-

ދިވެހި މީޑިއާގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-09)

(މި އުސޫލަށް އަމަލުކުރަން ފެށީ 27 މާޗް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ، ގަވާއިދު ނަންބަރު 2011-04 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު) ގެ 59 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ދިވެހި މީޑިއާގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

(ހ) މޯލްޑިވްސް މިޑިއާ ކައުންސިލަކީ ރާއްޖޭގައި ހިންގާ ހުރިހާ މީޑިއާއެއްގެ ބެލެނިވެރި ފަރާތްކަމުގައިވާތީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސްމަޖައްލާތަކުގެ ދަފުތަރު ބެލެހެއްޓުން.

(ށ) ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް މިހައިތަނަށް ބެލެހެއްޓިފައިނެތުމުގެ ސަބަބުން، މީޑިއާތަކާ ގުޅޭ އެކިއެކި މައްސަލަތަކާއި މަސައްކަތްތައް ކުރިޔަ ށްގެންދިއުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމަ ންޖެހޭ ކަންކަން ނިންމުމުގައި ކުރިމަތިވެފައިވާ ދަތި ކަންކަން ހައްލުކުރުން.

(ނ) ގަވާއިދުން ހިންގަމުންދާ މީޑިއާތަކާއި ހިންގަމުން ނުދާ މީޑިއާތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުން.

 

3 ވަނަ މާއްދާ - ދިވެހި މީޑިއާގެ ދަފުތަރު

(ހ) މި އުސޫލުގެ ދަށުން އެކުލަވައިލާ ދަފުތަރުގެ ނަމަކީ "ދިވެހި މީޑިއާގެ ދަފުތަރު" އެވެ.

(ށ) މި އުސޫލުގެ ދަށުން އެކުލަވައިލާ ދަފުތަރުގައި، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ މީޑިއާތަކުގެ އާންމު މައުލޫމާތާއި، ނެރުމަށް ކަނޑައެޅިފައިވާ ގޮތް އޮންނަންވާނެއެވެ.

(ނ) މި އުސޫލުގެ ދަށުން އެކުލަވައިލާ ދަފުތަރުގައި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ހިދުމަތް ދެމުންދާ މީޑިއާތަކާއި، ރަޖިސްޓަރީކޮށްފައިވީ ނަމަވެސް ހިންގަމުން ނުދާ މީޑިއާތައް އެނގޭނޭހެން ވަކިވަކީން ނުވަތަ އެއްކޮށް އާންމުކުރަން ވާނެއެވެ.

 

4 ވަނަ މާއްދާ - ހިންގަމުންދާ މީޑިއާއެއް ކަމުގައި ބަލާނެ މިންގަނޑު

އެ މީޑިއާއަކީ ހިންގަމުންދާ މީޑިއާއެއްކަމުގައި ދިވެހި މީޑިއާގެ ދަފުތަރުގައި ބަލާނެ މިންގަނޑަކީ، ގަވާއިދު ނަންބަރު 2018-03 (ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގެ 6 ވަނަ މާއްދާގެ ދަށުން މީޑިއާއެއް ރަޖިސްޓަރީކޮށްފައިވާ ބައިތަކު ގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުންދާ ނުވަތަ ނެރެމުންދާ މީޑިއާއަކަށް ވުމެވެ.

 

5 ވަނަ މާއްދާ - ހިންގަމުންދާ މީޑިއާއެއް ނޫންކަމުގައި ބަލާނެ މިންގަނޑު

އެ މީޑިއާއަކީ ހިންގަމުން ނުދާ މީޑިއާއެއްކަމުގައި ދިވެހި މީޑިއާގެ ދަފުތަރުގައި ބަލާނެ މިންގަނޑަކީ، ގަވާއިދު ނަންބަރު 2018-03 (ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގެ 6 ވަނަ މާއްދާގެ ދަށުން އެ މީޑިއާއެއް ރަޖިސްޓަރީކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުން ނުދާ ނުވަތަ ނެރެމުން ނުދާ މީޑިއާއަކަށް ވުމެވެ.

 

6 ވަނަ މާއްދާ - ދަފުތަރު އެކުލަވައިލުން

މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މީލާދީ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މީޑިއާގެ ދަފުތަރު އެކުލަވައިލަންވާނެއެވެ. މި ދަފުތަރު އެކުލަވައިލުމުގެ މަސައްކަތް ކުރާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުންނެވެ.

 

7 ވަނަ މާއްދާ - ދަފުތަރު ބެލެހެއްޓުން

(ހ) މި ދަފުތަރު އެކުލަވައިލުމަށްފަހު ދަފުތަރު ބަލަހައްޓާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސެކްރެޓޭރިއެޓުންނެވެ.
(ށ) މަދުވެގެން 3 (ތިނެއް) މަސްދުވަހުން އެއްފަހަރު މި ދަފުތަރު އަދާހަމަކުރަން ވާނެއެވެ.
(ނ) މި ދަފުތަރު، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ށާއިއު ކުރަންވާނެއެވެ.
(ރ) މި އުސޫލުގައި ބަޔާންކޮށްފައިވާ ދިވެހި މީޑިއާތަކުގެ ދަފުތަރުގެ ބޭނުމަށްޓަކައި، ގަވާއިދު ނަންބަރު 2018-03 (ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޫސް މަޖައްލާތައް ގަވާއިދުން ހިންގަމުންދާކަން ނުވަތަ ނޫންކަން، މޯލްޑިވްސް މީޑިއާ ކައުންސިލުން އަމިއްލަޔަށް ބަލައި، ކަށަވަރު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުންނެވެ.

 

9 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޖަލްސާއަކުން މި އުސޫލު ފާ ސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މީޑިއާ ކައުންސިލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު