުރުންތައް ކުރިއަށްގެންދާ އިންސްޕެކްޓަރުންނަށް ވިޔަފާރި ހިންގާ ފަރާތުން އެއްބާރުލުން ދޭންވާނެއެވެ. އެގޮތުން އެ ވިޔަފާރިއަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭކަމަށް ވަކި ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކުރާ ލިޔެކިޔުންތައް، އެފަދަ މުވައްޒަފުންނަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ. އަދި އެ މުވައްޒަފުން ބޭނުންވެއްޖެނަމަ، އެ ލިޔެކިޔުންތަކުގެ ކޮޕީނެގޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

(އ) މި މާއްދާގައި ބަޔާންކުރާ ފާސްކުރުންތައް ކުރިއަށްގެންދާ އިންސްޕެކްޓަރެއްގެ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެއެވެ.

(ވ) ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިންސްޕެކްޓަރެއްގެ ވާޖިބުތައް އަދާކުރުމުގައި ރަނގަޅު ނިޔަތުގައި އެ އިންސްޕެކްޓަރަކު ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ.

 

ހަވަނަ ބާބު

އާންމު މާއްދާތައް

20 ވަނަ މާއްދާ - ވިޔަފާރި ތަނެއްގެ ގޮތުގައި ރަޖިސްޓަރީނުކޮށް ވިޔަފާރިކުރުން

އެއްވެސް ވިޔަފާރިއެއް، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރި ތަނެއްގެ ގޮތުގައި ރަޖިސްޓަރީނުކޮށް ދިވެހިރާއްޖޭގައި ހިންގުމަކީ، މި ގާނޫނާ ހިލާފުކަމެކެވެ.

 

21 ވަނަ މާއްދާ - ވިޔަފާރީ ރަޖިސްޓަރީނުކުރުމާއި މައުލޫމާތު ހުށަނޭޅުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަންތަން، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރުމުގެ އިތުރުން، އެތަންތަނުން ކުރާ ވިޔަފާރި، މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީނުކޮށް ހިންގުމަކީ، މި ގާނޫނާ ހިލާފުކަމެކެވެ.

(ށ) އެއްވެސް ވިޔަފާރި ތަނަކުން ކުރާ ވިޔަފާރިއެއް، މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށްފަހު، އެ ވިޔަފާރިއަކާގުޅޭ މައުލޫމާތު ރަޖިސްޓްރާރަށް ހުށަނޭޅުމަކީ، މި ގާނޫނާ ހިލާފުކަމެކެވެ.

 

22 ވަނަ މާއްދާ - ވިޔަފާރި ނަން ރަޖިސްޓަރީނުކުރުން

އެއްވެސް ފަރާތަކުން، އެފަރާތަކުން ހިންގާ ވިޔަފާރީގެ ނަން މި ގާނޫނުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެމަތިން ރަޖިސްޓަރީނުކޮށް ވިޔަފާރި ހިންގުމަކީ، މި ގާނޫނާ ހިލާފުކަމެކެވެ.

 

23 ވަނަ މާއްދާ - ބަލައި ފާސްކުރުމަށް ހުރަސްއެޅުން

މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ވިޔަފާރި ތަނެއް ބަލައި ފާސްކުރާ އިންސްޕެކްޓަރެއްގެ މަސައްކަތަށް ހުރަސްއެޅުމަކީ، މި ގާނޫނާ ހިލާފުކަމެކެވެ.

 

24 ވަނަ މާއްދާ - ޖޫރިމަނާކުރުމުގެ އިހްތިޔާރު

މި ގާނޫނާ ހިލާފަށް އެއްވެސް އަމަލެއްކޮށްފި މީހަކު، އޭނާ ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި، 1,000 (އެއްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ވިޔަފާރި

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީނުކޮށް ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ވިޔަފާރިތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 9 (ނުވައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

 

26 ވަނަ މާއްދާ - ރަޖިސްޓްރޭށަން ސެޓްފިކެޓް ފެންނާނެހެން ބެހެއްޓުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވޭ ވިޔަފާރިއަކަށް ދޫކުރެވޭ ހުއްދަ ނުވަތަ ހުއްދައިގެ ކޮޕީއެއް، ވިޔަފާރިކުރާ ތަނެއްގައި އެތަނަކަށް ވަދެނިކުމެވާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓަންވާނެއެވެ.

 

27 ވަނަ މާއްދާ - ފީނެގުން

މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހިދުމަތަކަށް ފީއެއް ނަގާނަމަ، އެގޮތުން ނެގޭ ފީއެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

29 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 4/1979 (ދިވެހިރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމުގެ ގާނޫނު) އުވުނީއެވެ.

 

31 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވާނީ، އެ ލަފްޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މީހެއް" ނުވަތަ "ފަރާތް" ކަމަށް ބުނެފައިއެވަނީ، ފަރުދުންނާއި، ކުންފުންޏާއި، ޕާޓްނަރށިޕާއި، ކޯޕަރޭޓިވް ސޮސައިޓީއާއި އަމިއްލަ ވިޔަފާރި ހިމެނޭގޮތުންނެވެ.

(ށ) "ފަރުދެއް" ކަމަށް ބުނެފައިއެވަނީ، ތަބީއީ ފަރުދަކަށެވެ.

(ނ) "ވިޔަފާރި ތަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ވިޔަފާރިއަށެވެ.

(ރ) "ކުންފުނި" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކަށެވެ.

(ބ) "ޕާޓްނަރށިޕް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރށިޕްތަކަށެވެ.

(ޅ) "ކޯޕަރޭޓިވް ސޮސައިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

(ކ) "އަމިއްލަ ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިއާގުޅޭ ކަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

(އ) "ބިދޭސީ ފަރާތް" ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 9 ވަނަ މާއްދާގެ ދަށުން ދިވެހިރައްޔިތެއް ކަމުގައި ނުބެލެވޭ މީހުންނަށާއި އަދި ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުންފުނި، ޕާޓްނަރށިޕް، ކުލަބް ޖަމްއިއްޔާ އަދި ވިޔަފާރި އުސޫލުން ހިންގާ ތަންތަނަށެވެ.

(ވ) "ވިޔަފާރި ނަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރި ތަންތަނުން ހިންގާ ވިޔަފާރީގައި ބޭނުންކުރުމަށް މި ގާނޫނުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރާ ނަމަށެވެ.

(މ) "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް" ކަމަށް ބުނެފައިއެވަނީ، އާމްދަނީއެއް ލިބޭ ވިޔަފާރިއެއް ކުރުން ކަމަށް ނުވާގޮތުން، ތިމާ ދިރިއުޅުމަށްޓަކައި ފުރިހަމަވާންޖެހޭ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ހަރަދަށްވާ ފައިސާ ހޯދުމުގެގޮތުން ގާއިމުކުރާ އާމްދަނީ ލިބޭ ވަސީލަތަށެވެ.

(ފ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ މިނިސްޓްރީއަށެވެ.

(ދ)"ރަޖިސްޓްރާރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށެވެ.

(ތ) "އިންސްޕެކްޓަރ" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ތަންތަން ބަލައި ފާސްކުރުމަށް މި ގާނޫނުގެ ދަށުން ކަނޑައެޅޭ މިނިސްޓްރީގެ މުވައްޒަފުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށެވެ (އިސްލާހު ކުރެވިފައި)

(ލ) "އިލެކްޓްރޯނިކް ޒަރީއާ" ކަމަށް ބުނެފައިއެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތައް ހިމެނޭ ގޮތުންނެވެ (އިތުރު ކުރެވިފައި)

(ގ) "ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 25/1979 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) އާއި، ބިދޭސީން ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާ ގުޅިގެން ހުއްދަ ދޫކުރުމަށް ކަނޑައެޅޭ އެނޫންވެސް ގާނޫނުތައް ހިމެނޭގޮތުންނެވެ (އިތުރު ކުރެވިފައި)

(ޏ) "ވިޔަފާރި ހަރަކާތް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ހަރަކާތްތައް ނުހިމެނޭ ގޮތުން، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ކަންކަން ހިމެނޭގޮތުން ހިންގާ ކޮންމެ ހަރަކާތަކަށެވެ (އިތުރު ކުރެވިފައި)

 

މައި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގގެ ހިދުމަތްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 115/2020)
  2. ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 103/2020)
  3. ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 81/2020)
  4. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 168/2014)

 

އުވާލެވުނު ގާނޫނު

ބިދޭސިން ވިޔަފާރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/1979)

ކިޔުންތެރިންގެ ހިޔާލު