-

ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-229) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2021-139)

ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގަވާއިދަކީ، ގާނޫނު ނަންބަރު 1978-68 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ 10 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

27(ބ). ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި 9 މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރު ކުރުން.

ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކުގައި ލައިފްޖެކްޓް ބޭނުންކުރުން 1-27.

(ހ)  ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި، ތިރީގައި މިދަންނަވާ ހާލަތްތަކުގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެކެވެ.

  1. 9 (ނުވައެއް) މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިން؛
  2. މޫސުމީ ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާނަމަ އެ ސަރަހައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން؛
  3. މޫދު ކުޅިވަރަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ އެ ދަތުރެއް ފެށުމުކުރިން؛ އަދި
  4. އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ހިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭގޮތަށް ބަހައްޓަން ވާނެއެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެއެވެ. އަދި ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންނެވެ.

(ށ) އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރާއި، ދަތުރެއްގެ މަތީގައި ނަގިލި ލައިފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި ތިބޭ ފަސިންޖަރުންނާއި ފަޅުވެރިންނަށް ހުރިހާ ވަގުތެއްގައި ލައިފްޖެކެޓް ފަސޭހައިން ލިބޭނެގޮތަށް އުޅަނދުގައި ހަމަޖެހިފައި ހުންނަން ވާނެއެވެ. އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރުމުގައި، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަން ޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-27 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރު ކުރުން.

މޫސުމީ ސަމާލު ނެރެފައިވާ ސަރަހައްދުގައި ފަސިންޖަރުން އުފުލުން 2-27

(ހ)  މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަރޖެންސީ ދަތުރުތައް ކުރުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

(ނ) 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު އޮރެންޖް، ރެޑް ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރުކުރުމަށް ކަނޑުމައްޗަށް ނިކުތުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާއަށް (މ) ގެ ފަހަތަށް ތިން އަކުރު އިތުރުކޮށް، މި މާއްދާގެ އަކުރުތައް  ތަރުތީބު ކުރުން

43. (ފ) މި ގަވާއިދުގެ 1-27 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފު ވެއްޖެނަމަ، އެ އުޅަނދަކީ 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްނަމަ ، އެ އުޅަނދުގެ އޮޕަރޭޓަރ 15،000 (ފަނަރަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެއެވެ. މީގެއިތުރުން މިފަދަކުށެއް ތަކުރާރުކޮށްފިނަމަ، އެ މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހުއްދަ ދޭ ފަރާތަކުން ބެލުމަށްފަހު، ކެޕްޓަންގެ ލައިސަންސް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެއެވެ.

(ދ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ބ) އާ ހިލާފު ވެއްޖެނަމަ، އެ އުޅަނދުގެ އޮޕަރޭޓަރ 20،000 (ވިހި ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެއެވެ. މީގެއިތުރުން މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެ މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހުއްދަ ދޭ ފަރާތަކުން ބެލުމަށްފަހު، ކެޕްޓަންގެ ލައިސަންސް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެއެވެ.

(ތ) މި ގަވާއިދުގެ 1-27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކަށް އިހުމާލުވުމާއި،ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ފަސިންޖަރަކަށް ނުވަތަ ފަޅުވެރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވުމުގެ އިހުތިޔާރު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

23.(ހ) ކޮންމެ އުޅަނދެއްގައިވެސް، އެ އުޅަނދު ދަތުރުކުރާ ސަރަހައްދަކަށް ކަނޑައަޅާފައިވާ ކެޓަގަރީއަކަށް ފެތޭގޮތަށް، ކެޕްޓަނުންނާއި ފަޅުވެރިންނާއި، މެރިން މެކޭނިކުން ތިބެންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

23.(އ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ އިތުރުން އެ އުޅަނދެއްގައި ހުރުން ލާޒިމްކުރާ މެރިން މެކޭނިކުންނަކީ ދިވެހިރައްޔިތުން ކަމުގައި ވާންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރު ކުރުން.

ދިވެހިރާއްޖޭގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސާވޭ ފީ ނެގުން 1-42

(ހ)  ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކޮށްގެން ދުއްވާ ދަގަނޑު، އެލްމިނިއަމް ނުވަތަ މައުދަނުން ބަނދެފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން 24 މީޓަރުން ފެށިގެން ދިގު އުޅަނދުފަހަރު ނުވަތަ 100 ގްރޮސް ޓަނޭޖަށްވުރެ ބޮޑެތި އުޅަނދުފަހަރުން ފެށިގެން 99.34 މީޓަރު ނުވަތަ 299 ގްރޮސް ޓަނޭޖާ ހަމަވާ އުޅަނދުފަހަރުގެ ސާވޭ ފީ އަކީ  500 (ފަސްސަތޭކަ) ރުފިޔާއެވެ. އަދި 35 މީޓަރުން ފެށިގެން ދިގު އުޅަނދުފަހަރު ނުވަތަ 300 ގްރޮސް ޓަނޭޖަށްވުރެ ބޮޑެތި އުޅަނދުފަހަރުގެ ސާވޭ ފީ އަކީ 1000 (އެއްހާސް) ރުފިޔާއެވެ.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކޮށްގެން ދުއްވާ ދަގަނޑު، އެލްމިނިއަމް ނުވަތަ މައުދަނުން ބަނދެފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން 24 މީޓަރުން ފެށިގެން ދިގު އުޅަނދުފަހަރު ނުވަތަ 100 ގްރޮސް ޓަނޭޖަށްވުރެ ބޮޑެތި އުޅަނދުފަހަރުން ފެށިގެން 99.34 މީޓަރު ނުވަތަ 299 ގްރޮސް ޓަނޭޖާ ހަމަވާ އުޅަނދުފަހަރަށް ދޫކުރާ ސެޓުފިކެޓުތަކުގެ ތެރެއިން ނޭށަނަލް ޓަނޭޖް ސެޓުފިކެޓު ފިޔަވައި އެހެނިހެން ސެޓުފިކެޓުތަކުގެ ފީ އަކީ ކޮންމެ ސެޓުފިކެޓަކަށް 1،500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއެވެ. ނޭށަނަލް ޓަނޭޖް ސެޓުފިކެޓުގެ ފީ އަކީ އެ އުޅަނދުގެ ރަޖިސްޓަރީގައި ބަޔާން ކޮށްފައިވާ ގްރޮސް ޓަނޭޖުގެ ކޮންމެ ގްރޮސް ޓަނަކަށް 1 (އެކެއް) ރުފިޔާއެވެ.

(ނ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކޮށްގެން ދުއްވާ ދަގަނޑު، އެލްމިނިއަމް ނުވަތަ މައުދަނުން ބަނދެފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 35 މީޓަރު ހަމަވާ އުޅަނދުފަހަރު ނުވަތަ 300 ގްރޮސް ޓަނޭޖު ހަމަވާ އުޅަނދުފަހަރަށް ނޭށަނަލް ޓަނޭޖް ސެޓުފިކެޓު ފިޔަވައި ދޫކުރާ އެހެނިހެން ސެޓުފިކެޓުތަކުގެ ފީ އަކީ ކޮންމެ ސެޓުފިކެޓަކަށް  1،500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއެވެ. ނޭށަނަލް ޓަނޭޖް ސެޓުފިކެޓުގެ ފީ އަކީ އެ އުޅަނދުގެ ރަޖިސްޓަރީގައި ބަޔާން ކޮށްފައިވާ ގްރޮސް ޓަނޭޖުގެ ކޮންމެ ގްރޮސްޓަނަކަށް 1 (އެކެއް) ރުފިޔާއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން

ކެޓަގަރީ A އަށް ސާވޭކޮށް ސެޓުފިކެޓު ދޫކުރުން ލާޒިމްކުރާ އުޅަނދުފަހަރް 1-43

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ދުއްވާ ދަގަނޑު، އެލްމިނިއަމް ނުވަތަ މައުދަނުން ބަނދެފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 24 މީޓަރު ހަމަވާ އުޅަނދުފަހަރު ނުވަތަ 100 ގްރޮސްޓަނޭޖު ހަމަވާ އުޅަނދުފަހަރު ކެޓަގަރީ A ގައި ބަޔާންކުރާ މިންގަނޑު ފުރިހަމަކުރުމަށްފަހު، ސާވޭކޮށް ސެޓުފިކެޓު ހެއްދުން ލާޒިމްވާނެއެވެ.

(ށ) ކޯޑު 10" ސަފާރީ ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރު" ސާވޭކޮށް ސެޓުފިކެޓުދޫކުރާނީ ކެޓަގަރީ "A "ގައި ދުއްވުމަށެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

44)(ދ). ''އޮޕަރޭޓަރ'' ކަމަށް ބުނެފައި އެވަނީ، އެ އުޅަނދުގެ ދަތުރުތައް ހަމަޖައްސައި އެ އުޅަނދުތަކުން ކުރާ ދަތުރުތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތަށެވެ.

(ތ) "ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، އުމުރުން 1 (ބާރަ) އަހަރުން ދަށުގެ ކުދިންނަށެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-229)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު