-

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2018-69)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2024-41 ގެ 25 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާބެހޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށްޓަކައި ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" އެވެ.

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ؛

(ހ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް، ބިން ދޫކުރުމުގައި، އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ގާއިމުކުރުން.

(ށ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް، ދައުލަތުގެ އިދާރާތާއް ބިން ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން.

(ނ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް، ބިން ކުއްޔަށް ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން. 

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ ބިމާބެހޭ ކަންކަން ބެލެހެއްޓުމަށް ރައިސުލްޖުމްހޫރިއްޔާ އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.

 

4 ވަނަ މާއްދާ - ބިން ދޫކުރުން

މި ގަވާއިދުގެ ބޭނުމަށްޓަކައި ބިން ދޫކުރުމުގެ ތެރޭގައި އަންނަނިވި ގޮތްތަކަށް ބިން ދޫކުރުން ހިމެނެއެވެ.

(ހ) ބިން ކުއްޔަށް ދިނުން.

(ށ) ހިންގައި ބެލެހެއްޓުމަށް ބިން ހަވާލުކުރުން. 

 

5 ވަނަ މާއްދާ - ބީލަމުގެ އުސޫލުން ބިން ދޫކުރުން 

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިން ދޫކުރާ ހާލަތްތައް ފިޔަވައި އެހެނިހެން ހާލަތްތަކުގައި ބިން ދޫކުރަންވާނީ ބީލަމުގެ އުސޫލުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބީލަމުގެ އުސޫލުން ދޫކުރާ ބިންތައް ކުއްޔަށް ދިނުމަށް ކުރާ އިއުލާނުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ. 

  1. ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު (ބިން އޮތް ތަނާއި، ބިމުގެ ބޮޑުމިނާއި، ބިމުގެ ސިފައާއި، ބިމުގެ ބާވަތާއި، ބިމުގައި ކުރެވޭނޭ ބޭނުން)
  2. ބިން ދޫކުރާ މުއްދަތު.
  3. ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ ގޮތް.  
  4. ފޯޯމު ހުށަހަޅަންޖެހޭ މުއްދަތު.
  5. ބިން ފޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހާއްސަ ށަރުތުތަކެއް ފުރިހަމަވާންޖެހޭނަމަ އެ ށަރުތުތައް. 
  6.  ބިން ދޫކުރުމަށް ބޭނުންވާ އެހެނިހެން މައުލޫމާތު. 

 

6 ވަނަ މާއްދާ - ބިން ދޫކުރާ ފަރާތް

(ހ) މި ގަވާއިދުގެ ދަށުން ބިން ދޫކުރާނީ، ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންނެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންނެވެ. (އިސްލާހު ކުރެވިފައި) 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ދައުލަތުގެ ބިންތައް ހަވާލުކުރާނީ މިނިސްޓްރީންނެވެ (އިސްލާހު ކުރެވިފައި) 

 

7 ވަނަ މާއްދާ - ބިން ދޫކުރުމުގައި ބަލަންޖެހޭ މައިގަނޑު ކަންތައްތައް   

(ހ) މި ގަވާއިދުގެ ދަށުން ތަފާތު ބޭނުންތަކަށް ބިން ދޫކުރުމުގައި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގައި ހިމެނޭ މިންގަނޑުތަކަށް ބަލަންވާނެއެވެ.

(ށ) ތަފާތު ބޭނުންތަކަށް އެ ރަށަކުން ނުވަތަ އެ ސިޓީއަކުން ބިންތައް ކަނޑަ އަޅަންވާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެމަތީން ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންނެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންނެވެ ( އިސްލާހު ކުރެވިފައި) 

 

8 ވަނަ މާއްދާ - ބީލަމަށް ހުޅުވައިނުލައި ދޫކުރެވޭނެ ބިން

(ހ) މި ގަވާއިދުގެ ދަށުން ބީލަމަށް ހުޅުވައި ުނލައި ބިން ދޫކުރެވެނީ އަންނަނިވި ބޭނުންތަކަށެވެ.

  1. އެކިއެކި ބޭނުންތަކަށް ދައުލަތުގެ މުއައްސަސާތަކަށް ދޫކުރާ ބިން.
  2. އާންމު އިޖްތިމާއީ ބޭނުމަށް ދޫކުރާ ބިން. 
  3. ކްލަބް، ޖަމްއިއްޔާތަކުގެ އިދާރީ މަރުކަޒު އެޅުމަށް ދޫކުރާ ބިން.
  4. މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  5. ދަނޑުވެރިކަމުގެ މަސައްކަތަށް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން. (އިސްލާހު ކުރެވިފައި)
  6. ޖަނަވާރު ގެންގުޅުމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  7. އާންމު ހިދުމަތްތަކަށް ދޭ ބިން.
  8. ދައުލަތުގެ އިދާރާއަކާ ގުޅިގެން މަސައްކަތް ކުރާ ބޭރު ގައުމެއްގެ އެމްބަސީ ނުވަތަ  ބައިނަލްއަގުވާމީ އިދާރާއެއްގެ ބޭނުމަށް ބިން ދޫކުރުން.
  9. މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކުރާ  އޮޑިވަޅު ބިން.
  10. އާންމު ޒަރޫރީ ބޭނުންތަކަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  11. މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން  ގާޑިޔާ ހިންގުމަށް 1 (އެކެއް) އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
  12. ސާފުކޮށް ބެލެހެއްޓުމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.  

(ށ) ސަރުކާރުގެ އިދާރާތަކުން ރާވައި ހިންގާ ބޮޑެތި މަށްރޫއުތައް ހިންގުމަށް އެފަރާތްތަކަށް ދޫކުރާ ބިން، އެ މަށްރޫއު ހިންގާ އިދާރާތަކުން އެހެން ފަރާތްތަކަށް ކުއްޔަށްދިނުމަށް ބޭނުންވާނަމަ އެ ބިން ކުއްޔަށްދޭންވާނީ މިނިސްޓްރީން ކަނޑައަޅައިފައިވާ ހަމަތަކާ  އެއްގޮތްވާގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ބިމަށް ކުލި ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ހ) ގެ (4)، (5)، (6)، (9)، (10)، (11) އަދި (12) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ބިންތަކުގައި، އެ ބިންތައް ކުއްޔަށް ދޫކުރާ މުއްދަތަށްވުރެ ގިނަ ދުވަހަށް ދެމިހުންނަ ފަދަ ބޮޑެތި އިންވެސްޓްމަންޓުތައް ކޮށްގެން ނުވާނެއެވެ. 

 

9 ވަނަ މާއްދާ - ބިމުގެ ކުލި ކަނޑައެޅުން (އިސްލާހު ކުރެވިފައި)

(.ހ) އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި ، އިގްތިސާދީ ފުދުންތެރިކަމަށާއި، ބިމުގެ ޑިމާންޑް ހުރި މިންވަރަށް ބަލައި، ރަށުގެ ނުވަތަ ސިޓީގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅައިފައިވާ އެ ސަރަ ހައްދުގެ ބިމުގެ އަގަށް ރިއާޔަތްކޮށް، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެންމެ ކުޑަ ކުލި ކަނޑައެޅުމުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭނުގައި ވާ ގޮތުގެ މަތީން އެ ސަރަހައްދުގެ ބިމުގެ އަގުކަމަށް ކަނޑައަޅައިފައިވާ އަގަށް ރިއާޔަތްކޮށް، އެ އަގަށްވުރެ ކުޑަނުވާނޭ ގޮތެއްގެ މަތީން ހިސާބުކޮށް ކުލި ކަނޑައެޅޭކަން، ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ،  އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ކަށަވަރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އެންމެ ކުޑަ ކުލި، ދިވެހި  ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ށާއިއު ކުރަންވާނެއެވެ. 

(ރ) މި މާއްދާގެ ދަށުން ކަނޑައަޅާ އެންމެ ކުޑަކުލި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި އިގްތިސާދީ ފުދުންތެރިކަމަށާއި ބިމުގެ ޑިމާންޑަށް ބަލައި، ކޮންމެ 2 (ދޭއް) އަހަރުން އެއްފަހަރު މުރާޖައާކޮށް ބަދަލު ގެނައުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ތަފާތުކުރުމުގެ އިހްތިޔާރު، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށް ލިބިގެންވެއެވެ. ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅަންވާނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައި ލާ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

10 ވަނަ މާއްދާ - ބިން ދޫކުރާ މުއްދަތު

(ހ) ބިން ދޫކުރާ މުއްދަތު ކަނޑައަޅާނީ، ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިންނެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންނެވެ.  ( އިސްލާހު ކުރެވިފައި) 

(ށ) ބިން ދޫކުރާނެ މުއްދަތު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ބިން ދޫކުރާ ބޭނުން.
  2. ދޫކުރާ ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ އިންވެސްޓްމަންޓް.  
  3. ދޫކުރާ ބިމުގައި ކުރާ އިންވެސްޓްމަންޓުގެ ސަބަބުން އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނޭ މަންފާތައް. 

(ނ) (އިސްލާހުކުރެވި އުނިކުރެވިފައި)

(ރ) ( އުނިކުރެވިފައި)

(ބ) (އުނިކުރެވިފައި)

 

11 ވަނަ މާއްދާ - މުއްދަތު އިތުރުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު އިތުރުކުރުމަށް އެދި، ބިން މުއްދަތު އިތުރުކުރުން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ބިން ދޫކުރެވިފައިވާ ފަރާތުން ހުށަހަޅައިފިނަމަ، އެ ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކޮށްގެން އެސެސްމަންޓް ހެދުމަށްފަހު، އެ އެސެސްމަންޓުގެ ނަތީޖާއަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު، ބިން ދޫކުރާ ފަރާތަށް ލިބިގެންވެއެވެ. (އިސްލާހު1، އިސްލާހު2 ކުރެވިފައި)

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ބިން ދޫކުރާނަމަ، ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ކުރާ އިއުލާނުގައި، މި މާއްދާގެ ދަށުން މުއްދަތު އިތުރުކުރެވޭނެ އެންމެ ގިނަ މިންވަރު ބަޔާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރުކުރާއިރު އެ އިރެއްގެ މާކެޓް ރޭޓަށާއި މި މާއްދާގެ (ރ) ގައިވާ ކަންކަމަށް ރިއާޔަތްކޮށްގެން، ބިމުގެ ކުއްޔަށް ބަދަލު ގެނައުމުގެ ބާރު ބިން ދޫކުރާ ފަރާތަށް ލިބިގެންވެއެވެ (އިސްލާހު ކުރެވިފައި) 

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެސެސްމަންޓް ހެދުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓް ރައްކާތެރިކުރުން.
  2. މުއްދަތު އިތުރުކުރުމަށް އެދިފައިވާ ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ސަބަބުން އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނޭ މަންފާތައް.
  3. އިތުރުކުރުމަށް އެދިފައިވާ މުއްދަތުގެ ތެރޭގައި، ސަރުކާރުގެ ތަރައްގީގެ ޕްލޭންގައި އެ ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ ބޭނުން.
  4. ބިން ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި ބިމުގެ ބޭނުންކޮށްފައިވާ މިންވަރު. 

 

12 ވަނަ މާއްދާ - ބިން ދޫކުރާ އެއްބަސްވުން އެކުލަވައިލުން

(ހ) މިގަވާއިދުގެ ދަށުން ބިން ދޫކުރަންވާނީ އެ ބިން ދޫކުރާ ފަރާތާއި އެ ބިމާ ހަވާލުވާ ފަރާތާ ދެމެދު ވާ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެފަރާތުގެ ދެމެދުގައި ވާ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ  (އިސްލާހު ކުރެވިފައި)

  1. ބިން ދޫކުރާ ފަރާތުގެ މައުލޫމާތު.
  2. ބިމާ ހަވާލުވި ފަރާތުގެ މައުލޫމާތު.
  3. ދޫކުރާ ބިމުގެ ތަފުސީލު.
  4. ދޫކުރާ ބިމުގައި ކުރެވޭނެ ބޭނުން.
  5. ބިން ދޫކޮށްފައިވާ ބޭނުން ނޫން ބޭނުމަކަށް ބިން ބޭނުންކޮށްފިނަމަ އަޅާނެ ފިޔަވަޅު.
  6. ބިން ދޫކުރާ މުއްދަތު.
  7. ދޫކުރާ ބިމަށް ބިމު ކުއްޔެއް ނަގާނަމަ، ކުލީގެ މިންވަރާއި ކުލި ދައްކަންޖެޭހ ގޮތާއި، ކުލި ނުދައްކައިފިނަމަ ޖޫރިމަނާވާނެ މިންވަރާއި އަޅާނެ ފިޔަވަޅު.
  8. ބިން ރަހުނު ކުރުމަށް ހުއްދަ ދޭކަން ނުވަތަ ނޫންކަމާއި ރަހުނު ކުރުމަށް ހުއްދަ  ދޭނަމަ އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް.
  9. ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތިންކަން.
  10. އެއްބަސްވުން ބާތިލުކުރެވޭނެ ގޮތްތައް.
  11. އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅު.
  12. ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހިމެނު ްނ ލާޒިމުކޮށްފައިވާ މި ނޫން އެހެނިހެން ކަންކަން.
  13. ބިން ދޫކުރުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މައުލޫމާތުތައް. 

 

13 ވަނަ މާއްދާ - ދޫކުރާ ބިމުގެ ބޮޑުމިން

(ހ) ދޫކުރާ ބިމުގެ ބޮޑުމިން ކަނޑައަޅާނީ ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެއިދާރާއިންނެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުގެ އިދާރާއިންނެވެ (އިސްލާހު ކުރެވިފައި) 

(ށ) (އިސްލާހުކުރެވިއުނިކުރެވިފައި

(ނ) (މާއްދާއިން އުނިކުރެވިފައި

 

14 ވަނަ މާއްދާ - ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބޭނުމަށް ދޫކުރުން 

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތައް ދޫކުރަންވާނީ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލައި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ (އިސްލާހު ކުރެވިފައި) 

(ށ) (އުނިކުރެވިފައި

15 ވަނަ މާއްދާ - (އުނިކުރެވިފައި

 

16 ވަނަ މާއްދާ - ބިމުގެ ބޭނުންކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިން ބޭނުންކުރަންވާނީ، ހަމައެކަނި އެ ބިން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ބޭނުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބިން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް ބިން ބޭނުންކުރަމުންދާނަމަ، ބިން ދޫކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދުން ޖޫރިމަނާކުރުމާއެކު ބިން ދޫކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - މައްސަލަ ހައްލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ތަފާތު ބޭނުންތަކަށް އެކި ފަރާތްތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ކައުންސިލަކުން އަމަލުކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދާ ހިލާފަށް ބިމެއް ދޫކޮށްފިނަމަ، އެބިމެއްގެ އެއްބަސްވުން ބާތިލްކޮށް، އެ ބިން ދޫކުރެވިފައިވާ ފަރާތުގެ ކިބައިން ވަކިކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

18 ވަނަ މާއްދާ - ބިމުގެ ބަޖެޓް ކަނޑައެޅުން

(ހ) ކޮންމެ ރަށަކާއި ކޮންމެ ސިޓީއެއްގައި ހުސް ބިން ހުރި ނިސްބަތަށް ބަލައިގެން، ކޮންމެ އަހަރެއްގެ ތެރޭގައި ތަފާތު ބޭނުންތަކަށް ދޫކުރަން ބޭނުންވާ ބިމުގެ އަދަދާއި، ސައިޒާއި، ބިން ދޫކުރާނެ މުއްދަތާއި، ބޭނުމާއި، މިހާރު ދޫކޮށްފައިވާ ބިންތަކުގެ މައުލޫމާތާއެކު އެ އަހަރުގެ ބިމުގެ ބަޖެޓް އެކުލަވައިލައި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްތަކުން އެކުލަވައިލާ އަހަރީ ބަޖެޓުގައި ހިމަނަން ވާނެއެވެ (އިސްލާހު ކުރެވިފައި)

(ށ) (އުނިކުރެވިފައި)

(ނ) މި ގަވާއިދުގެ ދަށުން ސިޓީތަކާއި ރަށްރަށުން ބިން ދޫކުރުމުގެ ހުއްދައަށް އެދެންވާނީ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބިމުގެ ބަޖެޓު މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރުމަށްފަހުގައެވެ.

 

19 ވަނަ މާއްދާ - ދޫކުރާ ބިންތަކުގެ ރެކޯޑް ބެލެހެއްޓުން 

(ހ) ސިޓީތަކާއި ރަށްރަށުން ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ދޫކުރާ ބިންތަކާބެހޭ ތަފުސީލު (ބިން އޮތް ތަނާއި، ބިމުގެ ސައިޒާއި، ބިމުގެ ސިފައާއި، ބިމުގެ ބާވަތާއި، ބިމުގައި ކުރާ ބޭނުން، ބިން ދޫކުރެވުނު މުއްދަތާއި، ބިން ދޫކުރެވުނު ތާރީހާއި، ބިމުގެ މުއްދަތު ހަމަވާ ތާރީހާއި، ބިން ދޫކުރި ފަރާތާއި، ބިން ދޫކުރެވުނު ފަރާތުގެ މައުލޫމާތު) ކޮންމެ ރަށެއްގައްޔާއި، ކޮންމެ ސިޓީއެއްގައި ވަކިވަކިން ބަލަހައްޓަންވާނެއެވެ. މި މައުލޫމާތު ބަލަހައްޓާނީ، ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ރަށެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ. އަދި ސިޓީއެއްގައިނަމަ އެ ސިޓީއެއްގެ ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަލަހައްޓާ މައުލޫމާތުތައް ކޮންމެ މަހަކު އެއްފަހަރު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) (އުނިކުރެވިފައި)

(ރ) (އުނިކުރެވިފައި

(ބ) (އުނިކުރެވިފައި

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައުކުރުން  

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބިން ދޫކުރުމަށް ވެފައިވާ އެއްބަސްވުމެއްގެ މުއްދަތު އައު ކުރާނަމަ، އެފަދަ އެއްބަސްވުމެއްގެ މުއްދަތު އައު ކުރުމުގައި އަމަލުކުރަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

21 ވަނަ މާއްދާ - އުސޫލު ހެދުން

މި ގަވާއިދު ތަންފީޒުކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ. 

 

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

(ހ) މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން "ދިރިއުޅުމަށް ދޫކުރާ ބަންޑާރަގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިންދޫކުރުމާބެހޭ ގަވާއިދު" އުވުނީއެވެ.  (ނޯޓް: މި ގަވާއިދު އަދި އަޕްލޯޑްކޮށް ލިންކު ނުރެވި)

23 ވަނަ މާއްދާ - މާނަކުރުން

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބިމާ ބެހޭ ކަންކަން ބެލެހެއްޓުން ރައިސުލްޖުމްހޫރިއްޔާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.   (އިސްލާހު1، އިސްލާހު2 ކުރެވިފައި)

(ށ) "އާންމު ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހޮސްޕިޓަލްތަކާއި، މަދަރުސާތަކާއި، ޓެލެކޮމިއުނިކޭށަން ޓަވަރުތަކާއި، އިންޖީނުގެތަކާއި، ފެން ޕްލާންޓްތަކާއި، ނަރުދަމާ ފަދަ އާންމު ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދެވޭ ހިދުމަތްތަކަށެވެ.

(ނ) "އާންމު ޒަރޫރީ ބޭނުން" ކަމަށް ބުނެފައި އެވަނީ، ދުވަހުން ދުވަހަށް ރައްޔިތުން ކުރަންޖެހޭ މަސައްކަތުގައި ވަގުތީގޮތުން ބިމެއްގައި ކޮންމެހެން އެއްޗެއް ބަހައްޓާލަންޖެހޭ ހާލަތުގައި އެ ބޭނުމަކަށެވެ.

(ރ) "އޮޑި ވަޅުބިން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރުދު ްނނަށް އެމީހެއްގެ އަމިއްލަ ކަނޑު އުޅަނދެއް ބަނުމަށް ނުވަތަ މަރާމާތު ކުރުމަށް ވަގުތީގޮތުން ދޫކުރެވޭ ބިމަށެވެ.

(ބ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ބިމާ ބެހޭ ކަންކަން ބެލެހެއްޓުން ރައިސުލްޖުމްހޫރިއްޔާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ. (އިތުރުކުރެވިއިސްލާހު ކުރެވިފައި)

 

އުވި ގަވާއިދު

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2024-41 ގެ 25 ވަނަ މާއްދާއިން އުވާލެވިފައި)

 

ކޮންސޮލިޑޭޓް ކުރެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

މައި ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-69)

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ކިޔުންތެރިންގެ ހިޔާލު