-

ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2015-229)

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 1978-69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ 10 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ގޮތުން ހަދާފައިވާ ގަވާއިދެކެވެ. 

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" އެވެ. 

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. 


4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

(ހ) މި ގަވާއިދުގެ ވަކި މާއްދާއަކަށް އަމަލުކުރުމަށް މި ގަވާއިދުގައި ވަކި ތާރީހެއް ކަނޑައަޅާފައިވާ މާއްދާތައް ފިޔަވައި އެހެނިހެން މާއްދާތަކަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2016 ން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން ގާނޫނު ނަންބަރު 1978-69 ގެ ދަށުން ހަދާފައިވާ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދު" ގެ ހަތަރުވަނަ ބާބު، ނުވަވަނަ ބާބު އަދި އެގާރަވަނަ ބާބު އުވުނީއެވެ.

 

5 ވަނަ މާއްދާ - އިސްތިސްނާ ކުރެވޭ ފަރާތްތައް

ދިވެހިރާއްޖޭގެ ސިފައިންގެ ބޭނުންތަކަށް ދުއްވާ އުޅަނދުތަކާއި، ދިވެހިރާއްޖެއަށް އަންނަ ބޭރު ގައުމުތަކުގެ އަސްކަރީ އުޅަނދުތަކާއި، ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިގެން އަންނަ އުޅަނދުތައް މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

 

6 ވަނަ މާއްދާ - ސަރވޭކުރުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާގޮތަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކޮންމެ އުޅަނދެއްގައިވެސް، އެ އުޅަނދެއްގައި ކުރެވޭ ބޭނުމަކާ އެއްގޮތްވާ ގޮތުގެމަތިންއަހަރަކު އެއްފަހަރު ސާރވޭކޮށް، ސަލާމަތީ ކަންތައްތައް ފުރިހަމަ ކުރެވިފައި ހުންނަންވާނެއެވެ. އަދި، އެކަން އަންގައިދިނުމުގެ ގޮތުން ދޫކޮށްފައިވާ އެންމެހައި ސަލާމަތީ ސެޓްފިކެޓުތަކުގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއެއް އުޅަނދުގައި އޮންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ސަރވޭކުރުމަށް ހުށަހެޅުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސަރވޭކުރުމަށް އެދެންވާނީ، ޓްރާންސްޕޯޓް އޮތޯރިޓީއަށް ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ އިދާރާއަކަށް "ކަނޑުގައި ދުއްވާ އުޅަނދު ސަރވޭއަށް އެދޭ ފޯމު "MS-1 ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު ތިރީގައި މިދަންނަވާ ތަކެއްޗާއެކުގައެވެ.

  1. އުޅަނދުގެ އަހަރީފީ ދެއްކިކަމުގެ ސްލިޕް
  2. އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ
  3. އުޅަނދަށް ދޫކޮށްފައިވާ ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސްގެ ކޮޕީ
  4. އުޅަނދަކީ ކުރިން ސަރވޭކޮށް ސެޓްފިކެޓް ހަދާދީފައިވާ އުޅަނދެއްނަމަ ކުރިން ހަދާދީފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ

(ށ) ސަރވޭކުރަން އުޅަނދަށް އަރާ ކޮންމެ ފަހަރަކަށް، ސަރވޭކުރާ ކޮންމެ އުޅަނދަކަށް، އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި 150 (ސަތޭކަ ފަންސާސް) ރުފިޔާ ނެގޭނެއެވެ.

(ނ) ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސީވާދިނަސް ސަރވޭކުރެވޭނީ، އުޅަނދު މޫދުގައި ބާއްވައިގެންނެވެ. އެއްގަމަށް އެހެލާފައި ހުންނަ އުޅަނދުފަހަރު، އެއްގަމުގައި ބަހައްޓައިގެން ސީވާދިނަސް ސަރވޭކުރުމަކީ މަނާކަމެކެވެ.

 

8 ވަނަ މާއްދާ - ސަލާމަތީ ސެޓްފިކެޓުތައް ދޫކުރުން 

(ހ) އުުޅަނދުފަހަރު ސަރވޭކޮށް ސަލާމަތީ ސެޓްފިކެޓުތައް ދޫކުރެވޭނީ ސާރވޭކުރިތާރީހުން ފެށިގެން ގިނަވެގެން 1) އެކެއް) އަހަރު ދުވަހަށެވެ.

(ށ) އުޅަނދަކުން ދަތުރުކުރުމަށް ހުއްދަކޮށްފައިވާ މީހުންގެ އަދަދު އިތުރުކުރުމަށް، ނުވަތަ އުޅަނދުން ކުރާ ބޭނުން ބަދަލުކުރުމަށް، ނުވަތަ އެހެން ސަބަބަކާހުރެ ނަމަވެސް ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސެޓްފިކެޓެއް އައުކޮށްދޭނަމަ، އެ ސެޓްފިކެޓް ދޫކުރާނީ ސަރވޭކުރާ ތާރީހުން ފެށިގެން، ކުރިން ދޫކޮށްފައިވާ ސެޓްފިކެޓުގެ މުއްދަތަށެވެ.

(ނ) އުުޅަނދަށް ދޫކޮށްފައިވާ ސެޓްފިކެޓެއް ގެއްލިފައިވާނަމަ، އުޅަނދު ދަތުރުކުރަން ފެށުމުގެ ކުރިން އެ ސެޓްފިކެޓެއް ހައްދަންވާނެއެވެ. މި ގޮތުން ސެޓްފިކެޓް ހެދުމަށް ހުށަހަޅާއިރު ސެޓްފިކެޓް ހެދުމުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ސެޓްފިކެޓަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށްފަހު، އުޅަނދަށް ދޫކޮށްފައިވާ ސަލާމަތީ ސެޓްފިކެޓެއްގެ މުއްދަތަށް، އަލުން އެ ސަލާމަތީ ސެޓްފިކެޓެއް ހަދައިދެވިދާނެއެވެ. ގެއްލިގެން ހެދުމަށް ހުށަހަޅާ ސެޓްފިކެޓަށް ޖޫރިމަނާއެއް ދައްކާކަށް ނުޖެހޭނެއެވެ.

(ރ) އުޅަނދުގެ ރަޖިސްޓަ ީރއަށް ގެންނަ އުނިއިތުރުގެ ސަބަބުން ސަލާމަތީ ސެޓްފިކެޓަށް ބަދަލު ގެންނައިރު ސެޓްފިކެޓް ދޫކުރާނީ، އެ ކަމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން، ކުރިން ދޫކޮށްފައިވާ ސެޓްފިކެޓުގެ މުއްދަތު ހަމަވާ ތާރީހުގެ ނިޔަލަށެވެ.

 

9 ވަނަ މާއްދާ - ދޫކުރާ ސަލާމަތީ ސެޓްފިކެޓުތައް  

މިި ގަވާއިދުގެ ދަށުން ދޫކުރާ ސަލާމަތީ ސެޓްފިކެޓުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ބަރުމަރުކާއާބެހޭ ސެޓްފިކެޓް

(ށ) ފަސިންޖަރުން އުފުލުމާބެހޭ ސެޓްފިކެޓް

(ނ) އޮއިލް ޕޮލިއުށަން އެންޑް ޕްރިވެންށަން ސެޓްފިކެޓް 

(ރ) ނުރައްކާތެރި މުދާ އަދި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާބެހޭ

(ބ) ސެޓްފިކެޓް

(ޅ) ސްވޭޖް ސެޓްފިކެޓް

 

10 ވަނަ މާއްދާ - ސެޓްފިކެޓް އޮފް ސީވާރދިނަސް  

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އެއްވެސް އުޅަނދެއް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި އަދި އަޅާފައި އޮވެގެން އޮޕަރޭޓު ކުރަންވާނީ، އެ އުޅަނދުގައި މުއްދަތު ހަމަނުވާ ސީވަރދިނަސް ސެޓްފިކެޓެއް އޮވެގެންނެވެ. 

(ށ) އުުޅަނދަކަށް ސެޓްފިކެޓް އޮފް ސީވާރދިނަސް ދިނުމުގައި ބަލާނީ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ. މި ގޮތުން ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

  1. އުޅަނދުގެ އޮނިގަނޑުގެ ހާލަތު (ހަލް ކޮންޑިށަން)
  2. އުޅަނދުގެ އިންޖީނާއި ޖެނެރޭޓަރުގެ ހާލަތު
  3. އުޅަނދުގެ ތައްޓުގެ ހާލަތު (ޑެކް ކޮންޑިށަން) 
  4. އުޅަނދަށް ފެން/ލޮނު އެތެރެކޮށް ބޭރުކުރާ ތަންތަނުގެ ހާލަތު
  5. އުޅަނދުގެ އެއަރ ޕައިޕްތަކާއި، ަސއުންޑިންގ ޕައިޕްތަކުގެ ހާލަތު
  6. ބުރުނާލުތަކުގެ ހާލަތު
  7. ފަލްކާތަކުގެ ހާލަތު
  8. އުޅަނދުގައި ބޭނުންކުރާ ސަލާމަތީ އާލާތްތަކުގެ ހާލަތު
  9. އުޅަނދުގައި ހުންނަންޖެހޭ ނެވިގޭށަން
  10. އުޅަނދުގައި ފުރިހަމަކުރެވިފައި ހުންނަންޖެހޭ މުއާސަލާތީ ސާމާނުގެ ހާލަތު
  11. އުޅަނދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރެވިފައި ހުންނަންޖެހޭ ކަންކަން ފުރިހަމަކުރެވިފައިވާ މިންވަރު
  12. އުޅަނދުގައި އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ އިންށުއަރެންސް ޕޮލިސީ އޮތުން

 

11 ވަނަ މާއްދާ - ބަރުމަރުކާ ސެޓްފިކެޓް 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގެ ތެރެއިން، މުދާ އުފުލުމަށް ރަޖިސްޓަރީކޮށްފައިވާ ކޮންމެ އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި އަދި އަޅާފައި އޮވެގެން އޮޕަރޭޓު ކުރަންވާނީ، އެ އުޅަނދުގައި މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓްފިކެޓެއް އޮވެގެންނެވެ.

(ށ) އުޅަނދަކަށް ބަރުމަރުކާ ސެޓްފިކެޓް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތަށް އެ އުޅަނދެއްގައި ބަރުމަރުކާ ޖަހާފައިވާކަން ކަށަވަރުކުރުމަށްފަހުގައެވެ.

 

12 ވަނަ މާއްދާ - ފަސިންޖަރުން އުފުލުމާބެހޭ ސެޓްފިކެޓް 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގެ ތެރެއިން، މީހުން އުފުލާ އުޅަނދުފަހަރާއި މީހުންނާއި މުދާ އުފުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އުޅަނދެއް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި އަދި އަޅާފައި އޮވެގެން އޮޕަރޭޓު ކުރަންވާނީ، އެ އުޅަނދުގައި ފަސިންޖަރުން އުފުލުމާބެހޭ މުއްދަތު ހަމަނުވާ ސެޓްފިކެޓް އޮވެގެންނެވެ.

(ށ) ފަސިންޖަރުން އުފުލޭނެ އަދަދު ކަނޑައަޅައި އުޅަނދަކަށް ހުއްދަދެވޭނީ، މި ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ނ) ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން، އަމިއްލަ އުފަލަށް ބޭނުންކުރުމަށްޓަކައި ރަޖިސްޓަރީ ކޮށްފައި ހުންނަ އުޅަނދުފަހަރުން، މީހުން އުފުލޭ އަދަދު ކަނޑައެޅުމުގައިވެސް ބަލާނީ މި ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށެވެ. 

 

13 ވަނަ މާއްދާ - އޮއިލް ޕޮލިއުށަން އެންޑް ޕްރިވެންށަން ސެޓްފިކެޓް 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގެ ތެރެއިން، 10000) ދިހަ ހާސް) ލީޓަރަށްވުރެ ގިނައިން ތެލުގެ ބާވަތްތައް، ކާގޯގެ ގޮތުގައި އުފުލާ އުޅަނދުފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި ނުވަތަ އަޅާފައި އޮވެގެން އޮޕަރޭޓު ކުރަންވާނީ، އެ އުޅަނދުގައި މުއްދަތު ހަމަނުވާ އޮއިލް ޕޮލިއުށަން އެންޑް ޕްރިވެންށަން ސެޓްފިކެޓެއް އޮވެގެންނެވެ.

(ށ) އުޅަނދަކަށް އޮއިލް ޕޮލިއުށަން އެންޑް ޕްރިވެންށަން ސެޓްފިކެޓް ދިނުމުގައި ބަލާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އޮއިލް ޕޮލިއުށަން އެންޑް ޕްރިވެންށަންގެ ކަންތައްތަކުގެ މައްޗަށެވެ.

 

14 ވަނަ މާއްދާ - ނރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާބެހޭ ސެޓްފިކެޓް 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުން، ނުރައްކާތެރި މުދަލާއި، ފަސޭހައިން އަލިފާން ހިފާ މުދާ ކާގޯގެ ގޮތުގައި އުފުލައި، އަދި އެފަދަ މުދަލާއެކު އުޅަނދު އަޅާފައި އޮވެގެން އޮޕަރޭޓު ކުރަންވާނީ، އެ އުޅަނދުގައި ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާބެހޭ، މުއްދަތު ހަމަނުވާ ސެޓްފިކެޓެއް އޮވެގެންނެވެ.

 

15 ވަނަ މާއްދާ - ކާގޯގެ ގޮތުގައި ތެލުގެ ބާވަތްތައް އުފުލުން 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި 10000 (ދިހަ ހާސް) ލީޓަރަށްވުރެ ގިނައިން ކާގޯގެ ގޮތުގައި ތެލުގެ ބާވަތްތައް އުފުލަންވާނީ، ލަކުޑި ނުވަތަ ފައިބަރުން ބަދެފައިވާ އުޅަނދުފަހަރު ފިޔަވައި އެހެނިހެން ބާވަތްތަކުން ބަނދެފައިވާ އުޅަނދުފަހަރުގައެވެ.

(ށ) ލަކުޑި ނުވަތަ ފައިބަރުން ބަނދެފައިވާ އުޅަނދުފަހަރުގައި، 10000 ލީޓަރަށް ވުރެ މަދުން ތެލުގެ ބާވަތްތައް ކާގޯގެ ގޮތުގައި އުފުލަންވާނީ، ފީފާއެއްގައި ނުވަތަ މައުދަނަކުން ބަނދެފައިވާ ތާނގީއެއްގައެވެ. 

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ތެލުގެ ބާވަތްތައް ފީފާގައި ނުވަތަ ތާނގީތަކުގައި އުފުލާއިރު، އެ ތަކެތި ހުންނަންވާނީ ރަނގަޅަށް ލޭށިންކޮށް ހަރުކޮށްފައެވެ.

(ރ) މި މާއްދާގެ "ހ" އަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2017 ވަނަ ދުވަހުން ފެށިގެންނެވެ. 

 

16 ވަނަ މާއްދާ - ސްވޭޖް ސެޓްފިކެޓް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގެ ތެރެއިން، ފާހާނާގެ ނިޒާމު ހަރުކޮށްފައިވާ އެއްވެސް އުޅަނދެއް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި އަދި އަޅާފައި އޮވެގެން އޮޕަރޭޓު ކުރަންވާނީ، އެ އުޅަނދުގައި ނުވަތަ ފްލޯ ޓިންގ ޕްލެޓްފޯމެއްގައި މުއްދަތު ހަމަނުވާ ސްވޭޖް ސެޓްފިކެޓެއް އޮވެގެންނެވެ. 

 

17 ވަނަ މާއްދާ - ގާބޭޖް މެނޭޖްމަންޓް ޕްލޭން

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ 24 މީޓަރަށްވުރެ ދިގު އުޅަނދުފަހަރާއި އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި ނުވަތަ އަޅާފައި އޮވެގެން އޮޕަރޭޓު ކުރަންވާނީ، އެ އުޅަނދުފަހަރުގައި ގާބޭޖް މެނޭޖްމަންޓް ޕްލޭނެއް އޮވެގެންނެވެ.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުން ކުނި އުފުލާނަމަ، ކުނި އުފުލަންވާނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ހަދާފައިވާ ގަވާއިދުތަކާއި އަދި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

 

18 ވަނަ މާއްދާ - ސަރވޭކުރުމަށް ހުއްދަ ދިނުން 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރަށް ދޫކުރާ ސަލާމަތީ ސެޓްފިކެޓުތައް ހަދައިދެވޭނީ، އެކަމަށް ބޭނުންވާ ތަމްރީނު ލިބި، ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. ހުއްދަ ނެތް ފަރާތަކުން ސާރވޭކޮށް، ދޫކޮށްފައިވާ ސެޓްފިކެޓަކީ ބާތިލު ސެޓްފިކެޓެކެވެ.

(ށ) ޓްރާންސްޕޯޓް އޮތޯރިޓީގެ ހުއްދައާއެކު، ސަރވޭކުރުމަށްޓަކައި މީހުން ނުވަތަ ކުންފުންޏެއް އައްޔަން ކުރެވިދާނެއެވެ. އަދި މިފަދަ ފަރާތްތައް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށް އެ ފަރާތްތަކަށް ހުއްދައެއް ދެވޭނެއެވެ.

(ނ) ސަރވޭކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުން އުޅަނދެއް ސަރވޭކުރުމަށް ނަގާނެ އެޑްމިނިސްޓްރޭޓިވް ފީގެ މިންވަރު، ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ. 

(ނ) މި މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ ސަރވެޔަރަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ސަރވޭކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ކޯސްޓްގާޑަށް ފެނިއްޖެނަމަ، އެ ފަރާތަކަށް ސަރވޭކުރުމަށް ދޫކޮށްފައިވާ ހުއްދައާއި އެ ފަރާތުން ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ ސެޓްފިކެޓުތައް، ޓްރާންސްޕޯޓް އޮތޯރިޓީން ބާތިލު ކުރެވިދާނެއެވެ. 

 

19 ވަނަ މާއްދާ - އުޅަނދުގެ ހާލަތު ބެލުން 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމަށް ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރުމަށް، އެ އުޅަނދެއް މޫދުގައި ބާއްވައިގެން ކުރާ ކޮންމެ ސަރވޭއެއްގައި، އުޅަނދަކަށް ދިޔަވޭތޯ ޯ އެތެރެއިން ބެލެން ހުރިވަރަކަށް ބަލަން ވާނެއެވެ. އުޅަނދުން ދިޔަވާނަމަ، އެ އުޅަނދަކީ މީހުންނާއި މުދާ އަރުވައިގެން ދަތުރުކުރަން އެކަށީގެންވާ އުޅަނދެއްކަމުގައި ނުބެލެވޭނެއެވެ. އަދި މިފަދަ އުޅަނދުފަހަރަށް ސަލާމަތީ ސެޓްފިކެޓުތައް ދޫކުރަންވާނީ، އެގޮތަށް ހުރި ތަންތަން ރަނގަޅުކުރުމަށްފަހު އެ އުޅަނދު ކަނޑުގައި ދުއްވުމަށް އެކަށޭނަ ހާލަތެއްގައި އޮތްކަމަށް ސަރވެޔަރުން ކަނޑައެޅުމުންނެވެ.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމަށް ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރުމުގެ ބޭނުމަށް، އުޅަނދެއް މޫދުގައި ބާއްވައިގެން ކުރާ ކޮންމެ ސަރވޭއެއްގައި، އެ އުޅަނދެއްގެ އިންޖީނު ބަހައްޓާފައި ހުންނަބައި (އިންޖީނު ކޮޓަރި) ގެ ސާފުތާހިރުކަމާއި ވަތުގައި ތެޔޮ ނުވަތަ ތެލާ އެކުވެފައިހުރި ދިޔަ (ސްލަޖު) ޖަމާވެފައި ހުރިތޯ ބަލަންވާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ، ބޭނުންކޮށްފައިވާ ތެޔޮ އުކާލާ ގޮތުގެ ލޮގު ބަލަހައްޓާފައިވާގޮތް ބަލަން ވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމަށް ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރުމަށް ހުއްދައަށް އެދޭ އުޅަނދެއްގައި، އިލެކްޓްރިކަލް ވަޔަރިންގ ހުރީ އިލެކްޓްރިކަލް ވަޔަރިންގގެ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިންކަން ސަރވެޔަރުން ޔަގީންކުރަންވާނެއެވެ. 

(ރ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާ ލަކުޑި އުޅަނދުފަހަރު މަދުވެގެން ކޮންމެ 18 (އަށާރަ) މަސްދުވަހަކުން އެއްފަހަރު އެއްގަމަށް އެހެލައި، މޫދުގައި އުޅަނދު އޮންނަ އިރު ފެނުތެރޭގައި ހުންނަ ބައިގެ ހާލަތު ބެލުމަށްޓަކައި ސަރވޭކުރަންވާނެއެވެ. އަދި މި ސަރވޭ ކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާގޮތަށް، އެ އުޅަނދު އެހެލައިގެން މަރާމާތު ކުރި ބޯޓުޔާޑުން ނުވަތަ ރަށެއްގެ ރަށު ކައުންސިލަކުން ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ ސަރވެޔަރަކު، އެ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދު އޮޕަރޭޓުކުރާ ފަރާތަށް ލިޔުމެއް ދޭންވާނެއެވެ.

(ބ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމަށް ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރަން، ބޭނުންކުރުމަށް، ފައިބަރުން ބަނދެފައި ހުންނަ އުޅަނދުފަހަރު، މަދުވެގެން ކޮންމެ 2 (ދޭއް) އަހަރަކުން އެއްފަހަރު އެހެލައި، މޫދުގައި އުޅަނދު އޮންނަ އިރު ފެނުތެރޭގައި ހުންނަ ބައިގެ ހާލަތު ބެލުމަށްޓަކައި ސާރވޭކުރަން ވާނެއެވެ. އަދި މި ސަރވޭ ކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާގޮތަށް، އެ އުޅަނދު އެހެލައިގެން މަރާމާތުކުރި ބޯޓުޔާޑުން ނުވަތަ ރަށެއްގެ ރަށުކައުންސިލަކުން ނުވަތަ ޓްރާންސްޕޯޓް އޮތޯ ރިޓީން ހުއްދަ ދީފައިވާ ސަރވެޔަރަކު، އެ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދު އޮޕަރޭޓުކުރާ ފަރާތަށް ލިޔުމެއް ދޭންވާނެއެވެ.

(ޅ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމަށް ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓު ކުރަން، ދަގަނޑު ނުވަތަ އެލުމިނިއަމުން ބަނދެފައި ހުންނަ އުޅަނދުފަހަރު، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު އެހެލައި، މޫދުގައި އޮންނަ އިރު ފެނުތެރޭގައި ހުންނަ ބައިގެ ހާލަތު ބެލުމަށްޓަކައި ސާވޭކުރަންވާނެއެވެ. އަދި، މި ސަރވޭ ކުރުމަށްފަހު ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާގޮތަށް އެ އުޅަނދު އެހެލައިގެން މަރާމާތު ކުރި ބޯޓުޔާޑުން ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ ސަރވެޔަރަކު އެ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދު އޮޕަރޭޓުކުރާ ފަރާތަށް ލިޔުމެއް ދޭންވާނެއެވެ.

 

20 ވަނަ މާއްދާ - ސަރވޭކުރަންޖެހޭ ހާލަތްތައް 

މި ގަވާއިދުގެ ދަށުން އުޅަނދު ސާރވޭކުރާނީ އަންނަނިވި ހާލަތްތަކުގައެވެ. 

  1. އުޅަނދު އަލަށް ރަޖިސްޓަރީކުރުމުގެ ކުރިން އުޅަނދަކީ ޓްރާންސްޕޯޓް އޮތޯރިޓީން ރަޖިސްޓަރީކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ އުޅަނދެއްކަން ޔަގީންކުރުމަށްޓަކައި؛
  2. އުޅަނދެއް ފުރަތަމަ ފަހަރަށް ހިދުމަތަށް ނެރުމުގެ ކުރިން؛
  3. އުޅަނދުގެ ސެޓްފިކެޓުތަކުގެ މުއްދަތު ހަމަވާތީ މުއްދަތު ހަމަވުމުގެ ކުރިން؛
  4. އުޅަނދަށް އިތުރު މައްސަލައެއް ދިމާވެގެން؛
  5. އުޅަނދަކަށް އެކްސިޑެންޓެއް ދިމާވެ ނުވަތަ އުޅަނދުގައި ހުރި އިންޖީނާއި އެހެނިހެން މެށިނަރީތަކާއި އާލާތްތަކަށް ގެއްލުމެއް ލިބި ނުވަތަ އެހެން ސަބަބަކާހުރެ ނަމަވެސް އުޅަނދުގެ ބަޔަކަށް ގެއްލުން ލިބި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ފަދަ ކަމެއް ދިމާ ެވއްޖެނަމަ، އެކަން ވީހާވެސް އަވަހަކަށް ޓްރާންސްޕޯޓް އޮތޯރިޓީއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ކޯސްޓްގާޑަށް އެންގުމާއެކު، އެ އުޅަނދު އިންށުއަރ ކޮށްފައިވާ އިންށުއަރެންސް ކުންފުންޏަކަށްވެސް އެކަން އަންގަންވާނެއެވެ. އަދި އެ އުޅަނދު އަލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުން ުކރަންވާނީ ސަރވޭކޮށް ސަލާމަތީ ސެޓްފިކެޓުތައް ލިބިގެންނެވެ.
  6. ގަވާއިދާ ހިލާފުވެގެން އުޅަނދެއް ހިފެހެއްޓުމަށްފަހު، އެ އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަވެފައި ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމެއް ފުރިހަމަވެފައި ނެތުމުގެ ސަބަބުން، އެ އުޅަނދު އަލުން ސަރވޭކުރަން ޖެހޭނެ ކަމަށް މޯލްޑިވްސް ޕޮލިސްސަރވިސްއިން ނުވަތަ ކޯސްޓްގާޑުން ނުވަތަ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅައިފިނަމަ، އެ އުޅަނދެއް ސަރވޭކޮށް ސަލާމަތީ ސެޓްފިކެޓުތައް ހޯދަންޖެހޭނެއެވެ. 

21 ވަނަ މާއްދާ - ނެވިގޭށަން އަލިތައް 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ ކޮންމެ އުޅަނދެއްގައިވެސް، ނެވިގޭށަން ލައިޓް ހަރުކުރެވިފައި ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނެވިގޭށަން ލައިޓުތަކުގެ އަލި، މޫސުން ރަނގަޅު އިރެއްގައި، އެއް މޭލުގެ ދުރުން ފެންނަވަރުވާން ޖެހޭނެއެވެ. އަދި އެއިން އެއްވެސް ބައްތިއެއްގެ އަލި ފެންނަން ޖެހޭނެ ކަމަށް މި ގަވާއިދުގައި ބުނެފައިވާ ސަރަހައްދާއި، ދުރުމިނަށް ނުފެންނާނެ ގޮތަކަށް، އުޅަނދުގެ އެހެން ތަނަކާ ނިވާވެފައި ހުރެގެން ނުވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާ އުޅަނދުފަހަރުގެ ތެރެއިން، މި ގަވާއިދުގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ "އޭ"، "ބީ" ، "ސީ" އަދި "ޑީ" ކެޓަގަރީގައި ހިމެނޭ ކޮންމެ އުޅަނދެއްގައިވެސް، ނެވިގޭށަންގެ ގޮތުގައި ބޭނުންކުރާ އަލީގެ އިތުރުން މަދުވެގެން 03 ބޮކި ނުވަތަ ފިލަމެންޓް އޮންނަންވާނެއެވެ.

 

22 ވަނަ މާއްދާ - އުޅަނދުން އުފުލޭ މީހުންގެ  އަދަދު ކަނޑައެޅުން 

(ހ) އުޅަނދުން އުފުލޭ މީހުންގެ އަދަދު އިތުރުކުރަން އުޅަނދުގެ ވެރިފަރާތުންއެދިއްޖެނަމަ އެ އުޅަނދެއް ސަރވޭކުރަންވާނެއެވެ.

(ށ) އުޅަނދެއް ސަރވޭކުރުމަށްފަހު، އެ އުޅަނދަކުން މީހުން އުފުލުމުގެ ހުއްދަ ދޭންވާނީ، އެ އުޅަނދުން އެންމެ ގިނަވެގެން މީހުން އުފުލޭ އަދަދަށްވުރެ އިތުރު ނުވާނޭގޮތަކަށެވެ.

(ނ) ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ފަސިންޖަރުންނަ ްށ ބޭނުންވާވަރަށް ޖާގަ ހުންނަންވާނެއެވެ. އެގޮތުން، 4 ގަޑިއިރަށްވުރެ ކުރު ދަތުރުކުރާ އުޅަނދުފަހަރުގައި ކޮންމެ ފަސިންޖަރަކަށް ލެނގިގެން އިނދެވޭ ގޮތަށް ގޮނޑިއެއް އުޅަނދުގައި ހަރުކޮށްފައި ހުރުން، ނުވަތަ ލެނގިލެވޭގޮތަށް ބެންޗު ގޮތަށް ޖަހާފައި ހުންނަ ގޮނޑިތަކުގައި ކޮންމެ ފަސިންޖަރަކަށް 18 އިންޗީގެ ނިސްބަތުން ޖާގަ ކަނޑައަޅަންވާނެއެވެ. އަދި، 4 ގަޑިއިރަށްވުރެ ދިގު ދަތުރުކުރާ އުޅަނދުފަހަރުގައި ފަސިންޖަރުންނަށް 6 ފޫޓު ދިގު 50.2 ފޫޓު ފުޅާ ޖާގަ، ތައްޓުގައި ފާހަގަކޮށްފައި ހުންނަންވާނެއެވެ. ނުވަތަ ގޮނޑިޖަހާފައިވާނަމަ އެ ގޮނޑިއަކީ، ލެނގިލައިގެން ފައި ދަމާލެވޭގޮތަށްހަރުކޮށްފައިހުރި ގޮނޑިއަކަށް ވާންވާނެއެވެ.

(ރ) ސީޓް ޖަހާފައި ހުންނަ އުޅަނދުފަހަރުން އުފުލޭ މީހުންގެ އަދަދުކަނޑައަޅާނީ، އެ އުޅަނދުގައި ޖަހާފައިވާ ސީޓުގެ ނިސްބަތުން، އުޅަނދުން އެންމެ ގިނައިން މީހުން އުފުލޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަދަދަށެވެ. 

(ބ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ ކަމަރާ ހަދާފައި ނުވަތަ ކަމަރާއާއެކު ވަކި ކޮޓަރި ހަދާފައިވާ އުޅަނދެއްނަމަ، އެ އުޅަނދަކުން އުފުލޭ މީހުންގެ އަދަދު ކަނޑައަޅާނީ އެ އުޅަނދެއްގައި ހުރި އެނދުގެ ނިސްބަތުންނެވެ. މިގޮތުން ‘5 x’ 6 ގެ އެނދަކަށް 3 މީހުން، ‘4 x’ 6 އެނދަކަށް 2 މީހުން އަދި ‘5.2 x’ 6 އެނދަކަށް މީހެއްގެ ނިސްބަތުންނެވެ.

(ޅ) އެއް ޑެކަށްވުރެ ގިނަ ޑެކު ހަދާފައި ހުންނަ އުޅަނދުފަހަރުގައި އެ ޑެކުތަކުގައި މީހުންނާއި މުދާ އުފުލަންވާނީ، ސްޓެބިލިޓީ ކަލްކިއުލޭށަން ހަދައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ. މިގޮތަށް ހުއްދަ ނުހޯދައި، އެއް ޑެކަށްވުރެ ގިނަ ޑެކް ހަދާފައިވާ އުޅަނދުފަހަރުގައި މީހުން އުފުލޭނީ ހަމައެކަނި މައި ޑެކުގައެވެ. އަދި ހުއްދަ ދެވޭނީވެސް މައި ޑެކުގެ ކެޕޭސިޓީއަށްވާ އަދަދަށްވުރެ ގިނަ ނުވާގޮތަށް މީހުން އުފުލުމަށެވެ. 

23 ވަނަ މާއްދާ - ފަޅުވެރިންގެ އަދަދު ކަނޑައެޅުން 

(ހ) ކޮންމެ އުޅަނދެއްގައިވެސް، އެ އުޅަނދު ދަތުރުކުރާ ސަރަހައްދަކަށް ކަނޑައަޅާފައިވާ ކެޓަގަރީއަކަށް ފެތޭގޮތަށް، ކެޕްޓަނުންނާއި ފަޅުވެރިން ތިބެންވާނެއެވެ. މިގޮތަށް ފަޅުވެރިން ތިބޭއިރު ބިދޭސީންނަށް ފަޅުވެރިންގެ ގޮތުގައި ގިނަވެގެން ތިބެވޭނެ ނިސްބަތް ކަނޑައަޅާނީ، ދިވެހިސަރުކާރުން ކަނޑައަޅާފައިވާ އުސޫލެއްގެ މައްޗަށް ބިނާކޮށެވެ.

(ށ) ކެޓަގަރީ "އޭ" ގެ އުޅަނދުފަހަރުގައި، ތިރީގައި މިދަންނަވާ އަދަދަށް ކެޕްޓަނުންނާއި ފަޅުވެރިން ތިބެންވާނެއެވެ. 

1 ބޯޓު ކެޕްޓަން 

1 މެރިން މެކޭނިކު

3 ފަޅުވެރިން

(ނ) ކެޓަގަރީ "ބީ" ގެ އުޅަނދުފަހަރުގައި، ތިރީގައި މިދަންނަވާ އަދަދަށް ކެޕްޓަނުންނާއި ފަޅުވެރިން ތިބެންވާނެއެވެ. 

1 ބޯޓު ކެޕްޓަން 

1 މެރިން މެކޭނިކު

2 ފަޅުވެރިނ

(ނ) ކެޓަގަރީ "ސީ" ގެ އުޅަނދުފަހަރުގައި ތިރީގައި މިދަންނަވާ އަދަދަށް ކެޕްޓަނުންނާއި ފަޅުވެރިން ތިބެންވާނެއެވެ. 

1 ބޯޓު ކެޕްޓަން

2 ފަޅުވެރިން

(ބ) ކެޓަގަރީ "ޑީ" ގެ އުޅަނދުފަހަރުގައި ތިރީގައި މިދަންނަވާ އަދަދަށް ކެޕްޓަނުންނާއި ފަޅުވެރިން ތިބެންވާނެއެވެ.

1 ބޯޓު ކެޕްޓަން

2 ފަޅުވެރިން

(ޅ) ކެޓަގަރީ "އީ" ގެ އުޅަނދުފަހަރުގައި ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް އޮތް ފަޅުވެރިއެއްގެ އިތުރުން އެހީތެރިއަކު ހުންނަންވާނެއެވެ. 

 

24 ވަނަ މާއްދާ - ކެޕްޓަނާއި ފަޅުވެރިންގެ ލައިސަންސް

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި، އެ އުޅަނދު ދަތުރުކުރާ ކެޓަގަރީއަކާއި ގުޅޭގޮތުން ކެޕްޓަނާއި ފަޅުވެރިން ތިބެން ވާނެއެވެ. މިގޮތުން ކެޕްޓަނާއި ފަޅުވެރިންގެ އަތުގައި ތިރީގައި ބަޔާންކޮށްފައިވާ ސަނަދާއި ލައިސަން އޮންނަން ވާނެއެވެ.

  1. ކެޓަގަރީ "އޭ" ގެ އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންގެ އަތުގައި އެ އުޅަނދަކާ އެކަށޭނަ ޓަނޭޖު އެންޑޯޒު ކޮށްފައިވާ ނިޔަމިކަމުގެ ސަނަދު ނުވަތަ ނެވިގޭށަން ރޮނގުން އެއަށްވުރެ މަތީ ފާހެއް އޮންނަންވާނެއެވެ.
  2. ކެޓަގަރީ "ބީ"، "ސީ" އަދި "ޑީ" ގެ އުޅަނދުފަހަރުގެ ކެޕްޓަނުންގެ އަތުގައި ދަށްވެގެން ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ނިޔަމިކަމުގެ ސެޓްފިކެޓު 2 ގެ ސަނަދު އޮތުމާއެކު ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮންނަންވާނެއެވެ. 
  3. ކެޓަގަރީ "އޭ" އަދި ކެޓަގަރީ "ބީ" ގެ އުޅަނދުފަހަރުގައި މަސައްކަތްކުރާ މެރިން މެކޭނިކުންގެ އަތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ މެރިން މެކޭނިކް ސެޓްފިކެޓް އޮންނަންވާނެއެވެ. 
  4. ކެޓަގަރީ "އީ" ގެ އުޅަނދުފަހަރު ދުއްވޭނީ، އެ އުޅަނދުފަހަރު ދުއްވުމަށް ޓްރާންސްޕޯޓް އޮރިޓީން ކަނޑައަޅާ ފަޅުވެރިންގެ ސެޓްފިކެޓް އޮވެގެންނެވެ. 
  5. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރެވޭނީ ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ "ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފަޅުވެރިންގެ ސެޓްފިކެޓް"
    އޮވެގެންނެވެ.

(ށ) މި މާއްދާއަށް އަމަލު ކުރަން ފަށާނީ، 1 ޖަނަވަރީ 2017 ވަނަ ދުވަހުން ފެށިގެންނެވެ.

 

25 ވަނަ މާއްދާ - ރަޖިސްޓަރީއަށް އަންނަ ބަދަލާ ގުޅިގެން ސަލާމަތީ ސެޓްފިކެޓުތައް ހެދުން

(ހ) އުޅަނދުގެ ރަޖިސްޓަ ީރއަށް އަންނަ ބަދަލަކާ ގުޅިގެން އުޅަނދުގެ ސަލާމަތީ ސެޓްފިކެޓުތައް ބަދަލުކުރަން 30 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. 

(ށ) އުޅަނދުގެ ވެރިފަރާތް ބަދަލުކޮށްފިނަމަ އައު ވެރިފަރާތުގެ ނަމަށް އުޅަނދުގެ ސަލާމަތީ ސެޓްފިކެޓުތައް ބަދަލު ކުރަންވާނެއެވެ.

(ނ) އުޅަނދުން ކުރާ ބޭނުން ބަދަލުވެފައިވާނަމަ، އެ ބަދަލާ އެއްގޮތަށް ސަލާމަތާބެހޭ ސެޓްފިކެޓުތައް ހައްދަންވާނެއެވެ. އަދި ސަލާމަތީ ސެޓްފިކެޓުތައްހަދައިދެވޭނީ ސަރވޭކުރުމަށްފަހުގައެވެ.

(ރ) އުޅަނދުގެ މިންތައް ބަދަލުވެފައިވާނަމަ، އެ ބަދަލާ އެއްގޮތަށް ސަލާމަތީ ސެޓްފިކެޓުތައް ހައްދަންވާނެއެވެ. އަދި ސަލާމަތީ ސެޓްފިކެޓުތައް ދޫކުރެވޭނީ ސަރވޭކުރުމަށް ފަހުގައެވެ. 

 

26 ވަނަ މާއްދާ - ސަލާމަތީ އާލާތްތަކާއި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތަކާއި ކަންކަން ފުރިހަމަ ކޮށްފައި ހުންނަން ޖެހޭނެއެވެ. މިގޮތުން މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ތަކެއްޗާއި ކަންކަން، އެ އުޅަނދު ދަތުރުކުރާ ކެޓަގަރީއަކާ އެއްގޮތަށް ފުރިހަމަ ކޮށްފައި ހުންނަންވާނެއެވެ.

 

27 ވަނަ މާއްދާ - ލައިފް ޖެކެޓާއި ލައިފް ބޮއި 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ ލައިފް ޖެކެޓާއި ލައިފް ބޮޔަކީ، ޓްރާންސްޕޯޓް އޮތޯރިޓީން އެޕްރޫވްކޮށްފައިވާ އެއްޗެއްސަށް ވާންޖެހޭނެއެވެ. ލައިފް ޖެކެޓާއި ލައިފް ބޮޔަށް ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑު މި ގަވާއިދުގެ ޖަދުވަލު 7 ގައި އެވަނީއެވެ.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި، އެ ުއޅަނދުފަހަރު ރަޖިސްޓަރީކޮށްފައިވާ ބޭނުމަކާ އެއްގޮތަށް، އެ އުޅަނދުން އުފުލުމަށް ހުއްދަކޮށްފައިވާ ފަޅުވެރިންނާއި ފަސިންޖަރުންގެ އަދަދަށް ލައިފް ޖެކެޓް ހުންނަން ވާނެއެވެ. އަދި ލައިފް ޖެކެޓް އަޅާނެގޮތުގެ ކުރެހުން ހުރިހާ ފަޅުވެރިންނަށާއި ފަސިންޖަރުންނަށް ފެންނާނެހެން އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަން ވާނެއެވެ.

(ނ) މި މާއްދާގެ "ށ" ގައި ލައިފް ޖެކެޓު ހުންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުޅަނދުފަހަރުގައި އެ އުޅަނދެއްގައި އުފުލުމަށް ހުއްދަ ދީފައިވާ ފަޅުވެރިންނާއި ފަސިންޖަރުންގެ އަދަދުގެ ނިސްބަތުން %20، ކުޑަކުދިންގެ ލައިފް ޖެކެޓް އިތުރަށް ހުންނަން ވާނެއެވެ.

(ރ) މި މާއްދާގެ "ށ" ގައި ލައިފް ޖެކެޓު ހުންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުޅަނދުފަހަރުގައި، އެ އުޅަނދެއްގައި އުފުލުމަށް ހުއްދަ ދީފައިވާ ފަޅުވެރިންނާއި ފަސިންޖަރުންގެ އަދަދުގެ ނިސްބަތުން އިތުރަށް %10، ބޮޑެތި މީހުންގެ ލައިފް ޖެކެޓް ހުންނަން ވާނެއެވެ. 

 

28 ވަނަ މާއްދާ - އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާން

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތަކަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ނުވަތަ ސަރުކާރުން މިކަމަށް ކަނޑައަޅާފައިވާ ފަރާތަކުން ދޫކުރާ ހުއްދަ އޮންނަ ފަރާތަކުން ހޯދާފައިވާ ތަކެތި ކަމުގައި ވާންޖެހޭނެއެވެ. އަދި އެފަދަ ސާމާނުތައް ސާރވޭ ކުރަން ވާނީވެސް މިފަދަ ހުއްދަ އޮންނަ ފަރާތަކުންނެވެ. 

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މީހުން އުފުލުމަށް ނުވަތަ މީހުންނާއި މުދާ އުފުލުމަށް ނުވަތަ މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދަކީ، 20 މީޓަރަށްވުރެ ދިގު އަދި ކަމަރާ ހަދާފައި ނުވަތަ ކަމަރާއާއެކު ވަކި ކޮޓަރި ހަދާފައިވާ އުޅަނދެއްނަމަ، ފަޔަރ އެލަރމް ސިސްޓަމެއް ގާއިމުކޮށްފައި ހުންނަންޖެހޭނެއެވެ.

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައި ހުންނަ 30 މީޓަރަށް ވުރެ ދިގު އުޅަނދުފަހަރާއި، އަޅާފައި ހުންނަ ފްލޯޓިންގ ޕްލެޓްފޯމުތަކުގައި އަލިފާން ނިއްވުމަށްޓަކައި ބޭނުންކުރާ ފަޔަރ ޕަމްޕަކާއި، އުޅަނދުގެ ދިގުމިނަށްވުރެ ކުރުނޫން އަލިފާން ނިއްވުމަށް ބޭނުންކުރާ ހޮޅިއާއި، ހޮޅި ބޭނުންކުރުމަށް ނޮޒުލްތައް ހުންނަން ޖެހޭނެއެވެ.

 

29 ވަނަ މާއްދާ - ބޮޔަންޓް އެޕެރޭޓަސް 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ކެޓަގަރީ "އޭ"، "ބީ"، "ސީ" އަދި "ޑީ" ސަރަހައްދުތަކުގައި ދުއްވާ އުޅަނދުފަހަރުގައި، ދަތުރުކުރާ އެންމެނަށް ބޭނުންކުރެވޭނޭވަރުގެ ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ބޮޔަންޓް އެޕެރޭޓަސް އޮންނަން ވާނެއެވެ.

(ށ) މި މާއްދާއަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަ ީރ 2017 ވަނަ ދުވަހުން ފެށިގެންނެވެ.

 

30 ވަނަ މާއްދާ - ޕަބްލިކް އެނައުންސިންގ ސިސްޓަމް 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މީހުން އުފުލުމަށް ނުވަތަ މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދަކީ 20 މީޓަރަށްވުރެ ދިގު އުޅަނދެއްނަމަ، އެ އުޅަނދުގައި ޕަބްލިކް އެނައުންސިންގ ސިސްޓަމެއް ގާއިމުކޮށްފައި ހުންނަން ޖެހޭނެއެވެ.

(ށ) މި މާއްދާއަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަ ީރ 2017 ވަނަ ދުވަހުން ފެށިގެންނެވެ. 

 

31 ވަނަ މާއްދާ - ފަސްޓްއެއިޑު ކިޓު 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި، ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ، ފުރަތަމަ އެހީ ދިނުމުގެ ގޮތުން މި ގަވާއިދުގެ ޖަދުވަލު 8 ގައި ބަޔާންކުރާ ބޭހާއި ތަކެތި އެކުލެވޭ ފަސްޓްއެއިޑު ކިޓެއް އޮންނަންވާނެއެވެ.

32 ވަނަ މާއްދާ - މުއާސަލާތީ ނިޒާމު 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ހުންނަންޖެހޭ މުއާސަލާތީ ނިޒާމުގެ ތަފުސީލު ޖަދުވަލު 9 ގައި ބަޔާންކޮށްފައި އެވަނީއެވެ. 

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ މެރިން ވީ.އެޗް.އެފް ސެޓް އަބަދުވެސް ހުންނަން ވާނީ އެ އުޅަނދެއް ދުއްވުމަށް ހުންގާނު ހިފަން ހުންނަ ހިސާބުގައި ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހަރުކުރެވިފައެވެ.

(ނ) މި މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން ކެޓަގަރީ "އޭ" ގައި ބޭނުންކުރާ ކޮންމެ އުޅަނދެއްގައި މެރިން ވީ.އެޗް.އެފް ގެ އިތުރުން ސެޓްލައިޓް ފޯނަކުން މުއާސަލާތު ކުރެވޭނެ ގޮތަށް ހުރުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ވެސަލް ޓްރެކިންގ ޑިވައިސްއެއް ނުވަތަ 5.2187 ކިލޯހާޓްޒް އިން ޑީ.އެސް.ސީ އާއި 2182 ކިލޯޯހާޓްޒް ހުރި ރޭޑިއޯ ޓެލެފޯެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ރ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގެ ތެރެއިން ކެޓަގަރީ "އޭ"، "ބީ"، "ސީ" އަދި "ޑީ" ސަރަހައްދުތަކުގައި ދަތުރުކުރާ އުޅަނދުފަހަރު ދަތުރުކުރާއިރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާއިރު، މުއާސަލާތީ ނިޒާމުތަކަށް މެދުނުކެނޑި ހަކަތަ ލިބޭގޮތަށް ހުރުމާއެކު ބެޓަރީ ޗާޖް ކުރެވޭނެގޮތް ހުންނަންވާނެއެވެ. 

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއާސަލާތީ ތަކެތި ހުންނަންވާނީ އެ އުޅަނދު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުންކުރެވޭނެ ގޮތަށް ހުޅުވާފައެވެ. އެގޮތުން މި މާއްދާގެ "ނ" ގައި ބަޔާންކޮށްފައިވާ ސެޓްލައިޓް ފޯނާއި ވެސަލް ޓްރެކިންގް ޑިވައިސް ހުންނަން ޖެހޭނީ، މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް ހުޅުވާފައެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރާއިރު ނުވަތަ ދަތުރުމަތީގައި ފަޅެއްގައި ނުވަތަ ރަށެއްގެ ބަނދަރުގައި އޮތްކަމުގައި ވީނަމަވެސް، މުއާސަލާތީ ތަކެތި ނިއްވާފައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މެރިން ވީ.އެޗް.އެފް ސެޓް ފިޔަވައި އެހެން ތަކެތި ހުރުން ލާޒިމުވާނީ، 1 ޖަނަވަރީ 2017 ވަނަ ދުވަހުން ފެށިގެންނެވެ. 

 

33 ވަނަ މާއްދާ - ޓްރާންސްމިޓިންގ ލައިސަންސް

(ހ) ކަނޑުގައި ދުއްވާ އުޅަނދެއް ސަރވޭކުރުމަށްޓަކައި ހުށަހަޅާއިރު، އެ އުޅަނދުގެ ކޮމިއުނިކޭށަން ސެޓުގެ މުއްދަތު ހަމަނުވާ ޓްރާންސްމިޓިންގސްޓޭށަން ލައިސަންސްގެ ކޮޕީއާއި އަސްލު ހުށަހަޅަންވާނެއެވެ. 

(ށ) ސަރވޭކުރުމަށްޓަކައި ހުށަހަޅާ ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސަކީ މުއްދަތު ހަމަނުވާ ލައިސަންސަކަށް ވާންވާނެއެވެ.

(ނ) ކަނޑުގައި ދުއްވާ އުޅަނދުގެ ސަރވޭއަށް އެދޭއިރު ހުށަހަޅާ ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސަކީ އެ އުޅަނދަކަށް ދޫކޮށްފައިވާ ލައިސަންސަކަށް ވާންވާނެއެވެ. 

 

34 ވަނަ މާއްދާ - ޖީ.ޕީ.އެސް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ 18 މީޓަރަށް ވުރެ ބޮޑެތި އުޅަނދުފަހަރުގައި، ދިވެހިރާއްޖޭގެ ޗާޓު ހިމެނޭ ގްލޯބަލް ޕޮޒިށަނިންގ ސިސްޓަމް (ޖީ.ޕީ.އެސް) ހަރުކުރެވިފައި ހުންނަން ވާނެއެވެ. އެގޮތުން ކެޓަގަރީ "އޭ"، "ބީ" އަދި "ސީ" ގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ދިވެހިރާއްޖޭގެ ޗާޓުހިމެނިފައިވާ ޖީ.ޕީ.އެސް ހަރުކޮށްފައި ހުންނަންވާނެއެވެ.

35 ވަނަ މާއްދާ - ކަރުދާސް ޗާޓު 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އިންޖީނުލީ އުޅަނދުފަހަރުގެ 
ތެރެއިން ކެޓަގަރީ "އޭ" ގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ދިވެހިރާއްޖޭގެ ސަރަހައްދުގެ ޗާޓުތައް ހުންނަންވާނެއެވެ. 

 

36 ވަނަ މާއްދާ - ސަމުގާ 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން ކެޓަގަރީ "އޭ" ، "ބީ" ، "ސީ" އަދި "ޑީ" ގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ސަމުގާއެއް ހަރުކުރެވިފައި ހުންނަން ވާނެއެވެ.

 

37 ވަނަ މާއްދާ - ކާތަކެއްޗާއި ބޯފެން 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި އެ އުޅަނދުން ދަތުރުކުރާ ކޮންމެ މީހަކަށް މަދުވެގެން 5.1 ލީޓަރުގެ ބޯފެން ކޮންމެ 24 ގަޑި އިރަކަށް ލިބެން ހުންނަންވާނެއެވެ. އަދި 4 ގަޑިއިރަށްވުރެ ދިގު ދަތުރެއް ކުރާނަމަ، އެ ދަތުރަކާ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ހުންނަންވާނެއެވެ. 


38 ވަނަ މާއްދާ - މެނިފެސްޓު 

މީހުން ނުވަތަ މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ ޖުމުލަ އަދަދު އެނގޭނެ ގޮތަށް މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ މެނިފެސްޓް އޮތުމާއެކު އެ އުޅަނދުން އުފުލާ މާބަނޑު އަންހެނުންނާއި، ނުކުޅެދޭ މީހުންނާއި، ކުޑަކުދިންގެ އަދަދު، އަދި ބިދޭސީން އުފުލާނަމަ އެ ބިދޭސީން ނިސްބަތްވާ ގައުމާއި އެ މީހުންގެ އަދަދު، އެ މެނިފެސްޓުން އެނގެން އޮންނަންވާނެއެވެ. އަދި އެ މެނިފެސްޓްގެ މައުލޫމާތު އުޅަނދު އޮޕަރޭޓުކުރާ ފަރާތަށް ނުވަތަ އުޅަނދުގެ ވެރިފަރާތަށް އުޅަނދު ދަތުރަށް ފުރުމުގެ ކުރިން އަންގަންވާނެއެވެ.

 

39 ވަނަ މާއްދާ - އިންށުއަރެންސް 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ، މުއްދަތު ހަމަނުވާ އިންށުއަރެންސް ޕޮލިސީއެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާއަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2017 ވަނަ ދުވަހުން ފެށިގެންނެވެ.

 

40 ވަނަ މާއްދާ - ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންކުރާ ސާމާނު ފާހަގަކުރުން

ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އުޅަނދުގައި ބޭނުންކުރާ ތިރީގައި ބަޔާންކޮށްފައިވާ ސާމާނުތަކުގައި އެ އުޅަނދުގެ ރަޖިސްޓަރީ ނަންބަރާއި ނަން ޖަހަންވާނެއެވެ.

  1. ލައިފް ޖެކެޓް
  2. ލައިފްބޮއި
  3. ލައިފްރާފްޓް
  4. ރާޑަރ ރިފްލެކްޓަރ
  5. ބޮޔަންޓް އެޕެރޭޓަސް
  6. އަލިފާން ނިއްވާފުޅި
  7. ފަސްޓްއެއިޑްކިޓް
  8. އިޕާބް
  9. އިމަރޖެންސީ ފަޔަރ ޕަމްޕް
  10. ފަޔަރ ޕަމްޕް
  11. ބާލިދީ 

 

41 ވަނަ މާއްދާ - ސަލާމަތީ ސެޓްފިކެޓުތައް ހަދައިދޭ ތަންތަން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސަރވޭކޮށް ސެޓްފިކެޓް ހަދައިދެވޭނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސަރވޭކުރުމަށާއި ސަލާމަތީ ސެޓްފިކެޓުތައް ހަދައިދިނުމަށް ހުއްދަ ދީފައިވާ ތަންތަނުންނެވެ.

(ށ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސަރވޭކުރުމަށް ހުއްދަ ދެވޭނީ، އެ ސަރވެޔަރެއްގެ އަތުގައި ސަރވޭކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓިން ދޫކޮށްފައިވާ ލިޔުން އޮންނަ ފަރާތްތަކަށެވެ. 

(ނ) ސަރވޭކޮށް ދޫކުރާ ކޮންމެ ސެޓްފިކެޓެއްގައި ޓްރާންސްޕޯޓް އޮތޯރިޓީން އެ ސަރވެޔަރަކަށް ދޫކޮށްފައިވާ ހުއްދައިގެ ރަޖިސްޓަރީ ނަންބަރު ޖަހަންވާނެއެވެ. އަދި ސަރވޭކުރާ ފޯމުތަކުގައި އެ ސަރވެޔަރުގެ ރަޖިސްޓަރީ ނަންބަރު ޖަހައި ސޮއިކުރަންވާނެއެވެ.

(ރ) އުޅަނދުފަހަރު ސަރވޭކޮށް ސެޓްފިކެޓް ދޫކުރެވޭނީ އެ ސެޓްފިކެޓް ދޫކުރުމަށް ހުއްދަކޮށްފައިވާ ސެންޓަރަކުންނެވެ. މިގޮތުން ދޫކުރާ ސެޓްފިކެޓުތަކުގައި ނަންބަރު ޖަހަންވާނީ އެ ތަނަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ނަންބަރު ފޯމެކެވެ. 

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) އަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2017 ވަނަދުވަހުން ފެށިގެންނެވެ. 

 

42 ވަނަ މާއްދާ - ސައްހަނޫން ސެޓްފިކެޓުތައް

މި ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ ސަރވެޔަރުންނާއި ސެޓްފިކެޓް ދޫކުރުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަނަކުން ހަދާދީފައިވާ ސަލާމަތީ ސެޓްފިކެޓުތަކަކީ ސައްހަ ސެޓްފިކެޓްތަކެއް ނޫނެވެ. 

 

43 ވަނަ މާއްދާ - ފީ

ލޯޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެދުމަށްޓަކައި ކޮންމެ ސެޓްފިކެޓަކަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކަން ވާނެއެވެ. 

 

44 ވަނަ މާއްދާ - ޖުރުމަނާ

(ހ) ސަރވޭއަށް ހުށަހަޅާ އުޅަނދުގެ ސަލާމަތީ ސެޓްފިކެޓެއްގެ ޖޫރިމަނާއެއް ވާނަމަ އެ އެޕްލިކޭށަން ބަލައިގަނެވޭނީ އެ ޖޫރިމަނާއެއް ދެއްކުމުންނެވެ. 

(ށ) އުޅަނދެއްގެ ސަލާމަތީ ސެޓްފިކެޓެއްގެ މުއްދަތު ހަމަވުމުގެ ކުރިން އައުކުރުމަކީ އުޅަނދުގެ ވެރިފަރާތުގެ މަސްއޫލިއްޔަތެކެވެ. އަދި މުއްދަތުގެ ތެރޭގައި އުޅަނދެއް މަރާމާތު ކުރަމުންދާނަމަ، އެ އުޅަނދުގެ ސަލާމަތީ ސެޓްފިކެޓެއްގެ މުއްދަތުގެ ތެރޭގައި އެ އުޅަނދު މަރާމާތަށް އެހެލާފައި ހުރިކަން ބަޔާންކޮށް ސިޓީއަކުން އެކަން ހުށަހަޅައި ހުއްދަ ހޯދަން ޖެހޭނެއެވެ. އެ ހުއްދަ ދޭނީ އެކަމަށް ހުށަހެޅުމުން ލިޔުމަކުން އެ ރަށެއްގެ ރަށުކައުންސިލުން ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތަކުންނެވެ. 

(ނ) މި މާއްދާގެ "ށ" ގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދަ ހޯދާފައި ނުވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓެއްގެ މުއްދަތު ހަމަވެގެން އައުކުރާނަމަ، އެ އުޅަނދަށް ދޫކޮށްފައިވާ ސެޓްފިކެޓުތައް އައުކޮށްދެވޭނީ އުޅަނދުގެ ވެރިފަރާތުން ކޮންމެ ސެޓްފިކެޓަކަށް  1000 (އެއް ހާސް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ. 

(ރ) ކަނޑުގައި ދުއްވާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދެއްގެ ސަލާމަތީ ސެޓްފިކެޓުގެ މުއްދަތު ހަމަވެފައި ވަނިކޮށް އުޅަނދު ދުއްވައިފިކަން ސާބިތުވެއްޖެނަމަ، އެ އުޅަނދުގެ ކެޕްޓަން  2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސްގައި އެންޑޯޒް ކުރެވޭނެއެވެ.

(ބ) ކަނޑުގައި ދުއްވާ އުޅަނދުފަހަރުން މީހުން އުފުލުމަށް ހުއްދަ ދީފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލައިފިކަން ސާބިތު ވެއްޖެނަމަ އެ އުޅަނދުން އިތުރަށް އުފުލި ކޮންމެ މީހަކަށް 500 (ފަސް ސަތޭކަ) ރުފިޔާގެ މަގުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށް، އުޅަނދު ދުއްވި ކެޕްޓަން 2000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަންގެ ލައިސަންސްގައި އެންޑޯޒް ކުރެވޭނެއެވެ. 

(ޅ) ކަނޑުގައި ދުއްވާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރު، ސަލާމަތީ ސެޓްފިކެޓްތައް ނުހައްދައި ދުއްވައިފިކަން ނުވަތަ އޮޕަރޭޓުކުރާކަން ސާބިތު ވެއްޖެނަމަ، އެ އުޅަނދަށް ހޯދަންޖެހޭ ކޮންމެ ސެޓްފިކެޓަކަށް 10000 (އެއް ހާސް) ރުފިޔާއިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު ދުއްވި ކެޕްޓަން 2000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސްގައި އެންޑޯޒް ކުރެވޭނެއެވެ. 

(ކ) ސަލާމަތީ ސެޓްފިކެޓްތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަމެއް އުޅަނދުގައި ފުރިހަމަ ކުރެވިފައި ނެތްނަމަ އެކަމެއްގެ ބާވަތަށް ބަލައި، ކޮންމެ ކަމަކަށް - /500) ފަސް ސަތޭކަ) ރުފިޔާއިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު ދުއްވި ފަރާތް -/500) ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސްގައި އެންޑޯޒް ކުރެވޭނެއެވެ. 

(އ) އުޅަނދުން މުދާ އުފުލުމަށް ހުއްދަ ކޮށްފައިވާ މިންގަނޑަށްވުރެ ގިނައިން މުދާ އުޅަނދަށް ބަރުކޮށްފިނަމަ، އުޅަނދުގެ ވެރިފަރާތް 2000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު ދުއްވި ފަރާތް 1000 (އެއް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސްގައި އެންޑޯޒް ކުރެވޭނެއެވެ. 

(ވ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދުގެ 9.8 ގައި ބަޔާންކޮށްފައިވާ ސަރަހައްދުގައި ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިފިނަމަ ނުވަތަ ބަނދަރުތަކުގައި ބާރު ސްޕީޑުގައި ދުއްވައިފިނަމަ ނުވަތަ ޓްރެފިކް ސެޕަރޭށަން ސްކީމާ ހިލާފަށް ދުއްވައިފިނަމަ، އެ އުޅަނދު ދުއްވި ފަރާތް 2000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސުގައި އެންޑޯޒް ކުރެވޭނެއެވެ. 

(މ) ކަނޑު ދަތުރުކުރާ އުޅަނދުފަހަރުން ކޮ ީލށަންއެއް ހިނގިޔަ ނުދިނުމަށްޓަކައި އުޅަނދުފަހަރު ދުއްވާ މީހުން ވަރަށް ހާއްސަ ފަރުވާތެރިކަމެއް ބަހައްޓަން ވާނެއެވެ. އަދި ކޮލީށަން ހިނގުމުގެ ސަބަބުން ކުށްވެރިވާ ކޮންމެ ފަރާތެއް 5000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކޮލީށަން ހިނގި ގޮތުގެ މައްޗަށް ބަލައި، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް 1 (އެކެއް) އަހަރު ދުވަހަށް ހިފެހެއްޓޭނެއެވެ. އަދި ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސުގައި އެންޑޯޒް ކުރެވޭނެއެވެ.

(ފ) މި ގަވާއިދުގައި ކުށަކަށް ވަކި އަދަބެއް ކަނޑައަޅާފައިނުވާ ކޮންމެ ކުށެއްގެ އަދަބަކީ، 1000 (އެއް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

45 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:

(ހ) "ޓްރާންސްޕޯޓް އޮތޯ ރިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރާބެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިދާރާއަށެވެ

(ށ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ނުވަތަ ފެނުގައި މުދާ ނުވަތަ މީހުން ނުވަތަ މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ އެއްޗިއްސަށެވެ. އުޅަނދުގެ މާނައިގައި ބޮއްކުރާ، ޑިންގީ، ދޯނި، ބައްތެލި، ލާންޗު، ޔޮޓު، ފެރީ އުޅަނދު، ސަފާރީ އުޅަނދު، ލަގްޒަރީ އުޅަނދު، ހައުސްބޯޓު، ބަނޑު، ކޮޅުވެއްޓި، ޓަގް ބޯޓު، ކޮންނަ ބޯޓު، ހައިޑްރޯފޮއިލް، ފުލައިޓް ށިޕް، ހޯވަރކްރާފްޓް، އޯފްށޯރ ޕްލެޓްފޯމް، އިންޖީނު ނާޅާ އުޅަނދުފަހަރު، މޫދު ކުޅިވަރަށް ބޭނުންކުރާ ކަނޑުގައި ދުއްވާ އުޅަނދު އަދި އަޑިންދާ ބޯޓް (ސަބްމެރީން) ހިމެނެއެވެ.

(ނ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައިވާ ރަށްރަށުގެ ބަނދަރާއި އެ ތަންތަނުގައި ދަތުރުކުރުމަށް ހުންނަ މަގުތަކާއި ފަޅާއި، ވިލާއި، ފަރާއި، ހާހަލާއި، ގިރި ހިމެނޭގޮތުން، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގުތިސާދީ ސަރަހައްދު ހިމެނޭގޮތަށް ވާ ސަރަހައްދުތަކަށެވެ.

(ރ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވުމަށް ހާއްސަކޮށްގެން ރަޖިސްޓަރީކޮށްފައިވާ ލޯކަަލް އުޅަނދުފަހަރެވެ.

(ބ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އިދާރާއިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްފަހު އެ އުޅަނދާބެހޭ މައުލޫމާތު ހިމެނޭގޮތަށް އެ އުޅަނދުގެ މިލްކުވެރިފަރާތް އެނގޭނެހެން ތައްޔާރުކޮށް އުޅަނދުގެ ވެރިފަރާތަށް ދޫކުރާ ރަސްމީ ލިޔުމަށެވެ.

(ޅ) "ފަޅުވެރިން" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ، އުޅަނދުގައި ވަޒީފާ އަދާކުރާ ކެޕްޓަން ފިޔަވައި އެހެން މީހުންނަށެވެ.  

(ކ) "ކެޕްޓަން" ކަމަށް ބުނެފައި އެވަނީ، އުޅަނދު ދުއްވުމާއި އުޅަނދުގެ ނިޔަމިކަމާއި ސަލާމަތާއި ރައްކާތެރިކަމާއި ހަވާލުވެގެން އުޅަނދުގައި ހުންނަ ޒިންމާ އުފުލާ އެންމެ އިސް މީހާއަށެވެ.

(އ) "ނުރައްކާތެރި މުދާ" ކަމަށް ބުނެފައި އެވަނީ، ކާގޯގެ ގޮތުގައި އުފުލާ ކައްކާ ގޭހާއި ޕެޓްރޯލް ފަދަ ތަކެއްޗެވެ. 

(ވ) "ލޭށިން" ކަމަށް ބުނެފައި އެވަނީ، އުޅަނދުން އުފުލާ މުދާ ވާވެލާވެލިން އައްސައި ނުގުޑާނެގޮތަށް ރައްކާތެރިކަމާއެކު ބެއްޓުމަށެވެ.

(މ) "މެނިފެސްޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދުން ދަތުރުކުރާ މީހުންގެ އަދަދާއި އެ މީހުން ނިސްބަތްވާ ގައުމު އެނގޭނެގޮތަށް ތައްޔާރު ކުރާ ލިޔުމަށެވެ.

(ފ) "ކޮލީށަން" ކަމަށް ބުނެފައި އެވަނީ، ދުއްވާފައިދާ އުޅަނދެއް އެހެން އުޅަނދެއްގައި ނުވަތަ ތަނެއްގައި ނުވަތަ މީހެއްގެ ގައިގައި ޖެހިގެން ހިނގާ ހާދިސާއަކަށެވެ. 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

2 ވަނަ އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 1978-69) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަުރ 35/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު