-

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާ ތަންތަނުގައި ނުވަތަ ދައުލަތަށް ނަގާ ތަންތަނުގައި ނުވަތަ ދައުލަތަށް ނަގާ ތަންތަނުގައި ހުންނަ މުދަލާއި ތަކެތީގެ އަގުން ބަލަށް ކެނޑުމުން---- އުސޫލު

(އުސޫލު ނަންބަރު 2026-18)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ޖޫން 2026 ގައި)

 

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާ ތަންތަނުގައި ނުވަތަ ދައުލަތަށް ނަގާ ތަންތަނުގައި ހުންނަ މުދަލާއި ތަކެތީގެ އަގުން ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު

 

ފުރަތަމަ ބާބު

ތައާރުފާއި މަގުސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލް އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާ ތަންތަނުގައި ނުވަތަ ދައުލަތަށް ނަގާ ތަންތަނުގައި ހުންނަ މުދަލާއި ތަކެތީގެ އަގުން ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނެއް، ކުލީގެ މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާއިރު ނުވަތަ ދައުލަތަށް ނަގާއިރު، އެ ތަނެއްގައި ހުރި މުދަލާއި ތަކެތީގެ އަގުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކޮށް، އެ މުދަލުގެ އަގުގެ ގޮތުގައި ކުއްޔަށް ހިފައިގެން އުޅުނު ފަރާތަކަށް ދައުލަތުން ދޭނެ ފައިސާގެ އަދަދު ކަނޑައެޅުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ދޭންޖެހޭ ހާލަތު

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނެއްގައިވާ އިމާރާތްތަކާއި ތަކެތީގެ އަގުން ބަލަށް ކެނޑުމުން ޖެހޭ އަގު މި އުސޫލުގެ ދަށުން ހިސާބުކޮށް، ދައުލަތުން ދޭންޖެހޭ އަގު ކަނޑައަޅާނީ، އެފަދަ ތަނެއް ކުއްޔަށް ދޫކުރި މުއްދަތު ހަމަވެގެން ދައުލަތަށް އަނބުރާ ހަވާލުކުރަންޖެހޭ ހާލަތުގައި ނުވަތަ ދައުލަތަށް ނަގާ ހާލަތުގައެވެ.

 

 

ދެވަނަ ބާބު

ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމުގައި ހިމަނާނެ މުދަލާއި ތަކެތި

 

4 ވަނަ މާއްދާ - ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި ހިމަނަންޖެހޭ މުދަލާއި ތަކެތި

(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވިއިރު، އޮޕަރޭށަނަލް ހާލަތުގައި ހުރި ނަމަ، މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ދައުލަތުން ދޭނީ، އަންނަނިވި މުދަލާއި ތަކެއްޗަށެވެ.

  1. ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގެ ލީސް އެއްބަސްވުމުގެ ދަށުން ހުށަހަޅައި އަދާހަމަކޮށް ބަލަހައްޓަމުން ގޮސްފައިވާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ، އެ ތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުންހުރި އުފުލޭ މުދަލާއި ނޫފުލޭ މުދަލާއި ތަކެތި؛
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އިންވެންޓްރީއެއް ބަލަހައްޓަމުން ނުދާ ނަމަ، މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމުގެ މަސައްކަތުގެ ބޭނުމަށް ތައްޔާރުކުރާ، އެ ތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުންހުރި އުފުލޭ މުދަލާއި ނޫފުލޭ މުދަލުގެ އިންވެންޓްރީގައި ހިމެނޭ މުދަލާއި ތަކެތި؛
  3. މި މާއްދާގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެންޓްރީގައި ނުހިމެނޭ އުފުލޭ މުދަލުގެ ތެރެއިން، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން އަނބުރާ ގެންގޮސްފައިނުވާ މުދަލާއި ތަކެތީގެ ތެރެއިން މިނިސްޓްރީން ބަހައްޓަން ބޭނުންވާ މުދަލާއި ތަކެތި.

(ށ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވިއިރު، އެ ތަން ހުރީ އޮޕަރޭށަނަލް ހާލަތުގައި ނޫން ނަމަ، މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމުގައި ހިމަނާނީ އަންނަނިވި މުދަލާއި ތަކެއްޗެވެ.

  1. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެންޓްރީގައި ހިމެނޭ ނޫފުލޭ މުދަލާއި ތަކެތި؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެންޓްރީގައި ހިމެނޭ އުފުލޭ މުދަލާއި ތަކެތީގެ ތެރެއިން، މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މިނިސްޓްރީން ބަހައްޓަން ބޭނުންވާ ތަކެތީގެ ލިސްޓުގައި ހިމެނޭ މުދަލާއި ތަކެތި؛
  3. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދަލާއި ތަކެތި.

 

5 ވަނަ މާއްދާ - ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި ނުހިމެނޭ މުދަލާއި ތަކެތި

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގެ ލީސް އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ދައުލަތުން އެފަދަ ތަނަކާ ހަވާލުވާއިރު، އެ ތަނުގެ އިންވެންޓްރީ ލިސްޓުގައި ހިމެނޭ ނުވަތަ މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ތައްޔާރުކުރާ އިންވެންޓްރީގައި ހިމެނޭ މުދަލާއި ތަކެތީގެ ތެރެއިން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ހުންނަ މުދަލާއި ތަކެތި، ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައެއް ނުހިމެނޭނެއެވެ.

(ހ) ބައުވުމުގެ ސަބަބުން ހިދުމަތް ދިނުމުގައި ބޭނުންކުރަމުން އައިސްފައިނުވާ ނުވަތަ މަރާމާތުކޮށްގެން ނުވަތަ އަޕްގްރޭޑްކޮށްގެން ވެސް ބޭނުން ނުކުރެވޭނެ ތަކެތި.

(ށ) މަރާމާތުކޮށްގެން ނުވަތަ އަޕްގްރޭޑްކޮށްގެން ނޫނީ ބޭނުންނުކުރެވޭ ހާލަތުގައި ހުރި ހަރުމުދަލުގެ ތެރެއިން، އެ ތަކެތި ބޭނުންކުރެވޭ ހާލަތަށް ގެނައުމަށް ޓަކައި ހިނގާނެ ހަރަދު، އެ އެއްޗެއްގެ އަންދާޒާކުރެވޭ ބުކް ވެލިއުގެ %30 (ތިރީސް އިންސައްތަ) އަށް ވުރެ ބޮޑުވާނެކަމަށް އަންދާޒާކުރެވޭ ތަކެތި.

(ނ) އެ މުދަލެއް އުފެއްދި ފަރާތުން، އެ މުދާ ބޭނުންކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު (ޔޫސްފުލް ލައިފް) ހަމަވެފައިވާ މުދާ.

(ރ) ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު އާންމުކޮށް ބޭނުންކުރަމުންނުދާ (އައުޓްޑޭޓެޑް) މޮޑެލްތަކުގެ މުދާ.

(ބ) މިނިސްޓްރީގެ ހުއްދަ ނެތި ނުވަތަ މިނިސްޓްރީން ފާސްކޮށްފައިވާ ކުރެހުންތަކާއި ހުއްދަތަކާ ހިލާފަށް ބިނާކޮށްފައިވާ އިމާރާތްތަކާއި އެފަދަ އެހެނިހެން ތަންތަން.

(ޅ) މިނިސްޓްރީގެ ހުއްދަ ނެތި ނުވަތަ މިނިސްޓްރީން ފާސްކޮށްފައިވާ ކުރެހުންތަކާއި ހުއްދަތަކާ ހިލާފަށް އިމާރާތްތަކާއި އެފަދަ އެހެނިހެން ތަންތަނަށް ގެނެސްފައިވާ ބަދަލުތައް.

(ކ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގެ އޮޕަރޭށަނަށް ކުރިމަގުގައި ހުރަސްނޭޅޭގޮތަށް ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން އަނބުރާ ގެންދިއުމަށް ބޭނުންވާ، ތަނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސީދާ ގުޅުންހުރި އުފުލޭ މުދަލާއި ތަކެތި.

 

6 ވަނަ މާއްދާ - ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް އަނބުރާ ގެންދިއުމުގެ އި ހުތިޔާރު ލިބިދޭ މުދަލާއި ތަކެތި

(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގައި ހުންނަ އަންނަނިވި މުދަލާއި ތަކެތި އަނބުރާ ގެންދިއުމުގެ ނުވަތަ ނީލަމުގައި ވިއްކައިލުމުގެ ނުވަތަ ނައްތައިލުމުގެ އިހުތިޔާރު، ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް ލިބިގެންވެއެވެ.

  1. އެ ތަނެއްގެ އިންވެންޓްރީ ލިސްޓުގައި ނުހިމެނޭ ނުވަތަ މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ތައްޔާރުކުރާ އިންވެންޓްރީ ލިސްޓުގައި ނުހިމެނޭ އެންމެހައި އުފުލޭ މުދަލާއި ތަކެތި؛
  2. މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި ނުހިމެނޭ މުދަލާއި ތަކެތި؛
  3. ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ހުރީ އޮޕަރޭށަނަލް ހާލަތުގައި ނޫން ނަމަ، ތަންތަނުގައި ހުންނަ ތަކެތީގެ ތެރެއިން، މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ތައްޔާރުކުރާ ލިސްޓުގައި ނުހިމެނޭ މުދަލާއި ތަކެތި.

(ށ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލާއި ތަކެތި 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އަނބުރާ ގެންދިއުމުގެ ފުރުސަތު ދިނުމަށް ޓަކައި، ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް މިނިސްޓްރީން އެކަން ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލާއި ތަކެތި އަނބުރާ ގެންގޮސް ތަން ހުސްކުރުމަށް މިނިސްޓްރީން އަންގާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ ތަކެތި ގެންގޮސް ތަން ހުސްކޮށްފައި ނުވާ ނަމަ، އެ ތަކެތި ނީލަމުގައި ވިއްކައިލުމުގެ ނުވަތަ އޭގެ ތެރެއިން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި ހިމެނުމަށް ށަރުތު ހަމަވާ ތަކެތި އެ ހިސާބުގައި ހިމެނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަނުގައި ހުންނަ މުދަލާއި ތަކެތީގެ ތެރެއިން އިންވެންޓްރީގައި ނުހިމެނޭ ތަކެތި ނީލަމުގައި ވިއްކައިލައިގެން ލިބޭ ފައިސާއިން އެ ތަކެތި ވިއްކުމަށް ހިނގާ ހަރަދު ކެނޑުމަށްފަހު ބާކީވާ ފައިސާ، ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް މިނިސްޓްރީން ދޫކުރަންވާނެއެވެ.

 

 

ތިން ވަނަ ބާބު

ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމަށް ބޭނުންވާ މައުލޫ މާތު ފޯރުކޮށްދިނުން

 

7 ވަނަ މާއްދާ - ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް

(ހ) މި އުސޫލުގެ ދަށުން މަސައްކަތާ ހަވާލުވާ ފަރާތަށް ބޭނުންވާ މައުލޫ މާތާއި ލިޔެކިޔުންތައް ހޯދަންވާނީ މިނިސްޓްރީ މެދުވެރިކޮށެވެ. އަދި އެ ފަރާތަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދައި ފޯރުކޮށްދިނުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން މަސައްކަތާ ހަވާލުވާ ފަރާތަށް ބޭނުންވާ، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި މައުލޫމާތު މިނިސްޓްރީ މެދުވެރިކޮށް ހޯދުމަށް އެދިއްޖެ ނަމަ، މިނިސްޓްރީން އަންގާ ތާރީހަކަށް އެ ލިޔެކިޔުންތަކާއި މައުލޫމާތ،ު ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން
ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ފޯރުކޮށްދޭންވާނެއެވެ.

  1. މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެންޓްރީ ލިސްޓު؛
  2. މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެންޓްރީ ލިސްޓު ބަލަހައްޓަމުން ނުދާ ނަމަ، މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ތައްޔާރުކުރަންޖެހޭ މުދަލާއި ތަކެތީގެ އިންވެންޓްރީ ލިސްޓު؛
  3. ތަނުގައި ހުރި މުދަލާއި ތަކެތީގެ ތެރެއިން، އެ ތަނުގައި ހިންގި ވިޔަފާރިއާ ސީދާ ގުޅުމެއް ނެތް އަދި އިންވެންޓްރީ ލިސްޓުގައި ނުހިމެނޭ އުފުލޭ މުދަލާއި ތަކެތީގެ ލިސްޓު؛
  4. ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން، އެ ތަނުގެ ލީސް އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީހާ ހަމަޔަށް ދައުލަތުގެ އިދާރާތަކަށް ހުށަހަޅައިފައިވާ، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް؛
  5. ތަނުގައި ހުރި ނޫފުލޭ މުދަލާއި ތަކެތީގެ ފެންވަރު ރަނގަޅުކުރުމަށް، ލީސް އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ހަމަޔަށް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކެޕިޓަލައިޒްކޮށްފައިވާ ހަރަދުތަކުގެ ލިޔެކިޔުންތައް؛
  6. ތަނާ ގުޅުންހުރި އެއްވެސް ރަހުނެއް (މޯގޭޖެއް) ނުވަތަ އެ ނޫންވެސް މާލީ އިލްތިޒާމަކާއި ގާނޫނީ އިލްތިޒާމެއް އޮތް ނަމަ، އެކަމާ ގުޅޭ މައުލޫމާތު؛
  7. ތަނާ ނުވަތަ ތަނުގައި ހިންގި ވިޔަފާރިއާ ގުޅިގެން އުފެދިފައިވާ ދައުވާއެއް އޮތް ނަމަ، އެކަމާ ގުޅޭ މައުލޫމާތު؛
  8. ތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓާ ގުޅިގެން، މި އުސޫލުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ބޭނުމަށް ފޯރުކޮށްދިނުމަށް އަންގާ އެހެނިހެން މައުލޫމާތާއި ލިޔެކިޔުންތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންވެންޓްރީ ލިސްޓު އެކުލަވައިލުމުގައި، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް ފެތޭ މުދަލާއި ތަކެތި ހިމަނައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިލަޔަށް ބަޔާންކޮށްފައިވާ މުދަލާއި ތަކެތީގެ ލިސްޓުތަކުގައި، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެ އެއްޗެއްގެ ނަމާއި ތަފުސީލު؛
  2. އެ އެއްޗެއް ގަނެފައިވާ ތާރީހާއި އުފެއްދި އަހަރު؛
  3. އެ އެއްޗެއް ގަތުމަށް ނުވަތަ އުފެއްދުމަށް ހިނގި ހަރަދު؛
  4. ކުލީގެ މުއްދަތު ހަމަވިއިރު އެ އެއްޗެއްގެ ހާލަތު؛
  5. ކުލީގެ މުއްދަތުގެ ނިޔަލަށް އެ އެއްޗެއް ބަލަށް ކެނޑުމުން ޖެހޭ އަގު.

 

8 ވަނަ މާއްދާ - މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައެޅުން

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގެ ކުލީގެ މުއްދަތު ހަމަވެގެން އެ ތަން ދައުލަތާ އަނބުރާ ހަވާލުކުރާއިރު ނުވަތަ ދައުލަތަށް ނަގާއިރު ތަނުގައި ހުންނަ މުދަލާއި ތަކެތީގެ ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމަށް މިނިސްޓްރީން ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދޭނެ ފަރާތެއް، ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ކަނޑައަޅަންވާނެއެވެ. އަދި މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައެޅުމަށް މިނިސްޓްރީން އަންގާ ތާރީހުން ފެށިގެން 15 (ފަނަރަ* ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް ލިޔުމުން އަންގައި، އެ ފަރާތާ މުއާމަލާތުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

 

9 ވަނަ މާއްދާ - ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްނުދިނުން

(ހ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރަންޖެހޭ މުދަލަކާ ގުޅުންހުރި މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އެންގުމުން، ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްނުދީ 30 (ތިރީސް) ދުވަސް ފާއިތުވެއްޖެ ނަމަ، ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައަޅަންވާނީ، އެ މުދަލެއްގެ ހާލަތަށާއި ކުރިމަގުގައި އެ މުދަލެއް ބޭނުންކުރެވިދާނެ މުއްދަތަށް ރިއާޔަތްކޮށްގެންނެވެ.

(ށ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްނުދީ 30 (ތިރީސް) ދުވަސް ފާއިތުވެއްޖެ ނަމަ، ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތާ ހަވާލުވާ ފަރާތުން، މި އުސޫލުގެ 7 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، ތަނުގައި ހުރި މުދަލުގެ އަންނަނިވި ލިސްޓުތައް ތައްޔާރުކުރަންވާނެއެވެ.

  1. މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް ފެތޭ މުދަލާއި ތަކެތި އިސްތިސްނާވާ ގޮތަށް، މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދަލުގެ އިންވެންޓްރީ ލިސްޓެއް؛
  2. އެ ތަނުގައި ހިންގި ވިޔަފާރިއާ ސީދާ ގުޅުމެއް ނެތް، އަދި އެ ތަނުގެ އިންވެންޓްރީގައި ނުހިމެނޭ މުދަލާއި ތަކެތީގެ ލިސްޓެއް.

 

10 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން އޮޕަރޭށަނަލް ހާލަތުގައި ހުރިކަން ނުވަތަ ނޫންކަން ކަނޑައެޅުން

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވިއިރު ހުރީ އޮޕަރޭށަނަލް ހާލަތުގައިކަން ނުވަތަ ނޫންކަން ކަނޑައަޅާނީ މިނިސްޓްރީންނެވެ.

 

11 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ހުރީ އޮޕަރޭށަނަލް ހާލަތުގައި ނޫން ނަމަ، މިނިސްޓްރީން ބެހެއްޓުމަށް ކަނޑައަޅާ އުފުލޭ މުދަލާއި ތަކެތި

(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވިއިރު ހުރީ އޮޕަރޭށަނަލް ހާލަތުގައި ނޫން ނަމަ، އެ ތަނެއްގެ އިންވެންޓްރީ ލިސްޓުގައި ނުވަތަ މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ އުފުލޭ މުދަލުގެ ތެރެއިން، މިނިސްޓްރީން ބަހައްޓަން ބޭނުންވާ އުފުލޭ މުދަލުގެ ލިސްޓެއް މިނިސްޓްރީން ތައްޔާރުކޮށް، އޮޑިޓަރ ޖެނެރަލްގެ
އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ ލިސްޓުގައި، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެ އެއްޗެއްގެ ނަމާއި ތަފުސީލު؛
  2. އެ އެއްޗެއް ބެހެއްޓުމަށް ބޭނުންވާ ސަބަބު؛
  3. އެ އެއްޗެއް ބޭނުންކުރެވޭ ހާލަތަށް އިއާދަކުރަންޖެހޭ ނަމަ،
    އެކަމަށް ހިނގާނެކަމަށް އަންދާޒާކުރާ ހަރަދު.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ލިސްޓުގައި، ވިޔަފާރީގައި ބޭނުންކޮށް ހުސްވާ ތަކެތި (ކޮންސިއުމަބަލްސް) ހިމަނައިގެން ނުވާނެއެވެ.

 

12 ވަނަ މާއްދާ - އިންވެންޓްރީގައި ނުހިމެނޭ މުދަލުގެ ތެރެއިން ބެހެއްޓުމަށް ކަނޑައަޅާ މުދަލާއި ތަކެތި

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން އަނބުރާ ނުގެންގޮސް ބަހައްޓައިފައިވާ ތަކެތީގެ ތެރެއިން، އެ ތަނެއްގެ އިންވެންޓްރީ ލިސްޓުގައި ނުވަތަ މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދަލުގެ އިންވެންޓްރީ ލިސްޓުގައި ނުހިމެނޭ މުދަލާއި ތަކެތި، މިނިސްޓްރީން ބެހެއްޓުމަށް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ހ) އެ އެއްޗަކީ އިތުރު މަރާމާތަކާ ނުލައި ބޭނުންކުރެވޭ ހާލަތުގައި ހުރި އެއްޗަކަށް ވުން.

(ށ) އެ ތަނުގައި ކުރިމަގުގައި ހިންގާ ވިޔަފާރީގައި އެ އެއްޗެއް ބޭނުންކުރާނެކަމަށް ބެލެވުން.

(ނ) މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތަކަށް ފެތޭ އެއްޗަކަށް ނުވުން.

 

 

ހަތަރުވަނަ ބާބު

ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުން

 

13 ވަނަ މާއްދާ - ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުން

މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ތަކެތީގެ ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި، އެ ތަކެތި ގަތުމަށް ނުވަތަ އުފެއްދުމަށް ކުރި ހަރަދު (ހިސްޓޯރިކަލް ކޮސްޓް) އަށް ބިނާކުރުން.

(ށ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި، އެ ތަނެއް ދައުލަތާ ހަވާލުކުރަންޖެހޭ ތާރީހުގެ ކުރިން ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ދައުލަތުގެ އިދާރާތަކަށް ހުށަހަޅައިފައިވާ، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކަށާއި، އެ މާލީ ބަޔާންތަކަށް ދީފައިވާ ރައުޔަށް ރިއާޔަތްކުރުން.

(ނ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި، ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ދިރާސާކުރުމާއެކު، އެއްވެސް މުދަލެއްގެ އަގު އަލުން ވަޒަން (ރިވެލިއު) ކޮށްފައިވޭތޯ ބެލުން.

(ރ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި، މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް މުދަލެއްގެ އަގު އަލުން ވަޒަންކޮށް މާލީ ބަޔާންތަކުގައި ހިމަނައިފައިވީ ނަމަވެސް، މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި، އެ މުދަލުގެ އަލުން ވަޒަންކުރި އަގު ނުހިމެނުން.

(ބ) ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ހުށަހަޅައިފައިވާ އިންވެންޓްރީގައި ހިމެނޭ މުދަލުގެ ލިސްޓުތަކުގައްޔާއި އިންވެންޓްރީގައި ނުހިމެނޭ މުދަލުގެ ލިސްޓުތަކުގައި، މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ އެއްވެސް މުދަލެއް ހިމެނިފައިވޭތޯ ބަލައި، ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި އެ ތަކެތީގެ އަގު ނުހިމެނުން.

(ޅ) އަލުން އަގު ވަޒަންކޮށްފައިވާ މުދަލެއްގެ ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި، އެ މުދަލެއްގެ އަގު އަލުން ވަޒަންކުރުމުގެ ކުރިން، އެ މުދަލެއްގެ އަސްލު އަގުން ބަލަށް ކަނޑަމުން އައި ނިސްބަތުން ތަނުގެ ލީސް އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ހަމަޔަށް ބަލަށް ކެނޑުމުން ޖެހޭ އަގު (ނެޓްބުކް ވެލިއު) އަށް ބެލުން.

(ކ) ހަރުމުދަލާއި އިންވެންޓްރީ ބަލަށް ކަނޑަމުން އައިސްފައިވަނީ އެއް އުސޫލަކުންތޯއާއި، ބޭނުންކޮށްފައިވާ ރޭޓްތަކަކީ ހަރުމުދަލުގެ ބާވަތަށް ރިއާޔަތްކުރާއިރު އެކަށީގެންވާ އަދި ޓޫރިޒަމް އިންޑަސްޓްރީގައި ބޭނުންކުރާ އެވްރެޖް ރޭޓެއްތޯ ބެލުން.

(އ) ބަލަށް ކެނޑުމުން ޖެހޭ އަގު ދޭންޖެހޭ މުދަލާއި ތަކެތި ބަލަށް ކަނޑަމުން އައިސްފައިވާ ރޭޓަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ޓެކުހުގެ ބޭނުމަށް ކަނޑައަޅައިފައިވާ ކެޕިޓަލް އެލަވަންސްގެ ރޭޓަށް ވުރެ ދަށް
ރޭޓެއް ނަމަ، އެ އޮތޯރިޓީން ޓެކުހުގެ ބޭނުމަށް ކަނޑައަ ޅައިފައިވާ ކެޕިޓަލް އެލަވަންސްގެ ރޭޓަށް ބިނާކޮށް އެ މުދަލާއި ތަކެތިން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުން.

(ވ) މާލީ ބަޔާންތަކުގައި، މުދަލުގެ އަގު ބަލަށް ކަނޑަމުންގޮސް ސުމަކަށް ބަދަލުވެފައިވާ މުދަލުގެ ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި، އެ ތަކެތީގެ ސެލްވޭޖް ވެލިއު ނުވަތަ ސްކްރެޕް ވެލިއު ހިސާބުކުރުން .

(މ) ބަލަށް ކެނޑުމުން ޖެހޭ އަގު ދޭންޖެހޭ މުދަލާއި ތަކެތި ހުރި ތަނުގައި ހިންގި ވިޔަފާރިއާ ގުޅިގެން، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާގެ އަދަދު ބަލައި، އެ އަދަދު، ބަލަށް ކެނޑުމުން ޖެހޭ އަގުން އުނިކުރުން.

(ފ) ބަލަށް ކެނޑުމުން ޖެހޭ އަގު، ހިސާބުކުރާ މުދާ މަރާމާތު ކުރަންޖެހޭ ނަމަ، ނުވަތަ އަޕްގްރޭޑް ކުރަންޖެހޭ ނަމަ، އެކަމަށް ހިނގާނެ ހަރަދު ހިސާބުކޮށް، އެ ހަރަދު، ބަލަށް ކެނޑުމުން ޖެހޭ އަގުން އުނިކުރުން.

(ދ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫ މާތާއި ލިޔެކިޔުންތައް ފޯރުކޮށްނުދިނުމުގެ ސަބަބުން، ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތާ ހަވާލުވާ ފަރާތުން، ތަނުގައި ހުރި މުދަލުގެ ލިސްޓުތައް ތައްޔާރުކުރުމަށް ހިނގާ ހަރަދު، ބަލަށް ކެނޑުމުން ޖެހޭ އަގުން އުނިކުރުން.

(ތ) ބަލަށް ކެނޑުމުން ޖެހޭ އަގު ދޭންޖެހޭ މުދަލާއި ތަކެތި ހުރި ތަނުގައި ހުންނ،ަ މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގައި އިސްތިސްނާކޮށްފައިވާ މުދަލާއި ތަކެތި މަރާމާތުކުރުމަށާއި އަޕްގްރޭޑްކުރުމަށް ނުވަތަ ނައްތައިލުމަށް އަދި ރަށުން ބޭލުމަށް ހިނގާ ހަރަދު ހިސާބުކޮށް، އެ ހަރަދު، ބަލަށް ކެނޑުމުން ޖެހޭ އަގުން އުނިކުރުން.

(ލ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން އަނބުރާ ނުގެންގޮސް ބަހައްޓައިފައިވާ އެ ތަނެއްގެ އިންވެންޓްރީގައި ނުހިމެނޭ ތަކެތީގެ ތެރެއިން، ނީލަމުގައި ވިއްކައިލާ ތަކެތި ވިއްކުމަށް ހިނގާ ހަރަދު، އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާއަށް ވުރެ އިތުރުވާ ނަމަ، އެ އިތުރުވާ އަދަދާއި، އެފަދަ ތަކެތި ތަނުން ބޭރުކުރުމަށް ނުވަތަ ނައްތައިލުމަށް ހިނގާ ހަރަދު ހިސާބުކޮށް، އެ ހަރަދުތައް، ބަލަށް ކެނޑުމުން ޖެހޭ އަގުން އުނިކުރުން.

 

14 ވަނަ މާއްދާ - ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތްކުރާ ފަރާތް ހަމަޖެއްސުން

(ހ) މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތްކުރާ ފަރާތެއް ހޯދައި، އެ ފަރާތާ މަސައްކަތް ހަވާލުކުރާނީ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ކަނޑައަޅައިފައިވާ ހަމަތަކުގެ މަތީން، އޮޑިޓަރ ޖެނެރަލްގެ އޮފީހުންނެވެ.

(ށ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމަށް އައްޔަނުކުރާ ފަރާތަށް ދޭންޖެހޭ މަސައްކަތުގެ އަގު ދޭނީ މިނިސްޓްރީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތާއެކު ހަދާ އެއްބަސްވުން އެކުލަވައިލާނީ، މަސައްކަތާ ހަވާލުވާ ފަރާތާއި، އޮޑިޓަރ ޖެނަރަލްގެ އޮފީހާއި، މިނިސްޓްރީން ސޮއިކުރާ ގޮތަށެވެ.

 

15 ވަނަ މާއްދާ - ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތްކުރުމަށް އައްޔަނުކުރާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކަށް ނުވަތަ އޮޑިޓް ފާމަކަށް ވާންވާނެއެވެ.

(ށ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ، ލީސް އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު އެ ތަނުގައި ހިންގަމުންދިޔަ ވިޔަފާރީގެ ހިސާބުތައް އޮޑިޓްކުރުމުގެ މަސައްކަތް ނުވަތަ ނޮނ-ްއެށުއަރެންސް ހިދުމަތެއް (ރިލޭޓެޑް ސަރވިސް) ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި އެ ވިޔަފާރިއަށް ފޯރުކޮށްދީފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

(ނ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތާއެކު ވިޔަފާރީގެ މަސްލަހަތެއް އޮތް ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ.

 

ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުން

(ހ) ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތް ހަވާލުކުރެވޭ ފަރާތުން ތައްޔާރުކުރާ ރިޕޯޓު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ތައްޔާރުކޮށް ހުށަހަޅަންވާނީ ހަމައެކަނި އޮޑިޓަރ ޖެނެރަލްގެ އޮފީހަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ރިޕޯޓު ރިވިއުކުރުމަށްފަހު، އިސްލާހުކުރަންޖެހޭ ކަންކަން ހުރި ނަމަ، އެ ކަންކަން ރަނގަޅުކުރުމަށް، އެންމެ ގިނަވެގެން ވެސް 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމަށް އައްޔަނުކުރާ ފަރާތަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގަންވާނެއެވެ. އެގޮތުން، އަންގާ އެންގުމުގެ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ރިޕޯޓު އިސްލާހުކޮށްފައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަލުން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ރިޕޯޓު، އޮޑިޓަރ ޖެނެރަލް އެޕްރޫވްކޮށް މިނިސްޓްރީއަށް އެންގުމުން، މި އުސޫލުގެ ދަށުން ބަލަށް ކެނޑުމުން ޖެހޭ އަގު ލިބެންވާ ފަރާތަށް ދޭންޖެހޭ ފައިސާ ދިނުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

 

 

ފަސްވަނަ ބާބު

އެހެނިހެން

 

17 ވަނަ މާއްދާ - އުސޫލުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވުން

މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމަކާމެދު ގޮތެއް ނިންމާނީ އޮޑިޓަރ ޖެނަރަލް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާ މާނަތަކެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަން ނުވަތަ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން އެ އިރެއްގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ހިނގުން ހަވާލުކުރެވިފައިވާ ސަރުކާރުގެ މުއައްސަސާއަށެވެ.

(ށ) "ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބޭ ތިއްބުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކަށެވެ.

(ނ) "އިންވެންޓްރީ ލިސްޓު" ކަމަށް ބުނެފައި އެވަނީ، ލީސް އެއްބަސްވުމާ އެއްގޮތަށް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ޗެކުކޮށް ސޮއިކޮށްފައިވާ، އަދި ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން އަދާހަމަކުރަމުން ގެންގޮސްފައިވާ، ތަނުގައި ހިންގަމުންދިޔަ ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުންހުރި، އުފުލޭ މުދަލަށާއި ނޫފުލޭ މުދަލުގެ ލިސްޓަށެވެ.

(ރ) "އިންވެންޓްރީގައި ނުހިމެނޭ މުދާ" ކަމަށް ބުނެފައި ވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުމެއް ނެތް، އަދި ލީސް އެއްބަސްވުމުގެ ދަށުން ތައްޔާރުކުރާ އިންވެންޓްރީ ލިސްޓުގައި ނުހިމެނޭ މުދަލަށެވެ.

(ބ) "ނޫފުލޭ މުދާ" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅިފައިވާ ނުވަތަ ބިމަށް ހަރުކޮށްފައިވާ މުދަލާއި ތަކެއްޗަށެވެ.

(ޅ) "އުފުލޭ މުދާ" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅިފައިވާ ނުވަތަ ބިމަށް ހަރުކޮށްފައިވާ ތަކެތި ފިޔަވައި، އެ ނޫން ހުރިހާ ބާވަތެއްގެ މުދަލަށެވެ.

(ކ) "ބުކް ވެލިއު" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގެ ލީސް މުއްދަތު ހަމަވި ތާރީހުގެ ނިޔަލަށް، އެ މުދަލަކުން ބަލަށް ކަނޑަމުން ގޮސް، މުދަލުގެ އަގުން ބާކީހުރި، ފޮތު އަގަށެވެ.

(އ) "ކެޕިޓަލައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، މުދަލެއްގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ ބޭނުންކުރެވޭ މުއްދަތު އިތުރުކުރުމަށް ކުރާ ހަރަދުތައް، އާންމު ހަރަދެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެ ހަރަދު އެ މުދަލެއްގެ އަގުގެ ތެރޭގައި ހިމެނުމަށެވެ.

(ވ) "ކެޕިޓަލް އެލަވަންސް ރޭޓް" ކަމަށް ބުނެފައި އެވަނީ، ޓެކުހުގެ ބޭނުމަށް ޓަކައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން އެކި ބާވަތުގެ މުދަލަށް ކަނޑައަޅައިފައިވާ ކެޕިޓަލް އެލަވަންސަށް ނުވަތަ ޑެޕްރިސިއޭށަން ރޭޓަށެވެ.

(މ) "ސެލްވޭޖް ވެލިއު" ކަމަށް ބުނެފައި އެވަނީ، މުދަލެއް ބޭނުންކުރެވޭނެ މުއްދަތު ހަމަވުމުން، އެ މުދަލެއް ނުވަތަ އެ މުދަލުގެ ބައިތައް އިތުރަށް ބޭނުންކުރުމަށް ވިއްކައިލައިގެން ލިބޭނެކަމަށް އަންދާޒާކުރެވޭ އަގަށެވެ.

(ފ) "ސްކްރެޕް ވެލިއު" ކަމަށް ބުނެފައި އެވަނީ، އެ މުދަލެއް އުފެއްދުމަށް ބޭނުންކޮށްފައިވާ ވަކިވަކި މެޓީރިއަލްތައް ވިއްކައިލައިގެން ލިބޭނެކަމަށް އަންދާޒާކުރެވޭ އަގަށެވެ.

 

19 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު