-

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު 2026

(އުސޫލު ނަންބަރު 2026-19)

(މި އުސޫލަށް އަމަލުކުރަން ފެށީ 12 ޖުލައި 2026 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވާތީ، އެ އިނާމު ދިނުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ، އިލްމާއި، ހުނަރާއި، އުފެއްދުންތެރިކަމުގެގޮތުން ހިތްވަރާއެކުގައި ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ޓަކައި ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފައިވާ "ހާއްސަ އިނާމާބެހޭ ކޮމިޓީ"ންނެވެ. މި އިނާމު އާންމުގޮތެއްގައި ދޭނީ، އަހަރަކު އެއްފަހަރުއެވެ.

(ނ) މި އުސޫލަށް ކިޔާނީ، "މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު 2026" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، އިލްމީގޮތުންނާއި ހުނަރުވެރިކަމުގެ ރޮނގުން މަތީ ވަނަތަކާއި ށަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މިސްރާބުކުރުމެވެ.

 

3 ވަނަ މާއްދާ - ހާއްސަ އިނާމު

ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. ނަމަވެސް، އެންމެ މަތީ ވަނަ ނުވަތަ ށަރަފު ހޯދީ ޓީމަކުން ނުވަތަ ޖަމާއަތަކުން ނަމަ, މުޅި ޓީމަށް ނުވަތަ ޖަމާއަތަށް ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. ވަކިވަކި ބައިވެރީންނަށް ދެއްވާނީ، ހަނދާނީ ލިޔުމެކެވެ.

 

4 ވަނަ މާއްދާ - އަސާސީ ށަރުޒު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުޒުތައް ފުރިހަމަވާނަމައެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައި ވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މުއައްސަސާއެއް ކަމުގައި ވުން.

(ށ) ހާއްސަ އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ، 2023 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ލިބިފައިވާ ކާމިޔާބީއެއް ކަމުގައި ވުން.

(ނ) ހާއްސަ އިނާމަށް ހުށަހަޅާ ފަރާތުގެ ކާމިޔާބީއަކީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، ކުރިން ލިބިފައިނުވާ ކާމިޔާބީއެއް ކަމުގައި ވުން.

(ރ) އިނާމަށް ހުށަހެޅޭ މީހަކީ ނުވަތަ ފަރާތަކީ:

  1. ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެގެން ހުކުމް ތަންފީޛުކޮށްފައިވާ ނުވަތަ ހުކުމް ތަންފީޛުކުރަމުންދާ ނުވަތަ ތަންފީޛުކުރަން ޖެހިފައިވާ މީހެއް ކަމުގައި ނުވަތަ ފަރާތެއް ކަމުގައި ނުވުން؛
  2. އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  3. ޖިންސީ ފުރައްސާރަ ކުރިކަމަށް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  4. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  5. ވައްކަމުގެ ނުވަތަ މަކަރާއި ހީލަތުގެ ނުވަތަ ޓެކުމުގެ ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  6. މަސްތުވާތަކެތީގެ މައްސަލައެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ 
  7. އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ށަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަން ޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުންގެންދާ މީހަކު ކަމުގައި ވުން؛
  8. އިނާމަށް ހުށަހެޅިފައިވާ މީހާއަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ފައިސާއެއް ދައްކާން އޮތް މީހަކު ކަމުގައި ވާ ނަމަ، އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހަކު ކަމުގައި ވުން؛
  9. އިނާމަށް ހުށަހެޅިފައިވާ މީހާގެ ނުވަތަ ފަރާތުގެ މައްޗަށް ކޮރަޕްށަނުގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ ކޮރަޕްށަނުގެ އެއްވެސް ދައުވާއެއް އުފުލިފައިވާ މީހަކު ކަމުގައި ނުވުން؛
  10. މި ލިޔުމުގައި އިނާމު ދެވޭ ކަންކަމަށް ކަނޑައެޅިފައިވާ ދާއިރާތަކަށް ވަކި ށަރުޒުތަކެއް ކަނޑައަޅައިފައިވާ ނަމަ، އެ ށަރުޒުތައް ފުރިހަމަވުން.

(ބ) މި އުސޫލުގެ 5 ވަނަ ނަންބަރުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އިނާމު ދެވޭ ކަންކަމުގެ ތެރެއިން ކަމެއް ހާސިލުކުރުމަށް ޓަކައި ކޮށްފައިވާ މަސައްކަތެއް ނުވަތަ މަސައްކަތުން ބައެއް، މި އުސޫލުގައި ބަޔާންކޮށްފައިވާ އެހެން ކަމަކަށް ހުށަހަޅައިގެން އިނާމު ލިބިފައި ނުވުން. އެއްކަމަކަށް ވުރެ ގިނަ ކަންކަމަށް ހުށަހަޅައިފައިވާ ނަމަ، އޭގެ ތެރެއިން އިނާމު ދިނުމަށް ވަކި ކަމެއް ކަނޑައަޅާނީ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.

 

5 ވަނަ މާއްދާ - އިނާމު ދެވޭ ކަންކަން

މި އުސޫލުގެ 2 ވަނަ ނަންބަރުގައި ބަޔާންވެދިޔަ މަގުސަދަށް ރިއާޔަތްކޮށް، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، އަންނަނިވި 4 ގިންތީންނެވެ. އެއީ؛

ގިންތި 1:

މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވުން.

ގިންތި 2:

ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ށަރަފު ހޯދައިފައިވުން.

ގިންތި 3:

ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ކޮށްފައިވުން ނުވަތަ އައު އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

ގިންތި 4:

ހުނަރުވެރި ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

މި ގިންތިތަކުގެ ތަފުސީލީ ށަރުޒުތައް، އުސޫލުގެ ތިރީގައިވާ ބައިތަކުގައި ބަޔާންކޮށްފައިވާނެއެވެ.

 

6 ވަނަ މާއްދާ - ގިންތި 1: މަތީ ތައުލީމާއި 6. ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވުން

މި ގިންތީން އިނާމަށް އެދި ހުށަހެޅޭނީ، މި ގިންތީގެ 1.1 ގައި ނުވަތަ ގިންތި 1.2 ގައި ބަޔާންކޮށްފައިވާ ކާމިޔާބީއެއް ހާސިލުކޮށް، އެ ކާމިޔާބީ މިންކުރުމަށް ޓަކައި 6.1 ގައި ނުވަތަ 6.2 ގައި ކަނޑައަޅައިފައިވާ ށަރުޒުތައް ފުރިހަމަވާނަމައެވެ.

6.1 ގިންތި 1.1: ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވުން.

މި ގިންތީން އިނާމު ދިނުމުގައި ބެލޭނީ، އަންނަނިވި ކަންކަމަށެވެ.

6.1.1 ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ނުވަތަ ޑޮކްޓޯރަލް ޑިގްރީއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

6.1.2 ހާސިލުކޮށްފައިވާ ސަނަދަކީ، މެދުކެނޑުމެއްނެތި ފުލްޓައިމުކޮށް ކިޔަވައި، މަދުވެގެން އެކަޑެމިކް 3 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ހާސިލުކޮށްފައިވާ ސަނަދެއްކަމުގައި ވުން.

6.1.3 އައި.އެސް.އެސް.އެން. ނުވަތަ އައި.އެސް.ބީ.އެން. ނަންބަރު ޖަހައިގެން މުޅި ދިރާސާ އެކުގައި ނުވަތަ ދިރާސާގެ ވަކި ބައިތައް ބައިނަލްއަގުވާމީ ފެންވަރުގައި ށާއިއުކޮށްފައިވުން ނުވަތަ ށާއިއުކުރުމަށް ގަބޫލުކޮށްފައިވުން ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ރެފްރީޑް ޖަރނަލެއްގައި ށާއިއުކޮށްފައިވުން ނުވަތަ ށާއިއުކުރުމަށް ގަބޫލުކޮށްފައިވުން. މިގޮތުން ށާއިއުކުރާ ދިރާސާގެ ލީޑު އޯތަރށިޕަކީ، އިނާމަށް ހުށަހަޅާ ފަރާތަށް ވުން.

6.1.4 ޑޮކްޓޯރަލް ޑިގްރީ ނުވަތަ ޑޮކްޓޯރަލް ޑިގްރީއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކުރުމަށްފަހު، ސަނަދު ހާސިލުކުރި ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން، މި އުސޫލުގެ ޖަދުވަލު 1 ގެ ސެކްށަން 6 ގެ (މ) ގައި ބަޔާންކޮށްފައިވާ ފަދައިން، މަދުވެގެން 1 އަހަރުދުވަހު ރާއްޖެއަށް ހިދުމަތްކޮށްފައިވުން.

6.1.5 ޕީ.އެޗް.ޑީ ހާސިލުކުރުމަށް ހުށަހެޅި ދިރާސާއާ ގުޅިގެން، މި ގިންތިން އިނާމު ލިބިފައިވާ ނަމަ، މި އުސޫލުގެ އެހެން އެއްވެސް ގިންތިއަކުން އިނާމު ހޯދުމަށް މި ދިރާސާ ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

6.2 ގިންތި 1.2: ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވުން.

މި ގިންތިން އިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ފުރިހަމަކުރާ ކޯހަކުން އެއްވަނަ ނުވަތަ ފާހަގަކުރެވޭ އެންމެ މަތީ ވަނަ ހާސިލުކުރާ ފަރާތްތަކަށް، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

6.2.1 ފުރިހަމަކޮށްފައިވާ ކޯހަކީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ދީފައިވާ ކޯހަކަށް ވުން.

6.2.2 އިނާމަށް ހުށަހަޅާ ސަނަދަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދަކަށް ވުން.

6.2.3 އިނާމަށް ހުށަހަޅާ ސަނަދަކީ، މިހައިތަނަށް ހާސިލުކުރި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ މި ގިންތީގެ އެންމެ މަތީ ލެވެލުގެ ސަނަދެއް ކަމުގައި ވުން. އަދި އިނާމަށް ހުށަހަޅާ ސަނަދާ އެއް ލެވެލެއްގެ އެހެން ސަނަދަކަށް މި އިނާމު ލިބިފައި ނުވުން.

6.2.4 ސަނަދު ހާސިލުކުރި ކޯހުގެ އެކަޑަމިކް ޓްރާންސްކްރިޕްޓްގައިވާ މާކުހަށް ނުވަތަ ގްރޭޑަށް ދީފައިވާ ޕޮއިންޓުގެ އެވްރެޖް، އެ ކޯހުގައި ދޭ އެންމެ މަތީ ދަރަޖައިގައި ހިމެނިފައިވުމާއެކު؛

6.2.4.1 ސަނަދު ހާސިލުކުރި މަރުކަޒުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުން ދޭ އެންމެ މަތީ ށަރަފު ލިބިފައިވުން؛ ނުވަތަ 

6.2.4.2 ކޯހުގައި ހިމެނިފައިވާ ދިރާސާ ޕްރޮޖެކްޓުން ނުވަތަ ފިކުރާތުން (ޑިޒަރޓޭށަނުން) އެންމެ މަތީ ދަރަޖަ (ބޭންޑް) ހާސިލުކޮށްފައިވުން.

6.2.5 ފުރިހަމަކުރި ކޯހުގެ ސަނަދު ހާސިލުކުރުމަށް ޓަކައި އެއްވެސް މާއްދާއެއް ތަކުރާރުކޮށް ނުވަތަ ދެވަނަ ފުރުސަތެއްގައި ފުރިހަމަކޮށްފައި ނުވުމާއި، ޑިގްރީ ފުރިހަމަކުރުމަށް ޓަކައި ނުވަތަ ގްރެޖުއޭޓްވުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ މާއްދާއެއް، އެއްވެސް އިސްތިސްނާއެއް (އެޑްވާންސްޑް ސްޓޭންޑިންގ ނުވަތަ އެގްޒެމްޕްށަން ނުވަތަ މިފަދަ މާނައެއް ދޭހަވާ ފަދަ އެއްވެސް ލުޔެއް) ނެތި ފުރިހަމަކޮށްފައިވުން.

6.2.6 ފުލްޓައިމުކޮށް ކިޔަވައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މުއްދަތުގައި، ތިރީގައި މިވާ ގޮތުގެ މަތީން ކޯސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފައިވުން.

6.2.6.1 ލެވެލް 7 ގެ ސަނަދެއް ނަމަ، މެދުކެނޑުމެއްނެތި، މަދުވެގެން އެކަޑެމިކް 3 އަހަރުދުވަހުގެ މުއްދަތެއްގައި ކޯސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފައިވުން.

6.2.6.2 ލެވެލް 8 ގެ ސަނަދެއް ނަމަ ނުވަތަ ލެވެލް 9 ގެ ސަނަދެއް ނަމަ، މެދުކެނޑުމެއްނެތި، މަދުވެގެން އެކަޑެމިކް 1 އަހަރުދުވަހުގެ މުއްދަތެއްގައި ކޯސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފައިވުން.

 

7 ވަނަ މާއްދާ - ގިންތި 2: ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގްވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ށަރަފު ހޯދައިފައިވުން

މި ގިންތީން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ރާއްޖެ ތަމްސީލުކުރުމަށް ޓަކައި ބައިނަލްއަގުވާމީ މައުރަޒެއްގައި ނުވަތަ މުބާރާތެއްގައި ނުވަތަ މިންކުރުމެއްގައި ބައިވެރިވެ، ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ މަތީ ދަރަޖައިގެ އެވޯޑެއް ހޯދާ މުއައްސަސާތަކަށާއި، ވަކިވަކި ފަރުދުންނަށެވެ. މި އިނާމު ދޭނީ، މި އިނާމު ދިނުމަށް ބަލާ މިންގަނޑަށް ފެތޭ ވާދަވެރި ކަންކަމަށް، މި އުސޫލުގެ 7.1 އާއި، 7.2 ގައި ބަޔާންކޮށްފައިވާ ދެ ގިންތީންނެވެ. އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި، ނުވަތަ ވިޔަފާރި ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވެގެން ހޯދާ ކާމިޔާބީތައް މި އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެއެވެ. އަދި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތަކުގައި ބައިވެރިވެގެން ހޯދާ ކާމިޔާބީތައް ވެސް މި ގިންތީގެ ތެރެޔަކު ނުހިމެނޭނެއެވެ. 

7.1 ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ދަރަޖަ ހޯދާ ފަރާތަކަށް މި އިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

7.1.1 މުބާރާތުގައި ނުވަތަ މައުރަޒުގައި ބައިވެރިވި ފަރާތަކީ، ރާއްޖޭގެ ރަސްމީ ފަރާތެއްގައި ރަޖިސްޓަރީކޮށްފައިވާ މުއައްސަސާއެއް ކަމުގައި ނުވަތަ ދިވެހި ފަރުދެއް ކަމުގައި ނުވަތަ ފަރުދުން ކަމުގައި ވުން.

7.1.2 ބައިވެރިވި މުބާރާތަކީ ނުވަތަ މައުރަޒަކީ، މަދުވެގެން 5 ގައުމަކުން ބައިވެރިވެގެން ވާދަކޮށްފައިވާ މުބާރާތެއް ކަމުގައި ނުވަތަ މައުރަޒެއް ކަމުގައި ވުން.

7.1.3 މުޅި މުބާރާތުން ނުވަތަ މައުރަޒުން ނުވަތަ މުބާރާތުގެ ކެޓަގަރީއަކުން ނުވަތަ މައުރަޒުގެ ކެޓަގަރީއަކުން އެންމެ މަތީ ދަރަޖަ ހާސިލުކޮށްފައިވުން.

7.1.4 ބައިވެރިވި މުބާރާތް ނުވަތަ މައުރަޒު އިންތިޒާމުކޮށްފައިވަނީ، ބައިނަލްއަގުވާމީ ފަރާތަކުން ނުވަތަ އެކަން އިންތިޒާމުކުރި ގައުމުގެ ރަސްމީ ފަރާތަކުން ނުވަތަ އެކަން އިންތިޒާމުކުރި ގައުމުގައި އެ ކަމަކަށް ޓަކައި ރަސްމީކޮށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ކަމުގައި ވުން.

7.2 ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ށަރަފު ހޯދާ ފަރާތަކަށް މި އިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

7.2.1 މިންކުރުމުގައި ބައިވެރިވި ފަރާތަކީ، ރާއްޖޭގެ ރަސްމީ ފަރާތެއްގައި ރަޖިސްޓަރީވެފައިވާ މުއައްސަސާއެއް ކަމުގައި ވުން ނުވަތަ ދިވެހި ފަރުދެއް ނުވަތަ ފަރުދުން ކަމުގައި ވުން.

7.2.2 ބައިވެރިވި މިންކުރުމަކީ، މަދުވެގެން 5 ގައުމަކުން ބައިވެރިވެގެން ވާދަކޮށްފައިވާ މިންކުރުމެއް ކަމުގައި ވުން.

7.2.3 މިންކުރި ފަރާތަކީ، އެކަމަށް ހާއްސަވެފައިވާ ބައިނަލްއަގުވާމީ ރަސްމީ ފަރާތެއް ނުވަތަ އެކަން އިންތިޒާމުކުރި ގައުމުގެ ރަސްމީ ފަރާތެއް ނުވަތަ މިންކުރުން އިންތިޒާމުކުރި ގައުމުގައި ރަސްމީކޮށް އެ ކަމަކަށް ޓަކައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވުން. 

 

8 ވަނަ މާއްދާ - ގިންތި 3: ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ކޮށްގެން ނުވަތަ އައު އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން

މި ގިންތީން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ދިވެހި ރައްޔިތަކު ނުވަތަ ދިވެހި ރައްޔިތުންގެ ބަޔަކު ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކޮށްފައި ހުރި މުއައްސަސާއަކުން، ތިރީގައި ބަޔާންކޮށްފައިވާ ކާމިޔާބީތަކުން ކުރެ ކާމިޔާބީއެއް ހޯދައި، އެ ކަމާ ގުޅޭ ށަރުޒުތައް ފުރިހަމަވުމުންނެވެ.

8.1. އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ އީޖާދެއް ނަމަ:

8.1.1. އީޖާދަކީ އިޖުތިމާއީގޮތުން ނުވަތަ އިގްތިސާދީގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ނުވަތަ މަސައްކަތްތެރިކަމުގެ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ހައްލުކުރެވިދާނެ ނުވަތަ ދަތިކަމެއް ފިލައިގެން ހިނގައިދާނެ ފަދަ އީޖާދަކަށް ވުން؛

8.1.2. ކޮށްފައިވާ އީޖާދަކީ ރާއްޖޭގެ ކަމާ ގުޅޭ ފަރާތަކުން ނުވަތަ ރާއްޖެއިން ބޭރުގެ ކަމާ ގުޅޭ ފަރާތަކުން ބަލައިގަނެ، ގަބޫލުކޮށްފައިވާ އީޖާދަކަށް ވުން. މިގޮތުން، އީޖާދު މިންކުރި ފަރާތްކަމުގައި ވާންވާނީ، އެކަމަށް ހާއްސަވެފައިވާ ބައިނަލްއަގްވާމީ ރަސްމީ ފަރާތެއް ނުވަތަ ރާއްޖޭގައި ރަސްމީކޮށް އެ ކަމަކަށް ބަލައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައެވެ. އަދި މިންކުރި ފަރާތް ވާންވާނީ، އީޖާދުކުރި ފަރާތާ މަސްލަހަތު ފުށުނާރާ، ކަމާ ގުޅޭ ފަރާތެއް ކަމުގައެވެ.

8.2. އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ، އުފެއްދުމެއް ނުވަތަ މަސައްކަތެއް ނަމަ:

8.2.1. އުފެއްދުމަކީ ނުވަތަ މަސައްކަތަކީ، އިޖުތިމާއީގޮތުން ނުވަތަ އިގްތިސާދީގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ނުވަތަ މަސައްކަތްތެރިކަމުގެ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ހައްލުކުރެވިދާނެ ނުވަތަ ދަތިކަމެއް ފިލައިގެން ހިނގައިދާނެ ފަދަ އުފެއްދުމަކަށް ނުވަތަ މަސައްކަތަކަށް ވުން؛

8.2.2. އުފެއްދުންތެރިކަން ނުވަތަ މަސައްކަތް އާދަޔާހިލާފަށް ރަނގަޅުކަމަށް، ރާއްޖޭގެ ކަމާ ގުޅޭ ފަރާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ މަސައްކަތެއް ބެލުމަށް ކަނޑައަޅައިފައިވާ ފަރާތަކުން ނުވަތަ ކަމާ ގުޅޭ ބައިނަލްއަގުވާމީ ފަރާތަކުން ފާހަގަކޮށްފައިވާ މަސައްކަތެއް ކަމުގައި ވުން؛

8.2.3 އުފެއްދުންތެރިކަން ނުވަތަ މަސައްކަތަކީ، އެ މަސައްކަތެއް ކުރި ނުވަތަ އުފެއްދުމެއް އުފެއްދި ފަރާތާ މަސްލަހަތު ފުށުނާރާ ފަރާތަކުން މިންކޮށްފައިވާ އުފެއްދުމަކަށް ނުވަތަ މަސައްކަތަކަށް ވުން؛

8.3 އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމަށް ވިސްނައިގެން ކޮށްފައިވާ އިލްމީ ދިރާސާއެއް ނުވަތަ ތަހުލީލެއް ނަމަ:

8.3.1 އިލްމީ ދިރާސާއަކީ ނުވަތަ ތަހުލީލަކީ ރާއްޖެއަށް ފައިދާކުރާނެ، އަދި އަމަލީގޮތުން ރާއްޖޭގައި ތަންފީޒުކުރެވޭނެ ކަމަކާ ގުޅޭ ސައިންޓިފިކް ތަހުލީލެއް ނުވަތަ އިލްމީ ދިރާސާއެއް ކަމަށް ވުން؛

8.3.2 ދިރާސާގެ ސަބަބުން ނުވަތަ ތަހުލީލުގެ ސަބަބުން، ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ނުވަތަ މައްސަލަތަކަކަށް ހައްލެއް ލިއްބައިދީފައި ވުން؛

8.3.3 ދިރާސާއަކީ ނުވަތަ ތަހުލީލަކީ، އައި.އެސް.އެސް.އެން. ނުވަތަ އައި.އެސް.ބީ.އެން. ނަންބަރު ޖަހައި، ބައިނަލްއަގުވާމީ ފެންވަރުގައި ށާއިއުކޮށްފައިވާ ނުވަތަ ށާއިއުކުރުމަށް ގަބޫލުކޮށްފައިވާ ދިރާސާއެއް ނުވަތަ ތަހުލީލެއް ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ރެފްރީޑް ޖާނަލެއްގައި ނުވަތަ ކޮންފަރެންސް ޕްރޮސީޑިންގސްއެއްގައި ށާއިއުކޮށްފައިވާ ނުވަތަ ށާއިއުކުރުމަށް ގަބޫލުކޮށްފައިވާ ދިރާސާއެއް ކަމުގައި ނުވަތަ ތަހުލީލެއް ކަމުގައި ވުން. މިގޮތުން ށާއިއުކުރާ ދިރާސާގެ ނުވަތަ ތަހުލީލުގެ ލީޑް އޯތަރށިޕަކީ، އިނާމަށް ހުށަހަޅާ ފަރާތްކަމުގައި ވެސް ވާންވާނެއެވެ.

 

9 ވަނަ މާއްދާ - ގިންތި 4: ހުނަރުވެރި ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން

މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ދިވެހި ރައްޔިތުންގެ ތެރެއިން ޒުވާނަކު ނުވަތަ ޒުވާނުންގެ ބަޔަކު ކޮށްފައިވާ، ހުނަރުވެރި ފަންނީ މަސައްކަތްތަކުގެ ތެރެއިން އުފެއްދުންތެރިކަމާއި އީޖާދީ ސިފަތައް ހިމެނޭ މަސައްކަތަކަށް ނުވަތަ މަސައްކަތްތަކަކަށެވެ. މި އިނާމު ދެވޭނީ، މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުން ކުރެ ށަރުތެއް ފުރިހަމަވާ ކާމިޔާބީއެއް ހޯދައިފައިވާ، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އިނާމަށް ހުށަހަޅާ މަސައްކަތަކީ، ނުވަތަ އުފެއްދުމަކީ، އެ މަސައްކަތެއް ކުރި ނުވަތަ އެ އެއްޗެއް އުފެއްދި ފަރާތާ މަސްލަހަތު ފުށުނާރާ، ކަމާ ގުޅޭ ފަރާތަކުން ބަލައިގަނެ ގަބޫލުކޮށްފައިވާ މަސައްކަތަކަށް ނުވަތަ އުފެއްދުމަކަށް ވާންވާނެއެވެ.

(ހ) ހުނަރުވެރި ފަންނުވެރި މަސައްކަތްތަކެއް އީޖާދީގޮތެއްގައި ކުރުމާ ގުޅިގެން އިޖުތިމާއީ ފައިދާތަކެއް ލިބިގެން، ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ކަމާ ގުޅޭ ފަރާތަކުން ބަލައިގަނެ ގަބޫލުކޮށްފައިވާ މަސައްކަތަކަށް ވުން؛ ނުވަތަ

(ށ) ހުނަރުވެރި ފަންނުވެރި މަސައްކަތެއް އީޖާދީގޮތެއްގައި ކޮށްގެން ވިޔަފާރީގެ ވިސްނުމުން ތަރައްގީކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދީ ދާއިރާއެއް ނުވަތަ ދާއިރާތަކެއް އިތުރަށް ދިރުވައި، އިގްތިސާދީ ފައިދާތަކެއް ލިބިފައިވުން؛ ނުވަތަ

(ނ) ރާއްޖޭގައި ނެތެމުންދާ ފަންނެއް ނުވަތަ ފަންނުތަކެއް، އީޖާދީ އައު ވިސްނުންތަކާއި ޓެކްނޮލޮޖީ މެދުވެރިކޮށް ދިރުވުމަށް މަސައްކަތްތަކެއް ކޮށްގެން ކުރިއެރުންތަކެއް ހޯދައިފައިވުން؛ ނުވަތަ

(ރ) ރާއްޖެއިން ބޭރުގައި ބޭނުންކުރަމުންގެންދާ ޓެކްނޮލޮޖީއެއް ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތްތަކެއް ރާއްޖޭގެ މާހައުލަށާއި މުޖުތަމައަށް ފެތޭގޮތަށް ބަދަލުކޮށްގެން އެކަމުގެ ސަބަބުން އިޖުތިމާއީ ނުވަތަ އިގްތިސާދީ މަންފާތަކެއް ހާސިލުކޮށްފައިވުން.

 

10 ވަނަ މާއްދާ - ހާއްސަ އިނާމަށް އެދި ހުށަހަޅާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހުން

ހާއްސަ އިނާމަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކަކީ، ތިރީގައި ބަޔާންކޮށްފައިވާ ކޮންމެވެސް އެއްގޮތްކަމުގެ އެއްގޮތަކުން، އެ ލިޔުމެއްގެ ސައްހަކަން ކަށަވަރުކުރެވޭނެ ލިޔުންތަކަކަށް ވާންވާނެއެވެ.

(ހ) ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއްގައި (ދެފުށުގައި ލިޔެފައިވާ ނަމަ ނުވަތަ ނަންބަރެއް ނުވަތަ ނިށާނެއް ނުވަތަ ކޯޑެއް ޖަހައިފައިވާ ނަމަ، އެ ލިޔުމުގެ ދެފުށުގައި) އަސްލާ އެއްގޮތްކަމަށް، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދައިފައިވާ ނަންބަރު 2019-1067 (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައި ވުން؛ ނުވަތަ؛

(ށ) ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރަސްމީ އިދާރާއަކުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒަކުން ދޫކޮށްފައިވާ ސަނަދެއް ނުވަތަ ލިޔުމެއް ނަމަ، ސަނަދު ދޫކޮށްފައިވާ އިދާރާއިން ނުވަތަ މަރުކަޒުން، އެ ލިޔުމުގައި ނުވަތަ ސަނަދުގައި (އެ ލިޔުމުގެ ދެފުށުގައި ލިޔެފައިވާ ނަމަ ނުވަތަ ނަންބަރެއް ނުވަތަ ނިށާނެއް ނުވަތަ ކޯޑެއް ޖަހައިފައިވާ ނަމަ، އެ ލިޔުމުގެ ދެފުށުގައި) އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވުން؛ ނުވަތަ 

(ނ) އެ ސަނަދެއް ނުވަތަ ލިޔުމެއް ދީފައިވާ ފަރާތަކުން ދީފައިވާ ސްމާޓް ވެރިފިކޭށަން ކޯޑަކުން ނުވަތަ ލިންކަކުން، އެ ސަނަދުގެ ނުވަތަ ލިޔުމުގެ ސައްހަކަން ކަށަވަރު ކުރެވެން އޮތުން. އެފަދަ ކޯޑު ނުވަތަ ލިންކު، އެޕްލިކޭށަން ހުށަހަޅާއިރު [email protected] އަށް އީމެއިލްކޮށްފައި އޮންނަންވާނެއެވެ. އަދި އެ ކޯޑަކީ ނުވަތަ ލިންކަކީ 2026 ނޮވެންބަރު 11 އާ ހަމަޔަށް ބޭނުންކުރެވޭ ގޮތަށް އޮންނަ ލިންކަކަށް ވާންވާނެއެވެ.

 

11 ވަނަ މާއްދާ - ހާއްސަ އިނާމު ދޭނެ ފަރާތްތައް ކަނޑައެޅުން

(ހ) ހާއްސަ އިނާމު ދޭނެ ފަރާތްތައް ކަނޑައެޅުމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ، ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. އަދި ހާއްސަ އިނާމު ދޭނެ ފަރާތްތައް ކަނޑައަޅާނީ، އިނާމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް، ކޮމިޓީގެ ހުރިހާ މެންބަރުން ވަކިވަކީން ދިރާސާކުރުމަށްފަހު، ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.

(ށ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިނާމަށް އެދި ހުށަހަޅާ ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހެޅުމަކީ އިނާމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

12 ވަނަ މާއްދާ - ހާއްސަ އިނާމެއް ލިބިފައިވާ ފަރާތެއްގެ އިނާމު ނިގުޅައިގަތުން

ހާއްސަ އިނާމު ލިބިފައިވާ ފަރާތަކުން، އިނާމު ހޯދުމަށް ޓަކައި، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 310 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތަކުގެ ތެރެއިން، ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގިކަމަށް ށަރީއަތަށް ސާބިތުވެއްޖެ ނަމަ ނުވަތަ ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއް ބަލައި، އެ ކަމަކީ ހާއްސަ އިނާމެއް ނިގުޅައިގަންނަންޖެހޭ ފަދަ ކަމެއް ކަމުގައި ކޮމިޓީއަށް ފެނިއްޖެ ނަމަ، ހާއްސަ އިނާމު ނިގުޅައިގަންނަންޖެހޭ ސަބަބު ތަފުސީލުކޮށް ބަޔާންކޮށްފައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު، ހާއްސަ އިނާމާބެހޭ ކޮމިޓީއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ހާއްސަ އިނާމު ދޭ އުސޫލަށް ބަދަލުގެނައުން

މި އުސޫލަށް ބަދަލު ގެނައުމުގެ ބާރު ލިބިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީއަށެވެ.

 

14 ވަނަ މާއްދާ - ފޯމު ހުށަހެޅުމާއި، މައުލޫމާތު ހޯދުން

(ހ) މި އިނާމަށް ނަން ހުށަހެޅޭނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން"  https://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ، 2026 އޮގަސްޓު 31 ވާ ހޯމަދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

(ށ) ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވެ އޮތް ނަމަވެސް، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ފުރުސަތެއް ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

(ނ) މައުލޫމާތު ހޯދުމަށް ގުޅާނީ، 7960844 ނަންބަރު ފޯނަށް ނުވަތަ 3336262 ނަންބަރު ފޯނަށެވެ.

 

15 ވަނަ މާއްދާ - ޖަދުވަލަކީ އުސޫލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން

މި އުސޫލުގައިވާ ޖަދުވަލުތަކަކީ، މި އުސޫލުގެ ބައެއްކަމުގައި ބެލޭނެއެވެ.

 

16 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ގާނޫނު އަސާސީގެ 115 ވަނަ މާއްދާ

 

ގުޅުންހުރި އުސޫލު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު 2025 (އުސޫލު ނަންބަރު 2025-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު