ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު
(އުސޫލު ނަންބަރު 2025-06)
(މި އުސޫލަށް އަމަލުުރަން ފެށީ 18 މާރިޗު 2025 ގައި)
(މި އުސޫލުގެ 27 ވަނަ މާޢްދާގެ (ށ) އިން ވަނީ އުސޫލު ނަންބަރު 2022-13 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ހައްޖާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް މަތިކޮށްފައިވާ ޒިންމާއަކަށްވާތ،ީ ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމާއި، ހައްޖުގެ ކޯޓާއާ މެދު އަމަލުކުރާނެ ގޮތާއި ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ހައްޖުގެ ހިދުމަތްދޭ ފަރާތުން އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށް ޓަކައި ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާ ގުޅޭ ކަންކަން ބަޔާންކުރުމުގެ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔު މާބެހޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ ބޭނުމަކީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.
(ހ) ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުމާއި ހައްޖުގެ ހިދުމަތާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.
(ށ) ހައްޖުގެ އަޅުކަން އަދާކުރުމަށް އެދޭ ފަރާތްތަކަށް އެކަމުގެ މަގު ތަނަވަސްކޮށްދިނުން.
(ނ) ހައްޖުގެ އަޅުކަން އަދާކުރުމަށް އެދޭ ފަރާތްތަކަށް ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބާރުއެޅުން.
(ރ) ހައްޖުގެ ހިދުމަތްދޭ ފަރާތް ޒިންމާދާރުކުރުވުމާއި، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތް ދިނުމުގައި ދިވެހިރާއްޖޭގައި އަމަލުކުރާ ކަމާގުޅުންހުރި އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކުރުން.
3 ވަނަ މާއްދާ - ހައްޖުގެ ސިޔާސަތު ކަނޑައަޅާ އިސް ފަރާތް
ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން އެންމެހައި ސިޔާސަތުތައް ކަނޑައަޅައި، އެކަން ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.
4 ވަނަ މާއްދާ - ައްޖާ ގުޅޭ ކަންކަމުގައި ސައޫދީ އަރަބިއްޔާގެ ސަރުކާރާ މުއާމަލާތުކުރުން
ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާ ގުޅޭ ކަންކަމުގައި، ދިވެހި ސަރުކާރާއި ސައުދީ އަރަބިއްޔާގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތީން، ސައޫދީ އަރަބިއްޔާގެ ސަރުކާރާއި، ކަމާގުޅޭ މުއައްސަސާތަކާއެކު ކުރަންޖެހޭ މުއާމަލާތުތައް ކުރާނީ މިނިސްޓްރީންނެވެ.
5 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް
ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ ކަންކަން ތަންފީޒުކޮށް ހިންގުމާ ގުޅޭގޮތުން، މިނިސްޓްރީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ ކަންކަމުގެ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމާއި، ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމާއި، އެކަން ތަންފީޒުކުރުން.
(ށ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް މިނިސްޓްރީން ހުއްދައާއި ކޯޓާ ދޫކުރުން.
(ނ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ޓަކައި ސައޫދީ އަރަބިއްޔާގެ ސަރުކާރާ ގުޅިގެން ރަސްމީކޮށް ހަމަޖައްސަންޖެހޭ ކަންކަން ފުރިހަމަކުރުން.
(ރ) ހައްޖު މޫސުމާ ގުޅިގެން ސައޫދީ އަރަބިއްޔާގައި، މި އުސޫލާ އެއްގޮތަށް ގާއިމުކުރަންޖެހޭ ހައްޖު މިށަން އެކުވަލައިލުމާ ގުޅޭ އެންމެހައި ކަންތައްތައް ކުރުން.
(ބ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ ކަންކަން ހަރުދަނާ ގޮތެއްގައި ތަންފީޒުވަމުންދާކަން ކަށަވަރުކުރުން.
(ޅ) މިނިސްޓްރީން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާއި މިނިސްޓްރީގެ ލަފަޔާއި އިރުށާދާ އެއްގޮތަށް ހައްޖުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރާކަން ކަށަވަރުކުރުން.
(ކ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތާ ގުޅޭ އެންމެހައި ކަންކަންހިނގާނުހިނގާ ގޮތް ބަލައި، ކުންފުނިން ހިންގާ ހަރަކާތްތަކުން ނަތީޖާ ނެރެވޭ މިންވަރު ބެލުން،
(އ) ހައްޖާ ގުޅުންހުރި ކަންކަމުގެ ސިޔާސަތުތައް އެކުލަވައިލުމަށް ބޭނުންވާ ލަފާއާއި އިރުށާދު ދިނުން.
6 ވަނަ މާއްދާ - ހައްޖު ކޯޓާ
(ހ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅައިފައިވާ ރަސްމީ ކޯޓާގައި ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދާނީ މޯލްޑިވްސް ހައްޖު ކޯޕަރޭށަނުންނެވެ. މި ކޯޓާގެ ތެރެއިން އާންމު ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކޮށް، ސަރުކާރުގެ ބޭނުމަށް ވަކި މިންވަރެއް ރިޒާވްކުރެވިދާނެއެވެ.
(ށ) ރަސްމީ ކޯޓާގެ އިތުރުން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް އިތުރު ކޯޓާއެއް ލިބިއްޖެނަމަ، އެ ކޯޓާއާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ މިނިސްޓްރީންނެވެ.
7 ވަނަ މާއްދާ - ހައްޖުގެ ހިދުމަތްދޭ ފަރާތްކަނޑައެޅުން
(ހ) މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދޭނީ، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އަދި މިނިސްޓްރީގެ ލަފަޔާއި އިރުށާދު ގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭށަނުންނެވެ.
(ށ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާ ގުޅޭގޮތުން، ކޮންމެ އަހަރަކު ވެސް މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭށަނާ ދެމެދ،ު ކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
(ނ) މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭށަނަށް ކޯޓާ ދޭނެ ގޮތާއި އެ ކޯޓާއާ މެދު އަމަލުކުރާނެ އުސޫލުތައް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، ކަނޑައަޅައިފައި އޮންނަންވާނެއެވެ.
8 ވަނަ މާއްދާ - މޯލްޑިވްސް ހައްޖު ކޯޕަރޭށަނުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް
ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭށަނުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) ހައްޖާ ގުޅުންހުރި ކަންކަމުގައި މިނިސްޓްރީގެ ލަފަޔާއި އިރުށާދު ހޯދުން.
(ށ) މައްކާއާއި މަދީނާއާއި ހައްޖުގެ މަށާއިރުތަކުގައި ހައްޖުވެރީންނަށް ދިނީ ވައުޒާއި އިރުށާދު ދިނުމަށް ހަމަޖައްސާ މުރުށިދުންގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާ ބަޔަކު ހިމެނުމާއި، ހައްޖަށް ފުރުމުގެ ކުރީން ހައްޖުވެ ރީންނަށް ތަމްރީނު ދިނުމާއި، ހައްޖު މޫސުމުގައި ހައްޖުވެރީންގެ މެދުގައި ދީނީ އިރުށާދު ދިނުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ތަސައްވުރެއް އެކުލަވައިލުމާއި އަމަލުކުރުން.
(ނ) ހައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުން.
(ރ) ހައްޖުވެރީން މައްކާއާއި މަދީނާގައި ތިބޭ ދުވަސްތަކުގައި ކެއިންބުއިމާއި ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ދެ ހަރަމްފުޅަށް ގެންދިޔުމާއި މައްކާއާއި މަދީނާގެ ޒިޔާރާތް ދަތުރުތަކުގެ އެންމެހައި އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖައްސައިދިނުން.
(ބ) ހައްޖަށްދާ ފަރާތްތަކަށް ޞިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާގެ ހުއްދަ އޮތ،ް މަދުވެގެން، 1 (އެކެއް) މެޑިކަލް ޑޮކްޓަރާއި 1 (އެކެއް) ނަރުސް، ހައްޖު ދަތުރުގައި ބައިވެރިކުރުން.
(ޅ) ހައްޖުވެރީން އަރަފާތަށް ގެންދިޔުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި، މުޒްދަލިފާއަށް ގެންދިޔުމާއި، އަދި މިނާގައި ތިބުމުގެ އިންތިޒާމުތަކާއި ދަތުރުފަތުރުގެ ކަންކަން އެކަށީގެންވާ ގޮތެއްގެ މަތީން ހަމަޖައްސައިދިނުން.
(ކ) ހައްޖު މިށަނުން އިރުށާދުދޭ ކަންތައްތަކުގައި އެ މިށަނުގެ އިރުށާދާ އެއްގޮތަށް އަމަލުކުރުން.
(އ) ހައްޖަށްދާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވައިގެ މަގުން ދެކޮޅު ޓިކެޓު ހަމަޖައްސައިދިނުމާއި، 8 (އަށެއް) ގަޑިއިރަށްވުރެ ގިނައިރު އެއްވެސް ގައުމެއްގައި ޓްރާންސިޓް ކުރަން ޖެހިއްޖެ ނަމަ، އިތުރު އަގެއް ނެގުމަކާ ނުލައި، ކެއުމާއި ހުރުމުގެ އިންތިޒާމު ކުންފުނިން ހަމަޖައްސައިދިނުމާއި، 2 (ދޭއް) ގަޑިއިރަށްވުރެ ގިނައިރު އެއްވެސް ގައުމެއްގައި ޓްރާންސިޓްކުރަން ޖެހިއްޖެ ނަމަ، އިތުރު އަގަކާ ނުލައި، ކެއުމުގެ އިންތިޒާމ،ު ކުންފުނިން ހަމަޖައްސައިދިނުން.
(ވ) ހައްޖަށްދާ މީހުންނަށް ހައްޖުގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށް ފަސޭހައިން މަގުފަހިވާނެގޮތަށް އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުކަމުގައި އެހީތެރިވެދީ، ކުންފުނީގެ ފަރާތުން އެކަން ކަށަވަރުކުރުން.
(މ) ދިވެހިރާއްޖެއިން ހައްޖަށް ފުރާ ދުވަހުން ފެށިގެން ރާއްޖެއަށް އެނބުރި އައުމާ ހަމަޔަށް، ހައްޖުވެރީން ކުރާ އެންމެހައި ދަތުރުތަކެއްގައި ހައްޖުވެރީންނާ ޒިންމާވާނެ ފަރާތެއް ބައިވެރިކުރުން.
(ފ) ސައުދީ އަރަބިއްޔާގެ ސަރުކާރުން ހައްޖާ ގުޅޭގޮތުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ކޮޓަރިއެއްގައި އެންމެ ގިނަވެގެން ތިބެވޭނެ މީހުންގެ އަދަދު ކަނޑައެޅުން.
(ދ) ހައްޖުވެރީންގެ ތެރެއިން ބަލިމީހުން އަރަފާތަށް ގެންދިއުމުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގެ މަތީން ހަމަޖެއްސުން.
(ތ) މައްކާއާއި މަދީނާއާއި ހައްޖުގެ މަށާއިރުތަކުގައި ތިބޭ ދުވަސްވަރު ހައްޖުގެ އަޅުކަމާއި އެހެނިހެން އިންތިޒާމުތަކާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމުތައް ހިންގުން.
(ލ) ހައްޖުވެރީންނަށް މުޒްދަލިފާގައި ރޭކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.
(ގ) ހައްޖުވެރީންނަށް ޖަމްރާތަކަށް ހިލައުކުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.
(ޏ) ހައްޖުވެރިޔާގެ އަތުން އިތުރު ފައިސާއެއް ނެގުމަކާ ނުލައި، ކޮންމެ ހައްޖުވެރިއަކަށް ހަދުޔު ކަތިލައިދިނުން.
(ސ) ހައްޖުވެރީން ތިބުމަށް ހަމަޖެހިފައިވާ ކޮޓަރިތަކުގައި، ދެޖިންސު ވަކިން ބޭތިއްބުން. ނަމަވެސް މަހުރަމުން މިކަމުން އިސްތިސްނާވާނެއެވެ.
(ޑ) ހައްޖަށް ދިޔަ މީހަކަށް، ކުންފުންޏާއި ކުންފުނީގެ އިސްވެރީންގެ އިހުމާލުން، ހައްޖުގެ ވާޖިބެއް ފުރިހަމަ ނުކުރެވިއްޖެ ނަމަ، އެ މީހެއްގެ އަޅުކަން ފުރިހަމަކޮށްދިނުމަށް އެ މީހެއްގެ އަތުން އެއްވެސް ފައިސާއެއް ނެގުމަކާ ނުލައި ފިދްޔަދިނުމުގެ އިންތިޒާމު ކުންފުނިން ހަމަޖައްސައިދިނުމާއި، އެ މީހަކަށް ހައްޖުގެ އަޅުކަން ފުރިހަމަކުރެވުނުކަން ކަށަވަރުކޮށްދިނުން.
(ޒ) އެއްތަނުން އަނެއްތަނަށް ދިޔުމަށް ވެހިކަލް ނުވަތަ ވީލްޗެއަރ ފަދަ ވަސީލަތެއް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމު ހަމަޖައްސައިދިނުން.
(ޓ) މީހަކު ބަލިވެއްޖެ ނަމަ ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، މީހަކު މަރުވެއްޖެ ހާލަތެއްގައި، ވީ އެންމެ އަވަހަކަށް ހައްޖު މިށަނަށް އެކަން އަންގައި، ހައްޖު މިށަންގެ އިރުށާދުގެ ދަށުން އެ މީހާގެ ކަށުކަމާކެމީގެ ކަންކަން ފުރިހަމަކޮށްދިނުން.
(ޔ) ހައްޖަށް ދިޔަ މީހަކު ގެއްލިއްޖެ ނަމަ، އެ މީހަކު ހޯދުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
(ޕ) ހައްޖުވެރީންނަށް ދޭ ހިދުމަތްތަކުގެ ތެރެއިން ބަހުގައި ކުރާ ދަތުރުތަކުގައި، އަރަބިބަހުން މުއާމަލާތުކުރަން ދަންނަ ފަރާތެއް ކަނޑައަޅައިފައި ބެހެއްޓުން.
(ޖ) ސައުދީ އަރަބިއްޔާގެ ހައްޖު ވުޒާރާއާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކުން ހައްޖާ ގުޅޭގޮތުން އާންމުކުރާ އެންމެހައި އުސޫލުތަކަށް އަމަލުކުރުން.
(ޗ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭގޮތުން މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭށަނާ ދެމެދު ވެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.
9 ވަނަ މާއްދާ - ހައްޖުގެ ހިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑު
ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތްދޭ ފަރާތުން، ހައްޖަށް ދިޔުމަށް އެދޭ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑުތައް، ތިރީގައި މިވަނީއެވެ.
(ހ) ކުންފުނީގެ އޮފީހުގެ އެޑްރެހާއި، އޮފީހާ ގުޅޭނެ ޓެލެފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، އެ އޮފީހުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފައި ބެހެއްޓުން.
(ށ) ކުންފުންޏާ މުއާމަލާތުކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވުން.
(ނ) ހައްޖު މޫސުމުގައި ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ހަމަޖެއްސުމާއެކު، އެ ފަރާތާ ގުޅޭނެ ފޯނު ނަންބަރުގެ ތަފުސީލު، މިނިސްޓްރީއާއި ހައްޖުވެރީންނާއި އާއިލާތަކާ ހިއްސާކޮށް، އެކަން އާންމުކޮށްފައި އޮތުން.
(ރ) ހައްޖަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަގޮތަށް ހުރުން.
(ބ) ހައްޖަށް ދިޔުމަށް ޓަކައި ފައިސާ ދައްކާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމާއި އެންމެހައި ލިޔެކިޔުންތައް، މިނިސްޓްރީން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، ފަސޭހައިން ފެންނާނެ ގޮތަށް ފައިލްކޮށް ބެލެހެއްޓުން.
10 ވަނަ މާއްދާ - ހައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީވުމުގެ އިޖުރާތު
(ހ) ހައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީވުމުގެ އިޖުރާތުތައް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، މޯލްޑިވްސް ހައްޖު ކޯޕަރޭށަނުން ފަސޭހަގޮތަކަށް ކަނޑައަޅާ އާންމުކޮށްފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހައްޖަށް ދިޔުމަށް އެދޭ ފަރާތްތަކުން ހައްޖަށް ދިޔުމަށް ކުންފުނީގައި ރަޖިސްޓަރީވުމަށްފަހ،ު ފައިސާ ދެއްކުމުގެ ކުރިން، ކުންފުންޏާއި ހައްޖުވެރިޔާއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އަދި މި އެއްބަސްވުމުގެ ކޮޕީއެއް، ހައްޖަށް ދާން އެދޭ މީހާއަށް ހިއްސާކުރަންވާނެއެވެ.
11 ވަނަ މާއްދާ - ކުންފުންޏާއި ހައްޖުވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމުގައި ހިމަނަންޖެހޭ މައިގަނޑު ކަންކަން
ކުންފުންޏާއި ހައްޖުވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) އެއްބަސްވެވޭ ދެފަރާތުގެ ފުރިހަމަ މައުލޫމާތު (ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ދާއިމީ އެޑްރެހާއި، އުމުރާއި، ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިވާ އަދަދާއި، ކުއްލި ހާލަތުގައި ގުޅާނެ ފަރާތުގެ މައުލޫމާތު).
(ށ) ހައްޖަށް ގެންދިއުމުގެ ހިދުމަތަށް، ހައްޖުވެރީންގެ އަތުން ކުންފުނިން ނަގާ ފައިސާގެ އަދަދު.
(ނ) ކުންފުނީގެ ފަރާތުން ހައްޖުވެރިޔާއަށް ފޯރުކޮށްދޭނެ ހިދުމަތްތައް.
(ރ) ދެ ފަރާތުންކުރެ ފަރާތަކުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، އެކަން ހައްލުކުރާނެ ގޮތް.
(ބ) ކުންފުންޏާއި ހައްޖުވެރިޔާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމެއް ފުރިހަމަ ކޮށްދެވޭގޮތް ނުވ،ީ ކުންފުނީގެ އަމިއްލަ ބާރު ނުފޯރާ ނުވަތަ އިސްތިސްނާ ހާލަތެއްގައި ނަމަ އަމަލުކުރާނެ ގޮތާއި، އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ނުދެވިއްޖެ ނަމަ އަމަލުކުރާނެ ގޮތް.
(ޅ) ކުންފުންޏާއި ހައްޖުވެރިޔާގެ މަސް ލަހަތުތައް ހިމާޔަތްކުރުމަށް ޓަކައި ބޭނުންވާ އިތުރު ކަންކަން އެއްބަސްވުމުގައި ހިމެނުމުގެ އިހުތިޔާރު، ކުންފުންޏަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - ހައްޖަށް ދިޔުމުގެ ފުރުޞަތު ދިނުން
(ހ) މޯލްޑިވްސް ހައްޖު ކޯޕަރޭށަނުގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް ފުރުޞަތު ދޭންވާނީ ފައިސާ ދައްކައިފައިވާ ތަރުތީބުން، އަންނަނިވި ގޮތަށެވެ.
- އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން؛
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭށަނުން ވަކި އިންސައްތައެއް ކަނޑައެޅުން؛
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ޞިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިއަކު ހަމަޖައްސަން ފުރުޞަތު ދޭންވާނެއެވެ. ނަމަވެސް، އެހީތެރިއެއްގެ ގޮތުގައި ހަމަޖެއް ސުމުގެ ފުރުޞަތު ދެވޭނީ، މޯލްޑިވްސް ހައްޖު ކޯޕަރޭށަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭ ނަމަ އެ މީހަކު، އެހީތެރިއެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. އަދި އެގޮތުން ފުރުޞަތު ދެވޭ އާއިލާގެ މީހަކީ، ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ މީހެއް ކަމުގައި ވާންވާނެއެވެ. އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުޞަތު ދެވޭނީ، މޯލްޑިވްސް ހައްޖު ކޯޕަރޭށަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާ އިލާގެ މީހެއް ނެތިފައި، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޞިއްހީ ހާލަތު ކަށަވަރުކުރާނީ، ޞިއްހީ ކަންކަމާގުޅޭ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި، ރަޖިސްޓަރީކޮށްފައިވާ ޞިއްހީ ހިދުމަތްތެރިންގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭށަނުން ކަނޑައަޅާ ފަރާތްތަކެއް މެދުވެރިކޮށެވެ.
(ނ) ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 (ފަހެއް) އަހަރު ވެފައިވާނަމައެވެ.
(ރ) މޯލްޑިވްސް ހައްޖު ކޯޕަރޭށަނުގެ ފަރާތުން ހައްޖުގެ ހިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް، މި މާއްދާ (ނ) އިން އިސްތިސްނާވާނެއެވެ.
13 ވަނަ މާއްދާ - ވެކްސިން ޖެހުމާއި ހެލްތު ސްކްރީން
ހައްޖުވެރީން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން، ވެކްސިން ޖެހުމާއި ހެލްތު ސްކްރީނިންގ ހަދަންޖެހޭނެއެވެ.
14 ވަނަ މާއްދާ - ހައްޖު ވިސާޖެހުން
ހައްޖަށް ދިޔުމަށް ވިސާ ޖެހުމާ ބެހޭގޮތުން ސައޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އެކުލަވައިލައިފައިވާ އެންމެހައި ގަވާއިދުތަކަށް އަމަލުކުރަންވާނެއެވެ.
15 ވަނަ މާއްދާ - މައުލޫމާތު ދިނުން
(ހ) ކުންފުނީގެ ބެލުމުގެ ދަށުން ހައްޖަށް ގެންދާ މީހުންގެ ދަތުރުފަތުރު ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު، ހައްޖަށް ފުރުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހައްޖަށް ފުރާ މީހުންގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ޕާސްޕޯޓް ނަންބަރާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ ހިމެނޭ ތަފުސީލީ ލިސްޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން މިނިސްޓްރީން ހައްޖުވެރިންނާ ގުޅޭގޮތުން ވަކި މައުލޫމާތެއް ބޭނުންވެގެން އެދޭ ކޮންމެ ހާލަތެއްގައި އެ މައުލޫމާތެއް ފޯރުކޮށްދޭން ވާނެއެވެ.
16 ވަނަ މާއްދާ - ހައްޖު ރިޕޯޓު ހުށަހެޅުން
ހައްޖުގެ އަޅުކަން އަދާކޮށް ނިމިގެން އެނބުރި ދިވެހިރާއްޖެއަށް އަންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މޯލްޑިވްސް ހައްޖު ކޯޕަރޭށަނުން "ހައްޖު ރިޕޯޓު" މިނިސްޓްރީން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ތައްޔާރުކޮށް، މިނިސްޓްރީއަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ.
17 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންކަން
(ހ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ އަދަދަށް ވުރެ އިތުރަށް ހައްޖަށް މީހުން ގެންގޮސްގެން ނުވާނެއެވެ.
(ށ) ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި ލިބިފައިވާ ކޯޓާގެ ދަށުން ބިދޭސީންނަށް ހައްޖަކަށް ނުދެވޭނެއެވެ. އެހެންނަމަވެސް، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ މުސްލިމުން މި މާއްދާއިން އިސްތިސްނާވާނެއެވެ.
(ނ) މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން، މޯލްޑިވްސް ހައްޖު ކޯޕަރޭށަނާ ހަވާލުކުރާ އެއްވެސް ކޯޓާއެއް ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި، އެހެން އެއްވެސް
ފަރާތަކަށް ވިއްކައިގެން ނުވާނެއެވެ.
(ރ) ހައްޖަށް ގެންދިއުމަށް ކުންފުނިން ކަނޑައަޅާ އާންމުކުރާ އަގަށް ވުރެ އިތުރަށް އެއްވެސް ފައިސާއެއް ހައްޖަށް ދާން ފައިސާ ދައްކާ މީހާގެ އަތުން ނަގައިގެން ނުވާނެއެވެ.
18 ވަނަ މާއްދާ - ސުލޫކީ މިންގަނޑު
މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަދެވޭ ފަރާތުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ފުރިހަމަޔަށް ބޯލަނބަންވާނެއެވެ.
(ހ) ހައްޖަށް މީހުން ގެންދިޔުމާ ގުޅުންހުރި ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ތަބާވުން.
(ށ) ހައްޖަށް މީހުން ގެންދިޔުމާ ގުޅުންހުރި ސައޫދީ އަރަބިއްޔާގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ތަބާވުން.
(ނ) މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިޔުމުގެ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ދޭ އިރުށާދުތަކާއި، އާންމު މަސްލަހަތަށް ޓަކައި ނިންމާ ނިންމުންތަކަށް ތަބާވުމާއި، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެ ކަންކަމަށް އަމަލުކުރުމަށް ކުރާ އިލްތިމާސްތަކަށް ތަބާވުން.
(ރ) މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިޔުމުގައި ދިމާވާ އެއްވެސް ކަމެއްގެ ސަބަބުން، ދިވެހި ދައުލަތަށް ހުތުރު ނަން ލިބޭ ފަދަ ގޮތަކަށް އަމަލުނުކުރުން.
19 ވަނަ މާއްދާ - ކަމާ ގުޅުންހުރި އުސޫލުތައް އެކުލަވައިލުން
މި އުސޫލު ދިވެހިސަރުކާރުގެ ގެޒެ ޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ކުންފުނިން އާންމުކުރަންވާނެއެވެ. އަދި ކޮންމެ އަހަރެއްގެ ހައްޖުގެ ކަންކަން ފެށުމުގެ ކުރިން އެ އަހަރަކަށް މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބަދަލެއް ގެންނަންޖެހޭ ނަމަ އެ ބަދަލެއް ގެނެސް އާންމުކުރަންވާނެއެވެ.
(ހ) ހައްޖަށް ދިޔުމަށް ފައިސާ ދެއްކުމާއި، ފައިސާ ބަލައިގަތުން ހަމަޖެހިފައިވާ ގޮތް.
(ށ) ކުންފުނީގެ ފަރާތުން ހައްޖުވެރީންނަށް ފުރިހަމަ ކޮށްދޭނެ ކަންތައްތައް.
(ނ) ހައްޖަށްދާ އެންމެހައި ހައްޖުވެރީ ންގެ ވެކްސިން ޖެހުމާއި، ހެލްތު ސްކްރީނިންގ ހަދަންޖެހޭ ގޮތް.
(ރ) ހައްޖު ވިސާޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް.
(ބ) ހައްޖު ދަތުރުގައި ދިމާވާ ކުއްލި މައްސަލަތައް، މިނިސްޓްރީން ގާއިމުކޮށްފައިވާ ހައްޖު މިށަނަށް އަންގާނެ ގޮތްތައް.
(ޅ) ށަކުވާ ހުށަހެޅުން ހަމަޖެހިފައިވާ ގޮތް.
20 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ލިބޭ ކޯޓާގެ ބޭރުން ދިވެހިން ހައްޖަށް ދިއުން
ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަމަޖައްސާ ކޯޓާގެ ބޭރުން ދިވެހި ރައްޔިތަކު ހައްޖުގެ އަޅުކަން އަދާކުރަން ދާ ނަމަ، ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ހައްޖު ވިސާ ލިބޭ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހައްޖު ވިސާ ހަމަޖެހުނު ގޮތުގެ މައުލޫމާތާއި، ސައޫދީ އަރަބިއްޔާއަށް ކުރާ ދަތުރާބެހޭ މައުލޫމާތާއި، އެ ގައުމުގައި ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތާބެހޭ ފުރިހަމަ މައުލޫމާތު މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ށ) އަމިއްލަ ހައިސިއްޔަތުން ތިންވަނަ ފަރާތްތަކާއެކު ވެފައިވާ މުއާމަލާތުތަކާ ގުޅިގެން އުފުލަންޖެހޭ މާލީ ޒިންމާއާއި ސައޫދީ އަރަބިއްޔާގެ ގާނޫނާއި ގަވާއިދާ ހިލާފުވެގެން ފަރުދީގޮތުން އުފުލަންޖެހޭ ޒިންމާ އުފުލަންޖެހޭނީ އެ ފަރާތަކުންނެވެ.
(ނ) ސައޫދީ އަރަބިއްޔާގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، އެކަމުގެ ފުރިހަމަ ޒިންމާ އުފުލާނީ، އެ ފަރާތަކުންނެވެ.
21 ވަނަ މާއްދާ - ހައްޖު މިށަން ގާއިމުކުރުން
(ހ) ކޮންމެ އަހަރެއްގެ ހައްޖާ ގުޅިގެން ރަސްމީ މުއާމަލާތްތައް ކުރުމަށާއި، ސައުދީ އަރަބިއްޔާގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ހައްޖާ ގުޅޭ އެންމެހައި ކަންކަމެއް ބެލެހެއްޓުމަށް ޓަކައި ދިވެހި ސަރުކާރާއި ސައޫދީ އަރަބިއްޔާގެ ސަރުކާރާ ދެމެދު ވެފައިވާ އެގްރީމަންޓުގައި ބަޔާންވެގެންވާ ގޮތުގެ މަތީން މިނިސްޓްރީން ހައްޖު މިށަނެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާއިމުކުރާ ހައްޖު މިށަނުގެ ވަގުތީ އޮފީހެއް )މޯލްޑިވްސް ޕިލްގްރިމްސް އެފެއާޒް އޮފީ ސް އެއް( ސައޫދީ އަރަބިއްޔާގައި ގާއިމުކުރަންވާނެއެވެ.
22 ވަނަ މާއްދާ - ހައްޖު މިށަނުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް
މި އުސޫލުގެ 21 ވަނަ މާއްދާގެ ދަށުން، ހައްޖު މޫސުމުގައި ހައްޖުގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި ގާއިމުކުރާ ހައްޖު މިށަނުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
(ހ) ހައްޖުގެ އަޅުކަމާ ގުޅުންހުރި ކަންކަމުގައި ހައްޖުވެރީންނަށް އެހީތެރިވުމާއި ހައްޖުގެ އެންމެހައި ކަންކަން ރަނގަޅަށްދާކަން ކަށަވަރުކުރުން.
(ށ) ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވުޒާރަތުލް ހައްޖު ވަލް އުމްރާއާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން، ހައްޖުވެރީންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) ހައްޖު މިށަން ގާއިމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ހައްޖު މިށަނަށް ބޭނުންވާ ފާސްތައް ހެދުން.
(ރ) ހައްޖުވެރީންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން މިނިސްޓްރީން ދޭންޖެހޭ އިރުށާދު ދިނުމާއި އެހީތެރިވުން.
(ބ) ހައްޖުގެ މަނާސިކުތައް، ހައްޖުވެރީ ންނަށް ފުރިހަމަކޮށްދޭތޯ ބެލުން.
(ޅ) ހައްޖުވެރިޔަކު ގެއްލުން ނުވަތަ ބަލިވުން ނުވަތަ ނިޔާވުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުން.
(ކ) ހައްޖު މޫސުމުގައި، ހައްޖު އަޅުކަމާ ގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިނުން.
23 ވަނަ މާއްދާ - މަނާ ކަންކަން
(ހ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ހުއްދަދޭ ފަރާތްތައް ފިޔަވައި އެނޫން އެއްވެސް ފަރާތަކަށް ހައްޖަށް ދިޔުމަށް އެދި އެއްވެސް ފަރާތަކުން ައިސާއެއް ދައްކައިގެން ނުވާނެއެވެ. އަދި އެފަދައިން އެއްވެސް ފައިސާއެއް އެއްވެސް ފަރާތަކުން ބަލައިގަނެގެން ވެސް ނުވާނެއެވެ. އަދި އެކަން ކަށަވަރުނުކޮށް ފައިސާ ދެއްކުމަށްފަހ،ު އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އެ ކަމުގެ ޒިންމާ އުފުލާނީ އެ ފަރާތްތަކުންނެވެ.
(ށ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަނެތި ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަކީ މަނާކަމެކެވެ.
24 ވަނަ މާއްދާ - މި އުސޫލުގައި ނެތްކަމެއް ދިމާވުން
މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، ނުވަތަ ހާއްޞަ ހާލަތަކާ ގުޅިގެން ވަކިގޮތަކަށް އަމަލުކުރަން ޖެހިއްޖެ ނަމަ، އެ ކަމެއް ނިންމާނީ، މިނިސްޓްރީންނެވެ.
25 ވަނަ މާއްދާ - އުސޫލަށް ބަދަލުގެނައުން
ސައުދީ އަރަބިއްޔާގެ ހައްޖާ ބެހޭ މުއައްސަސާތަކުން ކަނޑައަޅާ އުސޫލުތަކަށް ރިއާޔަތްކޮށް ނުވަތަ ދިމާވާ މުހިންމު ސަބަބަކާ ގުޅިގެން މި އުސޫލަށް ބަދަލު ގެނައުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
26 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އެހެންގޮތަކަށް ބުނެފައިނުވާ ނަމަ ނުވަތަ އެ ލަފުޒެއް ނުވަތަ އިބާރާތެއް އޮތްގޮތުން ސީދާ އެހެން ގޮތަކަށް މާނަ ނުކުރެވޭ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ އަންނަނިވި ގޮތަށެވެ.
(ހ) "ފަރުޒު ހައްޖު" ކަމަށް ބުނެފައި އެވަނީ، ށަރުއީ ގޮތުން ތަކްލީފު ލިބިގެންވާ މީހަކު އަލަށް ހައްޖުގެ އަޅުކަން އަދާކުރުމަށެވެ.
(ށ) "ރަސްމީ ކޯޓާ" ކަމަށް ބުނެފައި އެވަނީ، ސައޫދީ އަރަބިއްޔާއިން ރަސްމީކޮށް ރާއްޖެއަށް ކަނޑައަޅާ ކޯޓާއަށެވެ.
(ނ) "ހައްޖުގެ ހިދުމަތްތެރީން" ކަމަށް ބުނެފައި އެވަނީ، ހައްޖަށްދާ މީހުންނަށް އެހީތެރިވާ މީހުންނަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ.
(ބ) "މޯލްޑިވްސް ހައްޖު ކޯޕަރޭށަން" ނުވަތަ "ކުންފުނި" ނުވަތަ "ހައްޖުގެ ހިދުމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ކުންފުންޏާ ބެހޭ ގާނޫނު) ގެ 95 ވަނަ މާއްދާގެ ދަށުން، "މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑު" ގެ ނަމުގައި އުފައްދައިފައިވާ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަށެވެ.
(ޅ) "ހައްޖު މިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހި ހައްޖުވެރީންނާ ގުޅޭ އެންމެހައި ކަންކަން ސައޫދީ އަރަބިއްޔާގައި ހަމަޖެއްސުމަށް ޓަކައި މިނިސްޓްރީން އެކުލަވައިލާ ރަސްމީ އޮފިށަލުންގެ ޓީމު ހިމެނޭގޮތަށް މި އުސޫލުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާއިމުކުރާ މިށަނަށެވެ.
27 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން
(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި، މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން، 2022 މޭ 18 ގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ އުސޫލު ނަންބަރު: 2022-13 (ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު) ބާތިލުވީއެވެ.
(ނ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މޯލްޑިވްސް ހައްޖު ކޯޕަރޭށަނުގައި، އެކުލަވައިލައިފައި އޮންނަ "މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑުގެ ހައްޖު ކިއު ލިސްޓު" 1 މުހައްރަމް 1447 ގެ ކުރީން މުރާޖާކުރަންވާނެއެވެ.
މައި ގާނޫނު/ގަވާއިދު
ނެތް
އުވުނު އުސޫލު
ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު (އުސޫލު ނަންބަރު 2022-13)
ކިޔުންތެރިންގެ ހިޔާލު