ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
(އުސޫލު ނަންބަރު 2022-07)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ ޖެނެރަލަށް ލިބިދީފައިވާ އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ބޭނުންކުރުމުގައި، ޓެކްސް ގާނޫނުތަކުގެ ދަށުން އަރާ ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލުކުރާނެ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - ޖޫރިމަނާ ލުއިކޮށްދިނުމުގައި ބަލާ އާންމު މިންގަނޑު
މި އުސޫލުގެ ދަށުން ޖޫރިމަނާ ލުއިކޮށްދޭނީ، ޓެކްސް ދައްކާ ފަރާތުން އެހައިތަނަށް ހުށަހަޅަންޖެހޭ އެންމެހައި ޓެކްސް ބަޔާން ހުށަހަޅައި، ދައްކަންޖެހޭ އެންމެހައި ޓެކްސް (އިއުތިރާޒު ކޮށްފައިވާ މައްސަލައަކާ ނުވަތަ އިސްތިއުނާފު ކޮށްފައިވާ މައްސަލައަކާ ގުޅޭ ޓެކްސް ފިޔަވައި) ދެއްކުމުންނެވެ. ނުވަތަ އެ ޓެކްސް ދައްކާނެ ގޮތުގެ އެއްބަސްވުމަކަށް އައުމުންނެވެ.
3 ވަނަ މާއްދާ - ލުއިކޮށްދިނުމަށް އެދުން
ޖޫރިމަނާ ލުއިކޮށްދިނުމަށް އެދޭނީ، “ޖޫރިމަނާ މާފުކޮށްދިނުމަށް އެދުން” (910 MIRA) ފޯމު މެދުވެރިކޮށެވެ.
4 ވަނަ މާއްދާ - ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމާ ގުޅޭ ޖޫރިމަނާ
(ހ) އަހަރަކު 5 (ފަހެއް) މިލިޔަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުގެ ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމާ ގުޅޭގޮތުން އަރާ ޖޫރިމަނާ ލުއިކޮށް ދެވިދާނެއެވެ. ނަމަވެސް ތަކުރާރުކޮށް ލުއި ހޯދަމުން ގެންދާ ފަރާތްތަކަށް، އެ ފަރާތްތަކުން ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކޮށްފައިވާ މިންވަރަށް (ކޮންޕްލަޔަންސް ލެވެލްއަށް) ބަލައި، ޖޫރިމަނާއިން ބައެއް ލުއިކޮށްދިނުން ނުވަތަ
ޖޫރިމަނާ ލުއިކޮށް ނުދިނުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) އަހަރަކު 1 (އެކެއް) މިލިޔަން ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުގެ ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމާ ގުޅޭގޮތުން އަރާ ޖޫރިމަނާ އަންނަނިވި ގޮތުގެ މަތީން ލުއިކޮށްދެވިދާނެއެވެ.
- ކޮންމެ ޓެކްސް އެކައުންޓަކާ ގުޅިގެން ޖޫރިމަނާ ލުއިކޮށްދިނުމަށް އެދި ހުށަހަޅާ ފުރަތަމަ ފަހަރު، އެ ވަގުތު ވެފައިފާ ޖޫރިމަނާ ލުއިކޮށްދިނުން؛
- އަހަރަކު 5 (ފަހެއް) މިލިޔަން ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން އެއްފަހަރަށްވުރެ ގިނަ ފަހަރަށް ޖޫރިމަނާ ލުއިކޮށްދިނުމަށް އެދި ހުށަހަޅާނަމަ، އެ ޓެކްސް އެކައުންޓަކާ ގުޅިގެން ޖޫރިމަނާ ލުއިކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން ތަކުރާރުވާ ކޮންމެ ފަހަރަކު ޖޫރިމަނާ ލުއިކޮށްދޭ މިންވަރު %25 (ފަންސަވީސް އިންސައްތަ) އިން އުނިކޮށް ޖޫރިމަނާ ލުއިކޮށްދިނުން. މިގޮތުން ދެވަނަ ފަހަރު ޖޫރިމަނާގެ %75 (ހަތްދިހަ ފަހެއް އިންސައްތަ)، ތިންވަނަ ފަހަރު ޖޫރިމަނާގެ %50 (ފަންސާސް އިންސައްތަ)، ހަތަރުވަނަ ފަހަރު ޖޫރިމަނާގެ %25 (ފަންސަވީސް އިންސައްތަ) ލުއިކޮށްދިނުން. އަދި އެއަށްފަހު އެ ޓެކްސް އެކައުންޓަކާ ގުޅޭގޮތުން އިތުރަށް ޖޫރިމަނާ ލުއިކޮށް ނުދިނުން؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ޓެކްސް ދައްކާ ފަރާތަކުން މި އަކުރުގެ (2) ވަނަ ނަންބަރުގެ ދަށުން ހަތަރުވަނަ ފަހަރު ލުއިހޯދި ތާރީހުން ފެށިގެން މެދުނުކެނޑި 12 (ބާރަ) މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގައި މި އުސޫލުގެ 14 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކޮމްޕްލަޔަންސް ސްކޯރ %75 (ހަތްދިހަ ފަހެއް އިންސައްތަ) އަށްވުރެ މަތިން ހޯދައިފައިވާނަމަ، އެ ފަރާތުގެ ޖޫރިމަނާ ލުއިކޮށްދިނުން ތަކުރާރުވެފައިވާ މިންވަރު ބެލުމުގައި، އެއީ އެ ފަރާތުން ޖޫރިމަނާ ލުއިކޮށްދިނުމަށް އެދޭ ފުރަތަމަ ފަހަރުކަމަށް ބަލައި، މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ތަރުތީބުން ޖޫރިމަނާ ލުއިކޮށްދެވޭނެއެވެ.
(ނ) ޖޫރިމަނާ ލުއިކޮށްދިނުމަށް އެދޭ ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަނީ މީރާއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ ޖޫރިމަނާ ލުއިކޮށްދޭނީ، މި މާއްދާގެ (ހ) ނުވަތަ (ށ) އާއި މި އުސޫލުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ރ) 2022 ވަނަ އަހަރުގެ ތެރޭގައި ޓެކްސް އެކައުންޓަކާ ގުޅިގެން ޖޫރިމަނާ ލުއިކޮށްދެވިފައިވާނަމަ، އެއީ މި އުސޫލުގެ ދަށުން އެ ޓެކްސް އެކައުންޓަކަށް ފުރަތަމަ ފަހަރަށް ޖޫރިމަނާ ލުއިކޮށްދެވުން ކަމުގައި ބެލެވޭނެއެވެ.
(ބ) މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ބ) އާ ގުޅިގެން އަރާ ޖޫރިމަނާ މި އުސޫލުގެ ދަށުން ލުއިކޮށެއް ނުދެވޭނެއެވެ.
5 ވަނަ މާއްދާ - އިތުރަށް ދައްކަންޖެހޭ ޓެކުހާ ގުޅިގެން އަރާ ޖޫރިމަނާ
(ހ) މި އުސޫލުގެ 4 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" (ނޯޓާ) އަކާ ގުޅިގެން އިތުރަށް ދައްކަންޖެހޭ ޓެކްސް ހަމައަށް ދައްކައިފައިވާނަމަ، މި އުސޫލުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކަނޑައަޅާ އެ ފަރާތެއްގެ ކޮންޕްލަޔަންސް ސްކޯރއާއި އޮޑިޓް ކުރިޔަށް ގެންދިޔުމުގައި ޓެކްސް ދައްކާ ފަރާތުން މި އޮތޯރިޓީގެ ޓެކްސް އޮފިސަރުންނަށް އެއްބާރުލުން ދީފައިވާ މިންވަރުގެ މައްޗަށް ބަލައި އޮޑިޓަރު ދޭ ސްކޯރއަށް ރިއާޔަތްކޮށް އެ ފަރާތަކުން އެ ނޯޓާއަކާ ގުޅިގެން ދައްކަންޖެހުނު ޖޫރިމަނާއިން ބައެއް ލުއިކޮށްދިނުން ނުވަތަ ޖޫރިމަނާގެ ޖުމުލަ އަދަދު ލުއިކޮށް ނުދިނުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) ނޯޓާއަކާ ގުޅިގެން ދައްކަންޖެހޭ ޓެކްސް މީރާއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދައްކާނަމަ ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލުކުރާނީ، މި މާއްދާގެ (ހ) އާއި މި އުސޫލުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
6 ވަނަ މާއްދާ - ލަހުން ރަޖިސްޓަރީކުރުމާ ގުޅިގެން އަރާ ޖޫރިމަނާ
(ހ) މި އުސޫލުގެ 4 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަގްބޫލު އުޒުރަކާހުރެ، ކަނޑައެޅިފައިވާ ތާރީހަށްވުރެ ފަހުން ރަޖިސްޓަރީކުރުމާ ގުޅިގެން އަރާ ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ. މިގޮތުން ޖޫރިމަނާ ލުއިކޮށްދެވޭނީ މަގްބޫލު އުޒުރެއް މެދުވެރިވެފައިވާކަން އަންގައިދޭ އެންމެހައި ލިޔުންތައް ހުށަހެޅުމުން ނުވަތަ ސަބަބު،ޓެކްސް ދައްކާ ފަރާތުން ސާފުކޮށް ބަޔާންކޮށް ދިނުމުންނެވެ. ނަމަވެސް މީރާއިން ވަކި މުއްދަތެއްގެ ތެރޭގައި ރަޖިސްޓަރީކުރުމަށް އަންގައިފައިވާ ފަރާތަކުން އެ މުއްދަތުގައި ރަޖިސްޓަރީކޮށްފައި ނުވާނަމަ، އެ ފަރާތް ލަހުން ރަޖިސްޓަރީކުރުމާ ގުޅިގެން އަރާ ޖޫރިމަނާ ލުއިކޮށް ނުދިނުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހަށް ރަޖިސްޓަރީ ކުރެވިފައިވަނީ ރަނގަޅުނޫން ދާއިރާއަށް ކަމަށް ވެފައި، ރަނގަޅު ދާއިރާއަށް ރަޖިސްޓަރީ ކުރުމަށްފަހުހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް، ކުރިން ރަޖިސްޓަރީކޮށްފައިވާ ދާއިރާގައި ހުށަހަޅައިގެން ޓެކްސް ދައްކައިފައިވާނަމަ، ރަނގަޅު ދާއިރާއަށް ބަޔާން ހުށަނޭޅުމުން އަދި ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި، ރަޖިސްޓަރީކުރަން ލާޒިމުވާ ތާރީހުން ފެށިގެން ރަޖިސްޓަރީކުރަން ހުށަހެޅި ތާރީހު ނުވަތަ މި އޮތޯރިޓީން ރަޖިސްޓަރީކުރަން އެންގި ތާރީހާ ހަމައަށް ހިނގައިފައިވާ މުއްދަތުތަކާ ގުޅޭ ބަޔާން ހުށަހަޅައިފައި ނުވާތީއާއި ޓެކްސް ދައްކައިފައި ނުވާތީ އަރައިފައިވާ ޖޫރިމަނާ، އެ މުއްދަތުތަކުގެ ބަޔާންތައް ހުށަހަޅައި ޓެކްސް ދެއްކުމުން ލުއިކޮށް ދެވިދާނެއެވެ. ނުވަތަ މީރާއާއެކު އެ ޓެކްސް ދައްކާނެ ގޮތުގެ އެއްބަސްވުމަކަށް އައިސްފައިވާނަމަ، އެ ޓެކްސް ލަހުން ދެއްކުމުން އަރައިފައިވާ ޖޫރިމަނާ، މި އުސޫލުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ލުއިކޮށްދެވިދާނެއެވެ.
7 ވަނަ މާއްދާ - ތަހުގީ ގު ކުރެވޭ މައްސަލަތަކާ ގުޅިގެން އަރާ ޖޫރިމަނާ
މި އޮތޯރިޓީން ކުރާ ޖިނާއީ ތަހު ގީގެއްގައި ޓެކްސް ދައްކާ ފަރާތާ ދެކޮޅަށް ޖިނާއީ ދައުވާ ނުކުރަން ނިންމައި ނުވަތަ ޖިނާއީ ތަހުގީގެއް އިތުރަށް ކުރިޔަށް ނުގެންދަން ނިންމައި، ހަމައެކަނި އޮޑިޓެއްކޮށް އިތުރަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ކަނޑައަޅާ ހާލަތުގައި ޖޫރިމަނާއަށް ލުއިދިނުމުގައި އަމަލުކުރާނީ، މި އުސޫލުގެ 5 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ތަހުގީގު ކުރަމުންދާ ހާލަތުގައި ވެސް ޓެކްސް ދައްކާ ފަރާތުން ލުއިކުރުމަށް އެދޭ ޖޫރިމަނާއާ ތަހުގީގު ކުރެވެމުންދާ މުއްދަތާ ގުޅުމެއް ނުވާނަމަ، އެ ޖޫރިމަނާއެއް، މި އުސޫލުގެ އެހެން މާއްދާތަކާ ތައާރުޒުނުވާނޭ ގޮތުގެ މަތީން ލުއިކޮށްދެވިދާނެއެވެ.
8 ވަނަ މާއްދާ - އިއުތިރާޒު ނުވަތަ އިސްތި އުނާފުކުރާ މައްސަލަތަކާ ގުޅޭ ޖޫރިމަނާ
އިއުތިރާޒު ނުވަތަ އިސްތިއުނާފު ކޮށްފައިވާ މައްސަލަތަކުގައި، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައެޅުމުން، މި އުސޫލުގެ 5 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ.
9 ވަނަ މާއްދާ - އުވަ އިލާ ކުންފުނިތަކުގެ ޖޫރިމަނާ
ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅަ އިގެން ކުންފުނި އުވައިލާ ހާލަތުގައި، އެ ކުންފުނިން ޓެކުހާ ގުޅިގެން ދައްކަންޖެހިފައިވާ ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ.
10 ވަނަ މާއްދާ - އިސްޓޯލްމަންޓަށް އެދޭ ފަރާތްތަކުގެ ޖޫރިމަނާ
"އިންސްޓޯލްމަންޓް ޕްލޭން" (ބަހައިލައިގެން ޓެކްސް ދެއްކުމުގެ އެއްބަސްވުން) އަކަށް އެދިފައިވާ ހާލަތްތަކުގައި ލުއިކޮށްދެވޭނީ، އެ އިންސްޓޯލްމަންޓް ޕްލޭން ހަމަޖެއްސުމަށް ޓަކައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓް ދައްކަން އެންގި ދުވަހުގެ ނިޔަލަށް އަރައިފައިވާ ޖޫރިމަނާއެވެ.
11 ވަނަ މާއްދާ - އިސްތިސްނާ ހާލަތުތައް
މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތުތަކާ ގުޅިގެން ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޖޫރިމަނާ، އެ މާއްދާގައި ބަޔާންކޮށްފައިވާ ކޮމްޕްލަޔަންސް ލެވެލްއަށާއި ޖޫރިމަނާއަށް ލުއިހޯދުން ތަކުރާރުވާ މިންވަރަށް ރިއާޔަތްކުރުމަކާ ނުލައި ލުއިކޮށްދެވިދާނެއެވެ.
(ހ) ޓެކްސް ދައްކާ ފަރާތަކުން ފުރަތަމަ ހުށަހަޅާ ޓެކްސް ބަޔާން ނުވަތަ ބަޔާންތައް ހުށަނޭޅުމުން އަރާ ޖޫރިމަނާއާއި އެ ބަޔާން ނުވަތަ އެ ބަޔާންތަކާ ގުޅިގެން ދައްކަންޖެހޭ ޓެކްސް ދައްކައިފައި ނުވުމުން އަރާ ޖޫރިމަނާ، އެ ބަޔާން ނުވަތަ އެ ބަޔާންތައް ހުށަހަޅަންޖެހޭކަން މި އޮތޯރިޓީން އަންގާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅައިފައިވާނަމަ، ނުވަތަ މި އޮތޯރިޓީން އެންގުމަކާއި ނުލައި އެ ބަޔާންތަކުގެ ތެރެއިން ފުރަތަމަ ހުށަހަޅަންޖެހޭ ބަޔާން ހުށަހަޅަންޖެހުނު ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ހުށަހަޅައިފައިވާނަމަ، އަދި ޓެކްސްދައްކައިފައިވާނަމަ، ނުވަތަ މީރާއާއެކު ޓެކްސް ދައްކާނެ ގޮތުގެ އެއްބަސްވުމަކަށް އައިސްފައިވާނަމަ، ބަޔާން ހުށަނޭޅުމުން ނުވަތަ ޓެކްސް ނުދެއްކުމުން އަރާ ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ.
(ށ) ޓެކްސް ދައްކާ ފަރާތަކުން އަމިއްލައަށް އިސްލާހުކުރުމަށްފަހު ހުށަހަޅާ ބަޔާނަކާ ގުޅިގެން އިތުރަށް ދައްކަންޖެހޭ ޓެކްސް ދައްކައިފައިވާނަމަ، އެ ޓެކްސް ލަހުން ދެއްކުމުން އަރައިފައިވާ ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ. ނުވަތަ މީރާއާއެކު އެ ޓެކްސް ދައްކާނެ ގޮތުގެ އެއްބަސްވުމަކަށް އައިސްފައިވާނަމަ، އެ ޓެކްސް ލަހުން ދެއްކުމުން ވެފައިވާ ޖޫރިމަނާ، މި އުސޫލުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ލުއިކޮށްދެވިދާނެއެވެ. ނަމަވެސް މި މާއްދާގެ ދަށުން ތަކުރާރުކޮށް ލުއި ހޯދަމުން ގެންދާ ފަރާތްތަކަށް، އެ ފަރާތްތަކުން ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކޮށްފައިވާ މިންވަރަށް (ކޮންޕްލަޔަންސް ލެވެލްއަށް) ބަލައި، ޖޫރިމަނާއިން ބައެއް ލުއިކޮށްދިނުން ނުވަތަ ޖޫރިމަނާ ލުއިކޮށްނުދިނުމުގެ އިހްތިޔާރު ، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ނ) ވިޔަފާރިކުރަމުން ގެންދިޔަ ފަރާތެއް ނިޔާވެއްޖެނަމަ، އެ ފަރާތް ނިޔާވި ދުވަހުން ފެށިގެން ށަރުއީ ކޯޓަކުން އެ ފަރާތުގެ ޓެކުހުގެ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅުމުގެ ނިޔަލަށް އަރާ ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ.
(ރ) މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާ ނުލިބި އޮތުމުގެ ސަބަބުން ޓެކްސް ދައްކައިފައި ނުވާނަމަ، މިގޮތުން ނުދެއްކިވާ ޓެކުހާ ގުޅިގެން އަރައިފައިވާ ޖޫރިމަނާ، ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާ މީރާއަށް ލިބުމުން ލުއިކޮށްދެވިދާނެއެވެ. މި މާއްދާގެ ދަށުން ލުއި ހޯދުމަށް އެދޭއިރު، ނުލިބި ހުރި ފައިސާގެ ތަފުސީލާއި، ނުދެއްކި ހުރި ޓެކުހާއި، ދައުލަތުން ނުލިބި ހުރި ފައިސާއާ ހުރި ގުޅުން އަންގައިދޭ ލިޔެކިޔުންތައް ޓެކްސް ދައްކާ ފަރާތުން ހުށަހަޅަންވާނެއެވެ.
(ބ) ދައުލަތުގެ އިދާރާއަކުން ޓެކްސް ދެއްކުމުގެ ޒިންމާ އަދާކުރާ ގޮތަށް އެއްބަސްވެގެން ހިންގާ މަށްރޫއުތަކާ ގުޅިގެން ދައްކަންޖެހޭ ޓެކްސް ސުންގަޑިއަށް ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ.
(ޅ) ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުން ޓެކްސް ބަޔާން ހުށަނޭޅުމުން އަރާ ޖޫރިމަނާއާއި ޓެކްސް ނުދެއްކުމުން އަރާ ޖޫރިމަނާ ލުއިކޮށްދެވިދާނެއެވެ.
12 ވަނަ މާއްދާ - ތަކުރާރުކޮށް ލުއި ހޯދުމަށް އެދުން
މި އުސޫލުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ގާނޫނުތަކުގައި ކަނޑައަޅައިފައިވާ މަގުސަދު ހާސިލުނުވާނެ ގޮތަކަށް މި އުސޫލުގެ ދަށުން އެއްވެސް ފަރާތަކުން ތަކުރާރުކޮށް ލުއި ހޯދަމުން ގެންދާ ކަމަށް ފާހަގަ ކުރެވޭނަމަ، ޖޫރިމަނާ ލުއިކޮށް ނުދިނުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - ކޯޓުން ހުކުމް ކޮށްފައިވާ މައްސަލަތަކާ ގުޅޭ ޖޫރިމަނާ
ޓެކްސް ދައްކާ ފަރާތަކުން ނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން މީރާއިން ދައުވާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ކޯޓުން ހުކުމެއް ކޮށްފައިވާ ހާ ލަތުގައި ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހޭނެ ކަމަށް އެ ހުކުމުގައި ކަނޑައަޅައިފައިވާ ޓެކުހާ ގުޅޭގޮތުން އަރައިފައިވާ ޖޫރިމަނާ ލުއިކޮށްދޭނީ، ޖޫރިމަނާގެ އަދަދު އެ ހުކުމުގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ އަދަދުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރުވާނަމައެވެ. މިގޮތުން އިތުރުވާ އަދަދު ނުވަތަ އެ އަދަދުގެ ބައެއް ލުއިކޮށްދިނުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރެލަށް ލިބިގެންވެއެވެ. އަދި ޖޫރިމަނާ ލުއިކޮށްދޭނީ، ދައްކަންޖެހިފައިވާ ޓެކުހާއި ޖޫރިމަނާގެ ތެރެއިން ލުއިކޮށްނުދޭ އަދަދު ދައްކައި ހަލާސްކުރުމުންނެވެ.
14 ވަނަ މާއްދާ - ކޮންޕްލަޔަންސް ލެވެލް ކަނޑައެޅުން
މި އުސޫލުގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކޮށްފައިވާ މިންވަރު (ކޮންޕްލަޔަންސް ލެވެލް) ކަނޑައަޅާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށެވެ.
(ހ) އެ ފަރާތުން ޓެކްސް ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ރަޖިސްޓްރޭށަންތައް،ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަ ކޮށްފައިވާ މިންވަރު.
(ށ) އެ ފަރާތަކުން ހުށަހަޅަންޖެހޭ ހުރިހާ ޓެކްސް ބަޔާންތަކެއް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅައިފައިވާ މިންވަރު.
(ނ) އެ ފަރާތަކުން ދައްކަންޖެހޭ ހުރިހާ ޓެކުހެއް ކަނޑައެޅިފައިވާ މުއްދަތުގައި ދައްކައިފައިވާ މިންވަރު.
(ރ) ޓެކްސް ދައްކާ ފަރާތުގެ ހިސާބުތައް މި އޮތޯރިޓީން އޮޑިޓްކޮށްފައިވާ މިންވަރާއިއިތުރަށް ދައްކަންޖެހޭކަމަށް ކަނޑައަޅައިފައިވާ ފައިސާގެ އަދަދު.
(ބ) ޓެކްސް ގާނޫނުތަކުން ޓެކްސް ދައްކާ ފަރާތަށް ލާޒިމުކޮށްފައިވާ ކަންކަން ފުރިހަމަ ކުރަމުންދާ މިންވަރު.
15 ވަނަ މާއްދާ - ތަންފީޒުކުރުން
(ހ) މި އުސޫލުގެ ދަށުން ޖޫރިމަނާ ލުއިކޮށްދޭނީ، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ޖޫރިމަނާ ލުއިކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ.
(ށ) މި އުސޫލުގެ ދަށުން ޖޫރިމަނާ ލުއިކޮށްދޭނީ، "ފައިން ރިލީފް" ކޮމިޓީގެ މެންބަރުންގެ މަށްވަރާއާއެކު ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ނ) "ފައިން ރިލީފް ކޮމިޓީ" އަކީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާ ލުއިކޮށްދިނުމުގައި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށް ލިބިގެންވާ އިހްތިޔާރު ބޭނުންކުރުމުގެ ގޮތުން އެފަދަ ހުށަހެޅުންތައް ބަލައި ކޮމިށަނަރ ޖެނެރަލަށް ލަފާ ދިނުމަށް ޓަކައި،ކޮމިށަނަރ ޖެނެރަލް އައްޔަނުކުރާ މި އޮތޯރިޓީގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.
(ރ) މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުގެ މާލީ ހާލަތާއި ކޮމްޕްލަޔަންސް ހިސްޓްރީއާއި ވަގުތާ ހާލަތަށް ރިއާޔަތްކޮށް، ޖޫރިމަނާއިން ބައެއް ނުވަތަ ޖޫރިމަނާ އެއްކޮށް ލުއިކޮށްދިނުމުގެ އިހްތިޔާރު،ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ބ) މި އުސޫލުގެ ތަރަހައިގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމަކާ ގުޅިގެން ގޮތެއް ނިންމާނީ ކޮމިށަނަރ ޖެނެރަލެވެ.
16 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، 1 އެޕްރީލް 2022 އިން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު