މަނިޓަރީ އޮތޯރިޓީން އެއްކުރާ ތަފާސްހިސާބާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2017-58)
(މި ގަވާއިދަށް އަމަލުރަން ފެށީ 31 ޖުލައި 2017 ގައި)
ފުރަތަމަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، އޮތޯރިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ބޭނުންވާ ތަފާސްހިސާބު އެއްކުރުމާއި އާންމުކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް، އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ށ) އަދި 38 ވަނަ މާއްދާގެ ދަށުން، އެކުލަވައިލައި ނެރެފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔާނީ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެއްކުރާ ތަފާސްހިސާބާބެހޭ ގަވާއިދު" އެވެ.
ދެވަނަ ބާބު
ތަފާސްހިސާބު އެއްކުރުން
2 ވަނަ މާއްދާ - ތަފާސްހިސާބާއި މައުލޫމާތު އެއްކުރުން
(ހ) އޮތޯރިޓީގެ މަގްސަދު ހާސިލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އޮތޯރިޓީން ތަފާސްހިސާބާއި މައުލޫމާތު އެއްކުރެވޭނެއެވެ.
(ށ) އޮތޯރިޓީން ތަފާސްހިސާބު އެއްކުރެވޭނީ މައިގަނޑު ގޮތެއްގައި ސަރވޭކުރުމުންނާއި އެހެނިހެން ގޮތްގޮތުން މައުލޫމާތު ހޯދައިގެންނެވެ. ތަފާސްހިސާބު އެއްކުރުމުގެ ހަރަކާތްތަކުގެތެރޭގައި ދައުލަތުގެ މުއައްސަސާތަކުން ކުރެވޭ އިދާރީ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތްތަކެއް ނުހިމެނޭނެއެވެ. މިގޮތުން ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެދަށުން ބޭންކްތަކުން އަދި ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ބޭންކް-ނޫން މާލީ އިދާރާތަކުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތަކާއި، ރިޕޯޓުތައް ތަފާސްހިސާބުގެ ގޮތުގައެއް ނުބެލެވޭނެއެވެ.
(ނ) އޮތޯރިޓީން ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއިން ކަނޑައަޅާ އުސޫލުތަކަށާއި ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކަށް ރިއާޔަތްކުރާނެއެވެ.
3 ވަނަ މާއްދާ - މައުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ޒިންމާ
(ހ) އޮތޯރިޓީން ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދޭން އެއްވެސް ފަރާތެއްގައި އެދިއްޖެނަމަ، އޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ މުއްދަތެއްގެ ތެރޭގައި އެ ފަރާތަކުން އެ ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ. މީގެ ތެރޭގައި ދައުލަތުގެ އިދާރާތަކާއި، ކުންފުނިތަކާއި ޕާޓްނަރށިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި އަމިއްލަ ވިޔަފާރިތަކާއި ޖަމްއިއްޔާތައް ހިމެނެއެވެ.
(ށ) އޮތޯރިޓީއަށް ބޭނުންވާ ތަފާސްހިސާބާއި މައުލޫމާތު ހޯދުމަށް އެދި އެއްވެސް ފަރާތަކަށް އޮތޯރިޓީން އަންގާ އެންގުމުގައި، އެ ފަރާތަކުން ހުށަހަޅަންޖެހޭ މައުލޫމާތުގެ ތަފުސީލާއި މައުލޫމާތު ހުށަހަޅަންޖެހޭ ގޮތާއި ހުށަހަޅަންޖެހޭ ތާރީހު ހިމަނަންވާނެއެވެ.
(ނ) އޮތޯރިޓީއަށް ހުށަހަޅާ ތަފާސްހިސާބާއި މައުލޫމާތަކީ ސައްހަ، ފުރިހަމަ އަދި ތެދު މައުލޫމާތަށް ވާންވާނެއެވެ.
(ރ) އޮތޯރިޓީއަށް ހުށަހަޅާފައިވާ ތަފާސްހިސާބެއް ނުވަތަ މައުލޫމާތު ފުރިހަމަނޫން ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ އެ ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ހުށަހެޅި ފަރާތަށް އޮތޯރިޓީން އެންގިދާނެއެވެ. މިގޮތުން އޮތޯރިޓީން އަންގައިފިނަމަ، އޮތޯރިޓީން އަންގާ މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
ތިންވަނަ ބާބު
ސިއްރު ހިފެހެއްޓުން އަދި ތަފާސްހިސާބުގެ މައުލޫމާތު އާންމުކުރުން
4 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) މި ގަވާއިދުގެ ދަށުން ހޯދާ ވަކި ފަރާތަކާބެހޭ މައުލޫމާތަކީ އެ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ ސިއްރެއްގެ ގޮތުގައި ހިފަހައްޓާނެ މައުލޫމާތެކެވެ. މި ގަވާއިދުގެ ދަށުން، ތަފާސްހިސާބުގެ ބޭނުމަށް އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި އާންމުކުރުމުގައި އަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012 ގެ 11 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ހޯދާ ވަކި ފަރާތަކާބެހޭ މައުލޫމާތެއް، އެ މައުލޫމާތެއް ދިން ފަރާތުގެ ހުއްދަ ހޯދުމަށްފަހު މެނުވީ އެހެން އެއްވެސް ފަރާތަކަށް ހާމަނުކުރެވޭނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން، އެއްވެސް ފަރާތަކުން އޮތޯރިޓީއަށް ދީފައިވާ މައުލޫމާތަކީ ށާއިއުކޮށްފައިވާ ނުވަތަ އާންމުކޮށް ލިބެންހުރި މައުލޫމާތެއް ނަމަ، މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.
(ރ) ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޭނުމަށްޓަކައި، ސަރުކާރުގެ ވުޒާރާއަކުން ނުވަތަ ސަރުކާރުގެ އެހެންވެސް އިދާރާއަކުން، ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އެދިއްޖެ ހިނދެއްގައި، މި ގަވާއިދުގެ ދަށުން ހޯދައި އެއްކުރާ ތަފާސްހިސާބުގެ މައުލޫމާތު ޖުމުލަ ހިސާބުތަކެއްގެ ގޮތުގައި އޮތޯރިޓީން ދެވިދާނެއެވެ.
5 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން
(ހ) މި ގަވާއިދުގެ ދަށުން ހޯދައި އެއްކުރާ ތަފާސްހިސާބުގެ މައުލޫމާތު އާންމުކުރާނީ ޖުމުލަ ހިސާބުތަކެއްގެ ގޮތުގައެވެ.
(ށ) މި ގަވާއިދުގެ ދަށުން ލިބިފައިވާ ވަކި ފަރާތަކާބެހޭ މައުލޫމާތެއް އެ މައުލޫމާތެއް ދިން ފަރާތުގެ ހުއްދަ ހޯދުމަށްފަހު މެނުވީ، އެ މައުލޫމާތެއް ނިސްބަތްވަނީ އެ ފަރާތަށް ކަން އެނގޭނެ ގޮތަށް އޮތޯރިޓީން އާންމުނުކުރާނެއެވެ.
ހަތަރުވަނަ ބާބު
ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް
6 ވަނަ މާއްދާ - އިދާރީ ފިޔަވަޅުތައް
އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެނަމަ އެ ފަރާތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ:
(ހ) ހިލާފުވި ހިލާފުވުން ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ލިޔުމުން އެންގުން.
(ށ) ޖޫރިމަނާކުރުން. ޖޫރިމަނާކުރުމުގައި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅު ވަންދެން ހިނގާ ކޮންމެ ދުވަހަކަށް -/5,000 (ފަސްހާސް) ރުފިޔާއަށް ވުރެ އިތުރުނުވާނެ އަދަދެއްގެ ޖޫރިމަނާއެއް ކަނޑައެޅިދާނެއެވެ.
އެހެނިހެން މާއްދާތައް
7 ވަނަ މާއްދާ - ތަފާސްހިސާބު އެއްކުރަން އެހެން ފަރާތަކާ ހަވާލުކުރުން
އޮތޯރިޓީން ބޭނުންވެއްޖެނަމަ އޮތޯރިޓީއަށް ބޭނުންވާ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް އޮތޯރިޓީން އައްޔަނުކުރާ އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ. މިގޮތުން ހަވާލުކުރާ ފަރާތްތަކުން، އެ ފަރާތްތަކަށް ލިބޭ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓާނެކަން އޮތޯރިޓީން ކަށަވަރުކުރާނެއެވެ. އަދި މިގޮތުން ހަވާލުކުރާ ފަރާތްތަކަށް ލިބޭ މައުލޫމާތު ބޭނުންކުރެވޭނީ އެ މައުލޫމާތެއް އެއްކުރި ބޭނުމަށް އެކަންޏެވެ.
8 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
9 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފްޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު:
"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކުންފުންޏަށެވެ.
"ކޯޕަރޭޓިވް ސޮސައިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކޯޕަރޭޓިވް ސޮސައިޓީއަށެވެ.
"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
"އަމިއްލަ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއަށެވެ.
"ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ފަރުދުންނާއި ގާނޫނީ ށަހްސު ހިމެނޭ ގޮތަށެވެ.
"ފަރުދެއް" ކަމަށް ބުނެފައި އެވަނީ، ތަބީއީ ފަރުދަކަށެވެ.
"ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، ކޮންމެވެސް މައުލޫމާތެއް ދޭހަކޮށްދޭ ގޮތަށް ނެގޭ އަދަދުތަކަށެވެ.
"ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާއަށެވެ.
"ޕާޓްނަރށިޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޕާޓްނަރށިޕްއަށެވެ.
ކިޔުންތެރިންގެ ހިޔާލު