-

ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށް ޓަކައި، ދިވެހި ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދައި ފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ދިވެހި ސަރުކާރުގެ ހިއްސާ ވިއްކައި ލުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-126)

(މި ގަވާއިދުގެ 13 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2021-44 އުވާލެވިފައި)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 އޮގަސްޓް 2022 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހި ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށް ޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ޓަކައި، ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދައިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކައިލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށް ޓަކައި، ދިވެހި ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދައިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ދިވެހި ސަރުކާރުގެ ހިއްސާ ވިއްކައިލުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ސަރުކާރު ހިއްސާވާ ގޮތަށް އުފައްދައިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި

މި ގަވާއިދުގެ ބޭނުމަށް ޓަކައި، ސަރުކާރު ބައިވެރިވެގެން އިންވެސްޓް ކުރުމަށް ޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޓަކައި، ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދައިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތައް ކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ތައް ފުރިހަމަވާ ކުންފުނިތައް އެކަންޏެވެ.

(ހ) އެ ކުންފުންޏަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އުފައްދައިފައިވާ ކުންފުންޏެއް ކަމުގައި ވުން.

(ށ) އެ ކުންފުންޏަކީ، އެ ކުންފުނީގެ ހުއްދަކޮށްފައިވާ ރައުސްމާލުގެ ތެރެއިން އަގު އަދާކޮށްފައިވާ ހިއްސާގެ އެއްވެސް މިންވަރެއް ދިވެހި ސަރުކާރުގެ އިތުރުން، އަމިއްލަ ހިއްސާދާރެއް ނުވަތަ އަމިއްލަ ހިއްސާދާރުން ހިމެނޭ ކުންފުންޏެއް ކަމުގައި ވުން.

(ނ) އެ ކުންފުންޏަކީ، އެ ކުންފުނީގެ އަސާސީ ގަވާއިދާއި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި އެ ކުންފުނި އުފެއްދުމުގެ މަގުސަދުގެ ގޮތުގައި ހަމައެކަނި ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުންކަމަށް ބަޔާންކޮށްފައިވާ ކުންފުންޏެއް ކަމުގައި ވުން.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ލާޒިމުވާ ހާލަތް

ސަރުކާރުގެ ފަރާތުން މި ގަވާއިދަށް އަމަލުކުރުން ލާޒިމުވާނީ، ހަމައެކަނި ޓޫރިޒަމްގެ ބޭނުމަށް ސަރުކާރުގެ ހިއްސާ އެކުލެވޭ ގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކަށެވެ.

 

4 ވަނަ މާއްދާ - ހިއްސާ ވިއްކައިލުމަށް ނިންމުން

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ އެ ކުންފުންޏެއްގައި ހިމެނޭ އަމިއްލަ ހިއްސާދާރަކަށް، ނުވަތަ ހިއްސާދާރުންނަށް، ނުވަތަ ހިއްސާދާރުންގެ ގޮތުގައި ނުހިމެނޭ އެހެން ތިންވަނަ ފަރާތަކަށް ވިއްކައިލުމަށް ނިންމާނީ، ސަރުކާރުގެ ހިއްސާ ގަތުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން މިނިސްޓަރެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރުގެ ނިންމުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑާ ހިއްސާކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ހިއްސާގެ އަގު ކަނޑައެޅުން

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކައިލުމުގެ ކުރިން އެ ހިއްސާތަކަށް ޖުމުލަކޮށް ޖެހޭ އެންމެ ދަށް އަގު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ އެންމެ ދަށް އަގު ކަނޑައަޅަންވާނީ، އެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ހަރުމުދަލާއި، ދޫކޮށްފައިވާ ރަށް ނުވަތަ ފަޅު ހިމެނޭގޮތުން، މުސްތަގިއްލު ވެލުއަރއެއް މެދުވެރިކޮށް ހަދާ ވެލުއޭށަނަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ތައްޔާރުކުރާ ވެލުއޭށަން ހެދުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ޖޮއިންޓް ވެންޗަރ ކުންފުންޏަށް ދޫކޮށްފައިވާ ރަށް، ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިށަން ފީގެ ގޮތުގައި ޖެހޭ މިންވަރު؛
  2. ޖޮއިންޓް ވެންޗަރ ކުންފުންޏަށް ދޫކޮށްފައިވާ ރަށް، ނުވަތަ ބިން ނުވަތަ ފަޅުގެ ބިމުކުލީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު؛
  3. ސަރުކާރުން ޖޮއިންޓް ވެންޗަރ އުސޫލުން ކުންފުންޏެއް ނަހަދައި، ސީދާ އޯޕަން ޓެންޑަރގެ އުސޫލުން ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ވިއްކައިލަން އިއުލާނުކޮށްގެން އެ ރަށެއް، ނުވަތަ އެ ބިމެއް، ނުވަތަ އެ ފަޅެއް ވިއްކައިލިނަމަ، ލިބިދާނެކަމަށް ލަފާކުރާ އާމްދަނީ؛
  4. ޖޮއިންޓް ވެންޗަރ ކުންފުންޏަށް ދޫކޮށްފައިވާ ރަށް، ނުވަތަ ބިން ނުވަތަ ފަޅުގެ އިންވެސްޓްމެންޓް ވެލިއު؛
  5. ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކައިލުމުގެ ސަބަބުން ސަރުކާރަށް ކުރިޔަށް އޮތް 5 (ފަހެއް) އަހަރުދުވަހަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީއާއި އޮޕޮޗިއުނިޓީ ކޮސްޓް.

 

6 ވަނަ މާއްދާ - މުސްތަގިއްލު ވެލިއަރ އައްޔަނުކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުސްތަގިއްލު ވެލުއަރ އައްޔަނުކުރާނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރާ ވެލުއަރގެ ކިބައިގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

  1. ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުންޏެއް ނުވަތަ ޕާޓްނަށިޕެއް ކަމުގައި ވުން؛
  2. ވެލުއަރގެ ގޮތުގައި އައްޔަނުކުރާ ކުންފުނި/ޕާޓްނަރށިޕް (ގާނޫނީ ށަހްސު) ފަރާތުން އެ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ފަރާތަކީ އެކައުންޓިންގ ހިދުމަތް ނުވަތަ އޮޑިޓްކުރުމުގެ ދާއިރާގައްޔާއި ވެލުއޭށަން ހެދުމުގެ މަސައްކަތުގައި، އެންމެ މަދުވެގެން ވެސް 5 (ފަހެއް) އަހަރުދުވަހު ހަރަކާތްތެރިވެ، ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ވުން؛
  3. ގަވާއިދުން ޓެކްސް ދައްކަމުންގެންދާ ފަރާތެއް ކަމުގައި ވުން؛
  4. ވެލުއޭށަން ހަދާ ވެލުއަރގެ އެއްވެސް ހިއްސާދާރަކީ ނުވަތަ ޕާޓްނަރަކީ ނުވަތަ ޑިރެކްޓަރަކީ ހިއްސާ ވިއްކައިލުމަށް ނިންމައިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނީގެ ހިއްސާދާރެއް ކަމުގައި ނުވަތަ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް އިރެއްގައި ހަރަކާތްތެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އިތުރު ށަރުތު ކަނޑައެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

7 ވަނަ މާއްދާ - ހިއްސާ ވިއްކައިލުމުގެ މުއާމަލާތް ކުރިޔަށްގެންދިއުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ހިއްސާ ވިއްކައިލުމަށް ނިންމައި، އަދި މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުންފުންޏެއްގެ ހިއްސާ ވިއްކުމަށް މުސްތަގިއްލު ވެލުއަރއެއް މެދުވެރިކޮށް ހަދާ ވެލުއޭށަނަށް ބިނާކޮށް އެންމެ ދަށް އަގު ކަނޑައެޅުމަށްފަހު، އެކަން ބަޔާންކޮށް ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް މިނިސްޓަރު ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފޮނުވާ ލިޔުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ވިއްކައިލެވޭ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ އެންމެ ދަށް އަގު ކަނޑައެޅުމަށް ޓަކައި، މުސްތަގިއްލު ވެލުއަރ ތައްޔާރުކޮށްފައިވާ ވެލުއޭށަން ރިޕޯޓު؛
  2. ހިއްސާ ވިއްކައިލުމުގެ މުއާމަލާތް ކުރިޔަށް ގެންގޮސްގެން ލިބޭ ފައިސާއާ މެދު އަމަލުކުރަންވީ ގޮތް؛
  3. ހިއްސާ ވިއްކައިލުމުގެ މުއާމަލާތާ ގުޅޭ އެއްބަސްވުމުގައި، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ހިމެނުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ފެންނަ އިތުރު ށަރުތުތައް ނުވަތަ މާއްދާތައް.

 

8 ވަނަ މާއްދާ - ހިއްސާ ވިއްކައިލުމުގެ މުއާމަލާތް ކުރިޔަށްގެންދާނެ ގޮތް

މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ހިއްސާ ވިއްކައިލުމުގެ ކަންކަން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން ކުރިޔަށް ގެންދަންވާނީ، ގާނޫނު ނަންބަރު 2013-03 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޕްރައިވަޓައިޒްކުރުމުގެ އުސޫލުތަކާއި ހަމަތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

9 ވަނަ މާއްދާ - ހިއްސާ ވިއްކައިލުމުގެ އެއްބަސްވުން

(ހ) މި ގަވާއިދުގެ ދަށުން ސަރުކާރުގެ ހިއްސާ ވިއްކައިލުމުގެ މުއާމަލާތު ކުރިޔަށް ގެންދަންވާނީ، ސަރުކާރާއި ހިއްސާ ގަންނަ ހިއްސާދާރު، ނުވަތަ ހިއްސާދާރުން،ނުވަތަ ހިއްސާ ގަންނަ ތިންވަނަ ފަރާތާ ދެމެދުގައި ލިޔުމުން ވެވޭ، ހިއްސާ ވިއްކައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިއްސާ ވިއްކައިލުމުގެ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ވިއްކައިލެވޭ ހިއްސާގެ މިންވަރާއި އަގު؛
  2. ވިއްކައިލެވޭ ހިއްސާގެ އަގު އަދާކުރާނޭ ގޮތުގެ ތަފުސީލު؛
  3. ވިއްކައިލެވޭ ހިއްސާގެ އަގު އަދާކޮށް ނިންމުމަށް ކަނޑައެޅޭ މުއްދަތު؛
  4. މިނިސްޓްރީއަށް ފެންނަ އިތުރު ށަރުތުތައް.

(ނ) ސަރުކާރުގެ ފަރާތުން ހިއްސާ ވިއްކައިލުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ މިނިސްޓަރ އޮފް ފިނޭންސެވެ.

 

10 ވަނަ މާއްދާ - އަގު އަދާކުރުން

(ހ) މި ގަވާއިދުގެ ދަށުން ސަރުކާރުގެ ފަރާތުން ވިއްކައިލާ ހިއްސާއަށް ކަނޑައެޅޭ ހިއްސާގެ އަގު ގަންނަ ފަރާތުން އަދާކުރުމުގައި، ނަގުދު ފައިސާ ފިޔަވައި އެ ފައިސާގެ އަދަދާ އެއްވަރުގެ މުގާބިލެއް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރ އޮފް ފިނޭންސަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ސަރުކާރުގެ ފަރާތުން ވިއްކައިލާ ހިއްސާއަށް ކަނޑައެޅޭ އަގު ހިއްސާ ގަންނަ ފަރާތުން އެއްފަހަރާ ދައްކައި އަގުއަދާކުރާ ގޮތަށް ނުވަތަ ހިއްސާ ވިއްކައިލުމުގެ އެއްބަސްވުމުގައި ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ބައިބަޔަށް ބަހަލައިގެން ދައްކައި ހަލާސްކުރާގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު، މިނިސްޓަރ އޮފް ފިނޭންސަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް ޓަކައި، އަގު އަދާކުރުމަށް ދެވޭނޭ އެންމެ ދިގު މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހެވެ.
(ރ) މި ގަވާއިދުގެ ދަށުން ސަރުކާރުގެ ފަރާތުން ވިއްކައިލާ ހިއްސާއަށް ކަނޑައެޅޭ އަގު، ހިއްސާ ގަންނަ ފަރާތުން އަދާކޮށް ހަލާސްކުރާ ތާރީހުން ފެށިގެން، އެންމެ ގިނަވެގެން ވެސް، ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި ހިއްސާ ބަދަލުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗަރ ކުންފުނީގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް ނިންމަންވާނެއެވެ.

 

11 ވަަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

12 - ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދެވިފައިވާނީ ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނައެވެ.

(ހ) "މިނިސްޓަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، މިނިސްޓަރ އޮފް ފިނޭންސަށެވެ.

(ށ) "ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2013-03 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށެވެ.

(ނ) "އަމިއްލަ ހިއްސާދާރު" ކަމަށް ބަޔާންކޮށްފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ސަރުކާރުގެ އިތުރުން ހިއްސާދާރެއްގެ ގޮތުގައި ހިމެނޭ، ސަރުކާރާ ގުޅުމެއްނެތް، ތަބީއީ އަދި ގާނޫނީ ށަހްސުތައް ހިމެނޭ ގޮތުން، އެންމެހައި ހިއްސާދާރުންނަށެވެ.

 

13 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2021-44 (ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި، ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށް ޓަކައި، ދިވެހި ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދައިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ދިވެހިސަރުކާރުގެ ހިއްސާ ވިއްކައިލުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

އުވުނު ގަވާއިދު

ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި، ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި، ދިވެހިސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ދިވެހިސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ގަވާއިދު (ގަވާއިިދު ނަންބަރު 2021-44)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު