-

ށަރުތުތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-27)

(މި ގަވާއިދު ވަނީ 1 ސެޕްޓެމްބަރު 2022 އިން ފެށިގެން ގަވާއިދު ނަންބަރު 2022-133 އިން އުވާލޭވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) ގެ ދަށުން ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާ ބާރުގެ ދަށުން، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ށަރުތުތަކާއި، އެ ށަރުތުތަކާ ހިލާފުވުމުން އެފަރާތްތަކުގެ މައްޗަށް އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގްސަދުތައް ތިރީގައިމިވަނީއެވެ.

(ހ) ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ށަރުތުތައް ކަނޑައެޅުމުގައާއި، ށަރުތުތަކާ ހިލާފުވުމުން ފިޔަވަޅު އެޅުމުގައި ހަމަހަމަކަން ހިފެހެއްޓުން.

 

3 ވަނަ މާއްދާ - އިބްތިދާއީ ބައްދަލުވުމުގައި ކަނޑައެޅޭ ށަރުތުތައް.

(ހ) އިބްތިދާއީ ބައްދަލުވުމުގައި ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން ކޯޓުން ކަނޑައަޅާ ށާރުތުތަކާއެކު ދައުވާ ލިބޭ ފަރާތް ދޫކޮށްލުމަށް އަމުރުކުރާނަމަ އޭނާގެ މައްޗަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ށަރުތު ކުރަންވާނެއެވެ.

  1. ޑްރަގް ކޯޓުން އަންގާ ތާރީހެއްގައި ޑްރަގް ކޯޓަށް ހާޒިރުވުން.
  2. އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން އަންގާ ތާރީހެއްގައި އަންގާ ތަނަކަށް ހާޒިރުވެ، އެ އެޖެންސީއިން ކަނޑައަޅާ ބަޔަކާ ބައްދަލުކުރުން.
  3. ޑްރަގް ކޯޓުން ހުއްދަލިބިގެން މެނުވީ މާލެއިން ބޭރަށް ނުދިއުން.
  4. އިތުރު ކުށެއް ނުކުރުން.
  5. ދިރިއުޅޭ އެޑްރެސް ނުވަތަ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެކަން ޑްރަގް ކޯޓަށް އެންގުން.

(ށ) އިބްތިދާއީ ބައްދަލުވުމަށް ހާޒިރުކުރެވޭއިރު ދައުވާލިބޭ ބަންދެއްގައި ހުރި ފަރާތަކަށްވެފައި، އެބަންދުން އެއްވެސް ސަބަބަކާހެދި އެފަރާތް ދޫކޮށްލެވިއްޖެނަމަ، އެހިނދުން ފެށިގެން އެފަރާތަކީ، ށަރުތުތަކާއެކު ދޫކޮށްލެވިފައިވާ މީހެއްގެ ގޮތުގައި ހަމަޖައްސަންވާނެއެވެ.

 

4 ވަނަ މާއްދާ - އިބްތިދާއީ ބައްދަލުވުމުގައި ކަނޑައެޅޭނެ ށަރުތަކާ ހިލާފުވުން

އިބްތިދާއީ ބައްދަލުވުމުގައި ކަނޑައެޅޭ ށަރުތަކާ ހިލާފުވެއްޖެނަމަ، މި ނަންބަރުގެ ދަށުން ފިޔަވަޅު އަޅަން ވާނެއެވެ.

(ހ) ޑްރަގް ކޯޓުން އަންގާ ތާރީހެއްގައި ޑްރަގް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެމީހަމާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު 75 (ހަތްދިހަ ފަސްރުފިޔާ) އިން ޖޫރިމަނާ ކުރުން.
  2. ދެވަނަ ފަހަރު، އެމީހަކު ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ކަނޑައެޅިފައިވާ ޖޫރިމަނާ ކުރުމާއެކު ބަންދުކޮށްގެން ހާޒިރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރު ކުރުން.
  3. ތިންވަނަ ފަހަރު، އެމީހަކީ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އިއުތިރާޒުކުރާ މީހެއްކަމަށް ބަލައި ޑްރަގް ކޯޓުގައި އެ ދައުވާ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، އެ މައްސަލަ ކަމުގެ އިހްތިސާސް އޮތް ކޯޓަކަށް ބަދަލުކުރުން. އަދި އެ މައްސަލައަކީ ނޭށަނަލް ޑްރަގް އެޖެންސީ މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލައެއްނަމަ، އެ މައްސަލަ ބާތިލުކޮށް އެ މައްސަލަ އަނބުރައި ނޭށަނަލް ޑްރަގް އެޖެންސީއަށް ފޮނުވުން.

(ށ) އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން އަންގާ ތާރީހެއްގައި އަންގާ ތަނަކަށް ހާޒިރުވެ، އެ އެޖެންސީއިން ކަނޑައަޅާ ބަޔަކާ ބައްދަލު ނުކޮށްފިނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، ޑްރަގް ކޯޓަށް ހާޒިރުކޮށް ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންނުވާ މީހެއްކަމުގައި ބަލާނެކަމުގެ އިންޒީރުދިނުން.
  2. ދެވަނަ ފަހަރު، އެމީހަކީ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އިއުތިރާޒުކުރާ މީހެއްކަމަށް ބަލައި ޑްރަގް ކޯޓުގައި އެ ދައުވާ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، އެ މައްސަލަ ކަމުގެ އިހްތިސާސް އޮތް ކޯޓަކަށް ބަދަލުކުރުން. އަދި އެ މައްސަލައަކީ ނޭށަނަލް ޑްރަގް އެޖެންސީ މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލައެއްނަމަ، އެ މައްސަލަ ބާތިލުކޮށް އެ މައްސަލަ އަނބުރައި ނޭށަނަލް ޑްރަގް އެޖެންސީއަށް ފޮނުވުން.

(ނ) އިންޑިކޭޓިވް ހެދުމަށް އަމުރުކުރެވިފައިވާ މުއްދަތުގައި ޑްރަގް ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ހިނގައްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު. 250 (ދުއިސްތަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 500 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 750 (ހަތްސަތޭކަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުން.

(ރ) އިތުރު ކުށެއްކޮށްފިނަމަ ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، ގިނަވެގެން 10 ދުވަހުގެ މުއްދަތަށް ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައި ނުވަތަ ފުލުހުންގެ ބަންދުގައި ބެހެއްޓުން.
  2. ދެވަނަ ފަހަރު، ފުރަތަމަ ހުކުމްކުރެވެންދެން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައި ނުވަތަ ފުލުހުންގެ ބަންދުގައި ބެހެއްޓުން.

(ބ) ދިރިއުޅޭ އެޑްރެސް ނުވަތަ ފޯނު ނަންބަރު ބަދަލުވެ، އެކަން ޑްރަގް ކޯޓަށް ނާންގައި ހުރެއްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 100 (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 250 (ދުއިސްތަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު. 500 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.

 

5 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރުގެ ށަރުތުތައް.

(ހ) ދައުވާލިބޭ ފަރާތުގެ މައްޗަށް ރީހެބިލިޓޭށަން އަމުރެއް ކުރާއިރު، އަންނަނިވި ށަރުތުތައް އެ އަމުރުގައި ހިމަނަންވާނެއެވެ.

  1. ރީހެބިލިޓޭށަން އަމުރުގެ މުއްދަތުގައި އިތުރުކުށެއް ނުކުރުން.
  2. ޑްރަގް ކޯޓާއި ފަރުވާދޭ މަރުކަޒުންކުރާ އަމުރުތަކަށް ކިޔަމަންވަމުންދިއުން.
  3. ޑްރަގް ކޯޓަށް ހާޒިރުވުމަށް އަންގާ ދުވަސްތަކުގައި ގަވާއިދުން ޑްރަގް ކޯޓަށް ހާޒިރުވުން.
  4. ދިރިއުޅޭ އެޑްރެސް ނުވަތަ ވަޒީފާ އަދާކުރާތަން ބަދަލުވެއްޖެނަމަ، ފަރުވާ ލިބިގަތުމަށް ރަޖިސްޓަރީކޮށްފައިވާ މަރުކަޒަށް 03 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން އެންގުން.
  5. ޑްރަގް ކޯޓުގެ އަމުރެއް ލިއުމަކުން ލިބިގެން މެނުވީ، ފަރުވާދޭ މަރުކަޒުހުރި ރަށުން ފުރައިގެން ނުދިޔުން.

 

6 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރުގައި ކަނޑައެޅިފައިވާ ށަރުތަކާ ހިލާފުވުން.

ރީހެބިލިޓޭށަން އަމުރުގައި ކަނޑައެޅޭ ށަރުތަކާ ހިލާފުވެއްޖެނަމަ މިނަންބަރުގެ ދަށުން އެމީހަކާ މެދު ފިޔަވަޅު އަޅަން ވާނެއެވެ.

(ހ) ރީހެބިލިޓޭށަން އަމުރުގެ މުއްދަތުގައި އިތުރުކުށެއް ކޮށްފިނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، އެމީހަކު 100ރ. (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރުން.
  2. ދެވަނަ ފަހަރު، އެމީހަކު ފަރުވާއިން ވަކިކުރުން.

(ށ) ޑްރަގް ކޯޓާއި ފަރުވާދޭ މަރުކަޒުންކުރާ އަމުރުތަކަށް ކިޔަމަންތެރިނުވެއްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު 100ރ. (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 250 (ދުއިސްތަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ތިންވަނަ ފަހަރު، ފަރުވާއިން ވަކިކުރުން. 

(ނ) ޑްރަގް ކޯޓަށް ހާޒިރުވުމަށް އަންގާ ދުވަސްތަކުގައި ގަވާއިދުން ޑްރަގް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 100 (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން
  2. ދެވަނަ ފަހަރު، 250 (ދުއިސައްތަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ތިންވަނަ ފަހަރު، ފަރުވާއިން ވަކިކުރުން.

(ރ) ދިރިއުޅޭ އެޑްރެސް ނުވަތަ ވަޒީފާ އަދާކުރާތަން ބަދަލުވެ، ފަރުވާ ލިބިގަތުމަށް ރަޖިސްޓަރީކޮށްފައިވާ މަރުކަޒަށް 03 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ނާންގައިފިނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 75 (ހަތްދިހަ ފަސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 175 (ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު، 500 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.

(ބ) ޑްރަގް ކޯޓުގެ އަމުރެއް ލިޔުމަކުން ނުލިބި ފަރުވާދޭ މަރުކަޒުހުރި ރަށުން ފުރައިގެން ހިނގައްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ރެސިޑެންށަލް ފަރުވާގެ ޕްރޮގްރާމެއްގައި ހުރި މީހެއްނަމަ، ފުރވާއިން ވަކިކުރުން.
  2. ކޮމިއުނިޓީ ފަރުވާގެ ޕްރޮގްރާމެއްގައި ހުރި މީހަކު ފަރުވާދޭ މަރުކަޒު ހުރިރަށުން ބޭރުގައި ހޭދަކުރި މުއްދަތަކީ 05 ދުވަހަށްވުރެ އިތުތު މުއްދަތެއްނަމަ، ފަރުވާއިން ވަކިކުރުން. އަދި 05 ދުވަހަށްވުރެ މަދުނަމަ، ފުރަތަމަ ފަހަރު، 250 (ދުއިސްތަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުމާއެކު، ފަރުވާއިން ވަކިކުރެވިދާނެކަމުގެ އިންޒާރުދިނުން. އަދި ދެވަނަ ފަހަރު، ފަރުވާއިން ވަކިކުރުން.

 

7 ވަނަ މާއްދާ - ދައުވާކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައެޅޭ މައްސަލަތައް އަލުން ނުބެލުން

މި ގަވާއިދުގެ ދަށުން ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި އެހެން ކޯޓަކަށް ފޮނުވައިލެވޭ މައްސަލައެއް ނުވަތަ ބާތިލުކޮށް ނޭށަނަލް ޑްރަގް އެޖެންސީއަށް އަނބުރާ ފޮނުވާލެވޭ މައްސަލައެއް ދެވަނަ ފަހަރަށް ބަލައެއް ނުގަނެވޭނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައިހިނދަކު؛

(ހ) "އިތުރު ކުށެއް ކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި، ޖިނާއީ ތަހްގީގުކުރާ އިދާރާއަކުން މީހަކު ހައްޔަރުކުރާ ކުރުމަށެވެ.

(ށ) "މާލެއިން ބޭރަށް ދިއުން" ކަމަށް ބުނެފައި އެވަނީ، މާލެއާއި ހުޅުމާލެއާއި ވިނލިގިލިން ބޭރަށް ދިއުމަށެވެ.

(ނ) "އިބްތިދާއީ ބައްދަލުވުން" ކަމަށް ބުނެފައި އެވަނީ، މައްސަލައިގެ ށަރީއަތުގެ އަޑުއެހުމުގެ ކުރިން މައްސަލައާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ށަރުތުތަކުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-27)

 

އުވި ގަވާއިދު

ށަރުތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-27) އުވައިލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-133)

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު