ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 9 ވަނަ އިސްލާހު ގެނައުން
(އެހެނިހެން ނަންބަރު 2026-06)
(މި މިންގަނޑަށް އަމަލުކުރަން ފެށީ 4 ޖޫން 2026 ގައި)
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހުތައް ގެނައުން
1 ވަނަ މާްދާ - ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް މިންގަނޑު ނަންބަރު ނަންބަރު 28-އެސްޓީ/2026/އެންޕީސީ-478 (ރީއެމްޕްލޯއިމަންޓް) އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި، އިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑު، އިތުރުކުރުން
ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑު
ތައާރުފު 1.
މިއީ ގާނޫނު ނަންބަރު 2026-01 (ރީ-އެމްޕްލޯއިމަންޓް) ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނެ ގޮތް ބަޔާންކުރާ މިންގަނޑެވެ.
މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމުގައި ގެންގުޅޭނެ ހަމަތައް 2.
(ހ) ރީއެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސާނީ ޕެންށަން ހައްގުވިއިރު މުވައްޒަފު ހުރި މަގާމުގެ (ވަޒީފާގެ) މަސްއޫލިއްޔަތާއި މަސްއޫލިއްޔަތުތައް އަދާކުރާނެ ވަގުތާއި ދުވަސްތަކަށް އެއްވެސް އުނިއިތުރެއް ނާންނަ ގޮތަށް ކަމުގައިވާ ނަމަ، އެ މަގާމަކަށް މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމުގައި ބަލާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން އެ މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކަށް އުނިއިތުރެއް ނާންނަ ގޮތަށެވެ. މިގޮތުން، އެ މަގާމު އޮތް އިދާރާއަކީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިނުވާ އިދާރާއެއް ކަމުގައިވާ ނަމަ ހަމަޖައްސާނީ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވެގެން އެ މުވައްޒަފަކު، ވަޒީފާއިން ވަކިވިއިރު، އެ މުވައްޒަފު ހުރި މަގާމަކަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކެވެ. އަދި އެ އިދާރާއެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުން، ދައުލަތުގެ ޕޭ ފްރޭމްވަރކުގައި މަގާމަށް ކަނޑައަޅައިފައިވާ ގޮތަށް މުސާރައާއި، އިނާޔަތްތަކަށް ބަދަލުގެންނަންވާނެއެވެ.
(ށ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސަނީ ރީ-އެމްޕްލޯއިމަންޓް ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގައިފައިވާ 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމާ ގުޅިގެން ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައިވާ ނަމަ، އަދި ފުލްޓައިމް ވަޒީފާ އަދާކުރާ ފަރާތްތަކާ އެއްފަދައިން ވަޒީފާ ހަމަޖައްސާ ކަމުގައިވާ ނަމަ، އެ މަގާމަކަށް މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމުގައި، ބަލާނީ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި، އެ މަގާމުގެ މަސްއޫލިއްޔަތު ނިސްބަތްވާ ޖޮބް މެޓްރިކްސްގައި އެ މަގާމުގެ މަސްއޫލިއްޔަތާ ގުޅޭ ރޭންކުގެ މުސާރައާއި އިނާޔަތްތަކަށް، އުނިއިތުރެއް ނާންނަ ގޮތަށެވެ.
(ނ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސާނީ ވަޒީފާގެ މަސްއޫލިއްޔަތާއި އެ މަސްއޫލިއްޔަތުތައް އަދާކުރާނެ ވަގުތާއި ދުވަސްތަކަށް އެއްވެސް އުނިއިތުރެއް ނާންނަ ގޮތަށް، އިދާރާއަށް ހާޒިރުވެގެން ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ގޮތަށް ކަމުގައިވާ ނަމަ، މުސާރައާއި އިނާޔަތްތައް ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް އައްޔަނުކުރާ ހާލަތްތަކުގައި މުސާރައާއި އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅައިފައިވާ ގޮތަށެވެ. މިގޮތުން، އެ މަގާމު އޮތް އިދާރާއަކީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިނުވާ އިދާރާއެއް ކަމުގައިވާ ނަމަ، ހަމަޖައްސާނީ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވެގެން އެ މުވައްޒަފަކު ވަޒީފާއިން ވަކިވިއިރު، އެ މުވައްޒަފު ހުރި މަގާމަކަށް ލިބެމުންދިޔަ މުސާރައާއި، އިނާޔަތްތަކެވެ. އަދި އެ އިދާރާއެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުން، ދައުލަތުގެ ޕޭ ފްރޭމްވަރކުގައި އެ މަގާމަށް ކަނޑައަޅައިފައިވާ ގޮތަށް، މުސާރައާއި އިނާޔަތްތަކަށް ބަދަލުގެންނަންވާނެއެވެ.
(ރ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސަނީ ވަޒީފާގެ މަސްއޫލިއްޔަތުތައް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ގޮތަށް، ކަމުގައިވާ ނަމަ، މުސާރައާއި އިނާޔަތްތައް ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި، ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް އައްޔަނުކުރާ ހާލަތްތަކުގައި މުސާރައާއި އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ގޮތަށެވެ.
(ބ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސަނީ ވޭޖް އުސޫލުންނާއި މަސައްކަތްކުރާ ގަޑިއަށް ބިނާކޮށް ކަމުގައިވާ ނަމަ، މުސާރައާއި އިނާޔަތްތައް ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް އައްޔަނުކުރާ ހާލަތްތަކުގައި މުސާރައާއި އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ޅ) ގައި ކަނޑައަޅައިފައިވާ ގޮތަށެވެ.
(ޅ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސަނީ މަސައްކަތް ފުރިހަމަކުރާ މިންވަރަށް (ޑެލިވަރަބަލްސްއަށް) ބިނާކޮށް އިނާޔަތް ދޭ ގޮތް ކަމުގައިވާ ނަމަ، މުސާރައާއި އިނާޔަތްތައް ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި، ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް އައްޔަނުކުރާ ހާލަތްތަކުގައި މުސާރައާއި އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ކ) ގައި ކަނޑައަޅައިފައިވާ ގޮތަށެވެ.
(ކ) ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސާ މަގާމު އޮތް އިދާރާއަކީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިނުވާ އިދާރާއެއް ކަމުގައިވާ ނަމަ، އަދި ވަޒީފާ ހަމަޖައްސަނީ ވަޒީފާގެ މަސްއޫލިއްޔަތާއި މަސްއޫލިއްޔަތުތައް އަދާކުރާނެ ވަގުތާއި ދުވަސްތަކަށް އުނިއިތުރު އަންނަ ގޮތަށް ކަމުގައިވާ ނަމަ، މުސާރައާއި އިނާޔަތްތައް ދޭނީ ފުލްޓައިމް ވަޒީފާއަކަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކާ އަޅައިބަލައި، ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސާ ފަރާތް މަސައްކަތްކުރާނެ ވަގުތަށް ރިއާޔަތްކޮށް މުސާރައާއި އިނާޔަތްތަކުގެ ރޭޓް ކަނޑައަޅައި، މަސައްކަތްކުރާ ވަގުތަށެވެ.
(އ) މި މާއްދާގެ ދަށުން، ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް ޕެންށަން ފައިސާ ލިބިދިނުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ޕެންށަން އޮފީހުން ޕެންށަން ފައިސާ ލިބިދިނުމުގައި ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.
ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓުގެ އުސޫލުން ވަޒީފާ ހަމަޖައްސާ އިރު މުސާރައާއި އިނާޔަތްތައް ކަނޑައެޅުން 3.
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާ ފަރާތަކީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އެ ފަރާތެއްގެ ހިދުމަތް އިދާރާއަށް ކޮންމެހެން ހޯދަންޖެހޭނެ ފަރާތެއް ކަމުގައިވާ ނަމަ، މި މިންގަނޑުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ ތަފާތުކޮށް އެފަދަ ފަރާތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ އިހުތިޔާރު ނޭށަނަލް ޕޭ ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތެއް ކަމުގައި ނޭށަނަލް ޕޭ ކޮމިށަނުން ބަލާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) ގައި، ގާނޫނު ނަންބަރު 1997-01 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު) ގެ ދަށުން ދިވެހި ދައުލަތުން ދޭ އިއްޒަތާއި ށަރަފު އަރުވައި ފައިވާ
ފަރާތްތަކެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މުސާރައާއި އިނާޔަތްތައް ހަމަޖައްސަންޖެހޭނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފާހަގަކުރެވޭ ހާލަތްތަކުގައި، އެ ފަދަ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހަޅައި، އެ ކޮމިށަނުން ނިންމާ ގޮތެއްގެ މަތީންނެވެ.
2 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ފްރޭމްވަރކް
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (އެހެނިހެން ނަންބަރު 2022)
ކޮންސޮލިޑޭޓެޑް ފްރޭމްވަރކް
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)
ކިޔުންތެރިންގެ ހިޔާލު