ގްރޭޓަރ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
(އުސޫލު ނަންބަރު 2026-07)
(މި އުސޫލަށް އަމަލުކުރަން ފެށީ 23 މާރިޗު 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދުން ފްލެޓާއި ގޯތި ދޫކުރުމަށްޓަކައި އެކުލަވައިލައިފައިވާ އެކިއެކި އުސޫލުތަކުގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި އެޕްލިކޭށަން ހުށަހަޅާ ފަރާތްތަކުން އެ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެޕްލިކަންޓުގެ ނަމުގައިވާ ނުވަތަ އެޕްލިކަންޓަށް ލިބެން އޮންނަ ބިމާއި ފުލެޓު ދޫކޮށްލުމަށް ވެފައިވާ އިގުރާރާ އެއްގޮތަށް، ބިމާއި ފްލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލީ އިޖުރާތުތައް ބަޔާންކުރާ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، ގްރޭޓަރ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި އުސޫލުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ:
(ހ) ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން އެއްވެސް މީހަކަށް ދިރިއުޅުމަށްޓަކައި ސަރުކާރުން 1 (އެކެއް) ބޯހިޔާވަހިކަމަށް ވުރެ ގިނަ ބޯހިޔާވަހިކަން ދޫނުކުރެވޭކަން ކަށަވަރުކުރުން.
(ށ) ބިމާއި ފުލެޓު ދޫކޮށްލުމުގައި އެއް އުސޫލުތަކަކާއި މިންގަނޑުތަކެއް ކަނޑައެޅުން.
(ނ) ބިމާއި ފުލެޓު ދޫކޮށްލުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ބަޔާންކުރުން.
3 ވަނަ މާއްދާ - ބިން ދޫކޮށްލުން
(ހ) އުސޫލު ނަންބަރު 2022-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) އާއި، އުސޫލު ނަންބަރު 2025-37 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އާއި، އުސޫލު ނަންބަރު 2026-05 (ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ގޯތި ލިބޭ ފަރާތާ ގޯތި ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި، ތިރީގައިވާ ގޮތުގެ މަތީން އެ މީހަކަށް ލިބިފައިވާ ނުވަތަ ލިބެން އޮންނަ ބިން ދޫކޮށްލަންވާނެއެވެ.
- ބިން ދޫކޮށްލާނީ، އެ ފަރާތުގެ އުފަން ދަރިއަކަށް ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިމީހާ/ފިރިމީހާ ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހެއްގެ ތެރެއިން ފަރާތަކަށެވެ. އެއިން އެއްވެސް ފަރާތެއް ނެތް ނަމަ، އެ ބިން ދޫކޮށްލާނ ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ.
- ގޯތި ލިބޭ ފަރާތުގެ ނަމުގައިވާ ބިމަކ އެކަކަށް ވުރެ ގިނަ ބައެއްގެ ނަމުގައި ރަޖިސްޓަރ ކޮށްފައިވާ ބިމެއް ކަމުގައި ވެފައި، މި މާއްދާގެ (ހ) ގައިވާ އުސޫލުތަކުގެ ދަށުން ގޯތި ލިބެނ އެ ތަނުން އެކަކަށް ނުވަތަ ބައެއް މީހުންނަށް ކަމުގައިވާ ނަމަ، އެ ބިމުނ،ް ގޯތި ލިބޭ ފަރާތަށް ލިބިފައިވާ ބައި ދޫކޮށްލާނީ، އެ ފަރާތުގެ އުފަން ދަރިޔަކަށް ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިމީހާ/ފިރިމީހާ ނުވަތަ ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ ތެރެއިން ފަރާތަކަށެވެ. އެއިން އެއްވެސް ފަރާތެއް ނެތް ނަމަ، އެ ބިމެއް ދޫކޮށްލާނީ، ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ.
- ގޯތި ލިބޭ ފަރާތަށް އެ މީހެއްގެ މައިންބަފައިންގެ ފަރާތުންނާއި އުފަންދަރިއެއްގެ ފަރާތުންނާއި އަނބިމީހާ/ފިރިމީހާގެ ފަރާތުން ތަރިކައިން ނުވަތަ ވަސިއްޔަތަކުން ލިބެން އޮންނަ ބިނ،ް އެ ބިމުގެ މިލްކުވެރި ފަރާތް ނިޔައުވުމުނ،ް ނިޔައުވި މީހާގެ ތަރިކައިގެ މައްސަލަ ށަރުއ ކޯޓަށް ހުށަހަޅައި، އެ މައްސަލައިގެ ތެރެއިން މި މާއްދާގެ (ހ) ގައިވާ އުސޫލުތަކުގެ ދަށުން ގޯތި ލިބުނު ފަރާތަށް ލިބެން އޮންނަ ބައި ދޫކޮށްލާނީ، އެ މީހެއްގެ އުފަން ދަރިޔަކަށް ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މ ހުންގެ ތެރެއިން ފަރާތަކަށެވެ.
(ށ) އުސޫލު ނަންބަރު 2025-37 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) ގައިވާ ގޮތުގެ މަތީން، މާލޭގެ ހަނި ގޯޅިއެއްގައި ބިން އޮތުމުގެ ސަބަބުންނާއި، ބިމުގެ ކުޑަބޮޑުމިނުގެ ސަބަބުން އެ ބިމެއްގައި އިމާރާތްކުރުމަށް ދަތިވާ ބިންތަކާ ލާޖައްސައިގެން މުޅި ބިން ދޫކޮށްލަން އެދޭ ފަރާތްތަކަށް ގޯތި ލިބޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ކުރިން ލިބިފައިވާ ބިން އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ދޫކޮށްލަންވާނެއެވެ.
(ނ) ބިންވެރިޔާ ސްކީމުން ކުރިން ލިބިފައިވާ ބިން ލިބިފައިވާ ފަރާތްތަކަށް އުސޫލު ނަންބަރު 2026-04 ("ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލު) ގެ ކެޓަގަރީ 1 ގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ހާލަތުގައި، ގޯތި ލިބޭ އެންމެހައި ފަރާތްތަކުން އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ބިންވެރިޔާ ސްކީމުން ލިބިފައިވާ ބިން ދޫކޮށްލުމުން އުސޫލު ނަންބަރު 2026-04 ("ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލު) ގެ ކެޓަގަރީ 1 ގެ ދަށުން ދޫކުރާ ގޯތިތައް ހަވާލުކުރަންވާނެއެވެ.
(މ) މި މާއްދާގެ ދަށުން ދޫކޮށްލާ ބިން ލިބޭ ފަރާތަކީ، އެ މީހެއްގެ އަމިއްލަ ނަމުގައި 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ނުވަތަ އެއްމެދު އިމާރާތަކުން ފުލެޓެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
4 ވަނަ މާއްދާ - ފުލެޓު ދޫކޮށްލުން.
(ހ) އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކާއި، އުސޫލު ނަންބަރު 2026-04 ("ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލު) ގެ ކެޓަގަރީ 2 ގެ ދަށުން ގޯތި ލިބޭ ފަރާތްތަކުން އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ތިރީގައިވާ ގޮތުގެ މަތީން އެ މީހަކަށް ލިބިފައިވާ ފުލެޓު ދޫކޮށްލަންވާނެއެވެ:
(1) އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން އެ ފަރާތަށް ފުލެޓު ހަވާލުކުރުމާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ކުރިން ލިބިފައިވާ 1 (އެކެއް) ކޮޓަރީގެ ފުލެޓު، 2 (ދޭއް) ކޮޓަރީގެ ފުލެޓު ދޫކޮށްލާނީ ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ.
(2) އުސޫލު ނަންބަރު 2026-04 "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލު) ގެ ކެޓަގަރީ 2 ގެ ދަށުން ގޯތި ލިބޭ ފަރާތަށް ގޯތި ހަވާލުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، އެ މީހަކަށް ސަރުކާރުގެ ހިޔާވަހިކަމުގެ ޕްރޮގުރާމެއްގެ ދަށުން ކުރިން ލިބިފައިވާ ފްލެޓް ދޫކޮށްލާނީ ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ.
(ހ) މި މާއްދާގެ ގައި ބަޔާންކޮށްފައިވާ ދެ އުސޫލުގެ ދަށުން ދޫކޮށްލާ ފްލެޓް ދޫކޮށްލަންވާނީ، އެ ފްލެޓެއް ހަވާލުކުރެވުނުއިރު ހުރިގޮތަށް އެކަށީގެންވާ ފެންވަރެއްގައި، އާންމު ދިރިއުޅުމުގެ ތެރޭގައި ތަނުގެ ހާލަތަށް އައިސްފައިވާ، އެކަށޭނަ ބަދަލުތައް ހިޔަވައި، ތަނަށް ލިބިފައިވާ އެހެނިހެން ގެއްލުންތައް މަރާމާތުކުރުމަށް ފަހުގައެވެ.
(ނ) މި މާއްދާގެ ދަށުން ދޫކޮށްލާ ފްލެޓް ލިބޭ ފަރާތަކީ، އެ މީހެއްގެ އަމިއްލަ ނަމުގައި 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރު ބޯހިޔާވަހިކަމުގެ ޕްރޮގުރާމެއްގެ ދަށުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ނުވަތަ ގެ، އެއްމެދު އިމާރާތަކުން ފްލެޓެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ދޫކޮށްލާ ބިމާއި ފްލެޓުގެ ތިންވަނަ ފަރާތެއްގެ ހައްގު ތިންވަނަ ފަރާތެއްގެ ހައްގެއް ބެހޭ
(ހ) މި އުސޫލުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން ދޫކޮށްލާ ބިމާއި ފްލެޓުގެ މައްޗަށް އުފެދިފައިވާ ރަހުނުކުރުން ނުވަތަ އެނޫންވެސް ގޮތަކުން އެ ތަނެއްގެ މައްޗަށް އުފެދިފައިވާ ތިންވަނަ ފަރާތެއްގެ ހައްގެއް އޮތް ނަމަ، އަދި އެ ބިމާ ނުވަތަ ފްލެޓާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ބިލެއް ނުވަތަ ޗާޖެއް ނުވަތަ ފައިސާއެއް އޮތް ނަމަ، މި އުސޫލުގައިވާ ގޮތުގެ މަތީން އެ ތަނެއް ދޫކޮށްލަންވާނީ، ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމަށްފަހު، އަދި އެ ތަނެއްގެ މައްޗަށް އެއްވެސް ތިންވަނަ ފަރާތެއްގެ ހައްގެއް ނުވާކަން ކަށަވަރުކުރުމަށްފަހުގައެވެ.
(ށ) މި އުސޫލުގެ ދަށުން ދޫކޮށްލާ ބިމާއި ފްލެޓް ދޫކޮށްލުމަށްފަހު ވެސް އެ ތަނަކާ ގުޅިގެން (ހ) މި މާއްދާގެ ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ފައިސާއެއް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގަކާ ގުޅިގެން އުފެދޭ އެއްވެސް ދައުވާއެއް ކޮށްފި ނަމަ، އެ ކަމެއްގެ ފުރިހަމަ ޒިންމާ އުފުލަންވާނީ، އެ ތަނެއް ދޫކޮށްލި ފަރާތުންނެވެ.
(ނ) މި އުސޫލުގައިވާ ގޮތުގެ މަތީން ދޫކޮށްލާ ބިމާއި ފްލެޓް ދޫކުރުމުގެ ހުރިހާ މަރުހަލާތައް ނިންމައިފައިނުވާ ނަމަ، އުސޫލު ނަންބަރު އުސޫލު ނަންބަރު 2022-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2025-37 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2026-05 "ގޯތިގެދޮރު" (ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2026-04 "ބިންވެރިޔާ" (ހާއްސަ ސްކީމާ ގުޅޭ އުސޫލު) ގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު ފަރާތަށް ލިބުނު ގޯއްޗާއި ފުލެޓު އަނބުރާ ދައުލަތަށް ނެގުމުގެ ފުރިހަމަ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - އިޖުރާތު ފުރިހަމަކުރުން
އުސޫލު ނަންބަރު 2022-19 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2025-37 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2026-05 "ގޯތިގެދޮރު" (ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2026-04 "ބިންވެރިޔާ" (ހާއްސަ ސްކީމާ ގުޅޭ އުސޫލު) ގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރެވޭ ގޯއްޗާއި ފުލެޓު އެ ފަރާތްތަކަށް ހަވާލުކުރެވޭނީ މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތްތަކުން ދޫކޮށްލަންޖެހޭ ބިމާއި ފުލެޓު ދޫކޮށްލުމުގެ އިޖުރާތު ފުރިހަމަކޮށް، ތިރީގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އެކަން އެންގުމުންނެވެ.
(ހ) ބިމާއި ފުލެޓު ދޫކޮށްލުމަށްޓަކައި ށަރުއީ ކޯޓަށް ހުށަހަޅަންޖެހޭ ނަމަ، އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް، ބިމުގެ ރަޖިސްޓަރީ ލިބޭތާ ނުވަތަ ފްލެޓު ހަވާލުކުރިކަމުގެ ލިއުން ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހުށަހަޅައި، އެ މަރުހަލާ ކުރިޔަށް ގެންދިއުން.
(ށ) ދޫކޮށްލާ ފުލެޓަކީ ސަރުކާރުގެ ކުންފުންޏަކުން ނުވަތަ އިދާރާއަކުން ހަވާލުކޮށްފައިވާ ނަމަވެސް ތިމާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ފުލެޓަކަށް ނުވާ ނަމަ، ފުލެޓު ހަވާލުކުރާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކުރިން ލިބިފައިވާ ފުލެޓު ދޫކޮށްލުމަށްޓަކައި ސަރުކާރުގެ ކުންފުންޏަށް ނުވަތަ އިދާރާއަށް ހުށަހަޅައިގެން ފުލެޓު ދޫކޮށްލުމާ ގުޅޭ މަރުހަލާ ކުރިޔަށް ގެންދިއުން.
(ނ) މި މައްދާގެ (ހ) އާއި (ށ) ގައިވާ މަރުހަލާ ނިމުމުން، އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ލިޔުމުން އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފައި ނުވާ ނަމަ، އެ ފަރާތަށް ލިބިފައިވާ ގޯތި ނުވަތަ ފުލެޓު ދައުލަތަށް އަނބުރާ ނެގޭނެއެވެ.
7 ވަނަ މާއްދާ - ބިމުގެ ރަޖިސްޓަރީ ދޫކުރުން
އުސޫލު ނަންބަރު 2025-37 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު)، އާއި، އުސޫލު ނަންބަރު 2026-05 ("ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ) އުސޫލު، އާއި "އުސޫލު ނަންބަރު 2026-04 "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލު) ގެ ދަށުން، ގޯތި ލިބޭ ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ ދޫކުރާއިރު އެ އުސޫލުތަކުގައިވާ ގޮތުގެ މަތީން ގޯތި ލިބޭ ފަރާތުން ބިމާއި ފުލެޓު ދޫކޮށްލުމާ ގުޅޭ އިޖުރާތު ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.
8 ވަނަ މާއްދާ - ފުލެޓު ހަވާލުކުރުން
އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ) އުސޫލު ގައިވާ ގޮތުގެ މަތީން ފުލެޓު ލިބޭ ފަރާތުން ދޫކޮށްލަންޖެހޭ ފުލެޓުގެ މައުލޫމާތާއި ފުލެޓު ދޫކޮށްލުމުގެ އިޖުރާތު، ފުލެޓު ލިބޭނެކަމަށް މިނިސްޓްރީން ދޫކުރާ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.
9 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރުމުގައި އިސްކަންދިނުން
އުސޫލު ނަންބަރު 2022-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ) އުސޫލު، އާއި، އުސޫލު ނަންބަރު 2025-37 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އުސޫލު، އާއި، އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ) އުސޫލު، އާއި އުސޫލު ނަންބަރު 2026-05 "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު، އާއި، އުސޫލު ނަންބަރު 2026-04 "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލު، ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އުސޫލުތަކުގެ ދަށުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމާ ގުޅޭގޮތުން އަމަލުކުރާނީ މި އުސޫލުގައިވާ ގޮތުގެ މަތީންނެވެ.
10 ވަނަ މާއްދާ - މުސްތަގުބަލުގައި ހިންގާ ސްކީމްތަކަށް މި އުސޫލު ހިނގުން
ގްރޭޓަރ މާލެ ސަރަހައްދުން ފުލެޓާއި ގޯތި ދޫކުރުމާ ގުޅޭގޮތުން މުސްތަގުބަލުގައި އެކުލަވައިލައި އާންމުކުރާ އުސޫލުތަކުގެ ދަށުން ފުލެޓު ނުވަތަ ގޯތި ލިބޭ ފަރާތްތަކުން ދޫކޮށްލަންޖެހޭ ފުލެޓާއި ގޯތި ދޫކޮށްލުމުގައި އަމަލުކުރާނީ މި އުސޫލުގައިވާ ގޮތުގެ މަތީންނެވެ.
11 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ބިމާއި ފުލެޓު ދޫކޮށްލަން އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، އުސޫލު ނަންބަރު 2022-19 ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ (އުސޫލު) އާއި، އުސޫލު ނަންބަރު 2025-37 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އާއި، އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އާއި އުސޫލު ނަންބަރު 2026-05 "ގޯތިގެދޮރ" ޕްރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ (އުސޫލު) އާއި، އުސޫލު ނަންބަރު 2026-04 "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ (އުސޫލު) ގެ ދަށުން ބިމާއި ފުލެޓް ދޫކޮށްލުމަށް އިގުރާރުވެފައިވުމަށެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޒިންމާ އެ އިރަކު އަދާކުރަމުންދާ ސަރުކާރުގެ ވުޒާރާއަށެވެ.
(ނ) "ގޯތި ލިބުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، އުސޫލު ނަންބަރު 2022-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) އާއި، އުސޫލު ނަންބަރު 2025-37 މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ (އުސޫލު) އާއި، އުސޫލު ނަންބަރު 2026-05 "ގޯތިގެދޮރ" ޕްރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ (އުސޫލު) އާއި، އުސޫލު ނަންބަރު 2026-04 "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ (އުސޫލު) ގެ ދަށުން ގޯއްޗެއް ލިބިފައިވާ ފަރާތަކަށެވެ.
(ރ) "ގޯތި ހަވާލުކުރާ ތާރީހު" ކަމަށް ބުނެފައި އެވަނީ، އުސޫލު ނަންބަރު 2025-37 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު)، އާއި، އުސޫލު ނަންބަރު 2026-05 "ގޯތިގެދޮރ" ޕްރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ (އުސޫލު) އާއި، އުސޫލު ނަންބަރު 2026-04 "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ (އުސޫލު) ގެ ދަށުން ލިބޭ ގޯތީގެ ބިން ގޯތި ލިބޭ ފަރާތާ ރަސްމީކޮށް ހަވާލުކުރެވޭ ތާރީހަށެވެ.
(ބ) "ފުލެޓު ހަވާލުކުރާ ތާރީހު" ކަމަށް ބުނެފައި އެވަނީ، އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ލިބޭ ފުލެޓް، ފުލެޓު ލިބޭ ފަރާތާ ރަސްމީކޮށް ހަވާލުކުރެވޭ ތާރީހަށެވެ.
(ޅ) "ފުލެޓު ލިބުނު ފަރާތް" ކަމަށް ބުނެފައި އެވަނީ އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތަށެވެ.
(ކ) "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގުރާމު" ކަމަށް ބުނެފައި އެވަނީ ސަރުކާރުން، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން، ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ކޯޕަރޭޓިވް ސޮސައިޓީއަކުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ ޕްރޮގުރާމެއްގެ ދަށުން ނުވަތަ މޮޑެލެއްގެ ދަށުން ލިބިފައިވާ ހައުސިންގ ޔުނިޓަކަށް ނުވަތަ ބިމަކަށެވެ.
(އ) "ގްރޭޓަރ މާލެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ މާލެއާއި ހުޅުމާލެއާއި ވިލިނގިއްޔާއި ތިލަފުންޏާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިމެނޭ ސަރަހައްދަށެވެ.
12 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު