-

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-155)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 ސެޕްޓެމްބަރު 2023 ގައި)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2024-02 ގެ 19 ވަނަ މާއްދާއިން އުވާލެވިފައި)

(މި ގަވާއިދުގެ 13 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2010-02 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އޭޖެންޓް

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ، އެ އުޅަނދެއްގެ ކަންތައްތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށް ފަހުގައެވެ. ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ، އެކަމަށް ޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމުގެ ހުއްދަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދީފައިވާ ފަރާތްތަކަށް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހުއްދަ ދީފައިވާ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޭޖެންޓް، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ ފޯމު ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމާއި، ހުއްދަ ހޯދުމަށް ޓަކައި ދައްކަންޖެހޭ ފީ ދެއްކުމަކީ، އޭޖެންޓުގެ ޒިންމާއެކެވެ.

(ރ) ކޮންމެ އުޅަނދެއް ވެސް ރާއްޖެއިން ފުރައިގެން ދިޔުމުގެ ކުރިން، އެ އުޅަނދަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ޓެކުހެއް އޮތްނަމަ، އެ ފައިސާ ނުވަތަ އެ ޓެކުހެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެކެވެ.

(ބ) ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދާ ހަވާލުވެފައިވާ އޭޖެންޓް ބަދަލުވެއްޖެނަމަ، އައު އޭޖެންޓެއް ރަޖިސްޓަރީ ކުރުމަށް ޓަކައި، އޭޖެންޓް ބަދަލުވާތާ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

3 ވަނަ މާއްދާ - ކްރޫސިންގ ޕާރމިޓް

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވަންވާނީ ބަނދަރުކުރަންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ. އަދި މި ހުއްދަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އުޅަނދަށް އިންވާޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން 84 (އަށްޑިހަ ހަތަރެއް) ގަޑިއިރު ހަމަވުމުގެ ކުރިން ހޯދަންވާނެއެވެ. މި މާއްދާގެ ބޭނުމަށް ޓަކައި ގަޑި ގުނޭނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ޓަކައި ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު، އަންނަނިވި ލިޔެކިޔުންތައް، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓް؛
  2. އިންޓަރނޭށަނަލް މެރިޓައިމް އޮގަނައިޒޭށަނުގައި ދެމިއޮތް އުޅަނދެއްކަމުގ،ެ މުއްދަތު ހަމަނުވާ ސެޓުފިކެޓާއި، އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންށުއަރެންސް ހަލް އެންޑް މެށިނަރީ އަދި ސަލްވޭޖާއިތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ސެޓުފިކްޓު އުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ދޫކޮށްފައިވާ ލިޔުން. (މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމ،ު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ލިބެން ހުންނާނެއެވެ.)
  3. އުޅަނދުގައި ތިބޭ ފަޅުވެރިންނާއި، ފަސިންޖަރުންގެ އަދަދާއި، އެ އުޅަނދުގެ ވެރިފަރާތާއި، އެ ފަރާތުގެ އާއިލާގެ މައުލޫމާތު ބަޔާންކޮށް އުޅަނދުގެ ކެޕްޓަނުގެ ފަރާތުން ލިޔުމެއް (ކެޕްޓަންސް ޑެކްލަރޭށަން، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ ނަމޫނާއާ އެއްގޮތަށް).

(ނ) ބޭރުގެ ޓޫރިސްޓް އުޅަނދ،ު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްލިއަރަންސް ދޭ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ، އަދި އެ އުޅަނދަކީ 20 (ވިހި) މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ، ކްރޫސިންގ ޕާރމިޓް ހޯދުމަށް ޓަކައި 1,000 (އެއްހާސް)އެމެރިކާ ޑޮލަރުގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން، ކްރޫސިންގ ޕާރމިޓ،ް އޭޖެންޓަށް ދޫކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ހުއްދައިގެ މުއްދަތު

(ހ) ހުއްދައިގެ މުއްދަތަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހެވެ. ނަމަވެސް އެ އުޅަނދަކީ އިންޓަރނޭށަނަލް މެރިޓައިމް އޮގަނައިޒޭށަނުގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދެއް ނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހާ ހަމަޔަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 20 (ވިހި) މީޓަރަށްވުރެ ބޮޑު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށްހަދާ މުއްދަތަށް، ދުވާލަކަށް 100 (އެއް ސަތޭކަ) އެމެރިކާ ޑޮލަރުގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 20 (ވިހި) މީޓަރާއި 20 (ވިހި) މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 (ނުވަދިހަ) ދުވަހާ ހަމަޔަށް އެއްވެސް ފީއަކާ ނުލައި ދުއްވައި، ބަނދަރުކުރެވޭނެއެވެ. ނަމަވެސް، އެ އުޅަނދަކީ އިންޓަރނޭށަނަލް މެރިޓައިމް އޮގަނައިޒޭށަނުގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދެއްނަމަ، 90 (ނުވަދިހަ) ދުވަސް ހަމަވުމުން، މުއްދަތު އިތުރުކުރާ ކޮންމެ ދުވަހަކަށް 50 (ފަންސާސް) އެމެރިކާ ޑޮލަރު ނެގުމަށްފަހު، 275 (ދުއިސައްތަ ހަތްދިހަފަހެއް) ދުވަހާ ހަމަޔަށް އިތުރުކޮށްދެވިދާނެއެވެ.

(ރ) ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށްފައިވާ މުއްދަތު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ހަމަވުމުން، މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، ކްރޫސިންގ ޕާރމިޓް އައުކުރުމަށް 3,500 (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރާއި، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފީތައް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން، މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ބ) ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ހުއްދަ ލިބިފައިވާ މުއްދަތު އިތުރުކުރަން އެދޭނަމަ، ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ މަސައްކަތު 7 (ހަތެއް) ދުވަހުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި، ބަނދަރުކޮށް ހެދުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް އެދޭ ފޯމު" އާއެކު،
އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ޗާޓަރ ލައިސަންސް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަދެވޭ ބޭރުގެ ޓޫރިސްޓު އުޅަނދެއް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫ ން)، އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ އާއިލާ ފިޔަވައި ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަން އެދޭނަމަ،ޗާޓަރ ލައިސަންސް ހޯދަންވާނެއެވެ. އަދި ޗާޓަރ ލައިސަންސް ދޫކުރެވޭނީ، އެ އުޅަނދަކާ ހަވާލުވެ ހުންނަ އޭޖެންޓުގެ ނަމުގައެވެ.

(ށ) ޗާޓަރ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ލިޔެކިޔުންތަކާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ދައްކަންޖެހޭ ފީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުންނެވެ. އަދި ޗާޓަރ ލައިސަންސް ލިބިފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދ،ު މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފީ ދައްކާކަށެއް ނުޖެހޭނެއެވެ.

  1. ޗާޓަރު އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ ފޯމު؛
  2. ޗާޓަރުގެ މުއްދަތާއި، އެ މުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދާއި، މައުލޫމާތު ބަޔާންކޮށް އުޅަނދުގެ ކެޕްޓަނުގެ ފަރާތުން ލިޔުމެއް (ކެޕްޓަންސް ޑެކްލަރޭށަން، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ ނަމޫނާއާ އެއްގޮތަށް)؛

(ނ) ޗާޓަރ ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އިތުރު މުއްދަތަކަށް ބޭރުގެ ޓޫރިސްޓް އުޅަނދު ޗާޓަރު އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، އެ އުޅަނދު ބަނދަރުކުރުމަށް އެދޭނަމަ، އައު ޗާޓަރ ލައިސަންސެއް، ޓޫރިޒަމާބެހޭ މިނިސްޓްރީން ހޯދަންވާނެއެވެ.

(ރ) އައު ޗާޓަރ ލައިސަންސަށް އެދޭއިރު، އޭޖެންޓުގެ 3 (ތިނެއް) މަސްދުވަސް ހަމަނުވާ ޓެކްސް ކްލިއަރެންސް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހުށަހެޅުން

މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ އުޅަނދުފަހަރާ ހަވާލުވާ އޭޖެންޓަކު، އެ އޭޖެންޓަކު ހަވާލުވެހުރި ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި، ގަވާއިދު ނަންބަރު 2020-39 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު) އާ އެއްގޮތަށް ތަފާސްހިސާބު ފުރިހަމަކުރުމަށްފަހު، އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދާ ތާރީހުން ފެށިގެން، މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ޓެކްސް ދެއްކުން

(ހ) މި ގަވާއިދުގެ ދަށުން ޗާޓަރ ލައިސަންސް ދޫކުރެވޭ އުޅަނދުފަހަރު، ޗާޓަރުކުރުމަށް ނަގާ ފީއިން، ގާނޫނު ނަންބަރު 2011-11 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ނަގާ ޓެކްސް، އެ އޮތޯރިޓީއަށް ދައްކަންވާނެއެވެ. (ނޯޓް: ގާނޫނު ނަންބަރު 2011-11 އަށް ހަވާލާދެވިފައިވަނީ އޮޅިގެން ކަމަށް ބެލެވޭ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުއަކީ ގާނޫނު ނަންބަރު 2011-10)

(ށ) މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އެ އޮތޯރިޓީއަށް ދައްކަންވާނެއެވެ.

 

8 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން

މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތައި، އެ އުޅަނދުތަކުން ކުރާ ހުރިހާ ކަމެއް ވެސް ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

9 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މި ގަވާއިދާ ހިލާފުވުމުން، އުޅަނދާ ހަވާލުވެހުރި އޭޖެންޓ،ް އަންނަނިވި ގޮތަށް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރަށް 1,000 (އެއްހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން.

(ށ) ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރަށް 2,000 (ދެހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން.

(ނ) ދެ ފަހަރަށްވުރެ ގިނައިން ގަވާއިދާ ހިލާފުވެއްޖެނަމަ، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 6,000 (ހަހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން.

(ރ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ދައްކައިފައި ނުވާނަމަ، އެ އޭޖެންޓެއްގެ އޭޖެންޓްކަމުގެ ހުއްދަ ދެން ދޫކުރާނީ، މި ގަވާއިދުގެ ދަށުން އެ އޭޖެންޓަކު ދައްކަންޖެހިފައިވާ ފައިސާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސް ކުރުމަށްފަހުގައެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުއްދަދީފައިވާ އުޅަނދުތައް

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ހުއްދަދީފައިވާ އުޅަނދުތަކުގެ މައްޗަށް މި ގަވާއިދު ހިނގަން ފަށާނީ، އެ އުޅަނދަކަށް ކުރިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ކަނޑުގެ ސަރަ ހައްދަށެވެ.

(ށ) "ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ތެރެއިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރު، އެ އުޅަނދަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން، ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރަށެވެ.

(ނ) "އާއިލާ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ އަނބިމީހ/ާފިރިމީހާ ނުވަތަ ސިވިލް ޕާރޓްނަރ، ނުވަތަ އެ ފަރާތަކާ ގާތްތިމާގެކަމުގެ ގުޅުންހުރި ފަރާތަށެވެ. އަދި އެ ފަރާތަކާ ގާތްތިމާގެކަމުގެ ގުޅުމެއް ހުރި ފަރާތެއް ކަމުގައި ބަޔާންކޮށްފައި އެވަނީ، އެ ފަރާތެއްގެ ބޭބެއާއި، ދައްތައާއި، ކޮއްކޮއާއި، އެ ފަރާތްތަކުގެ ދަރީންނަށެވެ.

(ރ) "އޭޖެންޓު" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އައުމާ ގުޅޭގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކާ ހަވާލުވެހުންނ،ަ ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެވެ.

(ބ) "ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ޓޫރިސްޓު ވީޒާ" ގައި ދިވެހިރާއްޖެއަށް އަންނަ ނުވަތަ އެ ވީޒާ ލިބިގެން ދިވެހިރާއްޖޭގައި ހުންނަ ކޮންމެ މީހަކަށެވެ.

(ޅ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ.

(ކ) "ޗާޓަރ ލައިސެންސް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަދޭ އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު ބައިތިއްބައިގެން އެ އުޅަނދެއް ދުއްވުމަށް، ނުވަތަ ފަޅުވެރިން (ކްރޫން) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމަށް ދެވޭ ލައިސަންސަށެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށޭނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2010-02 (ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު) އުވުނީއެވެ،

 

 

ޖަދުވަލު 1

 

ޗާޓަރ ލައިސަންސް ހޯދުމަށް ދައްކަންޖެހޭ ފީ 

 

އުޅަނދުގެ ދިގުމިން 

ޗާޓަރ ލައިސަންސް ހޯދުމަށް ދުވާލަކަށް ދައްކަންޖެހޭ ފީ (ޔ.ޫއެސ.ް ޑޮލަރު)

ދިގުމިން 20 (ވިހި) މީޓަރާއި 20 (ވިހި) މީޓަރަށް ވުރެ ކުދި އުޅަނދުފަހަރު ދުވާލަކަށް 100 (އެއްސަތޭކަ) އެމެރިކާ ޑޮލަރު. 
ދިގުމިން 21 (އެކާވީސް) މީޓަރާއި 35 (ތިރީސްފަހެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރު ދުވާލަކަށް 250 (ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 36 (ތިރީސްހައެއް) މީޓަރާއި 45 (ސާޅީސްފަހެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރު. ދުވާލަކަށް 400 (ހަތަރުސަތޭކަ) އެމރިކާ ޑޮލަރު. 
ދިގުމިން 46 (ސާޅީސްހައެއް) މީޓަރާއި 75 (ހަތްދިހަފަހެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރު ދުވާލަކަށް 550 (ފަސްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 76 (ހަތްދިހަ ހައެއް) މީޓަރާއި 100 (އެއްސަތޭކަ) މީޓަރާ ދެމެދުގެ އުޅަނދުފަހަރު. ދުވާލަކަށް 700 (ހަތްސަތޭކަ) އެމެރިކާ ޑޮލަރު.
ދިގުމިން 101 (އެއްސަތޭކަ އެކެއް) މީޓަރު ނުވަތަ ދިގުމިނުގައި 101 (އެއްސަތޭކަ އެކެއް) މީޓަރަށް ވުރެ އިތުރުވާ (ކުރޫޒް ށިޕް) އުޅަނދުފަހަރު.  ދުވާލަކަށް 850 )އަށްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 

 

އުވި ގަވާއިދު

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއް ވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-02)

 

އުވުނު ގަވާއިދު

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-02)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު