-

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2015-32)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

ފުރަތަމަ ބާބު

އާންމު މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ޓެރަރިޒަމްގެ އަމަލުތައް ނުވަތަ ޓެރަރިޒަމަށް މަގުފަހިވާނެހެން ކުރާ އަމަލުތައް ނުވަތަ ޓެރަރިޒަމް އާ ގުޅުންހުރި އަމަލުތައް ކުރުން މަނާކުރުމާއި، ކުށްވެރިކުރުމާއި، އެކުށްތަކުގެ އަދަބު ކަނޑައެޅުމާއި އަދި އެފަދަ އަމަލުތައް ހުއްޓުވުމުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާބެހޭ ހާއްސަ އިޖުރާއަތު ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މިގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ޓެރަރިޒަމްގެ ކުށްތަކާއި ކުށްތަކުގެ އަދަބުތައް ކަނޑައެޅުން؛

(ށ) ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުގީގުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ހާއްސަ އުސޫލުތައް ކަނޑައެޅުން؛

(ނ) ޓެރަރިޒަމްގެ ކުށްކުރާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހަރަކާތްތަކުން އާންމު ރައްޔިިތުން ރައްކާތެރި ކުރުމަށްޓަކައި، އެފަދަ ފަރާތްތައް ހައްޔަރު ކޮށްފައި ބަހައްޓައިގެން ތަހުގީގު ކުރެވޭވަރަށް ހެކި ނެތް ހާލަތްތަކުގައި ނުވަތަ އެފަދަ ފަރާތްތަކުގެ ތަހުގީގު ނިމުމަށްފަހު ޝަރީއަތުން ގޮތެއް ނިމުމާ ދެމެދު، ހައްޔަރު ކޮށްފައި ބަހައްޓަންޖެހޭކަމަށް ކޯޓަށް ނުފެންނަ ހާލަތްތަކުގައި އެފަދަ ފަރާތްތައް ދޫކޮށްފައި ބައިތިއްބައިގެން މޮނިޓަރކޮށް ކޮންޓްރޯލްކުރަމުން ގެންދާނެ ހާއްސަ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ – މިގާނޫނަށް އިސްކަންދިނުން

އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މިގާނޫނުގައި ބަޔާންކުރާ ކުށެއްގެ މައްޗަށް ކުށާއި އަދަބު ކަނޑައެޅުމުގައި މިގާނޫނަށް އިސްކަން ދޭންވާނެއެވެ.

 

ދެވަނަ ބާބު

ކުށް ކަނޑައެޅުން

4 ވަނަ މާއްދާ – ޓެރަރިޒަމް މާނަކުރުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގައި "ޓެރަރިޒަމް ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމަށެވެ.

  1.  ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހަރުކަށި ފިކުރެއް ކުރިއެރުވުމަށްޓަކައި (އިސްލާހު ކުރެވިފައި)؛ އަދި
  2. ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް  މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް.

(ށ)  މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަކި އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައިވާނީ، އެ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރުމަށެވެ.

  1.  މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛ 
  2. ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް  ކުރިމަތިކުރުވުން؛
  3. ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛
  4. މުދަލަށް ބޮޑެތި ގެއްލުން ދިނުން؛ 
  5. ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛ 
  6. އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން؛
  7. މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގްސަދަކަށްޓަކައި ނޫން ނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް މީހަކު ހިންގީ، ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން ކަމުގައިވާނަމަ، އެ އަމަލަކީ، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ޓެރަރިޒަމްގެ މާނައިގެ ތެރޭގައި ހިމެނޭނެ އަމަލެކެވެ.

(ރ) މި މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ގާނޫނު ހުއްދަކުރާ ހާލަތުގައި، ހަޅުތާލެއް ކުރުމުގެ ސަބަބުން ނުވަތަ މަސައްކަތް ހުއްޓާލުމުގެ ސަބަބުން ނުވަތަ ސުލްހަވެރިކަމާއެކު އެއްވުމުގެ ސަބަބުން އާންމު ހިދުމަތެއް މެދުކެނޑުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ޓެރަރިޒަމްގެ އަމަލެއް ކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި، މުހިންމު އުމްރާނީ ވަސީލަތެއް ކަމަށް ބުނެފައި އެވަނީ، އެއަށް ގެއްލުމެއް ދީފިނަމަ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް އެއްވެސް ނޭދެވޭ އަސަރެއް ކުރުވާފަދަ ކޮންމެ އެސެޓެއް ނުވަތަ ސިސްޓަމެއް ނުވަތަ ނެޓްވަރކްއަކަށެވެ. އޭގެ ތެރޭގައި، މާއްދީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރުގެ ވަސީލަތްތަކާއި ފަސޭހަތައް ހިމެނެއެވެ.

(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، އަސާސީ ހިދުމަތެއް ކަމަށް ބުނެފައި އެވަނީ، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތަކަށާއި، މުވާސަލާތީ ހިދުމަތްތަކަށާއި އާންމު ދަތުރުފަތުރުގެ ހިދުމަތްތަކަށެވެ.

 

5 ވަނަ މާއްދާ – ޓެރަރިޒަމްގެ އަމަލެއް ހިންގުން (އިސްލާހު ކުރެވިފައި)

މި ގާނޫނުގައި ކަނޑައެޅިގެން އެނޫން ގޮތަކަށް މާނަކޮށްފައިވާ ހާލަތުގައި ފިޔަވައި، "ޓެރަރިޒަމްގެ އަމަލެއް ހިންގުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތަކުގެ ތެރެއިން ކުށެއް ކުރުން ހިމެނޭގޮތުން، ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގުމަށެވެ.

 

6 ވަނަ މާއްދާ – ޓެރަރިޒަމްގެ ކުށް

(ހ) (އިސްލާހު ކުރެވިފައި)

  1. މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ކުރުމަކީ ކުށެކެވެ.
  2. މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމަކީ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ށ) މިމާއްދާގައި ބަޔާންކުރާ ކަމެއް ކުރުމުގެ އަދަބަކީ 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މިމާއްދާގައި ބަޔާންކުރާ ކަމެއް ކުރަން އުޅުމުގެ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމުގެ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބަކީ 17 (ސަތާރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

7 ވަނަ މާއްދާ – ރޭވުން

(ހ) ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމަކީ ކުށެކެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 17 (ސަތާރަ) އަހަރާއި 20 (ވިހި) އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. 

 

8 ވަނަ މާއްދާ – ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން

(ހ) ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ.

(ށ) މިމާއްދާގައި "ހިތްވަރު ދިނުން" ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުމަށެވެ.

(ނ) މިމާއްދާގެ (ށ) ގައިވާ ކަންތައްތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެނިދާނެކަން ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. މީހަކު ބުނާ ބުނުމެއް ނުވަތަ ދިން ބަޔާނެއްގައި ހިމެނޭ ކަންކަން؛
  2. އެފަދަ އެއްޗެއް ބުނި ނުވަތަ އެފަދަ ބަޔާނެއް ދިން މަހައްލާއި ހާލަތް؛ އަދި
  3. އެފަދަ ބުނުމެއް ނުވަތަ ބަޔާނެއް މުއާމަލާތްކުރުމަށް ބޭޏުންކުރި ގޮތް.
  4. މިމާއްދާގައި ބުނާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

9 ވަނަ މާއްދާ – ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމާއި ށާއިއުކުރުން

(ހ) އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި، ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމާއި ޝާއިއުކުރުމަކީ ކުށެކެވެ.

  1. ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހި ކުރުމަށް ހިތްވަރު ދިނުމަށް؛
  2. ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ނުވަތަ ރޭވުމުގައި އެހީތެރިވެދިނުމަށް.

(ށ) މިމާއްދާގައި "ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމާއި ޝާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަށެވެ.

  1. ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓް ކުރުން؛
  2. ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުން؛
  3. ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިުއން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަށް ހުންނާނެ ގޮތައް އެތަކެތި ލިބޭނެ ގޮތައް ހިދުމަތެއް ފޯރުކޮށްދިނުން؛
  4. ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިުއން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ފޯރުކޮށްދިނުން ނުވަތަ ލިބޭނެގޮތް ހެދުން.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދެއް ގާއިމުވޭތޯ ކަނޑައެޅުމުގައި، ކޯޓުން އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް، އެލިޔެކިއުމެއް ލިބުމުގެ ސަބަބުން އެއީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްގ ގޮތުގައި ފެނުން ނުވަތަ ސިފަކުރެވުން؛ ނުވަތަ
  2. އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް، އެލިޔެކިއުމެއް ލިބުމުގެ ސަބަބުން އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ބޭނުންތެރި އެއްޗެއްގެ ގޮތުައި ސިފަކުރެވުން ނުވަތަ ފެނުން؛

(ރ) މި މާއްދާގެ ބޭނުމަށް، ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުމެއް އެއީ ޓެރަރިސްޓް ލިޔެކިއުމެއްތޯ ކަނޑައެޅުމުގައި، ކޯޓުން އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. ލިޔެކިއުމެއް ފެތުރި ނުވަތަ ޝާއިއު ކުރި ވަގުތުގައި އެއީ ޓެރަރިސްޓް ޖަމާއަތަކުން ނެރުނު ލިޔެކިއުމެއްކަން؛
  2. އެ ލިޔެކިުއމެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި އެލިޔެކިއުމެއް ފެތުރި ނުވަތަ ޝާއިއު ކުރި ހާލަތް.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އދަބަކީ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

10 ވަނަ މާއްދާ – ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުން

(ހ) މި ގާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޒަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

11 ވަނަ މާއްދާ – ތަމްރީނު ކުރުމާއި ތަމްރީނު ލިބިގަތުން

(ހ) އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުނަރެއްގެ ތަމްރީން އެއްވެސް ފަރާތަކަށް ފޯރުކޮށްދިނުމަކީ ކުށެކެވެ.

  1. އެފަދަ ތަމްރީނެއް ފޯރުކޯށްދިނުމުގެ ބޭނުމަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް؛
  2. އެފަދަ ތަމްރީނެއް ފޯރުކޮށްދިނުމުގެ ބޭނުމަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ނުވަތަ ރޭވުމުގައި އެހީތެރިވުމަށް.

(ށ) އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުނަރެއްގެ ތަމްރީން ލިބިގަތުމަކީ ކުށެކެވެ.

  1. އެފަދަ ތަމްރީނެއް ލިބިގަތުމުގެ ބޭނުމަކީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް؛
  2. އެފަދަ ތަމްރީނެއް ލިބިގަތުމުގެ ބޭނުމަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ނުވަތަ ރޭވުމުގައި އެހީތެރިވުމަށް.

(ނ) މި މާއްދާގައި "ހުނަރު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމަކަށެވެ.

  1. ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން (އިސްލާހު ކުރެވިފައި)
  2. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި ޓެރަރިސްޓުން ތަމްރީނު ކުރާ ތަނަކަށް ނުވަތަ އެނޫންވެސް ތަނަކަށް ހާޒިރުވެ ތަމްރީން ފޯރުކޮށްދިނުން ނުވަތަ ލިބިގަތުން ހިމެނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

12 ވަނަ މާއްދާ – ހަނގުރާމަވެރި ހަތިޔާރާއި، ގޮވާ ތަކެއްޗާއި ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި ގެންގުޅުން (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމުގެ ގޮތުން، ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެން މީހަކަށް ދިނުމާއި، އެހެން ތަނަކަށް ގެންދިޔުމާއި އެއިން ވިޔަފާރިކުރުމަކީ ކުށެކެވެ (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ކަމެއް ކުރުމަށް އެހީތެރިވެދޭ މީހާ، އެކަންކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށްކަން އެނގިހުރެ ކޮށްފިނަމަ، އެކުރަނީ ކުށެކެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

13 ވަނަ މާއްދާ – ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުން

(ހ) ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމަކީ ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދެއްކުމަކީ ކުށެކެވެ.

(ށ) މި މާއްދާގައި "އިންޒާރުދިނުން" ގެ މާނައިގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ޒަރީޔާއެއް މެދުވެރިކޮށް، ލިއުމުން ނުވަތަ އަނގަބަހުން ދެވޭ އިންޒާރު ހިމެނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 4 (ހަތަރު) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

14 ވަނަ މާއްދާ – ގޭނގް ހަދައިގެން ޓެރަރިޒަމްގެ ކުށް ކުރުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލެއް، ގޭންގް ނުވަތަ ގްރޫޕް ހަދައިގެން ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގައި "ގޭންގް" ކަމަށް ބުނެފައި އެވަނީ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން އުފައްދާ، އެޖަމާއަތެއް ނުވަތަ ގްރޫޕެއްގެ މައިގަނޑު ހަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްކުރުން ހިމެނޭ ޖަމާއަތްތަކާއި ގްރޫޕްތަކަށެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށް ކޮށްފި މީހެއްގެ އަދަބަކީ 12 (ބާރަ) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

15 ވަނަ މާއްދާ – ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުން

(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.

  1. ޓެރަރިސްޓް ޖަމާއަތެއް ހިންގުމުގައި ބައިވެރިވުން؛
  2. ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުން؛
  3. ޓެރަރިސްޓް ޖަމާއަތެއް ހިންގުމުގައި ބައިވެރިވުމަށް މީހަކު އެ ޖަމާއަތާ ގުޅުވުން؛
  4. ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލް ކުރުމާއި، އެ ހަރަކާތް ކުރިއަށް ގެންދަންވިގޮތުގެ އިރުޝާދު ދިނުން؛

(ށ) މި މާއްދާގައި "ޓެރަރިސްޓް ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މާނައިގައެވެ.

  1. އެ ޖަމާއަތުގައި ހިމެނޭ މެމްބަރުންނަކީ، ގުޅިފައިވާ އާންމު އެއް މަގްސަދަކަށްޓަކައި މަސައްކަތްކުރާ، ޖަމާއަތުގެ މެމްބަރުން ނުވަތަ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، ކުރިއަށް ގެންދެވޭ ޕްލޭނެއް ނުވަތަ މަގްސަދެއްގެ ބައެއްގެ ގޮތުގައި އަނިޔާވެރިކަން ނުވަތަ ފަނާކުރުން ނުވަތަ އެ ދެކަންތަކުންކުރެ ކަމެއްގެ ބިރުދެއްކުން ހިމެނޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ
  2. އެފަދަ ކުށްކުށް ކުރުމަކީ، ނުވަތަ ކުރާނެ ކަމުގެ ބިރު ދެއްކުމަކީ އެ ޖަމާއަތުގެ ބޭނުންކަމުގައި ނުވަތަ މަގްސަދު ކަމުގައި އާންމުކޮށް އިއުލާންކޮށްފައިވާ ނުވަތަ ގަބޫލުކޮށްފައިވާ ބަޔަކަށްވުން؛ ނުވަތަ
  3. މި ގާނޫނުގެ 18 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދިވެހި ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށްވުން.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

16 ވަނަ މާއްދާ – ހަނގުރާމައަށް ދިޔުމާއި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން (ސުރުހީ އިސްލާހު ކުރެވިފައި)

(ހ)  ދިވެހިސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. ހަނގުރާމައަށް ދިޔުން؛
  2. ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން؛

(ށ)  އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. ހަނގުރާމައަށް މީހަކު ފޮނުވުން؛
  2. ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުން.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމަށް އެހީތެރިވުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމަށް އެހީތެރިވުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި "ހަނގުރާމައަށް ދިޔުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ދިވެހިރާއްޖެ ދޫކޮށް ދިޔުމަށެވެ.

  1. ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛
  2. ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛
  3. ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.

(ޅ) މި މާއްދާގެ ބޭނުމަށްޓަކައި "ހަނގުރާމަވެރި ސަރަހައްދެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބޭރުގައި، ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހަނގުރާމައެއް ހިންގަމުންދާ ސަރަހައްދުތަކުގެ ތެރެއިން މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ސަރަހައްދަށެވެ.

(ކ) އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، މި މާއްދާގެ (އ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތެއްގައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަކީ ހަނގުރާމައަށް ދިޔުމަށްޓަކައި އެފަދަ ސަރަހައްދަކަށް ދާ ދިޔުމެއް ކަމުގައި ބެލޭނެއެވެ.

(އ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަކީ ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.

  1. ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް؛
  2. ކޯޓު އަމުރެއް ތަންފީޒު ކުރުމަށް؛
  3. އެހެން ގައުމެއްގެ ސަރުކާރަކުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް؛
  4. އ.ދ ނުވަތަ އ.ދ ގެ އޭޖެންސީއަކުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް؛
  5. ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތެއްކުރުމަށް؛
  6. އަމިއްލަ ޖަމްގިއްޔާއަކުން ނުވަތަ ޖަމާގަތަކުން ސަރުކާރުން ހުއްދަދޭ ހާއްސަ މަސައްކަތެއް ކުރުމަށް؛
  7. ސަރުކާރުން ހުއްދަދޭ އެނޫންވެސް ކަމެއް ކުރުމަށް.

(ވ) މާއްދާގެ (އ) ގެ (1) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގްސަދެއް ހާސިލުކުރުމަށްޓަކައި، އެއްވެސް ފަރާތަކަށް ހަނގުރާމަވެރި ސަރަހައްދަކަށް ދެވޭނީ، އަދި އެފަދަ ސަރަހައްދެއްގައި މަޑުކުރެވޭނީ، އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި، ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ.

(މ) މި މާއްދާގެ (ވ) އެހެން އޮތްނަމަވެސް، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރަކު އެ އޮފިސަރެއް ނިސްބަތްވާ އިދާރާގެ ރަސްމީ މަސައްކަތެއް ކުރުމަށްޓަކައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށް ނުވަތަ އެފަދަ ސަރަހައްދެއްގައި މަޑުކުރުމަށްޓަކައި މި މާއްދާގެ (ވ) ގައި ބަޔާންކުރާ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.

(ފ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 9 (ނުވައެއް) އަހަރާއި 12 (ބާރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ދ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ތ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ލ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ގ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ޏ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހަނގުރާމައަކަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެ އަންނަ މީހާއާމެދު މި ގާނޫނުގެ އަށްވަނަ ބާބުގައި ބަޔާންކުރާ ފިޔަވަޅުތައް އަޅަންވާނެއެވެ. އޭގެ އިތުރުން، އެފަދަ ފަރާތެއްގެ މައްޗަށް މި ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކުރާ ފިޔަވަޅުތައް އެޅިދާނެއެވެ.

 

16-1 ވަނަ މާއްދާ - ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން (އިތުރު ކުރެވިފައި)

(ހ)  އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެ ކުރަނީ ކުށެކެވެ.

  1. ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރުން ނުވަތަ ތާއީދުކުރުމަށް ގޮވާލުން؛
  2. ޓެރަރިސްޓް ޖަމާގަތެއްގެ އަމަލުތައް ދިފާގުކޮށް އެފަދަ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ވަކާލާތުކުރުން؛ ނުވަތަ ތިމާއަކީ ވަކި ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދައިން ހިޔާލުފާޅުކުރުމާއެކު، އެފަދައިން ފާޅުކުރާ ހިޔާލު ރައްދުވާ ފަރާތުން އެ ހިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާގަތަކަށް އެފަރާތުން ތާއީދުކުރުމަށް ހިތްވަރުލިބިގަނެދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ހިޔާލުފާޅުކުރުން؛ 
  3. ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރުމަށް ގޮވާލުމަށްޓަކައި، ނުވަތަ ޓެރަރިސްޓް ޖަމާގަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި، ނުވަތަ ޓެރަރިސްޓް ޖަމާގަތަކަށް ނިސްބަތްވާ ފަރާތަކަށް ނުވަތަ ޓެރަރިސްޓް ޖަމާގަތަކަށް ނިސްބަތްވާކަމަށް ބުނާ ފަރާތަކަށް ނުވަތަ ޓެރަރިސްޓް ޖަމާގަތަކަށް ފާޅުގައި ތާއީދުކުރާ ފަރާތަކަށް ވާހަކަދެއްކުމުގެ ނުވަތަ ތަގްރީރުކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެފަދަ ބައްދަލުވުމެއް ރޭވުން ނުވަތަ އިންތިޒާމްކުރުން ނުވަތަ ރޭވުމުގައި ނުވަތަ އިންތިޒާމްކުރުމުގައި އެހީތެރިވެދިނުން؛
  4. ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރުމަށް ގޮވާލުމަށްޓަކައި، ނުވަތަ ޓެރަރިސްޓް ޖަމާގަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެ ބައްދަލުވުމުގައި ވާހަކަދެއްކުން ނުވަތަ ތަގްރީރުކުރުން؛
  5. ޓެރަރިސްޓް ޖަމާގަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް ލުން، ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން ނުވަތަ ބޭނުންކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

17 ވަނަ މާއްދާ – ރާއްޖެއިން ބޭރު ގައުމެއްގައި ކުރާ ކުށް

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއް، ކޮންމެ ތަނެއްގައި ކުރިކަމުގައި ވީނަމަވެސް، އެއީ މި ގާނޫނުގެ ދަށުން ކުށަކަށްވާނެ އަމަލެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ކުރުމަކީ އޭގެ ސަބަބުން އެކަންކަމުގެ މައްޗަށް މި ގާނޫނުގެ ދަށުން ދައުވާ އުފުލުމުގެ ބާރު ދައުލަތައް ލިބިގެންވާ ކަމެކެވެ.

 

18 ވަނަ މާއްދާ – ޓެރަރިސްޓް ޖަމާގަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައެޅުން (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ(ށ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އަދި މި ގާނޫނުގެ 16 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، ޓެރަރިސްޓް ޖަމާގަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާގަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، މަދުވެގެން ކޮންމެ 12 (ބާރަ) މަހަކުން 1 (އެކެއް) ފަހަރު މުރާޖަގާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެރަރިސްޓް ޖަމާގަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، މި މާއްދާގެ (ށ) ގެ ދަށުން މުރާޖަގާކުރުމަށްފަހު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަށްވަރާއާއެކު އެ ލިސްޓުތަކަށް އުނިއިތުރު ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާގަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓާއި، މި މާއްދާގެ (ޏ) ގެ ދަށުން އެ ލިސްޓުތަކަށް ގެނެވޭ އުނިއިތުރު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިގުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ – ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ އެންމެ އިސް ފަރާތް

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޓެެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެކަނަކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމުގެ އެންމެ އިސް ފަރާތެއް ކަމަށްވާނީ ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ ފަރާތެކެވެ.

 

ތިންވަނަ ބާބު (އިތުރު ކުރެވިފައި)

ޓެރަރިޒަމާގުޅޭ މަގުލޫމާތު ހާމަކުރުމާއި އިންޓެލިޖެންސް ހިއްސާކުރުން

 

19-1 ވަނަ މާއްދާ - ޓެރަރިޒަމާގުޅޭ މަގުލޫމާތު ހާމަކުރުންް (އިތުރު ކުރެވިފައި)

މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މަގުލޫމާތެއް، އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ، އެކަން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަންވާނެއެވެ. އަދި އެ މަގުލޫމާތަކީ، މި ގާނޫނުގެ 3-19 ވަނަ މާއްދާގެ ދަށުން އެއްވެސް އިންޓެލިޖެންސް އިދާރާއަކާ ހިއްސާކުރަންޖެހޭ މަގުލޫމާތެއް ކަމުގައިވާނަމަ، އެ މަގުލޫމާތެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެފަރާތަކާ ހިއްސާކުރަންވާނެއެވެ.

 

19-2 ވަނަ މާއްދާ - ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތައް (އިތުރު ކުރެވިފައި)

 މި ގާނޫނުގެ ބޭނުމަށްޓަކައި، އަންނަނިވި އިދާރާތަކަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތައް ކަމުގައި ބެލޭނެއެވެ.

(ހ) މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް؛

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސް؛

(ނ) މޯލްޑިވްސް ކަސްޓަމްސް ސަރވިސް؛

(ރ) މޯލްޑިވްސް އިމިގްރޭށަން؛ 

(ބ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް.

 

 19-3 ވަނަ މާއްދާ - ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މަގުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑު (އިތުރު ކުރެވިފައި)

(ހ)  ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަގުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ އޮނިގަނޑެއް، މި ގާނޫނުގެ ދަށުން މިނިސްޓަރު އެކުލަވާލައި، އެ އޮނިގަ ނޑާ އެއްގޮތަށް ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މަގުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓަރކުރަމުން ގެންދަންވާނެއެވެ.

(ށ)  މި މާއްދާގެ (ހ)ގެ ދަށުން އެކުލަވާލާ އޮނިގަ ނޑުގައި، މި ގާނޫނުގެ 2-19 ވަނަ މާއްދާގައި ބަޔާންކުރާ އިދާރާތަކަށް ލިބޭ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަގުލޫމާތުގެ ތެރެއިން ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ އިދާރާތަކާ ހިއްސާކުރަންޖެހޭ އިންޓެލިޖެންސާއި މަގުލޫމާތު ހިއްސާކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރަންވާނެއެވެ.

(ނ)  މި ގާނޫނުގެ 2-19 ވަނަ މާއްދާގައި ބަޔާންކުރާ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން، މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން ޓެރަރިޒަމާ ގުޅޭ މުހިންމު މަގުލޫމާތު، އެ އިދާރާތަކުގެ މެދުގައި ބަދަލުކުރަންވާނެއެވެ.

(ރ) ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް ހޯދުމާއި އެއްކުރުމާއި އެފަދަ އިންޓެލިޖެންސް ދިރާސާކުރުމުގެ ގާބިލުކަން، މި ގާނޫނުގެ 2-19 ވަނަ މާއްދާގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގައި ގާއިމުކުރަންވާނެއެވެ.

(ބ) މި ގާނޫނުގެ 2-19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކުގެ އިތުރުން، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ދާއިރާއިން ޓެރަރިޒަމާ ގުޅޭ މުހިންމު މަގުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް، އެ މަގުލޫމާތެއް، އެ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ތެރެއިން އެ މަގުލޫމާތަކާ ގުޅުންހުރި އިދާރާއަކާ ހިއްސާކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު (ސުރުހީ އިސްލާހު ކުރެވިފައި)

ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ ބާރުތައް  

 

20 ވަނަ މާއްދާ – ގާނޫނުއަސީސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެެއްޓިގެންވުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ ދެވަނަ ބާބުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގަނޫނޫއަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން، މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތައް، އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓިގެންވެއެވެ. 

(ށ)  މި ބާބުގެ ދަށުން ހިފެހެއްޓިފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. 

(ނ) މި ގާނޫނުގެ ދަށުން އެ ހައްގުތައް އެ މިންވަރަށް ހިފެހެއްޓިގެންވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިންތޯ ކޯޓުން ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) ނުކުތާއަށްވެސް، މި ގާނޫނުގެ ދަށުން، އެ އަސާސީ ހައްގުތައް އެ މިންވަރަށް ހިފެހެއްޓުމުގައި، ރައްޔިތުންގެ މަޖިލީހުން ރިގާޔަތްކޮށްފައިވާ ކަމަށް ކޯޓުން ބަލަންވާނެއެވެ.

 

21 ވަނަ މާއްދާ – ހަނުހުރުމުން ކުށް ސާބިތުކުރުމަށް ބާރު ލިބިދޭ ހާލަތް (އުނި ކުރެވިފައި)

 

22 ވަނަ މާއްދާ – ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުން (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ ފަރާތަކާމެދު ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، އެފަދަ ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކޮށްފާނެކަމަށް ބެލުމަށް ބުއްދިއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކޮށްފި ހިނދެއްގައި، އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތެއް، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތެއް، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން މީހަކު ހައްޔަރުކުރަންވާނީ،ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކުގައެވެ.

(ބ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން މީހަކު ހައްޔަރުކުރުމުގައާއި، ހައްޔަރުކުރުމަށްފަހުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ބ) އަދި (ޅ) އާއި، 42 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި، 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް ފުލުހުން އަމަލުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން ހައްޔަރުކުރެވޭ މީހަކު، ކޯޓު އަމުރަކާ ނުލައި 48 (ސާޅީސްއަށެއް) ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ. 

(ކ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރުމުގައި، ހައްޔަރުކުރެވޭ މީހާ ކޮށްފާނެކަމަށް ބެލެވޭ ޓެރަރިޒަމްގެ އަމަލުން ލިބިދާނެކަމަށް ބެލެވޭ އެންމެހައި ގެއްލުންތަކެއް ކުޑަކުރުމަށްޓަކައި، ރައްކާތެރިކަމުގެ ގޮތުން އެހިނދަކަށް އަޅަންޖެހޭ އެންމެހައި ގާނޫނު ހުއްދަކުރާ ފިޔަވަޅުތައް ފުލުހުން އަޅަންވާނެއެވެ.  

(އ) މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ މީހަކު ހުރީ އަމިއްލަ ތަނެއްގައި ކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެމީހަކު ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމާއި އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. 

(ވ) މި މާއްދާގެ (އ) ގައި ބަޔާންކުރާ އަމިއްލަ ތަނަކީ، މީހުން ދިރިނޫޅޭ، ފަޅުކޮށް ދޫކޮށްލާފައިވާ ތަނެއް ކަމަށްވެފައި، އެތަނުގައި މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގައި ބަޔާންކުރާ ފަރާތެއް ހުރި ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެފަރާތެއް ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި،އެތަނަކަށް ވަނުމާއި، އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(މ) މި މާއްދާގެ ދަށުން ފުލުހުން އަމިއްލަ ތަންތަނަށް ވަނުމުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ރ)، (ޅ)، (ކ)، (އ)، އަދި (ވ) ގައި ބަޔާންކުރާ އިޖުރާއަތުތަކަށް އަމަލުކުރަންވާނެއެވެ.

 

22-1 ވަނަ މާއްދާ - ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުން (އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއްގެ އަތުގައި، މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ އެފަދަ ކުށެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޮތްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ ފަރާތެއް ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރާ މީހަކާ ގުޅޭގޮތުން ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، ކޯޓު އަމުރަކާނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. 

(ރ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރުމުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ކ) އާއި، (އ) އަދި (ބ) އަށް ފުލުހުން އަމަލުކުރަންވާނެއެވެ.

 

22-2 ވަނަ މާއްދާ - ހައްޔަރުކުރުމަށްފަހު އަމިއްލަ ތަންތަން ބަލައި ފާސްކުރުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 22 ވަނަ މާއްދާގެ (އ) ގެ ދަށުން، އެ މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގައި ބަޔާންކުރާ ފަރާތެއް އަމިއްލަ ތަނަކުން ހައްޔަރުކުރާ ހާލަތުގައި، މި ގާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާގުޅޭ ހެކި އެތަނުގައި ހުރިކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއްވާނަމަ، އެ އެއްޗެއް ހޯދުމަށްޓަކައި، އަދި އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް، އެތަނެއް މި މާއްދާގައިވާ ގޮތުގެމަތިން ބަލައި ފާސްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، އަންނަނިވި ހާލަތްތައް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ކުށުގެ ތުހުމަތުގައިވާ ފަރާތް ހައްޔަރުކުރި ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވޭ ހާލަތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.

  1. އެ ކުށާ ގުޅިގެން ހޯދަން ބޭނުންވާ ހެއްކެއް އެތަނުގައި ވާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި
  2. އެ ހެއްކަކީ އެ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި
  3. އެތަން އެވަގުތު ބަލައި ފާސްނުކޮށްފިނަމަ، އެ ކުށާގުޅޭ ހެކި ފޮރުވަފާނެ ކަމަށް ނުވަތަ ނައްތާލަފާނެ ކަމަށް ނުވަތަ ނެތިގެން ހިނގައިދާނެ ކަމަށް ނުވަތަ އެ ހެއްކަށް ބަދަލުގެނެސްދާނެ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން.

(ނ) މި މާއްދާގެ ދަށުން ބަލައި ފާސްކުރަންވާނީ، އެ ބަލައި ފާސްކުރުމަށް ޒިންމާވާނެ އޮފިސަރަކު ކަނޑައެޅުމަށްފަހު، އެ އޮފިސަރުގެ ބެލުމުގެ ދަށުންނެވެ.

(ރ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރާއިރު އެތަނެއްގެ ވެރިފަރާތް އެތަނުގައި ހުރިނަމަ، އެތަން ބަލައި ފާސްކުރަންވާނީ، އެފަރާތުގެ ހާޒިރުގައެވެ. އެތަނުގެ ވެރިފަރާތް އެ ތާނގައި ހާޒިރުވެ ނެތް ހާލަތެއްގައި އެތަން ބަލައި ފާސްކުރަންވާނީ، އެފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ. 

(ބ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، އެތަނުގައިވާ ކަމަށް ބެލެވޭ، މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހެއްކެއް ހޯދުމަށްޓަކައި، އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށެވެ. އަދި އެފަދައިން ހިންގާ ބަލައި ފާސްކުރުމެއް، 6 (ހައެއް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ވަގުތަށްވުރެ އިތުރަށް މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރަން އެދޭނަމަ، އެކަން ކުރަންވާނީ ކޯޓު އަމުރަކާ އެކުގައެވެ.

(ކ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރާ ފުލުހުންގެ އޮފިސަރުންނަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އެތަނުގައި ހުރިކަމަށްވާނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު ނުވަތަ އެ އެއްޗަކަށް ބަދަލުގެނައުމުގެ ފުރުސަތު އޮތްކަމަށްއެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުން؛
  2. އެތަނާއި އެތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން.

(އ) މި މާއްދާގެ (ކ) އެހެން އޮތްނަމަވެސް، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނީ އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނެއްގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެނޫންވެސް އެއްޗެހި ހިފެހެއްޓުމުގެ ނުވަތަ އެ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެނެއް ނުވެއެވެ.

(ވ) މި މާއްދާގެ (ކ) ގެ ދަށުން ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ބަލައި ފާސްކުރާ އޮފިސަރު އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ، ފުލުހުންގެ އެހެން އޮފިސަރަކާއި، ތަނުގެ ވެރިފަރާތުގެ ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. އަދި އެ އިންވެންޓަރީގެ ކޮޕީއެއް، ތަނުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ފުލުހުންގެ އޮފިސަރު ދޭންވާނެއެވެ.

(މ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމާ ހަވާލުވެހުރި ފުލުހުންގެ އޮފިސަރު، އެ ބަލައި ފާސްކުރުމާގުޅޭ މައުލޫމާތު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އެގޮތުން ރެކޯޑުކުރުމުގައި، ބަލައި ފާސްކުރާ ތަނަށް ވަން ވަގުތާއި، އެތަނުގައި ހާޒިރުވެ ތިބި މީހުންނާއި، ބަލައި ފާސްކުރުމަށް ޒިންމާވި އޮފިސަރާއި، ބަލައި ފާސްކުރި އޮފިސަރުންނާއި، ބަލައި ފާސްކުރެވުނީ ކޮން ބާވަތެއްގެ ހެއްކެއް ހޯދަން ކަމާއި، ބަލައި ފާސްކުރެވޭ ތަނުން ނެގޭ ކޮންމެ އެއްޗެއްގެ ތަފްސީލު، އެ އެއްޗެއް ނެގުނު ތަން އެނގޭނެ ގޮތަށް ބަޔާންކުރަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގެ ދަށުން ރެކޯޑުކުރާ މައުލޫމާތުގެ ތެރޭގައި، މި މާއްދާގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަ ދިން އެގްޒެކެޓިވް އޮފިސަރުގެ ނަމާއި މަގާމާއި އެ ހުއްދަ ދިން ވަގުތާއި، އެ އޮފިސަރު ހުއްދަކޮށްފައިވާ ބަލައި ފާސްކުރުމުގެ ދާއިރާ ބަޔާންކުރަންވާނެއެވެ. އަދި އެ ރެކޯޑުގައި ބަލައި ފާސްކުރި އޮފިސަރުންގެ އިތުރުން، އެކަމަށް ހުއްދަ ދިން އޮފިސަރު ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ދ) މި މާއްދާގެ (މ) ގައި ބަޔާންކުރާ މައުލޫމާތު، އެތަނެއް ބަލައި ފާސްކޮށް ނިންމައި، ތަން ދޫކޮށް ދިޔުމުގެ ކުރިން ލިޔުމުން ރެކޯޑުކޮށް ނިންމަންވާނެއެވެ.

 

23 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހާއަށް، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭންޖެހޭ ގާނޫނީ އިންޒާރު ދީ، އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން އަންގަންވާނެއެވެ.

(ށ) ފުލުހުންގެ ހައްޔަރުގައި ހުރި މީހާ ބޭނުން ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުން އޭނާއަށް އެ ފުރުސަތު ދޭންވާނެއެވެ. 

(ނ) ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފަހުމްވެއްޖެކަން ކަށަވަރު ކުރުމަށްފަހުގައިވެސް ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލު ކުރެވިދާނެއެވެ. 

(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަންދޭ ފުރުސަތުގައި، 12 (ބާރަ) ގަޑިއިރު ފާއިތުވާއިރުވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށް ދެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ހައްޔަރުގައި ހުރި މީހާއަށް ގާނޫނީ ވަކީލު ހަމަޖައްސަން ދޭ ފުރުސަތުގައި، އޭނާ ގައްޔަންކުރާ ވަކީލު 12 (ބާރަ) ގަޑިއިރު ފާއިތުވާއިރުވެސް ހާޒިރުވެފައިނުވަނީ، އެވަކީލުގެ އިހުމާލުން ކަމުގައިވާނަމަ، އެހެން ވަކީލެއް ގައްޔަންކުރުމަށްފަހު އެ ވަކީލު ހާޒިރުވުމަށް އިތުރު 6 (ހައެއް) ގަޑިއިރުގެ ފުރުސަތެއް ހައްޔަރުކުރެވިފައިވާ މީހާއަށް ދޭންވާނެއެވެ. އަދި އެ 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށް ދެވިދާނެއެވެ. 

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގެ ބޭނުމަށްޓަކައި، އެކަށީގެންވާ ސަބަބެއް ކަމަށް ބުނެފައި އެވަނީ، ވަކީލުގެ އިހުމާލުން ކަމުގައިނުވާ ހާލަތެއްގައި، ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަދަ ސަބަބެއް މެދުވެރިވެފައި އޮތުމަށެވެ.

 

24 ވަނަ މާއްދާ – ގާނޫނީ ވަކީލާ ބައްދަލުކުރުން (އިސްލާހު ކުރެވިފައި)

(ހ) އަަންނަނިވި ހާލަތްތަކުގައި، މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު، އޭނާ ހައްޔަރުކުރާ ވަގުތުން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ނުދީ ހިފެހެއްޓިދާނެއެވެ.

  1. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން މަސައްކަތްކުރަމުންދާ ފަރާތަކަށް އިންޒާރު ކޮށްފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެ އް ހުރުން؛
  2. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ހެކި ނައްތާލަފާނެކަމަށް ނުވަތަ ހެއްކަށް ނުފޫޒުފޯރުވަފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  3. އައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ އަމަލު ހިނގާފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  4. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ ނުވަތަ
  5. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް އަނބުރާ ހޯދުމަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން.

(ށ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ހ) ގެ ދަށުން ހިފަހެއްޓޭނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރަކު ލިޔުމުން ދޭ ހުއްދައެއްގެ ދަށުންނެވެ.

(ނ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ހ) ގެ ދަށުން ހިފަހައްޓާފައި އޮންނަ މުއްދަތުގެ ތެރޭގައިވެސް އެ ފުރުސަތު ނުދީ ހިފެހެއްޓި ސަބަބު ފިލައި ގޮސްފައިވާކަމަށް ފެނިއްޖެނަމަ، އެ ފުރުސަތު އަލުން އަނބުރާ ދޭންވާނެއެވެ. 

(ރ) ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ނުދީ ހިފަހައްޓާނަމަ އެކަމުގެ ސަބަބު އެމީހާއަށާއި، އެމީހާ ގައްޔަންކޮށްފައިވާ ވަކީލަށް ލިޔުމުން ދޭންވާނެއެވެ.

(ބ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ހ) ގެ ދަށުން ނުދީ ހިފެހެއްޓި ހާލަތު ދެމިއޮތްކަމުގައި ފުލުހުންނަށް ފެނިއްޖެނަމަ، ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު އެ މުއްދަތު އިތުރުކުރެވިދާނެއެވެ. އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލް އެ މުއްދަތު އިތުރުކޮށްދޭންވާނީ، އެ ހާލަތު ދެމިއޮތްތޯ ބެލުމަށްފަހު، ކޮންމެ ފަހަރަކު ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ. 

(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ތުހުމަތުކުރެވޭ ފަރާތުގެ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު މި މާއްދާގެ ދަށުން ހިފެއްޓުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ – ހައްގުތައް ހިފެހެއްޓުމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އަށް ރިއާޔަތްކުރުން (އުނި ކުރެވިފައި)

 

26 ވަނަ މާއްދާ – ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުން (ސުރުހީ / އަދި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގެ ދަށުން ހައްޔަރުކުރެވޭ ފަރާތެއް ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންތޯ ކަނޑައެޅުމަށްޓަކައި، އެމީހަކު ހައްޔަރުކުރެވޭތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)

(ށ) މި ގާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތައް ފިޔަވައި މި ގާނޫނުގައި ބަޔާންކުރާ އެހެން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތެއް ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންތޯ ކަނޑައެޅުމަށްޓަކައި، އެމީހަކު ހައްޔަރުކުރެވޭތާ ގިނަވެގެން 24 ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއެކު، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމުގައި، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ނުވަތަ ކޮށްފާނެކަމަށް ބެ ލުމަށް ބުއްދިއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެންތޯ ބެލުމާއެކު، ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ފަނޑިޔާރު ބަލަންވާނެއެވެ. އަދި އަންނަނިވި ހާލަތްތައް ވުޖޫދުގައިވާނަމަ، އޭނާ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)

  1. ޓެރަރިޒަމްގެ އަމަލެއް ދުރުނޫން މުސްތަގުބަލެއްގައި ހިނގާފާނެ ކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައިވާ ހާލަތެއްގައި، އެކަން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތެއް، ތުހުމަތުގައިވާ ފަރާތަށް ލިބިފައިވާ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
  2. ޓެރަރިޒަމްގެ އަމަލެއް ދުރުނޫން މުސްތަގުބަލެއްގައި ހިނގާފާނެ ކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައިވާ ހާލަތެއްގައި، އަދި އެ އަމަލު ރޭވިކަމުގެ ހެކި ލިބެން އޮތީ ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކޮށްގެން ކަމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
  3. ކުށުގެ ތުހުމަތުގައިވާ މީހާ ދޫކޮށްލައިފިނަމަ، ޓެރަރިޒަމްގެ އަމަލަކާގުޅޭ ހެކި ފޮރުވަފާނެ ކަމަށް ނުވަތަ އެފަދަ މައްސަލައެއްގައި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
  4. ކުށުގެ ތުހުމަތުގައިވާ މީހާ ފިލާފާނެ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
  5. ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، އެ އަކުރުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތް ކަމަށް ބަޔާންކުރާ، އަދި މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް އެއީ، ފުލުހުންގެ ތަހްގީގަށް ލިބިފައިވާ އެކަށީގެންވާ ހެއްކެއް ކަމުގައި ބެލޭނެއެވެ (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައިވޭތޯ ކޯޓުން ކަނޑައެޅުމުގައި ކޯޓުން ރިއާޔަތްކުރަންވާނެ މިންގަނޑަކީ މަދަނީ މިންގަނޑެވެ. އެގޮތުން، ކޯޓުން ބަލަންވާނީ، ފުލުހުން ހުށަހަޅާ ކަންކަމަށް ބަލާއިރު، އެއިން ހާލަތެއް ވުޖޫދުގައި އޮތުން އެ ހާލަތް ވުޖޫދުގައި ނެތުމަށްވުރެ ގާތްތޯ ބެލުމުގެ މައްޗަށެވެ (އިސްލާހު ކުރެވިފައި)

(ޅ) މި މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބަންދުކުރެވިފައިވާ މީހާ ކޯޓަށް ހާޒިރުކުރާ ވަގުތުގެ މަދުވެގެން 2 (ދޭއް) ގަޑިއިރު ކުރިން ކޯޓަށް ސިޓީއަކުން އެންގުމުން، ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް ކުރިއަށް ގެންދިޔުމަށް ހަމަޖައްސަންޖެހޭ އެންމެހައި އިދާރީ ކަންކަމާއި ގަޑި ކޯޓުން ހަމަޖައްސަންވާނެއެވެ. 

(ކ) މި މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުން ކޯޓުގައި ކުރިއަށް ގެންދިޔުމަށްޓަކައި ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ބޭއްވުމަށް ކޯޓަށް ހުށަހަޅަންޖެހޭ ފޯމުތަކާއި އެހެނިހެން އިދާރީގޮތުން ބޭނުންވާ ލިޔެކިޔުންތައް ހައްޔަރުކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރުކުރާއިރު އޭނާ އާއެކު ކޯޓަށް ހުށަހެޅުމަށް އިހްތިޔާރުކުރުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(އ) ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބަންދުގައި ހުރި މީހާ ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ގަޑި ކަނޑައެޅުމުން، އެގަޑިއެއް ވަގުތުން އޭނާ ގައްޔަންކޮށްފައިވާ ވަކީލަށް ފުލުހުން އަންގަންވާނެއެވެ. 

(ވ) މި ގާނޫނުގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުން ކޯޓުގައި ކުރިއަށް ގެންދިޔުމަށްޓަކައި ބަންދުގައި ބެހެއްޓުމަށް ހުށަހަޅާ ފަރާތުންނާއި، އޭނާގެ ވަކީލުގެ ފަރާތުން ހުށަހަޅަންޖެހޭ އިދާރީ ލިޔުންތައް ކޯޓުގެ އަޑުއެހުން ހިނގާ ވަގުތު ށަރީގަތުގެ މަޖިލީހަށް ހުށަހެޅިދާނެއެވެ. 

(މ) މި މާއްދާގެ ދަށުން ބަލާ މައްސަލައެއްގައި މީހެއްގެ ބަންދުގެ މުއްދަތު ފަނޑިޔާރު އިތުރުކޮށްދޭންވާނީ، ފުރަތަމަ ފަހަރު ނަމަ، ބަންދުގެ މުއްދަތު 7 (ހަތެއް) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިންނެވެ. އަދި މި މާއްދާގެ ދަށުން މީހެއްގެ ބަންދުގެ މުއްދަތު އެންމެ ގިނަވެގެން އިތުރުކޮށްދެވޭނީ، ޖުމްލަ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ (އިސްލާހު ކުރެވިފައި)

(ފ) މި މާއްދާގެ (މ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުކުރެވޭ މީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ށަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)

(ދ) މި މާއްދާގެ (ފ) ގައި ބަޔާންކުރާ ހާލަތުގައި، ކުށުގެ ތުހުމަތުގައިވާ ފަރާތް އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައި ނެތް ހާލަތެއްގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްނަމަ، އަދި އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، އެ ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ (އިތުރު ކުރެވިފައި)

(ތ) މި މާއްދާގެ (ދ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމަށްފަހުގައިވެސް އެ މާއްދާގެ ދަށުން ބަންދުކުރެވޭ މީހާ، އިތުރަށް ބަންދުގައި ބެހެއްޓުމަށް ފުލުހުން ބޭނުންނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން،އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އޭނާއާ އެ ކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ (އިތުރު ކުރެވިފައި)

(ލ) މި މާއްދާގެ (ތ) އެހެން އޮތްނަމަވެސް، އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ށަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ (އިތުރު ކުރެވިފައި)

(ގ) މި މާއްދާގެ (ފ) ނުވަތަ (ލ) ގެ ދަށުން ށަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ވ) އެއް ނުހިނގާނެއެވެ. އެހެންނަމަވެސް، އޭނާ ށަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތް ކަމަށް، މައްސަލައިގެ އެންމެހައި ކަންކަމަށް ރިއާޔަތްކުރާއިރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އޭނާ ށަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ (އިތުރު ކުރެވިފައި)

 

27 ވަނަ މާއްދާ – ށަރީއަތަށް ގަބޫލުކުރެވޭނެ ހެކި (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއްގެ ތަހްގީގުގައި ހޯދޭ އަންނަނިވި ބާވަތުގެ ހެއްކަކީ، އެ ކުށުގެ ދަގުވާގައި ށަރީގަތަށް ގަބޫލުކުރެވޭނެ ހެކި ކަމުގައި ބެލޭނެއެވެ (އިސްލާހު ކުރެވިފައި)

  1. ކުށެއް ކުރިކަމަށް އެއްބަސްވެ މީހަކު އަނގަބަހުން، ނުވަތަ ލިޔުމުން، ނުވަތަ އެނޫންވެސް ގޮތަކުން، ށަރީގަތުގެ މަޖިލީހުގައިވާ އިގުތިރާފާއި އިގުރާރު؛
  2. މީހަކު މަރުވުމުން، ދަގުވާއާ ގުޅުންހުރި ހަގީގަތަކަށް ބާރު ލިއްބައިދޭ ގޮތަކަށް، އޭނާގެ މަރުމަތީގައި އޭނާ ބުނާ އެއްޗެއް؛
  3. ކުށުގެ ތުހުމަތުކުރެވޭ މީހާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި، އޯޑިއޯ އަދި ވީޑިއޯ ރެކޯޑުކުރެވޭ ގޮތަށް، އެއްވެސް މަޖުބޫރުކަމެއް ނެތި، ކުށުގެ ތުހުމަތުކުރެވޭ މީހާ، އަމިއްލަ އިހްތިޔާރުގައި ދޭ ބަޔާން؛
  4. ކުށުގެ އަމަލާގުޅޭ ވަކި ކަމެއް މެދުވެރިކުރުވުމުގެ ނިޔަތެއް އޮތްކަން ނުވަތަ އެފަދަ ކަމެއް މެދުވެރިކުރުވުމަށް ކުށުގެ ތުހުމަތުކުރެވޭ މީހާ ތައްޔާރުވިކަން ދޭހަކޮށްދޭ އެއްވެސް އަމަލެއްގެ މަގުލޫމާތެއް؛
  5. ފޮރެންސިކް ހެކި؛
  6. ރަސްމީ ލިޔުން؛
  7. އަންނަނިވި ށަރުތުތައް ފުރިހަމަވެފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު؛
    i. ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް އެގޮތުގައި ވުޖޫދުގައި އޮތުން އެފަދަ ކަމެއް ވުޖޫދުގައި ނެތުމަށްވުރެ ގާތްކަމަށް ބެލުމުގެ މައްޗަށް ދައްކުވައިދޭ، އެއް ކަމަށްވުރެ ގިނަ ކަންތައްތައް ރިޕޯޓުގައި ހިމެނިފައިވުން.
    ii. ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބާރުލިބިދޭ އިތުރު ގަރީނާތަކެއް ރިޕޯޓާއެކު ހިމެނިފައިވުން.
  8. ކުށުގެ ތުހުމަތުކުރެވޭ ފަރާތް ހަނގުރާމައެއްގައި ބައިވެރިވެފައިވާކަން އަންގައިދިނުމުގެގޮތުން، އެމީހެއްގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާއަކީ ހަނގުރާމަވެރި ހަތިޔާރަކުން ލިބިފައިވާ އަނިޔާއެއްކަން ބަޔާންކުރާ މެޑިކަލް ރިޕޯޓު؛
  9. ށާއިގުކޮށްފައިވާ ލިޔުމާއި، ކުރެހުމާއި، ފޮޓޯ، ނުވަތަ މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ފޮނުވާފައިވާ ލިޔުމާއި، ކުރެހުމާއި، ފޮޓޯ، އޯޑިއޯ ނުވަތަ ވީޑިއޯފަދަ އެއްޗެއް؛
  10. ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ އާލާތެއް އުފައްދާނެގޮތުގެ، ނުވަތަ އެފަދަ އެއްޗެއް ބޭނުންކުރާނެގޮތުގެ ތަމްރީނު ލިބިގަތުމަށް ބޭނުންކުރެވިދާނެ ލިޔެކިޔުމާއި، އޯޑިއޯ ނުވަތަ ވީޑިއޯ ރައްކާކޮށްފައިވާކަން އެނގޭނެ ލިޔުމެއް ނުވަތަ ރިޕޯޓެއް؛
  11. ކުށުގެ ތުހުމަތުކުރެވޭ ފަރާތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާކަން ނުވަތަ ކުރަން އުޅޭކަމަށް، ނުވަތަ ކުރަމުންދާކަމަށް ބުނެ، ތުހަމަތުކުރެވޭ ފަރާތުގެ ގާއިލީ ގުޅުން އޮތް މީހަކު ތަހްގީގީ އިދާރާއަށް ދީފައިވާ ބަޔާނުގެ އޯޑިއޯ އަދި ވީޑިއޯ ރެކޯޑިންގ؛
  12. ހަނގުރާމަވެރި ސަރަހައްދަކަށް ދަތުރުކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް؛
  13. ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން؛
  14. އެނޫންވެސް ގާނޫނުގައި ހެކީގެ ގޮތުގައި ގަބޫލުކުރެވޭ ކޮންމެ އެއްޗެއް.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތި ހިމެނޭ ގޮތުންނެވެ.

  1. އިނގިލީގެ ނިޝާނާއި، ޑީ.އެން.އޭގެ މައުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، ބޮޑީ ސާމްޕަލާއި އެތެރެހަށީގެ ސާމްޕަލާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހޯދޭ އެފަދަ މައުލޫމާތު ؛
  2. މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މައުލޫމާތު؛
  3. ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށްކުރި ފަރާތާއި އަނިޔާ ލިބުނު ފަރާތް އެކުށާ ގުޅުންހުރި އެއްޗެއް ނުވަތަ ކުށުގެ ވެށިން ފެންނަ ކޮންމެ މާއްދީ ހެއްކެއް ތަހުލީލު ކުރުމަށްފަހު ދަނެގަނެވޭ މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ރަސްމީ ލިޔުން" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގެ ނުވަތަ ދިވެހި ދައުލަތުގެ ތަންފީޒީ އިދާރާއަކުން އަންނަނިވި ވަސީލަތްތަކުގެ ތެރެއިން ވަސީލަތެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ މަގުލޫމާތެއް އުފައްދާފައިވާ ނުވަތަ ހިމަނާފައިވާ ނުވަތަ ދަފްތަރުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ (އިސްލާހު ކުރެވިފައި)

  1. ލިއުމުން ނުވަތަ ޗާޕް ކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއެް ކަމުގައިވިޔަސް)؛
  2. އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލްވެވޭ ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރު ފައިލެއް؛
  3. ފޮޓޯ؛
  4. އަޑު ނުވަތަ އެފަދަ އެހެން ޑޭޓާ އެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛
  5. މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގެޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.

(ރ) މި ގާނޫނުގައި ޓެރަރިޒަމްގެ ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކުށެއް މީހަކު ކޮށްފިކަން ސާބިތުކޮށްދިނުމަށްޓަކައި، އަންނަނިވި ފަރާތްތަކުގެ ކިބައިން ތަހްގީގީ އިދާރާތަކަށް ލިބޭ ހެއްކަކީ، އެ މީހަކާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްސެވެ. އަދި، އެފަދަ ހެއްކަކީ ށަރީގަތަށް ބަލައިގަންނަ އަދި ގަބޫލުކުރެވޭ ހެކި ކަމުގައި ފަ ނޑިޔާރު ބަލަންވާނެއެވެ (އިތުރު ކުރެވިފައި)

  1. ބައިނަލްއަގްވާމީ އިންޓެލިޖެންސް އިދާރާއެއް ނުވަތަ ތަހްގީގީ އިދާރާއެއް؛
  2. ބޭރު ގައުމެއްގެ އިންޓެލިޖެންސް އިދާރާއެއް ނުވަތަ ތަހްގީގީ އިދާރާއެއް؛ އަދި
  3. ކުށުގެ ތުހުމަތުކުރެވޭ މީހާގެ އާއިލާގެ މެންބަރެއް ނުވަތަ ގާތްތިމާގެ މީހެއް ނުވަތަ ރަހުމަތްތެރިއެއް.

(ބ) ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ބޭރު ގައުމަކާއެކު ދިވެހިސަރުކާރުން އެއްބަސްވުމެއް ވެފައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބޭރުގެ ފަރާތެއްގެ ކިބައިން ހެކި ހޯދުމުގައި، އަދި އެފަދަ ފަރާތެއްގެ ކިބައިން ހެކި ބަލައިގަތުމުގައި، ކަމާގުޅޭގޮތުން ވެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ އިޖުރާއަތުތަކެއްގެ ދަށުން އެ ހެކި ހޯދުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ (އިތުރު ކުރެވިފައި)

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށަކާ ގުޅިގެން މީހެއްގެ މައްޗަށް އުފުލޭ ދަގުވާއެއްގައި، އެ ދަގުވާ ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ތެރެއިން، ދަގުވާ އުފުލާ ހިނދު ލިބިފައި ނެތް ހެކި، އެ ދަގުވާ އުފުލާ ފަހުން، ށަރީގަތުގެ މަރުހަލާގައި ހުށަހެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ (އިތުރު ކުރެވިފައި)

 

27-1 ވަނަ މާއްދާ - ހެކީގެ ނިސްބަތް (އިތުރު ކުރެވިފައި)

އެހެން ގާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަ ނޑުކަމަށް ނުވަތަ ށަރީގަތަށް ގަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ގާނޫނުގެ ދަށުން އުފުލޭ ދަގުވާއެއްގައި، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ސާބިތުކުރުމަށްޓަކައި، މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި ށަރީގަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކި ކަމުގައި ބެލޭނެއެވެ.

 

28 ވަނަ މާއްދާ – ތަކެތި ހިފެހެއްޓުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ ދެވަނަ ބާބުގައި ހިމެނޭ ކުށެއްގެ ތަހްގީގުގައި ހޯދޭ ތަކެތި އަތުލައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ވަގުތުން ނައްތާލަންޖެހޭ ތަކެތި ފިޔަވައި، މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އަތުލެވޭ ނުވަތަ ހިފެހެއްޓޭ ތަކެތި ނައްތާލަންވާނީ ށަރީގަތުން އެކަމާމެދު ގޮތެއް ކަނޑައެޅުމުންނެވެ.

(ނ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އަތުލެވޭ ނުވަތަ ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރަންޖެހޭ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

28-1 ވަނަ މާއްދާ - ތަހްގީގުކުރުމާއި ދަގުވާކުރުމުގެ މުއްދަތުތައް (އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއްގެ ދަގުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި ފަ ނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ ނުވަތަ މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލަންވާނެއެވެ. 

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއްގެ ދަގުވާ ލިބޭ ފަރާތަކީ ފަ ނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރެވުނުތާ 75 (ހަތްދިހަފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް އެފަދައިން ކަނޑައަޅާފައިވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހްގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަން މަސައްކަތްކުރަންވާނެއެވެ. އަދި މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެ މައްސަލައިގައި ދަގުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކުރަންވާނެއެވެ. 

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެ ދެ އަކުރުގައި ބަޔާންކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި މައްސަލައިގެ ބާވަތުން، އެއީ އެ ދެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު، މި މާއްދާގެ (ހ) ގެ ދަށުން 45 (ސާޅީސްފަހެއް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި މި މާއްދާގެ (ށ) ގެ ދަށުން އިތުރުކޮށްދޭ މުއްދަތު، 75 (ހަތްދިހަފަހެއް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ (އިސްލާހު ކުރެވިފައި) 

(ބ) މި މާއްދާގެ (ރ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާނީ، ގާނޫނު ތަންފީޒުކުރާ އިދާރާއިންނެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އެފަދައިން މުއްދަތު އިތުރުކޮށްދޭނަމަ، އެކަން، ލިޔުމުން ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން، ތަހްގީގު ކުރުމުގެ މުއްދަތު އިތުރުކޮށްދޭ ހާލަތުގައިވެސް، އެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލަންވާނެއެވެ. އަދި މިގޮތުން ދަގުވާ އުފުލާއިރު، ތަ ހްގީގުކުރުމުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދީފިނަމަ، އެ މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް، އެ މައްސަލައިގެ ދަގުވާއާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތުގެ ފަހުން ކޯޓަށް ދަގުވާއެއް ހުށަހަޅާނަމަ އެކަމުގެ ސަބަބު ލިޔުމުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ގެ ދަށުން އިތުރުކޮށްދޭ މުއްދަތުގައިވެސް އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިފައިނުވާނަމަ، އަދި އެފަދައިން ތަހްގީގު ފުރިހަމަކުރެވިފައިނުވަނީ ފުލުހުންގެ ބާރުނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ، އިތުރު އެއް ފަހަރު އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިފައިނުވާ ސަބަބަށް ރިއާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ (އިތުރު ކުރެވިފައި)

(އ) މި މާއްދާގެ (ކ) ގެ ދަށުން ތަހްގީގުކުރުމުގެ މުއްދަތު އިތުރުކޮށްދޭ ހާލަތުގައިވެސް، ދައުވާ އުފުލުމާ ގުޅޭގޮތުން މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުއްދަތާއި އިޖުރާއަތު ހިނގާނެއެވެ (އިތުރު ކުރެވިފައި)

(ވ) މި މާއްދާގެ (ކ) އަދި (އ) ގައި ބަޔާންކުރާ މުއްދަތުތަކުގައި މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ މީހެއްގެ ތަހްގީގު ފުރިހަމަކޮށް އެމީހެއްގެ މައްޗަށް ދައުވާ އުފުލާފައިނުވާނަމަ، މި މާއްދާގެ (މ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ އޭނާގެ މައްޗަށް ދައުވާ އުފުލައިގެންނުވާނެއެވެ (އިތުރު ކުރެވިފައި)

(މ) މި މާއްދާގެ (ކ) އަދި (އ) ގައި ބަޔާންކުރާ މުއްދަތުތަކުގައި މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ މީހެއްގެތަހްގީގު ފުރިހަމަކޮށް އެމީހެއްގެ މައްޗަށް ދައުވާ އުފުލާފައިނުވިނަމަވެސް، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގައި އާ ހެކި ލިބިއްޖެނަމަ، އެ މައްސަލައެއް އަލުން ތަހްގީގުކުރުމަށްފަހުގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ދައުވާ އުފުލުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ (އިތުރު ކުރެވިފައި)

(ފ) މި މާއްދާގެ (މ) ގެ ދަށުން އަލުން ތަހްގީގުކުރުމަށްފަހު ދައުވާ އުފުލާ ހާލަތުގައި، އެފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހްގީގުކޮށް ދައުވާ އުފުލުމާ ގުޅޭގޮތުން މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ މުއްދަތުތަކާއި އިޖުރާއަތުތައް ހިނގާނެއެވެ (އިތުރު ކުރެވިފައި)

 

28-2 ވަނަ މާއްދާ - ކަފާލާތުގެ ދަށުން ދޫނުކުރެވުން (އިތުރު ކުރެވިފައި)

މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހަކު ކަފާލާތުގެ އުސޫލުން ދުލެއް ނުކުރެވޭނެއެވެ.

 

28-3 ވަނަ މާއްދާ - މަގާފް ނުދެވުމާއި އަދަބު ލުއިނުކުރެވުން  (އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާއާއި 13 ވަނަ މާއްދާގައި ހިމެނޭ ކުށްތައް ފިޔަވައި ، މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 1-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކަކީ މަގާފްކޮށްދެވިގެން ނުވާނެ ނުވަތަ އަދަބު ލުއިކޮށްދެވިގެންނުވާނެ ކުށްކުށެވެ. 

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި 14 ވަނަ މާއްދާ އަދި 16 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ކުށްތަކަކީ އެ ކުށްތަކުގެ އަދަބުގެ މުއްދަތު ކުރުކޮށްދެވިގެން ނުވާނެ ނުވަތަ އަދަބުގެ ބާވަތް ލުއިކޮށްދެވިގެން ނުވާނެ ކުށްކުށެވެ.

 

28-4 ވަނަ މާއްދާ ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުން (އިތުރު ކުރެވިފައި)

(ހ) ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މަގުލޫމާތު ލިބިއްޖެ ހާލަތެއްގައި، ނުވަތަ އެފަދަ އަމަލެއް ހިންގައިފި ހާލަތެއްގައި، އެ އަމަލުގެ ސަބަބުން މުޖްތަމަގަށް ކުރިމަތިވެދާނެ ނުރައްކަލަކުން މުޖްތަމަގު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި އިސްވެ ހަރަކާތްތެރިވާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ހިންގޭ ޓެރަރިޒަމްގެ އަމަލެއް ހިނގިޔަ ނުދިޔުމަށްޓަކައި ނުވަތަ ހިނގައިގެން އުޅޭ ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ ނައްތާލެވެންދެން، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް ހަރަކާތްތެރިވުމުގައި މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހަރަކާތްތެރިވާންޖެހޭ ގޮތް ބަޔާންކުރާ އޮޕަރޭށަނަލް އޮނިގަ ނޑެއް ، މި ގާނޫނުގެ ދަށުން އެކުލަވާލަންވާނެއެވެ. 

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށްޓަކައި ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިނގުމާ ގުޅިގެން ހިންގަންޖެހޭ ޖިނާއީ ތަހްގީގުތަކާގުޅޭ އެންމެހައި ކަންކަން ކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އެގޮތުން، ތަހްގީގަށްޓަކައި ކުށުގެ ވެށި ރައްކާތެރިކުރުމާއި ހެކި ހޯދުމާއި ހެކި ރައްކާތެރިކުރުމާއި، އެނޫންވެސް ތަހްގީގީ އިދާރާއެއްގެ ހައިސިއްޔަތުން ގާނޫނުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް، ދިވެހި ފުލުހުންގެ ހިދުމަތުންއަޅަމުންގެންދިޔުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ (އިސްލާހު ކުރެވިފައި)

 

28-5 ވަނަ މާއްދާ - ޖިނާއި އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަންޖެހޭ ހާލަތު (އިތުރު ކުރެވިފައި)

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅޭގޮތުން ތަހްގީގު ހިންގުމުގައާއި، މީހުން ހައްޔަރުކޮށް ބަންދުކުރުމާއި، ދައުވާއުފުލުމާ ގުޅޭގޮތުން މި ގާނޫނުގައި ކަނޑައެޅިގެން ވަކި އިޖުރާއަތުތަކެއް ނުވަތަ މުއްދަތުތަކެއް ބަޔާންކޮށްފައިނުވާ ކަންކަމުގެ މައްޗަށް ހިނގާނީ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ މުއްދަތުތަކާއި އިޖުރާއަތުތަކެވެ.  

 

ފަސްވަނަ ބާބު (ސުރުހީ އިސްލާހު ކުރެވިފައި)

މޮނިޓަރކޮށް ކޮންޓްރޯލްކުރުމާބެހޭ ހާއްސަ އިޖުރާއާތު

 

29 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު

(ހ) މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މިފަދަ އަމުރު ތަކަށް ކިޔާނީ "މޮނިކޮން އަމުރު" މިހެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އަމުރެއް ކޯޓުން ނެރެފިނަމަ، އެ އަމުރެއް ތަންފީޒު ކުރާނީ ފުލުހުންނެވެ.

(ރ) މޮނިކޮން އަމުރެއް އެކެއްގެ މައްޗަށް އެއްފަހަށްވުރެ ގިނަ ފަހަރަށް ހިންގާކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ބ) މި ގާނޫނުގައި މޮނިކޮން އަމުރާކާ ގުޅޭގޮތުން "ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.

 

30 ވަނަ މާއްދާ – އެކަށީގެންވާ ތުހުމަތު

މި ގާނޫނުގެ 29 ވަނަ މާއްދާހެ (ހ) ގައި "އެކަށީގެންވާ ތުހުމަތެއް" ކަމަށް ބުނެފައި އެވަނީ، ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ހެކިތަކެއް ނުވަތަ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ހިނގާ ކަމަށް ނުވަތަ ހިނގާފާނެ ކަމަށް މިނިސްޓަރަށް ގަބޫލުކުރެވޭ ކުރެވުމަށެވެ.

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ގަބޫލު ކުރެވުން؛

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ރާވާކަމަށް ނުވަތަ ހިންގާކަމަށް ނުވަތަ އެކަމަށް މަގުފަހިކޮށްދޭކަމަށް ނުވަތަ އެކަމަށް އެހީތެރިވެދޭކަމަށް ގަބޫލު ކުރެވުން.

 

31 ވަނަ މާއްދާ – ށަރުތު ފުރިހަމަވާ ފަރާތްތައް

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާފަދަ ތުހުމަތެއް ކުރެވިގެން މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރު ހުށަހަޅަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތެއްގެ މައްޗަށެވެ.

  1. (އުނި ކުރެވިފައި)
  2. މި ގާނޫނުގައި ބުނާ ކުށްތަކުގެ ތެރެއިން ކުށެއް ކުރާ ކަމަށް ނުވަތަ ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހެއް؛ ނުވަތަ
  3. މި ގާނޫނުގެ ދަށުން އެމީހެއްގެ މައްޗަށް ތަހުގީގެއް ނުވަތަ ޝަރީއަތެއް ހިނގަމުންދާ މީހެއް.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ފަރާތެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅޭނީ ތިރީގައިވާ ކަންކަން ފުރިހަމަ ވާނަމައެވެ (އިސްލާހު ކުރެވިފައި)

  1. ތުހުމަތު ކުރާ ކަމެއްގެ މައްޗަށް ބިނާކޮށް ތުހުމަތު ކުރެވޭ މީހާއާގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އޮތުން؛ ނުވަތަ
  2. ތުހުމަތު ކުރެވޭ މީހާގެ ޖިނާއީ ކުށުގެ ރެކޯޑެއް ގާނޫނު ތަންފީޒުކުރާ އެއްވެސް ފަރާތެއްގައި އޮތުން.

(ނ) (އުނި ކުރެވިފައި)

 

32 ވަނަ މާއްދާ – މޮނިކޮން އަމުރެއްގެ މުއްދަތު

(ހ) މޮނިކޮން އަމުރެއްގެ މުއްދަތަކީ 1 (އެކެއް) އަހަރެވެ.

(ށ) މޮނިކޮން އަމުރެއް ނެރުމަށްފަހު އެ އަމުރެއްގެ މައްޗަށް އަމަލުކުރަން ފެށިއްޖެ ކަމަށް ބަލާނީ އެ އަމުރެއްގައި އެ އަމުރެއް ހިންގަން ފަށާނެކަމަށް ކަނޑައަޅާފައިވާ ތާރީހުގައެވެ.

(ނ) މޮނިކޮން އަމުރެއް ނިމިއްޖެ ކަމަށް ބަލާނީ އެ އަމުރެއްގައި އެ އަމުރެއް ނިމޭނެކަމަށް ކަނޑައަޅާފައިވާ ތާރީހުގައެވެ.

 

33 ވަނަ މާއްދާ – މޮނިކޮން އަމުރެއްގެ މުއްދަތު އިތުރުކުރުން

(ހ) މޮނިކޮން އަމުރެއްގެ މުއްދަތު އިތުރުކުރަންޖެހޭކަމަށް މިނިސްޓަރަށް ގަބޫލު ކުރެވިއްޖެނަމަ، އިތުރު 1 (އެކެއް) އަހަރަށް އެ އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މޮނިކޮން އަމުރެއްގެ މުއްދަތު އިތުރުކުރެވޭނެ އެންމެ ދިގު މުއްދަތަކީ 1 (އެކެއް) އަހަރެވެ.

(ނ) މި މާއްދާއަށް އަމަލުކުރުމުގައި، މި ބާބުގައިވާ ހާއްސަ އިޖުރާއާތު ހިނގާނެއެވެ.

 

34 ވަނަ މާއްދާ – މޮނިކޮން އަމުރެއްގެ ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅުން

(ހ) މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރު ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ތުހުމަތުކުރާ ކުށުގެ ބާވަތް؛
  2. ތުހުމަތުކުރެވޭ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  3. ތުހުމަތުކުރެވޭ ފަރާތުގެ ޖިނާއީ ކުށުގެ ރެކޯޑް؛
  4. ތުހުމަތާގުޅޭ ހެކި؛
  5. އަޅަން ބޭނުންވާ ފިޔަވަޅު؛
  6. ހުށަހެޅުމާގުޅޭ އިތުރު ތަފްސީލު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ހުށަހަޅާ ހުށަހެޅުމެއް ރަޖިސްޓްރާރ ބަލައިގަންނަންވާނީ، އެއަކުރުގައިވާ ހުރިހާ މައުލޫމާތެއް އެ ހުށަހެޅުމެއްގައި ހިމެނިފައިވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި "ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ފަސްވަނަ ބާބުގައި ބަޔާންކޮށްފައިވާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށެވެ.

(ރ) މި މާއްދާގެ (ށ) ގައި "ރަޖިސްޓްރާރ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ އަށެވެ. 

 

35 ވަނަ މާއްދާ – މޮނިކޮން އަމުރެއްގެ ނެރެދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ކޯޓުގެ ދައުރު

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައިވާފަދަ ހުށަހެޅުމެއް ކޯޓަށް ލިބުމުން، މޮނިކޮން އަމުރެއް ނެރެންވާނީ އަންނަނިވި ކަންތައްތައްތައް ކަނޑައެޅުމަށްފަހުގައެވެ.

  1. މިނިސްޓަރުގެ ތުހުމަތަކީ މިގާނޫނުގެ 30 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އެކަށީގެންވާ ތުހުމަތެއްތޯ ކަނޑައެޅުން؛
  2. މިނިސްޓަރު ހިންގަން ހުށަހަޅާފައިވާ ފިޔަވަޅުތަކަކީ ތުހުމަތާ އެކަށީގެންވާ ފިޔަވަޅުތަކެއްތޯ ކަނޑައެޅުން.

(ށ) މިނިސްޓަރުގެ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިންމާއިރު ތިރީގައި އެވާ އުސޫލުން ކޯޓަށް އަމަލުކުރެވިދާނެއެވެ.

  1. ތުހުމަތު ކުރެވޭ ފަރާތް ކޯޓަށް ހާޒިރުކުރުމެއްނެތި؛
  2. ތުހުމަތު ކުރެވޭ ފަރާތައް އޭނާއާމެދު ހުށަހެޅުމެއް ހުށަހެޅިފައި އޮތްކަން އެންގުމަކާ ނުލައި؛
  3. ތުހުމަތުކުރެވޭ ފަރާތަށް އެކަން އެނގުނަސް އޭނާއަށް ނުވަތަ އޭނާ ތަމްސީލުކުރާނެ ދެވަނަ ފަރާތަކަށް ކޯޓަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަކާ ނުލައި.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން މިނިސްޓަރުގެ ތުހުމަތަކީ އެކަށީގެންވާ ތުހުމަތެއް ނޫންކަމަށް ކޯޓަށް ބެލެވިއްޖެނަމަ، މޮނިކޮން އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުން ނިންމަންވާނެއެވެ.

 

36 ވަނަ މާއްދާ – ކޯޓުން ނެރޭ މޮނިކޮން އަމުރުގައި ހިމަނަންޖެހޭ ކަންކަން

ކޯޓުން ނެރޭ މޮނިކޮން އަމުރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އަމުރު ނެރެވޭ މަގްސަދާއި ސަބަބު؛
  2. އަމުރު ރައްދުވާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  3. ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި ކުށް ކަނޑައެޅިފައިވާ ގާނޫނު؛
  4. އަޅާނެ ފިޔަވަޅު ނުވަތަ ފިޔަވަޅުތައް؛
  5. މޮނިކޮން އަމުރު ހިންގަން ފަށާނެ ތާރީހާއި އަމުރު ނިމުމަކަށް އަންނާނެ ތާރީހް؛
  6. އައިރު ހާޒިރުގައި ހުކުމްކޮށްފައިވާނަމަ އެކަން؛
  7. ހުކުމްކުރި ފަނޑިޔާރުގެ ނަމާއި ސޮއި؛
  8. ހުކުމްކުރި ކޯޓާއި ގަޒިއްޔާ ނަންބަރު؛
  9. ހުކުމްކުރި ކޯޓުގެ ސިއްކަ.

 

37 ވަނަ މާއްދާ – ހުށަހެޅުމާމެދު ކޯޓުން ވަކިގޮތެއް ނިންމަންޖެހޭނެ މުއްދަތު

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައިވާފަދަ ހުށަހެޅުމެއް ކޯޓަށް ލިބޭތާ 24 (ސައުވީސް) ސަޑިއިރުގެ ތެރޭގައި، އަޑުއެހުމެއް ބާއްވައި އެހުށަހެޅުމަކާމެދު ވަކިގޮތެއް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި "ވަކިގޮތެއް ނިންމަންވާނެ" ކަމަށްބުނެފައި އެވަނީ، މޮނިކޮން އަމުރެއް ނެރުމަށް ހުކުމް ކުރުމަށް ނުވަތަ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ހުކުމް ކުރުމަށްވެ.

 

38 ވަނަ މާއްދާ – މޮނިކޮން އަމުރެއް ރައްދުކުރުން

(ހ) މޮނިކޮން އަމުރެއް ހަވާޅުކުރަންވާނީ ސީދާ އެ ރައްދުވާ މީހަކަށް ފުލުހުންނެވެ.

(ށ) މޮނިކޮން އަމުރަކާ މީހަކު ހަވާލުނުވެއްޖެނަމަ، އެ މީހަކާ ދެ ހެކިންގެ ހާޒިރުގައި އެ އަމުރު އެމީހަކު ހުރިތަނެއްގައި ބޭއްވުމުން އެއަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ނ) މޮނިކޮން އަމުރެއް ރައްދުކުރުމަށް އެމީހަކު ހޯދާ ނުފެނިއްޖެނަމަ، އެމީހަކު ދިރިއުޅޭ ގެއެއް ނުވަތަ އިމާރާތެއްގެ ބޭރު ދޮރުގައި މޮނިކޮން އަމުރުގެ ކޮޕީއެއް ތަތްކުރުމުން އެ އަމުރު އެފަރާތަކަށް ރައްދުވީކަމަށް ބެލެވޭނެއެވެ.

 

39 ވަނަ މާއްދާ – ކޯޓް އަމުރު މުރާޖައާކޮށްދިނުމަށް އެދުން

(ހ) މި ގާނޫނުގެ ދަށުން ނެރެވޭ މޮނިކޮން އަމުރު، އެ އަމުރު ނެރޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މުރާޖައާކޮށްދިނުމަށް އެދި އަމުރު ރައްދުވާ ފަރާތުން ހަމަ އެކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހުށަހެޅުމެއް ކޯޓަށް ލިބުމުން، އެހުށަހެޅުމެއް ބަލައިގަނެ މުރާޖައާކުރާ އަޑުއެހުމެއް ބާއްވަންވާނެއެވެ.

(ނ) މުރާޖައާކުރާ އަޑުއެހުމުގައި ކޯޓުން އަންނަނިވި ކަންތައްތައް ކަށަވަރުކުރަންވާނެއެވެ.

  1. މި ގާނޫނުގައި ބުނާ ޝަރުތުތައް މިނިސްޓަރުގެ ހުށަހެޅުމުގައި ފުރިހަމަވޭތޯ ބެލުން؛
  2. އެ ތުހުމަތު އެގޮތުގައި ދެމިއޮތްތޯ ބެލުން؛
  3. މޮނިކޮން އަމުރުގައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކަކީ މުގްތަމައުގެ ރައްކާތެރިކަމާއި ސަލާމަތައްޓަކައި އެވަގުތައް ބޭނުންތެރި ފިޔަވަޅުތަކެއްތޯ ދެނެގަތުން؛ އަދި
  4. އެ ފިޔަވަޅު ނުވަތަ ފިޔަވަޅު ތަކުގެ ބޭނުންތެރިކަން ދެމިއޮތްތޯ ބެލުން.

(ރ) މުރާޖައާކުރާ އަޑުއެހުމުގައި ކޯޓަށް ލިބިގެންވަނީ ހަމައެކަނި އަންނަނިވި ބާރުތަކެވެ.

  1. މޮނިކޮން އަމުރު އުވާލުން؛
  2. މޮނިކޮން އަމުރުގައިވާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އުވާލުން؛
  3. މޮނިކޮން އަމުރުގައިވާ ފިޔަވަޅަކަށް ނުވަތަ ފިޔަވަޅުތަކަށް ބަދަލު ގެނައުން؛
  4. މި އަކުރުގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގެ ދަށުން ގެނެވޭ ބަދަލަށް ރިއާޔަތްކޮށް، ލުޔެއް ދިނުމުގެ މަގްސަދުގައި، މޮނިކޮން އަމުރު ނިމުމަކަށް އަންނާނެ ތާރީހަށް ބަދަލު ގެނައުން.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގައިވާ ހާލަތްތައް ފިޔަވައި، އެ އަކުރުގައި ބަޔާންކޮށްފައިވާ އެހެން ހާލަތްތަކުގައި މޮނިކޮން އަމުރުގައި ބަޔާންކޮށްފައިވާ ތާރީހާ ހަމައަށް، އެ އަމުރު ދެމިގެން ދާނެއެވެ.

(ޅ) މޮނިކޮން އަމުރެއްގެ މުއްދަތުގައި، މުރާޖައާކުރުމުގެ ބާރު ކޯޓަށް ލިބިގެންވަނީ އެއް ފަހަރުއެވެ. ދެވަނަ ފަހަރަށް މުރާޖައާކުރެވޭނީ މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ކޯޓުން ނެރޭ މޮނިކޮން އަމުރުގެ މުއްދަތު އިތުރުކޮށްފިނަމަ، އެ އިތުރުކުރި އިތުރުކުރުމާބެހޭ މުރާޖައާއެވެ.

 

40 ވަނަ މާއްދާ – މޮނިކޮން އަމުރު އިސްތިއުނާފް ކުރުން

(ހ) މި ގާނޫނުގެ ދަށުން ނެރެވޭ ކޮންމެ މޮނިކޮން އަމުރަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އިސްތިއުނާފް ކުރެވިދާނެ އަމުރެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މޮނިކޮން އަމުރެއް އިސްތިއުނާފް ކުރިކަމުގައިވިޔަސް، އިސްތިއުނާފުގެ މުއްދަތުގައި މޮނިކޮން އަމުރު ހިނގަމުންދާނެއެވެ.   

 

41 ވަނަ މާއްދާ – މޮނިކޮން އަމުރު މުރާޖައާކުރަމުން ގެންދިއުން

(ހ) މޮނިކޮން އަމުރު ދެމިއޮންނަހާ ހިނދަކު، އެ އަމުރެއް ނެރެދިން ހާލަތު ދެމިއޮތްތޯ މިނިސްޓަރު ބަލަމުން ގެންދަންވާނެއެެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މުރާޖައާކުރާއިރު، ހާލަތު ދެމިއޮތުން ހުއްޓިއްޖެކަމަށް މިނިސަޓަރަށް ފެނިއްޖެނަމަ، މޮނިކޮން އަމުރު ހުއްޓާލުމަށް ނުވަތަ މި ގާނޫނުގެ 42 ވަނަ މާއްދާގައިވާ ފަދައިން ފިޔަވަޅުތައް ލުއި ކުރުމަށް ނިންމަންވާނެއެވެ.

 

42 ވަނަ މާއްދާ – މޮނިކޮން އަމުރަށް ބަދަލު ގެނައުން

(ހ) މިނިސްޓަރަށް ފެނިއްޖެނަމަ އަންނަނިވި ޝަރުތުތައް ފުރިހަމަވާނެހެން މޮނިކޮން އަމުރަކަށް ބަދަލު ގެނެދިދާނެއެވެ.

  1. މޮނިކޮން އަމުރުގައި ހުރި ފިޔަވަޅުތަކެއް ލުއިކުރުން ނުވަތަ ފިޔަވަޅުތަކެއް މުޅިން ހުއްޓާލުން؛
  2. މޮނިކޮން އަމުރަށް ގެނެވޭ ބަދަލަކީ އެ އަމުރުގައިވާ ފިޔަވަޅުތަކަށް ގެނެވޭ ލުޔެއް ކަމަށް އަމުރު ރައްދުވާ ފަރާތަށް ގަބޫލުކުރެވުން.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މޮނިކޮން އަމުރަށް ބަދަލު ގެނެވޭނީ މިނިސްޓަރުގެ ލިއުމަކުންނެވެ.

(ނ) މޮނިކޮން އަމުރު ރައްދުވާ ފަރާތަށް އޭނާއާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލެއް ގެންނަން ބޭނުންނަމަ، މިނސްޓަރަށް ފޮނުވާ ލިއުމަކުން އެކަމަށް އެދެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ލިއުމެއް މިނިސްޓަރަށް ލިބިއްޖެނަމަ، އެ ލިއުމެއް ލިބޭތާ އެންމެ ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ގޮތެއް ނިންމައި އެ ނިންމި ގޮތެއް އެފަރާތައް ލިއުމުން އަންގަންވާނެއެވެ.

(ބ) މޮނިކޮން އަމުރަށް ބަދަލު ގެނެވޭނީ އެ ބަދަލު ގެނައި ކަމުގެ ލިއުން އެމީހަކަށް ރައްދުވުމަށްފަހު އެ ލިއުމުގައި އެ ބަދަލު ތަންފީޒުކުރަން ފެށުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ތާރީހެއްގައެވެ.

 

43 ވަނަ މާއްދާ – މޮނިކޮން އަމުރެއް ހުއްޓާލުން

(ހ) މިނިސްޓަރަށް ފެނިއްޖެނަމަ، މޮނިކޮން އަމުރެއް ހިނގަހިނގާ ހުންނަ ކޮންމެ ވަގުތެއްގައިވެސް މިނިސްޓަރުގެ ލިއުމަކުން މޮނިކޮން އަމުރެއް ހުއްޓާލެވިދާނެއެވެ.

(ށ) މޮނިކޮން އަމުރެއް ހުއްޓާލެވޭނީ، އެ އަމުރު ހުއްޓާލިކަމުގެ ލިއުމުގައި އެ އަމުރު ހުއްޓާލާކަމަށް މިނިސްޓަރު ކަނޑައަޅާފައިވާ ތާރީހުގައެވެެ.

(ނ) މޮނިކޮން އަމުރު ރައްދުވާ ފަރާތަށް، އޭނާގެ މައްޗަށް ކޮށްފައިވާ އަމުރު ހުއްޓާލުމަށް އެދި މިނިސްޓަރަށް ފޮނުވާ ލިއުމަކުން އެކަމަށް އެދެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ލިއުމެއް މިނިސްޓަރަށް ލިބިއްޖެނަމަ، އެ ލިއުމެއް ލިބޭތާ އެންމެ ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި  އެހުށަހެޅުމަކާމެދު ގޮތެއް ނިންމާ އެ ނިންމި ގޮތެއް އެ ފަރާތަކަށް ލިއުމުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހުއްޓާލެވޭ މޮނިކޮން އަމުރެއް އަލުން ހިންގާކަށް ނުފެއްޓޭނެއެވެ.

 

ހަވަނަ ބާބު (ސުރުހީ އިސްލާހު ކުރެވިފައި)

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް

 

44 ވަނަ މާއްދާ – ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވި އާންމު އުސޫލު

(ހ) ތުހުމަތު ކުރެވޭ ފަރާތެއް މޮނިޓަރކޮށް ކޮންޓްރޯލް ކުރުމަށްޓަކައި، މޮނިކޮން އަމުރެއް މެދުވެރިކޮށް މި ބާބުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 46 ވަނަ މާއްދާއިން ފެށިގެން 59 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮންފައިވާ ފިޔަވަޅުތަކަކީ، މޮނިކޮން އަމުރެއް މެދުވެރިކޮށް އެކުއެކީގައި އެޅިދާނެ ފިޔަވަޅުތަކެއްކަމުގައި ވީނަމަވެސް، މި ގާނޫނުގެ މަގްސަދައްޓަކައި، އެ ފިޔަވަޅުތަކަކީ އޭގެ ޒާތުގައި ވަކި ވަކި ފިޔަވަޅުތަކެކެވެ.

 

45 ވަނަ މާއްދާ – ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅު ހިންގުން

މި ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ ފަރާތަކީ 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމުގައި ވީނަމަވެސް، އެ ކުއްޖަކަށް 15 (ފަނަރަ) އަހަރު ފުރިފައިވާނަމަ، އެ ކުއްޖެއްގެ މައްޗަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ހިންގޭނެއެވެ (އިސްލާހު ކުރެވިފައި)

 

46 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ދިރިއުޅޭ ތަން

(ހ) ތުހުމަތުކުރެވޭ ފަރާތެއް ދިރިއުޅޭ ތަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ. 

  1. ތުހުމަތުކުރެވޭ ފަރާތް ވަކި ތަނެއްގައި ދިރިއުޅެން އެންގުން؛
  2. ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ތަނެއްގައި އުޅޭ މީހުންގެ ނުވަތަ އުޅޭނެ މީހުންގެ މައުލޫމާތު ދިނުމަށް އެންގުން؛
  3. ދިރިއުޅޭ ތަނަކުން ނުވަތަ ސަރަހައްދަކުން ނުވަތަ ރަށަކުން، ވަކި ވަގުތުތަކެއްގައި ފޭބުން  ނުވަތަ ނުކުތުން މަނާކުރުން؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި "ވަކި ތަނެއްގައި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަންތަނުގެ ތެރެއިން ތަނަކަށެވެ.

  1. އެ މީހެއްގެ އަމިއްލަ ގެ ނުވަތަ ދިރިއުޅެމުންދާ ތަން؛
  2. އެ މީހެއްގެ އަމިއްލަ ގެއެއް ނުވަތަ މައިންބަފައިންގެ ގެއެއް އެހެން ރަށެއްގައި ހުރިނަމަ އެ ގެއެއް؛
  3. އެ މީހަކާ ގުޅުން އޮތް އެހެން ގެއެއް ނުވަތަ އެހެން ރަށެއްގައި ހުރި ގެއެެއް؛
  4. އެ މީހަކު ދިރިއުޅޭނެ ތަނެއް ނެތްނަމަ މިނިސްޓަރުގެ ހުށަހެޅުމުގެ މަތިން ކޯޓުން ކަނޑައަޅާ ތަނެއް.

 

47 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ދަތުރުފަތުރު

(ހ) ތުހުމަތުކުރެވޭ ފަރާތް ވަކި ސަރަހައްދަކުން ނުކުތުން ނުވަތަ ވަކި ރަށަކުން ފޭބުން އަދި އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ބޭރުގައި ދަތުރުފަތުރު ކުރުން މަނާކުރެވިދާނެއެވެ.

(ށ) ތުހުމަތުކުރެވޭ ފަރާތް ވަކި ސަރަހައްދަކަށް ވަނުން ނުވަތަ ވަކި ރަށަކަށް އެރުން އަދި އެ ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ތެރޭގައި ދަތުރުފަތުރުކުރުން މަނާކުރެވިދާނެއެވެ.

(ނ) ތުހުމަތުކުރެވޭ ފަރާތް ދިވެހިރާއްޖެއިން ބޭރަށް ފުރާނަމަ މިނިސްޓަރުގެ ހުއްދަ ލިއުމުން ލިބިގެން މެނުވީ ދިވެހިރާއްޖެއިން ބޭރަށް ފުރުން މަނާކުރެވިދާނެއެެވެ.

 

48 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ފައިސާ

(ހ) ތުހުމަތުކުރެވޭ ފަރާތުގެ ފައިސާ މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

  1. ތުހުމަތުކުރެވޭ ފަރާތުގެ ބޭންކް އެކައުންޓްގެ މައުލޫމާތު މިނިސްޓަރަށް ދިނުމަށް އެންގުން؛
  2. މާލީ ހިސާބުތައް އެނގޭނެ އެކައުންޓް ސްޓޭޓްމެންޓެއް މިނިސްޓަރަށް ފޯރުކޮށްދިނުމަށް އެންގުން.

(ށ) މި މާއްދާގައި "ތުހުމަތުކުރެވޭ ފަރާތުގެ ބޭންކް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ އަމިއްލަ ނަމުގައި އޮންނަ އެކަންއުންޓް ތަކަށާއި، އެ މީހެއްގެ ކޮންޓްރޯލް ހިނގާ ކުންފުންޏެއްގެ އެކައުންޓް ހިމެނޭ ގޮތަށެވެ.

 

49 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: މުދާ

(ހ) ތުހުމަތުކުރެވޭ ފަރާތުގެ މުދާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގޮތުން ތުހުމަތު ކުރެވޭ ފަރާޓުގެ އަމިއްލަ މިލްކުގައި ހުރި ހުރިހާ މުދަލާބެހޭ މައުލޫމާތު ހާމަކުރުމަށާއި އަދި އެ މުދާ ބަލަން ބޭނުންވެއްޖެނަމަ ދެއްކުމަށް އެންގިދާނެއެވެ.

(ށ) މި މާއްދާގައި މުދާކަމަށް ބުނެފައި އެވަނީ، ތިރީގައި އެވާ މުދާ ހިމެނޭ ގޮތުންނެވެ.

  1. އެ މީހެއްގެ އަމިއްލަ މުދާ؛
  2. އެ މައްޗަށް އެ މީހެއްގެ ބާރު ފޯރުވޭ ނުވަތަ މަސްލަހަތެއް އޮތް މުދާ.

 

50 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: މުއާސަލާތީ ވަސީލަތްތައް

(ހ) ތުުމަތުކުރެވޭ ފަރާތް ބޭނުންކުރާ ހުރިހާ މުއާސަލާތީ ވަސީލަތްތަކެއް މޮނިޓަރކޮށް ކޮންޓްރޯލުކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

  1. ބޭނުންކުރާ މުއާސަލާތީ އާލާތް ބެލުމަށް މިނިސްޓަރު ބޭނުންވެއްޖެނަމަ ކޮންމެ ވަގުތެއްގައިވެސް އެ އެއްޗެއް ދެއްކުމަށް އެންގުން؛
  2. މިނިސްޓަރުގެ އެންގުމަށް ތުހުމަތުކުރެވޭ ފަރާތުގެ އެންމެހައި މުއާސަލާތީ ވަސީލަތްތަކެއް އަޑުއަހައި، ބަލައި، މޮނިޓަރކޮށް ރެކޯޑް ކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް މިނިސްޓަރު ވަގުތީ ގޮތުން އަތުލާ އެއްޗެހި، އެ އެއްޗެއްގައި ހުރި މައުލޫމާތެއް ނެގުމަށްފަހު އެ އެއްޗެއް އަންބުރާ ދެވިދާނެއެވެ.

(ނ) "މުއާސަލާތީ އާލާތް" ކަމަށް މި މާއްދާގައި ބުނެފައި އެވަނީ، އެކި ވައްތަރުގެ ފޯނު، އެކި ވައްތަރުގެ ކޮމްޕިއުޓަރު، ޓެބްލެޓް އަދި މިނޫންވެސް ސިމެއް ބޭނުންކޮށްގެން ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް މުއާމަލާތްކުރެވޭ ކޮންމެ އެޗަކަށެވެ.

 

51 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ފުލުހުންގެ މަރުކަޒަށް ހާޒިރުވާން އެންގުން

(ހ) ތުހުމަތުކުރެވޭ ފަރާތް ވަކި ގަޑިއަކަށް، ވަކި ދުވަސްތަކެއްގައި އަދި ކަނޑައެޅިފައިވާ ވަކި ގޮތެއްގެ މަތިން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވަމުން ގެންދިއުމަށް އެންގިދާނެއެެވެ. މިގޮތައް ހާޒިރުވާއިރު، ފުލުހުން އަންގާ އެންގުންތަކަށް އަމަލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ފިޔަވަޅު އަޅަން ކޯޓުން އަމުރު ކުރާއިރު، ފުލުހުންގެ މަރުކަޒެއް ނެތް ރަށްރަށުގައި އެ ރަށެއްގެ ރަށު ކައުންސިލަށް މިކަން ކުރުމުގެ ހުއްދަ ދެވިދާނެއެވެ.

 

52 ވަނަ މާއްދާ – މިނިސްޓަރު ކަނޑައަޅާ ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިވުން

ތުހުމަތުކުރެވޭ ފަރާތް މިފަދަ ކުށް ކުރުމުން ދުރުކޮށް އެފަރާތް މުޖްތަމަގަށް އަނބުރާ ގެނައުމުގެ މަގްސަދުގައި މިނިސްޓަރު ކަނޑައަޅާ ރި ހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ތުހުމަތުކުރެވޭ ފަރާތް ބައިވެރިވުމަށް އެންގިދާނެއެވެ (އިސްލާހު ކުރެވިފައި)

 

53 ވަނަ މާއްދާ – މޮނިޓަރކޮށް ކޮންޓްރޯލްކުރުން: ވަސީލަތްތައް

(ހ) ތުހުމަތުކުރެވޭ ފަރާތުގެ އަމަލުތައް ދަނެގަނެ، އެފަރާތް އުޅޭ ނޫޅެ ތަން ދަނެގަތުމަށާއި، އޭނާގެ މުއާސަލާތީ ގުޅުންތައް ދަނެގަތުމަށްޓަކައި ނުވަތަ އެހެން ކަމެއްވެސް ދަނެގަތުމަށްޓަކައި އިލެކްޓްރޯނިކް އާލާތްތަކެއް އެމީހެއްގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭ ތަނެއްގައި ނުވަތަ އޭނާގެ ބާރު ފޯރާ އެހެން ތަނެއްގައިވެސް ހަރުކުރުމަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމައްޓަކައި އެކަމަށް ބޭނުންތެރިވާ އާލާތް ކަނޑައަޅާނީ މިނިސްޓަރު އެކަމަށް އެދި ހުށަހެޅުމުން ކޯޓުން ނެރޭ މޮނިކޮން އަމުރުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާލާތް ހަރުކުރުމަށްޓަކަިއ މޮނިކޮން އަމުރު ރައްދުވާފަރާތުގެ ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. މީގެތެރޭގައި:

  1. އެމީހަކު ދިރިއުޅޭ ތަނެއްގައި އެއްޗެއް ހަރުކުރާނަމަ އެތަނަކަށް ވަދެ އެ އެއްޗެއް ހަރުުކުރުމަށާއި އަދި އެ އެއްޗެއް ހަރުކުރުމަށް ބޭނުންވާ ކަންކަން ކުރުމަށް (މީގެތެރޭގަި ފާރުން ލޯވަޅެއް ތޮރުފުން، ކޭބަލްއެއް އެޅުން، އަދި މިނޫންވެސް މިފަދަ ކަންކަން ކުރުމަށް)؛
  2. އެމީހެއްގެ ހަށިގަނޑުގައި އެއްޗެއް ހަރުކުރާނަމަ އެކަމެއް ނިމެންދެން ކިޔަމަންތެރިކަމާއެކު އިނުން؛
  3. ހަރުކުރެވޭ އެއްޗެއް ބަލަހައްޓަން އެ ހަރުކުރާ ފަރާތުން އަންގާ ގޮތަށް ބަލަހައްޓަމުން ގެންދިއުން (މީގެތެރޭގައި ބެޓެރީ ޗާޖުކުރަންޖެހޭ އެއްޗެހީގެ ބެޓެރީ އެބުނާ ހަމަތަކަކުން ޗާޖުކުރަމުން ގެންދިއުމާއި، ކަރަންޓު ފޯރުކޮށްދިނުމާއި އެފަދަ އެހެނިހެން ކަންކަން ކުރަމުން ގެންދިއުން).

(ރ) މި މާއްދާގެ ދަށުން ހަރުކުރެވޭ ތަކެތި ރަނގަޅުތޯ ބެލުމަށާއި އެތަކެތީގެ އެކިއެކި މަސައްކަތްތައް ކުރުމަށް އެމީހެއްގެ ގެއަށް ވަންނަންޖެހޭ ވަގުތުތަކުގައި އެގެއަކަށް ވަނުމުގެ ހުއްދަ އެ މަސައްކަތްކުރާ ބަޔަކަށް ދިނުމަށް ކޯޓަށް އެނިގިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހަރުކުރެވޭ ތަކެތީގެ މަސައްކަތްތައް އެ މަސައްކަތުގެ ހުނަރު ހުރި އަމިއްލަ ފަރާތަކާ ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެެއެވެ.

54 ވަނަ މާއްދާ – ވަދެ ބަލައި ފާސްކުރުން

ތުހުމަތުކުރެވޭ ފަރާތެއްގެ ގެދޮރަށް ވަދެ، ބަލައި ފާސްކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

(ހ) ކޮންމެ ވަގުތެއްގައިވެސް މީހަކު ހުއްޓުވައި، ހަށިގަނޑު ބަލައި ފާސްކުރުން؛

(ށ) މޮނިކޮން އަމުރެއް ރައްދުކުރުމަށްޓަކައި އެ އަމުރު ރައްދުވާ ފަރާތް ހުރިކަމަށް ގަބޫލުކުރެވޭ ތަނަކަށް ވަދެ، އެމީހަކު ހޯދުމަށް އެތަނެއް ބަލައި ފާސްކުރުން؛

(ނ) އަމުރުގައި ބުނެފައިވާ އެޑްރެސް ނޫން އެޑްރެހަކަށްވެސް، ތުހުމަތުކުރެވޭ ފަރާތް އެތަނެއްގައި އުޅޭކަމަށް ތުހުމަތު ކުރެވޭނަމަ، ވަދެ ބަލައި ފާސްކުރުން؛

(ރ) މޮނިކޮން އަމުރެއް އެމީހަކަށް ރައްދުކުރުމަށްފަހު ނުވަތަ ރައްދުކުރުމުގެ މަސައްކަތް ހިނގާ ވަގުތުގައި، އެމީހަކު ހުރި ތަނެއް، ބަލައި ފާސްކޮށް، އެމީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުން.

 

55 ވަނަ މާއްދާ – މޮނިކޮން އަމުރެއްގައި ހުރި މީހަކު ފިލައިފިކަމަށް ތުހުމަތު ކުރެވިގެން ވަދެ، ބަލައި ފާސްކުރުން

ތުހުމަތުކުރެވޭ ފަރާތް ފިލާފާނެކަމަށް މިނިސްޓަރަށް ތުހުމަތު ކުރެވިއްޖެނަމަ، އެމީހަކު ބެހެއްޓިފައިވާ ގެއަކަށް ނުވަތަ އިމާރާތަކަށް ވަދެ، އެމީހަކު ހުރިތޯ ބެލުމަށާއި، އެމީހަކު ހޯދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް، އެތަނެއް ބަލައި ފާސްކުރުމުގެ ފިޔަވަޅު އެޅިދާނެއެވެ.

 

56 ވަނަ މާއްދާ – މޮނިކޮން އަމުރާ އެއްގޮތައް އަމަލުކުުރޭތޯ ބެލުމަށް ވަދެ، ބަލައި ފާސްކުރުން

ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތައް އަމަލުކުރޭތޯ ބެލުމަށް ކޮންމެ ވަގުތެއްގައިވެސް އެމީހަކު ބެހެއްޓިފައި ހުރި ގެއަކަށް ނުވަތަ އިމާރާތަކަށް ވެދެ، ބަލައި ފާސްކުރުމުގެ ފިޔަވަޅު އެޅިދާނެއެވެ.

 

57 ވަނަ މާއްދާ – ތަކެތި އަތުލައި ހިފެހެއްޓުން

(ހ) މި ބާބުގެ ދަށުން ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި، ތިރީގައި އެވާ ތަކެތި މި މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ހިފެހެއްޓިދާނެއެވެ.

  1. ހެއްކެއްގެ ގޮތުުގައި ބޭނުންކުރެވިދޭނެ ކޮންމެ އެއްޗެއް؛
  2. އެއްޗެއް ފޮރުވަފާނެކަމަށް ނުވަތަ، ގެއްލުވާލަފާނެކަމަށް ނުވަތަ، ބަދަލުޖެގެނެސްފާނެކަމަށް ނުވަތަ، ހަލާކުކޮށްލަފާނެކަމަށް، ނުވަތަ ނައްތާލަފާނެކަމަށް ފެންނާތީ އަތުލެވޭ ތަކެތި؛
  3. އެމީހެއްގެ މައްޗަށް ހިންގޭ ނުވަތަ ހިންގިފައިވާ އަމުރެއް ތަންފީޒުކުރުމަށް ހުރަސްއެޅިދާނެކަމަށް ފެންނަ ކޮންމެ އެއްޗެއް؛
  4. އެމީހެއްގެ މައްޗަށް ހިންގުނު އަމުރަކާ ހިލާފުވިކަމުގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ކޮންމެ އެއްޗެއް.

(ށ) މި މާއްދާގެ ދަށުން ތަކެތި ހިފަހައްޓަންވާނީ ގޭގެ ވެރިފަރާތް ނުވަތަ ދެ ހެކީންގެ ކުރިމަތީގައެވެ.

(ނ) މި މާއްދާގެ ދަށުން ހިފަހައްޓާ ތަކެތީގެ ލިސްޓެއް، ގޭގެ ވެރިފަރާތް ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތައް ނުވަތަ އެފަދަ ހައިސިއްޔަތެއް ލިބިފައިވާ ފަރާތަށް އެތަކެތި ހިފަހައްޓާ ވަގުތުގައި، ފުލުހުން ދޭންވާނެއެވެ.

 

58 ވަނަ މާއްދާ – ފިންގަރ ޕްރިންޓާއި އެހެނިހެން ހެކި

(ހ) ތުހުމަތުކުރެވޭ ފަރާތުގެ ފިންގަރ ޕްރިންޓް ނުވަތަ ކުޑަކަމުދާ އެއްޗެހި ނުވަތަ މިނޫންވެސް ހަށިގަނޑުގެ އެހެން ކޮން ތަނަކުންވެސް ސާމްޕަލެއް ފުލުހުންނަށް ދިނުމަށް ކޯޓަށް އަމުރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ސާމްޕަލެއް ނެގުމަށްޓަކައި ފުލުހުންނަށް އެމީހަކު ފުލުހުންގެ އިދާރާއަކަށް ހާޒިރު ކުރެވިދާނެއެވެ. ނުވަތަ ވަކި ގަޑިއެއްގައި ހާޒިރުވާން އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ފަދަ ސާމްޕަލެއް ދިނުމަށް ތުހުމަތު ކުރެވޭ ފަރާތް އިންކާރުކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.

 

59 ވަނަ މާއްދާ – ފޮޓޯ ނެގުން

މޮނިކޮން އަމުރެއްގައި، މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ތުހުމަތުކުރެވޭ ފަރާތުގެ ފޮޓޯ ނެގުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

(ހ) ތުހުމަތުކުރެވޭ ފަރާތުގެ ފޮޓޯ މިނިސްޓަރު ކަނޑައަޅާ ތަނެއްގައި އަދި ކަނޑައަޅާ ވެގުތެއްގައި ނެގުން؛

(ށ) ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ތަނެއްގެ ނުވަތަ ގެންގުޅޭ ނުވަތަ ބޭނުންކުރާ އެއްޗެއްގެ ފޮޓޯ ނެގުން.

 

ހަތްވަނަ ބާބު (ސުރުހީ އިސްލާހު ކުރެވިފައި)

މޮނިކޮން އަމުރަކާ ހިލާފުވުމުގެ ކުށް

 

60 ވަނަ މާއްދާ – މޮނިކޮން އަމުރަކާ ހިލާފުވުން

(ހ) މޮނިކޮން އަމުރެއްގެ ދަށުން ފިޔަވަޅު އަޅާފައިހުރި މީހަކު، އެކަީގެންވާ ސަބަބެއް ނެތި، މޮނިކޮން އަމުރުގެ އެއްވެސް ފިޔަވަޅަކާ ހިލާފްވެއްޖެނަމަ އެމީހަކު އެކުރީ ޖިނާއީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ކުށުގެ އަދަބަކީ ގިނަވެގެން 18 (އަށާރަ) މަސްދުވަސް ގޭބަންދުކުރުން ނުވަތަ ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ކުށެއް ކުރި މީހެއްގެ ތަހުގީގު ފެށި ޝަރީއަތުން ގޮތެއް ކަމޑައެޅުމާ ދޭތެރޭ އެމީހަކު ބަންދުގައި ބަހައްޓަން މިނިސްޓަރަށް ފެނިގެން އެކަން ލިއުމަކުން ކޯޓުގައި އެދެފިނަމަ ކޯޓުން އެކަމަށް އިޖާބަދީ، ތަހުގީގާއި ޝަރީއަށް ނިމެންދެން، މިނިސްޓަރު ކަނޑައަޅާ ތަނެއްގައި އެމީހަކު ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެންވާނެއެވެ. 

 

60-1 ވަނަ މާއްދާ - ންޓެލިޖެންސް މަގުލޫމާތު ދޭންވާ ފަރާތަކަށް ނުދިނުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 3-19 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަގުލޫމާތު ބަދަލުކުރުމުގެ އޮނިގަ ނޑާ އެއްގޮތަށް ޓެރަރިޒަމާގުޅޭ އިންޓެލިޖެންސް ބަދަލުކުރަންޖެހޭ ހާލަތެއްގައި، ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް މުހިންމު މަގުލޫމާތެއް، އެ މަގުލޫމާތެއް ހިއްސާކުރަން މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ލާޒިމުކުރާ ފަރާތަކާ ނުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ، އެފަދައިން މަގުލޫމާތު ހާމަނުކުރި ފަރާތުން އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ _(ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ، އެ ކުށުގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ، އެ ކުށުގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. 

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނަތީޖާއެއްގެ ގޮތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ކުށަށް އަދަބު ކަނޑައެޅޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.

  1. މުދަލުގެ އަގު 500،000 (ފަސްލައްކަ) ރުފިޔާއަށްވުރެ މަތިވާނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
  2. މުދަލުގެ އަގަކީ،  100،000 (އެއްލައްކަ) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ގަދަދެއްނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ 2 (ދޭއް) އަހަރާއި 1  އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
  3. މުދަލުގެ އަގަކީ، 50،000 (ފަންސާސްހާސް) ރުފިޔާއާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ ގަދަދެއްނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރާއި 6 (ހައެއް) މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ބ)  އެނޫން ހާލަތުގައި އެ ކުށުގެ އަދަބަކީ 6 (ހައެއް) މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ.

 

 60-2 ވަނަ މާއްދާ - ޓެރަރިޒަމާގުޅޭ މަގުލޫމާތު ހާމަނުކުރުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މަގުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މަގުލޫމާތު ހިއްސާކުރުމުގެ ފުރުސަތުއޮވެ، އެ މަގުލޫމާތު ގަސްދުގައި ހިއްސާނުކޮށް ސިއްރުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

އަށްވަނަ ބާބު (އިތުރު ކުރެވިފައި)

 އަނބުރާ އަންނަ ހަނގުރާމަވެރިންނާގުޅޭ ހާއްސަ އިޖުރާއަތުތައް

 

60-3 ވަނަ މާއްދާ - އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް މި ބާބުގައިވާ އުސޫލުތައް ހިނގުން (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާމެދު އަމަލުކުރާނީ، މި ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ބާބުގައި "ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ދިވެހިރާއްޖެ ދޫކޮށް ދާ ފަރާތްތަކަށެވެ.

  1. ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛
  2. ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛
  3. ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.

(ނ) އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އަންނަނިވި ފަރާތްތަކަކީ މި ބާބުގެ އަދި މި ގާނޫނުގެ ނުވަވަނަ ބާބުގެ ބޭނުމަށްޓަކައި ހަނގުރާމަވެރިން ކަމުގައި ބެލޭނެއެވެ.

  1. ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާއި، އެމީހުންނާއެކު އެފަދަ ސަރަހައްދަކުން އަންނަ އެމީހުންގެ އާއިލާގެ މެންބަރުން؛
  2. ހަނގުރާމަވެރި ސަރަހައްދެއް ހިމެނޭ ގައުމަކަށް ނުވަތަ އެފަދަ ސަރަހައްދަކަށް އެއްގަމުމަގުން ދެވޭނެ، ހަނގުރާމަވެރި ސަރަހައްދު ނިސްބަތްވާ ގައުމާ އިންވެގެންވާ އެހެން ގައުމަކަށް ދިޔުމަށްފަހު، އެފަރާތުން އެފަދަ ތަނެއްގައި މަޑުކޮށްފައިވާ ސައްހަ ސަބަބެއް ބަޔާންކޮށްނުދެވޭ ފަރާތްތައް؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ތަނަކަށް ދިޔަ ކަމަށް ގަބޫލުކުރެވޭ އެހެން ސަބަބުތައް ހުރުމާއެކު، އެފަރާތުގެ ރަސްމީ ޓްރެވަލް ޑޮކިއުމަންޓެއް ނެތުން ނުވަތަ އެފަދަ ޑޮކިއުމަންޓެއްގެ މުއްދަތު ހަމަވުމަށްފަހުގައިވެސް އެ ޑޮކިއުމަންޓް އާކޮށްފައިނުވުން ނުވަތަ އެކަން ރިޕޯޓްކޮށްފައިނުވުން.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ހަނގުރާމަވެރިންގެ މާނައިގެ ތެރޭގައި އުމުރުން 15 (ފަނަރަ) އަހަރަށްވުރެ ދަށުގެ ކުދިންނެއް ނުހިމެނެއެވެ.

 

60-4 ވަނަ މާއްދާ - އަނބުރާ އަންނަ ހަނގުރާމަވެރިންނާމެދު ފިޔަވަޅުއެޅުން (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 3-60 ވަނަ މާއްދާގައި ބަޔާންކުރާ ހަނގުރާމަވެރިޔަކު ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު ދިވެހިރާއްޖެއަށް އެނބުރި އަތުވެއްޖެނަމަ، އެފަދަ ފަރާތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅަންވާނެއެވެ.

  1. މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހައްޔަރުކުރުމާއެކު، މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ބަންދުކުރުން؛ ނުވަތަ 
  2.  މި ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކުރާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ހިންގުން؛ ނުވަތަ
  3. މި ގާނޫނުގެ ނުވަވަނަ ބާބުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާން ލާޒިމުކުރުން؛ ނުވަތަ
  4. މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރުން.

(ށ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކާމެދު އެ އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކާމެދު އެ އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅު އަޅަންވާނީ، އެފަރާތަކީ މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއް ކުރި ފަރާތެއް ކަމުގައި ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ބެލެވޭނަމައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކާމެދު އެ އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅު އަޅަންވާނީ، މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައެވެ. އަދި އެފަދަ ފަރާތަކާމެދު އެ އަކުރުގެ (4) ވަނަ ނަންބަރުގެ ދަށުން ފިޔަވަޅު އަޅާ ހާލަތުގައި، އެ އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅެއް އެފަރާތަކާމެދު އަޅައިގެންނުވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް، އެ އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ހައްޔަރުކޮށް ބަންދުކުރަން ނިންމައިފިނަމަ، އެފަރާތެއް ބަންދުގައި ބަހައްޓަންވާނީ، ކުށުގެ ތުހުމަތުގައިވާ ފަރާތްތައް ބަންދުކުރުމަށް ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައިވާ ގޮތުގެމަތިން ކަނޑައަޅާފައިވާ ކަސްޓޯޑިއަލް ނުވަތަ ރިމާންޑް ޖަލެއްގައެވެ.

(ޅ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ބ) ގައި ބަޔާންކުރާ ތަނެއްގައި ބަންދުގައި ބެހެއްޓޭނީ، 48 (ސާޅީސްއަށެއް) ގަޑިއިރުވަންދެނެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ބަންދުކޮށްފައިވާ ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އެ އަކުރުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހުންގެ މައްޗަށް، މި ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.

(ވ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކާމެދު އެ އަކުރުގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ އިތުރުން، އެފަދަ ފަރާތެއް ދިވެހިރާއްޖެ އައުމާއެކު، އެފަރާތަކާގުޅޭ އިންޓެލިޖެންސް ޑީ -ބްރީފިންގ އެއް ފުލުހުން ހަދަންވާނެއެވެ.

 

60-5 ވަނަ މާއްދާ - ހަނގުރާމަވެރި ސަރަހައްދުގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުން (އިތުރު ކުރެވިއިސްލާހު ކުރެވިފައި)

(ހ) ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިރައްޔިތުންނަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާނަމަ، އެކުދިން ދިވެހިރާއްޖެއަށް އަނބުރާ އައުމުގެ ކުރިން، އެކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވެފައިވާ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ކަމާބެހޭ ގާނޫނުގައި ބަޔާންކުރާ ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކޮށްދެވޭނީ، އެ ކުއްޖަކީ، އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތް ކަމަށް ބުނާ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، މި މާއްދާގައިވާ ގޮތުގެމަތިން ކޯޓަށް މައްސަލަ ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅާނީ، އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާ ޕަވަރ އޮފް އެޓަރނީއެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުންނެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ނިސްބަތްވާ ކުއްޖަކީ، އެ ކުއްޖެއްގެމައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތް ކަމަށް ބުނާ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހުށަހެޅޭ އަންނަނިވި ބާވަތުގެ ހެއްކަކީ ށަރީއަތަށް ގަބޫލުކުރެވޭނެ ހެކި ކަމުގައި ބަލަންވާނެއެވެ.

  1. ކުއްޖާގެ ޑީ.އެން.އޭ ޕްރޮފައިލާއި ކުއްޖާގެ މަންމަ ކަމަށް ބުނާ ފަރާތުގެ ޑީ.އެން.އޭއާ އަޅައިކިޔައި ހަދާފައިވާ މެޓަރނިޓީ ޑީ.އެން.އޭ އެނަލިސިސް؛ ނުވަތަ
  2. ކުއްޖާގެ ޑީ.އެން.އޭ ޕްރޮފައިލާއި ކުއްޖާގެ ބައްޕަ ކަމަށް ބުނާ ފަރާތުގެ ޑީ.އެން.އޭއާ އަޅައިކިޔައި ހަދާފައިވާ ޕެޓަރނިޓީ ޑީ.އެން.އޭ އެނަލިސިސް؛ ނުވަތަ
  3. ކުއްޖާގެ މަންމަ އަދި ބައްޕަ ކަމުގައި ބުނާ ފަރާތް ދުނިޔޭގައި ނެތްނަމަ، ކުއްޖާގެ ޑީ.އެން.އޭ ޕްރޮފައިލާއި ކުއްޖާގެ އާއިލާގެ އެހެން މެންބަރެއްގެ ޑީ.އެން.އޭއާ އަޅައިކިޔައި ހަދާފައިވާ ޑީ.އެން.އޭ އެނަލިސިސް؛ އަދި
  4. ކުއްޖާގެ މަންމަގެ ބަޔާން ނުވަތަ ކުއްޖާގެ މަންމަ ނެތްނަމަ، ކުއްޖާގެ ބައްޕަގެ ބަޔާން ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަވެސް ނެތްނަމަ ކުއްޖާގެ ބެލެނިވެރިކަމާ ހަވާލުވެހުރި ފަރާތުގެ ބަޔާން؛ އަދި 
  5. ކުއްޖާގެ އުފަންވުން ހެކިކޮށްދޭނެ އިތުރު ފަރާތެއް ހުރިނަމަ، އެފަރާތެއްގެ ބަޔާން.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހެކީގެ އިތުރުން، އެ މައްސަލަ ނިސްބަތްވާ ކުއްޖަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތް ކަމަށް ބުނާ 
ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަން ސާބިތުކޮށްދޭ އިތުރު ހެކި ކޯޓަށް ބަލައިގަތުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ހުށަހަޅާ ހެކީގެ ތެރެއިން ، އެ އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ބާވަތުގެ ހެކި ތައްޔާރުކޮށްފައިވަނީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކަމުގައިނުވާނަމަ،އެފަދަ ހެއްކެއްގެ ސައްހަކަން ކޯޓުން ކަށަވަރުކުރަންވާނެއެވެ. 

(ކ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް، ކޯޓަށް ހުށަހެޅޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ މައްސަލައާމެދު ގޮތެއް ކަނޑައަޅައި ނިންމަންވާނެއެވެ.

(އ) މި މާއްދާގެ (ރ) އަދި/ނުވަތަ (ބ) ގެ ދަށުން ހުށަހަޅާ ހެއްކެއްގެ ސައްހަކަން މި މާއްދާގެ (ޅ) ގެ ދަށުން ކޯޓުން ކަށަވަރުކުރަންޖެހިއްޖެ ހާލަތެއްގައި ، އެކަން ކުރުމަށް ހިނގާނެ މުއްދަތާއެކު މުޅި މައްސަލަ ނިންމުމަށް ހިނގާނެ މުއްދަތު،މި މާއްދާގެ (ކ) ގައި ބަޔާންކުރާ މުއްދަތަށްވުރެ އިތުރުވާނެކަމަށް ބެލެވޭނަމަ،އެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ކުދިންނަކީ،ހާއްސަ އިސްތިސްނާ ހާލަތްތަކެއްގައި ތިބި ކުދިން ކަމުގައިވާތީ، އެފަދަ މައްސަލަތަކުގައި މި މާއްދާގެ (ރ) އަދި/ނުވަތަ (ބ) ގައި ބަޔާންކުރާ ހެކި ވަޒަންކޮށް އެ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމުގައި ކޯޓުން އިސްކަންދޭންވާނީ، އެ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.

(މ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ ކުއްޖަކީ، މި މާއްދާގެ (ރ) އަދި/ނުވަތަ (ބ) ގައި ބަޔާންކުރާ ހެއްކަށް ބިނާކޮށް، ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ދަރިއަކު ކަމުގައި މަދަނީ މިންގަނޑުން ސާބިތުކުރެވޭނަމަ، އެކަން އެފަދައިން ކަނޑައަޅައި ކޯޓުން މައްސަލަ ނިންމަންވާނެއެވެ.

(ފ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ނިސްބަތްވާ ކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ދަރިއަކު ކަމުގައި މި މާއްދާގެ (މ) ގެ ދަށުން ކޯޓުން ކަނޑައެޅުމާއެކު، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ ކަންކަމާއި، އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާގުޅޭ ކަންކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަންވާނެއެވެ.

(ދ) މި މާއްދާގެ (ފ) ގެ ދަށުން އުފަންވުން ރަޖިސްޓަރީކުރުމާބެހޭ ކަންކަމާއި،އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާގުޅޭ ކަންކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލު ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ތ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކަމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ،އުފަންވުން ރަޖިސްޓަރީކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނަށެވެ.

(ލ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، "ކޯޓު" ކަމަށް ބުނެފައި އެވަނީ، ފެމިލީ ކޯޓަށެވެ.

(ގ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މައިންބަފައިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތަށެވެ.

(ޏ) މި މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، "ދައުލަތުގެ ކަމާބެހޭ އިދާރާ" ކަމަށް ބުނެފައި އެވަނީ، ޑީ.އެން.އޭ އެނަލިސިސް ހެދުމަށް ހުއްދަކޮށްފައިވާ ދައުލަތުގެ އިދާރާތަކަށެވެ.

 

60-6 ވަނަ މާއްދާ - އިދާރީ ފިޔަވަޅެއްގެ ގޮތުން ބަންދުގައި ބެހެއްޓުން (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 4-60 ވަނަ މާއްދާގައިވާ ފަރާތަކީ، ޓެރަރިޒަމްގެ އަމަލެއް ކުރި ކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކަމުގައިނުވިނަމަވެސް، އެފަދަ ފަރާތަކީ، ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތެއް ކަމުގައި ބަލައި، އެފަރާތެއް މުޖު ތަމައަށް އަނބުރާ ރުޖޫއަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ރީހެބިލިޓޭށަން އަދި ރީއިންޓަގްރޭށަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، އެފަރާތް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، މި މާއްދާގައިވާ ގޮތުގެމަތިން އެފަރާތް އިދާރީ ބަންދެއްގައި ބެހެއްޓުމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއެކު ނުވަތަ އެނޫންގޮތަކަށް އެފަދަ ސަރަހައްދަކުން އަންނަ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންވެސް މި މާއްދާގެ (ހ) ގެ ދަށުން އިދާރީ ބަންދެއްގައި ބެހެއްޓުމަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އެއްވެސް ފަރާތެއް ބަންދުކުރަންވާނީ، މި ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ބަންދުގެ މަރުކަޒެއްގައެވެ.

 

60-7 ވަނަ މާއްދާ - އިދާރީ ބަންދުގެ މަރުކަޒު (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ މީހުން ބަންދުގައި ބޭތިއްބުމަށްޓަކައި، އަންނަނިވި ކަންކަން ފުރިހަމަވާ ބަންދުކުރުމުގެ މަރުކަޒުތައް މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

  1. ފިރިހެނުންނަށް ހާއްސަ ބަންދުގެ މަރުކަޒު؛
  2. އަންހެނުންނަށް ހާއްސަ ބަންދުގެ މަރުކަޒު؛ 
  3. ކުޑަކުދިންނަށް ހާއްސަ ބަންދުގެ މަރުކަޒު. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތައް ވާންވާނީ، އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރެއިން ކުށުގެ ތުހުމަތުގައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ހާއްސަކުރެވޭ މަރުކަޒުތަކެއް ކަމުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތަކުގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބައިތިއްބައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތައް، އެއް އިމާރާތެއްގައި ހުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، އެފަދަ މަރުކަޒުތައް ހުންނަންވާނީ، އެއިން ކޮންމެ މަރުކަޒެއްގައި ތިބޭ މީހުން، އެއްބަޔަކު އަނެއް ބަޔަކާ ދިމާވެ، މުއާމަލާތު ނުކުރެވޭނެ ގޮތަކަށެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިން އެކުދިންގެ ބެލެނިވެރިއަކާ އެކުގައި އެފަދަ މަރުކަޒެއްގައި ބޭތިއްބުމަށް ކަނޑައެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތަކުން ލިބިދެވޭނެ ހިދުމަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

60-8 ވަނަ މާއްދާ - އިދާރީ ބަންދުގައި ތިބޭ ފަރާތްތަކުގެ ހައްގުތައް (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ތިބޭ ފަރާތްތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގާއި އާއިލާއާ ބައްދަލުކުރުމުގެ ހައްގު، މި ބާބުގައިވާ ގޮތުގެމަތިން ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ ރިސްކް އެސެސްމަންޓަކަށްފަހު އެނޫން ގޮތަކަށް ކަނޑައެޅެންދެން، މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ތިބޭ ފަރާތްތަކަށް އެމީހުންގެ އާއިލާއާއި ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ލިބިދެވޭނީ، މަރުކަޒުގެ މުވައްޒަފުންގެ ހާޒިރުގައެވެ.

  

60-9 ވަނަ މާއްދާ - ކުޑަކުދިންނާގުޅޭ ހާއްސަ އުސޫލު (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި، އެކުދިން އެކުދިންގެ މައިންބަފައިންނާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިހްތިޔާރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖާ ދައުލަތަށް ނެގުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. އަދި ކުއްޖާގެ މައިންބަފައިންނާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގަންވާނީ، އެއީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާނަމައެވެ.

(ނ) އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުއްޖަކު އެ ކުއްޖެއްގެ މައިންބަފައިންނާ ވަކިކުރުން އެއީ ކުއްޖާއަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި، އެ ކުއްޖަކު، ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެނައުމާއެކު، އެ ކުއްޖާގެ އާއިލާގެ އެހެން މެންބަރެ އްގެ ބެލުމުގެ ދަށުގައި ނުވަތަ ދައުލަތުން ކަނޑައަޅާ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި އެ ކުއްޖާ ބެހެއްޓުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރެވޭނީ، އެ ކުއްޖަކާގުޅޭ ރިސްކް އެސެސްމަންޓަކަށްފަހު، ކުއްޖާ މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ދަށުން، އެ ކުއްޖާއަށް ދޭންޖެހޭ ރީހެބިލިޓޭށަން ނުވަތަ އެނޫންވެސް ފަރުވާ ދެމުންގެންދިޔުމަށް ށަރުތުކުރުމާ އެކުގައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުޑަކުއްޖަކު އެ ކުއްޖާގެ އާއިލާގެ މެންބަރަކާ ހަވާލުކުރުމުގެ ކުރިން އެފަރާތެއްގެ އެސެސްމަންޓެއް ހަދާފައި އޮންނަންވާނެއެވެ.

 

60-10 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ހެދުން (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތްތައް ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ މިންވަރަކީ ކޮބައިތޯ ބެލުމަށާއި، އެއިން ފަރާތެއްގެ ކިބައިން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެމީހުންގެ ރިސްކް އެސެސްމަންޓެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ދަށުން ހަދާ އެސެސްމަންޓް ހަދާނީ، ފުލުހުންނެވެ. 

(ނ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތަކާ ގުޅޭގޮތުން ހަދާ ފުރަތަމަ ރިސްކް އެސެސްމަންޓް، މި ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒެއްގައި އެފަރާތް ބަންދުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދަންވާނެއެވެ. 

(ރ) މި މާއްދާގެ ދަށުން ރިސްކް އެސެސްމަންޓް ހަދަންޖެހޭ މަރުހަލާތަކާއި، އެކި މަރުހަލާތަކުގައި ހަދާ ރިސްކް އެސެސްމަންޓްތަކަށްފަހު އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

60-11 ވަނަ މާއްދާ - އިދާރީ ބަންދާމެދު ގޮތެއް ކަނޑައެޅުން (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ މީހަކު ބަންދުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމަށްވާނަމަ، އެފަދައިން ބަންދުކުރެވޭ މީހަކު، ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތަކަށް މި ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ މަރުކަޒެއްގައި ބަންދުގައި ބެހެއްޓިދާނެއެވެ.
(ށ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ މީހަކު ބަންދުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމުގައިނުވާނަމަ، އެފަދައިން ބަންދުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އޭނާ ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ފަރާތަކީ،ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ނުވަތަ އެއިން ސަރަހައްދެއްގައި ހުރެފައި އަނބުރާ ދިވެހިރާއްޖެ އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެމީހަކީ މި ގާނޫނުގެ ދަށުން ކަނޑައެޅޭ ރީހެބިލިޓޭށަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް އެމީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ބަންދުކޮށްފައިވާ ފަރާތެއް ބަންދުކޮށްފައިވާ މުއްދަތުގެ އިތުރަށްވެސް އެފަރާތުގެ މައްޗަށް ހިންގަންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމް ހިންގުމަށްޓަކައި އެފަރާތް ބަންދުގައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައިވާނަމަ، އެފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ކޯޓު އަމުރެއް ހޯދަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅަންވާނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ސުޕީރިއަރ ކޯޓަކަށެވެ.

 

60-12 ވަނަ މާއްދާ - މުޖުތަމައަށް އަނބުރާ ދޫކުރުން (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތްތަކުން ފުރިހަމަކުރުމަށް ކަނޑައެޅޭ ރީހެބިލިޓޭށަން ޕްރޮގްރާމްތައް ފުރިހަމަކޮށް، މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާކަން ކަނޑައެޅުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހުގައި މެނުވީ، އެއިން އެއްވެސް ފަރާތެއް، އަނބުރާ މުޖުތަމައަށް ދޫކޮށްގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެސެސްމަންޓް ހަދާނީ، ފުލުހުންނެވެ. 

(ނ) ރީހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތެއް މުޖުތަމައަށް އަނބުރާ ދޫކުރުމުގެ ކުރިން ހަދަންޖެހޭ އެސެސްމަންޓް ހެދުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމާއި، ކަމާގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

60-13 ވަނަ މާއްދާ - އިދާރީ ބަންދުގައިވާ ފަރާތަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތަކަށްވުން (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދެއްގައިވާ ފަރާތަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމަށް މި ގާނޫނުގެ 10-60 ވަނަ މާއްދާގެ ދަށުން ހަދާ ރިސްކް އެސެސްމަންޓަކުން ނުވަތަ އެނޫން ގޮތަކުން ފުލުހުންގެ ތަހްގީގަށް ލިބޭ މައުލޫމާތަކުން ދެނެގަނެވިއްޖެ ހާލަތެއްގައި، އެމީހަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމުގައި ކަނޑައަޅައި، މި ގާނޫނުގެ 4-60 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން އެމީހަކާމެދު އަމަލުކުރެވިދާނެއެވެ.

 

60-14 ވަނަ މާއްދާ - ކުށް ސާބިތުނުވުން (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުނުވި ނަމަވެސް، އެފަރާތަކީ ހަނގުރާމަވެރި ސަރަހައްދަކުން އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެއީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތެއް ކަމުގައި ބަލައި، އެމީހަކު، މި ގާނޫނުގައި ބަޔާންކުރާ ރީހެބިލިޓޭށަން ޕްރޮގްރާމް ފުރިހަމަކުރުން ލާޒިމުވާ ކަމުގައި ފަނޑިޔާރު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރީހެބިލިޓޭށަން ފުރިހަމަކުރަންޖެހޭ ކަމަށް ފަނޑިޔާރު ކަނޑައަޅާ ފަރާތްތަކާމެދު އަމަލުކުރަންވާނީ، މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

ނުވަވަނަ ބާބު (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

ރިހެބިލިޓޭށަން އަދި ރީ -އިންޓަގްރޭށަން

 

60-15 ވަނަ މާއްދާ - ރީހެބިލިޓޭށަން އެންޑް ރީ -އިންޓަގްރޭށަން ކޮމިޓީއް (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

(ހ) ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތަކަށާއި އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް މި ގާނޫނުގައިވާ ގޮތުގެމަތިން ހިންގަންޖެހޭ ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ދެނެގަތުމަށާއި، އެފަދަ ރީހެބިލިޓޭށަންގެ ޕްރޮގްރާމްތައް ފުރިހަމަކުރާއިރު މި ގާނޫނުގެ ދަށުން ހުއްދަކުރާ ބަންދެއްގައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކުގެ މައްޗަށް އެކުލެވޭ ރީހެބިލިޓޭށަން އެންޑް ރީ-އިންޓަގްރޭށަން ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީގައި އެކުލެވިގެންވާނީ އަންނަނިވި ފަރާތްތަކެވެ.

  1. މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  2. ދިވެހި ފުލުހުންގެ ހިދުމަތުގެ ކުޑަކުދިންނާއި އާއިލީ މައްސަލަތައް ބަލާ ޑިވިޒަންގައި މަސައްކަތްކުރާ ފަރާތެއް ހިމެނޭގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އެ ސަރވިސްގެ 2 (ދޭއް) އޮފިސަރުން؛
  3. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  4. މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރާއިން ކަނޑައަޅާ ފަރާތެއް؛
  5. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސްއިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އެކުލަވާލާ ކޮމިޓީން، އަންނަނިވި ކަންކަން ކަނޑައަޅައި، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

  1. މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅޭ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން؛
  2. މި ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން އިދާރީ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅޭ ކުޑަކުދިންނަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން؛
  3. މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރި ކަމުގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން؛
  4. މި ގާނޫނުގެ ހަވަނަ ބާބުގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެފައިވާ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން؛
  5. މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރި ކަމަށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށް އެކި މަރުހަލާތަކުގައި ދޭންޖެހޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކުގެ ބާވަތާއި ގިންތި ކަނޑައެޅުން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީން މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައެޅުމުގައި ބަލަންވާނީ، މީހުންގެ އުމުރާއި، ޖިންސާއި، ސިއްހީ އަދި ނަފްސާނީ ހާލަތްތައްފަދަ އެކި މީހުންގެ ނާޒުކު ހާލަތްތަކަށާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކަށް ރިއާޔަތްކޮށް، އެކި ހާލަތްތަކުގައި ތިބޭ މީހުންނަށް، އެކި މަރުހަލާތަކުގައި ދެވޭނެ ރީހެބިލިޓޭށަންގެ ފަރުވާގެ ބާވަތްތަކާއި ގިންތި، އަދި އެއިން ކޮންމެ ގިންތިއެއްގެ ދަށުން ދެވޭނެ ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމަށެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީން މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާ ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަންގެ ޕްރޮގްރާމްތައް ވާންވާނީ، އެ އަކުރުގައި ބަޔާންކުރާ ފަރާތްތައް ބަންދުކުރެވޭ ހިނދުން ފެށިގެން އަދި/ނުވަތަ ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް އަނބުރާ ރުޖޫއަވުމާ ހަމައަށް، ނުވަތަ އެފަރާތްތަކުގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެވޭ ހިނދުން ފެށިގެން އެ އަމުރު ތަންފީޒުކޮށް ނިމި އެފަރާތްތައް މުޖުތަމައަށް އަނބުރާ ރުޖޫއަވުމާ ހަމައަށް މެދުކެނޑުމެއްނެތި ދެވޭ ރީހެބިލިޓޭށަން ޕްރޮގްރާމްތަކެއް ކަމުގައެވެ.

 

60-16 ވަނަ މާއްދާ - ރީހެބިލިޓޭށަން އަދި ރީ -އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގުން (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

މި ގާނޫނުގެ 15-60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީން އެ މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާ ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަންގެ ޕްރޮގްރާމްތައް ކަނޑައެޅުމުން، އެ ޕްރޮގްރާމްތައް، ވަކިވަކި މީހުންގެ މައްޗަށް ހިންގާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މިނިސްޓްރީންނެވެ.

 

60-17 ވަނަ މާއްދާ - ރީ -އިންޓަގްރޭށަން ޕްރޮގްރާމްތަކާގުޅޭ ގަވާއިދު (އިތުރު ކުރެވި އިސްލާހު ކުރެވިފައި)

މި ބާބުގައި ބަޔާންކުރާ ރީހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަންގެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

60-18 ވަނަ މާއްދާ - ކުށް ސާބިތުނުވުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 5-60 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުނުވި ނަމަވެސް، އެމީހަކީ، ހަނގުރާމަވެރި ސަރަހައްދަކުން އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެމީހަކީ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހެއް ކަމުގައި ބަލައި، އެމީހަކު، މި ގާނޫނުގައި ބަޔާންކުރާ ރިހެބިލިޓޭށަން ޕްރޮގްރާމް ފުރިހަމަކުރުން ލާޒިމުވާ ކަމުގައި ފަ ނޑިޔާރު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިހެބިލިޓޭށަން ފުރިހަމަކުރަންޖެހޭ ކަމަށް ފަނޑިޔާރު ކަނޑައަޅާ ފަރާތްތަކާމެދު އަމަލުކުރަންވާނީ، މި ގާނޫނުގެ 21-60 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

60-19 ވަނަ މާއްދާ - ހަަނގުރާމައަށްދާ ފަރާތްތަކުގެ ސަބަބުން ކުރިމަތިވެދާ ނެ ނުރައްކާތަކަށް ތައްޔާރުވުން (އިތުރު ކުރެވިފައި)

(ހ) ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެ އަންނަ ބައެއްގެ ސަބަބުން މުޖްތަމަގަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތުން އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދު ހާސިލުކުރުމަށްޓަކައި، މި ގާނޫނުގެ 21-60 ވަނަ މާއްދާގެ ދަށުން ހިންގޭ ރިހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ބައްޓަންކުރެވިފައިވަނީ، އެފަދަ ފަރާތްތައް މުޖްތަމަގަށް އަނބުރާ ރުޖޫގަވުމަށްޓަކައި ތައްޔާރުވާންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ތައްޔާރުވެވޭނެ ގޮތެއްގެމަތިންކަން މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

 

60-20 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން (އިތުރު ކުރެވިފައި)

(ހ)  މި ގާނޫނުގެ 12-60 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ނިންމާ ނިންމުންތަކުގައި ފުރިހަމަވާންޖެހޭކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގައި ކަނޑައަޅާފައިވާ އިޖުރާއީ ކަންކަން ފުރިހަމަކުރެވިފައިނުވާ ކަމަށް ގަބޫލުކުރެވޭނަމަ، އެ މައްސަލަ އިޖުރާއީ ގޮތުން ބަލައި، އެ މައްސަލައާމެދު ގޮތެއް ނިންމައިދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، ށަކުވާ ހުށަހެޅިފައިވާ ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީގެ ނިންމުން މައުޒޫއީ ގޮތުން ބަލައި، އެ ނިންމުމުގެ ސައްހަކަން ޖުޑީށަލް ރިވިޔުގެ އުސޫލުން ކަނޑައެޅުމުގެ އިހްތިސާސް ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންނުވެއެވެ.

 

60-21 ވަނަ މާއްދާ - ރިހެބިލިޓޭށަން އަދި ރީ - އިންޓަގްރޭށަން ޕްރޮގްރާމްތައް (އިތުރު ކުރެވިފައި)

 (ހ) ެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް، އެފަދަ އަމަލުތަކުން ދުރުކޮށް، މުޖްތަމަގަށް އަނބުރާ ރުޖޫގަވުމަށްޓަކައި، ރިހެބިލިޓޭށަން ޕްރޮގްރާމްތައް މިނިސްޓަރު ހިންގަންވާނެއެވެ. އަދި މި މާއްދާގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި، އެ ޕްރޮގްރާމްތައް ހިންގޭނެ ގޮތުގެ ތަފްސީލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތައް، އަންނަނިވި ފަރާތްތަކުގެ މައްޗަށް ހިންގިދާނެއެވެ.

  1. މި ގާނޫނުގައި ބަޔާންކުރާ މޮނިކޮން އަމުރެއް އެމީހެއްގެ މައްޗަށް ނެރެފައިވާ ކޮންމެ މީހެއް؛
  2. މި ގާނޫނުގެ 3-60 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާގެ މެންބަރުން ؛
  3. މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ މީހުން.

(ނ) މި ގާނޫނުގެ ދަށުން ރިހެލިބިޓޭށަން ޕްރޮގްރާމެއްގައި ވަކި ފަރާތެއް ބައިވެރިވާންޖެހޭ ކަމަށް ކަނޑައަޅާނީ، އަދި އެފަރާތަކުން ބައިވެރިވާންޖެހޭ ރިހެބިލިޓޭށަންގެ ބާވަތާއި ތަފްސީލުތައް ކަނޑައަޅާނީ، މި ގާނޫނުގެ 16-60 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީންނެވެ.

 

60-22 ވަނަ މާއްދާ - މުޖްތަމަގަށް އަނބުރާ ދޫކުރުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 21-60 ވަނަ މާއްދާގެ ދަށުން ރިހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތްތަކުން، އެ ޕްރޮގްރާމްތައް ފުރިހަމަކޮށް، މުޖްތަމައަށް ރުޖޫގަވުމަށް ތައްޔާރުވެފައިވާކަން ކަނޑައެޅުމަށްޓަކައި ހަދާ އެސެސްމަންޓެއް ހެދުމަށްފަހުގައި މެނުވީ، މި ގާނޫނުގެ 21-60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އެއްވެސް ފަރާތެއް، އަނބުރާ މުޖްތަމަގަށް ދޫކޮށްގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެސެސްމަންޓް ހަދާނީ، މި ގާނޫނުގެ 16-60 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީންނެވެ.

(ނ) ރިހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތެއް މުޖްތަމަގަށް އަނބުރާ ދޫކުރުމުގެ ކުރިން ހަދަންޖެހޭ އެސެސްމަންޓް ހެދުމުގައި ރިގާޔަތްކުރަންޖެހޭ ކަންކަމާއި، ކަމާގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ދިހަވަނަ ބާބު (ސުރުހީ އިސްލާހު ކުރެވިފައި)

އެހެނިހެން

61 ވަނަ މާއްދާ – އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަނަބަރު 10/1990 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އުވުނީއެވެ.

 

62 ވަނަ މާއްދާ – ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިުކުރާ ދުވަހުން ފެށިގެންނެވެ.

 

63 ވަނަ މާއްދާ – ގަވައިދު ހެދުން

(ހ) ޓެރަރިޒަމް މަނާކުރުމާއި ހުއްޓުވުމާއި ގުޅޭގޮތުން މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކަށް އަމަލުކުރުމަށްޓަކައި ހަދައި ހިންގަންޖެހޭ ގަވައިދުތައް މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި އިއުލާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެދޭ އެއްވެސް ގަވައިދަކީ، މި ގާނޫނުގެ މަގުސަދުތަކާ ފުށުއަރާ، ނުވަތަ މި ގާނޫނުން އަމަލުކުރުމަށް ލާޒިމުކުރާ ހާއްސަ އިޖުރާއަތުތައް ނަފީވާނެ، ނުވަތަ އެ އިޖުރާއަތުތަކަށް އަމަލުކުރުމަށް ހުރަސްއެޅޭނެ ގަވައިދަކަށް ވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގަވައިދު ހަދާނީ މިނިސްޓަރެވެ.

 

63-1 ވަނަ މާއްދާ - ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކާ ގުޅޭ ސިއްރު ރިޕޯޓު (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކާ ގުޅޭ ސިއްރު ރިޕޯޓެއް، ކޮންމެ 6 (ހައެއް) މަހަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ރިޕޯޓުގައި އަންނަނިވި މަގުލޫމާތު ހިމެނެންވާނެއެވެ.

  1. މި ގާނޫނުގެ ދަށުން ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ގަދަދު.
  2. ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ހުލާސާ.
  3. މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުނު ފަރާތްތަކުގެ މަގުލޫމާތާއި، އެކަން އެގޮތަށް ނިންމަންޖެހުނު ސަބަބާއި، އެކަމަށް ހުއްދަދިން ފަރާތުގެ މަގުލޫމާތު.
  4. ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރެވުނު މީހުންގެ ގަދަދާއި، ބަލައި ފާސްކުރެވުނު ތަންތަނާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މަގުލޫމާތު.
  5. ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރެވުނު މީހުންގެ ގަދަދާއި، އެކަމަށް ހުއްދަދިން ފަރާތުގެ މަގުލޫމާތު.
  6. ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހުށަހެޅޭ ފަރާތްތަކުގެ ގަދަދާއި، އެކަމާމެދު ކޯޓުން ނިންމާފައިވާ ނިންމުމުގެ ތަފްސީލު.
  7. މި ގާނޫނުގެ ދަށުން ރިސްކް އެސެސްމަންޓް ހެދުނު ފަރާތްތަކާއި، އެފަރާތްތަކާމެދު ނިންމި ގޮތް.
  8. މި ގާނޫނުގެ ދަށުން ރިހެބިލިޓޭށަން ޕްރޮގްރާމް ހިންގުނު ފަރާތްތަކުގެ ތަފްސީލު.
  9. ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާމެދު ދެކޭ ގޮތް.

(ށ) މި ގާނޫނުގެ ދަށުން ދަގުވާކުރެވޭ ފަރާތްތަކާއި، އެފަރާތްތަކުގެ މައްޗަށް ކުރެވޭ ދަގުވާތަކާއި، މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާއަކުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގާނޫނުއަސާސީގެ ދެ ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ހައްގެއް ހިފެހެއްޓޭނަމަ ނުވަތަ ހަނިކުރެވޭނަމަ، އެ ހާލަތުގައި އެ ތަންފީޒީ އިދާރާއަކުން އަމަލުކޮށްފައިވާ ގޮތާމެދު ދެކޭގޮތް ބަޔާންކޮށް ކޮންމެ 6 (ހައެއް) މަހަކުން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އަދި ހިއުމަން ރައިޓްސް ކޮމިށަނަށް ރިޕޯޓެއް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓެއްގައި ތަހްގީގަށް ހުރަސްއެޅޭފަދަ މަގުލޫމާތެއް ހިމެނޭނަމަ، އެފަދަ މަގުލޫމާތެއް ނުހިމެނުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

64 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިންދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހަނގުރާމަވެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، އޮޓޮމެޓިކް އަދި އެނޫންވެސް ބަޑިއާއި ގޮވާތަކެތި ހިމެނޭގޮތުން، އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކު މަރާލެވިދާ ފަދަ ގޮތަށް ފަރުމާކޮށްފައި ހުންނަ ނުވަތަ މީހަކު މަރާލުމުގެ ގާބިލުކަން ހުރި ކޮންމެ ހަތިޔާރަށެވެ (އިސްލާހު ކުރެވިފައި)

(ށ) "ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން ހިފެހެެއްޓުމެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒަށެވެ.

(ރ) "މޮނިޓަރ" ކަމަށް ބުނެފައި އެވަނީ، މީހަކު އުޅޭނޫލޭގޮތް ބަލަމުން ގެންދިއުމެވެ.

(ބ) "މޮނިކޮން" ކަމަށް ބުނެފައި އެވަނީ، މޮނިޓަރ ކުރުމާއި ކޮންޓްރޯލް ކުރުމަށެވެ.

(ޅ) "ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާތަކެއްޗާއި، އަލިފާންރޯވެދާފަދަ ތަކެއްޗެވެ. އޭގެތެރޭގައި ވަކިވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.

(ކ) "ގައުމީ ސަލާމަތާބެހޭ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާބެހޭ މަޖިލީހެވެ.

(އ) ގާނޫނު ތަންފީޒުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި، ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާ ފަރާތަށާއި، މި ގާނޫނުގެ ދަށުން ކުށްކުރާކަމަށް ތުހުމަތުކުރެވޭ މީހުންގެ ތަހުގީގާއި އަދި މި ގާނޫނުގެ ތިންވަނަ އަދި ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި މިނިސްޓަރާއި، ދިވެހި ފުލުހުންގެ ހިދުމަތާއި އަދި އެނޫނަސް ގާނޫނު ތަންފީޒުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ދައުލަތުގެ އެހެން މުވައްސަސާތައް ހިމެނޭ ގޮތަށެވެ.

(ވ) "ގޮވާތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކުރެވިފައިވާ ނުވަތަ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން، ނުވަތަ އާންމު ބޭނުންތަކަށް ބޭނުންކުރެވޭ ތަކެއްޗާއި އެއްވެސް ކެމިކަލެއް ނުވަތަ މައުދަނެއް ނުވަތަ ގޭހެއް އެއްކޮށްގެން އުފައްދާ އެއްޗެހީގެ ތެރެއިން، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔަލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭގޮތުން، އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ (އިސްލާހު1 އިސްލާހު 2 ކުރެވިފައި)

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

އުވާލެވުނު ގާނޫނު

ޓެރަަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/1990)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ރިހެބިލިޓޭށަންއާއި ރީ-އިންޓެގްރޭށަންއާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 58/2021)
  2. ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 57/2021)
  3. ޓެރަރިޒަމުގެ ކުށުގައި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1/2018)

ކިޔުންތެރިންގެ ހިޔާލު