-

އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަރކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު

(17 ނޮވެމްބަރު 2009) 

1 ވަނަ މާއްދާ- ތައާރުފު

މިގަވާއިދަކީ ގާނޫނު ނަންބަރު 5/1987 " ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު" ގެ  3 ވަނަ މާއްދާގެ (ހ) އިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރި ކަލްޗަރއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. މިގަވާއިދަށް ކިޔަނީ " އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި ، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު''، މިފަދައިންނެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގޭ ފަރާތްތައް

(ހ) މިގަވާއިދު ހިންގާނީ، އެކްސްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރާފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރާ ފަރާތްތަކަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުން ތަކެތި ތައްޔާރުކުރާ ފަރާތްތަކަށާއި، އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަހާއި މަހުން ތަކެތި އުފައްދާ ފަރާތްތަކަށާއި އެކްސްޕޯޓްކުރުމަށް ދިރޭ މަސް ގެންގުޅޭފަރާތްތަކަށާއި، އެކުއާކަލްޗަރ ކުރާފަރާތްތަކުގެ މައްޗަށެވެ. 

(ށ) މަސްވެރިކަން ކޮށްގެން ބާނާމަސް، ޕްރޮސެސްކޮށްގެން ނުވަތަ ޕްރޮސެސްނުކޮށް ނަމަވެސް، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، ރާއްޖެއިން އެކްސްޕޯޓް ކުރުމަށްޓަކައި ބޭނުންކުރާނަމަ ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކާނަމަ ބެލެވޭނީ އެއީ އެކްސްޕޯޓްކުރުމަށް ހިންގި ހަރަކާތެއްކަމުގައެވެ.

 

3 ވަނަ މާއްދާ - ބޭނުންވާ ލައިސަންސާއި ހުއްދަ

(ހ) އެއިރެއްގައި، އެތަނެއްގައި، އެގޮތަކަށް، އެވައްތަރުގެ ނުވަތަ އެބާވަތުގެ ކަމެއްކުރުމަށް މިގަވާއިދުގެ ދަށުން، ލައިސަންސެއް ބޭނުންވާ މިގަވާއިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، އެކަމުގެ ސައްހަ ލައިސަންސެއް ލިބިގެން މެނުވީ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. މީގެތެރޭގައި މިގަވާއިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ވެސް ހިމެނެއެވެ.

  1. އަމިއްލަ ހައިސިއްޔަތުން  ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން، ނުވަތަ އޭޖެންޓެއްގެ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެއްވެސް ހަރަކާތެއް ހިންގުން،
  2. އެއްވެސް ކަމެއް ކުރުމަށް މަގުފަހި ކުރުމާއި، ތިމާގެ ބަދަލުގައި ނުވަތަ ތިމާގެ ފަރާތުން އެއްވެސް ކަމެއް ކުރުމަށް އެހެން މީހަކަށް ހުއްދަ ނުދިނުން،
  3. އުޅަނދެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި، މަސްވެރިކަމާ ގުޅޭ ހަރާކާތްތައްހިނގުން.

(ށ) މިގަވާއިދުގެ ދަށުން ސައްހަ ހުއްދައެއް ލިބި، އެ ހުއްދައިގައިވާ ގޮތުގެ މަތިން މެނުވީ، އެއްވެސް މީހަކު، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް، މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާގުޅޭ އެއްވެސް ކަމެއް ކުރުމަށް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ބޭނުންކޮށްގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމުގެ ލައިސަންސް ދިނުން

(ހ) މިގަވާއިދުގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އަންނަނިވި ތަކެތި މިނިސްޓްރީއަށް ހުށަހެޅުމުން، އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސް މިނިސްޓްރީއިން ދޫކުރަންވާނެއެވެ.

  1. ކަނޑުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގާނޫގެ ދަށުން ، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީ ލިބިފައިވާ އުޅަނދު ފަހަރުގެ ތެރެއިން ، ސައްހަ ރަޖިސްޓްރީ،
  2. މުއްދަތު ހަމަނުވާ ކަނޑުމަތީގެސަލާމަތީ ސެޓްފިކެޓް ،
  3. އެކަމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީއިން ހެލްތް ސެޓްފިކެޓެއް ލިބިގެން ކުރެވޭ ކަމެއްނަމަ، އެ އޮތޯރިޓީއިން ދޫކުރާ ހެލްތް ސެޓްފިކެޓް،
  4. އެކަމަކީ ސަރުކާރުގެ އިދާރާއަކުން އެހެން ހުއްދަ އެއް ނަގަންޖެހޭ ކަމެއްނަމަ، އެފަރާތަކުން ދޫކޮށްފައިވާ ހުއްދަ،
  5. މިނިސްޓްރީއިން ލައިސަންސް ދޫކުރުމަށް ކަނޑައަޅާ ފީ .

(ށ) މިމާއްދާގެ (ހ)ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 1ގައި ހިމެނިފައިވާ ފޯމުންނެވެ. 

(ނ) މިމާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މިމާއްދާގެ ދަށުން ލައިސަންސް ލިބޭނީ، އެބާވަތެއްގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދިނުމަށް މިނިސްޓްރީއިން ކަނޑައަޅާ ބާވަތެއްގެ މަސްވެރިކަން ކުރުމަށެވެ.  

(ރ) މިމާއްދާގެ ދަށުން މަސްވެރިކަން ކުރުމަށް ވަކި އުޅަނދަކަށްދޭ ލައިސަންސްގައި ބަޔާންކޮށްފައިވާ މަސްވެރިކަންފިޔަވައި ، އެކްސްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް އެހެން އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް  ލައިސަންސް ދިނުން

(ހ) މިގަވާއިދުގެ ދަށުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އަންނަނިވި ތަކެތި މިނިސްޓްރީއަށް ހުށަހެޅުމުން ، އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަހުގެ އުފެއްދުންތައް އުފެއްދުމުގެ ހުއްދަ މިނިސްޓްރީ އިން ދޫކުރަންވާނެއެވެ.

  1. މަހުގެ އުފެއްދުމެއް އެތަނެއްގައި އުފެއްދުމަށްޓަކައި، އެތަނަކަށް ލައިސަންސް ހޯދުމަށްއެދި ހުށަހަޅާ ތަނަކީ، އެކަމެއް އެތަނެއްގައި އެގޮތަކަށް ކުރުމުގެ ހައްގު އެހުށަހަޅާފަރާތަށް ލިބިފައިވާ ތަނެއްކަން ސާބިތު ކޮށްދޭ ލިޔުން،
  2. އެ އުފައްދާ ބާވަތެއް އެތަނެއްގައި އެގޮތަށް އުފެއްދުމަށްޓަކައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހުއްދައެއް ނަގަންޖެހޭ ހާލަތުގައި ،އެކަމަކަށް ލިބިފައިވާ ހުއްދަ،
  3. އެއުފައްދާ ބާވަތެއް އެތަނެއްގައި އެގޮތަށް އުފެއްދުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހެލްތު ސެޓްފިކެޓެއް ލިބެންޖެހޭ ހާލަތުގައި، އެއޮތޯރިޓީން އެކަމަކަށް ދޫކޮށްފައިވާ ހެލްތް ސެޓްފިކެޓް  
  4. އެކަމަކީ ސަރުކާރުގެ އިދާރާއަކުން އެހެން ހުއްދައެއް ނަގަންޖެހޭ ކަމަކަށް ވާނަމަ ، އެފަރާތަކުން ދޫކޮށްފައިވާ ހުއްދަ،
  5. މިނިސްޓްރީއިން ލައިސަން ދޫކުރުމަށް ކަނޑައަޅާ ފީ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 2ގައި ހިމަނާފައިވާ ފޯމުންނެވެ.

(ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މިމާއްދާގެ ދަށުން ލައިސަންސް ލިބޭނީ، އެބާވަތެއެއްގެ އުފެއްދުމެއް ތައްޔާރުކުރުމަށް ލައިސަންސް ދިނުމަށް މިނިސްޓްރީއިން ކަނޑައަޅާފައިވާ ބާވަތެއް ނުވަތަ ބާވަތްތަކެއް އުފެއްދުމަށެވެ. 

(ރ) މިމާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ލައިސަންސްގައި ބަޔާންކޮށްފައިވާ މަހުގެ އުފެއްދުމެއް ފިޔަވައި އެހެން އުފެއްދުމެއް އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް އުފެއްދުމަކީ މަނާކަމެކެވެ.

(ބ) މިމާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން، މިގަވާއިދުގެ ދަށުން މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ އުޅަނދަކުން މެނުވީ މަސްގަތުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - އެކްސްޕޯޓް ކުރުމަށް ދިރޭ މަސް ގެންގުޅުމަށް ނުވަތަ އެކުއާކަލްޗަރކުރުމަށް ލައިސަންސް ދޫކުރުން

(ހ)  މިގަވާއިދުގެ ދަށުން އެހެންގޮތަކަށް ކަނޑާނާޅާހާ ހިނދަކު، އަންނަނިވި ތަކެތި މިނިސްޓްރީއަށް ހުށަހެޅުމުން ، އެކްސްޕޯޓްކުރުމަށް ދިރޭމަސް ގެންގުޅުމުގެނުވަތަ އެކުއާކަލްޗަރ ކުރުމުގެ ލައިސަންސް މިނިސްޓްރީ އިން ދޫކުރަންވާނެއެވެ.

  1. އެތަނެއްގައި އެކްސްޕޯޓް ކުރުމަށް ދިރޭ މަސް ގެންގުޅުމުގެ ނުވަތަ އެކުއާކަލްޗަރ ކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާތަނަކީ،އެކަމެއް އެތަނެއްގައި އެގޮތަށް ކުރުމުގެ ހައްގު އެހުށަހަޅާފަރާތަށް ލިބިފައިވާ ތަނެއްކަން ސާބިތުކޮށްދޭ ލިޔުން،
  2. އެތަނެއްގައި އެކްސްޕޯޓް ކުރުމަށް ދިރޭ މަސް ގެންގުޅުމުގެ ނުވަތައެތަނެއްގައި އެކުއާކަލްޗަރ ކުރުމަށްޓަކައި  ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހުއްދައެއް ނަގަންޖެހޭ ހާލަތުގައި ، އެކަމަށް ލިބިފައިވާ ހުއްދަ،  
  3. އެ އުފައްދާ ބާވަތެއް އެތަނެއްގައި އެގޮތަށް އުފެއްދުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހެލްތް ސެޓްފިކެޓެއް ލިބެންޖެހޭ ހާލަތުގައި، އެއޮތޯރިޓީން އެކަމަށް ދޫކޮށްފައިވާ ހުއްދަ
  4. އެކަމަކީ ސަރުކާރުގެ އިދާރާއަކުން އެހެން ހުއްދައެއް ނަގަންޖެހޭ ކަމެއްނަމަ، އެފަރާތަކުން ދޫކޮށްފައިވާ ހުއްދަ،
  5. މިނިސްޓްރީއިން ލައިސަން ދޫކުރުމަށް ކަނޑައަޅާ ފީ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 3ގައި ހިމަނާފައިވާ ފޯމުންނެވެ.

(ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މިމާއްދާގެ ދަށުން ލައިސަންސް ލިބޭނީ، އެބާވަތެއެއްގެ ދިރޭ މަސް ގެންގުޅުމަށް ނުވަތަ އެބާވަތެއް އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމަށް މިނިސްޓްރީއިން ކަނޑައަޅާ ބާވަތެއް ނުވަތަ ބާވަތްތަކެއްގެ މަސް ގެންގުޅުމަށް ނުވަތަ އެކުއާކަލްޗަރ ކުރުމަށެވެ. 

(ރ) މިމާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން ، އެލައިސަންސްގައި ބަޔާންކޮށްފައިވާ މަހުގެ ބާވަތެއް ފިޔަވައި އެހެން ބާވަތެއްގެ މަހެއް އެކްސްޕޯޓް ކުރުމަށް ގެންގުޅުމަކީ ނުވަތަ އެކުއާކަލްޗަރ ކުރުމަކީ މަނާކަމެކެވެ.

(ބ) އެކްސްޕޯޓް ކުރުމަށް ދިރޭ މަސް ގެންގުޅުމަށް ނުވަތަ އެކުއާކަލްޗަރ ކުރުމަށް ދެވޭ ކޮންމެ ލައިސަންސަކީ ވަކިތަނަކަށް އަދި ވަކިބާވަތެއް ނުވަތަ ބާވަތްތަކެއް ގެންގުޅުމަށް ނުވަތަ އެކުއާކަލްޗަރ ކުރުމަށް ދެވޭ ލައިސަންސެކެވެ. އެކްސްޕޯޓްކުރުމަށް ދިރޭ މަސް ގެންގުޅުމަށް ނުވަތަ އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން، ދިރޭ މަސްގެންގުޅުމުގެ ނުވަތަ އެކުއާ ކަލްޗަރ ކުރުމުގެ އެއްވެސް މަސައްކަތެއް އެތަނުގައި ކުރުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ - ލައިސަންސް ފީ

(ހ) މިގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ދޫކުރަންވާނީ ، މިގަވާއިދުގެ ޖަދުވަލު 4ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފީ ނެގުމަށްފަހުގައެވެ.

(ށ) މިގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ލައިސަންސް ފީގެ އަދަދުތަށް ފިށަރީޒް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން،މަދުވެގެން ކޮންމެ ދެއަހަރަކުން އެއްފަހަރު، މުރާޖައާކޮށް އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގައި އެހެންއޮތްނަމަވެސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެރަރީގެ ރުހުމާއެކު، މިގަވާއިދުގެ ދަށުންދޭ ލައިސަންސެއް ނުވަތަ ލައިސަންސެއް ދޭ ކަމަކަށް ނުވަތަ ލައިސަންސް ދޭ ތަނަކަށް ނުވަތަ ލައިސަންސް ދޭ ކަމެއްގެ ގިންތިއަކަށް ކަނޑައެޅޭ ވަކި މުއްދަތެއްގެތެރޭގައި، މިގަވާއިދުގެ ޖަދުވަލު 4ގައި ކަނޑައަޅާފައިވާ ފީއާއި ނުލައި ނުވަތަ އެ ޖަދުވަލުގައި ކަނޑައަޅިފައިވާ ފީއަށްވުރެ ކުޑަފީއަކަށް ލައިސަންސް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެން ވެއެވެ.

 

8 ވަނަ މާއްދާ - ލައިސަންސް އެހެން ފަރާތަކަށްބަދަލުކުރުން

މިގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ލައިސަންސްގެ ދަށުން ލިބޭ ހައްގެއް ނުވަތަ އިމްތިޔާޒެއް އެހެން ފަރާތަކަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ ނުވަތަ އެހެންފަރާތަކަށް ބަދަލުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމެއް މިނިސްޓްރީއަށް ހުށަހަޅައި،ލައިސަންސް އެގޮތަށް ބަދަލު ކޮށްދިނުމުން ނޫނީ ، ދީފައިވާ ލައިސަންސް ނުވަތަ ލައިސަންސް ގެ ދަށުން ލިބޭ ހައްގެއް  ނުވަތަ އިމްތިޔާޒެއްއެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ލައިސަންސް ދިނުމުގެ އާންމު ށަރުތުތައް

(ހ) ލައިސަންސް ލިބިފައިވާކޮންމެ ފަރާތަކުންވެސް ، ލައިސަންސްގެ މުއްދަތުގައި އަންނަނިވިކަންކަން ފުރިހަމަ ކުރަން ވާނެއެވެ.

  1. ލައިސަންސްގައި ބަޔާންކޮށްފައިވާ ށަރުތު ތަކާ އެއްއޮތަށް އަމަލުކުރުން
  2. މިގަވާއިދާ އެއްގޮތަށް އަމަލުކުރުން
  3. ލައިސަންސް ފީ ދެއްކުން
  4. ހުރިހާ ވަގުތެއްގައިވެސް އުޅަނދުގައި ނުވަތަ ލައިސަންސް ދީފައިވާ ތަނުގައި ލައިސަންސް އޮތުން، އަދި މިނިސްޓްރީން ކަނޑައަޅާ ފިށަރީޒް އެންފޯސްމެންޓް އޮފިސަރަކު ލައިސަންސް ދެއްކުމަށް އެދިއްޖެ ނަމަ، އޭނާއަށް ލައިސަންސް ދެއްކުން

 

10 ވަނަ މާއްދާ - ލައިސަންސްގެ މައުލޫމާތު ބެލެހެއްޓުން

(ހ) މިނިސްޓްރީން ދޫކުރާ ލައިސަންސް ތަކާބެހޭ މައުލޫމާތު ހިމެނޭ، ލައިސަންސްތަކުގެ ގައުމީ ރަޖިސްޓްރީއެއް މިނިސްޓްރީން އުފައްދާ ބަލަހައްޓަން ވާނެއެވެ. މިރަޖިސްޓްރީގައި ތިރީގައިވާ މައުލޫމާތު ފިށަރީޒް އެޑްވައިޒަރީބޯޑުން ކަނޑައަޅާ ނުވަތަ ބޭނުންވާ ގޮތަކަށް ހިމަނަންވާނެއެވެ.

  1. މިގަވާއިދުގެ ދަށުން ލައިސަންސް ހޯދަން އެދޭފަރާތްތަށް
  2. މިގަވާއިދުގެ ދަށުންދޫކުރެވޭ ލައިސަންސާއި ، އައު ކޮށްދެވޭ ލައިސަންސާއި، ހިފެހެއްޓޭ ލައިސަންސާއި، ބާތިލްކުރެވޭ ލައިސަންސާއި ބެހޭ މައުލޫމާތު:
  3. ލައިސަންސް ދެވޭ ފަރާތާއި ބެހޭ މައުލޫމާތު
  4. ލައިސަންސް ދެވޭ އުޅަނދުފަހަރާއި ތަންތަނާއި ، ލައިސަންސް ދެވޭ ކަންކަން.

(ށ) މިމާއްދާގެ ( ހ) ގައިވާ ގޮތުގެމަތިން ގާއިމުކުރެވޭ ރަޖިސްޓްރީގައި، ދިވެހިރާއްޖޭގެ ގާނޫނު ހިނގާ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ކަމެއް ކުރުމަށް މިގަވާއިދުގެ ދަށުން ލައިސަންސް ދެވޭ މަސްވެރި އުޅަނދު ފަހަރުގެ މައުލޫމާތު ހިމަނަންވާނެއެވެ.

(ނ) މިމާއްދާގެ ( ށ) ގައިވާގޮތުގެ މަތިން ރަޖިސްޓްރީގައި ހިމަނާ މައުލޫމާތު ހޯދުމަށް ، ބޭރުދައުލަތެއްގެ ސަރުކާރުން އެދެފިނަމަ، މިނިސްޓްރީން އެމައުލޫމާތެއް އެފަރާތަކަށް ދޭންވާނެއެވެ، ނަމަވެސް، މިގޮތުގެ މަތިން މައުލޫމާތު ދެވޭނީ ، އެމައުލޫމާތަކީ ސިއްރު މައުލޫމާތެއްގެ ގޮތުގައި ހިފެހެއްޓުމާ ބެހޭގޮތުން ނުވަތަ މިފަދަ މައުލޫމާތު ދިނުމާބެހޭގޮތުން އަމަލުކުރެވޭ ދިވެހިރާއްޖޭގެ ވަކި ގާނޫނެއް އޮތްނަމަ އެގާނޫނަކާ އެއްގޮތް ވާ ގޮތުގެ މަތިންނެވެ.

(ރ) މިމާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން ބަލަހައްޓާ ލައިސަންސް ތަކުގެ ގައުމީ ރަޖިސްޓްރީގައި ހިމަނާފައިވާ މައުލޫމާތު ބަލަން ބޭނުންވާ ކޮންމެ މީހަކަށް، އެކަމަށް ކަނޑައެޅިފައިވާ ތަނެއްގައި، ކަނޑައެޅިފައިވާ ގަޑީގައި އަދި އެކަމަށް ފީއެއް ދައްކަންޖެހޭނަމަ އެ ފީއެއް ދެއްކުމަށްފަހު ބެލޭނޭގޮތް ހަމަޖައްސައި ދޭންވާނެއެވެ. ނަމަވެސް މިގޮތުގެ މަތިން މައުލޫމާތު ހާމަކުރެވޭނީ، މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާބެހޭގޮތުން ނުވަތަ މިފަދަ މައުލޫމާތު ދިނުމާ ބެހޭގޮތުން އަމަލުކުރެވޭ ދިވެހި ރާއްޖޭގެ ވަކި ގާނޫނެއް އޮތްނަމަ، އެގާނޫނަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. 

 

11 ވަނަ މާއްދާ - ތަފާސް ހިސާބު އެއްކުރުން

ދިވެހި ރާއްޖޭގެ މަސްވެރިކަމާ އެކުއާކަލްޗަރއާއި ، ކަނޑުގެ މުއްސަނދިކަން ތަރައްގީ ކުރުމަށާއި، މޭނޭޖް ކުރުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް  ބޭނުންވާ ޑޭޓާއާއި ތަފާސްހިސާބާއި މައުލޫމާތު އެއްކޮށް، ދިރާސާކޮށް އެނަލައިޒްކޮށް އަދި ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމާބެހޭ މައުލޫމާތު އާންމުކޮށް އެހެން ފަރާތްތަކަށް ފޯރުވައި ދިނުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެކެވެ.

 

12 ވަނަ މާއްދާ - މައުލޫމާތު ދިނުން

(ހ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ލައިސަންސްގެ ށަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މައުލޫމާތު މިނިސްޓްރީއިން ކަނޑައަޅާ ފަރާތަކަށް ދޭން ވާނެއެވެ.

(ށ) މައުލޫމާތު ދޭފަރާތަކުން، މިނިސްޓްރީއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ، ތެދު، ފުރިހަމަ މައުލޫމާތަކަށް ވާންވާނެއެވެ. އަދި މިގޮތުންދޭ އެއްވެސް މައުލޫމާތަކީ ދޮގު ނުވަތަ ސައްހަ ނޫން މައުލޫމާތު ކަމުގައި ވެގެން ނުވާނެއެވެ.  

 

13 ވަނަ މާއްދާ - ކެޗް ސެޓްފިކެޓް ދޫކުރުން

 (ހ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން، މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގެ ކުރިން އެށިޕްމަންޓާއެކު ފޮނުވަންޖެހޭ ކެޗް ސެޓްފިކެޓް، މިގަވާއިދުގެ ޖަދުވަލު 5ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް، މިނިސްޓްރީއިން ވެލިޑޭޓްކޮށް އެންޑޯސްކުރުމަށްޓަކައި އެށިޕްމަންޓެއް އެކްސްޕޯޓް ކުރުމުގެ މަދުވެގެން 12 ގަޑިއިރު ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް ، މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން، ތާޒާކޮށް ނުވަތަ ފިނިކޮށްގެން މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށްޓަކައި ކެޗް ސެޓްފިކެޓް ހޯދުމަށްއެދި ، އެ ށިޕްމަންޓެއް އެކްސްޕޯޓްކުރުމުގެ 2ގައިޑި އިރު ކުރިން ހުށަހަޅަން ވާނެއެވެ.  

(ނ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން، މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގެ ކުރިން އެށިޕްމަންޓަކާއެކު ފޮނުވަންޖެހޭ ، ވެލިޑޭޓްކޮށް އެންޑޯސްކޮށްފައިވާ ކެޗް ސެޓްފިކެޓް މިނިސްޓްރީން ހޯދަންވާނެއެވެ

(ރ) މިމާއްދާގައި ބުނެފައިވާ ކެޗް ސެޓްފިކެޓް ދިނުމުގައި، މިގަވާއިދުގެ ޖަދުވަލު 6ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން މިނިސްޓްރީއިން ފީނަގަން ޖެހޭނެއެވެ.

 

 14 ވަނަ މާއްދާ -  ލައިސަންސް ނުދިނުން

(ހ) އަންނަނިވި އުޅަނދުފަހަރަށާއި ކަންކަމަށާއި ތަންތަނަށް ލައިސަންސް ދީގެން ނުވާނެއެވެ.

  1. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރައްކާތެރިކަމާއި ސަލާމަތާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރމަންޓުން ދޭ ކަނޑުމަތީގެ ސަލާމަތީ ސެޓްފިކެޓް ލިބިފައިނުވާ އުޅަނދުފަހަރު؛
  2. އުޅަނދަށް ނުވަތަ މަހާއި މަހުން ތަކެތި އުފައްދާ ތަނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޭ ހެލްތް ސެޓްފިކެޓް ލިބިފައި ނެތް އުޅަނދުފަހަރު ނުވަތަ ތަންތަން؛
  3. ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ އެއްބަސްވުމެއްގެ ދަށުން، އެކަމަކަށް ނުވަތަ އެފަރާތަކަށް ލައިސަންސް ދެވެންނެތް ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި ކަންކަމަށް؛
  4. ގާނޫނެއްގެ ދަށުން ނުވަތަ ގާނޫނެއްގެ ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގެ ދަށުން އެކަންކަމަށް ނުވަތަ އެފަރާތަކަށް ލައިސަންސް ދެވެންނެތް ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށާއި ކަންކަމަށް .

 

15 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް

(ހ) މިގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ލިބިފައިވާ ފަރާތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

  1. ލައިސަންސް ހޯދުމަށް ދޮގުމައުލޫމާތު ނުވަތަ ފުރިހަމަ ނުވާ މައުލޫމާތު ދިނުން ؛
  2. މިގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ ށަރުތުތަކާ ހިލާފުވެއްޖެނަމަ، ނުވަތަ ލައިސަންސްގެ ށަރުތުތަކަކާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، ނުވަތަ ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލު ނުކުރިނަމަ، އެކަން އިސްލާހުކުރުމުގެ ފުރުސަތު އޮވެ،އެކަން އިސްލާހު ނުކުރުން؛
  3. މިގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ކެޗް ސެޓްފިކެޓްގައި ހިމެނުމަށް ދޮގުމައުލޫމާތު ދިނުން؛
  4. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި، އެގާނޫނުތަކުގެ ބާރު ލިބިގެން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވުން؛

 

16 ވަނަ މާއްދާ - އާންމު މަސްލަހަތަށާއި ގައުމީސަލާމަތަށް ނުރައްކާވާ ކަންކަން ކުރާފަރާތްތަކުގެ ލައިސަންސް އަތުލުން

މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ އެފަރާތުގެ އިރުށާދުގެ މަތިން ހަރަކާތްތެރިވާ މުވައްޒަކު، އޭޖެންޓަކު ނުވަތަ އެހެންމީހަކު، މިގަވާއިދުގެ ދަށުން ހިންގާ އެއްވެސްކަމެއް ކުރުމުގައި، ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތް ކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ، އެފަރާތަށް ދިފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތަށް ބަދަލު ދިނުން

މިގަވާއިދުގެ ދަށުން ދީފައިވާ ލައިސަންސެއް މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަނބުރާ އަތުލައިފިނަމަ، ނުވަތަ ލައިސަންސް ދޫކުރިއިރު، އެކަމެއް އެގޮތަކަށް ބަދަލުވެދާނެ ކަމަށްބެލެވިފައި ނެތް ގޮތަކަށް ހާލަތު ބަދަލުވުމުގެ ސަބަބުން ނުވަތަ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ނަތީޖާއެއްގެ ގޮތުން، ނުވަތަ ލައިސަންސްގެ ށަރުތުތަކަށް އެންމެފަހުން ގެނައި ބަދަލަކާ ގުޅިގެން، އެފަރާތަކަށް ދީފައިވާ ލައިސަންސެއް އައުކޮށް ނުދެވުނު ނަމަވެސް، ލައިސަންސް ކުރިން އޮތް ފަރާތަށް މިނިސްޓްރީން ބަދަލުދޭކަށް ނުޖެހޭނެއެވެ.

 

18ވަނަ މާއްދާ - މޮނީޓަރ ކުރުމާއި ކޮންޓްރޯލް ކުރުމާއި ސާރވޭލަންސް ބެލެހެއްޓުމުގެ ނިޒާމް

މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ އެކިއެކި ކަންކަން ބެލެހެއްޓުމުގެ ބޭނުމުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަށްވަރާގެ މަތިން ނުވަތަ އެފަރާތްތަކާ ގުޅިގެން މިގަވާއިދުގެ ދަށުން ހިނގާ ކަންކަން މޮނިޓަރކޮށް، ކޮންޓްރޯލްކޮށް، ސަރވޭލަންސް ބެލެހެއްޓުމުގެ ނިޒާމެއް މިނިސްޓްރީން ރާވާ ތަންފީޒު ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ފިށަރީޒް އެންފޯސްމަންޓް އޮފިސަރުން

(ހ) މިގަވާއިދުގެ ދާއިރާގެ ތެރޭގައި ހިންގާ ކަންކަން ހިނގަނީ މިގަވާއިދާ އެއްގޮތަށްކަން ޔަގީން ކުރުމަށްޓަކައި އަދި ކަންކަން ހިނގާގޮތް މޮނިޓަރ ކުރުމަށްޓަކައި ފިށަރީޒް އެންފޯސްމަންޓް އޮފިސަރުންގެ ގޮތުގައި ،އާންމުކޮށް އިއުލާންކުރުމަށްފަހު،އަންނަނިވި ފަރާތްތަށް ހަމަޖެއްސުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. މިނިސްޓްރީގެ ކޮންމެ މުވައްޒަފެއް ނުވަތަ ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފެއް؛
  2. ކަމަކަށް އެކަށިގެންވާ ކަމަށް މިނިސްޓްރީއިން ކަނޑައަޅާ އައްޔަންކުރާ ކޮންމެ މީހެއް.

(ށ) ފިށަރީޒް އެންފޯސްމަންޓް އޮފިސަރެއްގެ ބާރާއި އަދާކުރަންޖެހޭ ވާޖިބާއި މަސްއޫލިއްޔަތުގެ ދާއިރާ ވަކި ކަމަކަށް ނުވަތަ ވަކި ކަންތައްތަކަކަށް އަދި އެކަންކަން އަދާކުރަންޖެހެނީ ވަކި މުއްދަތަކަށް ކަމުގައި ހަމަޖެއްސުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) ބައިނަލް އަގްވާމީ ނުވަތަ ސަރަހައްދީ އެއްބަސްވުމެއްގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ދިވެހިރާއްޖޭގެ ފިށަރިޒް އެންފޯސްމަންޓް އޮފިސަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުން ބޭރުގައި ހަރަކާތްރިތެރިވާންޖެހޭ ހާލަތެއްގައިމެ، ދިވެހިރާއްޖޭގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުން ބޭރުގައިވެސް މިގަވާއިދަށް އަމަލު ކުރެވޭނެއެވެ.

(ރ) މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ފިށަރީޒް އެންފޯސްމަންޓް އޮފިސަރެއްގެ ކިބައިން، އޭނާގެ ހައިސިއްޔަތު އޮޅުން ފިލުވުމަށް ސުވާލު ކުރެވިއްޖެނަމަ، އޭނާއަކީ ފިށަރީޒް އެންފޯސްމަންޓް އޮފިސަރެއްކަން އަންގައިދޭނެ ހެކި ދައްކަންޖެހޭނެއެވެ.

(ބ) މިގަވާއިގެ ދަށުން ކަނޑައަޅާފައިވާ ފިށަރީޒް އެންފޯސްމަންޓް އޮފިސަރަކަށް މިނިސްޓްރީން ދޫކޮށްފައިވާ އޭނާއަކީ ފިށަރީޒް އެންފޯސްމަންޓް އޮފިސަރެއްކަން އަންގައިދޭ ކޮންމެ ލިއުމަކީ މިގަވާއިދުގެ ދަށުން އޭނާ އަދާކުރަންޖެހޭ ކޮންމެ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރުމުގެ ބާރާއި އިހްތިޔާރު އޭނާއަށް ލިބިގެންވާކަން ސާބިތުކޮށްދިނުމަށް ފުދޭނެ ހެކި ކަމުގައިވާނެއެވެ.

 

20 ވަނަ މާއްދާ - ފިށަރީޒް އެންފޯސްމަންޓް އޮފިސަރުންނަށް ލިބިގެންވާ ބާރުތައް

މިގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށްޓަކައި ، އަންނަނިވި ކަންކަން ކުރުމުގެ އިހްތިޔާރު ފިށަރީޒް އެންފޯސްމަންޓް އޮފިސަރަށް ލިބިގެންވެއެވެ.

(ހ) މިގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގޮތުން ، އަންނަނިވި ހާލަތްތަކުގައި، އުޅަނދުފަހަރު ހުއްޓުވުމާއި، އުޅަނދުފަހަރަށް އެރުމާއި، ހޯދާ ބެލުމާއި އުޅަނދުގައި ގާއިމުވެ ހުރުން؛

  1. ދިވެހިރާއްޖޭގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައިވާ އުޅަނދަކުން މިގަވާއިދާއި ހިލާފަށް މަސްވެރިކަންކުރުން ނުވަތަ އެކަމާގުޅޭ އެހެން ހަރަކާތެއް ހިންގައިފިކަމަށް ނުވަތަ ހިންގާ ކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ގަބޫލުކުރެވޭނެ ސަބަބުތައް ހުރުން؛
  2. މިގަވާއިދުގެ ދަށުން ލައިސަންސްދޫކޮށްފައިވާ އުޅަނދެއް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ދިވެހިން އާންމުކޮށް މަސްވެރިކަން ކޮށް އުޅޭ ސަރަހައްދުން ބޭރުގައި ވާހިނދު؛
  3. އެ އުޅަނދެއްގެ މައްޗަށް މި ގަވާއިދު ހިންގިދާނެ ނުވަތަ ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ އެއްބަސްވުމެއްގެ ދަށުން އެ އުޅަނދަކާމެދު އެގޮތަކަށް އަމަލު ކުރެވިދާނެ ކޮންމެ އުޅަނދެއް؛

(ށ) އަންނަނިވި ހާލަތްތަކުގައި ، ހަމަ އެކަނި މީހުން ދިރިއުޅުމަށް ހާއްސަ ކުރެވިފައިވާ ގޮވަތި ގެދޮރު ފިޔަވައި، މިގަވާއިދުގެ ދާއިރާއަށް ފެތޭ ކަންކަން ހިންގާކަމަށް ބެލެވޭ އުޅަނދުފަހަރާއި، ބިންބިމާއި، ތަނަތަނާއި، އެކުއާކަލްޗަރ ކުރާ ތަންތަނާއި ސަރަހައްދަށް ވަދެ ހޯދާ ބެލުމާއި، އެތަންތަނުގައިވާ ލޮގް ބުކްސް އާއި، ލިޔުމާއި، ރެކޯޑްސް އަދި އެހެނިހެންލިޔެކިޔުމާއި ތަކެތި ބަލައި އޭގެ ކޮޕީ ނެގުން.

  1. މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުގައި ބަޔާން ކުރެވިފައިވާ ކުށެއްކުރިކަމުގެ ހެކި އެތަނަކުން ފެނިދާނެކަމަށް ގަބޫލުކުރެވުން؛
  2. އެތަނެއްގައި ހިންގާ ކަންކަން ހިންގަނީ މަސްވެރިކަމާބެހޭ ގާނޫނާއި ގަވާއިދާއި އެއްގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި ،އެތަނަކަށް ވަންނަންޖެހުން ނުވަތަ ވަނުމަށް ބޭނުންވުން

(ނ) މިގަވާއިދުގެ ދާއިރާގައި ހިމެނޭ ކަމަކާއި ނުވަތަ ހަރަކާތަކާ ގުޅުންހުރި ފަރާތަކަށް ނުވަތަ ގުޅުންހުރި ކަމަށް ބެލެވޭ ފަރާތަކަށް، މިގަވާއިދު  ހިންގުމަށްޓަކައި ބޭނުންވާ މައުލޫމާތު ދިނުމަށް އެންގުން

(ރ) އަންނަނިވި ބާވަތުގެ މީހުންގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ނަންބަރާއި، އުފަންދުވަހާއި،  ދިރިއުޅޭތަނާ ބެހޭ މައުލޫމާތު ދިނުމަށް އެންގުން

  1. މިގަވާއިދުގެ ދަށުން ލައިސަންސެއް ބޭނުންވާ ކަމެއް ހިންގަމުންދާމީހުން ނުވަތަ އެފަދަ ކަމެއް ހިންގަމުންދާ ކަމަށް ބެލެވޭ މީހުން؛
  2. މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފައިވާކަމަށް ބެލެވޭ މީހުން ނުވަތަ ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ހިންގަންއުޅޭ ކަމަށް ބެލެވޭ މީހުން؛

(ބ) މިގަވާއިދުގެ ދަށުން ނުވަތަ ރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން ނުވަތަ ބިދޭސީ އުޅަނދުފަހަރު މަސްވެރިކަން ކުރުމަށް ހުއްދަދޭ އެއްބަސްވުމުއްގެ ދަށުން ލައިސަންސެއް ބޭނުންވާ ހަރަކާތެއް ހިންގުމުގައި ގާއިމުވެ ހުރި ކޮންމެ މީހަކު ނުވަތަ އެފަދަ ހަރަކާތެއް ހިންގާކަމަށް ބެލެވޭ ކޮންމެ މީހަކު އަންނަނިވި ގޮތަށް އަމަލުކުރުމަށް އެންގުން .

  1. ހިންގަމުންދާ ހަރަކާތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެންގުން ؛
  2. ހިންގަމުންދާ ހަރަކާތް ހިނގުމަށް ލައިސަންސެއް ލިބިފައިވޭތޯ އެހުން. ލައިސަންސެއް ލިބިފައިވާނަމަ އެ ދެއްކުމަށް އެންގުން

(ޅ) އުޅަނދުގެ ލޮގްބުކްގައި ފިށަރީޒް އެންފޯސްމަންޓް އޮފިސަރ ބަޔާނެއް ލިޔެ، ތާރީހާއި ގަޑި ޖަހާ ސޮއިކުރުން. އަދި އުޅަނދުގެ މާސްޓަރ ވެސް އެބަޔާނުގައި ސޮއިކުރުމަށް އެންގުން. ނުވަތަ ޗާޓެއްގައި ނުވަތަ އެހެން ލިއުމެއްގައި އުޅަނދު އެއިރެއްގައި އޮތްތަން ފާހަގަކޮށް ޗާޓްގައި ނުވަތަ ލިއުމުގައި ތާރީހާއި ގަޑި ޖަހާ ސޮއިކުރުން .

( ކ) މިގަވާއިދު ފިޔަވައި އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ފިށަރީޒް އެންފޯސްމެންޓް އޮފިސަރަށް އިތުރު އިހްތިޔާރެއް ނުވަތަ ބާރެއް ލިބިދޭނަމަ، އެ ގާނޫނެއްގެ ނުވަތަ އެގަވާއިދެއްގެ ދަށުން ލިބޭ އިހްތިޔާރެއް ނުވަތަ ބާރެއްގެ ބޭނުންކުރުން

 

21 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މިގަވާއިދުގައި ވަކިކަމެއް ކުރުމަށް ނުވަތަ ވަކިކަމެއް ނުކުރުމަށް ކަނޑާއަޅާފައިވާ އެއްވެސް ކަމެއް، މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތްނޫން އެހެންގޮތަކަށް ނުވަތަ އެގޮތާ ހިލާފު ގޮތަކަށް ކޮށްފިނަމަ އެކަމެއް އެގޮތަކަށް ކުރިފަރާތަކުން މިގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެން ވެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މިގަވާއިދާ ހިލާފުވުމުގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުން އެކަމެއް އެގޮތަކަށް ކުރިފަރާތަކުން މިގަވާއިދާ ހިލާފުވެއްޖެކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. މިގަވާއިދުގެ ދަށުން ލައިސަންސެއް ލިބިގެން ކުރެވޭ ކަމެއް ސައްހަ ލައިސަންސެއް ނެތި ކުރުން؛
  2. މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތެއް، އެފަރާތަށް ލިބިފައިވާ ލައިސަންސްގެ ށަރުތަކާއި ނުވަތަ ށަރުތުތަކަކާއި ހިލާފުވުން؛
  3. މިގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތެއް، މަސްވެރިކަމުގެ ގާނޫނާއި ނުވަތަ އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާއި ހިލާފުވުން ؛
  4. މަހާއި ކަނޑުގެ ދިރުންހުރި ބާވަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، މެނޭޖްކުރުމަށް ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ ފެންވަރުގައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފު އަމަލެއް ހިންގުން؛
  5. މިގަވާއިދުގެ ދަށުން މިނިސްޓްރީއަށް ދޭންޖެހޭ މައުލޫމާތު ނުދިނުން؛
  6. މިގަވާއިދުގެ ދަށުން މިނިސްޓްރީއަށް ދޮގު ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުން؛
  7. މިގަވާއިދުގެ ދަށުން ލައިސަންސެއް ލިބުމަކާއި ނުލައި ބާނާފައިވާ މަސް ނުވަތަ މިގަވާއިދުގެ ދަށުން ލައިސަންސެއް ލިބުމަކާނުލައި އެކުއާކަލްޗަރ ކޮށްގެން އުފައްދާފައިވާމަސް، ޕްރޯސެސް ކޮށްގެން ނުވަތަ ޕްރޯސެސް ނުކޮށް ނަމަވެސް ރާއްޖެއިން އެކްސްޕޯޓް ކުރުމަށްޓަކައި ގަތުން؛
  8. މިގަވާއިދުގެ ދަށުން ލައިސަންސެއް ލިބުމަކާނުލައި ބާނާފައިވާ މަސް ނުވަތަ މިގަވާއިދުގެ ދަށުން ލައިސަންސެއް ލިބުމަކާނުލައި އެކުއާކަލްޗަރ ކޮށްގެން އުފައްދާފައިވާމަސް، ޕްރޯސެސް ކޮށްގެން ނުވަތަ ޕްރޯސެސް ނުކޮށް ނަމަވެސް ރާއްޖެއިން އެކްސްޕޯޓްކުރުން؛
  9. މިގަވާއިދު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ އޯޑިޓެއް ނުވަތަ އިންސްޕެކްށަނެއް ކުރެވޭނެގޮތް ހަމަޖައްސައި ނުދިނުން ނުވަތަ އެކަންކަމަށް އެއްބާރުލުން ނުދިނުން ނުވަތަ އެހީތެރިނުވުން؛

 

22 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން.

(ހ) މިގަވާއިދާ ހިލާފުވާ ފަރާތަކާމެދު އިދާރީގޮތުން އަޅާފިޔަވަޅެއްގެ ގޮތުގައި ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނުވަތަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތްތަކަކަށް އަމަލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. މިގަވާއިދާ ހިލާފުކަމެއް ކޮށްފިނަމަ އަދި އެކަމެއް ކޮށްގެން އެއްވެސް އާމްދަނީ އެއް ލިބިފައިވާނަމަ، އެލިބުނު އާމްދަނީއަކާ އެއްވަރުގެ ފައިސާގެ އަދަކުން ނުވަތަ އެކަމެއް އެގޮތަށް ކޮށްގެން އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެލިބުނު ގެއްލުމަކާ އެއްވަރުގެ ފައިސާގެ އަދަދަކުން ޖޫރިމަނާ ކުރުން؛
  2. މިގަވާއިދާ ހިލާފުވާ ފަރާތަށް މިގަވާއިދުގެ ދަށުން ލައިސަންސެއް ދުކޮށްފައިވާނަމަ، އެފަރާތަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުން؛
  3. މިގަވާއިދާ ހިލާފުވާ ފަރާތަށް މިގަވާއިގެ ދަށުން ލައިސަންސެއް ދޫކޮށްފައިވާނަމަ، އެފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްކުރުން؛
  4. މިމާއްދާގެ (ހ) ގެ 1 އާއި 2 ގައިވާގޮތަށް އަމަލުކުރުން؛
  5. މިމާއްދާގެ (ހ) ގެ 1 އާއި 3 ގައިވާގޮތަށް އަމަލުކުރުން

(ށ) މިމާއްދާގެ ދަށުން ޖޫރިމަނާ ކުރުމުގައި އެކަމެއްކޮށްގެން ލިބުނު ނުވަތަ ލިބޭނެ ފައިސާގެ މިންވަރު ނުވަތަ އެކަމެއް އެގޮތަކަށް ކުރުމުން ލިބުނު ގެއްލުމުގެ މިންވަރު ފައިސާއިން ވަޒަންކޮށް ކަނޑައަޅާނީ މިނިސްޓްރީއިންނެވެ.

(ނ) މިގަވާއިދާ ހިލާފުވުމާ ގުޅިގެން، މިގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅެއް އެޅުމަކީ ނުވަތަ ކުރާ ޖޫރިމަނާއެއް ކުރުމަކީ، މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ނުވަތަ އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އެފަރާތަކުން ކޮށްފައިވާ އަމަލާމެދު ދިވެހިރާއްޖޭގެ ށަރުއީ ކޯޓެއްގައި ދައުވާ ކުރުމަށް ހުރަސް އެޅޭނެ ކަމެއްނޫނެވެ.

 

23 ވަނަ މާއްދާ - މިނިސްޓްރީގެ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ކޯޓަށް ހުށަހެޅުން

(ހ) މިގަވާއިދުގެ ދަށުން މިނިސްޓްރީން ލައިސަންސް ދޭގޮތާމެދު، ނުވަތަ ލައިސަންސް ނުދިނުމަށް މިނިސްޓްރީން ނިންމާ ނިންމުމަކާ މެދު ، ނުވަތަ ދީފައިވާ ލައިސަންސެއް ހިފެހެއްޓުމަށް ނުވަތަ އަނބުރާ އަތުލުމަށް ނުވަތަ ބާތިލް ކުރުމަށް ނިންމާ ނިންމުމަކާމެދު ، ނުވަތަ މިގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅަކާމެދު ، ނުވަތަ ކުރާ ޖޫރިމަނާއަކާ މެދު ހިތްހަމަނުޖެހޭ ހާލަތުގައި އަންނަނިވި ގޮތްތަކަކަށް އަމަލުކުރެވިދާނެއެވެ.

  1. މިނިސްޓްރީގެ ނިންމުމާމެދު އަލުން ވިސްނާ، އިދާރީގޮތުން މައްސަލައާމެދު ގޮތެއް ނިންމައިދިނުމަށް މިނިސްޓްރީއަށް ހުށަހެޅުން. މިމާއްދާގެ ދަށުން މައްސަލައާމެދު އަލުން ވިސްނާ، އިދާރީގޮތުން ގޮތެއް ނިންމައިދިނުމަށް ހުށަހަޅާނަމަ، އެކަމާމެދު މިނިސްޓްރީއިން ނިންމި ނިންމުމުގެ ނޯޓިސް ލިބޭތާ 30 (ތިރީސް ) ދުވަހުގެ ތެރޭގައި، އެމައްސަލައެއް ލިޔުމަކުން މިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ؛
  2. މައްސަލަ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓާށް ހުށަހެޅުން. މިމާއްދާގެ ދަށުން މައްސަލަ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް ހުށަހަޅާނަމަ، މިނިސްތްރިން އެކަމާބެހޭގޮތުން ނިންމާ ނިންމުމުގެ ނޯޓިސް ލިބޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެމައްސަލައެއް ކަމާބެހޭ ކޯޓަކަށް، ހުށަހަޅަން ވާނެއެވެ.

 

24 ވަނަ މާއްދާ -  މާނަ ކުރުން

މިގަވާއިދުގެ ލަފްޒެއް ނުވަތަ އިބާރާތެއް، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު، މިގަވާއިދުގައި:

"ގާނޫނު ހިނގާ ސަރަހައްދު" ކަމުގައި ބުނެފައިއެވަނީ ، ދިވެހިރައްޖޭގެ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނުގެ 6ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކޮންމެ ތަނެކެވެ.

"ލޮގް ބުކްސް" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ދީފައިވާ އުޅނދުފަހަރުން ފުރިހަމަ ކުރަންޖެހޭ މަސްވެރިކަމުގެ މައުލޫމާތު ފުރިހަމަކުރާ ފޮތަށެވެ.

"މާސްޓަރ" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގައި ހަރާކާތްތެރިވާ އުޅަނދު ނުވަތަ ބޯޓުގައި ގާއިމްވެ ހުންނަ އެންމެ އިސްފަރާތަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އަށް ނުވަތަ މިގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެއްކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބާރާއި އިހްތިޔާރު މިނިސްޓްރީން ދީފައިވާ ކޮންމެ ފަރާތަކަށް ނިސްބަތް ކޮށެވެ.

"ކަނޑު" ކަމަށް ބުނެފައި އެވަނީ، ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރު، ފަޅު، ހާ، ގިރި ފަދަ ތަނެއް ހިމެނޭ ގޮތަށެވެ.

"ފިށަރީޒް އެންފޯސްމެންޓް އޮފިސަރ" ކަމަށް ބުނެފައި އެވަނީ ، މިގަވާއިދު ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ފިށަރީޒް އެގްރިކަލްޗަރ އިން އައްޔަންކުރާ ކޮންމެފަރާތަކަށެވެ.

"ޕްރޯސެސް ކުރުން" ކަމަށް ބުނެފައި އެވަނީ، މަހަށް ބަދަލެއް ގެނެސްގެން މަހުން އުފެއްދުމެއް އުފެއްދުމަށެވެ.

"އެކުއާކަލްޗަރ ކުރުން" ކަމަށް ބުނެފައި އެވަނީ، ކަނޑާއި، މޫދާއި، ކުޅިއާއި، ފެންގަނޑުގަނޑާއި، ޕޮންޑްއާއި ޓޭންކް ފަދަ ތަންތަނުގައި މަސް ވިއްސާ، ދިރުވާ، އާލާކޮށް ގެންގުޅެ ބޮޑުކުރުމަށެވެ.

"ދިރޭ މަސް ގެންގުޅުން" ނުވަތަ "ދިރޭ މަހުގެ ބާވަތްތައް ގެންގުޅުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނު ހިނގާ ސަރަހައްދުުން ބާނައިގެން ނުވަތަ ހިފައިގެން ނުވަތަ ނަގައިގެން އެކްސްޕޯޓްކުރުމުގެ ނުވަތަ ރިސޯޓްތަކަށް ވިއްކުމުގެ ބޭނުމުގައި ދިރޭ މަސް ގެންގުޅުމަށެވެ. މީގެތެރޭގައި އެމުގެ ގޮތުގައި ބޭނުންކުރުމަށް ބާނާ ނުވަތަ ހިފާ ނުވަތަ ނަގާ މަހެއް ނުހިމެނެއެވެ. އަދި އެކުއޭރިއަމް ފިށްގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް ހިފާ ނުވަތަ ނަގާ މަހެއް ވެސް ނުހިމެއެވެ.

"ފިށަރީޒް އެޑްވައިޒަރީ ބޯޑް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތުތައް ކަނޑައެޅުމަށާއި މަސްވެރިކަމާ ގުޅޭގޮތުން ލަފާ އެރުވުމަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތްތައް ހިމެނޭ ކޮމިޓީއަށެވެ.

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަރކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009)

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 5/1987)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު