-

ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމުގައި ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއިބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-48)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ޖޫން 2017 ގައި)

 

ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމުގައި ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއިބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-157) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) (2) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

8. (ށ) (2) ތިމާވެށްޓަށް އަސަރު ފޯރާނޭ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަން އެންގުން. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) އުނި ކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

9 (1)  މި ގަވާއިިދުގެ ޖަދުވަލު 5 ގައިވާ ލިސްޓްގައި ހިމެނިފައިވާ ޓޫރިޒަމާ ގުޅޭ ތަރައްގީގެ އެއްވެސް ޕްރޮޖެކްޓަށް ސްކްރީން ކުރުމުގެ މަރުހަލާ ފުރިހަމަ ކުރާކަށެއް ނުޖެހޭނެއެވެ. އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަންވާނީ މިނިސްޓްރީން އަންގާ ގޮތެއްގެމަތިން، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހަޅައި، މި ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށް ފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޯޓު ތައްޔާރު ކުރުމަށް އެދިޔާރު ފޯޯމުު އަދި ޓަރމްސް އޮފް ރެފަރަންސް ހުށަހެޅުމުން ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހެޅުމުން، މިނިސްޓްރީން އެފަދަ ހުށަހެޅުންތައް ބަލައި ވަޒަން ކުރުމަށް ފަހު، އެ މަށރޫއުގެ ސަބަބުން ގަބޫލު ނުކުރެވޭފަދަ އަދޮ އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ކޮށްފާނެ ކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެ ނަމަ، އެ މަށްރޫއު ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް ނުވަތަ މަށްރޫއުގެ ބައިތަކަށް ަ ބަދަލުގެނެސް ކުރިއަށް ގެންިދއުމަށް އެންގިދާނެއެވެ.  

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކޮށް އެ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އަދި (ކ) ގެ ގޮތުގައި އަންނަނިވ ގޮތަށް އަކުރުތައް އިތުރުކުރުން.

11 (ހ). މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމެނޭ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ މަށްރޫއުތަކާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ސްކްރީން ކުރުމުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް އަންގާ މަށްރޫތައް ކުރިޔަށް ގެންދިއުމުގެ ކުރިން، އެދިޔާރުގެ ފަރާތުން ޖަދުވަލު 3 ގައި ވާ މައުލޫމާތު ހިމެނޭ "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ "ފޯމު" ހުށަހަޅަންވާނެއެވެ. މިގޮތުން ފޯމު ހުށަހަޅާއިރު ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ ޓާރމްސް އޮފް ރިފަރެންސް ފޯމާއިއެކު ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު" ހުށަހަޅާއިރު އެތަންތަނުގައި ހިންގާ މަށްރޫއުގެ ބޭނުންތަކަށްޓަކައި ވަގުތީ އިމާރާތްތަކެއް ކުރުމުގެ ހުއްދައަށް އެދިޔާރުގެ ފަރާތުން އެދެވިދާނެއެވެ. މިގޮތަށް ހުއްދައަށް އެދޭއިރު، ވަގުތީގޮތުން ކުރެވޭ އިމާރާތްތަކުގެ ލިސްޓަކާއި، އެ އިމާރާތްކުރެވޭ ސަރަހައްދުތައް ދައްކައިދޭ ސައިޓް ޕްލޭނެއް ހުށަހަޅަންވާނެއެވެ. 

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެދިޔާރުގެ ފަރާތުން ހުއްދައަކަށް އެދުމުން އެފަރާތުން ހުށަހަޅާފައިވާ ލިސްޓާއި ސައިޓް ޕްލޭނަށް ބެލުމަށް ފަހު، މަށްރޫއުގެ މަސައްކަތްތައް ކުރުމަށްޓަކައި ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަކަށް ވަގުތީ އިމާރާތްތަކެއް ކުރުމުގެ ހުއްދަ އެފަރާތަށް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. (ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް، މަށްރޫއުގެ އަމަލީ މަސައްކަތެއް އެއްވެސް ސަބަބަކާހެދި ނުފެށި 1 (އެކެއް) އަހަރަށްވުރެ ލަސްވެއްޖެނަމަ، އެކަންތައްތަކަށް ބެލުމަށްފަހު ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގެ މުއްދަތު އިތުރު ކުރުމުގެ އިހްތިޔާރު ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ ގެ ދަށުން އަންނަނިވި ގޮތަށް (ޅ) އިތުރު ކުރުން.

(ޅ) އެދިޔާރުގެ ފަރާޓުން، އިސްތިއުނާފަށް ހުށަހަޅާއިރު އެއާއެކީގައި އަނބުރާ ނުލިބޭ އިދާރީ ފީއެއް ދައްކަންޖެހޭނެއެވެ.


7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް، ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ ކޮންސަލްޓެންޓުންގެ ތެރެއިން ކޮންސަލްޓެންޓެއް އެދިޔާރު އައްޔަންކުރަންވާނެއެވެ. 

(ށ) މި ގަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންސަލްޓެންޓެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އެދިޔާރަކު ތިރީގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި 5،000،000 (ފަސް މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުނޫން އަދަދަކުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ. 

  1. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ހާލަތްތަކުގައި އެފަދަ ރިޕޯޓު ނުހަދައި އަދި ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ނުހޯދައި ތަރައްގީގެ ހުށަހެޅުމުގައިވާ މަށްރޫއު ހިންގުން. 
  2. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާ ކުރުމަށް ފަހު ދޫކޮށްފައިވާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމާއި ހިލާފަށް ތަރައްގީގެ މަށްރޫއު ހިންގުން. 
  3. މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ހާލަތްތަކުގައި އެފަދަ ރިޕޯޓު ނުހަދައި އަދި ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ނުހޯދައި ތަރައްގީގެ ހުށަހެޅުމުގައިވާ މަށްރޫއުއެއް ހިންގުމުގެ ސަބަބުން އިއާދަ ނުކުރެވޭ ފަދަ ބަދަލެއް ތިމާވެއްޓަށް މެދުވެރިވުން. 
  4. މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ނުވަތަ އެކަމާ ގުޅިގެން މިނިސްޓްރީއަށް ހުށަހަޅާ އެހެން އެއްވެސް ލިޔުމެއްގައި މަށްރޫއުގެ ތަރާއަރުފުގައި ނުވަތަ އެދިޔާރާއި ބެހޭ ގޮތުން ގަސްދުގައި އޮޅުވާލުމުގެ ބޭނުމުގައި ސައްހަ ނޫން މައުލޫމާތު ހިމެނުން. 
  5. މަސައްކަތް ހުއްޓުވުމަށް މިނިސްޓްރީން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން ނުވަތަ ހިންގި މަށްރޫއުގެ ސަބަބުން ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅު ކުރުމަށް މިނިސްޓގރީން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން. 

(ށ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވުނު ކަންކަން ފިޔަވައި އެދިޔާރަކު ތިރީގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ 13،000 (ތޭރަހާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑު ނޫން އަދަދަކުން އިދާޔާރު ޖޫރިމަނާ ކުރެވޭނެއެވެ. 

  1. ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބުނެފައިވާ ގޮތަށް ތިމާވެށްޓަށް އަންނަމުންދާ ބަަދަލުތައް ދެނެގަންނަމުން ނުގެންދިއުން. 
  2. ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާއިބެހޭ ރިޕޯޓު ހުށަނޭޅޫން. 

(ނ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ނުވަތަ ތިމާވެށްޓަށް އަންމުންދާ ބަދަލުތައް ބަޔާންކުރާ ރިޕޯޓްގައި ނުވަތަ މިކަމާ ގުޅުންހުރި އެހެން އެއްވެސް ލިޔުމެއްގައި، ރިޕޯޓުގެ ނިންމުންތަކަށް ބޮޑު ބަދަލެއް އަތުވެދާނެފަދަ މައުލޫމާތުތަކުގެ ތެރެއިން ފަށާނީ މައުލޫމާތުގައި، އޮޅުވާލުމުގެ ބޭނުމުގައި ސައްހަ ނޫން މައުލޫމާތު ކޮންސަލްޓަންޓަކު ހިމަނައިފިނަމަ އެ ކޮންސަލްޓަންޓް 13،000 (ތޭރަހާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑުނޫން އަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. 

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން ޖޫރިމަނާ ކުރާނީ މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. 

(ބ) މި މާއްދާގެ (ހ) (1) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް ކުއްލި ހާލަތެއް މެދުވެރިވެގެން އިދާރުގެ މުދާ ނުވަތަ ވިޔަފާރި ހިމާޔަތް ކުރަންޖެހިއްޖެ ހިނދެއްގައި މިނިސްޓްރީއަށް ލިޔުމަކުން އެންގުމަށްފަހު އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ވަގުތީ ގޮތުން އެޅުމުގެ އިހްތިޔާރު އެދިޔާރަށް ލިބިގެންވެއެވެ. މިގޮތުން އަޅާ ފިޔަވަޅުތަކަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރަންޖެހޭ ކަމެއްނަމަ ވީ އެންމެ އަވަހަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދަން ވާނެއެވެ. އަދި މިގޮތުން ފިޔަވަޅެއް ހުއްޓާލަން މިނިސްޓްރީއިން އަންގައިފިނަމަ އެފަދަ އެންގުންތަކަށް އެދިޔާރު އަމަލު ކުރަންވާނެއެވެ. 

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (މ) ގެ ފަހަތަށް ހިމަނާފައިވާ، އަންނަނިވި އިބާރާތް އުނިކުރުން.

"18 މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ. 

 

10 ވަނަ މާއްދާ - ބުނެވިޔަ ގަވާއިދުގެ 18 ވަނަ މާއްދާ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓޫރިސްޓް ވިޔަފާރިތަކުގެ ތަރައްގީގެ މަށްރޫއުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ އސަރުތައް ދެނެގަތުމަށް މި ގަވާއިދުގެދަށުން ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރު ކުރުމަށް އެދިޔާރު ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތައް ދިރާސާކޮށް އަންގަންޖެހޭ އެންގުންތަކާއި ހުއްދަތައް ދޫކުރުމަށް އޮފިސަރެއް ނުވަތަ އެޖެންޓެއް އައްޔަން ކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. 

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަބައި ގެކުރިއަށް "ފީނެގުން" ގެ ނަމުގައި އިތުރު ބައެއް އަންނަނިވިގޮތަށް އިތުރުކޮށް 8 ވަނަ ބައިގެ ފަހަތަށް ހުރި ބައިތަކާއި މާއްދާތައް ތަރުތީބުކުރުން.

21. (ހ) ގަވާއިދުގެ7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހަޅާއިރު އަނބުރައި ނުލިބޭ އިދާރީ ފީއެއްގެ ގޮތުގައި 2،000 (ދެހާސް) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. 

(ށ) ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހަޅާއިރު އިދާރީ ފީއެއްގެ ގޮތުގައި 400 (ހަތަރުސަތޭކަ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. 

(ނ) ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފަށްއެދި ހުށަހަޅާއިރު  އިދާރީ ފީއެއްގެ ގޮތުގައި 200 (ދުއިސައްތަ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. 

(ރ) މި ގަވާއިދުގެ ދަށުން ދައްކާފީ، އެމެރިކާ ޑޮލަރުގެބަދަލުގައި އެއިރެއްގައި އެމެރިކާ ޑޮލަރުވިއްކުމަށް ކަނޑައަޅާފައިވާ ރޭޓުން ދިވެހިރުފިޔާއިން ދެއްކިދާނެއެވެ. 

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާއިން "ތިމާވެށީގެ ފުރަތަމަ ދިރާސާ" އަދި އެ އިބާރާތުގެ މާނަކރުން އުނިކުން، އަދި "ސްކްރީނިންގ" ގެ މާނަ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

"ސްކްރީނިންގ":

ސްކްރީންކުރުން ކަމަށް ބުނެފައި އެވަނީ ހުށަހެޅިފައިވާ ހުށަހެޅުމަކީ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންޖެހޭ ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަންޖެހޭ މަސައްކަތެއްކަން ކަނޑައެޅުން. 

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

ޖަދުވަލު 1

 

 

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 (b) އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

2 (b) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަމަށް ނިންމުން. 

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 (2) ގައިވާ ބައިތައް އުނިކުރުމަށްފަހު ނަންބަރުތައް ތަރުތީބުކުރުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 4 (1) އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

  1. ސްކްރީންކުރުމަށްފަހު ނިންމިގޮތް އޮންނަންވާނީ ތިރީގައި ބުނެވުނު ފަދައިންނެވެ. 
    1. މި މާށްރޫއުގެ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހަޅާށެވެ. ނުވަތަ، 
    2. ތިމާވެށީގެ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރު ކުރމަށް އެދޭ ފޯމު ހުށަހަޅާށެވެ. 

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

ޖަދުވަލު 5

ތިމާވެށީގެ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންއެއް ހަދަން ޖެހޭ ޓޫރިޒަމް ސިނާއަތާއި ގުޅުހުން މަށްރޫއުތަކުގެ ލިސްޓް

1. ތިމާވެށީގެ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ޓޫރިޒަމް ސިނާއަތާ ގުޅުންހުރި މަށްރޫއުތައް؛

(ހ) ރިޒޯޓެއް އަލަށް ތަރައްގީ ކުރުން ނުވަތަ ރީ ޑިވެލޮޕްކުރުން؛

(ށ) ޔޮޓް ބަނދަރާއި ޔޮޓްފަހަރު ބަނދަރުކުރާ ތަންތަން ހެދުން ނުވަތަ އެތަންތަން ރީ ޑިވެލޮޕްކުރުން. 

(ނ) އަލަށް ޓޫރިސްޓް ހޮޓާ ތަރައްގީ ކުރުން ނުވަތަ ރީ ޑިވެލޮޕް ކުރުން؛

2. ދިހަ ކޮޓަރި ނުވަތަ ދިހަ ކޮޓަރިއަށް ވުރ ގިނަ ކޮޓަރި ހިމެނޭ ގޮތަށް ގެސްޓްހައުސް ތަރައްގީ ކުރުމުގެ ކުރިން، ހަދާފައި ހުރި އިމާރާތެއް ގެސްޓް ހައުސްއަކަށް ބަދަލުކުރުމުގެ ކުރިން ނުވަތަ ރީ ޑިވެލޮޕް ކުރުމުގެ ކުރިން ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންވާނެއެވެ. 

3. ޕްރޮޖެކްޓަކާ ގުޅިގެން ފުރަތަމަ ހަދާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންގައި އަންނަނިވި މަސައްކަތްތަކާއި މަށްރޫއުތައް ހިމެނިފައި ނުވާނަމަ، ނުވަތަ ފަުރަތަމަ ހުށަހަޅާފައިވާ ގޮތަށްވުރެ އިތުރު ނުވަތަ ތަފާތު ބަދަލުތަކެއް ގެނެސްފައިވާނަމަ އެކަންކަން ކުރިން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯތެއް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ހަދަންވާނެއެވެ؛

(ހ) ފަޅު ކޮނުމާއި ބަނދަރު ހެދުން؛

(ށ) ނެރު ގޮއްވުން؛

(ނ) މެށިނަރީ ބޭނުންކޮށްގެން ނެރު ކެނޑުން ނުވަތަ ފުންކުރުން (މީގެ ތެރޭގައި ކޮނުނުތާ 5 (ފަހެއް) އަހަރު ނުވާ ނެރުގެ ސައިޒަށް ބަދަލު ނުގެނެސް އަލުން ފުންކުރުން ނުހިމެނެއެވެ)؛

(ރ) ބިްނ ހިންގުން؛

(ބ) ތޮށިލުން (މީތެ ތެރޭގައި މެށިނަރީ ބޭނުން ނުކޮށް ތޮށްޓެއް މަރާމާތު ކުރުން ނުހިމެނެއެވެ.)

(ޅ) ރެޖިސްޓަރ ކޮށްފައިވާ ވެޖިޓޭށަން ލައިނުން ފެށިގެން ހިކިދިޔާގައި 10 (ދިހައެއް) މީޓަރަށްވުރެ ފުޅާގޮތަށް ރަށުގެ ގޮޑުދޮށުގެ އެއްވެސް ބައެއް ވެލިއަޅައިގެން ބޮޑުކުރުން، ނުވަތަ ރަށުގެ ގޮނޑު ދޮށުގެ ގުދުރަތީ ބައްޓަމަށް ބޮޑު ބަދަލެއް ގެނައުން؛ ނުވަތަ ވެލިގަނަގާ ޕަމްޕެއް ފިޔަވައި އެހެން އެއްވެސް ކޮންނަ މެށިނަރީއެއް ބޭނުންކޮށްގެން މޫދުން ވެލިނެގުން؛

(ކ) ނަރުދަމާ ނިޒާމް ގާއިމު ކުރުން؛

(އ) މޫދުގައި ކޮޓަރި، ރެސްޓޯރެންޓް، އަދި އެހެނިހެން އިމާރާތް ކުރުން؛

(ވ) 1 (އެކެއް) ހެކްޓަރަށްވުރެ ބޮޑު ގޮލްފް ކޯހެއް އެޅުން؛

4. ޕްރޮޖެކްޓަކާ ގުޅިގެން ފުރަތަމަ ހަދާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންގައި އަންނަނިވި މަސައްކަތްތަކާއި މަށްރޫއުތައް ހިމެނިފައި ނުވާނަމަ، އެކަންކަން ކުރުމުގެ ކުރިން ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ހަދަންވާނެއެވެ؛

(ހ) މެށިނަރީ ބޭނުންކޮށްގެން ފާލަން އެޅުން ނުވަތަ ފާލަމުގެ އެއްވެސް ބަޔަކުން އޮއި ނުދެމޭގޮތަށް ފާލަން އެޅުން؛

(ށ) ރިސޯޓް ހެދުމަށް ނުވަތަ ހޮޓާއެޅުމަށް ދޫކޮށްފައިވާ ބިމަކުން ފޯދިފައިވާ ރުއްގަސް ގިނަ އަދަދަކަށް ކެނޑުން؛

(ނ) މެށިނަރީ ބޭނުން ނުކޮށް 3 (ތިނެއް) މީޓަރަށް ވުރެ ފުޅާ ނެރު ކެނޑުން؛

(ރ) ރަށްގިރުން ހުއްޓުވުމަށްޓަކައި ގިރާފައިވާ ސަރަހައްދަކަށް ނުވަތަ ގިރަމުންދާ ސަރަހައްދަކަށް، ރެޖިސްޓަރ ކޮށްފައިވާ ވެޖިޓޭށަން ލައިނުން 10 (ދިހައެއް) މީޓަރަށްވުރެ ފުޅާ ނުވާގޮތަށް ވެލިއެޅުން؛

(ބ) ހެލިޕޭޓު ހެދުން؛

(ޅ) ކަނޑަށްޖައްސާބޯޓު ބަނދަރުކުރާ ޕްލެޓްފޯމް ހެދުމުގެ މަސައްކަތް؛

(ކ) ކުނިއަންގާ މެށިން ބެހެއްޓުން؛

(އ) އެއްގަމުގައި ބޯހޯލް ތޮރުފުން؛

(ވ) ދީސެލިނޭށަން ޕްލާންޓް ބެހެއްޓުން؛

(މ) އިންޖީނުގެ އާއިމު ކުރުން؛

(ފ) ތެޔޮ ރައްކާކުރާ އަދި ފޯރުކޮށްދޭ ނިޒާމް ގާއިމް ކުރުން؛

(ދ) މަސްނޫއީ ފަރު ހެދުން؛

5. މަދުވަލުގެ 3 އަދި 4 ގައި އެހެންއޮތް ކަމުގައި ވިޔަސް، ގޮނޑުދޮށް ހެދުމާއި ނެރު ބެލެހެއްޓުންފަދަ ކަންކަން ކުރާ ކޮންމެ ފަހަރަކު ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަން ނުޖެހޭގޮތަށް، 5 (ފައެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަށް އެފަދަ ކަންކަން ކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ. 

 

18 ވަނަ މާއްދާ - ބުނެދިޔަ ގަވާއިދުގެ ޖަދުވަލު 7 އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ޖަދުވަލު 7

ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތައް ކުރާ ފަރާތްތަކާއި ކުށްތައް ތަކުރާރު ކުރާފަރާތްތައް ޖޫރިމަނާ ކުރާނެ އުސޫލު 

1. މި ޖަދުވަލުގައި ތަކުރާރުކުރުން ކަމުގައި މާނަކޮށްފައި އެވަނީ، ފުރަތަމަ ފަހަރަށް ގަވާއިދާ ޚިލާފުވުމާއި  ދެވަނަ ފަހަރަށް ގަވާއިދާ ޚިލާފުވުން އެއީ ތަފާތު ދެކަމާ ގުޅިގެން ކަމުގައި ވިޔަސް ތަކުރާރުކުރިކަމުގެ މާނައިގައެވެ. 

2. ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އާއި ހިލާފު ވެއްޖެނަމަ އެދިޔާރު ޖޫރިމަނާ ކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ނަމަ ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 32،250 (ތިރީސް ދެހާސް ފަސް ސަތޭކަ) އެމެރިކާ ޑޮލަރުންނެވެ. 

(ށ) ގަވާއިދާ ހިލާފުވި ދެވަނަ ފަހަރު ނަމަ ގަވާއިދާ ހިލާފުވި ފަރާޓް ޖޫރިމަނާ ކުރެވޭނީ 65،000 (ފަސްދޮޅަސް ފަސް ހާސް) އެމެރިކާ ޑޮލަރުންނެވެ، 

(ނ) ގަވާއިދާ ހިލާފުވި ތިންވަނަ ފަހަރު ނަމަ ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 130،000 (ސަތޭކަ ތިރީސް ހާސް) އެމެރިކާ ޑޮލަރެވެ. 

(ރ) ތިންވަނަ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކަށް، ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 5،000،000 (ފަސް މިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑު ނޫން އަދަދަކުންނެވެ. 

3. ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ގަވާއިދާ ހިލާފުވެއްޖެނަމަ އެދިޔާރު ޖޫރިމަނާ ކުރާނީ، އަދި ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ގަވާއިދާ ހިލާފުވެއްޖެނަމަ ކޮންސަލްޓަންޓް ޖޫރިމަނާ ކުރާނީ، އަންނަނިވި އުސޫލުންނެވެ.

(ހ) ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ނަމަ ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 650 (ހަސަތޭކަ ފަންސާސް) އެމެެރިކާ ޑޮލަރުންނެވެ. 

(ށ) ގަވާއިދާ ހިލާފުވި ދެވަނަ ފަހަރު ނަމަ ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 1،300 (އެއްހާސް ތިންސަތޭކަ) އެމެެރިކާ ޑޮލަރުންނެވެ. 

(ނ) ގަވާއިދާ ހިލާފުވި ތިންވަނަ ފަހަރު ނަމަ ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 2،600 (ދެ ހާސް ހަސަތޭކަ) އެމެެރިކާ ޑޮލަރުންނެވެ. 

(ރ) ގަވާއިދާ ހިލާފުވި ހަތަރުވަނަ ފަހަރު ނަމަ ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 5،200 (ފަސްހާސް ދުއިސައްތަ) އެމެެރިކާ ޑޮލަރުންނެވެ. 

(ބ) ގަވާއިދާ ހިލާފުވި ފަސްވަނަ ފަހަރު ނަމަ ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 10،400 (ދިހަ ހާސް ހަތަރު ސަތޭކަ) އެމެެރިކާ ޑޮލަރުންނެވެ. 

(ޅ) ފަސްވަނަ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކަށް ގަވާއިދާ ހިލާފުވި ފަރާތް ޖޫރިމަނާ ކުރެވޭނީ 13،000 (ތޭރަ ހާސް) އެމެެރިކާ ޑޮލަރުންނެވެ. 

4. މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ، އެމެރިކާ ޑޮލަރުގެ ބަދަލުގައި އެއިރެއްގައި އެމެރިކާ ޑޮލަރުވިއްމަށް ކަނޑައަޅާފައިވާ ރޭޓުން ދިވެހިރުފިޔާއިން ދެއްކިދާނެއެވެ. 

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 12 އުނިކުރުމަށްފަހު، ނަންބަރު ތަރުތީބު ކުރުން. 

 

20 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓް، ގެސްޓްހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމުގައި ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-157)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު