-

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު 2025

(އުސޫލު ނަންބަރު 2025-14)

(މި އުސޫލަށް އަމަލުކުރަން ފެށީ 5 އޮގަސްޓް 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް، ހާއްސަ އިނާމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވާތީ އެ އިނާމު ދިނުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ ޢިލްމާއި، ހުނަރާއި އުފެއްދުންތެރިކަމުގެ ގޮތުން، ހިތްވަރާއެކުގައި ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ޓަކައި ގައުމީ ފެންވަރުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. މި އިނާމު، ޢާންމުގޮތެއްގައި ދޭނީ، އަހަރަކު އެއްފަހަރުއެވެ.

(ނ) މި އުސޫލަށް ކިޔާނީ، "މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު 2025" އެވެ.

 

2 ވަނަ މާޢްދާ - މަގްސަދު

މި އުސޫލުގެ މަގްސަދަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން މަތީ ވަނަތަކާއި މި ށަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހީންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މިސްރާބުކުރުމެވެ.

 

3 ވަނަ މާޢްދާ - ހާއްސަ އިނާމު

ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. ނަމަވެސް، އެންމެ މަތީ ވަނަ ނުވަތަ ށަރަފު ހޯދީ، ޓީމަކުން ނުވަތަ ޖަމާޢަތަކުން ނަމަ، މުޅި ޓީމަށް ނުވަތަ ޖަމާޢަތަށް ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. ވަކިވަކި ބައިވެރިންނަށް ދެއްވާނީ، ހަނދާނީ ލިޔުމެކެވެ.

 

4 ވަނަ މާޢްދާ - އަސާސީ ށަރުތު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) ދިވެހިރާއްޖޭގައި، ދިވެހި ރައްޔިތަކު ކަމުގައި ވުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ މުއައްސަސާއެއް ކަމުގައި ވުން.

(ށ) ހާއްސަ އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ 2022 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ލިބިފައިވާ ކާމިޔާބީއެއް ކަމުގައި ވުން.

(ނ) ހާއްސަ އިނާމަށް ހުށަހަޅާ ފަރާތުގެ ކާމިޔާބީއަކީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ކުރިން ލިބިފައިނުވާ ކާމިޔާބީއެއް ކަމުގައި ވުން.

(ރ) އިނާމަށް ހުށަހެޅޭ މީހަކީ ނުވަތަ ފަރާތަކީ:

  1. ޖިނާއީ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެގެން ހުކުން ތަންފީޒުކޮށްފައިވާ ނުވަތަ ހުކުން ތަންފީޒުކުރަމުންދާ ނުވަތަ ހުކުން ތަންފީޒުކުރަން ޖެހިފައިވާ މީހެއް ކަމުގައި ނުވަތަ ފަރާތެއް ކަމުގައި ނުވުން.
  2. އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  3. ޖިންސީ ފުރައްސާރަ ކުރިކަމަށް ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  4. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  5. ވައްކަމުގެ، ނުވަތަ މަކަރާއި ހީލަތުގެ ނުވަތަ ޓެކުމުގެ ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  6. މަސްތުވާތަކެތީގެ މައްސަލައެއް ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  7. އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ށަރުޢީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުންގެންދާ މީހަކު ކަމުގައި ވުން.
  8. އިނާމަށް ހުށަހެޅިފައިވާ މީހަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ފައިސާއެއް ދައްކަން އޮތް މީހަކު ކަމުގައި ވާ ނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހަކު ކަމުގައި ވުން.
  9. އިނާމަށް ހުށަހެޅިފައިވާ މީހާގެ ނުވަތަ ފަރާތުގެ މައްޗަށް ކޮރަޕްށަނުގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ ކޮރަޕްށަނުގެ އެއްވެސް ދަޢުވާއެއް އުފުލިފައިވާ މީހަކު ކަމުގައި ނުވުން.
  10. މި އުސޫލުގައި އިނާމު ދެވޭ ކަންކަމަށް ކަނޑައެޅިފައިވާ ދާއިރާތަކަށް ވަކި ށަރުތުތަކެއް ކަނޑައަޅައިފައިވާ ނަމަ، އެ ށަރުތުތައް ފުރިހަމަވުން.

(ބ) މި އުސޫލުގެ 5 ވަނަ ނަންބަރުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އިނާމު ދެވޭ ކަންކަމުގެ ތެރެއިން ކަމެއް ހާސިލުކުރުމަށް ޓަކައި ކޮށްފައިވާ މަސައްކަތެއް ނުވަތަ މަސައްކަތުން ބައެއް، މި އުސޫލުގައި ބަޔާންކޮށްފައިވާ އެހެން ކަމަކަށް ހުށަހަޅައިގެން އިނާމު ލިބިފައި ނުވުން. އެއްކަމަކަށް ވުރެ ގިނަ ކަންކަމަށް ހުށަހަޅައިފައިވާ ނަމަ، އޭގެ ތެރެއިން އިނާމު ދިނުމަށް ވަކި ކަމެއް ކަނޑައަޅާނީ ކޮމިޓީންނެވެ.

 

5 ވަނަ މާއްދާ - އިނާމު ދެވޭ ކަންކަން

މި އުސޫލުގެ 2 ވަނަ ނަންބަރުގައި ބަޔާންވެދިޔަ މަގުސަދަށް ރިޢާޔަތްކޮށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، އަންނަނިވި 4 ގިންތިންނެވެ

ގިންތި 1: މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވުން

5.1 މި ގިންތީން އިނާމަށް އެދި ހުށަހެޅޭނީ، މި ގިންތީގެ 1.1 އާއި 1.2 ގައި ބަޔާންކޮށްފައިވާ ކާމިޔާބީއެއް ހާސިލުކޮށް، އެ ކާމިޔާބީ މިންކުރުމަށް ޓަކައި 5.1.1 އާއި 5.1.2 ގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

1.1: ގިންތި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަނގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވުން

5.1.1. މި ގިންތީން އިނާމު ދިނުމުގައި ބެލޭނީ، އަންނަނިވި ކަންކަމަށެވެ.

5.1.1.1 ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ނުވަތަ ޑޮކްޓޯރަލް ޑިގްރީއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

5.1.1.2 ޔުނިވަރސިޓީ ކެމްޕަހެއްގައި މެދުކެނޑުމެއްނެތި ފުލްޓައިމްކޮށް ކިޔަވައި މަދުވެގެން އެކަޑެމިކް 3 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ހާސިލުކޮށްފައިވާ ސަނަދެއްކަމުގައި ވުން.

5.1.1.3 މުޅި ދިރާސާ، އެކުގައި ނުވަތަ ދިރާސާގެ ވަކި ބައިތައް އައިއެސްއެސްއެން ނުވަތަ އައި.އެސް.ބީ.އެން ނަންބަރު ޖަހައި، ބައިނަލްއަގްވާމީ ފެންވަރުގައި ށާއިޢުކޮށްފައިވުން ނުވަތަ ށާއިޢުކުރުމަށް ގަބޫލުކޮށްފައިވުން ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ރެފްރީޑް ޖާނަލެއްގައި ށާއިޢުކޮށްފައިވުން ނުވަތަ ށާއިޢުކުރުމަށް ގަބޫލުކޮށްފައިވުން. މިގޮތުން، ށާއިޢުކުރާ ދިރާސާގެ ލީޑް އޯތަރށިޕަކީ އިނާމަށް ހުށަހަޅާ ފަރާތަށް ވުން.

5.1.1.4 ޑޮކްޓޯރަލް ޑިގްރީ ނުވަތަ ޑޮކްޓޯރަލް ޑިގްރީއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކުރުމަށްފަހު، ސަނަދު ހާސިލުކުރި ދާއިރާއިން ނުވަތަ އެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން މި އުސޫލުގެ ޖަދުވަލު 1 ގެ ސެކްށަން (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަދުވެގެން 1 (އެކެއް) އަހަރުދުވަހު، ރާއްޖެއަށް ހިދުމަތްކޮށްފައިވުން.

 

1.2 ގިންތި: ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވުން. 

5.1.2. މި ގިންތީން އިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ފުރިހަމަކުރާ ކޯހަކުން އެއްވަނަ ނުވަތަ ފާހަގަކުރެވޭ އެންމެ މަތީ ވަނަ ހާސިލުކުރާ ފަރާތްތަކަށް، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ:

5.1.2.1 ފުރިހަމަކޮށްފައިވާ ކޯހަކީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ދީފައިވާ ކޯހަކަށް ވުން.

5.1.2.2 އިނާމަށް ހުށަހަޅާ ސަނަދަކީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދަކަށް ވުން.

5.1.2.3 އިނާމަށް ހުށަހަޅާ ސަނަދަކީ، މިހައިތަނަށް ހާސިލުކުރި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ މި ގިންތީގެ އެންމެ މަތީ ލެވެލުގެ ސަނަދެއް ކަމުގައި ވުން. އަދި އިނާމަށް ހުށަހަޅާ ސަނަދާ އެއް ލެވެލެއްގެ އެހެން ސަނަދަކަށް މި އިނާމު ލިބިފައި ނުވުން.

5.1.2.4 ސަނަދު ހާސިލުކުރި ކޯހުގެ އެކަޑެމިކް ޓްރާންސްކްރިޕްޓްގައިވާ މާކުހަށް ނުވަތަ ގްރޭޑަށް ދީފައިވާ ޕޮއިންޓުގެ އެވްރެޖް އެ ކޯހުގައި ދޭ އެންމެ މަތީ ދަރަޖައިގައި ހިމެނިފައިވުމާއެކު:

5.1.2.4.1 ސަނަދު ހާސިލުކުރި މަރުކަޒުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި، ކޯހުން ފާސްވެ، އެ މަރުކަޒުން ދޭ އެންމެ މަތީ ށަރަފު ލިބިފައިވުން، ނުވަތަ 

5.1.2.4.2 ކޯހުގައި ހިމެނިފައިވާ ދިރާސާ ޕްރޮޖެކްޓް (ޑިޒަޓޭށަން) ނުވަތަ (އެންމެ މަތީ ދަރަޖަ ހާސިލުކޮށްފައިވުން).

5.1.2.5 ފުރިހަމަކުރި ކޯހުގެ ސަނަދު ހާސިލުކުރުމަށް ޓަކައި އެއްވެސް މާއްދާއެއް ތަކުރާރުކޮށް ނުވަތަ ދެވަނަ ފުރުސަތެއްގައި ފުރިހަމަކޮށްފައި ނުވުމާއި، ޑިގްރީ ފުރިހަމަކުރުމަށް ޓަކައި ނުވަތަ ގްރެޖުއޭޓްވުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ މާއްދާއެއް އެއްވެސް އިސްތިސްނާއެއް (އެޑްވާންސްޑް ސްޓޭންޑިންގ ނުވަތަ އެގްޒެމްޕްށަން ނުވަތަ މިފަދަ މާނައެއް ދޭހަވާ ފަދަ އެއްވެސް ލުޔެއް) ނެތި ފުރިހަމަކޮށްފައިވުން،

5.1.2.6 ޔުނިވަރސިޓީ ކެމްޕަހެއްގައި ފުލްޓައިމްކޮށް ކިޔަވައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ މުއްދަތުގައި، ތިރީގައި މިވާ ގޮތުގެ މަތީން ކޯސް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވުން. 

5.1.2.6.1 ލެވެލް 7 ގެ ސަނަދެއް ނަމަ، މެދުކެނޑުމެއްނެތި މަދުވެގެން 3 އެކަޑެމިކް އަހަރުދުވަހުގެ މުއްދަތެއްގައި ކޯސް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވުން.

5.1.2.6.2 ލެވެލް 8 ގެ ސަނަދެއް ނަމަ، ނުވަތަ ލެވެލް 9 ގެ ސަނަދެއް ނަމަ މެދުކެނޑުމެއްނެތި މަދުވެގެން، އެކަޑެމިކް، އަހަރުދުވަހުގެ މުއްދަތެއްގައި ކޯސް ފުރިހަމަކޮށް، ސަނަދު ހާސިލުކޮށްފައިވުން.

 

ގިންތި 2: ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ށަރަފު ހޯދައިފައި ވުން

5.2 މި ގިންތީން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ރާއްޖެ ތަމްސީލު ކުރުމަށް ޓަކައި، ބައިނަލްއަގުވާމީ މައުރަޒެއްގައި، ނުވަތަ މުބާރާތެއްގައި ނުވަތަ މިންކުރުމެއްގައި ބައިވެރިވެ، ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ މަތީ ދަރަޖައިގެ އެވޯޑެއް ހޯދާ މުއައްސަސާތަކަށާއި، ވަކިވަކި ފަރުދުންނަށެވެ. މި އިނާމު ދޭނީ، މި އިނާމު ދިނުމަށް ބަލާ މިންގަނޑަށް ފެތޭ ވާދަވެރި ކަންކަމަށް، މި އުސޫލުގެ 5.2.1 އާއި، 5.2.2 ގައި ބަޔާންކޮށްފައިވާ ދެ ގިންތީންނެވެ. އިޖުތިމާޢީ ހަރަކާތެއްގެ ގޮތުގައި ނުވަތަ ވިޔަފާރި ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވެގެން ހޯދާ ކާމިޔާބީތައް މި އިނާމަށް ހުށަހެޅުމުން، އިސްތިސްނާވާނެއެވެ. އަދި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތަކުގައި ބައިވެރިވެގެން ހޯދާ ކާމިޔާބީތައް ވެސް މި ގިންތީގެ ތެރެއަކު ނުހިމެނޭނެއެވެ. 

5.2.1 ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ދަރަޖަ ހޯދާ ފަރާތަކަށް މި އިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

5.2.1.1 މުބާރާތުގައި ނުވަތަ މައުރަޒުގައި، ބައިވެރިވި ފަރާތަކީ، ރާއްޖޭގެ ރަސްމީ ފަރާތެއްގައި ރަޖިސްޓަރީކޮށްފައިވާ މުއައްސަސާއެއް ކަމުގައި ނުވަތަ ދިވެހި ފަރުދެއް ކަމުގައި ނުވަތަ ފަރުދުން ކަމުގައި ވުން.

5.2.1.2 ބައިވެރިވި މުބާރާތަކީ ނުވަތަ މައުރަޒަކީ، މަދުވެގެން 5 ގައުމަކުން ބައިވެރިވެގެން ވާދަކޮށްފައިވާ މުބާރާތެއް ކަމުގައި ނުވަތަ މައުރަޒެއް ކަމުގައި ވުން.

5.2.1.3 މުޅި މުބާރާތުން ނުވަތަ މައުރަޒުން، ނުވަތަ މުބާރާތުގެ ކެޓަގަރީއަކުން ނުވަތަ މައުރަޒުގެ ކެޓަގަރީއަކުން އެންމެ މަތީ ދަރަޖަ ހާސިލުކޮށްފައިވުން.

5.2.1.4 ބައިވެރިވި މުބާރާތް ނުވަތަ މައުރަޒު އިންތިޒާމުކޮށްފައިވަނީ، ބައިނަލްއަގުވާމީ ފަރާތަކުން ނުވަތަ އެކަން އިންތިޒާމުކުރި ގައުމުގެ ރަސްމީ ފަރާތަކުން ނުވަތަ އެކަން އިންތިޒާމުކުރި ގައުމުގައި އެ ކަމަކަށް ޓަކައި ރަސްމީކޮށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ކަމުގައި ވުން.

5.2.2 ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ށަރަފު ހޯދާ ފަރާތަކަށް މި އިނާމު ދޭގޮތަށް ހަމަޖެހިފައިވަނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

5.2.2.1 މިންކުރުމުގައި ބައިވެރިވި ފަރާތަކީ، ރާއްޖޭގެ ރަސްމީ ފަރާތެއްގައި ރަޖިސްޓަރީވެފައިވާ މުއައްސަސާއެއް ކަމުގައި ވުން ނުވަތަ ދިވެހި ފަރުދެއް ނުވަތަ ފަރުދުން ކަމުގައި ވުން.

5.2.2.2 ބައިވެރިވި މިންކުރުމަކީ، މަދުވެގެން 5 ގައުމަކުން ބައިވެރިވެގެން ވާދަކޮށްފައިވާ މިންކުރުމެއް ކަމުގައި ވުން.

5.2.2.3 މިންކުރި ފަރާތަކީ، އެކަމަށް ހާއްސަވެފައިވާ ބައިނަލްއަގުވާމީ ރަސްމީ ފަރާތެއް ނުވަތަ އެކަން އިންތިޒާމުކުރި ގައުމުގެ ރަސްމީ ފަރާތެއް ނުވަތަ އެ އީޖާދުކުރުން އިންތިޒާމުކުރި ގައުމުގައި ރަސްމީކޮށް އެ ކަމަކަށް ޓަކައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވުން.

 

ގިންތި 3: ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައި ވުން.

5.3 މި ގިންތީން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ރައްޔިތަކު ނުވަތަ ރައްޔިތުންގެ ބަޔަކު ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކޮށްފައި ހުރި މުއައްސަސާއަކުން، ތިރީގައި ބަޔާންކުރާ ކާމިޔާބީތަކުން ކުރެ ކާމިޔާބީއެއް ހޯދައި، އެ ކަމާ ގުޅޭ ށަރުތުތައް ފުރިހަމަވުމުންނެވެ.

5.3.1 އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ އީޖާދެއް ނަމަ:

5.3.1.1 އީޖާދަކީ، އިޖުތިމާޢީގޮތުން ނުވަތަ އިގްތިސާދީގޮތުން ނުވަތަ ވިޔަފާރީގެގޮތުން ނުވަތަ މަސައްކަތްތެރިކަމުގެ ގޮތުން، ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ހައްލުކުރެވިދާނެ ނުވަތަ ދަތިކަމެއް ފިލައިގެން ހިނގައިދާނެ ފަދަ އީޖާދަކަށް ވުން.

5.3.1.2 ކޮށްފައިވާ އީޖާދަކީ ރާއްޖޭގެ ކަމާ ގުޅޭ ފަރާތަކުން ނުވަތަ ރާއްޖެއިން ބޭރުގެ ކަމާ ގުޅޭ ފަރާތަކުން ބަލައިގަނެ ގަބޫލުކޮށްފައިވާ އީޖާދަކަށް ވުން. މިގޮތުން، އީޖާދު މިންކުރި ފަރާތްކަމުގައި ވާންވާނީ، އެކަމަށް ހާއްސަވެފައިވާ ބައިނަލްއަގުވާމީ ރަސްމީ ފަރާތެއް ނުވަތަ ރާއްޖޭގައި ރަސްމީކޮށް އެ ކަމަކަށް ޓަކައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައެވެ. އަދި މިންކުރި ފަރާތް ވާންވާނީ، އީޖާދުކުރި ފަރާތުގެ މަސްލަހަތު ފުށުނާރާ، ކަމާ ގުޅޭ ފަރާތެއް ކަމުގައެވެ.

5.3.2 އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ، އުފެއްދުމެއް ނުވަތަ މަސައްކަތެއް ނަމަ:

5.3.2.1 އުފެއްދުން ނުވަތަ މަސައްކަތަކީ، އިޖުތިމާޢީގޮތުން ނުވަތަ އިގްތިސާދީގޮތުން ނުވަތަ ވިޔަފާރީގެގޮތުން ނުވަތަ މަސައްކަތްތެރިކަމުގެ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ހައްލުކުރެވިދާނެ ނުވަތަ ދަތިކަމެއް ފިލައިގެން ހިނގައިދާނެ ފަދަ އުފެއްދުމެއް ނުވަތަ މަސައްކަތަކަށް ވުން؛

5.3.2.2 އުފެއްދުންތެރިކަން ނުވަތަ މަސައްކަތް އާދަޔާހިލާފަށް ރަނގަޅުކަމަށް، ރާއްޖޭގެ ކަމާގުޅޭ ފަރާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ މަސައްކަތެއް ބެލުމަށް ކަނޑައަޅައިފައިވާ ފަރާތަކުން، ނުވަތަ ކަމާގުޅޭ ބައިނަލްއަގުވާމީ ފަރާތަކުން ފާހަގަކޮށްފައިވާ މަސައްކަތެއް ކަމުގައި ވުން؛

5.3.2.3 އުފެއްދުންތެރިކަން ނުވަތަ މަސައްކަތަކީ އެ މަސައްކަތެއް ނުވަތަ އުފެއްދުމެއް އުފެއްދި ފަރާތުގެ މަސްލަހަތު ފުށުނާރާ ފަރާތަކުން މިންކޮށްފައިވާ އުފެއްދުމަކަށް ނުވަތަ މަސައްކަތަކަށް ވުން؛

5.3.3 އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމަށް ވިސްނައިގެން ކޮށްފައިވާ ޢިލްމީ ދިރާސާއެއް ނުވަތަ ތަހުލީލެއް ނަމަ:

5.3.3.1 ޢިލްމީ ދިރާސާ ނުވަތަ ތަހުލީލަކީ، ރާއްޖެއަށް ފައިދާކުރާނެ އަދި ޢަމަލީގޮތުން ރާއްޖޭގައި ތަންފީޒުކުރެވޭނެ ކަމަކާ ގުޅޭ ސައިންޓިފިކް ތަހުލީލެއް ނުވަތަ ޢިލްމީ ދިރާސާއެއް ކަމަށް ވުން:

5.3.3.2 ދިރާސާގެ ސަބަބުން ނުވަތަ ތަހުލީލުގެ ސަބަބުން، ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ނުވަތަ މައްސަލަތަކަކަށް ހައްލެއް ލިއްބައިދީފައި ވުން.

5.3.3.3 ދިރާސާއަކީ ނުވަތަ ތަހުލީލަކީ، އައި.އެސް.އެސް.އެން ނުވަތަ އައި.އެސް.ބީ.އެން ނަންބަރު ޖަހައި، ބައިނަލްއަގުވާމީ ފެންވަރުގައި، ށާއިޢުކޮށްފައިވާ ނުވަތަ ށާއިޢުކުރުމަށް ގަބޫލުކޮށްފައިވާ ދިރާސާއެއް ނުވަތަ ތަހުލީލެއް ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ރެފްރީޑް ޖާނަލެއްގައި ނުވަތަ ކޮންފަރެންސް ޕްރޮސީޑިންގސްއެއްގައި ށާއިޢުކޮށްފައިވާ ނުވަތަ ށާއިޢުކުރުމަށް ގަބޫލުކޮށްފައިވާ ދިރާސާއެއް ކަމުގައި ނުވަތަ ތަހުލީލެއް ކަމުގައި ވުން. މިގޮތުން ށާއިޢުކުރާ ދިރާސާގެ ނުވަތަ ތަހުލީލުގެ ލީޑު އޯތަރށިޕަކީ، އިނާމަށް ހުށަހަޅާ ފަރާތްކަމުގައި ވެސް ވާންވާނެއެވެ.

 

ގިންތި 4: ހުނަރުވެރި ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައި ވުން 

5.4 މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ރައްޔިތުންގެ ތެރެއިން ޒުވާނަކު ނުވަތަ ޒުވާނުންގެ ބަޔަކު ކޮށްފައިވާ ހުނަރުވެރި، ފަންނީ މަސައްކަތްތަކުގެ ތެރެއިން އުފެއްދުންތެރިކަމާއި އީޖާދީ ސިފަތައް ހިމެނޭ މަސައްކަތަކަށް ނުވަތަ މަސައްކަތްތަކަކަށެވެ. މި އިނާމު ދެވޭނީ، މި އުސޫލުގެ 5.4 ގެ (5.4.1) އާއި، (5.4.2) އާއި، (5.4.3) އާއި، (5.4.4) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުންކުރެ ށަރުތެއް ފުރިހަމަވާ ކާމިޔާބީއެއް ހޯދައިފައިވާ، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އިނާމަށް ހުށަހަޅާ މަސައްކަތެއް ނުވަތަ އުފެއްދުމަކީ، އެ މަސައްކަތެއް ކުރި ނުވަތަ އެ އެއްޗެއް އުފެއްދި ފަރާތާ މަސްލަހަތު ފުށުނާރާ ކަމާ ގުޅޭ ފަރާތަކުން ބަލައިގަނެ ގަބޫލުކޮށްފައިވާ މަސައްކަތަކަށް ނުވަތަ އުފެއްދުމަކަށް ވާންވާނެއެވެ.

5.4.1 ހުނަރުވެރި ފަންނުވެރި މަސައްކަތްތަކެއް އީޖާދީގޮތެއްގައި ކޮށްގެން އިޖުތިމާޢީ ފައިދާތަކެއް ލިބިގެން ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ކަމާ ގުޅޭ ފަރާތަކުން ބަލައިގަނެ ގަބޫލުކޮށްފައިވާ މަސައްކަތަކަށް ވުން؛ ނުވަތަ

5.4.2 ހުނަރުވެރި ފަންނުވެރި މަސައްކަތެއް އީޖާދީގޮތެއްގައި ކޮށްގެން ވިޔަފާރީގެ ވިސްނުމުން ތަރައްގީކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދީ ދާއިރާއެއް ނުވަތަ ދާއިރާތަކެއް އިތުރަށް ދިރުވައި، އިގްތިސާދީ ފައިދާތަކެއް ލިބިފައި ވުން؛ ނުވަތަ

5.4.3 ރާއްޖޭގައި ނެތެމުންދާ ފަންނެއް ނުވަތަ ފަންނުތަކެއް އީޖާދީ އައު ވިސްނުންތަކާއި ޓެކްނޮލޮޖީ މެދުވެރިކޮށް ދިރުވުމަށް މަސައްކަތްތަކެއް ކޮށްގެން ކުރިއެރުންތަކެއް ހޯދައިފައި ވުން؛ ނުވަތަ

5.4.4 ރާއްޖެއިން ބޭރުގައި ބޭނުންކުރަމުންގެންދާ ޓެކްނޮލޮޖީއެއް ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތްތަކެއް ރާއްޖޭގެ މާހައުލާއި މުޖުތަމަޢަށް ފެތޭގޮތަށް ބަދަލުކޮށްގެން އެކަމުގެ ސަބަބުން އިޖުތިމާޢީ ނުވަތަ އިގްތިސާދީ މަންފާތަކެއް ހާސިލުކޮށްފައި ވުން.


66 ވަނަ މާއްދާ - ހާއްސަ އިނާމަށް އެދި ހުށަހަޅާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހުން

ހާއްސަ އިނާމަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކަކީ، ތިރީގައި ބަޔާންކޮށްފައިވާ ކޮންމެވެސް އެއްގޮތަކުން، އެ ލިޔުމެއްގެ ސައްހަކަން ކަށަވަރުކުރެވޭނެ ލިޔުންތަކަކަށް ވާންވާނެއެވެ.

(ހ) ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއްގައި ދެފުށުގައި ލިޔެފައިވާ ނަމަ ނުވަތަ ނަންބަރެއް ނުވަތަ ނިށާނެއް ނުވަތަ ކޯޑެއް ޖަހައިފައިވާ ނަމަ އެ ލިޔުމުގެ ދެފުށުގައި އަސްލާ އެއްގޮތްކަމަށް، ގާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދައިފައިވާ ނަންބަރު 2019/R-1067 (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައި ވުން ނުވަތަ؛

(ށ) ގާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރަސްމީ އިދާރާއަކުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒަކުން ދޫކޮށްފައިވާ ސަނަދެއް ނުވަތަ ލިޔުމެއް ނަމަ، ސަނަދު ދޫކޮށްފައިވާ އިދާރާއިން ނުވަތަ މަރުކަޒުން، އެ ލިޔުމުގައި ނުވަތަ ސަނަދުގައި (އެ ލިޔުމުގެ ދެފުށުގައި ލިޔެފައިވާ ނަމަ ނުވަތަ ނަންބަރެއް ނުވަތަ ނިށާނެއް ނުވަތަ ކޯޑެއް ޖަހައިފައިވާ ނަމަ، އެ ލިޔުމުގެ ދެފުށުގައި) އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވުން ނުވަތަ؛

(ނ) އެ ސަނަދެއް ނުވަތަ ލިޔުމެއް ދީފައިވާ ފަރާތަކުން ދީފައިވާ ސްމާރޓް ވެރިފިކޭށަން ކޯޑަކުން ނުވަތަ ލިންކަކުން، އެ ސަނަދު ނުވަތަ ލިޔުމުގެ ސައްހަކަން ކަށަވަރު ކުރެވެން އޮތުން. އެފަދަ ކޯޑު ނުވަތަ ލިންކު އެޕްލިކޭށަން ހުށަހަޅާއިރު [email protected] އަށް އީމެއިލް ކޮށްފައި އޮންނަންވާނެއެވެ. އަދި އެ ކޯޑު ނުވަތަ ލިންކަކީ 2025 ނޮވެންބަރު 11 އާ ހަމަޔަށް ބޭނުންކުރެވޭ ގޮތަށް އޮންނަ ލިންކަކަށް ވާންވާނެއެވެ.

 

7 ވަނަ މާއްދާ - ހާއްސަ އިނާމު ދޭނެ ފަރާތްތައް ކަނޑައެޅުން:

ހާއްސަ އިނާމު ދޭނެ ފަރާތްތައް ކަނޑައެޅުމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ، ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. އަދި ހާއްސަ އިނާމު ދޭނެ ފަރާތްތައް ކަނޑައަޅާނީ އިނާމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް، ކޮމިޓީގެ ހުރިހާ މެންބަރުން ވަކިވަކިން ދިރާސާކުރުމަށްފަހު، ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.

(ށ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިނާމަށް އެދި ހުށަހަޅާ ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހެޅުމަކީ އިނާމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

8 ވަނަ މާއްދާ - ހާއްސަ އިނާމެއް ލިބިފައިވާ ފަރާތެއްގެ އިނާމު ނިގުޅައިގަތުން:

ހާއްސަ އިނާމު ލިބިފައިވާ ފަރާތަކުން، އިނާމު ހޯދުމަށް ޓަކައި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތު) ގެ 310 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތަކުގެ ތެރެއިން ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި ޢަމަލު ހިންގިކަމަށް ށަރީޢަތަށް ސާބިތުވެއްޖެ ނަމަ، ނުވަތަ ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ބަލައި އެ ކަމަކީ ހާއްސަ އިނާމެއް ނިގުޅައިގަންނަންޖެހޭ ފަދަ ކަމެއް ކަމުގައި ކޮމިޓީއަށް ފެނިއްޖެ ނަމަ، ތަފުސީލު ސަބަބާއެކުގައި އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު، ހާއްސަ އިނާމާބެހޭ ކޮމިޓީއަށް ލިބިގެންވެއެވެ. 

 

9 ވަނަ މާއްދާ - ހާއްސަ އިނާމުދޭ އުސޫލަށް ބަދަލުގެނައުން

މި އުސޫލަށް ބަދަލު ގެނައުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީއަށެވެ.

 

10. ފޯމު ހުށަހެޅުމާއި، މަޢުލޫމާތު ހޯދުން

މި އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ "ހާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމު" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

މަޢުލޫމާތު ހޯދުމަށް ގުޅާނީ 7960844 ނަންބަރު ފޯނަށް ނުވަތަ 3336262 ނަންބަރު ފޯނަށެވެ.

 

11 ވަނަ މާއްދާ - ޖަދުވަލަކީ އުސޫލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން:

މި އުސޫލުގައިވާ ޖަދުވަލުތަކަކީ، މި އުސޫލުގެ ބައެއްކަމުގައި ބެލޭނެއެވެ.

 

12 ވަނަ މާއްދާ - މި އުސޫލަށް ޢަމަލުކުރަން ފެށުން:

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

 

(މި އުސޫލުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި ވާނެ)

 

ޖަދުވަލު 1:

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި ހުށަހަޅާ ފޯމުގެ ނަމޫނާ - ގިންތި 1.1

 

ޖަދުވަލު 2:

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި ހުށަހަޅާ ފޯމުގެ ނަމޫނާ - ގިންތި 1.2

 

ޖަދުވަލު 3:

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި ހުށަހަޅާ ފޯމުގެ ނަމޫނާ - ތިންތި 2.

 

ޖަދުވަލު 4:

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި ހުށަހަޅާ ފޯމުގެ ނަމޫނާ - ތިންތި 3.1

 

ޖަދުވަލު 5:

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި ހުށަހަޅާ ފޯމުގެ ނަމޫނާ - ތިންތި 3،2

 

ޖަދުވަލު 6:

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި ހުށަހަޅާ ފޯމުގެ ނަމޫނާ - ތިންތި 4

 

މައި ގާނޫނު

ގާނޫނު އަސާސީގެ 115 ވަނަ މާއްދާ

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު