-

ލޯކަލް ކައުންސިލުގެ އުމުރު ހަމަވުމުގެ 365 ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތުގައި، ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި ކައުންސިލުގެ އިޚްތިޞާޞުގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، ------ އުސޫލު

(އުސޫލު ނަންބަރު 2025-20)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 އޮކްޓޫބަރު 2025 ގައި)

 

އެއްވަނަ ބާބު

ތައާރުފާއި ނަމާއި މަގުސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 144-1 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު އޮތީ 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް ނަމަ، އެ މުއްދަތުގައި ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުމާއި، ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، ކައުންސިލްތަކުން އެކަށައަޅައިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅައިފައިނުވާ ތަރައްގީގެ އައު މަށްރޫއުތައް ފެށުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމުގެގޮތުން، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ލަފާގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ލޯކަލް ކައުންސިލުގެ އުމުރު ހަމަވުމުގެ 365 ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތުގައި ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި، ކައުންސިލުގެ އިހްތިސާސުގެ ދަށުގައި ހުރި ބިމާއި، ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ކައުންސިލްތަކުން އެކަށައަޅައިފައިވާ ތަރައްގީގެ ޕްލޭނުގައި ކަނޑައެޅިފައިނުވާ މަށްރޫއުތައް ހިންގުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތު ބަޔާންކުރުން.

(ށ) ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ ކައުންސިލުގެ އިހްތިސާސުގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތު ބަޔާންކުރުން.

(ނ) ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ ކައުންސިލްތަކުން އެކަށައަޅައިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅައިފައިނުވާ ތަރައްގީގެ އައު މަށްރޫއުތައް ފެށުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތު ބަޔާންކުރުން.

 

 

ދެވަނަ ބާބު

ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތު

 

3 ވަނަ މާއްދާ - ކައުންސިލަށް ދާއިމީ މުވައްޒަފުން ހޯދުން

(ހ) ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ހޯދޭނީ، ކައުންސިލުން އެކުލަވައިލައި ސިވިލް ސަރވިސް ކޮމިށަނުން ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައިވާ މަގާމުތަކުގެ ތެރެއިން ހުސްވާ މަގާމުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮނިގަނޑުގައި ހިމެނޭ މަގާމަކަށް ދާއިމީ މުވައްޒަފަކު ހޯދޭނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ.

(ނ) ގާނޫނު ނަންބަރު 2025-09 (ގާނޫނު ނަންބަރު 2010-07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ކައުންސިލުން އިއުލާނުކޮށްފައިވާ ދާއިމީ މުވައްޒަފުންގެ މަގާމުތައް މި މާއްދާގެ (ހ) އަށް ފެތޭ ނަމަ، އެ އިއުލާނު ބާތިލުކުރުމަކާ ނުލައި އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު، އެ ކައުންސިލަކަށް އެފަދަ އިއުލާނުތަކަށް މުވައްޒަފުން ހޯދިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ ބޭރުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ދިނުމަށް އޮނިގަނޑުގައި ހިމެނޭ އައު މަގާމަކަށް މުވައްޒަފަކު ހޯދަން ޖެހިއްޖެ ނަމަ އެ މުވައްޒަފަކު ހޯދުމުގެ ހުއްދައަށް އެދި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ. އަދި އެފަދަ ހާލަތްތަކުގައި މުވައްޒަފަކު ހޯދުމާމެދު ގޮތެއް ނިންމާނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިންނެވެ.

(ބ) މި މާއްދާގެ (ހ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދޭއިރު، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ފޮނުވަންވާނެއެވެ.

 

4 ވަނަ މާއްދާ - ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުން

(ހ) ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުގެ އޮފީހަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދަންވާނީ މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ކައުންސިލުން އެކުލަވައިލައި، ސިވިލް ސަރވިސް ކޮމިށަނުން ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައިވާ މަގާމަކަށް ވާ ނަމައެވެ.

(ށ) ކައުންސިލުން ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދަންވާނީ، ކައުންސިލުން ފާސްކޮށް ސިވިލް ސަރވިސް ކޮމިށަނުން ފާސްކޮށްފައިވާ ކައުންސިލުގެ އިދާރީ އޮނިގަނޑުގައިވާ މަގާމަކަށް މުވައްޒަފުން ނުލިބިއްޖެ ނަމަ، ނުވަތަ އެ މަގާމަކީ ދާއިމީ މުވައްޒަފުން ހޯދެން ނެތް މަގާމަކަށް ވާ ނަމައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްތަކުން ވަކި މަގާމަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދަންވާނީ، ކުރިން ވެސް އެ މަގާމަކީ ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދައި، ކައުންސިލަށް ހިދުމަތް ލިބިފައިވާ މަގާމެއް ކަމުގައި ވާ ނަމައެވެ.

(ރ) ގާނޫނު ނަންބަރު 2025-09 (ގާނޫނު ނަންބަރު 2010-07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ކައުންސިލުން އިއުލާނުކޮށްފައިވާ ކޮންޓްރެކްޓް މުވައްޒަފުންގެ މަގާމުތައް މި މާއްދާގެ (ނ) އަށް ފެތޭ ނަމަ، އެ އިއުލާނުތައް ބާތިލުކުރުމަކާ ނުލައި، އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު، އެ ކައުންސިލަކަށް އެފަދަ އިއުލާނުތަކަށް މުވައްޒަފުން ހޯދިދާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ ބޭރުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ދިނުމަށް އޮނިގަނޑުގައި ހިމެނޭ އައު މަގާމަކަށް މުވައްޒަފަކު ހޯދަން ޖެހިއްޖެ ނަމަ، އެ މުވައްޒަފަކު ހޯދުމުގެ ހުއްދައަށް އެދި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ހުށަހަޅައި ލިޔުމުން ހުއްދަ ހޯދަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) އާއި (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ފޮނުވާއިރު މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ފޮނުވަންވާނެއެވެ.

 

 

ތިންވަނަ ބާބު

ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ދިނުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއާތު

 

5 ވަނަ މާއްދާ - ކައުންސިލުގެ އިހްތިސާސް ބޭނުންކުރުން

ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ކައުންސިލުގެ އިހްތިސާސްގައިވާ ބިންތަކާއި ފަޅުތަކާއި ފަރުތައް ކައުންސިލުތަކުން ކުއްޔަށް ދޫކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ދޭންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 56-2 ވަނަ މާއްދާގެ (ށ) އާއި، ގަވާއިދު ނަންބަ 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި ގަވާއިދު ނަންބަރު 2024-41 (ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - ކައުންސިލުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި ފަރުތައް ކުއްޔަށް ދޫކުރުމާއި ދިނުން

ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް (ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް) އޮތް ނަމަ، ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ބިމެއް ނުވަތަ ފަޅެއް ނުވަތަ ފަރެއް ނުވަތަ އެއިން ތަނަކުން ބައެއް ކައުންސިލުން އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކުރެވޭނީ ނުވަތަ ދެވޭނީ، އެ ތަނަކީ ގާނޫނު ނަންބަރު 16/2024 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް ކަމާބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި 5 (ފަހެއް) އަހަރުދުވަހުގެ އިމްޕްލިމެންޓޭށަން ޕްލޭނުގައި ބަޔާންކޮށްފައިވާ ތަނެއް ކަމުގައި ވާ ނަމައެވެ.

 

7 ވަނަ މާއްދާ - ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނާ ގުޅޭ އެގްރީމަންޓުގެ މުއްދަތު އިތުރުކުރުން

ކައުންސިލަކުން ދޫކޮށްފައިވާ ބިމެއްގެ ނުވަތަ ފަޅެއްގެ ނުވަތަ ފަރެއްގެ މުއްދަތު އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިފައިވަނީ ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއްގައި ނަމަ ކައުންސިލުން ދޫކޮށްފައިވާ ބިމެއްގެ ނުވަތަ ބިމުން ބައެއްގެ ނުވަތަ ފަޅެއްގެ ނުވަތަ ފަޅުން ބައެއްގެ ނުވަތަ ފަރެއްގެ ނުވަތަ ފަރުން ބައެއްގެ އެގްރިމަންޓުތަކުގެ މުއްދަތު އެ ކައުންސިލަކަށް އިތުރުކުރެވޭނީ، ހިނގަމުންދާ ކައުންސިލުގެ ދައުރު ނިމުމަކަށް އަންނަ ދުވަހުން ފެށިގެން އެންމެ ގިނަވެގެން 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުނުވާ ގޮތަށެވެ. އަދި އެ އެގްރިމަންޓުގެ މުއްދަތު އިތުރުކުރެވޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ހުށަހަޅައި ލިޔުމުން ހުއްދަ ލިބިގެންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައަށް އެދުމަށް ޓަކައި މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ -ކައުންސިލް ދައުރު ނިމެން 6 މަސްދުވަހަށް ވުމުން ތަންތަން ކުއްޔަށް ދިނުމާއި ދޫކުރުން

(ހ) ކައުންސިލުގެ ދައުރު ނިމެން 6 (ހައެއް) މަސްދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްކަމުގައި ވާ ނަމަ، އެ މުއްދަތުގެ ތެރޭގައި ކައުންސިލުން އެ ކައުންސިލްގެ އިހްތިސާސުގެ ދަށުގައިވާ ބިމެއް ނުވަތަ ފަޅެއް ނުވަތަ ފަރެއް އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކުރަންވާނީ ނުވަތަ އެނޫންވެސް ގޮތަކުން ދޭންވާނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ. އަދި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ހުއްދައަށް އެދޭއިރު، މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ކުރިޔަށް ގެންދިއުމަށް ނިންމާ ތަރައްގީގެ މަށްރޫއުތަކާ ގުޅިގެން ކައުންސިލުން ދޫކުރުމަށް ކަނޑައަޅާ ތަންތަން ކައުންސިލުން ދޫކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - 16 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން އިއުލާނުކޮށްފައިވާ ބިންތަކާއި ފަޅުތަކާއި ފަރުތައް

ގާނޫނު ނަންބަރު 2025-09 (ގާނޫނު ނަންބަރު 2010-07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ކައުންސިލްތަކުން ކުއްޔަށް ދޫކުރުމަށާއި ދިނުމަށް އިއުލާނުކޮށްފައިވާ ބިންތަކާއި، ފަޅުތަކާއި، ފަރުތަކަކީ، މި އުސޫލުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ތަންތަން ކަމުގައި ވާ ނަމަ، އެފަދަ އިއުލާނުތައް ބާތިލުކުރުމަކާ ނުލައި، އަދި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު، ކައުންސިލަކަށް އެފަދަ އިއުލާނުތަކަށް ބިންތަކާއި ފަޅުތަކާއި ފަރުތައް ދޫކުރެވިދާނެއެވެ. އަދި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ހުއްދައަށް އެދޭއިރު، މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ބަންޑާރަ ގޯތި ދޫކުރުން

ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ކައުންސިލުން ބަންޑާރަ ބިން ދޫކުރަންވާނީ މި އުސޫލާ އެއްގޮތަށް، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައަށް އެދޭއިރު މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ހުއްދަ ހޯދުން

ކައުންސިލުގެ ދައުރު ނިމެން 6 (ހައެއް) މަސްދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ކަމުގައި ވާ ނަމަ މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި 5 (ފަހެއް) އަހަރުދުވަހުގެ އިމްޕްލިމެންޓޭށަން ޕްލޭނުގައި ބަޔާންކޮށްފައިވާ ބިމެއް ނުވަތަ ފަޅެއް ނުވަތަ ފަރެއް ނަމަވެސް އަލަށް ކުއްޔަށް ދޫކުރަންވާނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ހުށަހަޅައި، ހުއްދަ ލިޔުމުން ލިބިގެންނެވެ. އަދި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ހުއްދައަށް އެދޭއިރު، މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ކައުންސިލުތަކުގެ އުމުރު ހަމަވުމާ ދެމެދު 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ކައުންސިލުތަކުން އެކަށައަޅައިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅައިފައިވާ ތަރައްގީގެ އައު މަށްރޫއުތައް ފެށުމުގައި އަމަލުކުރާނެ ގޮތް

 

12 ވަނަ މާއްދާ - ތަރައްގީގެ ޕްލޭނުގައި ހިމެނިފައިވާ ތަރައްގީގެ މަށްރޫއުތައް ހިންގުން

ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ކަމުގައި ވާ ނަމަ، ކައުންސިލްތަކުން އެކަށައަޅައިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅައިފައިނުވާ އައު އެއްވެސް މަށްރޫއެއް ހިންގައިގެން ނުވަތަ ފަށައިގެން ނުވާނެއެވެ.

 

13 ވަނަ މާއްދާ - ހިލޭ އެހީގެ ދަށުން ހިންގަންޖެހޭ މަށްރޫއުތައް ހިންގުމަށް ހުއްދައަށް ފޮނުވުން 

މި އުސޫލުގެ 12 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލަށް ލިބޭ ހިލޭ އެހީގެ ދަށުން ހިންގަންޖެހޭ މަށްރޫއުތައް ނުވަތަ ކުއްލިގޮތަކަށް ހިންގަންޖެހޭ މަށްރޫއެއް ކުރިޔަށްގެންދަން ޖެހިއްޖެ ނަމަ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ހުށަހަޅައި، ހުއްދަ ލިބިގެން އެފަދަ މަށްރޫއުތައް ކައުންސިލަށް ހިންގިދާނެއެވެ. އަދި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ހުއްދައަށް އެދޭއިރު، މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ކައުންސިލުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭން ރިވިއުކުރުން

ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ މުއްދަތު ތެރޭގައި ކައުންސިލުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - ކައުންސިލުން މާލީ ކަންކަން ކުރުން

(ހ) ކައުންސިލްތަކުގެ އުމުރު ހަމަވުމާ ދެމެދު 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެޔަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ކައުންސިލުން ކުރާ ކަންކަމަކީ ލޯކަލް ކައުންސިލުގެ ދައުރުގައި ކުރުމަށް ރާވައި، ކައުންސިލުން ފާސްކޮށްފައިވާ ކަމެއްކަމަށް ވާންވާނެއެވެ. އަދި ކައުންސިލުން ލޯނުގެ މުއާމަލާތްތަކާއި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ މަސައްކަތްތަކާއި އެފަދަ މާލީ އައު މުއާމަލާތެއް ކުރެވޭނީ، ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އަދި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިޔުމުން ހުއްދަ ހޯދުމަށް، މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރޭގައި ކައުންސިލުން އުފައްދައިފައިވާ ލޯކަލް އޮތޯރިޓީ ކުންފުންޏާ މަސައްކަތް ހަވާލުކޮށްގެން ކުރުން ވެސް ހިމެނެއެވެ.

 

 

ފަސްވަނަ ބާބު

އެހެނިހެން މާއްދާތައް

 

16 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ލަފާގެ މަތީން، ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

(ހ) "ދައުރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކައުންސިލުގެ ދައުރަށެވެ.

(ށ) "ކައުންސިލުތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށެވެ.

(ނ) "އިމްޕްލިމެންޓޭށަން ޕްލޭން" ކަމަށް ބަޔާންކޮށްފައި އެވަނީ، ކައުންސިލުން އެކުލަވައިލައި ގައުމީ އިދާރާއިން ފާސްކުރާ ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނުގައި، 5 (ފަހެއް) އަހަރުދުވަހަށް ބިން ބޭނުންކުރެވޭނެ ގޮތުގެ ޕްލޭނަށް ނުވަތަ ބިމުގެ ބަޖެޓް ޕްލޭނަށެވެ.

(ރ) "ތަރައްގީގެ ޕްލޭން" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މާނައިގައެވެ.

(ބ) "ބިމާއި ފަޅާއި ފަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ބިމާއި، ފަޅާއި ފަރުގައި ހިމެނޭ ނުއުފުލޭ އެންމެހައި މުދަލާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ.

 

18 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު