-

ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް  .... މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ  މިންގަނޑުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2021-10-25)

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 1 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) މި އުސޫލު ހިންގާނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީންނެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ ކަންކަން 2.

މި އުސޫލުގެ ދަށުން ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިރީގައިވާ ކަންކަމުގެ މައްޗަށް ބެލޭނެއެވެ.

(ހ) ޖިންސީ ކުށެއްގެ ށިކާރައަކަށް ވީ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ކުޑަބޮޑުމިން.

(ށ) ޖިންސީ ކުށުގެ ށިކާރައަކަށް ވީ މީހާ މިހާރު ހުރި ހާލަތު.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަނިޔާތަކުގެ ކުޑަބޮޑުމިނާއި، އަނިޔާގެ ށިކާރަޔަކަށްވާ މީހާ ހުރި ހާލަތު ދެނެގަތުމަށްޓަކައި ސައިކޮލިޖަލް އެސެސްމަންޓެއް ހަދަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ) މި އުސޫލުގެ ދަށުން ދެވޭ ކައުންސެލިންގގެ ހިދުމަތް ބޭނުންވާކަން ފާހަގަވާ ހަމަ ކޮންމެ މުއައްސަސާއަކުން ވެސް އޮތޯރިޓީއަށް މި ހިދުމަތް ފޯރުކޮށްދިނުން އެދި ހުށަހެޅޭނެއެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެހެނިހެން ކަންކަން

(ހ) މި އުސޫލުގެ ދަށުން ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ، ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ ދަށުން ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން، ނަފްސާނީ އެހީތެރިކަން ބޭނުންވާ އެންމެހައި ފަރާތްތަކަށް ދެވޭ ހިދުމަތެއްގެ ގޮތުގައެވެ.

(ށ) ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހެއްކަމަށް ކަނޑައަޅާނީ އޮތޯރިޓީން ކަނޑައަޅާ މަރުކަޒަކުން އެސެސްމަންޓެއް ހެދުމަށް ފަހުގައެވެ. އޮތޯރިޓީން ކަނޑައަޅާ މަރުކަޒަކީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭކަމަށް ރަޖިސްޓަރީ ކުރެވިފައިވާ މަރުކަޒަކަށް ވާންވާނެއެވެ.

(ނ) އެސެސްމަންޓް ހެދުމަށްފަހު، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތެއްކަމަށް ކަނޑައެޅުމާއެކު، ހިދުމަތަށް އެދުނު ފަރާތަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ މަރުކަޒަށް އޮތޯރިޓީގެ ފަރާތުން ރިފަރ ކުރެވޭނެއެވެ. އަދި މި ހިދުމަތް ދޭން ފެށޭނެއެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ ޖަދުވަލު 1 އުނިކުރުން.

 

6 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ށާއިއުކުރާ ތާރހުން ފެށިގެންނެވެ. 

 

މައި އުސޫލު

ޖިންސީ ކުށުގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ ދަށުން މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލު (އުސޫލު: 8 ފެބްރުއަރީ 2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު