ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

0 occurrences found.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2/1999)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރާނެ ސަރަހައްދުތަކާއި ރަށްރަށް ކަނޑައެޅުމާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށްރަށް ދޫކުރުމާއި، ޓޫރިސްޓް ހޮޓާ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ބިން ދޫކުރުމާއި، ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރުމާއި، އެފަދަ ތަންތަން ހިންގުމާއި، ޓޫރިސްޓް އުޅަނދުތަކާއި، ފީނުމުގެ ހިދްމަތްދޭ ތަންތަނާއި، ދަތުރު ރާވައި ހިންގުމާއި، އެފަދަ ހިދްމަތްދޭ ފަރާތްތަކާބެހޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ރިޒޯޓާއި ޓޫރިސްޓް ހޮޓާ ހެދުމަށް ބިންދޫކުރުމާއި ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރުމާއި އެފަދަ ތަންތަން ހިންގުން

ދިވެހިރާއްޖޭގައި ޓޫރިސްޓު ރިޒޯޓާއި ޓޫރިސްޓް ހޮޓާ ހެދުމަށް ރަށްރަށާއި ބިން ދޫކުރައްވަންވާނީ، އަދި ޔޮޓް ބަނދަރުހެދުމަށް ތަންތަން ދޫކުރަންވާނީ، އަދި ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓު ހޮޓަލާއި، ޓޫރިސްޓު ގެސްޓުހައުސް ފަދަ ތަންތަނާއި ޔޮޓް ބަނދަރު ހިންގަންވާނީ، އަދި ޓޫރިސްޓް އުޅަނދުތައް ދުއްވަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

3 ވަނަ މާއްދާ - ފީނުމުގެ ހިދުމަތާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުން

ދިވެހިރާއްޖޭގައި ފީނުމުގެ ހިދުމަތްދޭ ތަންތަން ހިންގައި، އެފަދަ ތަންތަނުން ހިދުމަތް ދީ، ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދީ ހަދަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

4 ވަނަ މާއްދާ - ޓޫރިޒަމްގެ ސަރަހައްދު ތަކާއި ރިޒޯޓް ހަދާނެ ރަށްރަށާއި ޔޮޓް ބަނދަރު ހަދާނެ ތަންތަން ކަނޑައެޅުން

ދިވެހިރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރާނެ ސަރަހައްދުތަކާއި، ރިޒޯޓް ހަދާނޭ ރަށްރަށާއި ޔޮޓް ބަނދަރު ހަދާނޭ ތަންތަން ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

ޓޫރިސްޓް ރިޒޯޓާބެހޭ

5 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ދޫކުރުން

ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށް އިއްލާންނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށެވެ. ސަރުކާރުން އިންވެސްޓްކުރާ، ނުވަތަ ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިންބިން މިއުސޫލުން އިސްތިސްނާވާނެއެވެ.

 

6 ވަނަ މާއްދާ - އެގްރީމެންޓް ކުރުމާއި އެގްރީމެންޓުގައި ހިމަންޖެހޭ ކަންތައްތައް

މިގާނޫނުގެ ދަށުން ކުއްޔަށްދޫކުރާ ރަށެއްގައި ނުވަތަ ބިމެއްގައި ޓޫރިސްޓް ރިޒޯޓެއް ހަދަންވާނީ، ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރާ އެގްރީމެންޓެއްގެ ދަށުންނެވެ. މި އެގްރީމެންޓުގައި ތިރީގައިވާ ކަންތައްތައް ބަޔާންކޮށްފައި ހުންނަންވާނެއެވެ.

(ހ) ކުއްޔަށް ދޫކުރާ ރަށް ނުވަތަ ބިން.

(ށ) ކުއްޔަށް ދޫކުރާ މުއްދަތު.

(ނ) ކުއްޔަށް ދޫކުރާ މުއްދަތުގެ ތެރޭގައި އިމާރާތްކުރުމަށް މުއްދަތު ދޭނަމަ، އެމުއްދަތަކާއި، ރިޒޯޓް ހިންގަން ފަށާނޭ ތާރީހު.

(ރ) ކުއްޔަށް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމެންޓް ބާތިލުކުރެވޭނޭ ހާލަތްތަކާއި، އެ ހާލަތްތަކުގައި އަމަލުކުރާނޭގޮތް.

(ބ) ކުލީގެ އަދަދާއި، ކުލި ކަނޑައަޅާނެ ގޮތާއި، ކުލި  ދައްކާނެ ގޮތް.

(ޅ) ތިންވަނަ ފަރާތަކަށް ރިޒޯޓް ކުއްޔަށް ދޫކުރަން ބޭނުންވެއްޖެނަމަ، ނުވަތަ ރިޒޯޓް ހިންގުން އެހެން ފަރާތަކާ ހަވާލުކުރަން ބޭނުންވެއްޖެނަމަ، އަމަލު ކުރާނެގޮތް.

(ކ) ކުއްޔަށް ހިފާ ފަރާތުން އެގްރީމެންޓާ ހިލާފުވެއްޖެނަމަ އަމަލުކުރާނެގޮތް.

 

7 ވަނަ މާއްދާ - އެގްރީމެންޓް ބާތިލްވުމުން ނުވަތަ މުއްދަތު ހަމަވުމުން ސަރުކާރާ ރިޒޯޓް ހަވާލުކުރުން

(ހ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވޭނީ، އެރަށެއް ނުވަތަ އެބިމެއް ކުއްޔަށް ދޫކުރުމަށްކުރާ އެގްރީމެންޓުގެ މުއްދަތު ހަމަވުމުން، ނުވަތަ އެމުއްދަތު ހަމަވުމުގެ ކުރިންއެގްރީމެންޓް ބާތިލްވުމުން، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ސަރުކާރުން އަމަލުކުރުމަށްޓަކައި އެރިޒޯޓެއް ހިންގަމުންއައި ފެންވަރުގައި، އެރަށެއް ނުވަތަ އެބިމެއް ސަރުކާރާ ހަވާލުކުރަން ށަރުތުކޮށެވެ.

(ށ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން ނުވަތަ އެމުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފި ފަރާތުން އަމިއްލަޔަށް އެދިގެން ނޫންގޮތަކަށް، ނުވަތަ ކުއްޔަށްހިފި ފަރާތުން އެގްރީމެންޓާ ހިލާފުވުމުގެ ސަބަބުން ނޫންގޮތަކަށް އެގްރީމެންޓް ބާތިލްވުމުން، އެ ރަށެއް ނުވަތަ އެ ބިމެއް އަނބުރާ ސަރުކާރާ ހަވާލުކުރުމުން، އެ ރަށެއް ނުވަތަ އެ ބިމެއްގައިވާ އިމާރާތްތަކާއި ތަކެތީގެ އަގުން، އެ ރަށެއް ނުވަތަ އެ ބިމެއް ސަރުކާރާ ހަވާލުކުރާ ތާރީހާ ހަމަޔަށް، ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން ބަލަން ކެނޑުމުން ޖެހޭ އަގު، އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފައިގެން އުޅުުނު ފަރާތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް އަނބުރާ ސަރުކާރާ ހަވާލުކުރާ ތާރީހަކުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ދޭންވާނެއެވެ.

(ނ) ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެގެން، ނުވަތަ އެ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމަންޓް ބާތިލްވެގެން، މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ސަރުކާރާ ހަވާލުކުރެވޭ ރަށެއް ނުވަތަ ބިމެއް، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކުރާއިރު، ދޫކުރެވެނީ ކުރިން އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށްކަމުގައި ވަނީނަމަ، އެ ރަށެއް ނުވަތަ އެ ބިމެއްގައިވާ އިމާރާތްތަކާއި ތަކެއްޗަށް މި މާއްދާގެ (ށ) ގައި ބުނެފައިވާ އަގު ދިނުމެއް ނޯންނާނެއެވެ.

 

8 ވަނަ މާއްދާ - ކުއްޔަށް ދޫކުރާ މުއްދަތު

މި ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިންބިން ދޫކުރާ ދޫކުރުން ފިޔަވައި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ، ކުއްޔަށްހިފާ ފަރާތާ ރަށް ނުވަތަ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން މީލާދީ 25 އަހަރު ދުވަހަށެވެ.

 

9 ވަނަ މާއްދާ – 25 އަހަރަށްވުރެ ދިގު މުއްދަތަށް ކުއްޔަށް ދޫކުރެވޭ ހާލަތް

(ހ) ރަށެއް ނުވަތަ ބިމެއްގައި ޓޫރިސްޓު ރިޒޯޓެއް ހެދުމަށްޓަކައި ފަށާއިރު ކުރާ އިންވެސްޓްމަންޓް 10 މިލިއަން އެމެރިކާ ޑޮލަރައްވުރެ ބޮޑުކަމުގައި ވާނަމަ، އިންވެސްޓްމަންޓްގެ ކުޑަ ބޮޑު މިނަށާއި ރިޒޯޓު ހަދާ ފެންވަރަށް ބަލައި، ގިނަވެގެން 35  އަހަރު ދުވަހުގެ މުއްދަތައް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދޫކުރުމުގެ އިހްތިޔާރު، ސަރުކާރަށް ލިބިގެންވެއެވެ.

(ށ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށަކަށް ނުވަތަ ބިމަކަށް އެދޭ ފަރާތަކީ، ތިރީގައި ބުނެފައިވާ ށަރުތުތައް ހަމަވާ ޕަބްލިކް ކުންފުންޏެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ.

  1. އެ ކުންފުންޏެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވުން.
  2. އެ ކުންފުންޏެއް އަސާސީ ގަވާއިގުގައިވާ އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް ރިޒޯޓް ބިނާކުރުމާއި ހިންގުން ހިމެނިފައިވުން.
  3. ކުންފުނީގެ ހުރިހާ ހިއްސާދާރުންނަކީ ދިވެހި ރަށްޔިތުންނަށް ވުމާއި، ކުންފުނީގެ ހިއްސާގެ މަދުވެގެން %50 އާއްމުންނަށް ވިއްކައިފައިވުން.
  4. އާއްމުންނަށް ވިއްކާފައިވާ ހިއްސާގެ %1 އަށްވުރެ ބޮޑު އަދަދެއް އިންވެސްޓްމަންޓް ކުންފުނިތައް ފިޔަވައި އެހެން އެއް ހިއްސާދާރަކަށް ވިއްކައިފައި ނުވުމާއި، އާއްމުންނަށް ވިއްކާފައިވާ ހިއްސާގެ %5 އަށްވުރެ ބޮޑު އަދަދެއް އެއް އިންވެސްޓްމަންޓް ކުންފުންޏަކަށް ވިއްކާފައި ނުވުމާއި، އާއްމުންނަށް ވިއްކާފައިވާ ހިއްސާ ވިއްކާފައިވަނީ ހިއްސާ ގަންނަށް އެދޭ މީހުންނަށް ގަނެވޭނޭ އުސޫލަކުން ކަމަށް ވުމާއި ކަނޑައެޅިގެން ވަކިބަޔަކަށް ހުރިހާ ހިއްސާ ވިއްކާފަަައިނުވުން.

 

10 ވަނަ މާއްދާ – މުއްދަތު އިތުރުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިން ދޫކޮށްފައިވާ މުއްދަތަށް، މި ގާނޫނަށް އަމަލުކުރަން ފެށުމާއިއެކު 4 އަހަރު ދުވަސް އިތުރުކޯށް ދެވޭނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ލިބިފައިވާ ފަރާތެއް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 އަހަރު ދުވަހުގެ ތެރޭގައި، ނުވަތަ މިގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދޫކުރާ ރަށެއް ނުވަތަ ބިމެއް ލިބޭ ފަރާތެއް، އެފަރާތަކަށް އެރަށެއް ނުވަތަ އެބިމެއް ލިބޭ ތާރީހުން ފެށިގެން 4 އަހަރު ދުވަހުގެ ތެރޭގައި ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، އެ ކުންފުންޏެއްގެ ހިއްސާގެ މަދުވެގެން %50 އާއްމުންނަށް ވިއްކުމަށްފަހު، އެރަށެއް ނުވަތަ އެބިމެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ކުންފުންޏަކީ މިގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ށަރުތުތައް ހަމަވާ ކުންފުންޏެއް ކަމަށްވާނަމަ، އެރަށެއް ނުވަތަ އެ ބިމެއް އެފަރާތަކަށް ކުށްޔައް ދޫކޮށްފައިވާ މުއްދަތައް 25 އަހަރު އިތުރުކޮށްދެވޭނެއެވެ.

(ނ) ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށެއް ނުވަތަ ބިމެއް ލިބިފައިވާ ފަރާތަކުން، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އެކުންފުންޏެއްގެ ހިއްސާގެ މަދުވެގެން %50 އާއްމުންނަށް ވިއްކުމަށްފަހު، އެރަށެއް ނުވަތަ އެބިމެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ކުންފުންޏަކީ މިގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ށަރުތުތައް ހަމަވާ ކުންފުންޏެއް ކަމަށްވާނަމަ، އަދި މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހެޅީ އެފަރާތަކަށް އެރަށެއް ނުވަތަ އެބިމެއް ލިބުނު ތާރީހުން ފެށިގެން 4 އަހަރުދުވަސް ވުމަށްފަހު އެރަށެއް ނުވަތަ އެބިމެއް ލިބިފައިވާ މުއްދަތުގެ ދެބައިކުޅައެއްބައި ފާއިތުވުމުގެ ކުރިންނަމަ، 20 އަހަރު، އަދި އެއަށްވުރެ ފަހުންނަމަ، އެރަށެއް ނުވަތަ އެބިމެއް އެފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތުން ބާކީއޮންނަ މުއްދަތާ އެއްވަރުގެ މުއްދަތެއް، އެރަށެއް ނުވަތަ އެބިމެއް އެފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތަށް، އިތުރުކޮށް ދެވޭނެއެވެ.

 

11 ވަނަ މާއްދާ – އެގްރީމެންޓް ބާތިލްވުމުން ނުވަތަ މުއްދަތު ހަމަވުމުން އަމަލުކުރާނެ ގޮތް

(ހ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރުމަށް ކުރާ އެގްރީމަންޓުގެ މުއްދަތު ހަމަވުމުން، ނުވަތަ މިގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އިތުރުކުރާ މުއްދަތުހަމަވުމުން، ނުވަތަ ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމަންޓް ބާތިލުވުމުގެ ސަބަބުން، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ވަކިވުމުން، އެރަށެއް ނުވަތަ އެބިމެއް އަލުން ކުއްޔަށް ދޫކުރެވޭނީ، މި ގާނޫނުގެ 5 ވަނަ މާއްދާގައ ބުނެފައިވާ ގޮތުގެމަތިން، އަދި މި ގާނޫނުގައި ބުނެފައިވާ މުއްދަތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އަލުން ކުއްޔަށް ދޫކުރުމަށް އިއުލާންކުރާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާއިރު، އެރަށެއް ނުވަތަ އެބިމެއް އެފަރާތަކަށް ލިބިއްޖެނަމަ، އެތަނުގައިވާ އިމާރާތްތަކާއި ތަކެތީގެ އަގުން ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން ބަލަން ކެނޑީމާޖެހޭ އަގު އެރަށެއް ނުވަތަ އެބިމެއް އެފަރާތަކާ ހަވާލުކުރެވޭ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ދެއްކުމަށް ހުށަހަޅަންވާނެއެވެ. ނަމަވެސް އެރަށެއް ނުވަތަ އެބިމެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން އެރަށެއް ނުވަތަ އެބިމެއް އަލުން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނަމަ، މިގޮތުން އެރަށެއްގައިވާ ތަކެތީގެ އަގު ދެއްކުމަށް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

 

12 ވަނަ މާއްދާ – ކުއްޔަށް ހިފާ ފަރާތުގެ ހައްގުތަށް އެހެންފަރާތަކަށް ބަދަލުކުރުން

ރިޒޯޓެއް ހެދުމަސް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކަައިލެވޭނީ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަސް ވިއްކައިލެވޭނީ، ނުވަތަ ބަދަލުކުރެވޭނީ، ނުވަތަ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރެވޭނީ، މިނިސްޓްރީ އޮފް ޓޫރިޒަމުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކެއްގެ މަތިންނެވެ. މީގެ ތެރޭގައި ޕަބްލިކް ކުންފުނީގެ ހިއްސާ ބަދަލުކުރުމެއް ނުހިމެނެއެވެ.

 

13  ވަނަ މާއްދާ – ރަށެއް ކުއްޔަށް ހިފާފައިވާ ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވުން

މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ)  ގެ ދަށުން 50 އަހަރުދުވަހުގެ މުއްދަތަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ޕަބްލިކް ކުންފުންޏެއް، ނުވަތަ މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދީފައިވާ ޕަބްލިކް ކުންފުންޏެއް ޕްރަިވެޓް ކުންފުންޏަކަށް ބަދަލުވެއްޖެނަމަ، ނުވަތަ މިގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ށަރުތެއް އެކުންފުންޏެއްގެ ކިބައިން އުނިވެއްޖެނަމަ، އެރަށް ނުވަތަ އެބިން އެފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ތެރެއިން، ޕަބްލިކް ކުންފުންޏަކަށް ވުމުގެ ސަބަބުން އިތުރުކުރި މުއްދަތު އުނިކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ރާއްޖޭގެ ދިފާއަށްޓަކައި ވަކިކުރުން

(ހ) މި ގާނޫނުގެ ދަށުން ރިޒޯޓް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހާލަތެއްގައި، ކުއްޔަށް ހިފާފައިވާ ފަރާތަށް އެއްވެސް ނޯޓިސެއް ނުދީ ވަކިކުރެވިދާނެއެވެ. މިނޫން ގޮތަކަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަކިކުރެވޭނީ، އެރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރުމަށްޓަކައި ކޮށްފައިވާ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ.

(ށ) ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހާލަތެއްގައި ވަކިކުރާނަމަ، އެރަށެއްގައި ނުވަތަ އެބިމެއްގައި  ކޮށްފައިވާ އިންވެސްޓްމަންޓަށް އަދްލުވެރި ބަދަލު ދޭންވާނެއެވެ.

 

15 ވަނަ މާއްދާ – ރުއްގަސް ކެނޑުމާއި ފަޅު ފުންކުރުންފަދަ ކަންތައްކުރުން

(ހ) ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމުގައި ހުންނަ ރުއްގަސް ކަނޑައި، އެރަށްރަށުގެ ފަޅުފުންކޮށް، ބިންހިއްކައި، މިނޫންވެސް އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނަދަފަ ކަމެއް ކަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާފަަައިވާ އެއްވެސްކަމެއް ކުރަންވާނީ، އެމިނިސްޓްރީން ލިޔުމަކުން ހުއްދަ ހޯދުމަށްފަހު، އެމިނިސްޓްރީގެ ކަމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން، ރަށުގެ ފަޅު ފުންކޮށް، ބިން ހިއްކައި، ނުވަތަ އެތަނެއްގެ ބެއްޓަށް ދާއިމީ ބަދަލެއް އަންނަފަދަ ކަމެއް ކުރުމުގެ ހުއްދަ ހޯދުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅާއިރު، ތިރީގައި ބުނެފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

  1. އެބަދަލަކީ، އެތަނަކުންދޭ ހިދުމަތްތައް ދިނުމަށް ކޮންމެހެން ބޭނުން ބަދަލެއްކަން އެނދޭނޭ ހެކިތައް.
  2. ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ، އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަނޓްްމަންޓަށް ހުށަހަޅައިގެން، އެމިނިސްޓްރީން ފާސްކޮށްފައިވާ ރިޕޯޓެއް.

 

16 ވަނަ މާއްދާ – ޓޫރިސްޓް ރިޒޯޓް ހިންގުމުގެ ހުއްދަ

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ލިބޭ ރަށެއްގައި ނުވަތަ ބިމެއްގައި ހަދާ އެއްވެސް ރިޒޯޓެއްް ހިންގަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓަރީކޮށް، ޓޫރިސްޓް ރިޒޯޓް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) ޓޫރިސްޓް ރިޒޯޓެއް ހިންގުމުގެ ހުއްދަ ދޭނީ، ތިރީގައި ބުނެފައިވާ ށަރްތުތައް ފުރިހަމަވާ ތަންތަނަށެވެ.

  1. މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތްކޮށްފައިވުން.
  2. އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ހިދުމަތްތައް، އެތަނަކުން ލިބެންހުރުން.

 

ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސާބެހޭ 

17 ވަނަ މާއްދާ – ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ހުއްދަ ހޯދުން

ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓްް ހޮޓަލެއް ނުވަތަ އެއްވެސް ޓޫރިސްޓް ގެސްޓްހައުސެއް ހިންގަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުގައި އެތަނެއް ރަޖިސްޓަރީކޮށް، އެފަދަ ތަންތަން ހިންގުމަށް އެމިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

18 ވަނަ މާއްދާ – ހުއްދަދޫކުރެވޭ ތަންތަން

ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ހިންގުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބުނެފައިވާ ށަރްތުތައް ހިންގުމުގެ ހުއްދަ ދޫކުރަނީ، ތިރީގައި ބުނެފައިވާ ށަރްތުތައް ފުރިހަމަވާ ތަންތަނަށެވެ.

(ހ) މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އިމާރާތާއި ފަސޭހަތައް ހުރުން.

(ށ) އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ހިދުމަތްތައް، އެތަނަކުން ލިބެން ހުރުން.

(ނ) މި ގާނޫނުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ރަޖިސްޓަރީ ފީ ދައްކާފައިވުން.

(ރ) އެތަނަކީ، ޓޫރިޒަމް ތައްރަގީ ކުރުމަށް، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ކަނޑައަޅާފައިވާ ރަށެއްގައިވާ ތަނެއް ކަމުގައިވުން.

 

19 ވަނަ މާއްދާ – ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ބިން ދޫކުރުން

ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓް ހައުސެއް ހެދުމަށް ސަރުކާރުން ބިމެއް ދޫކުރާނަމަ ބިން ދޫކުރަންވާނީ، ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ދޫކުރުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި ޓޫރިސްޓް ރިޒޯޓުތަކާމެދު އަމަލުކުރުމަށް މިި ގާނޫނުގައި ހިމަނާފައިވާ މާއްދާތައް އެފަދަ ހޮޓާ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

 

20 ވަނަ މާއްދާ – ޓޫރިސްޓުންނަށް ތިބެވޭ ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ނުވަތަ މިގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް އުޅަނދެއް ނޫން ތަނެއްގައި އެއްވެސް ޓޫރިސްޓަކު އަގަށް ބަހައްޓައިގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ – ރަޖިސްޓަރީ ފީ

 ކޮންމެ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ޓޫރިސްޓް ހޮޓަލެއް ނުވަތަ އެ ޓޫރިސްޓް ގެސްޓް ހައުސެއް ރަިޖިސްޓަރީ ކުރުމަށްޓަކައި، ހޮޓަލެއްނަމަ 10،000 ރުފިޔާ، ގެސްޓްހައުސެއްނަމަ5000 ރުފިޔާގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ.

 

ޓޫރިސްޓް އުޅަނދުތަކާބެހޭ

22 ވަނަ މާއްދާ – ޓޫރިސްޓް އުޅަނދު ދުއްވުމުގެ ހުއްދަ ހޯދުން

ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް އުޅަނދެއް ދުއްވަންވާނީ، އެދަފަ އުޅަނދު ދުއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ.

 

23 ވަނަ މާއްދާ – ހުއްދަ ދޫކުރެވޭ އުޅަނދު

ޓޫރިސްޓް އުޅަނދެއް ދުއްވުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބުނެފައިވާ ށަރުތުތައް  ފުރިހަމަވާ އުޅަނދުތަކަށެވެ.

(ހ) މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އެ އުޅަނދަކާއި އެ އުޅަދެއްގައި ހުންނަންޖެހޭ ފަސޭހަތައް ހުރުން.

(ށ) އެފަދަ އުޅަނދަކުން ލިބެންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ހިދްމަތްތައް، އެ އުޅަނދަކުން ލިބެންހުރުން.

(ނ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަންގައި ގަވާއިދުން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއްކަމުގައިވުން.

 

24 ވަނަ މާއްދާ – ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖޭގައި ދުއްވުން

(ހ) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ އެއްވެސް ޓޫރިސްޓް އުޅަނދެއް، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދުއްވައި، ބަނދަރުކޮށް ހަދަންވާނީ، އެފަދަ އުޅަނދު ރާއްޖެއަށް އައުމާއި ބަނދަރުކުރުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަ ހޯދައި، އަދި ކަނޑައަޅާފައިވާ ގަވާއިދުގެމަތިން، މިނިސްޓްރީ އޮފް ޓޫރިޒަމުގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފއިވާ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާނީ، ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަސްޓަކައި 5000 ރުފިޔާގެ ފީއެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ދެއްކުމުންނެވެ. މި ފީ ދެއްކުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެވެ.

 

25 ވަނަ މާއްދާ – ޔޮޓް ބަނދަރު ހަދައި ހިންގޭނެ ތަންތަން

ދިވެހިރާއްޖޭގައި ޔޮޓް ބަނދަރު ހަދައި ހިންގަންވާނީ، މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ދޫކުރާ ތަންތަނުގައެވެ.

 

26 ވަނަ މާއްދާ – ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރުން

ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރަންވާނީ، ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ދޫކުރުމަށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުެގެމަތިންނެވެ. އަދި ޓޫރިސްޓް ރިޒޯޓުތަކާމެދު އަމަލު ކުރުމަށް މި ގާނޫނުގައި ހިމަނާފައިވާ މާއްދާތައް ޔޮޓް ބަނދަރުތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

 

27- ވަނަ މާއްދާ – ޔޮޓް ބަނދަރު ހަދައި ހިންގުން

ޔޮޓް ބަނދަރު ހަދައި ހިންގަންވާނީ އެފަދަ ތަންތަން ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށްފަހު، ޔޮޓް ބަނދަރު ހަދައި ހިންގުމާ ބެހޭގޮތުން އެމިނިސްޓްރީން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

28 ވަނަ މާއްދާ – ހުއްދަ ދެވޭ ށަރުތުތައް

މި ގާނޫނުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ޔޮޓް ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރާނީ ތިރީގައި ބުނެފައިވާ ށަރްތުތައް ފުރިހަމަވާ ތަންތަނަށެވެ.

(ހ) މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ލިބިފައިވުން.

(ށ) އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ހިދްމަތްތައް އެތަނަކުން ލިބެންހުރުން.

  

ފީނުމުގެ ހިދުމަތްދޭ ތަންތަނާބެހޭ

29 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ހުއްދަ ހޯދުން

ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ފީނުމުގެ ހިދުމަތްދޭ އެއްވެސް ތަނެއް ހިންގަވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކޮށް، އެ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

30 ވަނަ މާއްދާ – ހުއްދަދޫކުރެވޭ ފަރާތްތައް

މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ފީނުމުގެ ހިދުމަތްދޭ ތަނެއް ހިންގުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބުނެފައިވާ ށަރްތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ކުންފުންޏެއް ނުވަތަ އެނޫންވެސް ވިޔަފާރި ޖަމާއަތެއްނަމަ، އެ ކުންފުނީގެ ނުވަތަ އެ ވިޔަފާރި ޖަމާއަތުގެ އަސާސީ ގަވާއިދުގައިވާ މަގްސަދުތަކުގެ ތެރޭގައި ފީނުމުގެ ހިދުމަތްދޭ ތަންތަން ހިންގުން ހިމެނިފައިވުން.

(ށ) ބޭރުގެ ކުންފުންޏެއް ނުވަތަ ވިޔަފާރި ޖަމާއަތެއްނަމަ، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ކުންފުންޏެއްގެ ގޮތުގައި ނުވަތަ  ވިޔަފާރި ޖަމާއަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓަރީ ކޮށްފައިވާ ތަނެއް ކަމުގައިވުން.

(ނ) މި ގާނޫނުގެދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ގެންދާ މަރްކަޒެއް ހުރުމާއި، އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ހިދުމަތްތައް، އެތަނަކުން ލިބެންހުރުން.

(ރ) މި ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ރަޖިސްޓަރީީ ފީ ދައްކައިފައިވުން.

 

31 ވަނަ މާއްދާ – ރަޖިސްޓަރީ ފީ

މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ފީނުމުގެ ހިދްމަތްދޭ ތަނެއް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ތަނެއް ރަޖިސްޓަރީ ކުރުމަށްޓަކައި 5000 ރުފިޔާގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ.

 

ދަތުރު ރާވައި ހިންގާފަރާތްތަކާބެހޭ

32 ވަނަ މާއްދާ - ދަތުރު ރާވައި ހިންގާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި ހުއްދަ ހޯދުން

ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ދަތުރު ރާވައި ހިންގުމުގެ ހިދްމަތް ދޭންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

33 ވަނަ މާއްދާ – ހުއްދަ ދޫކުރެވޭ ފަރާތްތައް

ދަތުރު ރާވައި ހިންގުމުގެ ހިދްމަތް ދިނުމުގެ ހުއްދަ ދޫކުރާނީ ތިރީގައި ބުނެފައިވާށަރްތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ކުންފުންޏެއް ނުވަތަ އެނޫންވެސް ވިޔަފާރި ޖަމާއަތެއްނަމަ، އެ ކުންފުނީގެ ނުވަތަ އެ ވިޔަފާރި ޖަމާއަތުގެ އަސާސީ ގަވާއިދުގައިވާ މަގްސަދުތަކުގެ ތެރޭގައި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުން ހިމެނިފައިވުން.

(ށ) ބޭރުގެ ކުންފުންޏެއް ނުވަތަ ބޭރުގެ ވިޔަފާރި ޖަމާއަތެއްނަމަ، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ކުންފުންޏެއްގެ ގޮތުގައި ނުވަތަ ބޭރުގެ ވިޔަފާރި ޖަމާއަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓަރީ ކޮށްފައިވާ ތަނެއް ކަމުގައިވުން.

(ނ) މިގާނޫނު ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ގެންދާ އޮފީހެއް ހުރުމާއި، އެފަދަ އޮފީހަކުން ލިބެންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ހިދުމަތްތައް، އެތަނަކުން ލިބެންހުރުން.

 

34 ވަނަ މާއްދާ – ޓުއަރ ގައިޑުކަން ކުރުން

(ހ) އެއްވެސް މީހަކު ދިވެހިރާއްޖޭގައި ޓުއަރ ގައިޑުކަން ކުރަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.

(ށ) ޓުއަރ ގައިޑުކަން ކުރާ ކޮންމެ މީހަކު، ޓުއަރ ގައިޑެއްގެ މަސައްކަތުގައި އުޅޭއިރު، އެމީހަކަށް ދޫކޮށްފައިވާ ހުއްދަ މީހުންނަށް ފެންނާނެހެން އެމީހެއްގެ ހެދުމުގައި ހަރުކޮށްފައި ބަހައްޓަން ވާނެއެވެ.

 

ޓެކްސް

35 ވަނަ މާއްދާ – ޓެކްސް

(ހ) ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓެއްގައި، ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި، ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއްގައި، ނުވަތަ ޓޫރިސްޓް އުޅަނދެއްގައި، ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 8 އެމެރިކާ ޑޮލަރު، ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރު ފައިސާއަކުން 8 އެމެރިކާ ޑޮލަރަށްޖެހޭ އަދަދު، ދިވެހި ސަރުކާރަށް ޓެކްސެއްގެ ގޮތުގައި ނެގޭނެއެވެ. ޓޫރިސްޓުންގެ އަތުން މި ޓެކްސް ނަގައި، ސަރުކާރަށް ހަމަޔަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގ ެޒިިންމާއެކެވެ. ވޭތުވެދިޔަ މަހުގެ ޓެކްސް، ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައްކައި ނިންމަންވާނެއެވެ.

(ށ) މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ހުއްދަ ދޫކުރާ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބުނެފައިވާ އުޅަނދުތައް ފިޔަވައި އެހެން ކޮންމެ އުޅަނދެއްގައި ދަތުރުކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން، އެމީހަކު ރާއްޖޭގައި، ހޭދަކުރާ ކޮންމެދުވަހަކަށް، މި މާއްދާގެ (ހ) ގައި ބުނާ ޓެކްސް ނެގޭނެއެވެ. އުޅަނދު ރާއްޖޭން ފުރައިގެންދިޔުމުގެ ކުރިން، މި ޓޭކްސް ސަރުކާރަށް ދައްކަންވާނެއެވެ. މި ޓެކްސް ދެއްކުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެވެ.

(ނ) ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން، އުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ ވަގުތު 24 ގަޑިއިރަށްވުރެ އިތުރުނުވާ އުޅަނދުތަކުން މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ޓެކްސް ދައްކާކަށެއް ނުޖެހޭނެއެވެ.

 

36 ވަނަ މާއްދާ – ޓޫރިސްޓުންނާބެހޭ މައުލޫމާތު ދިނުން

ޓޫރިސްޓް ރިޒޯޓެއްގައި، ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި، ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއްގައި، ނުވަތަ ޓޫރިސްޓް އުޅަނދެއްގައި، ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ތިބި ޓޫރިސްޓުންނާބެހޭ މައުލޫމާތު، ހިނގާމަހުގެ 8 ވަނަ ދަވަހުގެ ނިޔަލަށް، ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ހުށަހަޅަންޖެހޭނެއެވެ. މިގޮތުން މައުލޫމާތު ހުށަހަޅަންވާނީ، އެ ޑިޕާޓްމަންޓުން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ޑިޕާޓްމަންޓުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށެވެ.

 

37 ވަނަ މާއްދާ – ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާކުރުމާއި ހުއްދަ ބާތިލްކުރުން

(ހ) ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓް ހައުސެއް ހިންގާ ފަރާތަކުން ނުވަތަ ޓޫރިސްޓް އުޅަނދެއް ދުއްވާ ފަރާތަކުން ޓެކްސް ދެއްކުމުގައި މި ގާނޫނާ ހިލާފު ވެއްޖެނަމަ، ނުދައްކާ އޮތް ޓެކްސް ދެއްކުމާއެކު، އެ ހިލާފުވިއިރު އެތަނެއްގައި ނުވަތަ  އެ އުޅަނދެއްގައި ރަޖިސްޓަރީ ކޮށްފައިހުރި ކޮންމެ އެނދަކަށް 1000 ރުފިޔާގެ ޖޫރިމަނާއެއް ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ދައްކަންވާނެއެވެ.

(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވާ ޓެކްސާއި މި މާއްދާގެ (ހ) ގައި ބުނެފައިވާ ޖޫރިމަނާ، ހިނގާމަހުގެ ނިޔަލަށް ދައްކައި ނިނަމަންވާނެއެވެ. އެ މުއްދަތުތެރޭގައި ނުދައްކައިފިނަމަ، އެތަނެއް ހިންގުމުގެ ހުއްދަ ބާތިލް ކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދައެއް ބާތިލްކޮށްފިނަމަ އަލުން އެ ހުއްދައެއް ދޫކުރެވޭނީ، އެފާރާތަކުން ސަރުކާރަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސާއި ޖޫރިމަނާ ދައްކައި ނިންމުމުންނެވެ.

 

38 ވަނަ މާއްދާ – ޓޫރިޒަމް ޓެކްސް ނެގުމުން އިސްތިސްނާ ކުރެވޭ މެހްމާނުން

ސަރުކާރުން ހާއްސަ އިމްތިޔާޒުދޭ މެހްމާނުން، މިގާނޫނުގައި ބުނެފައިވާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެއެވެ.

 

އެހެނިހެން ކަންތައްތައް

39 ވަނަ މާއްދާ – ބިދޭސީ ޓޫރިޒަމުގެ މަސައްކަތެއް ކުރުން

މި ގާނޫނުގައި ބުނެފައިވާ ޓޫރިޒަމުގެ މަސައްކަތެއް ބޭރުގެ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ކުރަންވާނީ ގާނޫނު ނަންބަރު 25/1979 (ދިވެެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްމަންޓާބެހޭ ގާނޫނު) ގައި ބުނެފައިވާ އެގްރިމަންޓްކޮށް، އެ ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެ އިންވެސްޓްމަންޓެއް މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

 

40 ވަނަ މާއްދާ - އިމާރާތްކުރުމަށް ގެންނަ ތަކެތީގެ އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުން

މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ހެދުމަށް ދޫކުރާ ބިމެއްގައި ރިޒޯޓް ނުވަތަ ހޮޓާ އިމާރާތްކުރުމަށާއި، ޔޮޓް ބަނދަރުހެދުމަށާއި، އެފަދަ ތަންތަނުގެ ފެންވަރު މަތިކުރުމަށް އިމްޕޯޓު ކުރާ ތަކެތީގެ އިމްޕޯޓު ޑިއުޓީ މާފުކޮށްދޭ އުސޫލުތަކެއް ކަނޑައެޅުމާއި، އެ އުސޫލުތަކުގެ މަތިން ޑިއުޓީ މާފު ކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

41 ވަނަ މާއްދާ - މިނިސްޓްރީ އޮފް ޓޫރިޒަމަށް މައުލޫމާތު ދިނުން

ދިވެހިރާއްޖޭގޭ ޓޫރިޒަމާބެހޭ ތަފާސް ހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ މައްލޫމާތު، މިނިސްޓްރީ އޮފް ޓޫރިޒަމުން ހަދާ ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން، އެ މިނިސްޓްރީއަށް ޓޫރިޒަމުގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކުން ދޭންވާނެއެވެ.

 

42 ވަނަ މާއްދާ - ހުއްދަ ދޫކުރާ މުއްދަތާއި، ހުއްދަ އާކުރުން

މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޯރިސްޓް ގެސްޓް ހައުސްއާއި ޔޮޓް ބަނދަރު ހިންގުމަށާއި ޓޫރިސްޓް އުޅަނދު ދުއްވުމަށާއި ފީނުމުގެ ހިދުމަތް ދޭ ތަންތަނާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ތަންތަން ހިންދުމުގެ ހުއްދަ ދޫކުރާނީ، 5 އަހަރު ދުވަހުގެ މުއްދަތަށެވެ. އެނޫން ހުއްދަތައް ދޫކުރާނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ހަދާފައިވާ ގަވާއިދުގައި ބުނެފައިވާ މުއްދަތަށެވެ. ކޮންމެ ހުއްދައެއްވެސް ދޫކުރި މުއްދަތު ހަމަވުމުން، އެ ހުއްދައެއް އާ ކުރަންޖެހޭނެއެވެ.

 

43 ވަނަ މާއްދާ - ހުއްދަ އާއްމުކޮށް ފެންނާނެހެން ބެހެއްޓުން

މި ގާނޫނުގެ ދަށުން ދޫކުރާ ކޮންމެ ހުއްދައެއް، މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ، އެ ހުއްދައެއް ދެވުނު ތަނެއްގައި އާއްމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.

 

44 ވަނަ މާއްދާ - ހިދްމަތުގެ ފެންވަރު ކަނޑައެޅުން

ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަށް ތަފާތު ދަރަޖަތަކަށް ބަހައި، އެކިދަރަޖައިގެ ތަންތަނުންނާއި އުޅަދުތަކުން ލިބެން ހުންނަންވާނެ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ ފެންވަރު  ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.

 

45 ވަނަ މާއްދާ – ހިދުމަތުގެ ފެންވަރު ބެލުމުގެ އިހްތިޔާރު

ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުފަހަރާއި، ޔޮޓް ބަނދަރުތަކާއި، ފީނުމުގެ ހިދުމަތްދޭ ތަންތަނާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ތަންތަން ބަލައި، އެފަދަތަންތަނުން ހިދުމަތް ދެނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކާއި މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.

 

46 ވަނަ މާއްދާ - ހިދްމަތުގެ ފެންވަރު ދަށްވެއްޖެނަމަ ޖޫރިމަނާކުރުމާއި ހުއްދަ ހިފެހެއްޓުން

ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްސަކުން ނުވަތަ ޓޫރިސްޓް އުޅަނދަކުން ނުވަތަ ޔޮޓް ބަނދަރަކުން ނުވަތަ ފީނެގުމުގެ ހިދުމަތްދޭ ތަނަކުން ނުވަތަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ތަނަކުން ދޭ ހިދުމަތުގެ ފެންވަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެތަނެއް 1،000،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، ކަމުގެ ކުޑަބޮޑުމިނަށް، އެތަނަކަށް ދޫކޮށްފައިވާ ހުއްދަ އެކަމެއް އިސްލާހުކުރަންދެން ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ – އަދަބު

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތަކާމެދު ވަކިގޮތަކަށް އަމަލުކުރުމަށް މި ގާނޫނުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައި ނުވާނަމަ، އެފަރާތެއް

100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

48 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން ފަށާއިރު ރަޖިސްޓަރީ ނުކޮށް އަދި ހުއްދަ ނުހޯދައި ހުންނަ ތަންތަން ރަޖިސްޓަރީކޮށް ހުއްދަ ހޯދުން

މި ގާނޫނުގައި ރަޖިސްޓަރި ކުރަންޖެހޭ ކަނެކަމަށް ބުނެފައިވާ ތަންތަނާއި، ހުއްދަ ހޯދަން ޖެހޭނެކަމަށް ބުނެފައިވާ ތަންތަނުގެ ތެރެއިން، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީ ކޮށްފައިނުވާ ތަންތަނާއި، ހުއްދަ ހޯދާފައިނުވާ ތަންތަން، މި ގާނޫނަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށް، ހުއްދަ ހޯދައި ނިންމަން ވާނެއެވެ.

 

49 ވަނަ މާއްދާ – ގަވާއިދު ހެދުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން، ވަކި ފަރާތަކުން ހަދަންޖެހޭކަމަށް ބުނެފައިވާ ގަވާއިދުތައްނޫން އެހެން ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކުންނެވެ.

 

50 ވަނަ މާއްދާ – މާނަ

މި ގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:

(ހ) "ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ ރަށަކަށް، ނުވަތަ ރަށެއްގެ ތެރެއިން އެގޮތަށް ހާއްސަކޮށްފައިވާ ސަރަހައްދަކަށެވެ.

(ށ) "ޓޫރިސްޓް ހޮޓާ" ކަމަށް ބުނެފައި އެވަނީ، އެތަނެއްގައި ހޭދަކުރާ ކޮންމެ ކޮންމެ ދުވަހަކަށް ވަކިރޭޓަކުން އަގު ދައްކާގޮތަށް ނިދުމާއި ކެއުން ނުވަތަ ނިދުން ހަމަޖެހޭ ގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ގެސްޓް ހައުސްނޫން ތަންތަނަށެވެ.

(ނ) "ޓޫރިސްޓް ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ފެންވަރަކަށް ނިދުމާއި ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ތައްޔާރުކޮށްފައިވާ، އަދި އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން އަގު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާނޫން ތަންތަނަށެވެ.

(ރ) "ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ފެންވަރަކަށް ނިދުމާއި ކެއުން ހަމަޖެހޭގޮތަށް، އަދި އެ އުޅަދެއްގައި ހޭދަކުރާ ކޮންމެދުވަހަކަށް ވަކި ރޭޓަކުން އަގު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ އުޅަދަށެވެ.

(ބ) "ޔޮޓް ބަނދަރު" ކަމަށް ބުނެފައިއެވަނީ، ޔޮޓާއި އެފަދައެހެން އުޅަނދު ބަނދަރު ކުރުމަށާއި، އެފަދަ އުޅަނދުތަކަށް އެކިއެކި ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ބަނދަރުތަކަށެވެ.

(ޅ) " ފީނުމުގެ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ޑައިވިންގ ސްކޫލާއި، ޑައިވިންގ ބޭހާއި، ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށްޓާކައި ދިވެހިރާއްޖޭގައި ފީނުމުގެ ހިދުމަތްދޭ މިނޫންވެސް ފަރާތްތަކަށެވެ.

(ކ) "ދަތުރު ރާވައި ހިންގުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހައްޖާއި އުމްރާވުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ ދަތުރު ފިޔަވައި، ޓްރެވަލް އޭޖެންސީތަކުންނާއި ޓުއަރ އޮޕަރޭޓަރުންނާއި، އަދި މިނޫންވެސް ރާއްޖެއަށް އަންނަ މީހުންނާއި ރާއްޖޭން ބޭރަށްދާ މީހުންގެ ދަތުރު، ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުން ދޭ ހިދުމަތަށެވެ.

(އ) "އިންވެސްޓްމަންޓް ކުންފުނި" ކަމަށް ބުނެފައި އެވަނީ، ބޭންކު އަކަށާއި، އިންށުއަރެންސް ކުންފުނިތަކަށާއި، އަފަދަ މާލީ އެހެން ކުންފުނިތަކަށާއި، އެކިފަރާތްފަރާތުގެ ފައިސާ ބަލަހައްޓައި އިންވެސްޓް ކޮށްދިނުމަށް އުފަންދާފިއިވާ ކުންފުނިތަކަށެވެ.

(ވ) "ޓޫރިސްޓެއް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭއަށް އަންނަ ދިވެހިރަށްޔިތަކު ނޫން " ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެމީކަށެވެ. " ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބޭ ފަރާތުންދޭ ހުއްދައެވެ.

 

51 ވަނަ މާއްދާ – އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 15/1979 ( ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 3/1994 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގާނޫނު) އުވުނީއެވެ.

  

 

މި ގާނޫނަށް ގެނެވުނު އިސްލާހު

2 ވަނަ އިސްލާހް

3 ވަނަ އިސްލާހް

4 ވަނަ އިސްލާހް 

5 ވަނަ އިސްލާހް

6 ވަނަ އިސްލާހް

7 ވަނަ އިސްލާހް

8 ވަނަ އިސްލާހު

9 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައިލޫމާތު ހޯދުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 39/2020)
  2. ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 36/2020)
  3. ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 27/2020)
  4. ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1041/2019 )
  5. ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 69/2016)
  6. ގްރީން ޓެކްސްގެ ގަވާއިދު (ގަވާއިދު ނަންބަރު 181/2015)
  7. ޓޫރިސްޓް ރިސޯޓް، ގެސްޓްހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމުގައި ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 157/2015) 
  8. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިސޯޓްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 43/2015)
  9. ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 1652/2013)
  10. ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލު (28 ޖެނުއަރީ 2013)
  11. ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު - 2009
  12. ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 7/2010)
  13. ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2/2010)
  14. ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 11/2010)
  15. ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 14/2010)
  16. ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 20/2011)
  17. ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 19/2011)
  18.  ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 7/2012)
  19. ދިވެހިރާއްޖޭގައި ޓުއަރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު 2006
  20.  ޓުއަރ ގައިޑުންނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 44/2012)
  21. ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (2008)
  22. ފީނުމާއި ފީނުމުގެ ހިދްމަތް ދިނުމާބެހޭ ގަވާއިދު - 2003

 

ގުޅުންހުރި އުސޫލު

  1. ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ތެރެއިން ތަރައްގީ ނުކުރެވިހުރި ތަންތަން ތަރައްގީކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގައި އަމަލުކުރާ - 2011

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com