-

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-17)

 

އެއްވަނަ ބައި – ތައާރަފާއި މަގްސަދު

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ފަރުދީގޮތުން މަސައްކަތްކުރަން ބޭނުންވާ ގާނޫނީ ވަކީލުންނަށާއި، ގާނޫނީ ވަކީލުން ގުޅިގެން ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމުގެ މަސައްކަތްކުރާ ފަރާތްތައް ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ދަފުތަރުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 65 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދު މަގްސަދަކީ، ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް، ބާ ކައުންސިލުގައި ދަފުތަރުކުރުމުގެ ކަންކަން އިންތިޒާމުކުރުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

 

ދެވަނަ ބައި – ލޯ ފަރމް

 

3 ވަނަ މާއްދާ - ލޯ ފަރމް

(ހ) ގާނޫނީ ވަކީލުންގެ ތެރެއިން 2 (ދޭއް) މީހަކު، ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ގުޅިގެން ގާނޫނީ ހިދުމަތް ދޭން އެދޭނަމަ، އެފަދަ ހިދުމަތްތައް ދޭންވާނީ އެ ގާނޫނީ ވަކީލުން އުފައްދާ ޕާޓްނަރށިޕަކުންނެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕްތަކުގެ %80 (އަށްޑިހަ އިންސައްތަ) ހިއްސާ މިލްކުވާންވާނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށެވެ.

(ނ) ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ލޯ ފަރމްތަކުގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހަޅަންވާނީ، ބާ ކައުންސިލުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ރ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދަފުތަރު ކުރުމަށް ހުށަހަޅާ ލޯ ފަރމްތަކުގެ ށަރުތުތައް ފުރިހަމަވާނަމަ، ދަފުތަރުކުރުމަށް ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ގާނޫނީ ހިދުމަތް ދިނުމަށް ހުއްދަ ލިބިފައިވާ ލޯ ފަރމްތަކުގެ ދަފުތަރުގައި، އެ ލޯ ފަރމް ހިމަނައި އެ ފޯމް ހުށަހެޅި ފަރާތަކަށް އެކަން އަންގަންވާނެއެވެ. އަދި އެ ފަރާތެއްގެ ށަރުތު ފުރިހަމަ ނުވާނަމަ، ސަބަބު ބަޔާންކޮށް އެކަންވެސް 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ – ށަރުތުތައް

ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ލޯ ފަރމްތަކުގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ހުށަހަޅާ ލޯ ފަރމްތައް ދަފުތަރުގައި ހިމަނައިދެވޭނީ، އެ ލޯ ފަރމްތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) ދައުލަތުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށްވުން؛

(ށ) ޕާޓްނަރށިޕްގެ ހިއްސާގެ ތެރެއިން %80 (އަށްޑިހަ އިންސައްތަ) ހިއްސާއަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށް މިލްކުވެގެންވާ ހިއްސާތަކަކަށްވުން.

 

ތިންވަނަ ބައި – ލީގަލް ޕްރެކްޓިސް

 

5 ވަނަ މާއްދާ - ލީގަލް ޕްރެކްޓިސް

(ހ) ގާނޫނީ ވަކީލަކު މަސައްކަތްކުރަން އެދެނީ ފަރުދީގޮތުން ކަމަށް ވާނަމަ، އެ ފަރާތަކުން އެކަން ކުރަންވާނީ، ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްގެންނެވެ.

(ށ) ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހަޅަންވާނީ، ބާ ކައުންސިލުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ނ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދަފުތަރުކުރުމަށް ހުށަހަޅާ ލީގަލް ޕްރެކްޓިސްތަކުގެ ށަރުތުތައް ފުރިހަމަވާނަމަ، ދަފުތަރުކުރުމަށް ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ހުއްދަ ލިބިފައިވާ ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި އެ ލީގަލް ޕްރެކްޓިސް ހިމަނައިފައި، އެ ފޯމު ހުށަހެޅި ފަރާތަކަށް އެކަން އަންގަންވާނެއެވެ. އަދި އެ ފަރާތެއްގެ ށަރުތު ފުރިހަމަ ނުވާނަމަ، ސަބަބު ބަޔާންކޮށް އެކަންވެސް 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ލީގަލް ޕްރެކްޓިސްތަކުގެ ށަރުތުތައް

ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ހުށަހަޅާ ލީގަލް ޕްރެކްޓިސްއަކީ ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ވިޔަފާރިއަކަށްވާނަމަ، އެ ލީގަލް ޕްރެކްޓިސް، ބާ ކައުންސިލުގައި ދަފުތަރު ކޮށްދޭން ވާނެއެވެ.

 

ހަތަރުވަނަ ބައި – ދަފުތަރުކުރުން، ފިޔަވަޅު އެޅުން

 

7 ވަނަ މާއްދާ - ހިންގަމުންދާ ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސްތައް ދަފުތަރުކުރުން

ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ހުރިހާ ލޯ ފަރމްތަކާއި، ލީގަލް ޕްރެކްޓިސްތައް، 15 ޖޫން 2020 ގެ ކުރިން، ބާ ކައުންސިލުގައި ދަފުތަރު ކުރުމަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ބަދަލުވުން

(ހ) ގާނޫނީ ހިދުމަތް ދިނުމަށްޓަކައި އުފައްދާ ކޮންމެ ޕާޓްނަރށިޕެއް، ބާ ކައުންސިލުގައި ދަފުތަރު ކުރުމަށް ހުށަހަޅާއިރު، އެއިން ކޮންމެ ޕާޓްނަރށިޕެއްގައި ހިމެނޭ ޕާޓްނަރުންގެ މައުލޫމާތު އެނގޭނެ ކޯޕަރޭޓް ޕްރޮފައިލެއް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ލޯ ފަރމްއެއްގެ ނުވަތަ ލީގަލް ޕްރެކްޓިސެއްގެ އަންނަނިވި މައުލޫމާތަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް ގެނެވޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ބާ ކައުންސިލަށް އެކަން އަންގަންވާނެއެވެ. އަދި ބާ ކައުންސިލުގެ ދަފުތަރުގައިވާ މައުލޫމާތު، އެ ގެނެވުނު ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާހު ކުރަން ވާނެއެވެ.

  1. ލޯ ފަރމްއެއް ނަމަ، ޕާޓްނަރުންގެ މައުލޫމާތު؛
  2. ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛
  3. ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސްގެ އޮފީސް ހިންގާ އެޑްރެސް؛
  4. ޓެލެފޯނު ނަންބަރު (ތައް)؛
  5. އީމެއިލް އެޑްރެސް؛
  6. ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ހަވަނަ ބާބުގެ ދަށުން، ޖެނެރަލް ޕާޓްނަރށިޕެއް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކަށް ބަދަލުވެއްޖެނަމަ، ނުވަތަ ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް ޖެނެރަލް ޕާޓްނަރށިޕަކަށް ބަދަލުވެއްޖެނަމަ، އެކަން.

 

9 ވަނަ މާއްދާ - ދޮގު މައުލޫމާތު ދިނުން، ނުވަތަ މައުލޫމާތު ހާމަނުކުރުން

މި ގަވާއިދުގެ ދަށުން ދަފުތަރުކޮށްދީފައިވާ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަމަށް ބާ ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ފަރާތަކުން އެފަދަ ކަމެއް، ބާ ކައުންސިލަށް ހުށަހަޅައިފިނަމަ، އެ ކަމަކަށް ފިޔަވަޅު އެޅުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

  1. ދަފުތަރުގައި ހިމަނައިދިނުމަށް އެދި ހުށަހެޅި ލިޔެކިޔުންތަކާއި، ފޯރުކޮށްދީފައިވާ މައުލޫމާތުގެ ތެރޭގައި އެއްވެސް ދޮގު މައުލޫމާތެއް ނުވަތަ ސައްހަނޫން ލިޔުމެއް ހިމެނޭކަން؛
  2. ހާމަކުރަންޖެހޭ މައުލޫމާތެއް ގަސްތުގައި ހާމަނުކޮށް ފޮރުވައިފައިވާކަން.

 

ފަސްވަނަ ބައި – އެހެނިހެން

10 ވަނަ މާއްދާ – މުރާޖައާކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މި ގަވާއިދު މުރާޖައާކުރަންވާނެއެވެ. އަދި އެއަށްފަހު ގިނަވެގެން ކޮންމެ 3 (ތިނެއް) އަހަރުދުވަހެއްގެ ތެރޭގައި އިތުރަށް މުރާޖައާކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-17)

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު