ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-17) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-16)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ޖަނަވަރީ 2023 ގައި)
ގަވާއިދު ނަންބަރު 2020-17 (ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތައް އިތުރުކުރުން.
ފީ ނެގުން 7.1.
(ހ) ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސްތައް ދަފުތަރުކުރުމަށް އަދި އަހަރީ ފީގެ ގޮތުގައި ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށް ފައިވާ ގޮތުގެމަތިން ފީއެއް ނެގޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ހިދުމަތަކަށް ކަނޑައެޅިފައިވާ ފީ، ބާ ކައުންސިލަށް ދެއްކުމުންނެވެ.
(ނ) ބާ ކައުންސިލުން އާންމުކޮށްފައިވާ ގަވާއިދެއްގެ ދަށުން ބާ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކައިވާ ފަރާތަކަށް، މި ގަވާއިދުގެ ދަށުން އިތުރު އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.
އަހަރީ ފީ ދެއްކުން 7.2
(ހ) މި ގަވާއިދުގެ ދަށުން ދަފުތަރުކޮށްފައިވާ ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސްތަކުގެ ތެރެއިން ފާއިތުވި އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި ހިމެނިފައިވާނަމަ، ފެށޭ އަހަރުގެ ޖަނަވަރީމަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބާ ކައުންސިލަށް ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ފީ އެ އަހަރެއްގެ ޖަނަވަރީމަސް ނިމުމުގެ ކުރިން ނުދައްކައިފިނަމަ، އެ ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް ބާ ކައުންސިލުގެ ދަފްތަރުން އުނިކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އަހަރީ ފީ ނުދައްކާ ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސްތަކުގެ މަސްއޫލުވެރިން ނުވަތަ ޕާޓްނަރުންނަށް ބާ ކައުންސިލުން އާންމުކޮށްފައިވާ ގަވާއިދުތަކުގެ ދަށުން އެއްވެސް އިތުރު ހިދުމަތެއް ނުދެވޭނެއެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-17)
ކޮންސޮލިޑޭޓެޑް ގަވާއިދު
ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-17)
ކިޔުންތެރިންގެ ހިޔާލު