ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 5/2014)

0 occurrences found.

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 5/2014)

 

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

35.  (ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ނެގުން ނިމުމަކަށް އަންނާނެ ތާރީހު މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ނެގުން މި ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އަލުން ރުޖޫއަވީއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ރުޖޫއަކުރެވުނު ޓެކްސް ނެގުން 30 ނޮވެމްބަރު 2014 ގެ ނިޔަލަށް ނިމުމަކަށް އަންނާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

36. ޓޫރިސްޓުންނާބެހޭ މައުލޫމާތު ދިނުން

(ހ) ޓޫރިސްޓް ރިޒޯޓެއްގައި، ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި، ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއްގައި، ނުވަތަ ޓޫރިސްޓް އުޅަނދެއްގައި، ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ތިބި ޓޫރިސްޓުންނާބެހޭ މައުލޫމާތު، ހިނގާމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން މައުލޫމާތު ހުށަހަޅަންވާނީ އެ އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން، އެ އޮތޯރިޓީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމުގެ ގޮތުން އޮޑިޓްކުރުމާއި ތަހްގީގްކުރުމުގެ ބާރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު" މިހެން ހުރި ތަންތަން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" މިގޮތަށް ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com