-

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭ އުސޫލު

(އުސޫލު ނަންބަރު 2024-23)

(މި އުސޫލަށް އަމަލުކުރަން ފެށީ 4 ޖުލައި 2024)

(މި އުސޫލުގެ 23 ވަނަ މާއްދާއިން ވަނީ އުސޫލު ނަންބަރު 2019-06 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދާނެ ގޮތް ކަނޑައަޅައި ބަޔާންކުރާ އުސޫލެކެވ.ެ

(ށ) މި އުސޫލަށް ކިޔާނީ، "ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ދަށުކޯޓުތަކުގެ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބު

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު އިންތިހާބުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރެއްގެ ގޮތުގައި ހުންނަ ދަށުކޯޓުގެ ފަނޑިޔާރުގެ ދައުރު ހަމަވުމުގެ މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން ނުވަތަ ދައުރު ހަމަވުން ނޫން އެހެން އެއްވެސް ސަބަބަކާހުރެ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރެއްގެ ގޮތުގައި ހުންނަ ދަށުކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވާތާ ގިނަވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި، މި އުސޫލުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ބާއްވާ އިންތިހާބެއްގައި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

 

3 ވަނަ މާއްދާ - އިންތިހާބު ބާއްވާނެ ގޮތް  

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބު ބާއްވާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށެވެ.

 

4 ވަނަ މާއްދާ - ވޯޓު ނަގާނެ ގޮތް

(ހ) ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލެވޭނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމެއް ބޭނުންކޮށްގެންނެވެ.

(ށ) ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރަކަށް ވޯޓު ލެވޭނީ، ކުރިމަތިލައިފައިވާ ފަނޑިޔާރުންގެ ތެރެއިން ކޮންމެވެސް އެއް ފަނޑިޔާރަކަށް، 1 (އެކެއް) ވޯޓެވެ.

(ނ) މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ވޯޓުލުމަށް ބޭނުންވާ އިރުށާދާއި ވޯޓުލުން ކުރިޔަށްދާނެ ގޮތުގެ މައުލޫމާތު، މި އުސޫލުގެ ދަށުން ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ފަނޑިޔާރުންގެ ރަޖިސްޓަރީގައި ހިމެނޭ އެންމެހައި ފަނޑިޔާރުންނަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ފޯރުކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ވޯޓު ނަގާ ތާރީހު

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް އިންތިހާބު ބާއްވާނެ ދުވަހެއް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އިއުލާނުކުރަން ވާނެއެވެ. އަދި މި ތާރީހަކީ، އިންތިހާބަށް ކުރިމަތި ލައިފައިވާ ފަނޑިޔާރުންގެ ނަން އިއުލާނުކުރާ ދުވަހުން ފެށިގެން މަދުވެގެން 5 (ފަހެއް) ދުވަހުގެ މުއްދަތު އޮންނަގޮތަށް ކަނޑައެޅޭ ތާރީހަކަށް ވާންވާނެއެވެ.

 

6 ވަނަ މާއްދާ - އިންތިހާބާބެހޭ ކޮމިޓީ

(ހ) މި އުސޫލުގެ ދަށުން ބޭއްވޭ އިންތިހާބުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ 5 (ފަހެއް) މެންބަރުންގެ މައްޗަށް ހިމެނޭ އިންތިހާބާބެހޭ ކޮމިޓީންނެވެ.

(ށ) މި އުސޫލުގެ ދަށުން ބޭއްވޭ އިންތިހާބުގެ އެންމެހައި ކަންތައްތައް ކުރިޔަށްދަނީ މި އުސޫލުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންކަން، މި މާއްދާގެ ދަށުން އެކުލަވައިލާ އިންތިހާބާބެހޭ ކޮމިޓީން ކަށަވަރުކުރަންވާނެއެވެ.

(ނ) މި އުސޫލުގެ 3 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމަކީ، އިތުބާރުހިފޭ އަދި ވޯޓުގެ ސިއްރު ހިފެހެއްޓޭނެ ވޯޓުލާ ނިޒާމެއްކަން، އިންތިހާބާބެހޭ ކޮމިޓީން ޔަގީންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރުން

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލެވޭނީ ހަމައެކަނި ދަށުކޯޓުތަކުގެ ފަނޑިޔާރުންނަށެވެ.

 

8 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ފަނޑިޔާރުންގެ ރަޖިސްޓަރީ

(ހ) މި އުސޫލުގެ ދަށުން އިންތިހާބަކަށް އިއުލާނުކުރުމަށްފަހ،ު ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓަރީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އާންމުކޮށް އިއުލާނުކޮށް، އެ ރަޖިސްޓަރީއަށް ށަކުވާ ހުށަހެޅުމަށް، މަދުވެގެން 2 (ދޭއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ށަކުވާއެއް ހުށަހަޅާ ވަގުތުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ އިންތިހާބާބެހޭ ކޮމިޓީން އެ ށަކުވާއާމެދު ގޮތެއް ނިންމައި، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓަރީއަށް އުނިއިތުރެއް ގެނެސްފައިވާ ނަމަ އެނގޭގޮތަށް، އެ ރަޖިސްޓަރީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެކަން އާންމުކޮށް އަލުން އިއުލާނުކުރަން ވާނެއެވެ.

(ރ) މި އުސޫލުގެ ދަށުން އިންތިހާބެއް ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ ކުރިން، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު މަގާމު ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ، އެ ފަނޑިޔާރެއްގެ ނަން އުނިކޮށް، އެކަން އެނގޭގޮތަށް ދަށުކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓަރ،ީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އާންމުކޮށް އިއުލާނުކުރަން ވާނެއެވެ.

(ބ) ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓަރީގައި ހިމެނޭ އެންމެހައި ފަނޑިޔާރުން ވޯޓުލުމަށް ރަޖިސްޓަރީކޮށް، ވޯޓުލުމުގައި ބައިވެރިވެވޭނެކަން މި އުސޫލުގެ ދަށުން އެކުލަވައިލާ އިންތިހާބާބެހޭ ކޮމިޓީން ކަށަވަރުކުރަން ވާނެއެވެ.

 

9 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރުން

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލެވޭނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް މިހައިތަނަށް އިންތިހާބުވެ، ޖުޑީށަލް ސަރވިސް ކޮމިށަންގެ މެންބަރުކަން ފުރައިފައިނުވާ ދަށުކޯޓުތަކުގެ ފަނޑިޔާރުންނަށެވެ.

 

10 ވަނަ މާއްދާ - އިންތިހާބުކުރަން ޖެހޭ ފަނޑިޔާރުންގެ އަދަދު

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި އިންތިހާބުކުރާނީ 1 (އެކެއް) ފަނޑިޔާރެވެ.

 

11 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުން

(ހ) ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކޮށްފައިވާ ފަނޑިޔާރުގެ 5 (ފަހެއް) އަހަރުދުވަހުގެ ދައުރު ހަމަވުމުގެ މަދުވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ކުރިން ނުވަތަ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރެއްގެ ގޮތުގައި ހުންނަ ދަށުކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އާންމުކޮށް އަންގައި އިއުލާނުކުރަން ވާނެއެވެ.

(ށ) މި ނަންބަރުގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކުރާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެއީ ކޮން އިންތިހާބެއްކަމާއި، އެ އިންތިހާބާބެހޭ އިތުރު މައުލޫމާތު؛
  2. އިންތިހާބަށް ކުރިމަތިލުމަށް ހުޅުވައިލެވޭ މުއްދަތު؛
  3. އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް؛
  4. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތީގެ ތަފުސީލު؛
  5. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި، ތަކެތި ހުށަހަޅަންޖެހޭ ތަނާއި، ތާރީހާއި، ވަގުތު؛
  6. ވޯޓު ނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، ވޯޓު ނަގައި ނިންމާ ގަޑި.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކުރާ އިއުލާނުގައި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުންނަށް އެކަމަށް އެދި ހުށަހެޅުމަށް މަދުވެގެން 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

(ހ) މި އުސޫލުގެ ދަށުން، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އިއުލާނުކުރުމުން، އެ އިއުލާނުގައި ކަނޑައަޅައި އާންމުކޮށްފައިވާ ގޮތަށް، އެ ހުށަހެޅުމެއް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތައް ފުރިހަމަތޯ މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ އިންތިހާބާބެހޭ ކޮމިޓީން ކަށަވަރުކުރަންވާނެއެވެ. އަދި ހުށަހެޅުމެއް ފުރިހަމަނުވާ ނަމަ، އެ ހުށަހެޅުން ބާތިލުކޮށް، ބާތިލުކުރި ސަބަބު، އެ ހުށަހެޅުން ހުށަހެޅި ފަނޑިޔާރަށް، އިންތިހާބާބެހޭ ކޮމިޓީން ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބާތިލުކުރި ހުށަހެޅުމެއް، އެ ހުށަހެޅުމުގައިވާ މައުލޫމާތު ފުރިހަމަކުރުމަށްފަހު އިންތިހާބަށް ކުރިމަތިލުމަށް ހުޅުވައިލައިފައިވާ މުއްދަތުގެ ތެރޭގައި އަލުން ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅެއެވެ.

 

13 ވަނަ މާއްދާ - ނަން އަނބުރާ ގެނައުން

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލައި ފައިވާ ފަނޑިޔާރަކު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެ ނަމަ، އިންތިހާބަށް ކުރިމަތިލައިފައިވާ ފަނޑިޔާރުންގެ ނަންތައް ތަރުތީބުކޮށް އިއުލާނުކުރުމުގެ ކުރިން އެ ފަނޑިޔާރެއްގެ ނަން އަނބުރާ ގެންދެވިދާނެއެވެ.

 

14 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލައިފައިވާ ފަނޑިޔާރުންގެ ނަން އިއުލާނުކުރުން

(ހ) މި އުސޫލުގެ ދަށުން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކޮށްފައިވާ އިއުލާނުގައި އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިންތިހާބަށް ކުރިމަތިލި ފަނޑިޔާރުންގެ ތަފުސީލު އެނގޭނޭގޮތަށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އާންމުކޮށް އިއުލާނުކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންތިހާބަށް ކުރުމަތިލި ފަނޑިޔާރުންގެ ނަންތައް އިއުލާނުކުރާއިރު، އިންތިހާބަށް ކުރިމަތިލި ފަނޑިޔާރުންގެ ނަންތައް ތަރުތީބުކުރާނީ، އިންތިހާބަށް ކުރިމަތިލި ފަނޑިޔާރުންގެ ތެރެއިން ށަރުތު ފުރިހަމަވާ ފަނޑިޔާރުން، އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅުން ހުށަހެޅި ތަރުތީބުންނެވެ.

 

15 ވަނަ މާއްދާ - ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ހޮވޭގޮތް

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ފަނޑިޔާރު އިންތިހާބުވާނީ، ކުރިމަތިލި ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބޭ ފަނޑިޔާރެކެވެ.

 

16 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނުކުރުން

އިންތިހާބަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމަށްފަހ،ު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިންތިހާބުގެ ރަސްމީ ނަތީޖާ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އާންމުކޮށް އިއުލާނުކުރަން ވާނެއެވެ.

 

17 ވަނަ މާއްދާ - އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހުން

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި، މެންބަރުކަމަށް ވާދަކުރި ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނީ އެއް ފަނޑިޔާރުންނަށްވުރެ ގިނަ ފަނޑިޔާރުންނަށް ކަމުގައި ވާ ނަމަ، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ފަނޑިޔާރުންގެ މެދުގައި އިތުރު ބުރެއް ބާއްވަންވާނެއެވެ. އަދި ފަނޑިޔާރަކު ހޮވެންދެން މިގޮތުގެ މަތީން ވޯޓު ނަގަމުން ގެންދާންވާނެއެވެ.

 

18 ވަނަ މާއްދާ - އެއް ފަނޑިޔާރަކު ކުރިމަތިލުން

(ހ) މި އުސޫލުގެ ދަށުން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވައިލާ މުއްދަތު ހަމަވިއިރު ކުރިމަތިލައިފައިވަނީ އެންމެ ފަނޑިޔާރަކު ކަމުގައި ވާ ނަމަ، ފަނޑިޔާރު އިންތިހާބުކުރާނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވޯޓު ދިން ފަނޑިޔާރުންގެ ތެރެއިން ވޯޓުގެ އަޣްލަބިއްޔަތު ކުރިމަތިލި ފަނޑިޔާރަކަށް ނުލިބިޖެއް ނަމަ، އެ މަގާމަށް ފަނޑިޔާރަކު ހޮވުމަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި އަލުން އިއުލާނުކޮށް، ވީ އެންމެ އަވަސް ފުރުސަތެއްގައި ފަނޑިޔާރަކު އިންތިހާބުކުރަން ވާނެއެވެ.

 

19 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން 

(ހ) މި އުސޫލުގެ ދަށުން އިންތިހާބެއް ހިނގަމުންދާއިރު، އިންތިހާބުގެ އެއްވެސް ކަމަކާ ގުޅިގެން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ށަކުވާ ހުށަހެޅޭނެ ނިޒާމެއް، މި އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ އިންތިހާބާބެހޭ ކޮމިޓީން ގާއިމުކޮށް، އެ ނިޒާމާ ގުޅޭ މައުލޫމާތު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ވެބްސައިޓުގައި އާންމުކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވާތައް ބަލައި ގޮތެއް ނިންމާނީ، އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާއެކު، 3 (ތިނެއް) މެންބަރުގެ މައްޗަށް އެކުލެވޭ ގޮތަށް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އުފައްދާ، ށަކުވާބަލާ ކޮމިޓީންނެވެ.

(ނ) އިންތިހާބުގެ ނަތީޖާއާ ގުޅޭ ށަކުވާތައް، ނަތީޖާ އިއުލާނު ކުރާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިޒާމުގެ ތެރެއިން ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ ނުވަތަ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައާމެދު ގޮތެއް ނިންމައިދިނުމަށް އެދި ކަމާބެހޭ ކޯޓަށް އެ ފަރާތަކަށް ހުށަހެޅިދާނެއެވެ.

 

20 ވަނަ މާއްދާ - މުއްދަތު ގުނުން

މި އުސޫލުގައި ބަޔާންކޮށްފައިވާ އެކިއެކި ކަންތައްތައް ކުރުމަށް ދީފައިވާ މުއްދަތުތައް ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ހިމެނޭ ގޮތުންނެވެ.

 

21 ވަނަ މާއްދާ - އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވުން

މި އުސޫލުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ދިމާވި ކަމަކާ ގުޅިގެން ގޮތެއް ނިންމާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ. އަދި އެފަދައިން ނިންމާ ނިންމުންތައް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އާންމުކުރަން ވާނެއެވެ.

 

22 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 23 ޖުލައި 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ޖުޑީށަލް ސަރވިސް ކޮމިށަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލު" އުވުނީއެވެ.

 

އުވުނު އުސޫލު

ޖުޑިށަލް ސަރވިސް ކޮމިށަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލު (އުސޫލު - 23 ޖުލައި 2019)

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު