-

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2010-14)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓްތައް ސަބްލީސްކުރުމާއި، ރިޒޯޓުގެ މެނޭޖްމަންޓް އެގްރީމަންޓްކުރުމާއި، ލީސް ޓްރާންސްފަރކުރުމާއި، މޯގޭޖްކުރުމާއި، ހިއްސާ ބަދަލުކުރުމާއި ސްޓްރާޓާ ޓައިޓްލް އުސޫލުން ވިލާ ނުވަތަ ކޮޓަރި ލީސްކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދެކެވެ. 

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު" އެވެ. 

 

3 ވަނަ މާއްދާ - ގަވާއިދުގެ ދާއިރާ

ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓެއްހެދުމަށްޓަކައި ސަރުކާރުން ކުއްޔަށްދީފައިވާ އެއްވެސް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތަކުގެ ތެރެއިން މި ގަވާއިދުގައި ބަޔާންކުރެވިފައިވާ އެއްވެސް ހައްގެއް އެހެން ފަރާތަކަށް ބަދަލުކުރަންވާނީ މި ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިންނެވެ. 

 

4 ވަނަ މާއްދާ - ހުއްދަ ހޯދުން

ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއް ނުވަތަ ބިމަކާގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް މުއާމަލާތެއް ކުރަންވާނީ މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހުގައެވެ. 

(ހ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރުން. 

(ށ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ކުއްޔަށްދީފައިވާ ރަށެއް ނުވަތަ ބިމެއް ސަބްލީސްކުރުން.

(ނ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް ކުރާ އެގްރީމަންޓްގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބޭ އެންމެހައި ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުން. 

(ރ) މެނޭޖްމަންޓް އެގްރީމަންޓް ކުރުން. 

(ބ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް ކުރާ އެގްރީމަންޓްގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބޭ އެންމެހައި ހައްތު ރަހުނުކުރުން ނުވަތަ މޯގޭޖްކުރުން. 

(ޅ) ޓޫރިސްޓް ރިޒޯޓެއްގައި ހުންނަ ވިލާ ނުވަތަ ކޮޓަރީގެ ލީސް ސްޓްރާޓާ ޓައިޓްލް އުސޫލުން ވަކިން ވިއްކުމާއި ކުއްޔަށްދިނުން

 

ހިއްސާ ބަދަލުކުރުން

 

5 ވަނަ މާއްދާ - ހިިއްސާ ބަދަލުކުރުން

(ހ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ އެކަމަށްޓަކައި މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރުމަށް އެދި ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ހިއްސާ ބަދަލުކުރުމަށް ކުންފުނިން ފާސްކޮށްފައިވާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިއުށަނަކާއެކުގައެވެ. 

 

6 ވަނަ މާއްދާ - ހިއްސާގެ ބަދަލު ރަޖިސްޓަރީކުރުމަށްފަހު އެންގުން

ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރުމަށްފަހު، އެބަދަލު ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށް، ހިއްސާ ބަދަލުވިކަން ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީއެއް، ހިއްސާ ބަދަލުވުން ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

 

ސަބްލީސް ކުރުން

 

7 ވަނަ މާއްދާ - ސަބްލީސް ކުރުމުގެ ހުއްދަ

ޓޫރިސްޓް ރިޒޯޓެއް ހެދުމަށް މިނިސްޓްރީން ކުއްޔަށްދީފައިވާ ކޮންމެ ރަށެއް ނުވަތަ ބިމެއް، މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ސަބްލީސްކުރެވިދާނެއެވެ. ޓޫރިސްޓް ރިޒޯޓެއް ސަބްލީސްކުރާނަމަ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށްފަހު މިނިސްޓްރީގައި ސަބްލީސް ރަޖިސްޓަރީކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ސަބްލީސްކޮށްފައިވާ ފަރާތުން އެހެން ފަރާތަކަށް ސަބްލީސް ނުކުރުން 

ޓޫރިސްޓް ރިޒޯޓެއް ސަބްލީސްކޮށްފައިވާ ފަރާތަކުން މުޅި ރިޒޯޓު އަލުން ސަބްލީސްއެއް ނުކުރެވޭނެއެވެ. 

 

9 ވަނަ މާއްދާ - ސަބްލީސްކޮށްފައިވާ ފަރާތުން މެނޭޖްމަންޓް ހަވާލުކުރުން

ޓޫރިސްޓް ރިޒޯޓެއް ސަބްލީސް ކޮށްފައިވާ ފަރާތުން މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނެފައިވާގޮތަށް ރިޒޯޓުގެ މެނޭޖްމަންޓް އެހެންފަރާތަކާ ހަވާލުކުރެވިދާނެއެވެ. 

 

10 ވަނަ މާއްދާ - ސަބްލީސްނުކުރެވޭނެ ފަރާތްތައް

ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ސަބްލީސްކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ ފަރާތަކަށެވެ. 

(ހ) އުމުން 18 އަހަރު ފުރިފައިވާ ވަކިފަރުދަކަށް (ދެމީހުން ނުވަތަ އެއަށްވުރެ ގިނަަ މީހުންގެ ނަމުގައި ސަބްލީސްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް.

(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށް.

(ރ)ރާއްޖޭއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް. 

 

11 ވަނަ މާއްދާ - ސަބްލީސް އެގްރީމަންޓްގައި ހުންނަންވާ ށަރުތުތައް

(ހ) ސަބްލީސް އެގްރީމަންޓުގެ މުއްދަތު، ސަަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްދީފައިވާ މުއްދަތަށްވުރެ ދިގުވެގެން ނުވާނެއެވެ. 

(ށ) ސަބްލީސްކުރާ ފަރާތުން، ތިންވަނަ ފަރާތަކަށް މުޅިރަށް ނުވަތަ ބިން އެއްކޮށް ކުއްށްދިނުމުގެ ހައްގު ސަބްލީސް އެގްރީމަންޓުގައި ލިބިދީފައި އޮވެގެން ނުވާނެއެވެ. 

(ނ) ކުއްޔަށްދޭ މުއްތާއި ކުލި، ސަބްލީސް އެގްރީމަންޓްގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ. 

(ރ) ސަބްލީސް އެގްރީމަންޓާއި، ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާ ދެމެދުގައި އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، ބަލަންވާނީ ރަށް ނުވަތަ ބިން ކުއްޔަށް ދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓަށެވެ. އަދި ސަރުކާރުން ކޮށްފައިވާ އެގްރީމަންޓުގައިވާ މާއްދާއަކާ ހިލާފު މާއްދާއެއް ސަބްލީސް އެގްރީމަންޓުގައި އޮތްނަމަ އެމާއްދާއެއް ބާތިލުވާނެކަމަށް ބުނާ މާއްދާއެއް ސަބްލީސް އެގްރީމަންޓުގައި އޮތްނަންވާނެއެވެ. 

 

12 ވަނަ މާއްދާ - ސަބްލީސްކުރުމަށް އެދުން

ޓޫރިސްޓް ރިސޯޓެއް ސަބްލީސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު II ގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކުގައެވެ. 

(ހ) ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތަކީ، ކުންފުންޏެއްނަމަ ސަބްލީސްކުރުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޒޮލިއުށަން؛

(ށ) ސަބްލީސްކުރުމަށް އެދޭ ފަރާތަކީ ކުންފުންޏެއްނަމަ ސަބްލީސްކުރުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޒޮލިއުށަން؛

(ނ) ސަބްލީސް އެގްރީމަންޓްގެ ދެލިކޮޕީ. 

 

13 ވަނަ މާއްދާ - ސަބްލިސް ރަޖިސްޓަރީކުރުމާއި ދައްކަންޖެހޭ ފީ

ޓޫރިސްޓް ރިޒޯޓެއްގެ ސަބްލީސް އެގްރީމަންޓެއް، ޓީރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށްދެވޭނީ، މި ގަވާއިދުގައި ބުނެފައިވާ ކަންކަތްތައް ފުރިހަމަކުރުމާއެކު ސަބްލީސް ރަޖިސްޓަރީކުރުމަށްޓަކައި 5،000 (ފަސްހާސް) އެމެރިކާ ޑޮލަރުގެ ފީއެއް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ދެއްކުމަށް ފަހުގައެވެ. 

 

ސްޓްރާޓާ އުސޫލުން ވަކި ވިލާ ނުވަތަ ކޮޓަރި ލީސްކުރުން

 

14 ވަނަ މާއްދާ - ވަކި ކޮޓަރި ނުވަތަ ވިލާ ލީސްކުރުން

ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއްގައި ހަދާ ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ލީސްކުރެވިދާނެއެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި ސްޓްރާޓާ އުސޫލުން ކަޑައެޅޭ ވަކި ކޮޓަރި ނުވަތަ ވިލާ އޭ ބުނާ ބަހުގެ މާނައަކީ، ރަށުގެ ސައިޓް ޕްލޭނުގައި ނުވަތަ ވިލާ ލިސް އެގްރީމަންޓުގައި ބަޔާންކޮށް އަދި ކަނޑައެޅިފައިވާ ބައުންޑަރީއެއްގެ ތެރޭގައި އިމާރާތްކޮށްފައިވާ ކޮޓަރި ނުވަތަ ވިލާއާއި އެތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެތަނެއްގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗެވެ. 

 

15 ވަނަ މާއްދާ - ރިޒޯޓެއް ސްޓްރާޓާ އުސޫލުން ލީސް ކުރެވޭނެ ފަރާތްތައް

ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއްގައި ހަދާފައިވާ ރިޒޯޓެއްގެ ވަކި ކޮޓަރެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ލީސްކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ ފަރާތަކަށެވެ:

(ހ) އުމުރުން 18 އަހަރު ފުރިފައިވާ ވަކި ފަރުދަކަށް (ދެމީހުން ނުވަތަ އެއަށްވުގިނަ މީހުންގެ ނަމުގައި ވިލާ ލީސްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ).

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް.

(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށް.

(ރ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ ކުންފުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް. 

 

16 ވަނަ މާއްދާ - ސަބްލީސްކޮށްފައިވާ ފަރާތުން ސްޓްރާޓާ އުސޫލުން ލީސްކުރުން

ޓޫރިސްޓް ރިޒޯޓެއް ސަބްލީސްކޮށްފައިވާ ފަރާތަކުން، އެ ރިޒޯޓުގައި ހުންނަ ވަކި ކޮޓަރި ނުވަތަ ވިލާ މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތީން ސްޓްރާޓާ އުސޫލުން އެހެން ފަރާތްތަކަށް ލީސްކުރެވިދާނެއެވެ. 

 

17 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ލީސްކުރުމުގެ ހުއްދަ

ޓޫރިސްޓް ރިޒޯޓެއްގައި ސްޓްރާޓާ އުސޫލުން ކޮޓަރި ނުވަތ ވިލާ ލީސްކުރާނަމަ އެކަމަށްޓަކައި ޓޫރިޒަމާބެހޭ މިނިސްޓްރީން ލިޔުމުން ހުއްދަ ހޯދަންވާނެއެވެ. އެ ހުއްދައަށް އެދި ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު III ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެފޯމުންނެވެ. 

 

18 ވަނަ މާއްދާ - ކޮޓަރި ނުވަތަ ވިލާ ލީސް އެގްރީމަންޓްގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ކޮޓަރި ނުވަތަ ވިލާ ލީސް އެގްރީމަންޓްގެ މުއްދަތު، ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްދީފައިވާ މުއްދަތަށްވުރެ ދިގުވެގެންނުވާނެއެވެ. 

(ށ) ކޮޓަރި ނުވަތަ ވިލާ ލީސްކުރާ ފަރާތުން، ތިންވަނަ ފަރާތަކަށް ވިލާ ކުއްޔަށްދިނުމުގެ ހައްގު ވިލާ ލީސް އެގްރީމަންޓްގެ ދަށުން ލިބިދީފައި އޮވެގެން ނުވާނެއެވެ. 

(ނ) ކުއްޔަށްދޭ މުއްދަތާއި، ކުލި އެގްރީމަންޓްގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ. 

(ރ) ވިލާ ލީސް އެގްރީމަންޓާއި ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާ އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އިސްކަންދޭނީ ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓްކަމަށާއި، ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާ ހިލާފު އެއްވެސް މާއްދާއެއް ވާނަމަ އެމާއްދާއެއް ބާތިލުވާނެކަމަށް ބުނާ މާއްދާއެއް އޮންނަންވާނެއެވެ. 

(ބ) ވިލާ ލީސް އެގްރީމަންޓަންގެ ދަށުން ވިލާ ލީސްކުރާ ފަރާތަށް ލިބިފައިވާ އެންމެހައި ހައްގު އެހެން ފަރާތަކަށް ވިއްކާނަމަ ވިއްކުމަށްޓަކައި އަމަލުކުރަންވީގޮތް ހިމެނިފައި އޮންނަންވާނެއެވެ. 

(ޅ) ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކޮށްފައިވަނިކޮށް، ސަރުކާރުން ރިޒޯޓު ކުއްޔަށްދިނުމަށް ކޮށްފައިވާ އެގްރީމަންޓްގެ ދަށުން، ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ ހައްގުތައް ވިއްކާލާނަމަ ނުވަތަ ސަބްލީސް ކުރާނަމަ ނުވަތަ ރިޒޯޓުގެ މެނޭޖްމަންޓް އެހެން ފަރާތަކާ ހަވާލުކުރާނަމަ އަމަލުރަންވީގޮތް އޮންނަންވާނެއެވެ. 

(ކ) ވިލާ ލީސް އެގްރީމަންޓްގެ ދަށުން، ވިލާ ލީސްކުރާ ފަރާތަށް ލިބިދޭ އެންމެހައި ހައްތުތައް ރަހުނުރެވޭގޮތަށް އެގްރީމަންޓްކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ވިލާ ލީސް އެގްރީމަންޓްގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. 

(އ) ރިޒޯޓްގެ އާންމު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި، ފެންފަދަ ހިދުމަތްތައް ލިބުމުގެ ހައްގާއި ރިޒޯޓަށް އަރާ ފޭބުމާއި ނުވަތަ ކޮޓަރީއަށް ވަދެ ނިކުތުމުގެ ހައްގު ކޮޓަރި ނުވަތަ ވިލާ ލީސްކުރާފަރާތަށް ލިބިދޭ މާއްދާއެއް އެގްރީމަންޓްގައި އޮންނަންވާނެއެވެ. 

(ވ) ކޮޓަރި ނުވަތަ ވިލާ ލީސްކުރާ ފަރާތާއި ރިޒޯޓު ހިންގާ ފަރާތާ ދެމެދު ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމާއި މެނޭޖްކުރުމާއި، ފައިސާއާބެހޭ ގޮތުން އެއްބަސްވާ ކަންތައްތައް އެގްރީމަންޓްގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. 

(މ) ކޮޓަރި ނުވަތަ ވިލާ ލީސްކުރާފަރާތުން ކޮޓަރި ނުވަތަ ވިލާ ވަކިތަނެއްގެ ގޮތުގައި އޮޕަރޭޓްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. ކޮޓަރި ނުވަތަ ވިލާ ލީސްކުރާ ފަރާތުން، ރިޒޯޓު ހިންގާ ފަރާތާއެކު، ކޮޓަރި ނުވަތަ ވިލާ އޮޕަރޭޓްކުރުމާބެހޭ ގޮތުން އެގްރީމަންޓެއްގައި ސޮކުރަންވާނެއެވެ. 

(ފ) ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރި ނުވަތަ ވިލާތަކުގެ ތެރެއިން، ރިޒޯޓްގެ ހެޑްލީޒް ލިބިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ރިޒޯޓްގެ ކޮޓަރެއް ނުވަތަ ވިލާއެއް ނުވަތަ ކޮޓަރިތަކެއް ނުވަތަ ވިލާތަކެއް ސަބްލީސް ސްޓްރާޓާ އުސޫލުން ލީސްކޮށްފައިވާ ހާލަތުގައި، އެ ކޮޓަރިއެއް ނުވަތަ އެ ވިލާއެއް ލީސްކޮށްފައިވާ ފަރާތް މަރުވެއްޖެނަމަ، މަރުވި ފަރާތުގެ ވާރިސުންގެ ގޮތުގައި ށަރުއީ ކޯޓަކުން ކަނޑައަޅާ ފަރާތަކީ އެ ކޮޓަރީގެ ނުވަތަ އެ ވިލާގެ ލީސްގެ މިލްކުވެރިންގެ ގޮތުގައި ހިމަނަންވާނެއެވެ. 

(ދ) ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރި ނުވަތަ ވިލާތަކުގެ ތެރެއިން، ރިޒޯޓްގެ ހެޑްލީސް ލިބިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ރިޒޯޓްގެ ކޮޓަރިއެއް ނުވަތަ ވިލާއެއް ނުވަތަ ކޮޓަރިތަކެއް ނުވަތަ ވިލާތަކެއް ލީސްކޮށްފައި ވަނިކޮށް، ރިޒޯޓް އަލުން ތަރައްގީކުރާނަމަ، އަމަލުކުރާނޭ ގޮތެއް ކޮޓަރި ނުވަތަ ވިލާ ނުވަތަ ކޮޓަރިތައް ނުވަތަ ވިލާތައް ވިއްކުމުގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ. 

(ތ) ރިޒޯޓްގެ އާންމު ހިދުމަތްތައްކަމަށްވާ، ކަރަންޓާއި، ފެނުގެ ހިދުމަތާއި، ނަރުދަމާއާއި، ކުނި ނައްތާލުމާއި، ޓެލެފޯނުގެ ހިދުމަތާއި، އަދި މިނޫންވސް އާންމު ހިދުމަތްތަކަށް ރިޒޯޓް އޮޕަރޭޓްކުރާ ފަރާތަށް ފީއެއް ނުވަތަ އަގެއް ދައްކަންޖެހޭނަމަ އެކަމުގެ ތަފްސީލު. 

 

19 ވަނަ މާއްދާ - ލީސް ރަޖިސްޓަރީ ކުރުން

މި ގަވާއިދުގައިވާގޮތަށް ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކުރުމަށްފަހު، އެ ވިލާ ނުވަތަ ކޮޓަރި ލީސްކުރިކަން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ. 

 

20 ވަނަ މާއްދާ - ރަޖިސްޓަރީކުރިކަމުގެ ލިޔުން

ކޮޓަރި ނުވަތަ ވިލާ ލީސްކުރުމަށްފަހު ރަޖިސްޓަރީ ކުރުމުން، ލީސްކުރި ފަރާތަށް، އެކަން އަންގައިދޭ ލިޔުމެއް ޓޫރިމަބާބެހޭ މިނިސްޓްރީން ދޭންވާނެއެވެ. މިގޮތުންދޭ ލިޔުމުގައި އެ ކޮޓަރިއެއް ނުވަތަ ވިލާއެއް ފާހަނގަވާނޭ ރަޖިސްޓަރީ ރިފަރެންސަކާއި ތަފްސީލު އަދި ވިލާގެ ވެރިފަރާތް އެނގެން އޮންނަންވާނެއެވެ. 

 

21 ވަނަ މާއްދާ - ލީސް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން 

ވިލާއެއް ނުވަތަ ކޮޓަރިއެއް ރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ. 

(ހ) މިނިސްޓްރީން ފާސްކޮށްފައިވާ ރަށުގެ މާސްޓަރ ސައިޓް ޕްލޭން

(ށ) ކޮޓަރި ނުވަތަ ވިލާ ސައިޓް ޕްލޭން. މި ޕްލޭނުގައި، ކޮޓަރި ނުވަތަ ވިލާގެ އޭރިއާއާއި ބައުންޑަރީ އެނގެން އޮންނަންވާނެއެވެ. އަދި ކޮންމެ ކޮޓަރިއެއް ނުވަތަ ވިލާއެއްްގެ ޕްލޭން، އެ ތަނެއްގެ ފުޓްޕްރިންޓާއި، ސައިޒާއި، ބައުންޓަރީއާއި އަދި ފުޅާނިނާއި ދިގުމިނާއި އެތަނަކަށް ހާއްސަ ކަންތައްތައް ފާހަގަކޮށް އެތަނަކަށް ދީފައިވާ ނަންބަރު އެނގޭނޭ ގޮތަށް އޮންނަންވާނެއެވެ. 

 

22 ވަނަ މާއްދާ - ލީސް ރަޖިސްޓަރީކުރުމުގެ ފީ

ކޮންމެ ވިލާ އެގްރީމަންޓެއް ރަޖިސްޓަރީ ކުރުމަށްޓަކައި ނުވަތަ ވިލާ ނުވަތަ ކޮޓަރިއެއް ލީސްކޮށްފައިވާ ފަރާތުން އެހެން ފަރާތަކަށް ބަދަލުކުރިކަން ރަޖިސްޓަރީކުރުމަށް 5،000 (ފަސްހާސް) އެމެރިކާ ޑޮލަރުގެ ފީއެއް ޓޫރިޒަމާބެހޭ މިނިސްޓްރީއެއް ދައްކަންވާނެއެވެ. 

 

23 ވަނަ މާއްދާ - ރިޒޯޓް ހިންގުމަށް ހުރަސްއެޅޭފަދަ ކަމެއް ނުކުރުން

ރިޒޯޓް ހިންގުން ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ރިޒޯޓްގެ ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކޮށްފައިވާ ފަރާތަކުން ކޮށްގެންނުވާނެއެވެ. 

 

24 ވަނަ މާއްދާ - ރިޒޯޓް ނުވަތަ ބިމުގެ ކުލި ދެއްކުން

ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކޮށްފައިވީނަމަވެސް، ގާނޫނުގެ ދަށުން ރިޒޯޓް އޮތް ރަށުގެ ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާނީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުންނެވެ. 

 

25 ވަނަ މާއްދާ - އިންށޯރެންސް

ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރިއެއް ނުވަތަ ވިލައެއް ލީސްކޮށްފައިވާ ހާލަތުގައިވެސް ރިޒޯޓް އިންށުއަރ ކުރުމަށް ލީސް އެގްރީމަންޓުން ލާޒިމުކޮށްފައިވާ މިންވަރަށް ރިޒޯޓް އިންށުއަރކޮށް، އިންށުއަރެންސް ދެމެހެއްޓުމަކީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް، ވަކި ކޮޓަރި ނުވަތަ ވިލާ ލީސްކޮށްފައިވާ ފަރާތުގެ ކިބައިން އިންށުއަރެންސަށް ދައްކަންޖެހޭ ފައިސާދެއްކުމަށް ވަކި އަދަދެއް ނެގުމަށް އެއްބަސްވުމަކަށް އައުން މިގަވާއިދު ހުރަހެއް ނާޅައެވެ. އަދި އެ ވިލާއެއް ލީސްކޮށްފައިވާ ފަރާތުން އެފަރާތުގެ އަމިއްލަ ހަރަދުގައި އިންށުއަރ ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. 

 

26 ވަނަ މާއްދާ - ލީސްކޮށްފައިވާ ފަރާތް ބަނގުރޫޓުވުން

ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރިއެއް ނުވަތަ ވިލާއެއްގެ ލީސް މިލްކުވެފައިވާ ފަރާތެއް ބަނގުރޫޓު ވެއްޖެނަމަ، އެކޮޓަރި ނުވަތަ ވިލާއެއް ށަރުއި ކޯޓަކުން ކަނޑައަޅާ ފަރާތަކަށް ބަދަލުވެދާނެއެވެ. އަދި އެފަދަ ކޮޓަރިއެއް ނުވަތަ ވިލާއެއް ވަނީ ރަހުނުކުރެވިފައި ނުވަތަ މޯގޭޖްކުރެވިފައި ކަމުގައިވާނަމަ އެ ރަހުނުގެ ނުވަތަ މޯގޭޖުގެ ވެރިފަރާތުން އެފަރާތަށް ލިބިފައިވާ ހައްގު ލިބިގަނެވޭނެއެވެ. 

 

ލީސް ޓްރާންސްފަރ ކުރުން

 

27 ވަނަ މާއްދާ - ލީސް ޓްރާންސްފަރ ކުރުމަށް އެދުން

ޓޫރިސްޓް ރިޒޯޓެއްގެ ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައެއް އެދި ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު VI ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކުގައެވެ. 

(ހ) ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތަކީ ކުންފުންޏެއްނަމަ ލީސް ޓްރާންސްފަރ ކުރުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒެލޮއުށަން؛

(ށ) ލީސް ޓްރާންސްފަރ ލިބިގަތުމަށް އެދޭ ފަރާތަކީ ކުންފުންޏެއްނަމަ ލީސް ޓްރާންސްފަރ ލިބިގަތުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިއުށަން؛

(ނ) ލީސް ޓްރާންސްފަރ އެގްރީމަންޓްގެ ދެލިކޮޕީގެ ކޮޕީއެއް.

 

28 ވަނަ މާއްދާ - ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދަ ދިނުމުގެ ށަރުތު

ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ ފަރާތަކަށް ކަމުގައި ވާންވާނެއެވެ. 

(ހ) އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން (ދެމީހެއްގެ ނަމުގައި ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ)

(ށ) ރާއްޖޭގައި ރަސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުން. 

(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށްވުން. 

(ރ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރިޒޯޓު ހިންގުމަށްޓަކައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުން. 

 

29 ވަނަ މާއްދާ - ދަރަންޏެއް އޮތްތޯ ބެލުން

(ހ) ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރުމަށް ހުއްދަދެވޭނީ އެރަށެއް ނުވަތަ އެ ބިމަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއްވޭތޯ ބެލުމަށް މިނިސްޓްރީގެ ފަރާތުން އާންމުކޮށް އިއުލާންކުރުމަށްފަހު އެފަދަ މައްސަލައެއް އޮތްނަމަ ރަށް ނުވަތަ ބިމުގެ ލީސް ހޯލްޑަރުގެ ފަރާތުން އެމައްސަލައެއް ހައްލުކުރުމުންނެވެ. 

(ށ) ލީސް ޓްރާންފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށެއް ނުވަތަ ބިމަކާ ގުޅޭ ގޮތުން ލީސް ހޯލްޑަރު، ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދައްކާ ހަލާސްކުރުމުގެ ކުރިން، ލީސް ޓްރާންސްފަރކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. މީގެ އިތުރުން ރަށް މޯގޭޖްކޮށް ރަޖިސްޓަރީކޮށްފައި އޮތްނަމަ މޯގޭޖުގެ ވެރިފަރާތުގެ ހުއްދަލިބިގެން މެނުވީ ލީސް ޓްރާންސްފާކުރުމަކަށް ހުއްދައެއް ނުދެވޭނެއެވެ. 

 

30 ވަނަ މާއްދާ - ލީސް ޓްރާންސްފަރ ކުރުމަށް އެދި ހުށަހަޅާ އެޕްލިކޭށަނުގެ މުއްދަތު

ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށެއް ނުވަތަ ބިމަކާ ގުޅޭ ގޮތުން މިނިސްޓްރީންކުރާ އިއުލާނާ ގުޅިގެން ހުށަަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އެމައްސަލައެއް ހައްލުކުރުމަށް ނުވަތަ ލީސް ޓްރާންސްފަރކުރުން ކުރިއަށް ގެންދިއުމަށް ނުވަތަ ހުއްޓުވުމަށް ކޯޓު އަމުރެއް މިނިސްޓްރީއަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

 

31 ވަނަ  މާއްދާ - މައްސަލަތައް ނިމިފައިނުވުން

މިގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ހައްލުނުކުރެވިއްޖެނަމަ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން ލީސް ޓްރާންސްފަރކުރުން ހުއްޓުވުމަށް އަންގާފައިއޮތް ކޯޓު އަމުރެއް 30 ދުވަހުގެ ތެރޭގައި ހުށަހަޅާފައިނުވާނަމަ ލީސް ޓްރާންސްފަރ ކުރުމުގެ ކަންތައްތައް މިނިސްޓްރީން ކުރިއަށް ގެންދެވޭނެއެވެ. 

 

32 ވަނަ މާއްދާ - ޓްރާންސްފަރ ކުރުމުގެ ކަންތައް ނުނިމުން

ލީސް ޓްރާންފަރ ކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކުރާތާ 30 ދުވަހުގެ ތެރޭގައި ލީސް ޓްރާންސްފަރކުރުން ނިންމާފައި ނުވާނަމަ ލީސް ޓްރާންސްފަރކުރުމަށް ހުށަހަޅާފައިވާ އެޕްލިކޭށަން ބާތިލުވާނެއެވެ. އަދި އެ ރަށް ދެން ލީސް ޓްރާންސްފަރކުރެވޭނީ އާ އެޕްލިކޭށަނެއް ހުށަހެޅުމަށްފަހު މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންނެވެ. 

 

33 ވަނަ މާއްދާ - ލީސް ޓްރާންސްފަރ ފީ

ލީސް ޓްރާންސްފަރ ކުރުމަށް އެދޭފަރާތުން ލީސް ޓްރާންސްފަރ ފީގެ ގޮތުގައި 5،000 (ފަސްހާސް) އެމެރިކާ ޑޮލަރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ދައްކަންޖެހޭނެއެވެ. 

 

މެނޭޖްމަންޓް އެގްރީމަންޓްކުރުން

 

34 ވަނަ މާއްދާ - މެނޭޖްމަންޓް ހަވާލުކުރުން

ޓޫރިސްޓް ރިޒޯޓެއް ކުއްޔަށްދީފައިވާ ފަރާތުން ނުވަތަ ސަބްލީސް ކޮށްފައިވާ ފަރާތުން ރިޒޯޓް ހިންގުމަށްޓަކައި އެހެން ފަަރާތަކަށް މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ހަވާލުކުރެވިދާނެއެވެ. 

 

35 ވަނަ މާއްދާ - މެނޭޖްމަންޓް ހަވާލުކުރުމަށް ނަގަންޖެހޭ ހުއްދަ

މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ހިންގުން، އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ އެކަމަށްޓަކައި މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ. 

 

36 ވަނަ މާއްދާ - މެނޭޖްމަންޓް ހަވާލުކުރުމުގެ ހުއްދައަށް އެދުން

މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް މެނޭޖްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާންވާނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކުގައެވެ.

(ހ) ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތަކީ ކުންފުންޏެއްނަމަ، ރިޒޯޓް މެނޭޖްކުރުމަށް އެހެންފަރާތަކާ ހަވާލުކުރުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިއުށަން؛

(ށ) ރިޒޯޓް މެނޭޖްކުރުމަށް އެދޭ ފަރާތަކީ ކުންފުންޏެއްނަމަ ރިޒޯޓް މެނޭޖްކުރުމަށް ފާސްކޮށްފައިވާ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިއުށަން؛

(ނ) މެނޭޖްމަންޓް އެގްރީމަންޓްގެ ދެލިކޮޕީ.

 

37 ވަނަ މާއްދާ - މެނޭޖްކުރުމަށް ހަވާލުކުރެވޭނެ ފަރާތްތައް

ރިޒޯޓެއް، މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން މެނޭޖްކުރުމަށް ހަވާލުކުރެވޭ ފަރާތަކީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ ފަރާތަކަށް ވާންވާނެއެވެ. 

(ހ) އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން (ދެމީހުންގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައި މެނޭޖްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުން. 

(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށްވުން. 

(ރ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރިޒޯޓު ހިންގުމަށްޓަކައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުން.

 

38 ވަނަ މާއްދާ - މެނޭޖްމަންޓް އެގްރީމަންޓްގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ސަރުކާރުން ރަށާ ނުވަތަ ބިން ކުއްޔަށްދީފައިވާ މުއްދަތަށްވުރެ، މެނޭޖްމަންޓް އެގްރީމަންޓުގެ މުއްދަތު ދިގުވެގެން ނުވާނެއެވެ. އަދި މެނޭޖްމަންޓް ހަވާލުކުރާނީ ރަށް ނުވަތަ ސަބްލީސްކޮށްފައިވާ ފަރާތުންނަމަ، ސަބްލީސް އެގްރީމަންޓުގެ މުއްދަތަށްވުރެ، މެނޭޖްމަންޓް އެގްރީމަންޓުގެ މުއްދަތު އިތުރުވެގެން ނުވާނެއެވެ. 

(ށ) ރިޒޯޓް މެނޭޖްކުރުމަށް އައްޔަންކުރާ ފަރާތުން، ތިންވަނަ ފަރާތަކަށް ރިޒޯޓް މެނޭޖްކުރުމަށް ހަވާލުކުރުމުގެ އެއްވެސް ހައްގެއް އެގްރީމަންޓުގެ ދަށުން ލިބިދީފައި އޮވެގެން ނުވާނެއެވެ. ނަމަވެސް، މެނޭޖްމަންޓް އެގްރީމަންޓުގެ ދަށުން ހުއްދަ ކުރެވިފައިވާނަމަ، މެނޭޖްކުރާ ފަރާތަށް ލިބިފައިވާ އެންމެހައި ހައްގުތައް އެހެން ފަރާތަކަށް އެސައިން ކުރެވިދާނެއެވެ. 

(ނ) މެނޭޖްކުރުމަށް ހަވާލުކުރެވޭ މުއްދަތާއި، މެނޭޖްމަންޓް ފީ އެގްރީމަންޓުގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ. 

(ރ) މެނޭޖްމަންޓް އެގްރީމަންޓާއި ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާ ދެމެދުގައި އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، ބަލާނީ ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓަށެވެ. އަދި ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓުގައިވާ މާއްދާއަކާ ހިލާފު އެއްވެސް މާއްދާއެއް މެނޭޖްމަންޓް އެގްރީމަންޓުގައި އޮތްނަމަ އެމާއްދާއެއް ބާތިލުވާނެކަމަށް ބުނާ މާއްދާއެއް މެނޭޖްމަންޓް އެގްރީމަންޓުގައި އޮންނަންވާނެއެވެ. 

 

މޯގޭޖްކުރުން

 

39 ވަނަ މާއްދާ - ރިޒޯޓް މޯގޭޖްކުރުން

ޓޫރިސްޓް ރިޒޯޓެއް ކުއްޔަށްހިފާފައިވާ ފަރާތުން، ނުވަތަ ސަބްލީސް ކޮށްފައިވާ ފަރާތުން، ނުވަތަ ރިޒޯޓުގެ ވަކި ކޮޓަރިއެއް ނުވަތަ ވަކި ވިލާއެއްގެ ލީސް މިލްކުވެފައިވާ ފަރާތުން، އެ ކޮޓަރި ނުވަތަ އެ ވިލާ ލީސްކުރުމަށް ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ރިޒޯޓާއި ނުވަތަ ރިޒޯޓުގެ ބަޔަކާގުޅިގެން އެފަރާތަކަށް ލިބިގެންވާ އެންމެހައި ހައްގުތައް މި ގަވާއިދުގައިވާ ގޮތުގެ މަތިން، ރަހުނު ނުވަތަ މޯގޭޖް ކުރެވިދާނެއެވެ. 

 

40 ވަނަ މާއްދާ - މޯގޭޖްކުރުމަށް ނަގަންޖެހޭ ހުއްދަ

ޓޫރިސްޓް ރިޒޯޓެއް ކުއްޔަށްހިފާފައިވާ ފަރާތުން، ނުވަތަ ސަބްލީސް ކޮށްފައިވާ ފަރާތުން، ނުވަތަ ރިޒޯޓުގެ ވަކި ކޮޓަރިއެއް ނުވަތަ ވަކި ވިލާއެއްގެ ލީސް މިލްކުވެފައިވާ ފަރާތުން، ރިޒޯޓާއި ނުވަތަ ރިޒޯޓުގެ ބަޔަކާގުޅިގެން އެފަރާތަކަށް ލިބިގެންވާ އެންމެހައި ހައްގުތައް ރަހުނު ނުވަތަ މޯގޭޖްކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ރަހުނު ނުވަތަ މޯގޭޖްކުރުމުގެ ކުރިން އެކަމަށްޓަކައި ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދަންވާނެއެވެ. މި ހުއްދަ ހޯދުމަށްޓަކައި ހުސަހަޅާނީ މި ގަވާއިދުގެ ޖަދުވަލު V ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމުންނެވެ. 

 

41 ވަނަ މާއްދާ - މޯގޭޖް ރަޖިސްޓަރީ ކުރުން

ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދީފައިވާ ރަށެއް ނުވަތަ ބިމެއް މޯގޭޖް ކޮށްފިނަމަ ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެ މޯގޭޖެއް ރަޖިސްޓަރީ ކުރަންވާނެއެވެ. މިގަވާދުގެ ދަށުން ރަޖިސްޓަރީކޮށްދެވޭނީ ޓޫރިޒަމާބެހޭ މިނިސްޓްރީއިން ހުއްދަ ނަގައިގެން ކޮށްފައިވާ މޯގޭޖްތަކެވެ.  މޯގޭޖް ރަޖިސްޓަރީ ކުރުމަށް މިގަވާއިދުގެ ޖަދުވަލު VI ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެފޯމާއި، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ހުށަހަޅަންވާނެއެވެ. 

(ހ) ރިޒޯޓުގެ ރަޖިސްޓަރީ

(ށ) މޯގޭޖް އެގްރީމަންޓާއި ލޯނު އެގްރީމަންޓުގެ ކޮޕީ

(ނ) ރަހުނު ނުވަތަ މޯގޭޖްކުރަނީ، ކުރިން މޯގޭޖްކޮށްފައިވާ ބޭންކް ނުވަތަ މާލީ އިދާރާ ފިޔަވައި އެހެން ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ކަމަށްވާނަމަ، ކުރިން މޯގޭޖްކޮށްފައިވާ ފަރާތުން އެކަމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން

 

42 ވަނަ މާއްދާ - މޯގޭޖް ރަޖިސްޓަރީ ކުރުމުގެ ފީ

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ކޮންމެ މޯގޭޖެއް ރަޖިސްޓަރީކުރުމަށްޓަކައި، މޯގޭޖް ރަޖިސްޓަރީކުރުމުގެ ފީގެ ގޮތުގައި 10،000 (ދިހަހާސް) ރުފިޔާ ދައްކަންވާނެއެވެ. 

 

43 ވަނަ މާޢްދާ - ޓޫރިސްޓް ހޮޓާތަކުގެ މައްޗަށް މިގަވާއިދު ހިނގުން

މި ގަވާއިދުގައި ޓޫރިސްޓު ރިޒޯޓުގަކުގެ މައްޗަށް އަމަލުރުމަށް ހުރި ހުރިހާ މާއްދާތަކެއް ޓޫރިސްޓު ހޮޓާތަކުގެ މައްޗަށްވެސް ހިނގާނެއެވެ. 

 

44 ވަނަ މާއްދާ - "މިނިސްޓްރީ" ނުވަތަ "ޓޫރިޒަމާބެހޭ މިނިސްޓްރީ"

މި ގަވާއިދުގައި "މިނިސްޓްރީ" ނުވަތަ "ޓޫރިޒަމާބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގައި ބަޔާންކުރާ އެންމެހައި ކަންތައްތައް ތަންފީޒުކުރުމަށް އެއިރަކު ހަވާލުވެފައިވާ މިނިސްޓްރީއަކަށެވެ. 

 

45 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-14)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު