-

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު: 168/2014)

 

ވަނަ މާއްދާ - ތައާރުފާއި ނަން

މި ގަވާއިދަކީ، ގާނޫނީ ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެކެވެ. މި ގަވާއިދަށް ކިޔާނީ، "ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވާއިދު" އެވެ.

 

ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ހިމެނޭ އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ ތިރީގައިމިވާ މާނަކުރުމެވެ.

(ހ) "ރައުސްމާލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާެއްޖޭގައި ވިޔަފާރިކުރުމަށް އެދި ހުށަހަޅާ ބިދޭސީ ފަރާތަކުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު، ހުއްދަ ކޮށްފައިވާ ރައުސްމާލުގެ ގޮތުގައި ކަނޑައަޅާ ޖުމްލަ އަދަދަށެވެ.

(ށ) "ފްރެންޗައިޒް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ގައުމެއްގައި ހަރަކާތްތެރިވަމުންދާ ވިޔަފާރިއެެއްގެ ނަން ބޭނުންކުރުމުގެ ހައްގު ލިއްބައިދޭ އެގްރީމެންޓެއްގެ ދަށުން، ރާއްޖެއިން ބޭރުގައި ގާއިމުކުރެވިފައިވާ ވިޔަފާރިއަކުން، ދިވެހިރާއްޖޭގައި މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނުފައި އެވަނީ، އިގުތިސާދު ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއެްދާގައި ބަޔާންކޮށްފައިވާ ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށެވެ.

  

3 ވަނަ މާއްދާ - ވިޔަފާރި ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިންގަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވިޔަފާރި ތަންތަނުގެ ތެރެއިން ތަނެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

(ހ) ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން؛ ނުވަތަ

(ށ) ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން؛ ނުވަތަ

(ނ) ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން؛ ނުވަތަ

(ރ) ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން، އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން.

 

4 ވަނަ މާއްދާ - ބިދޭސީންނަށް ކުރެވޭ ބާވަތުގެ ވިޔަފާރި ކަނޑައެޅުން

(ހ) ބިދޭސީންނަށް ކުރެވޭ ބާވަތުގެ ވިޔަފާރީގެ ތެރެއިން، ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވޭތޯ ބެލުމުގައި ތިރީގައިވާ ކަންތައްތައް މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.

  1. ގާނޫނީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، އެކައުންޓިންގެ ދާއިރާއާއި، ޓެކްސްގެ ދާއިރާއާއި، މާލީ ހިދުމަތުގެ ދާއިރާގެ އިތުރުން، މިނިސްޓްރީން ފަންނީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ދާއިރާއަކަށް ފެތޭ ވިޔަފާރިއެއްކަން؛ ނުވަތަ
  2. ވިޔަފާރިއެއްގެ ރައުސްމާލު، 1،000،000 (އެއް މިލިއަން) އެމެރިކާ ޑޮލަރަށްވުރެ އިތުރުވުމާއެކު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ އެކައުންޓަށް، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ހުއްދަ ލިބުނުކަން އަންގައިދޭ ލިޔުން ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި100،000 (އެއް ލައްކަ) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން؛ ނުވަތަ
  3. ގަނޑުކޮށް މުދާ ވިއްކުމުގެ ވިޔަފާރިއަކަށް ވުން، ނުވަތަ
  4. ވިޔަފާރިކުރާ ފަރާތަކީ އިތުބާރުއޮތް ފަރާތެއްކަމަށް ބަޔާންކޮށް، ދިވެހި ސަރުކާރު ގަބޫލުކުރާ ބޭންކަކުން ދޫކޮށްފައިވާ ލިޔުމެއް އޮތްކަން ކަށަވަރުކުރުން. މިފަދަ ލިޔުމަކީ، އެ ގައުމެއްގެ މަރުކަޒީ ބޭންކުން ލައިސަންސް ދޫކޮށްފައިވާ ބޭންކަކުން ރަޖިސްޓްރާރަށް އެޑްރެސްކޮށް ފޮނުވާފައިވާ ލިޔުމަކަށްވާންޖެހޭނެއެވެ. މިގޮތުން، މިނިސްޓްރީއަށް ހުށަހަޅަން ބޭނުންކުރެވިދާނެ ލިޔުމުގެ ނަމޫނާ، ޖަދުވަލު 2 ގައި އެވަނީއެވެ.

(ށ) ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި، ދިވެހި ވިޔަފާރިވެރިން ކުރަމުން އަންނަ ކުދި އަދި އެއްވެސް ބާވަތެއްގެ ރީޓެއިލް ވިޔަފާރިތައް ހިމެނޭ ލިސްޓެއް މިނިސްޓްރީން އާންމުކުރަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކުންކުރެ ށަރުތެއް ފުރިހަމަވިކަމުގައިވިޔަސް، ބިދޭސީ ވިޔަފާރިއަކަށް ހުއްދަ ދެވޭނީ، މިނިސްޓްރީން އާންމުކުރާ ލިސްޓުގައި ނުހިމެނޭ ވިޔަފާރީގެ ދާއިރާތަކުންނެވެ.

(ނ) ދިވެހިރާއްޖޭގައި ބިދޭސީން ހިންގަމުންގެންދާ ވިޔަފާރިއެއްގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިއަށް، ނުވަތަ ރާއްޖޭގެ މަސްލަހަތަށް ގެއްލުންވާކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެއްގައި އެ ވިޔަފާރިއެއް ހުއްޓުވުމުގެ އިހްތިޔާރު ށަރުއީ ކޯޓުން ނިންމާ ގޮތެއްގެމަތިން ދިވެހި ސަރުކާރަށް ލިބިގެންވެއެވެ. އަދި އެފަދަ ހާލަތެއްގައި ގާނޫނާއި ގަވާއިދުގައިވާ ގޮތެގެމަތިން، އެ ވިޔަފާރީގެ މުދާ، ރާއްޖޭން ބޭރަށް ގެންދެވިދާނެއެވެ.

(ރ) ބިދޭސީން، ނުވަތަ ދިވެހިންނާ ގުޅިގެން ބިދޭސީން ރާއްޖޭގައި ހިންގާ ވިޔަފާރީގައި، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް، ތަކުރާރުކޮށް ކުރާނަމަ، މި ގަވާއިދުގެ ދަށުން ބަހައްޓާ ސެކިއުރިޓީ ޑިޕޮސިޓާއި، އެފަރާތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުދަލެއް ހިފުމުގެ (ހިފެހެއްޓުމުގެ) އިހްތިޔާރު ދިވެހި ސަރުކާރަށް، ށަރުއީ ކޯޓުން ނިންމާ ގޮތެއްގެމަތިން ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުދި ނުވަތަ ރީޓެއިލް ވިޔަފާރީގެ ތެރޭގައި ފްރެންޗައިޒްގެ ދަށުން ކުރާ ވިޔަފާރިތަކެއް ނުހިމެނޭނެއެވެ.

 

5 ވަނަ މާއްދާ - މާލީ ސެކިއުރިޓީޒްގައި ކުރާ އިންވެސްޓްމަންޓްތައް ބިދޭސީ ވިޔަފާރީގެ ގޮތުގައި ނުބެލުން

ދިވެހިރާއްޖޭގައި ލައިސަންސްކޮށްފައިވާ ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓުކޮށްފައިވާ މާލީ ސެކިއުރިޓީޒްގައި ބިދޭސީ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތަކުގެ މައްޗަކަށް މިގަވާއިދުގެ 4 ވަނަ މާއްދާއެއް ނުހިނގާނެއެވެ.

 

6 ވަނަ މާއްދާ - ވިޔަފާރި ނަން ރިޒަރވްކުރުން

ވިޔަފާރި ނަން ފާސްކުރުމަށް އެދި ހުށައަަޅައި، އެ ނަމެއް ފާސްކުރިކަން އެ ހުށައަަޅި ފަރާތަށް އެންގުމަށްފަހު، 14 (ސާދަ) ދުވަސް ވަންދެން އެ ވިޔަފާރި ނަން ރިޒަރވްކޮށްދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ވިޔަފާރި ނަން ރަޖިސްޓަރީކުރުމަށް ހުށަނާޅައިފިނަމަ، އެ ވިޔަފާރި ނަން އެހެން ފަރާތަކުން ބޭނުންކުރުމުގެ ފުރުސަތު ރަޖިސްޓްރާރަށް ދެވިދާނެއެވެ.

 

7 ވަނަ މާއްދާ - ވިޔަފާރި ނަން ރަޖިސްޓަރީ ކުރުން

ވިޔަފާރި ނަން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށްފަހު، ހުށަހެޅި ނަން ފާސްކުރުމުގައި ދެބަސްވުމެއް އުފެދިއްޖެ ހާލަތެއްގައި، މިނިސްޓްރީއަށް ލިޔުމަކުން އެނަމެއް ރަޖިސްޓަރީކުރަން އެދޭ ފަރާތަކުން މައްސަލަ ހުށަަހަޅަންވާނެއެވެ. ރަޖިސްޓަރީކުރުމަށް ހުށަހަޅާ ނަމާމެދު ގޮތެއް ނިންމައި، މައްސަލަ ހުށަހަޅާތާ 2 (ދޭއް) މަސައްކަތު ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ނަން ބަދަލުކުުރުމަށް އެންގުމަށް އެދުން

ވިޔަފާރި ރަޖިސްޓަރީކުރުމާބެހޭ ގާނުނުގެ 14 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ފަދަ ނަމެއްކަމަށް ބަޔާންކޮށް، އެ ނަން ބަދަލުކުުރުމަށް އެދި ރަޖިސްޓްރާރަށް ހުށަހެޅުމުގެ އިހުތިޔާރު ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންވެއެވެ. ނަން ބަދަލުކުުރުމަށް އެންގުމަށް އެދޭ ފަރާތަކުން، ނަމުގެ މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދޭންޖެހޭނެއެވެ.

 

9 ވަނަ މާއްދާ - ވިޔަފާރީގެ ދަފްތަރު ގާއިމުކުރުން

ވިޔަފާރީގެ ހުއްދަ ދޫކުރާ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެ ވިޔަފާރިއެއް ކުރަން ހުއްދަދޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އަންނަނިވި މައުލޫމާތު ރަޖިސްޓްރާރަށް އަންގަންވާނެއެވެ. މި މައުލޫމާތު ހިމެނޭ ދަފްތަރެއް ރަޖިސްޓްރާރ އެކުލަވާލަންވޭނެއެވެ. އަދި މިގޮތުން، ހުށަހަޅާ މައުލޫމާތުގެ ތެރެއިން ، ރަޖިސްޓްރާރ ކަނޑައަޅާ މައުލޫމާތު، އާންމުކޮށް، އިލެކްޓްރޯނިކް ފޯމެޓްގައި ލިބޭނޭ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

(ހ) ވިޔަފާރި ކުރާ ތަނުގެ ނަމާއި، ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛

(ށ) ވިޔަފާރިއަށް ކިޔާ ނަން؛

(ނ) ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛

(ނ) ވިޔަފާރީގެ މަސްެއޫލުވެރި ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓީ ކާޑު ނަންބަރު؛

 

10 ވަނަ މާއްދާ- ހިނގަމުންދާ ވިޔަފާރިތައް

ގާނޫނު ނަންބަރު 18/2014 ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީނުކޮށް ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ވިޔަފާރިތައް، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 9 (ނުވައެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ރަޖިސްޓަރީކުރުމަށް އެދި މިނިސްޓްރީއަށް ހުޅައަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - އިދާރީ މަސައްކަތްތައް

މި ގަވާއިދުގެ ދަށުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީން ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިނިސްޓްރީއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، އެހެން ފަރާތަކާ ހަވާލުކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް ހިންގާ ކަމަށް ބެލެވޭ ވިޔަފާރިއާ ބެހޭ ށަކުވާ ހުށައެޅުން

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަކާ ނުލައި އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިންގާ ކަމަށް އެއްވެސް ފަރާތަކަށް ށައްކުކުރެވޭނަމަ، އެކަން ބަލައިދިނުމަށް އެދި ލިޔުމަކުން ރަޖިސްޓްރާރަށް  ހުށަހެޅިދާނެއެވެ.

 

13 ވަނަ މާއްދާ - ފީ ނެގުން

މި ގަވާއިދުގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކަށް ފީ ނަގާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފީ ތާވާލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

14 ވަނަ މާއްދާ - ފިޔަވަޅު އެޅުން

އަންނަނިވި ކަންތައްތަކުން ކުރެ ކަމެއް ކޮށްފި މީހަކު އެކުރަނީ ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އާ ހިލާފު ކަމެކެވެ. އަދި އެއިން ކަމެއް ކޮށްފި މީހަކު ތިރީގައިވާ އަދަދުތަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

ގާނޫނާ ހިލާފު އަމަލު

ޖޫރިމަނާގެ އަދަދު

(ހ) ވިޔަފާރި ނަން ރަޖިސްޓަރީނުކޮށް ވިޔަފާރި ހިންގުން 2،000 (ދެ ހާސް) ރުފިޔާ
(ށ) ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވިޔަފާރި ތަންތަން ރަޖިސްޓަރީކުރުމުގެ އިތުރުން، އެތަންތަނުން ކުރާ ވިޔަފާރި، ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީނުކުރުން 5،000 (ފަސް ހާސް) ރުފިޔާ
(ނ) ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށްފަހު، އެ ވިޔަފާރިއަކާގުޅޭ މައުލޫމާތު ރަޖިސްޓްރާރަށް ހުށަނޭޅުން 5،000 (ފަސް ހާސް) ރުފިޔާ
(ރ) ވިޔަފާރި ކުރާ ތަނެއް ބަލައި ފާސްކުރާ އިންސްޕެކްޓަރެއްގެ މަސައްކަތަށް ހުރަސްއެޅުން 10،000 (ދިހަ ހާސް) ރުފިޔާ
(ބ) ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި ރަޖިސްޓަރީނުކޮށް ވިޔަފާރި ހިންގުން 10،000 (ދިހަ ހާސް) ރުފިޔާ
     
     

 

15 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

 

16 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

 

ޖަދުވަލު – 1

(ފީ ތާވަލު)

 

ވިޔަފާރި ނަން ބަދަލުކޮށްދިނުން 100.00 (ސަތޭކަ) ރުފިޔާ
ވިޔަފާރި ރަޖިސްޓަރީކުރާ ފަހުން ވިޔަފާރި ނަމެއް ރަޖިސްޓަރީކޮށްދިނުން 100.00 (ސަތޭކަ) ރުފިޔާ
ރަޖިސްޓަރީގައި ހިމަނާފައިވާ މައުލޫމާތެއް އިސްލާހުކުރުން 100.00 (ސަތޭކަ) ރުފިޔާ
   

 

 

ޖަދުވަލު – 1

(ނަމޫނާ ސިޓީ)

 

Letter of Financial Credibility

A bank of either investor’s home country or domiciled country should issue a letter of financial credibility. The letter should be issued on the letterhead of the bank. The original copy of the letter should be submitted to the Registrar of Business. The content of the letter should at least cover the following.

Registrar of Business

Ministry of Economic Development

Boduthakurufaanu Magu

Male’, Maldives

20-095

 

Dear Sir/Madam

 

This is to clarify that Mr/Mrs/Ms/ (or company) ______________with a permanent address/ registered office situated in __________ (city) ___________ (country) has/have been doing transactions with us since________. We have so far found his/her/their business transaction with us satisfactory.

 

_________________(Name of Certifying Person)

 

(Designation of Certifying Person) 

 

މައި ގާނޫނު:

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު