-

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު

(އުސޫލު ނަންބަރު 2022-13)

1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމަށް ހުއްދަދިނުމާއި، އެ ކުންފުނިތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތަކާ އެއްގޮތަށް ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަމުންދާކަން ކަށަވަރުކުރުން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިފައިވާތީ، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދާއި ބޭނުން

މި އުސޫލުގެ ބޭނުމަކީ، އަންނަނިވި މަގުސަދުތައް ހާސިލު ކުރުމެވެ.

(ހ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދާ ފަރާތްތަކާއި، ހައްޖަށް ދާ މީހުންގެހައްގުތައް ހިމާޔަތްކޮށްދިނުން.

(ށ) ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއި، ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

(ނ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތްދޭ ކުންފުނިތަކުން ދެމުންގެންދާ ހައްޖުގެ ހިދުމަތާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.

(ރ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތައް ޒިންމާދާރުކުރުވައި، މިކަމާ ގުޅޭގޮތުން ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުވުން.

 

4 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅޭނެ ފަރާތްތަކާއި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ށަރުޠުތައް

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ،މި އުސޫލުގައިވާ ގޮތުގެ މަތީން، ތިރީގައިވާ ށަރުޠުތައް ފުރިހަމަވާ ކުންފުނިތަކަށެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އަދި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތްދިނުން ހިމެނިފައިވާ، %100 (ސައްތަ އިންސައްތަ) ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުން.

(ށ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިވާ އަދި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ 2 (ދޭއް) އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށް ވުން.

(ނ) ހުއްދައަށް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާ ދުވަހާ ހަމަޔަށް ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ހުކުމެއް ކޮށްފައިވާ މީހެއްކަމުގައި ނުވުމާއި، ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ ފަރާތެއްކަމުގައި ނުވުމާއި، އެފަދަ މައްސަލައެއް ށަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުން (ހުކުމެއް ކޮށްފައި ވޭތޯ ބެލުމުގެ ގޮތުން ބަލާނީ، ނުވަތަ ހުކުމް ތަންފީޒުކޮށްފައިވޭތޯ ބެލުމުގެ ގޮތޮން ބަލާނީ، ޕްރޮޕޯޒަލް ހުށަހަޅާ ދުވަހާ ހަމަޔަށް 5 އަހަރުދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް މި އުސޫލުގައި ވަކި މުއްދަތެއް ބަލާނެކަމަށް ބަޔާންކޮށްފައިވާ ކަންކަން މިކަމުން އިސްތިސްނާވެގެން ވެއެވެ.)

(ރ) ހުއްދައަށް އެދޭ ކުންފުނީގެ ބޯޑުގައި، ހުއްދައަށް އެދި ހުށަހަޅާ ދުވަހާ ހަމަޔަށް މަދަނީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތެއް ހިމެނޭނަމަ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިއުން.

(ބ) ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ރަސްމީ އިދާރާއަކަށް ނުވަތަ ހައްޖުގެ ކަންތައްތަކާ ގުޅުންހުރި އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަންޖެހި، އެ ފައިސާ ދައްކައިފައިނުވާ، ނުވަތަ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ކުންފުންޏެއް ކަމުގައި ނުވުން.

(ޅ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުންފުންޏަކީ، އެއްވެސް ގާނޫނަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ޓެކުހެއް، ނުވަތަ ފީއެއް، ނުވަތަ އަގެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ސާބިތު ދަރަންޏެއް، ނުވަތަ ޖޫރިމަނާއެއް،ޕްރޮޕޯޒަލް ހުށަހެޅުމާ ހަމަޔަށް ދައްކަންޖެހިފައިވާ ކުންފުންޏެއް ކަމުގައި ނުވުން.

 

5 ވަނަ މާއްދާ - ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުށަހެޅުމާއި، އެކަމަށް ހުއްދަ ދެވޭނެ މުއްދަތު

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުށަހެޅުމުގައްޔާއި ހުއްދަ ދިނުމުގައި އަމަލުކުރެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ކުންފުނިތަކުން މިނިސްޓްރީއަށް ހުށަހަޅާނީ، އެ އަހަރަކަށް ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފައި މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރުމުން، އެކަމަށް ހާއްސަކޮށް މިނިސްޓްރީން ދޫކުރާ ޕްރޮޕޯޒަލް ފޮތުންނެވެ.

(ށ) މިނިސްޓްރީން ކުރާ އިއުލާނުގައި، އިވެލުއޭށަން ކްރައިޓީރިއާ ނުވަތަ މިންގަނޑު ހިމަނަންވާނެއެވެ.

(ނ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކޮންމެ ކުންފުންޏަކަށް ވެސް ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދެވޭނީ، 
1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

6 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހަޅާ ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަކޮށް، ޕްރޮޕޯޒަލާއެކު އެ ލިޔުންތައް ހުށަހަޅަންވާނެއެވެ. ޕްރޮޕޯޒަލާއެކު ހުށަހަޅާ އެންމެހައި ލިޔެކިއުންތައް ހުންނަންވާނީ،ކުންފުނީގެ ތައްގަނޑާއެކު ޑިރެކްޓަރެއްގެ ސޮއި ހިމަނައިފައެވެ. އަދި ޕްރޮޕޯޒަލް ފޮތުގައި ކުންފުނިން ފުރިހަމަކުރާ ހުރިހާ ގަނޑެއްގައި ވެސް ކުންފުނީގެ ތައްގަނޑާއެކު ޑިރެކްޓަރެއްގެ ސޮއި ހިމަނަންވާނެއެވެ.

(ހ) ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ އޮތް ގާނޫނީ ވަކީލެއްގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ)؛

(ށ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ އަންނަނިވި މައުލޫމާތު ފުރިހަމަ ކުރަންވާނެއެވެ.

  1. ނަން؛
  2. ކުންފުނީގައި މެންބަރުންގެ މަގާމު؛
  3. މެންބަރުންގެ އެޑްރެސް؛
  4. ފޯނު ނަންބަރު؛
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ؛
  6. ވިޔަފާރިއާއި އިގްތިސާދުގެ ކަންކަން އެ އިރަކު ހަވާލުކޮށްފައިވާ ވުޒާރާއިން ދޫކޮށްފައިވާ އެންމެ ފަހުގެ ކޮމްޕެނީ ޕްރޮފައިލް ށީޓުގެ އަސްލު.

(ނ) ކުންފުނީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދުގެ ކޮޕީ.

(ރ) ކުންފުނީގެ ލެޓަރހެޑުގެ ނަމޫނާ ކޮޕީ.

(ބ) ކުންފުނީގެ ފަރާތުން ހައްޖަށް މީހުން ގެންދިޔުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރުގެ ކޮޕީ.

(ޅ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ކުށުގެ ރިކޯޑު ސާފުކުރުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ ފޯމު.

(ކ) ކުންފުނީގެ ނަމުގައި އެއްވެސް ފަރާތަކަށް ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ ދަރަންޏެއް ނެތްކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ދޫކުރާ ފޯމު.

(އ) ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނިން ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ އެއްވެސް ފަރާތަކަށް ނުވަތަ މިކަމާ ގުޅުންހުރި އެނޫން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަން ޖެހިފައިވާނަމަ، އެއްބަސްވެފައިވާ ގޮތަށް އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާކަމަށް ނުވަތަ އެ ފަދަ ފައިސާއެއް ދައްކަންޖެހިފައި ނުވާނަމަ، އެކަން ބަޔާންކޮށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރެއް.

(ވ) ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހަޅާ އަހަރުގެ ކުރިން ފާއިތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ކުންފުނީގެ ފައިނޭންށިއަލް ސްޓޭޓްމަންޓާއި، އޮޑިޓްކުރުމުގެ ހުއްދަ އޮންނަ ފަރާތަކުން އޮޑިޓްކޮށްފައިވާ އޮޑިޓް ރިޕޯޓާއި، އޮޑިޓްކުރި ފަރާތުގެ އޮޑިޓް ކުރުމުގެ ހުއްދައިގެ ކޮޕީ.

(މ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނިން ނުވަތަ އެ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކު އެއްވެސް ބޭންކަކުން ލޯނެއް ނަގައިފައިވާނަމަ، އެއްބަސްވެފައިވާ ގޮތަށް ގަވާއިދުން ބޭންކަށް ފައިސާ ދައްކަމުންދާކަމަށް އެ ބޭންކަކުން ހޯދައިފައިވާ ލިޔުމާއި، ލޯނެއް ނަގައިފައި ނުވާނަމަ އެކަން ބަޔާންކޮށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގަރާރު.

(ފ) ހައްޖަށް ދާ މީހުންނަށް ދީނީ ނަސޭހަތާއި ދީނީ އިރުށާދު ދިނުމަށް ގެންދާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތާއި، ހައްޖަށް ދާ މީހުންނަށް ދީނީ ނަސޭހަތާއި ދީނީ އިރުށާދު ދިނުމަށް އެއްބަސްވާކަމާއި، އެހެން ކުންފުންޏަކާއެކު ހައްޖަށް ދިޔުމަށް އެއްބަސްވެފައި ނުވާނެކަން ބަޔާންކޮށްފައިވާ ސިޓީއާއި، ދީނީ ނަސޭހަތާއި ދީނީ އިރުށާދު ދިނުމަށް ފޮނުވާ އިލްމުވެރިޔާއަށް ދޫކޮށްފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދައިގެ ކޮޕީއާއި، އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާޕާސްޕޯޓުގެ ކޮޕީ.
(ދ) ހައްޖަށް ދާ މީހުންނަށް ސިއްހީ ހިދުމަތް ދިނުމަށް ގެންދާ ޑޮކްޓަރު ނުވަތަ ސިއްހީ އެހީތެރިޔާއާއި ނަރުސް، އެ ހިދުމަތް ދިނުމަށް އެއްބަސްވާކަމާއި،އެހެން ކުންފުންޏަކާއެކު ހައްޖަށް ދިޔުމަށް އެއްބަސްވެފައި ނުވާނެކަން ބަޔާންކޮށްފައިވާ ސިޓީއާއި، އެ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީއާއި، ޑޮކްޓަރު ނުވަތަ ސިއްހީ އެހީތެރިޔާއާއި ނަރުހަށް ލިބިފައިވާ، ސިއްހީ ފަރުވާ ދިނުމުގެ ހުއްދައިގެ ކޮޕީ.

(ތ) ހައްޖަށް ދާ މީހުންނަށް އެހީތެރިވުމަށް ގެންދާ، އަރަބި ބަސް ދަންނަ އެހީތެރިން، އެކަން ކޮށްދިނުމަށް އެއްބަސްވާކަމާއި، އެހެން ކުންފުންޏަކާއެކު ހައްޖަށް ދިއުމަށް އެއްބަސްވެފައި ނުވާނެކަން ބަޔާންކޮށްފައިވާ ސިޓީއާއި، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ.

(ލ) ހައްޖު ދަތުރުގައި، ހައްޖަށް ދާ މީހުންނަށް ހިދުމަތް ދިނުމަށް ޓަކައި، ހައްޖަށް ދާ މީހުންނާ ކުންފުނީގެ ފަރާތުން ހަވާލުވެގެންދާ އިސްވެރިޔާއާއި އޭނާގެ ނާއިބުގެ ވަނަވަރާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުމާއި، އެ ދެ ފަރާތުން މަސްއޫލިއްޔަތު އަދާކުރުމަށް އެއްބަސްވާކަމާއި، އެހެން ކުންފުންޏަކާއެކު ހައްޖަށް ދިއުމަށް އެއްބަސްވެފައި ނުވާނެކަން ބަޔާންކޮސްފައިވާ ސިޓީ.

(ގ) އެއްވެސް ގާނޫނަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ޓެކުހެއް، ނުވަތަ ފީއެއް، ނުވަތަ އަގެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް، ޕްރޮޕޯޒަލް ހުށަހެޅުމާ ހަމަޔަށް ދައްކަންޖެހިފައިވާ ކުންފުންޏެއް ނޫންކަމުގައި ބަޔާންކޮށްފައިވާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޓެކްސް ކްލިއަރެންސް ފޯމު.

(ޏ) ކުންފުންޏާއި ހައްޖަށް ދާ މީހާޔާ ދެމެދު ވެވޭ އެއްބަސްވުމުގެ ނަމޫނާ.

 

7 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުމާއި، ޕްރޮޕޯޒަލް ބަލައިގަތުން

ހައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާއި ބަލައިގަތުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަޔަށް އެދި ޕްރޮޕޯޒަލް ހުށަހަޅާނީ، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވައިލުމުން، އެކަމަށް ހާއްސަކޮށް މިނިސްޓްރީން ދޫކުރާ ޕްރޮޕޯޒަލް ފޮތުގައެވެ. ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން ޕްރޮޕޯޒަލްހުށަހެޅުމުގެ ފީގެ ގޮތުގައި 10،000 (ދިހަހާސް) ރުފިޔާ ދައްކަން ޖެހޭނެއެވެ.

(ށ) ކޮންމެ ކުންފުންޏަކަށް ވެސް ހުށަހެޅޭނީ، ގިނަވެގެން 1 (އެކެއް) ޕްރޮޕޯޒަލެވެ. އެއް ކުންފުންޏަކުން 1 (އެކެއް) ޕްރޮޕޯޒަލަށް ވުރެ ގިނަ ޕްރޮޕޯޒަލް ހުށަހަޅައިފިނަމަ، އެ ކުންފުންޏެއްގެ ހުރިހާ ޕްރޮޕޯޒަލެއް ބާޠިލުކުރެވޭނެއެވެ.

(ނ) ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭނެކަމަށް، މި އުސޫލުގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް ޕްރޮޕޯޒަލާއެކު ހުށަނާޅާނަމަ، އެ ޕްރޮޕޯޒަލެއް ބާޠިލު ކުރެވޭނެއެވެ.

(ރ) ޕްރޮޕޯޒަލް ހުށަހަޅަން އަންނަ ފަރާތަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރަކަށް ވާންވާނެއެވެ. ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ފަރާތެއް ޕްރޮޕޯޒަލް ހުށަހަޅާނަމަ، އެ ފަރާތަކީ ކުންފުނީގެ ފަރާތުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުއްދަ ދީފައިވާ ފަރާތެއްކަން އަންގައިދޭ، ކުންފުނީގެ ތައްގަނޑުޖެހި ސިޓީއެއް ނުވަތަ ލިޔުމެއް އޮންނަންވާނެއެވެ. މި ސިޓީ ނުވަތަ ލިޔުން އޮންނަންވާނީ މިނިސްޓްރީއަށް ހުށަހަޅާ ޕްރޮޕޯޒަލާ ވަކިންނެވެ. މީގެ އިތުރުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ހުށަހަޅަންވާނެއެވެ.

(ބ) ޕްރޮޕޯޒަލް ހުށަހެޅުމުން، ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުރިތޯ ބަލައި، ޕްރޮޕޯޒަލާއެކު ހިމަނައިފައިވާ ލިޔުންތަކާއި، ޕްރޮޕޯޒަލާއެކު ހިމަނައިފައި ނުވާ ލިޔުންތައް އެނގޭނެގޮތަށް، މި އުސޫލުގެ ޖަދުވަލު 4 ގައިވާ "ޕްރޮޕޯޒަލް ބަލައިގަތްކަމުގެ ލިޔުން" ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް، މިނިސްޓްރީން ދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ޕްރޮޕޯޒަލް އިވޭލުއޭޓްކުރުން

(ހ) ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާނީ، 5) ފަހެއް) މެންބަރުންގެ މައްޗަށް މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއަކުންނެވެ. މި ކޮމެޓީ އެކުލެވިގެންވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. އެޓާނީ ޖެނަރަލްގެ އޮފީހުން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  2. ދައުލަތުން މާލީ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއިން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
    (3 (ދައުލަތުން ވިޔަފާރިއާއި އިގްތިސާދުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއިން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  3. ދައުލަތުން ދީނީ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއިން ކަނޑައަޅާ 2 (ދޭއް) މެންބަރުން؛

(ށ) މި ކޮމެޓީއަށް އައްޔަނުކުރާ މެންބަރުންނަކީ، ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ކުންފުންޏެއްގެ މަސްލަހަތު އޮތް ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

(ނ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ށައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވައިލާއިރު، ޕްރޮޕޯޒަލް އިވެލުއޭޓްކުރާ މިންގަނޑު އިއުލާނު ކުރަން ވާނެއެވެ.

(ރ) އިވެލުއޭށަން މަރުހަލާގައި، ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭނެކަމަށް މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުމެއް ހުށަހަޅައިފައި ނުވާކަން ފާހަގަ ކުރެވިއްޖެނަމަ، އެ ޕްރޮޕޯޒަލެއް ބާޠިލުވާނެއެވެ.

(ބ) އިވެލުއޭށަން ނިމުމުން، ހޮވުނު ކުންފުނިތަކަށާއި، ނުހޮވޭ ކުންފުނިތަކަށް 
އެކަން ލިޔުމުން އަންގަންވާނެއެވެ.

(ޅ) ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް ނިމުމުން، ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި އެ އަހަރަކު ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކާއި، އެ ކުންފުނިތަކަށް މާކްސް ލިބުނުގޮތުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ. އަދި އެންމެ މަތިން ޕޮއިންޓް ލިބުނު ތަރުތީބުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ މިނިސްޓްރީން ދޭ ކުންފުނިތައް، އެ ކުންފުނިތަކަށް ހުއްދަ ދިން އަގުތަކާއެކު އާންމުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ

(ހ) ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށްފަހު، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހޮވުނު ކުންފުނިތަކާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ހޮވުނު ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏަކުން ހައްޖަށް މީހުން ގެންދިޔުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ. މި އެއްބަސްވުމުގެ ނަމޫނާ، މި އުސޫލުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

(ށ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކުންފުނިތަކުން ރަޖިސްޓްރޭށަން ފީ ދެއްކުމުން މިނިސްޓްރީން އެކުލަވައިލާ"ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު" ގައި އެ ކުންފުނި ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓްރޭށަން ފީއަކީ 20،000 (ވިހިހާސް) ރުފިޔާއެވެ.

(ނ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކުން ވެސް، މި ހުއްދަ ލިބޭ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 10) ދިހައެއް) ދުވަހުގެ ތެރޭގައި، ހައްޖަށް މީހުން ގެންދަން ކޯޓާ ލިބޭ އަދަދުގެ ނިސްބަތުން ބޮލަކަށް ނަގަން އެ ކުންފުންޏަކުން ހުށަހަޅާ އަގުގެ %25 (ފަންސަވީސް އިންސައްތަ) އަށް ވާ އަދަދުގެ ޕަރފޯމަންސް ގެރެންޓީއެއް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ނަމުގައި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ހައްޖު ކޯޓާ ދިނުން

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ސައޫދީ އަރަބިއްޔާއިން ކަނޑައަޅާ ކޯޓާ، މިނިސްޓްރީން ދޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ދިވެހިރާއްޖެއަށް ލިބޭ ކޯޓާގެ ތެރެއިން %50 (ފަންސާސް އިންސައްތަ) ކޯޓާ، މޯލްޑިވްސް ހައްޖު ކޯޕަރޭށަނަށް ދޭންވާނެއެވެ. މިނިސްޓްރީގެ ބޭނުމަށް ރިޒާވްކުރާ ކޯޓާއާއި އަމިއްލަ ކުންފުނިތަކަށް ދޭނެ ކޯޓާގެ އަދަދު ކަނޑައަޅާނީ މިނިސްޓަރެވެ.

(ށ) މިނިސްޓްރީގެ ބޭނުމަށް ރިޒާވްކުރާ ކޯޓާ ދެވޭ ފަރާތްތައް، މޯލްޑިވްސް ހައްޖު ކޯޕަރޭށަންގެ ފަރާތުން ހައްޖަށް ގެންދަންވާނެއެވެ.

(ނ) ހައްޖު ކޯޓާގެ އަދަދުތައް ހަމަޖައްސައި ނިމޭ ފަހުން ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ދިވެހިރާއްޖެއަށް ކަނޑައަޅާ ކޯޓާގެ އަދަދަށް ބަދަލެއް ގެނެސްފިނަމަ، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އެ އަހަރަކު ހުއްދަދިން ކުންފުނިތަކަށް ދީފައިވާ ހައްޖު ކޯޓާގެ އަދަދަށް ހަމަހަމަކަމާއެކު ބަދަލުގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ދިވެހިރާއްޖެއަށް ކަނޑައަޅާ ކޯޓާ އިތުރު ކޮށްދީފިނަމަ، އެ ކޯޓާ ހަމަޖެއްސުމުގައި އަމަލުކުރާނީ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ރ) ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ދިވެހިރާއްޖެއަށް ދޭ ކޯޓާގެ އަދަދަށް ގެންނަ ބަދަލަކާ ގުޅިގެން، ކޯޓާގެ އަދަދަށް އަންނަ އުނިއިތުރުގެ ސަބަބުން ހައްޖަށް މީހުން ގެންދިއުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް ނުވަތަ ކުންފުންޏަކަށް މާލީ ގެއްލުމެއް ވެއްޖެނަމަ، އެ ފަދަ މާލީ ގެއްލުމެއްގެ ޒިންމާ، މިނިސްޓްރީން އުފުލާކަށެއް ނުޖެހޭނެއެވެ.

(ބ) ކޯޓާ ލިބިފައިވާ ކުންފުންޏަކުން އެއްވެސް ސަބަބަކާހުރެ ކޯޓާ ދޫކޮށްލައިފިނަމަ، ނުވަތަ އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލުކުރެވިއްޖެނަމަ، އެ ކޯޓާތަކަށް މީހުން ހައްޖަށް ގެންދާނީ، މޯލްޑިވްސް ހައްޖު

 

11 ވަނަ މާއްދާ - ކޯޕަރޭށަނުންނެވެ. ހައްޖުގެ ހިދުމަތް ދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑު

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން ހައްޖަށް ދިޔުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީސްތައް ހުންނަންވާނީ އަންނަނިވި މިންގަނޑުތަކަށް ފެތޭގޮތަށެވެ.

(ހ) ކުންފުނީގެ ނަންބޯޑާއި، އޮފީހުގެ އެޑްރެހާއި، އޮފީހާ ގުޅޭނެ ޓެލެފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، އެ އޮފީހުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށް އެނގޭނޭގޮތަށް އޮފީހުގެ ބޭރުގައި ބަހައްޓައިފައި ހުރުން.

(ށ) ކުންފުންޏާ މުއާމަލާތު (ކޮމިއުނިކޭޓް) ކުރެވޭނެ އިންތިޒާމުތައް ފުރިހަމަ ކޮށްފައި ވުން.

(ނ) އޮފީސް ހުޅުވައިފައި ހުންނަ ކޮންމެ ގަޑިއެއްގައި ވެސް، ޖަވާބުދާރީވާނެ އިންތިޒާމު ހަމަޖެހިފައި ހުރުން.

(ރ) ހައްޖަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަގޮތަށް ހުރުން.

(ބ) ހައްޖަށް ދިޔުމަށް ޓަކައި ފައިސާ ދައްކާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމާއި އެންމެހައި ލިޔެކިޔުންތައް، ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފަސޭހައިން ފެންނާނޭގޮތަށް ފައިލްކޮށް ބެލެހެއްޓުން.

 

12 ވަނަ މާއްދާ - ހައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީކުރުން

ހައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީ ކުރަންވާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ހައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީ ކުރަންވާނީ، ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް ފުރިހަމަކޮށްގެންނެވެ. ހައްޖަށް ގެންދިޔުމަށް އެއްވެސް މީހެއްގެ އަތުން އެއްވެސް ފައިސާއެއް ނަގަންވާނީ، މި ފޯމު ފުރިހަމަކޮށްފައި، އެ މީހަކު ރަޖިސްޓަރީ ކުރުމަށްފަހުގައެވެ. ކޮންމެ މީހަކު ވެސް ރަޖިސްޓަރީ ކުރުމަށްފަހު، އެ މީހަކު ރަޖިސްޓަރީ ވީކަމުގެ، ކުންފުނީގެ ތައްގަނޑު ޖެހި ރަސްމީ ލިޔުމެއް، ހައްޖަށް ދާން އެދޭ މީހާއަށް، ކުންފުނީގެ ފަރާތުން ދޭންޖެހޭނެއެވެ. މި ލިޔުމުގައި، ކުންފުނީގެ ނަމާއި، ހައްޖަށް ދާން އެދޭ މީހާގެ ފުރިހަމަ މައުލޫމާތު (ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު) އަދި ހައްޖަށް ދާން އެދޭ މީހާ ރަޖިސްޓަރީވީ ނަންބަރު ހިމެނެންވާނެއެވެ. އަދި ކޮންމެ ކުންފުންޏަކުން ވެސް، އެ ކުންފުންޏަކުން ހައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީ ކުރަމުންދާ ގޮތުގެ ތަފުސީލު (ރަޖިސްޓަރީ ކުރެވިފައިވާ މީހުންގެ ލިސްޓާއެކު) ކޮންމެ 2) ދޭއް) ދުވަހަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ކުންފުނިތަކުން ހައްޖަށް ދިޔުމަށް އެދޭ މީހުން ރަޖިސްޓަރީ ކުރަމުންދާއިރު،ފަރުޒު ހައްޖު އަދާކުރަން އެދޭ (އަލަށް ހައްޖަށްދާ) ފަރާތްތަކަށާއި، ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ހައްޖު ކުރެވޭނެ ފަދަ ހާލަތުގައިވާ ފަރާތްތަކަށް އިސްކަން ދޭންވާނެއެވެ.

(ނ) ހައްޖަށް ދާން އެދޭ މީހުން، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ކުންފުނިތަކުގައި ރަޖިސްޓަރީ ކުރުމަށްފަހު، ފައިސާ ނެގުމުގެ ކުރިން، ކުންފުންޏާއި ހައްޖަށް ދާން އެދޭ މީހާއާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގެ ކޮޕީއެއް ، ހައްޖަށް ދާން އެދޭ މީހާއަށް ދޭންވާނެއެވެ.

(ރ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކޮންމެ ކުންފުންޏަކުން ވެސް، އެ ކުންފުންޏަކާ ގުޅިގެން ހައްޖަށްދާ މީހުންގެ ނަމާއި،އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ޕާސްޕޯޓް ނަންބަރާއި، ފޮޓޯއާއި، އުމުރާއި، ކުންފުންޏަށް ދެއްކި ފައިސާގެ އަދަދު އެނގޭނޭ ލިސްޓެއް، ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިން ޖުމުލަ އަދަދަށް މީހުން ރަޖިސްޓަރީކޮށް ހަމަވާތާ ރަސްމީ މަސައްކަތު 2) ދޭއް) ދުވަހުގެ ތެރޭގައި ކުންފުނީގެ ތައްގަނޑު ޖަހައި ސޮއިކުރުމަށްފަހު،މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ކުންފުންޏާއި ހައްޖަށް ދާން އެދޭ މީހާއާ ދެމެދު ވެވޭ އެއްބަސްވުމުގައި ހިމަނަންޖެހޭ މައިގަނޑު ކަންކަން

ކުންފުންޏާއި ހައްޖަށް ދާން އެދޭ މީހާއާ ދެމެދު ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) އެއްބަސްވެވޭ ދެފަރާތުގެ ފުރިހަމަ މައުލޫމާތު (ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ދާއިމީ އެޑްރެހާއި، އުމުރާއި، ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިވާ އަދަދު).

(ށ) ހައްޖަށް ގެންދިއުމުގެ ހިދުމަތަށް، ހައްޖަށް ދާން އެދޭ މީހާގެ އަތުން ކުންފުނިން ނަގާ ފައިސާގެ އަދަދު.

(ނ) ކުންފުނީގެ ފަރާތުން ހައްޖަށް ދާން އެދޭ މީހާއަށް ފޯރުކޮށްދޭނެ ހިދުމަތްތައް.

(ރ) ދެ ފަރާތުންކުރެ ފަރާތަކުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ، އެކަން ހައްލުކުރާނެ ގޮތް.

(ބ) ކުންފުންޏާއި ހައްޖަށް ދާން އެދޭ މީހާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމެއް ފުރިހަމަކޮށްދެވޭ ގޮތް ނުވީ، ކުންފުނީގެ އަމިއްލަ ބާރު ނުފޯރާ ނުވަތަ އިސްތިސްނާ ހާލަތެއްގައިނަމަ އަމަލުކުރާނެ ގޮތް.

(ޅ) އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ނުދެވިއްޖެނަމަ އަމަލުކުރާނެ ގޮތް.

(ކ) ކުންފުންޏާއި ހައްޖަށް ދާން އެދޭ މީހާގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ޓަކައި ބޭނުންވާ އިތުރު ކަންކަން އެއްބަސްވުމުގައި ހިމެނުމުގެ އިހްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ހައްޖަށް ދިޔުމަށް ފައިސާ ދެއްކުމާއި، ފައިސާ ބަލައިގަތުން

މި އުސޫލުގެ ދަށުން، ހައްޖަށް ދިޔުމަށް އެދޭ ފަރާތްތަކުގެ އަތުން ފައިސާ ނެގުމުގައްޔާއި، އެ ފައިސާ ކުންފުންޏަށް ދެއްކުމުގައި އަމަލުކުރަންވާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ހައްޖަށް ގެންދިޔުމަށް ފައިސާ ޖަމާކުރުމަށް ދިވެހި ރުފިޔާގެ ވަކި ހާއްސަ ކަލެކްށަން އެކައުންޓެއް އޮންނަންވާނެއެވެ. އަދި ހައްޖަށް ދާން އެދޭ މީހާއާއި ކުންފުންޏާ ދެމެދު ހިންގާ ފައިސާގެ އެންމެހައި މުއާމަލާތްތައް ހިންގަންވާނީ، މި އެކައުންޓު މެދުވެރިކޮށެވެ. އަދި ހައްޖަށް ދިޔުމަށް ފައިސާ ދައްކަންވާނީ، މިނިސްޓްރީން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ނަމުގައި ހުޅުވައިފައިވާ ހައްޖަށް ގެންދިޔުމަށް ފައިސާ ޖަމާކުރާ ހާއްސަ ބޭންކް އެކައުންޓަށެވެ.

(ށ) ހައްޖަށް ދިއުމަށް ޓަކައި ކުންފުންޏަށް ފައިސާ ދެއްކިކަމުގެ ރަސީދެއް،ކުންފުނީގެ ލޯގޯއާއި ތައްގަނޑު ހިމެނޭގޮތަށް، ފައިސާ ދައްކާ ފަރާތްތަކަށް ކުންފުނިތަކުން ދޭންވާނެއެވެ.

(ނ) އެއްވެސް ކުންފުންޏަކުން ހައްޖަށް ދިޔުމަށް އެދޭ ފަރާތުން، ފައިސާ ޖަމާކުރުމަށް އިރުށާދު ދޭންވާނީ، ހައްޖަށް ދިޔުމަށް އެދި ހުށަހަޅާ ފަރާތް މި އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓަރީކުރުމަށްފަހު، މި އުސޫލުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏާއި ހައްޖަށް ދާން އެދޭ މީހާއާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ކޮޕީ، ހައްޖަށް ދާން އެދޭ މީހާއަށް ދިނުމަށްފަހުގައެވެ.

(ރ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި އެ ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯޒަލުގައި ހައްޖުގެ ހިދުމަތްތައްފޯރުކޮށްދޭނެކަމަށް ބަޔާންކޮށްފައިވާ އަގަށް ވުރެ އިތުރަށް، މިނިސްޓްރީގެ ހުއްދަނެތި އެއްވެސް މީހެއްގެ އަތުން ފައިސާއެއް ނަގައިގެން ނުވާނެއެވެ. އަދި ހައްޖަށް ދާ ކުންފުނިން ހައްޖުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޕްރޮޕޯޒަލުގައި ހުށަހަޅައިފައިވާ އަގަށް ވުރެ އިތުރަށް، ހައްޖަށް ދާން އެދި،އެއްވެސް މީހަކު، އެއްވެސް ފައިސާއެއް، މިނިސްޓްރީގެ ހުއްދަ ނެތި ކުންފުންޏަށް ދައްކައިގެން ނުވާނެއެވެ.

(ބ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުން، ހައްޖަށް މީހުން ގެންދިޔުމަށް ފައިސާ ނަގަންވާނީ، ހައްޖަށް ގެންދިއުމަށް އެ ކުންފުންޏަކަށް ހުއްދަ ލިބިފައިވާ ކޯޓާގެ އަދަދަށެވެ.

(ޅ) ހައްޖަށް ދިޔުމަށް ފައިސާ ދެއްކުމާއި، ފައިސާ ބަލައިގަތުމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކުރުމަކީ މި އުސޫލުގެ ދަށުން މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ހައްޖަށް ދާ މީހުންނަށް ކުންފުނީގެ ފަރާތުން ފުރިހަމަކޮށްދޭންޖެހޭނެ ކަންތައްތައް

ހައްޖަށް މީހުން ގެންދާ ކޮންމެ ކުންފުންޏަކުން ވެސް، ހައްޖަށް ގެންދާ މީހުންނަށް ތިރީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަ ކޮށްދޭން ވާނެއެވެ. މި ކަންތައްތައް ފުރިހަމަކުރުމުގައި ، ހައްޖު މިށަނުން އިރުށާދުދޭ ކަންތައްތަކުގައި އެ މިށަނުގެ އިރުށާދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ހައްޖަށް ދާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވައިގެ މަގުން ދެކޮޅު ޓިކެޓް ހަމަޖައްސައިދިނުމާއި، 8 (އަށެއް) ގަޑިއިރަށްވުރެ ގިނައިރު އެއްވެސް ގައުމެއްގައި ޓްރާންސިޓް ކުރަން ޖެހިއްޖެނަމަ، އިތުރު އަގެއް ނެގުމަކާ ނުލައި، ކެއުމާއި ހުރުމުގެ އިންތިޒާމު ކުންފުނިން ހަމަޖައްސައިދިނުމާއި، 2 (ދޭއް) ގަޑިއިރަށްވުރެ ގިނައިރު އެއްވެސް ގައުމެއްގައި ޓްރާންސިޓް ކުރަން ޖެހިއްޖެ ނަމަ، ކެއުމުގެ އިންތިޒާމު، އިތުރު އަގަކާ ނުލައި ކުންފުނިން ހަމަޖައްސައިދިނުން.

(ށ) ހައްޖަށް ގޮސްތިބޭ ދުވަސްވަރު، އެ ކުންފުންޏެއްގެ ހައްޖު ޕެކޭޖުގައިވާ ގޮތުގެ މަތީން، ހައްޖަށް ދިޔަ މީހުންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް ހަމަޖައްސައިދިނުން. އަދި ކޮންމެ ކުންފުންޏަކުން ވެސް، ހައްޖަށް ގެންދާ މީހުންނަށް އެ ކުންފުންޏަކުން ދިނުމަށް އެއްބަސްވެފައިވާ އެންމެހައި ހިދުމަތްތައް (އުސޫލާއި، ޕްރޮޕޯޒަލާއި، ހައްޖަށް ދިޔުމަށް އެދި ފައިސާ ދައްކައިފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތައް) އިތުރު އަގެއް ނެގުމަކާ ނުލާ ފޯރުކޮށްދިނުން.

(ނ) ހައްޖަށް ދާ މީހުންނަށް ހައްޖުގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށް ފަސޭހައިން މަގުފަހިވާނެގޮތަށް އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީ،އަޅުކަމުގައި އެހީތެރިވެދީ، ކުންފުނީގެ ފަރާތުން އެކަން ކަށަވަރުކުރުން.

(ރ) ރާއްޖެއިން ހައްޖަށް ފުރާ ދުވަހުން ފެށިގެން އެނބުރި ރާއްޖެއަށް އައުމާ ހަމަޔަށް، ހައްޖަށް ދިޔަ މީހުން ދަތުރުކުރާ ހުރިހާ ދަތުރުތަކެއްގައި ހައްޖަށް ދާ މީހުންގެ ޒިންމާ އުފުލާނެ ފަރާތެއް ބައިވެރިވުން.

(ބ) ހުއްދަ ދީފައިވާ ކުންފުންޏަކުން މި މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި އިތުރު ފަރާތަކާ ހަވާލުކުރާނަމަ، ނުވަތަ އެއްބަސްވުމަކަށް ދާނަމަ، އެ ފަރާތަކީ އެ ހިދުމަތެއް ހޯދާ ގައުމެއްގައި އެ ފަދަ ހިދުމަތެއް ދިނުމަށް އެ ގައުމެއްގެ ސަރުކާރުގެ ރަސްމީ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރުކުރުން.

(ޅ) ކޮންމެ ކުންފުންޏަކުން ވެސް، އެ ކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހައްޖަށްދާ ފަރާތްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ސިއްހީ ހިދުމަތް ދިނުމުގެ ހުއްދަ އޮތް މެޑިކަލް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިޔަކާއި ނަރުހެއް، ހައްޖު ދަތުރުގައި ބައިވެރިކުރުން.

(ކ) ދީނީ ނަސޭހަތްދިނުމާއި ވައުޡު ބުނުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ،އަރަބި ބަސް ރަނގަޅަށް ދަންނަ ދީނީ އިލްމުވެރިއަކު ހައްޖު ދަތުރުގައި ބައިވެރިކުރުން.

(އ) ސައުދީ އަރަބިއްޔާގެ މިންގަނޑުތަކާ އެއްގޮތަށް، ކޮޓަރިއެއްގައި އެންމެ ގިނަވެގެން ތިބެވޭނެ މީހުންގެ އަދަދު ކަނޑައެޅުން.

(ވ) ހައްޖަށް ދިޔަ މީހުން މައްކާގައި ތިބޭ ދުވަސްތަކުގައި ކެއިންބުއިމާއި ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެ މީހުން މަދީނާއަށް ގެންދިއުމާއި، އެ މީހުން މަދީނާގައި ތިބޭ ދުވަސްތަކުގައި ކެއިންބުއިމާއި ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.

(މ) މިނާއާއި އަރަފާތަށް ދިޔުމާއި، އެ ތަންތަނުން އެނބުރި އައުމުގެ ދަތުރުފަތުރުގެ ކަންތައްތައް ހަމަޖައްސައިދިނުން.

(ފ) މިނާއާއި އަރަފާތުގައި ތިބޭއިރު ކޮށްދޭންޖެހޭ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ފުރިހަމަކޮށްދިނުން.

(ދ) އަރަފާތު ބިމަށް ގެންދިޔުމާއި ގެނައުމުގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އަރަފާތުގައި ތިބޭ ވަގުތު ކެއިންބުއިމާއި ތިބޭނެ ތަނެއް ހަމަޖައްސައިދިނުން.

(ތ) މައްކާއާއި، މަދީނާއާއި، މަށާއިރުތަކުގައި ތިބޭ ދުވަސްވަރު ހައްޖުގެ އަޅުކަމާއި، އެހެނިހެން އިންތިޒާމުތަކާ ބެހޭގޮތުންނާއި، ދީނީގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގުން.

(ލ) މުޒްދަލިފާގައި ރޭކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.

(ގ) ޖަމްރާތަކަށް ހިލައުކުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.

(ޏ) ހައްޖަށް ދިއުމަށް ދައްކާ ފައިސާގެ ތެރެއިން ހަރަދުކޮށްގެން އެއިން ކޮންމެ މީހަކަށް ހަދްޔު ކަތިލައިދިނުން.

(ސ) ހައްޖަށް ދިޔަ ދިވެހީންގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރުން.

(ޑ) ހައްޖަށް ގެންދިޔަ މީހުން ކޮޓަރިތަކުގައި ބޭތިއްބުމުގައި ދެޖިންސު ވަކިން ބޭތިއްބުން. ނަމަވެސް މަހުރަމުން މިކަމުން އިސްތިސްނާވާނެއެވެ.

(ޒ) އެއްވެސް ސަބަބަކާހުރެ ކުންފުންޏާއި، ކުންފުނީގެ އިސްވެރިންގެ އިހުމާލުން ހައްޖުގެ ވާޖިބެއް، ހައްޖަށް ދިޔަ މީހަކަށް ފުރިހަމަ ނުކުރެވިއްޖެނަމަ، އެ މީހެއްގެ އަޅުކަން ފުރިހަމަކޮށްދިނުމަށް އެ މީހެއްގެ އަތުން އެއްވެސް ފައިސާއެއް ނެގުމަކާނުލައި ކުންފުނިން ފިދްޔަދިނުމާއި، އެ މީހަކަށް އެކަން ކަށަވަރުކޮށްދިނުން.

(ޓ) މުސްކުޅިކަމުން ނުވަތަ ބަލިވުމުގެ ސަބަބުން ހިނގައިފައި ދަތުރު ނުކުރެވޭ މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށް ވެހިކަލް ނުވަތަ ވީލްޗެއަރ ފަދަ ވަސީލަތެއް ބޭނުންކުރުން.

(ޔ) މީހަކު ބަލިވެއްޖެނަމަ ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

(ޕ) ހައްޖަށް ދިޔަ މީހަކު ގެއްލިއްޖެނަމަ، އެ މީހަކު ހޯދުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

(ޖ) ހައްޖަށް މީހުން ގެންދާ ފަރާތުން ހައްޖަށް ގެންދާ މީހުންނަށް ދޭ ހިދުމަތްތަކުގެ ތެރެއިން ބަހުގައި ކުރާ ދަތުރުތަކުގައި، މުއާމަލާތުކުރަން އެނގޭފަދަ އިސް ފަރާތެއް ކަނޑައަޅައިފައި ބަހުގައި ބެހެއްޓުން.

(ޗ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯޒަލުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.

 

16 ވަނަ މާއްދާ - ހެލްތު ސްކްރީންކުރުން

ހައްޖަށްދާ އެންމެން، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ހެލްތު ސްކްރީނިންގ ޓެސްޓް ހަދަންޖެހޭނެއެވެ.

 

17 ވަނަ މާއްދާ - ހައްޖު ވިސާޖެހުން

ހައްޖަށް ދިޔުމަށް ވިސާޖެހުމާބެހޭ ގޮތުން ސައޫދީ އަރަބިއްޔާގެ އިމިގްރޭށަނުން އެކުލަވައިލައިފައިވާ އެންމެހައި ގަވާއިދުތަކަށް ކުންފުނިތަކުން އަމަލުކުރުމާއެކު،ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.

(ހ) މަހްރަމުންގެ ލިސްޓު، މިނިސްޓްރީން އެޓެސްޓްކޮށް ސައޫދީ އަރަބިއްޔާގެ އެމްބަސީއަށް ހުށަހެޅުން.

(ށ) 45 (ސާޅީސް ފަހެއް) އަހަރުން ދަށުގެ އަންހެނުންނަށް ހައްޖު ވިސާ ޖެހުމަށް ޓަކައި އޭނާއާއެކު ދަތުރުކުރާ މަހްރަމަކީ ށަރުއީގޮތުން މަހްރަމެއްކަން އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުން.

(ނ) މިނިސްޓްރީން ކަނޑައަޅާ މިންގަނޑަކަށް ވެކްސިން ޖަހައި، ހެލްތު ސްކްރީނިންގ ފުރިހަމަކުރުން.

(ރ) ސައުދީ އަރަބިއްޔާގެ އެމްބަސީން ގަބޫލުކުރާ ތަނަކުން ބަޔޯ މެޓްރިކް ނެގުން.

(ބ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ކަންކަމުގައި އަމަލުކުރާގޮތަށް ސައުދީ އަރަބިއްޔާގެ ކަމާ ގުޅޭ މުއައްސަސާތަކުން ބަދަލެއް ގެނެސްފިނަމަ، އެ ބަދަލަކާ އެއްގޮތަކަށްއަމަލުކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް (މަކްތަބު ށުއޫނި ހުއްޖާޖިލް މާލްދީފް)

ރާއްޖެއިން ހައްޖަށްދާ މީހުންނާއި އެ މީހުން ހައްޖަށް ގެންދާ ކުންފުނިތައް ސައޫދީ އަރަބިއްޔާގައި އުޅޭދުވަސްވަރު މައްކާއާއި މަދީނާގައި މިނިސްޓްރީން ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް (މަކްތަބް ށުއޫނި ހުއްޖާޖިލް މާލްދީފް)" ގާއިމްކޮށް، އެ އޮފީހުގައި ހިދުމަތްދޭނެ ފަރާތްތައް ކަނޑައަޅައި، ހިދުމަތް ދެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

 

19 ވަނަ މާއްދާ - މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތު

(ހ) ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވުޒާރަތުލް ހައްޖު ވަލް އުމްރާއާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން، ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ހައްޖު މިށަން ގާއިމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ހައްޖު މިށަނަށް ބޭނުންވާ ފާސްތައް ހެއްދުން.

(ނ) ހައްޖުވުމަށް ޓަކައި ސައޫދީ އަރަބިއްޔާއަށް އައިސްތިބި ދިވެހީންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން ދޭންޖެހޭ އިރުށާދު ދިނުމާއި އެހީތެރިވުން.

(ރ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އެދި ކުންފުނިތަކުގެ ފަރާތުން ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގައި ހައްޖަށްދާ މީހުންނަށް ދޭން ކަނޑައަޅައިފައިވާ ހިދުމަތްތައް ފޯރުކޮށްދޭތޯ ބެލުން.

(ބ) ހައްޖުގެ މަނާސިކުތައް، ހައްޖުވާން އައިސްތިބި މީހުންނަށް ފުރިހަމަކޮށްދޭތޯ ބެލުން.

(ޅ) ހައްޖުވާން އައިސް ހުރި މީހަކު ގެއްލުން ނުވަތަ ބަލިވުން ނުވަތަ ނިޔާވުން ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމާ ގުޅިގެން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 

20 ވަނަ މާއްދާ - މައުލޫމާތު ދިނުން

(ހ) ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުނީގެ ބެލުމުގެދަށުން ހައްޖަށް ގެންދާ މީހުންގެ ދަތުރު ހަމަޖެހިފައިވާގޮތުގެ ތަފުސީލު، ހައްޖަށް ފުރުމުގެ 5 (ފަހެއް) ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ހައްޖަށް ފުރުމުގެ 5 (ފަހެއް) ދުވަހުގެ ކުރިން، ހައްޖަށް ފުރާ މީހުންގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ޕާސްޕޯޓް ނަންބަރާއި، ފޮޓޯ ހިމެނޭ ތަފުސީލީ ލިސްޓެއް، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، މިނިސްޓްރީން ވަކި މައުލޫމާތެއް ބޭނުންވެގެން އެދޭ ކޮންމެ ހާލަތެއްގައި، އެ މައުލޫމާތެއް ފޯރުކޮށްދޭން ވާނެއެވެ.

 

21 ވަނަ މާއްދާ - ހައްޖު ދަތުރުގައި ދިމާވާ ކުއްލި މައްސަލަތައް އެންގުން

ހައްޖުދަތުރަށް ފުރުމަށްފަހު އެނބުރި ދިވެހިރާއްޖެ އައުމާ ހަމަޔަށް ދިމާވާ ކުއްލި ހާދިސާތައް، ތިރީގައިވާ ގޮތުގެ މަތީން ހައްޖު މިށަނަށް އަންގަންވާނެއެވެ.

(ހ) ހައްޖަށް ގެންދިޔަ މީހަކު ހައްޖުގެ ދަތުރުގެ ތެރޭގައި ބަލިވެގެން އެނދުމަތިކޮށްފިނަމަ، އެ މީހަކާ ބެހޭ މައުލޫމާތު، ހައްޖު މިށަނަށް ވަގުތުން އަންގަންވާނެއެވެ.

(ށ) ހައްޖުގެ ދަތުރުމަތީގައި މަޑުކުރާ އެއަރޕޯޓެއްގައި ނުވަތަ ފުރާ އެއަރޕޯޓެއްގައި ހައްޖަށް ގެންދިޔަ މީހަކަށް ދަތުރުނުކުރެވޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ހައްޖު މިށަނަށް އަންގަންވާނެއެވެ.

(ނ) ހައްޖުގެ ދަތުރުމަތީގެ އެއްވެސް މަންޒިލެއްގައި ހައްޖަށް ގެންދިޔަ މީހެއްގެ ސިއްހީ ހާލަތު ދަށްވެގެން ދަތުރުނުކުރެވޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ހައްޖު މިށަނަށް އެކަން އަންގަންވާނެއެވެ.

(ރ) ހައްޖަށް ގެންދިޔަ މީހަކު ސައޫދީ އަރަބިއްޔާގައި ނިޔާވެއްޖެނަމަ، އެ މީހަކާބެހޭ މައުލޫމާތު ވަގުތުން ހައްޖު މިށަނަށް އަންގަންވާނެއެވެ.

 

22 ވަނަ މާއްދާ - މީޑިއާއަށް މައުލޫމާތު ދިނުން

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން، ސައޫދީ އަރަބިއްޔާގައި ތިބޭ މުއްދަތުގައި މީޑިއާއަށް މައުލޫމާތު ދޭންވާނީ، ހައްޖު މިށަން މެދުވެރިކޮށެވެ.

 

23 ވަނަ މާއްދާ - ހައްޖު ރިޕޯޓު ހުށަހެޅުން

(ހ) ހައްޖުގެ އަޅުކަން އަދާކޮށް ނިމިގެން އެނބުރި ދިވެހިރާއްޖެއަށް އަންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހައްޖަށް މީހުން ގެންދިޔަ ކޮންމެ ކުންފުންޏަކުން، މިނިސްޓްރީން ދޭ އޮނިގަނޑާ އެއްގޮތަށް "ހައްޖު ރިޕޯޓު" ތައްޔާރުކޮށްފައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ކޮންމެ ހައްޖު ދަތުރަކަށްފަހު، އެ ދަތުރެއްގެ ހަރަދުގެ ތަފުސީލު، 20 (ވިހި) ދުވަހުގެ ތެރޭގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޭގެ ކޮޕީ، ދަތުރު ރިޕޯޓާއެކު މިނިސްޓްރީއަށްހުށަހަޅަންވާނެއެވެ. ހަރަދު ކުރިގޮތުގެ ތަފުސީލު ބަޔާންކުރާ ފޯމު، މި އުސޫލުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާނެއެވެ.

 

24 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ލިބޭ ކޯޓާގެ ބޭރުން ދިވެހިން ހައްޖަށް ދިއުން

ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަމަޖައްސާ ކޯޓާގެ ބޭރުން ދިވެހި ރައްޔިތަކު ހައްޖުގެ އަޅުކަން އަދާކުރަން ދާނަމަ، ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ހައްޖު ވިސާ ލިބޭ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހައްޖު ވިސާ ހަމަޖެހުނު ގޮތުގެ މައުލޫމާތާއި، ސައޫދީ އަރަބިއްޔާއަށް ކުރާ ދަތުރާބެހޭ މައުލޫމާތާއި، އެ ގައުމުގައި ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތާބެހޭ ފުރިހަމަ މައުލޫމާތު މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) ވިސާ ހަމަޖެހުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމުގައި އެހީތެރިކަން ބޭނުންވެގެން، އެކަމަށް އެއްވެސް ފަރާތަކަށް ފައިސާ ދެއްކުމާ ގުޅިގެން ދިމާވާ މައްސަލަތަކުގެ ޒިންމާ އުފުލާނީ އެ ފަރާތަކުންނެވެ.

(ނ) ސައޫދީ އަރަބިއްޔާގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ އުފުލާނީ އެ ފަރާތަކުންނެވެ.

 

25 ވަނަ މާއްދާ - ސުލޫކީ މިންގަނޑު

މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ ފަރާތްތަކުން، ތިރީގައި އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

(ހ) ހައްޖަށް މީހުން ގެންދިޔުމާ ގުޅުންހުރި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެންމެހައި އުސޫލުތަކަށް ތަބާވުން.

(ށ) ހައްޖަށް މީހުން ގެންދިޔުމާ ގުޅުންހުރި ސައޫދީ އަރަބިއްޔާގެ ގާނޫނުތަކާއިގަވާއިދުތަކާއި އެންމެހައި އުސޫލުތަކަށް ތަބާވުން.

(ނ) މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިޔުމުގެ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ދޭ އިރުށާދުތަކާއި، އާންމު މަސްލަހަތަށް ޓަކައި ނިންމާ ނިންމުންތަކާއި، އިދާރީ ފިޔަވަޅުތަކަށް ތަބާވުމާއި، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެ ކަންކަމަށް އަމަލުކުރުމަށް ކުރާ އިލްތިމާސްތަކަށް ތަބާވުން.

(ރ) މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިޔުމުގައި ދިމާވާ އެއްވެސް ކަމެއްގެ ސަބަބުން، ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން، ސަރުކާރާއި މިނިސްޓްރީ ބަދުނާމުވާފަދަ ގޮތަކަށް އަމަލުނުކުރުން.

 

26 ވަނަ މާއްދާ - މި އުސޫލުގެ ދަށުން ކޮށްގެން ނުވާނެ ކަންކަން

މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ ފަރާތްތަކުން ކޮށްގެން ނުވާނެ ކަމަށް ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީން ހުއްދަ ލިބިގެން މެނުވީ، އެއްވެސް ކުންފުންޏަކުން ހައްޖަށް މީހުން ގެންދިޔުމުގެ އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެއެވެ.

(ށ) މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ކުންފުންޏަކަށް މެނުވީ، އެއްވެސް ފަރާތަކުން ހައްޖަށް ދިޔުމަށް ފައިސާ ދައްކައިގެން ނުވާނެއެވެ. އަދި އެކަން ކަށަވަރުނުކޮށް ފައިސާ ދެއްކުމަށްފަހު، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެ ކަމުގެ ޒިންމާ އުފުލާނީ އެ ފަރާތަކުންނެވެ.

(ނ) ހައްޖަށް ދިއުމަށް އެދޭ ފަރާތުން ކުންފުންޏަށް ދައްކާ ފައިސާ ޖަމާކުރާ ހާއްސަ ކަލެކްށަން އެކައުންޓަށް ހައްޖާއި އުމްރާއަށް ދިޔުމަށް ދައްކާ ފައިސާ ނޫން އެހެން ފައިސާއެއް ޖަމާކޮށްގެން ނުވާނެއެވެ.

(ރ) ހައްޖުގެ ހިދުމަތް ދިނުމުގައި ސައުދީ އަރަބިއްޔާގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ ހިލާފަށް އެއްވެސް ކުންފުންޏަކުން އަމަލުކޮށްގެން ނުވާނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ، އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ، އެ ކުންފުންޏަކުންނެވެ.

(ބ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށް ގެންދާ މީހުން ސައޫދީ އަރަބިއްޔާގެ ދާހިލީ އެއްވެސް ހަރަކާތެއްގައި ނުވަތަ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި، އެފަދަ ކަމަކަށް ވާގިދޭފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.

(ޅ) ކައިވެނި ހެޔޮވާ އަންހެނުންނާއި ފިރިހެނުން އެއް ކޮޓަރިއެއްގައި ބައިތިއްބައިގެން ނުވާނެއެވެ.

(ކ) އެއް ކޮޓަރިއެއްގައި މީހުން ބޭތިއްބުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅައިފައިވާ މިންވަރަށް ވުރެ އިތުރަށް، އެއް ކޮޓަރިއެއްގައި މީހުން ބައިތިއްބައިގެން ނުވާނެއެވެ.

(އ) ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ނުވަތަ ރާއްޖެއިން ހައްޖަށްދާ ފަރާތްތަކުން، ސައޫދީ އަރަބިއްޔާގެ ގާނޫނުތަކާއި ގަވާއިދުތައް ހުއްދަ ނުކުރާ އެއްވެސް އެއްޗެއް ސައޫދީ އަރަބިއްޔާއަށް އެތެރެކޮށްގެން ނުވާނެއެވެ.

(ވ) އުމުރުން 45) ސާޅީސްފަހެއް) އަހަރު ހަމަނުވާ އަންހެނުން މަހްރަމަކާ ނުލައި ހައްޖަށް ގެންގޮސްގެން ނުވާނެއެވެ. އަދި އުމުރުން 18) އަށާރަ) އަހަރުނުވާ ފިރިހެން ކުދިން ބެލެނިވެރިޔަކާ ނުލައި ހައްޖަށް ގެންގޮސްގެން ނުވާނެއެވެ.

(މ) ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ސިއްހީގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުޅަދާނަވެގެން ނުވާކަމަށް ކުންފުންޏަށް ފެންނަ ފަރާތެއްނަމަ، އެ ފަރާތަކަށް ހައްޖުގެ އަޅުކަން (އެހީތެރިޔަކާއެކު ނަމަވެސް) އަދާކުރެވޭނެކަމަށް ދިވެހިސަރުކާރު ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމަކާ އެކީގައި މެނުވީ ހައްޖަށް ގެންގޮސްގެން ނުވާނެއެވެ.

(ފ) ދީނީ އިރުށާދާއި ދީނީ ނަސޭހަތް ދިނުމުގައި، ދިވެހިރާއްޖޭގައި ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ދީފައިނުވާ ފަރާތެއް ލައްވައި ދީނީ ނަސޭހަތްދިނުމާއި، ދީނީ ނަސޭހަތްދިނުމުގައި އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭގޮތަށް އަމަލުކޮށްގެން ނުވާނެއެވެ.

(ދ) ހައްޖަށް ގެންދިޔުމަށް މީހުންގެ އަތުން ނަގާ ފައިސާ، ހައްޖުގެ ހިދުމަތްތައް ހަމަޖައްސައިނުދީ އެހެން ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ތ) ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ދިވެހި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ފަރާތެއް ހޯދުމަށް ނުވަތަ ވަކި އިދާރާއަކަށް ވަކި ދުވަހަކަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ފަރާތެއްނަމަ، އެ އިދާރާއެއްގެ ހުއްދަ ލިޔުމަކުން ނެތި ހައްޖުގެ އަޅުކަމަށް އެ މުއްދަތުގައި ގެންގޮސްގެން ނުވާނެއެވެ.

(ލ) އެއްވެސް ސަބަބަކާހުރެ ހައްޖަށް ނުގެންދެވޭނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތެއްގެ އަތުން ފައިސާ ނެގުމަކީ މަނާކަމެކެވެ.

(ގ) ދިވެހިރާއްޖެއިން ހައްޖަށް މީހުންގެންދާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށްދާ މީހުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ޏ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ އަދަދަށް ވުރެ އިތުރަށް ހައްޖަށް މީހުން ގެންދިޔުމާއި، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އެ އަހަރަކު ލިބޭ ކުންފުނީގެ ނިށާން ފިޔަވައި އެހެން ކުންފުންޏެއްގެ ނިށާން، ހައްޖުގެ ކަންކަމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

(ސ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޓަކައި ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ދަށުން މިނިސްޓްރީގެ ހުއްދަ ނެތި ބިދޭސީން ހައްޖަށް ގެންގޮސްގެން ނުވާނެއެވެ.

(ޑ) އެއްވެސް ކުންފުންޏަކުން، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އެ ކުންފުންޏަކަށް ދީފައިވާ ކޯޓާ، މިނިސްޓްރީގެ ހުއްދައެއް ނެތި އެހެން ކުންފުންޏަކަށް ނުވަތަ ބަޔަކަށް ދީ ނުވަތަ ވިއްކައިގެން ނުވާނެއެވެ.

(ޒ) ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯޒަލުގައިދިވެހިރާއްޖެއިން ހައްޖަށް ގެންދާ މީހުންގެ އަތުން ނެގުމަށް ހުށަހަޅައިފައިވާ އަގުގެ އިތުރުން، ލިއުމަކުން މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ހައްޖަށް ގެންދާ މީހެއްގެ އަތުން އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެއެވެ.

(ޓ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތަކާއި، ހައްޖަށް ދާ މީހުން،ހައްޖުގެ ތެރޭގައި، ހައްޖުގެ ރޫހާ ހިލާފު އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.

(ޔ) ހައްޖަށް މީހުން ގެންދާ ކުންފުންޏަކުން އަދި ހައްޖަށްދާ މީހަކު، މި އުސޫލާ ހިލާފަށް އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

 

27 ވަނަ މާއްދާ - މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުނުކޮށްފިނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) މިނިސްޓްރީއާއި ހުއްދަ ދީފައިވާ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުން.

(ށ) އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލުކުރުން ނުވަތަ ހުއްދަ ދީފައިވާ ކުންފުންޏަށާއި، ހުއްދަ ދީފައިވާ ކުންފުނީގެ ޑައިރެކްޓަރުން ހިމެނޭ އެހެން ކުންފުންޏެއް ވެސް، ހައްޖަށް މީހުން ނުގެންދެވޭ ގޮތަށް ސަސްޕެންޑް ކުރުން.

(ނ) މައްސަލައިގެ ބާވަތާއި ކުޑަބޮޑުމިނަށް ބަލައި، އެ މައްސަލައަކީ ޖިނާއީ މައްސަލައެއްނަމަ، މައްސަލަ ތަހުގީގުކޮށް ށަރީއަތަށް ފޮނުވުމަށް ޓަކައި،ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވުން. އަދި އެ މައްސަލައަކީ މަދަނީ މައްސަލައެއްނަމަ، އެޓަރނީ ޖެނަރަލްގެ އޮފީހަށް ފޮނުވުން.

 

28 ވަނަ މާއްދާ - މި އުސޫލުގެ ދަށުން އަޅާނެ ފިޔަވަޅުތައް

މި އުސޫލުގެ 27 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުންތަކާއި ދޭ މައުލޫމާތުތަކުގެ ތެރޭގައި ދޮގު މައުލޫމާތު ހިމެނޭ ލިޔުމެއް ހުށަހަޅައިފިކަން އެނގިއްޖެނަމަ، އެ ފަރާތަށް އެކަން އެންގުމާއެކު، ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯޒަލް ބާޠިލުކުރެވޭނެއެވެ. އަދި އެ ކުންފުންޏަކަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް،ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅުން، 3 (ތިނެއް) އަހަރުދުވަހަށް ސަސްޕެންޑް ކުރެވޭނެއެވެ.

(ށ) މި އުސޫލުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ، އެ ކުންފުންޏަކަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް، ކުރިޔަށް އޮންނަ 3 (ތިނެއް) އަހަރުދުވަހު ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ނ) ހައްޖަށް ދާން އެދޭ މީހުން ހައްޖަށް ގެންދިޔުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް އެއްވެސް ފައިސާއެއް ހައްޖަށް ދާން އެދި ފައިސާ ދައްކާ އެއްވެސް މީހެއްގެ އަތުން ނަގައިފިނަމަ، އަދި ހައްޖަށް ދާ މީހުންނަށް ދޭން އެއްބަސްވެފައިވާ އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގައި މަކަރާއި ހީލަތުން އެއްވެސް އަމަލެއް ހިންގައިފިނަމަ، އެ ކުންފުންޏާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ހިމެނޭ ކުންފުންޏަކަށް ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ރ) ހައްޖަށް މީހުން ގެންދިޔުމުގެ ކޯޓާ ލިބިފައިވާ ކުންފުންޏަކުން މަގުބޫލު އުޒުރަކާ ނުލައި ކޯޓާ ދޫކޮށްލައިފިނަމަ، ވިދިގެން އަންނަ 3 (ތިނެއް) އަހަރުދުވަހު ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އެ ކުންފުންޏަކަށް ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ހިމެނޭ ކުންފުންޏަކަށް ނުދެވޭނެއެވެ. އަދި މި ގޮތަށް ކޯޓާ ދޫކޮށްލުމުން ދިމާވާ މައްސަލަތަކުގެ ހުރިހާ ޒިންމާއެއް އެ ކުންފުންޏަކުން އުފުލަންވާނެއެވެ.

(ބ) މި އުސޫލުގެ 6 ވަނަ މާއްދާގެ (ފ) އާއި (ދ) އާއި (ތ) އާއި (ލ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ދިނުމަށް އެއްބަސްވާކަމުގެ ލިޔުން ހުށަހަޅައިފައިވީ ނަމަވެސް، މިނިސްޓްރީން ބަލާބެލުމުން އެއްފަރާތަކުން، އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނިތަކަށް ހިދުމަތް ދިނުމަށް އެއްބަސްވެފައިވާނަމަ، އެ ފަރާތެއްގެ ނަން ހުރިހާ ކުންފުންޏެއްގެ ޕްރޮޕޯޒަލްތަކުން އުނިކުރެވޭނެއެވެ. އަދި އެފަދަ ފަރާތްތައް ކުރިޔަށް އޮތް 2 (ދޭއް) އަހަރުދުވަހު އެއްވެސް ކުންފުންޏެއްގެ އެހީތެރިއެއްގެ ގޮތުގައި ހައްޖަށާއި އުމްރާއަށް ނުދެވޭގޮތަށް ސަސްޕެންޑް ކުރެވޭނެއެވެ. މިފަދަ ހާލަތުގައި އިތުރު ނަމެއް ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިތަކަށް ދެވޭނެއެވެ.

(ޅ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބޭ އެއްވެސް ކުންފުންޏަކުން ދިނުމަށް އެއްބަސްވާ ހިދުމަތްތަކާއި، ކޮށްދިނުމަށް އެއްބަސްވެފައިވާ ކަންކަން ކުރުމަށް ޓަކައި ކުރަންޖެހޭ ހަރަދެއް ނުވަތަ ހަރަދުތަކެއް ނުކޮށް އޮތްކަން މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ، ޕާރފޯމަންސް ގެރެންޓީން އެ ކަންކަން ހަމަޖެއްސުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

މި އުސޫލުގެ ދަށުން ށަކުވާ ހުށަހަޅާނީ، އެކަމަށް ކަނޑައަޅައިފައިވާ ހާއްސަ ފޯމުންނެވެ. މި ފޯމު، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާނެއެވެ.

 

30 ވަނަ މާއްދާ - މި އުސޫލުގައި ނުހިމެނޭ ކަމެއް މެދުވެރިވުން

މި އުސޫލުގައި ހިމެނިފައި ނުވާ ކަމެއް މެދުވެރިވެއްޖެނަމަ، ނުވަތަ ހާއްސަ ހާލަތަކާ ގުޅިގެން ވަކިގޮތަކަށް އަމަލުކުރަން ޖެހިއްޖެނަމަ، އެ ކަމެއް ނިންމާނީ މިނިސްޓްރީންނެވެ.

 

31 ވަނަ މާއްދާ - މޯލްޑިވްސް ހައްޖު ކޯޕަރޭށަން އިސްތިސްނާކުރެވޭ ކަންކަން

މި އުސޫލުގެ އަންނަނިވި މާއްދާތައް ފިޔަވައި އެނޫން މާއްދާތަކުން މޯލްޑިވްސް ހައްޖު ކޯޕަރޭށަން ލިމިޓެޑް އިސްތިސްނާވާނެއެވެ.

(ހ) މާއްދާ 10؛

(ށ) މާއްދާ 15؛

(ނ) މާއްދާ 16؛

(ރ) މާއްދާ 17؛

(ބ) މާއްދާ 21؛

(ޅ) މާއްދާ 22؛

(ކ) މާއްދާ 23؛

(އ) މާއްދާ 25؛

(ވ) މާއްދާ 26؛ މާއްދާ 26 ގެ (ރ) އާއި، (ބ)، (ޅ) އާއި، (ކ) އާއި، (އ) އާއި، (ވ) އާއި، (މ) އާއި، (ފ) އާއި، (ތ) އާއި، (ލ) އާއި، (ގ) އާއި، (ޏ) އާއި، (ސ) އާއި، (ޓ) އާއި، (ޔ)؛

(މ) މާއްދާ 29،

(ފ) މާއްދާ 30.

 

32 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ނުވަތަ އެ ލަފުޒެއް ނުވަތަ އިބާރާތެއް އޮތްގޮތުން ސީދާ އެހެން ގޮތަކަށް މާނަ ނުކުރެވޭނަމަ، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ އަންނަނިވި ގޮތަށެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެ އިރަކު ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ނ) "މޯލްޑިވްސް ހައްޖު ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ކުންފުންޏާ ބެހޭ ގާނޫނު) ގެ 95 ވަނަ މާއްދާގެ ދަށުން،"މޯލްޑިވްސް ހައްޖު ކޯޕަރޭށަން" ގެ ނަމުގައި އުފައްދައިފައިވާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވޭ ކުންފުންޏަށެވެ.

(ރ) "ކުންފުނި" ކަމަށް ބުނެފައި އެވަނީ ، ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުންޏަށް ނުވަތަ އެ ކަމަށް ހުއްދަ ދީފައިވާ ކުންފުންޏަށެވެ.

(ބ) "ޑިރެކްޓަރ/ޑިރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށެވެ.

(ޅ) "ހައްޖު މިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހި ހައްޖުވެރިންނާ ގުޅޭ އެންމެހައި ކަންކަން ސައޫދީ އަރަބިއްޔާގައި ހަމަޖެއްސުމަށް ޓަކައި މިނިސްޓްރީން އެކުލަވައިލާ އޮފިށަލުންގެ ރަސްމީ ޓީމަށެވެ.

(ކ) "ދުވަސް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ސަރުކާރުގެ ބަންދު ދުވަސްތަކާއި، ހުކުރުދުވަހާއި، ހޮނިހިރުދުވަސް ނުހިމަނައި ހަފުތާގެ މަސައްކަތު 5 (ފަހެއް) ދުވަހަށެވެ.

(އ) "ތުހުމަތު" ކަމަށް ބުނެފައި އެވަނީ، ތަހުގީގީ އިދާރާއަކުން ހިޔާނާތް/ފައިސާގެ އެއްވެސް މައްސަލައެއް ބަލަމުންދިޔުން، ނުވަތަ ށަރުއީ ކޯޓެއްގައި މައްސަލައެއް ހިނގަމުން ދިޔުމަށެވެ.

(ވ) "ހައްޖު ޕެކޭޖް" ކަމަށް ބުނެފައި އެވަނީ، ހައްޖަށް ދާ މީހުންނަށް ކުންފުނިތަކުން ދިނުމަށް އެއްބަސްވެފައިވާ ހިދުމަތްތަކަށެވެ.

(މ) "ކުއްލި ހާދިސާ" ކަމަށް ބުނެފައި އެވަނީ، އާންމު ހާލަތުގެ ބޭރުން ހިނގާ އެންމެހައި ކަންކަމަށެވެ.

 

33 ވަނަ މާއްދާ - އުސޫލަށް ބަދަލުގެނައުން

ސައުދީ އަރަބިއްޔާގެ ހައްޖާބެހޭ މުއައްސަސާތަކުން ކަނޑައަޅާ އުސޫލުތަކަށް ރިއާޔަތްކޮށްފައި ނުވަތަ ދިމާވާ މުހިންމު ސަބަބަކާ ގުޅިގެން މި އުސޫލަށް ބަދަލު ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި މާއްދާގެ ދަށުން އުސޫލަށް ބަދަލުގެންނަ ހާލަތުގައި، އެ އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިސްލާހު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

34 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން 2019 އޭޕްރިލް 15 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު" ބާޠިލުވީއެވެ.

 

 

މި އުސުލޫގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

 

މައި ގަވާއިދު/އުސޫލު

ނެތް

ކިޔުންތެރިންގެ ހިޔާލު