-

ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1089)

1 ވަނަ މާއްދާ - ތައާރަފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިގެން، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ހާޒިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ގާނޫނީ ވަކީލުން ދަރަޖަކޮށް، އެ ދަރަޖަތަކުގެ ފެންވަރާއި ށަރުތުތައް ކަނޑައެޅުމަށްޓަކައި އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

 (ށ) މި ގަވާއިދަށް ކިޔާނީ، "ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު" އެވެ.

 

އެއްވަނަ ބާބު

ދަރަޖަކުރުމާ ގުޅޭ ކޮމިޓީ އެކުލަވައިލުން
 

2 ވަނަ މާއްދާ - ދަރަޖަކުރުމާ ގުޅޭ ކޮމިޓީ

(ހ) މި ގަވާއިދުގެ ދަށުން، ދިވެހިރާއްޖޭގެ ތަފާތު މަރުހަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ގާނޫނީ ވަކީލުން ދަރަޖަ ކުރުމުގެ މަސައްކަތް ކުރުމަށް ވަކިން ޚާއްސަ ކޮމިޓީއެއް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަރަޖަކުރުމާ ގުޅޭ ކޮމިޓީ އެކުލެވިގެންވާނީ،  ބާ ކައުންސިލުގެ މެންބަރުންގެ ތެރޭގައި ހިމެނޭ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ. ދަރަޖަކުރުމާ ގުޅޭ ކޮމިޓީއަށް މެންބަރުން ޢައްޔަނު ކުރާނީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

 

3 ވަނަ މާއްދާ - ދަރަޖަކުރުމާ ގުޅޭ ކޮމިޓީގެ މަސްއޫލިއްޔަތުތައް

(ހ) ދަރަޖަކުރުމާ ގުޅޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ތަފާތު މަރުހަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ގާނޫނީ ވަކީލުން ދަރަޖަ ކުރުމެވެ.

(ށ) ދަރަޖަކުރުމާ ގުޅޭ ކޮމިޓީން މަސައްކަތް ކުރަން ޖެހޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ބަދަލު ގެނައުމުގެ އިހްތިޔާރެއް، ދަރަޖަކުރުމާ ގުޅޭ ކޮމިޓީއަށް ލިބިގެނެއް ނުވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހުއްދަޔަށް އެދި ހުށަހަޅާ ފަރާތަކަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ދަރަޖަކުރުމާ ގުޅޭ ކޮމިޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އެ ކަމެއް ހުށަހެޅުމުގެ ފުރުސަތު އެ ފަރާތަކަށް ލިބިގެންވެއެވެ. މިގޮތުން ހުށަހެޅޭ މައްސަލަތަކުގައި، މި ގަވާއިދުގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދަރަޖަކުރުމާ ގުޅޭ ކޮމިޓީގެ ނިންމުމަށް ބަދަލު ގެނައުމުގެ ބާރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

 

ދެވަނަ ބާބު

ގާނޫނީ ވަކީލުން ބެހިގެންވާ ދަރަޖަތަކާއި ދަރަޖަކުރެވޭ ވަކީލުންގެ ދަފުތަރު
 

4 ވަނަ މާއްދާ - ގާނޫނީ ވަކީލުންގެ ދަރަޖަތައް

މި ގަވާއިދުގެ ބޭނުމަށްޓަކައި ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން ދަރަޖަ ކުރެވިގެންދާނީ އަންނަނިވި ދަރަޖަތަކުގެ މައްޗަށެވެ.

  1. ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން.
  2. ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން.
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން.

 

5 ވަނަ މާއްދާ - ދަރަޖަކުރެވޭ ގާނޫނީ ވަކީލުންގެ ދަފުތަރު ބެލެހެއްޓުން

(ހ) މަތީ މަރުހަލާގެ ކޯޓުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ ދަފުތަރުތައް، ބާ ކައުންސިލުން ވަކިވަކިން ބަލަހައްޓަންވާނެއެވެ. އަދި އެ ދަފުތަރުތަކުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ގާނޫނީ ވަކީލުގެ ފުރިހަމަ ނަން؛
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  3. ވަކާލާތުކުރުމުގެ ހުއްދައިގެ ނަންބަރު؛
  4. ދާއިމީ އެޑްރެސް؛
  5. މިހާރު ދިރިއުޅޭ އެޑްރެސް؛
  6. ކޯޓުން ފޮނުވާ ލިޔެކިޔުންތައް ފޮނުވަންވީ އެޑްރެސް؛
  7. ފޯނު ނަންބަރު (މޯބައިލް / ލޭންޑް ލައިން)؛
  8. ދަފުތަރު ނަންބަރު؛
  9. އީމެއިލް އެޑްރެސް؛ އަދި
  10. މަސައްކަތްކުރާ އޮފީހުގެ ނަން. 

(ށ) މި ގަވާއިދުގެ ދަށުން ބަލަހައްޓަމުންދާ ދަފުތަރުގައި ހިމެނޭ އެއްވެސް މަޢުލޫމާތަކަށް ބަދަލުއަތުވެއްޖެނަމަ، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ގާނޫނީ ވަކީލަކު ބާ ކައުންސިލަށް އެ ކަމެއް އަންގަންޖެހޭނެއެވެ. މިގޮތުން ގާނޫނީ ވަކީލު ހުށަހަޅާ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ދަފުތަރަށް އެ ބަދަލު ގެންނަންޖެހޭނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުތަކާއި އެ ދަފުތަރުތަކަށް އަންނަ ބަދަލުތައް، ކަމާ ގުޅޭ ކޯޓުތަކާ، ބާ ކައުންސިލުން ހިއްސާ ކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުން
 

6 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ

ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތު ކުރެވޭނީ، ހައިކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ "ހައިކޯޓުގައި ވަކާލާތުކުރާ ވަކީލުންގެ ދަފުތަރު" ގައި ހިމެނޭ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ގާނޫނީ ވަކީލުންނަށެވެ.

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައި ވުން؛

(ށ) ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން އެއްވެސް އިރެއްގައި ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން އެއްވެސް ކުށެއް، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. ނުވަތަ އެ މުއްދަތުގެ ކުރިން ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމަކަށް މާފު ލިބުނުތާ ނުވަތަ އެ ހުކުމެއް ތަންފީޛުކޮށް ނިމުނުތާ   5 (ފަހެއް) އަހަރުދުވަސް ވެފައިވުން.

 

7 ވަނަ މާއްދާ - ހައިކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ތަކެތި

ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ގާނޫނީ ވަކީލަކު ވެސް، ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ސިޓީއާއެކު، އަންނަނިވި މަޢުލޫމާތު ހިމެނޭ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާކަން އަންގައިދޭ ށަރުޢީ ކޯޓަކުން ދޫކޮށްފައިވާ ލިޔުން؛

(ރ) ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް؛ އަދި

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ވަކީލެއްގެ ޢަމަލުތައް ހުރިހާ ވަގުތެއްގައިވެސް ބަހައްޓާނެކަމުގެ އިޤްރާރު.

 

8 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން

(ހ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން ހައިކޯޓުގައި ވަކާލާތުކުރުމަށް އިތުރު ހުއްދައެއް ނަގާކަށެއް ނުޖެހޭނެއެވެ.

(ށ) ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތް ގާނޫނީ ވަކީލަކު "ހައިކޯޓުގައި ވަކާލާތުކުރާ ވަކީލުންގެ ދަފުތަރު" ގައި ހިމެނުމަށް އެދި ހުށަހަޅާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ބަދަލުގައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ ހުށަހެޅުމުން، އެ ފަރާތެއް "ހައިކޯޓުގައި ވަކާލާތުކުރާ ވަކީލުންގެ ދަފުތަރު" ގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

 

9 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެވޭނީ، ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ "ސުޕްރީމް ކޯޓުގައި ވަކާލާތުކުރާ ވަކީލުންގެ ދަފުތަރު" ގައި ހިމެނޭ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ގާނޫނީ ވަކީލުންނަށެވެ.

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައި ވުން؛

(ށ) ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) ގާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުވެ ވަކާލާތު ކޮށްފައިވާ ފަރާތެއް ކަމުގައި ވުން؛

(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން އެއްވެސް އިރެއްގައި ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން އެއްވެސް ކުށެއް، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. ނުވަތަ އެ މުއްދަތުގެ ކުރިން ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމަކަށް މައާފު ލިބުނުތާ ނުވަތަ އެ ހުކުމެއް ތަންފީޛުކޮށް ނިމުނުތާ 5 (ފަހެއް) އަހަރުދުވަސް ވެފައިވުން.

 

10 ވަނަ މާއްދާ - ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ތަކެތި

ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ގާނޫނީ ވަކީލަކު ވެސް، ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ސިޓީއާއެކު، އަންނަނިވި މަޢުލޫމާތު ހިމެނޭ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާކަން އަންގައިދޭ ށަރުޢީ ކޯޓަކުން ދޫކޮށްފައިވާ ލިޔުން؛

(ރ) ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް؛ އަދި

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ވަކީލެއްގެ ޢަމަލުތައް ހުރިހާ ވަގުތެއްގައިވެސް ބަހައްޓާނެކަމުގެ އިޤްރާރު.

 

ހަތަރުވަނަ ބާބު

އެހެނިހެން ކަންތައްތައް

 

11 ވަނަ މާއްދާ - ދައުލަތް ތަމްސީލުކުރާ ގާނޫނީ ވަކީލުން

މަތީ މަރުހަލާގެ ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުމަށް ބަންޑާރަނައިބުގެ ފަރާތުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހާޒިރުވާ ގާނޫނީ ވަކީލުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުން އިސްތިސްނާވެގެންވެއެވެ.

 

12 ވަނަ މާއްދާ - ޖިނާއީ މައްސަލަތަކުގައި ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކަށްވުމުގެ ސަބަބުން، އެ މީހަކަށް  ދައުލަތުން ޢައްޔަނު ކޮށްދޭ ގާނޫނީ ވަކީލުންގެ ކިބައިގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އާއި 9 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ތަޖުރިބާގެ ށަރުތު ފުރިހަމަނުވި ކަމުގައި ވިޔަސް، އެފަދަ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ވަގުތީ ހުއްދައެއް ދިނުމުގެ އިހްތިޔާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދުގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ގާނޫނީ ވަކީލަކު، ގާނޫނީ ވަކީލުންގެ ސުލޫކާ ހިލާފު ޢަމަލެއް ކޮށްފިކަން ސާބިތުވެއްޖެ ނަމަ، ނުވަތަ ކަމާބެހޭ ކޯޓަކުން އެފަދަ ވަކީލެއްގެ މައްޗަށް ފިޔަވަޅެއް އަޅައިފި ނަމަ، އެ މައްސަލައެއް ބެލުމަށްފަހު، އެ ގާނޫނީ ވަކީލަކަށް ދޫކުރެވިފައިވާ، މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ބާތިލު ކުރުމުގެ ބާރު ނުވަތަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

 

14 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަ އައުކުރުން

ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 34 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އައުކުރަންޖެހޭ ށަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އައު ނުކުރާ ގާނޫނީ ވަކީލުންނަށް ދޫކޮށްފައިވާ، މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަވެސް އެހިސާބުން ހިފެހެއްޓޭނެއެވެ. އަދި އެފަދަ ގާނޫނީ ވަކީލުން، އެ މީހުންނަށް ލިބިފައިވާ ވަކާލާތު ކުރުމުގެ ހުއްދަ އައުކުރުމަށް ހުށަހަޅައި، އެ ހުއްދަ އައުކުރުމުން، ކުރިން ދޫކޮށްފައިވާ، މަތީ މަރުހަލާގެ ކޯޓުތަކުގެ ހުއްދަވެސް އަލުން ދޫކުރާނެއެވެ.

 

15 ވަނަ މާއްދާ - ހުއްދައިގައި ސޮއިކުރުން

މި ގަވާއިދުގެ ދަށުން ދޫކުރާ، މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދައިގައި، ބާ ކައުންސިލުގެ ފަރާތުން ސޮއިކުރާނީ، ބާ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1089)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު