ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 8/2015)

0 occurrences found.

ގާނޫނު ނަންބަރު 2/1999  (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 8/2015)

 

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. ކުއްޔަށް ދޫކުރާ މުއްދަތު

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގައާއި މި މާއްދާގެ (ވ) ގައި ބުނެފައިވާ ހާލަތްތައް ފިޔަވައި، މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތާ ރަށް ނުވަތަ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން މީލާދީ 50 (ފަންސާސް) އަހަރުދުވަހަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

9. (ވ) ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިމުގެ ތެރެއިން މި މާއްދާގެ ދަށުން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށާއި ނުވަތަ ބިންބިން ކުއްޔަށް ހިފާފައިވާ ފަރާތަކީ ތިރީގައި ބުނެފައިވާ ށަރުތުތައް ހަމަވާ ފަރާތެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދޭންވާނެއެވެ.

  1. ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި، ޓެކްސްއާއި، ފީއެއްވާނަމަ އެފަދަ ފީއާއި، ޖޫރިމަނާއެއްވާނަމަ އެ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް އެއްވެސް ފައިސާއެއްވާނަމަ އެފައިސާއާއި އަދި މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ރަށްރަށާއި ބިންބިމާ ގުޅިގެން ދައްކަންޖެހޭ ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ދެއްކުން ފަސްކޮށްދީފައިވާނަމަ ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާ ދައްކައި ހަލާސްކޮށްފައިވުން.
  2. ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި ތަރައްގީކުރާ ރިޒޯޓް ހުޅުވާފައިވުން.
  3. މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 5،000،000.00 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެއްފަހަރާ ދައްކާފައިވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. ރަށް ނުވަތަ ބިމަށް ދާއިމީ ބަދަލެއް އަންނަފަދަ ކަންކަން ކުރުން

(ހ) ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިމާއި ނުވަތަ ފަޅުފަޅުގައި ކުރާ އެއްވެސް މަސައްކަތެއްގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނަފަދަ އެއްވެސް ކަމެއް ކުރަންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ލިޔުމަކުން ހުއްދަ ހޯދުމަށްފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނަފަދަ އެއްވެސް ކަމެއް ކުރުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރަންވާނީ އެކަމާ ގުޅޭގޮތުން ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު  ހެދުމަށްފަހުއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނާނެ ކަންކަން ކަނޑައެޅުމާއި އެކަމާ ގުޅިގެން ހަދަންޖެހޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި އެފަދަ ކަންކަމަށް ހުއްދަ ދިނުމުގެ އެންމެހައި ކަންކަން ކަނޑައެޅުމުގެ ބާރު ހަމައެކަނި ލިބިގެންވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީއަށެވެ.

(ރ) މި މާއްދާގައި ބުނެފައިވާ އެންމެހައި ކަންތައްތަކާބެހޭ ގަވާއިދު ހަދާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

16. ޓޫރިސްޓް ރިޒޯޓް ހިންގުމުގެ ހުއްދަ ދޫކުރުމާއި ރިޒޯޓުގެ މިންގަނޑު ކަނޑައެޅުން

(ނ) މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއްގައި ހަދާ ރިޒޯޓެއްގައި ހުންނަންޖެހޭ މިންގަނޑުތަކާއި ހިދުމަތްތަކާއި ފަސޭހަތައް ކަނޑައެޅުމުގެ ބާރު ހަމައެކަނި ލިބިގެންވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީއަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކޮށް، އޭގެ ފަހަތަށް އެ ގާނޫނުގައި ދެންހުރި މާއްދާތައް އަލުން ތަރުތީބުކުރުން.

49. ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުން

މި ގާނޫނުގެ 15 ވަނަ މާއްދާއާއި އެ މާއްދާގައި ބުނެފައިވާ ގަވާއިދާ ހިލާފުވާ ފަރާތްތައް، އެ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން 5،000،000.00 (ފަސްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި ވަކި މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com