-

ހުކުމް ތަންފީޒުކުރާ މީހުންނާމެދު އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު (ގަވާއިދު ނަންބަރު 223/2015) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު  1076/2019)

 

 

ގަވާއިދު ނަންބަރު 223/2015 (ހުކުމް ތަންފީޒުކުރާ މީހުންނާމެދު އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

1 ތަޢާރަފު

މިއީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 150 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (24) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ، ގައިދީންނާއި ބަންދުމީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ  - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2 ގަވާއިދުގެ ނަން 

މި ގަވާއިދަށް ކިޔާނީ، "ގައިދީންނާއި ބަންދުމީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ  - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ ގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7 (ހ)   ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ބޭސްފަރުވާ ކުރުންޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން މީހަކު ބަލިވެއްޖެ ނަމަ، ބަލިމީހުން ބަލަން ޑޮކްޓަރުން ހަމަޖައްސައިފައި ތިބި ޖަލެއްގައި ނަމަ، ފުރަތަމަ އެ މީހަކު ޑޮކްޓަރަށް ދައްކައި ފަރުވާދޭނީ، އެ ޖަލެއްގައި ގާއިމުކުރެވިފައިވާ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުންނެވެ. އިތުރަށް ފަރުވާދިނުމަށް އެ ޑޮކްޓަރަށް ފެންނަ ނަމަ ފަރުވާ ދިނުމަށް ހަމަޖައްސާނީ ރާއްޖޭގައި ގާއިމު ކުރެވިފައިވާ ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރުކަޒަކުންނެވެ. އެފަދަ ތަނަކުން ދެވެން ނެތް ޚިދުމަތެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަމަޖައްސާ އުސޫލެއްގެ ދަށުން، ސިއްހަތާބެހޭ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ ޚިދުމަތްދޭ ކްލިނިކަކުން، ނުވަތަ ހޮސްޕިޓަލަކުން ނުވަތަ ސެންޓަރަކުން އެ ޚިދުމަތެއް ހޯދައިދޭންވާނެއެވެ.

 

4 ވަނަ މާއްދާ  - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ ގެ (ހ) ގެ 3 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

8  (ހ)  (3) ގައިދީއަކު ނުވަތަ ބަންދު މީހަކު މަރުވެއްޖެނަމަ ނުވަތަ ބޮޑު އަނިޔާއެއް ވެއްޖެނަމަ އަމަލުކުރާނެ ގޮތް     

މީހަކު މަރުވެއްޖެ ނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް މީހަކަށް ލިބިއްޖެ ނަމަ، ކޮމިޝަނަރ އޮފް ޕްރިޒަންސްސަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، މިނިސްޓަރަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، މަރުވި މީހާގެ އާއިލާއަށް، ޑައިރެކްޓަރ އޮފް ޕްރިޒަން ވަގުތުން އެންގުން؛

 

5 ވަނަ މާއްދާ  - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ ގެ (ހ) އާއި (ށ)  އަންނަނިވި ގޮތަށް އިސްލާހުކުރުން.

11(ހ) މެޑިކަލް ބޯޑުގެ މަސްއޫލިއްޔަތުގައިދީންނާއި ބަންދުމީހުންގެ ތެރެއިން ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި އެކަމަށް ގޮތެއް ނިންމުން؛

(ށ) ގައިދީންނާއި ބަންދުމީހުންގެ ތެރެއިން ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވޭ މީހުންގެ ފަރުވާގެ ކަންތައްތައް ރިވިއުކޮށް ކޮމިޝަނަރ އޮފް ޕްރިޒަންސަށް ލަފާދިނުމެވެ.

 

6 ވަނަ މާއްދާ  - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ ގެ (ހ) އާއި (ށ)  އަންނަނިވި ގޮތަށް އިސްލާހުކުރުން. 

13 މެޑިކަލް ލިޔުންތަކުގެ ކޮޕީ ދޫކުރުން

(ހ) ގައިދީންނާއި ބަންދުމީހުންގެ ތެރެއިން މީހަކު އޭނާއަށް ބޭސްފަރުވާކޮށްފައިވާ ގޮތުގެ ލިޔެކިޔުންތަކުގެ ކޮޕީ ހޯދަން ބޭނުންވާނަމަ "މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ ގާނޫނު" ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުމުން، އެ މީހަކަށް މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރެވޭނެއެވެ.

(ށ)  ގައިދީންނާއި ބަންދުމީހުންގެ އާއިލާއަށް ނުވަތަ ގައިދީގެ ނުވަތަ ބަންދުމީހާގެ ވަކީލަށް މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރަން ބޭނުންވާ ނަމަ، ގައިދީ ނުވަތަ ބަންދުމީހާގެ އިޢުތިރާޒެއް ނެތްކަމުގެ ފިންގަރ ޕްރިންޓް ޖެހި ސިޓީއެއް، މަޢުލޫމާތު ހޯދަންއެދޭ ފޯމާއެކު ހުށަހެޅުމުން، މެޑިކަލް ލިޔުންތަކުގެ ކޮޕީ، އާއިލާއާއި ވަކީލަށް ހަވާލުކުރެވޭނެއެވެ. މިގޮތުން މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރެވޭނީ އެކަމަށް ހަރަދުވާ މިންވަރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ދެއްކުމުންނެވެ.

 

7 ވަނަ މާއްދާ  - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ ގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

15  ޖަލުގައި ހުރި ގައިދީއަކު ނުވަތަ ބަންދުމީހަކު އެޑްމިޓްކުރުން    

(ހ) ޖަލުގައި ހުރި ގައިދީއަކު ނުވަތަ ބަންދުމީހަކު ސިއްހީ ފަރުވާދިނުމަށްޓަކައި ސިއްހީ ފަރުވާދޭ ތަންތަނުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ނަމަ، އެ ގައިދީ ނުވަތަ ބަންދުމީހެއްގެ އާއިލާއަށް ނުވަތަ ބަލަދުވެރިޔާއަށް އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ  - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ހުކުމް ތަންފީޒުކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު (ގަވާއިދު ނަންބަރު 223/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު