-

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-377)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވައިލާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - މަގްސަދު

(ހ) މި ގަވާއިދުގެ މަގްސަދަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާއިމުކުރާ ށަކުވާ ކޮމިޓީތަކުން މި ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ތަހުގީގުކުރާނެ ގޮތާއި މައްސަލަ ތަހުގީގުކުރުމުގައި އަމަލުކުރާނެ އުސޫލު ކަނޑައެޅުން.

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާއިމުކުރާ ށަކުވާ ކޮމިޓީތަކުން މި ގާނޫނާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

(ނ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއްކަމަށް ބެލެވޭނެ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެކަންކަން ތަހުގީގުކުރުން.

(ރ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުން 

 

 

 

ދެވަނަ ބާބު

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އެކުލަވައިލުން

 

3 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައިބަޔާންކޮށްފައިވާފަދައިން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ށަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި، 30 (ތިރީސް) މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި އަދި ކޮންމެ މަރުކަޒެއްގައި، "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ"ގެ ނަމުގައި 3 މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވައިލަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ކޮމިޓީ އެކުލަވައިލަން ވާނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އަންނަނިވި ގޮތުގެ މަތިންނެވެ.

1. ކޮމިޓީ އެކުލަވައިލާނީ ވަޒީފާ އަދާކުރާ ތަނެއްގެ ނުވަތަ މަރުކަޒެއްގެ ހިއުމަން ރިސޯސްއާބެހޭ ސެކްށަނުންނެވެ. ނުވަތަ އެފަދަ ސެކްށަނެއް ނެތް ތަނެއްނަމަ، އެތަނެއްގެ އެންމެ އިސް ވެރިޔާއެވެ.

2. ކޮމިޓީ އެކުލަވައިލާނީ 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

3. ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހަމަޖައްސާނީ، އެތަނެއް ނުވަތަ މަރުކަޒެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ވެރިންގެ ތެރެއިން ބައެކެވެ.

4. ކޮމިޓީގައި މަދުވެގެން 1 (އެކެއް) އަންހެން މެންބަރަކު އިންނަންވާނެއެވެ.

5. ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީއަށް ޗެއަރ ޕަރސަނެއް އިންތިހާބުކުރަން ވާނެއެވެ.

6. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގާފައިވާކަމުގެ ށަކުވާއެއް އެފަރާތަކާމެދު ހުށަހެޅިފައިވާ ފަރާތެއް ނުވަތަ އެފަދަ އަމަލެއް ހިންގި ކަމަށް އެފަރާތެއްގެ މައްޗަށް ސާބިތުވެ ފިޔަވަޅު އަޅާފައިވާ ފަރާތެއް ކޮމިޓީގައި ހިމެނިގެން ނުވާނެއެވެ.

7. ކޮމިޓީގައި، އެ ކޮމިޓީ ނިސްބަތްވާ މުއައްސަސާގެ މުވައްޒަފުން ފިޔަވައި އެހެން ފަރާތެއް ހިމެނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، ކޮމެޓީއެއް އުފައްދަންޖެހޭ މިންވަރަށްވުރެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި، ހުށަހެޅޭ ށަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި، އަމަލުކުރާނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ރ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދައިން ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ގާނޫނުން އުފައްދާފައިވާ ކޮންމެ ކޯޓެއްގައި މި މާއްދާގެ (ހ) ގައި ބުނެފައިވާ "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އުފައްދަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތް ނަމަވެސް، ކޯޓުތަކުގެ ތެރެއިން 30 މުވައްޒަފުން ހަމަނުވާ ކޯޓުތަކުގައި، ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ބެލުމުގައި އަމަލުކުރާނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ޅ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) (ނ) އަދި (ރ) ގެ ދަށުން، ވަޒީފާ އަދާކުރާ ތަންތަނުގައާއި މަރުކަޒުތަކުގައި އެކުލަވައިލާންޖެހޭ ށަކުވާ ކޮމިޓީ އެކުލަވައިލައި ނިންމަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން ށަކުވާ ކޮމިޓީއެއް އުފައްދާފައިނުވާ ތަންތާނގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކާބެހޭ މައްސަލަތައް ހުށަހަޅާނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓްރައިބިއުނަލަށެވެ.

 

 

ތިންވަނަ ބާބު

ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން

 

4 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން މަނާކުރާ ނޯޓިސް ނުވަތަ އިއުލާންތައް ބެހެއްޓުން

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާފަދައިން ވަޒީފާ އަދާކުރާ ތަންތަން އަދި ހިދުމަތް ހޯދާ މަރުކަޒުތަކާއި މީހުންނާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ގާއިމުކުރާ ށަކުވާ ކޮމިޓީތަކުން އެތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަން އާންމުކޮށް ފެންނާނެ ފަދަ ގޮތަކަށް ފެންނަން ހުންނަހެން ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމުކޮށް ފެންނަން ހުންނާނެހެން ބެހެއްޓޭ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ގާނޫނުގައި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު" ކަމުގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.

 

5 ވަނަ މާއްދާ - ހޭލުންތެރިކަން އިތުރުކުރުން

(ހ) ވަޒީފާ އަދާކުރާ ތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާބެހޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވާ، އެފަދަ އަމަލުތަކުން ރައްކާތެރިކޮށްދޭ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ށަކުވާ ހުށަހަޅާނެ ނިޒާމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް މުވައްޒަފުންނަށް މަދުވެގެން އަހަރަކު 2 ފަހަރު ށަކުވާ ކޮމިޓީތަކުން ހިންގަންވާނެއެވެ.

(ށ) އިޖުތިމާއީ ހިދުމަތްދޭ ތަންތަނާއި ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެތަނެއްގައި ތިބޭ ކުޑަކުދިން ނުވަތަ މީހުންނަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކަކީ ކޮބައިކަމާއި އެފަދަ އަމަލުތަކުން ރައްކާތެރިކޮށްދޭ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ށަކުވާ ހުށަހަޅާނެ ނިޒާމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް މަދުވެގެން އަހަރަކު 2 ފަހަރު ށަކުވާ ކޮމިޓީތަކުން ހިންގަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރާނެ ގޮތް

 

6 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ތަންތަން އަދި ހިދުމަތްދޭ މަރުކަޒުތަކާއި ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަންތަނުގައި ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރާނެ އުސޫލު

(ހ) ވަޒީފާ އަދާކުރާ ތަންތަނާއި ހިދުމަތްދޭ ތަންތަނާއި ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަންތަނަށް ހުށަހެޅޭ މައްސަލަތައްވެސް ތަހުގީގުކުރުމުގައި އަމަލުކުރާނީ މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުންނެވެ.

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އިންނެވެ.

(ނ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާބެހޭ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަކުވާ ކޮމިޓީ އުފެއްދޭ މިންވަރަށްވުރެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި، އެތަނެއްގެ މައި އިދާރާގައި ނުވަތަ މައި ކުންފުނީގައި ނުވަތަ އެތަނަކީ ޑިޕާޓްމަންޓެއްނަމަ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް ކަމާބެހޭ މިނިސްޓްރީގައި އެފަދަ ކޮމިޓީއެއް އެކުލަވައިލެވިދާނެއެވެ. 

(ރ) މި ގަވާއިދުގައި، ބަޔާންކޮށްފައިވާ އުސޫލުތައް އެތަނެއްގައި، ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ މައްސަލަ ބަލާ. ފަރާތް ނުވަތަ ފަރާތްތަކުގެ މައްޗަށް. ހިނގާނެއެވެ

 

7 ވަނަ މާއްދާ - ކޮމިޓީގެ މެންބަރަކަށް ރައްދުވާ ށަކުވާ

ށަކުވާ ރައްދުވާ، ފަރާތަކީ ކޮމިޓީގެ މެންބަރެއް ކަމުގައިވާނަމަ، އަމަލުކުރާނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

8 ވަނަ މާއްދާ - ކޮމިޓީއަށް ބެލޭނެ މައްސަލަތައް

ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާއިމުކުރާ ށަކުވާ ކޮމިޓީތަކުން ބެލޭނެ މައްސަލަތަކަކީ އެ ގާނޫނުގެ، 14 ވަނަ މާއްދާގެ. (ހ) (ށ) އަދި 15 ވަނަ މާއްދާއާއި 16، ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކެވެ.

 

9 ވަނަ މާއްދާ - ށަކުވާ ކޮމިޓީތަކުން މައްސަލަ ބެލުމުގައި އިސްކަންދޭންޖެހޭނެ ތަރުތީބު

މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ށަކުވާ ކޮމިޓީތަކަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ހިންގުމުގައި އިސްކަންދޭންވާނީ، އަންނަނިވި ހަމަތަކުގެ މަތިންނެވެ.

1. ކޮމިޓީއަށް މައްސަލަ ހުށަހެޅުނު ތަރުތީބު

2. މައްސަލައިގެ ބާވަތަށާއި، ހާލަތަށް ބަލައި އަވަސް ތަހުގީގެއް ހިންގަން ޖެހޭ ފަދަ މައްސަލައެއްކަމަށް ކޮމިޓީއަށް ފެންނަ މައްސަލަތައް

 

10 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައި، ގާއިމުކުރާ ށަކުވާ، ކޮމިޓީތަކަށް މައްސަލަ ހުށަހަޅަންވާނީ ޖިންސީ ފުރައްސާރަކުރުމާއި: ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހަޅާ ފޯމުއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ވަޒީފާ އަދާކުރާ ތަންތަނާއި، ހިދުމަތްދޭ، މަރުކަޒުތައް އަދި ކުޑަކުދިންނާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގައި، ގާއިމުކުރާ ށަކުވާ ކޮމިޓީތަކުން ތައްޔާރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފޯމު ތައްޔާރުކުރުމަށްފަހު، ފޯމުތަކުގެ ކޮޕީ އެކަށީގެންވާ، އަދަދަކަށް އެތަނެއްގެ ކައުންޓަރުތަކުގައި ބަހައްޓަންވާނެއެވެ. ކައުންޓަރުތައް ނުހުންނަ ތަނެއްނަމަ، އާންމުން ހިދުމަތް ހޯދުމަށް އަންނަ ހިސާބުގައި މި ފޯމުތަކުގެ ކޮޕީ އެކަށީގެންވާ އަދަދަކަށް ބަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި އަންނަނިވި މައުލޫމާތުތައް ހުންނަންވާނެއެވެ.

1. ށަކުވާ ހުށަހެޅި ފަރާތުގެ ނަން

2. ށަކުވާ ހުށަހެޅި ފަރާތުގެ އައިޑީ ކާރޑް ނަންބަރު

3. ށަކުވާ ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް

4. ށަކުވާ ހުށަހެޅި ފަރާތުން ދިރިއުޅޭ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު 

5. ހުށަހަޅާ މައްސަލަ ރައްދުވާ ފަރާތުގެ ނަން

6. ހުށަހަޅާ މައްސަލައިގެ ބާވަތް

7. ހުށަހަޅާ މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް ނުވަތަ މިހާރު ދިރިއުޅޭ އެޑްރެސް ނުވަތަ މައްސަލަ ރައްދުވާ ފަރާތް ވަޒީފާ އަދާކުރާ ތަން އަދި އަދާކުރާ ވަޒީފާ

8. ހުށަހަޅާ މައްސަލަ ހިނގާފައިވާ ތަން ނުވަތަ ތަންތަން

9. ހުށަހަޅާ މައްސަލަ ހިނގި ތާރީހު ނުވަތަ ތާރީހުތައް

10. ހުށަހަޅާ މައްސަލައިގެ ހުލާސާއެއް

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން އިތުރު މައުލޫމާތު ހިމެނުން މުހިންމުކަމަށް ކޮމިޓީއަށް ފެންނަނަމަ އެ މައުލޫމާތުތައް ހިމެނިދާނެއެވެ.

 

11 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މައްސަލަ ހުށަހެޅުން

(ހ) ޖިންސީ ފުރައްސާރަކުރުމުގެ އަމަލު ރައްދުވާ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްނަމަ އެމީހަކު އަމިއްލައަށް ނުވަތަ އެހެން މީހަކު މެދުވެރިކޮށް މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމް ށަކުވާ ކޮމިޓީއިން ހަމަޖައްސަންވާނެއެވެ އަދި އެފަރާތްތަކަށް މައްސަލަ ހުށަހެޅުމުގައި ބޭނުންވާ ހާއްސަ އެހީތެރިކަން ށަކުވާ ކޮމިޓީއިން ފޯރުކޮށްދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ކުޑަކުއްޖެއްގެ މައްސަލަ ހުށަހެޅުން

(ހ) ޖިންސީ ފުރައްސާރަކުރުމުގެ އަމަލު ރައްދުވާ ފަރާތަކީ ކުޑަކުއްޖެއް ކަމަށްވާނަމަ އެކުއްޖާގެ ފަރާތުން ކުއްޖާގެ ބެލެނިވެރިއަކަށް މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) ކުއްޖާގެ ފަރާތުން ބެލެނިވެރިޔާ މައްސަލަ ހުށަހެޅުމަށް ކުއްޖާ އިއްތިރާޒު ކުރާނަމަ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ އިއުތިރާޒުކުރާނަމަ ކުޑަކުދިންގެ މައްސަލަތައް ބަލައި އެ ކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މިނިސްޓްރީއިން މި މައްސަލަ ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖާގެ ބަޔާން ނަގަންވާނީ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ކުޑަކުދިންގެ މައްސަލަތައް ބަލައި އެކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މިނިސްޓްރީއިން ކަނޑައަޅާ މީހެއްގެ ހާޒިރުގައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖާއާއެކު ހުންނާނެ ފަރާތެއް ކަނޑައަޅަންވާނީ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތަށް ވިސްނައިގެން ކުޑަކުދިންގެ މައްސަލަތައް ބަލައި އެކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މިނިސްޓްރީއަކުންނެވެ

(ބ) ކުޑަކުއްޖަކާ ގުޅޭ މައްސަލައެއް ތަހުގީގުކުރަންވާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

13 ވަނަ މާއްދާ - ހުށަހެޅޭ މައްސަލަތައް ތަރުތީބުކޮށް ބެލެހެއްޓުމާއި ފައިލްކުރުން

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނާއި ހިދުމަތްދޭ މަރުކަޒުތަކުގައި ގާއިމުކުރާ ށަކުވާ ކޮމިޓީތަކަށް ހުށަހެޅޭ އެންމެހައި މައްސަލަތަކުގެ ދަފްތަރެއް ށަކުވާ ކޮމިޓީތަކުން އެކުލަވައިލައި ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި ހުންނަ މައުލޫމާތުތައް ށަކުވާ ކޮމިޓީގެ މެންބަރުންނަށާއި ށަކުވާ ހުށަހަޅާފައިވާ ފަރާތްތަކާއި ށަކުވާ ރައްދުވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކަށް ސިއްރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި މިހެން އޮތް ކަމުގައިވިއަސް ށަކުވާ ކޮމިޓީއިން ނިންމައިފި ހިނދެއްގައި ވަޒީފާ އަދާކުރާ ތަނާ ހަވާލުވެހުރި ފަރާތަކަށް މި ދަފުތަރުގައި ހިމެނޭ މައުލޫމާތުތައް ބެލުމަކަށް ހުރަހެއްނާޅައެވެ.

(ރ) ށަކުވާ ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، މައްސަލަ ހުށަހެޅުނު ތަރްތީބުން މައްސަލައަށް ސުމާރު ނަންބަރެއް ދިނުމަށްފަހު، ކޮންމެ މައްސަލައަކަށް ވަކި ފައިލެއް ތައްޔާރުކޮށް ބަލަހައްޓަންޖެހޭނެއެވެ.

(ބ) ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި މައްސަލަތައް ތަހުގީގުކޮށް ނިމިފައިވާ މިންވަރާއި މައްސަލަތަކާއި ގުޅޭ އެހެނިހެން ތަފާސްހިސާބުތައް އެ އިދާރާއެއްގެ އަހަރީ ރިޕޯޓުގައި ހިމަނަންވާނެއެވެ.

(ޅ) މި މައްސަލައިގެ (ބ) ގައި ބުނެފައިވާފަދައިން މައުލޫމާތު ހާމަކުރާއިރު، މައްސަލައިގެ ހިމެނޭ ފަރާތްތަކުގެ އަދި ވަކިން ހާއްސަ ގޮތެއްގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ރައްދުވީ ފަރާތުގެ މައުލޫމާތު ހާމަކޮށްގެންނުވާނެއެވެ.

 

14 ވަނަ މާއްދާ - ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކަކީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ނިންމާނީ ށަކުވާ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނުވަތަ އަޣުލަބިއްޔަތުންނެވެ.

(ށ) ށަކުވާ ކޮމިޓީއަށް މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެއީ ށަކުވާ ކޮމިޓީއިން ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި ށަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ. 

(ނ) ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް ކޮމިޓީއިން ކަނޑައަޅައިފިނަމަ، ލަސްނުކޮށް މައްސަލަ ހުށަހެޅި ފަރާތަށް ށަކުވާ ކޮމިޓީއިން މައްސަލަ ބަލައިގަތްކަން އަންގައި، އެތާރީހުން ފެށިގެން މައްސަލައިގެ ތަހުގީގު ފަށަންވާނެއެވެ.

(ރ) ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލައެއް ބަލައިގަނެވެން ނެތްކަމަށް ކޮމިޓީއިން ނިންމައިފިނަމަ، އެ ގޮތަށް ނިންމި ސަބަބާއެކު މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

15 ވަނަ މާއްދާ - މައްސަލަ ބަލައި ނިންމުމުގެ ވަގުތު

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން، ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް މައްސަލަ ހުށަހެޅޭ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

 

16 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދޭ ހައްގުތަކާއި ފުރުސަތުތައް

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ށަކުވާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާތައް އެ ކޮމިޓީއިން ބެލުމުގައި ށަކުވާ ހުށަހަޅާ ފަރާތަށް އަންނަނިވި ފުރުސަތުތައް ދޭންވާނެއެވެ.

(ހ) ހުށަހަޅާ މައްސަލަ ތަފުސީލުކޮށް ބަޔާންކޮށްދިނުން

(ށ) ހުށަހަޅަން ބޭނުންވާ ހެއްކާއި ގަރީނާ ހުށަހެޅުން

(ނ) ހާޒިރުކުރަން އެދޭ ހެކިން ހާޒިރުކުރުން

 

17 ވަނަ މާއްދާ - މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭ ހައްގުތަކާއި ފުރުސަތުތައް

ށަކުވާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާތައް އެކޮމިޓީއިން ބެލުމުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާފަދައިން އެ މައްސަލަ ރައްދުވާ ފަރާތަށް އަންނަނިވި މައުލޫމާތާއި ފުރުސަތު ދޭންވާނެއެވެ.

(ހ) ހުށަހެޅިފައިވާ މައްސަލައިގެ ތަފުސީލް

(ށ) ހެއްކާއި ގަރީނާ ހުށަހެޅުން

(ނ) ހެކިން ހާޒިރުކުރުން

(ރ) އައްޔަންކުރާ ފަރާތެއް ނުވަތަ ވަކީލެއް މެދުވެރިކޮށް ދިފާއު ހުށަހެޅުން

 

18 ވަނަ މާއްދާ - ހެއްކާއި ގަރީނާގެ މައްޗަށް ބަލައި މައްސަލަ ތަހުގީގުކުރުން

ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ލިބިފައިވާ އަންނަނިވި ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ނުވަތަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ކަށަވަރު ކުރެވެން އޮތް މިންވަރަކަށް މައްސަލަ ބަލައި ތަހުގީގުކުރަންޖެހޭނެއެވެ.

(ހ) ކަންހިނގި ގޮތް ނުވަތަ ކަން ހިނގިގޮތް ލޮލަށް ފެނި އަޑުއަހައިފައިވާ ފަރާތްތަކުން ބުނާ ބުނުން ނުވަތަ އެފަރާތްތަކުން ދޭ ބަޔާންތައް.

(ށ) ކަން ހިނގި ގޮތާ ބެހޭގޮތުން ލިބެންހުރި އޯޑިއޯ އަދި ވީޑިއޯ ފަދަ ތަކެތި

(ނ) ކަން ހިނގި ތަނުން ލިބެން ހުރި ހެކިތަކާއި ގަރީނާތައް

(ރ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ރައްދުވީ ފަރާތުގެ ހަށިގަނޑުން ނުވަތަ ފޭރާމުން ނުވަތަ މިނޫންވެސް މިފަދަ ގޮތަކުން ލިބެންހުރި ހެކިތަކާއި ގަރީނާތައް ކަމުގެ ހާއްސަ ތަޖުރިބާ ލިބިފައިވާ މެޑިކަލް އޮފިސަރުން އަދި/ނުވަތަ ފޮރެންސިކް ފުލުހުންގެ ފަރާތުން ހޯދުން

(ބ) މިނޫންވެސް މިކަމާ ގުޅިގެން ލިބިފައިވާ އެހެނިހެން ހެކިތަކާއި ގަރީނާތައް

 

19 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލަކަށް ފުރުސަތު އޮތް މިންވަރަށް ބަލައި މައްސަލަ ތަހުގީގުކުރުން 

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލަކީ ޖިނާއީ ކުށަކަށް ނުވާހައި ހިނދަކު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މިފަދަ އަމަލެއް ބެލެވޭނީ މަދަނީ ކުށެއްކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ޖިނާއީ ކުށްތައްފަދައިން އެކަށީގެންވާ ށައްކެއް ނެތް މިންވަރަށް ސާބިތުވާފަދަ ހެއްކާއި ގަރީނާ ނެތްކަމުގައިވިއަސް މިއަމަލު ހިންގިކަމަށް ބޮޑަށް ބުރަވެވޭފަދަ ހެއްކާއި ގަރީނާ ތަހުގީގަށް ލިބިފައިވާނަމަ ށަކުވާ ރައްދުވީ ފަރާތުން މި އަމަލު ހިންގާފައިވާކަމަށް ބެލެވޭނެއެވެ.

 

20 ވަނަ މާއްދާ - ހެކިންގެ ގޮތުގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުން

(ހ) މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި މައްސަލައާ ގުޅުންހުރިކަމަށް ކޮމިޓީއަށް ފެންނަ ފަރާތްތަކުގެ ހެކިބަސް ހޯދުމަށްޓަކައި އެފަރާތްތައް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވަންވާނެއެވެ.

(ށ) މަގްބޫލު އުޒުރެއް ދިމާވެއްޖެނަމަ، ޗިޓުގައިވާ ގަޑިޖެހުމުގެ 30 މިނެޓް ކުރިން ކޮމިޓީއަށް އެކަން އަންގަންވާނެއެވެ.

(ނ) މަގުބޫލު އުޒުރެއް ނެތި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗިޓް ލިބިހުރެ ހާޒިރު ނުވެއްޖެނަމަ ހާޒިރުނުވި ފަރާތުގެ ޣައިރު ހާޒިރުގައި ހާޒިރުވި ފަރާތުގެ ބަޔާންނެގުމާއި ތަހުގީގުކުރިއަށް ގެންދިއުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް މަގްބޫލު އުޒުރެއް ނެތި ހާޒިރުނުވާ ފަރާތަށް އަލުން ހާޒިރުވުމަށް އަންގާ ދެވަނަ ފަހަރަށް ޗިޓް ފޮނުވަންވާނެއެވެ. ދެވަނަ ފަހަރަށް ފޮނުވާ ޗިޓަށްވެސް މަގްބޫލު އުޒުރެއް ނެތި ހާޒިރުނުވެއްޖެނަމަ ތިން ވަނަ ފަހަރަށްވެސް ހާޒިރުވުމަށް އެފަރާތަށް ޗިޓް ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާފަދައިން 3 ވަނަ ފަހަރު ޗިޓު ލިބުމަށްފަހު މަގްބޫލު އުޒުރެއް ނެތި ހާޒިރުނުވާ ފަރާތެއްގެ ޣައިރު ހާޒިރުގައި މި މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި މިހެން ބަޔާންކޮށްފައިވީނަމަވެސް، މައްސަލަ ބެލުމަށް ކޮމިޓީއަށް ލިބޭ 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ހާޒިރުވުމަށް ޗިޓު ފޮނުވުމުން ހާޒިރުނުވާ ފަރާތަށް 3 ވަނަ ޗިޓަށް ފަހުގައިވެސް ހާޒިރުވުމަށް އެންގުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ހެކިންގެ ގޮތުގައި ހާޒިރުކުރަންޖެހޭ ފަރާތްތަކުގެ ބަޔާންނެގުން

(ހ) ތަހުގީގަށް ބަޔާންދިނުމަށް ހާޒިރުވާއިރު އެމީހަކީ، ދިވެހި ރައްޔިތެއްނަމަ އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ބިދޭސީއެއްނަމަ ވޯކް ޕާމިޓް ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ކާކުކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އެފަދަ ކާޑެއް ނުވަތަ ޕާސްޕޯޓެއް ނެތް ފަރާތެއްނަމަ އެމީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއް ގެންނަންވާނެއެވެ. އެފަދަ އެންމެހައި ލިޔުމުގެ ކޮޕީ ނެގުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ށ) ކޮމިޓީގެ ތަހުގީގަކަށް ބަޔާންދޭން އެދުމުން ސިޓީއަކުން ނުވަތަ ލިއުމަކުން ހުށަހެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި މިހެން ބުނެފައިވާނަމަވެސް، މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ލިޔުމުން ހުށަހަޅަން ބޭނުންވާ ފަރާތަކަށް، އެފުރުސަތު ދޭންވާނެއެވެ.

(ރ) ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، މި މާއްދާގެ (ށ) އިން އިސްތިސްނާވެގެންވެއެވެ. އެފަދަ ފަރާތްތަކުގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތުގައި އިށާރާތުގެ ބަސް އެނގޭ ފަރާތެއްގެ އެހީތެރިކަމާއެކު، ނުވަތަ ލިޔުމަކުން، ބަޔާންދިނުމަށާއި ކޮމިޓީއިން ކުރާ ސުވާލުތަކުގެ ޖަވާބުދިނުން ނުވަތަ މިނޫންވެސް މިފަދަ އެހެން އުސޫލެއްގެ މަތިން ބަޔާން ނެގުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ އިހްތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ބ) ތަހުގީގަށް ބަޔާންދޭ ފަރާތަކީ ދިވެހި ބަސް ނޭނގޭ ނުވަތަ ދިވެހި ބަހަށް ފަރިތަނޫން މީހެއްނަމަ އޭނާ އަމިއްލައަށް ތަރުޖަމާނަކު ހޯދުމުގެ ފުރުސަތު ދޭންވާނެއެވެ. އަމިއްލައަށް ތަރުޖަމާނަކު ހޯދުމަށް ދަތިވާ މީހުންނަށް އެކަމުގައި ކޮމިޓީއިން އެހީތެރިވެދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ތަރުޖަމާނަކު މެދުވެރިކޮށް ނެގޭ ބަޔާންތައް ލިޔާނީ، ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އަދި އެލިޔުމުގައި ބަޔާންދިން މީހާ ސޮއިކުރުމުގެ ކުރިން ތަރުޖަމާނު، އޭނާއަށް އެ ބަޔާން ރަނގަޅަށް ތަރުޖަމާކޮށްދީ އޭނާއަށް ބަޔާން ތަރުޖަމާކޮށްދިންކަމަށް ލިޔެ، ތަރުޖަމާނުވެސް އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.

(ކ) ކޮމިޓީއިން ކުރަމުންދާ ތަހުގީގުތަކަށް އަދި ކޮމިޓީއިން ނިންމާފައިވާ ތަހްގީގަކަށް ދޭ ބަޔާންތަކުގެ ކޮޕީއާއި ކޮމިޓީއިން ކުރާ ތަހުގީގަކާ ގުޅިގެން ކޮމިޓީއަށް ލިބޭ ހެއްކާއި މައުލޫމާތު ގާނޫނީގޮތުން ހުއްދަލިބިގެންވާ ފަރާތްތަކުން އަންގާ އެންގުމަކަށް، ނުވަތަ އަމުރަކަށް މެނުވީ، ދުލެއް ނުކުރެވޭނެއެވެ.

(އ) ތަހުގީގަށް ބަޔާންދޭ ފަރާތަކުން އަނގަބަހުން ދޭ ބަޔާނެއް ލިޔުމަށް ތިރިކޮށް ބަޔާންދޭ ފަރާތް ލައްވައި ސޮއިކުރުވަންވާނެއެވެ.

 

22 ވަނަ މާއްދާ - މައްސަލައާ ގުޅުންހުރި ލިޔުންތައް ހޯދުމާއި ބެލުން

ކޮމިޓީއިން ބަލަމުންދާ މައްސަލައެއް، ތަހުގީގުކޮށް ނިންމަންވާނީ އެމައްސަލައާ ގުޅުންހުރި ކަމަށް ފެންނަ އެންމެހައި ލިޔެކިޔުންތައް ހޯދައި އެލިޔެކިޔުންތައް ބެލުމަށްފަހުގައެވެ.

 

23 ވަނަ މާއްދާ - ފަންނީ މީހިރުންނާއި ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން

(ހ) ކޮމިޓީއިން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެ ކަމަށް ކޮމިޓީއަށް ފެންނަ ފަރާތްތަކުން މައުލޫމާތު ހޯދައި އެފަރާތްތަކުގެ އެހީތެރިކަން ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސައިކޮލަޖިސްޓުންނާއި ޑޮކްޓަރުންނާއި ވަކީލުން އަދި މިނޫންވެސް މިފަދަ ފަރާތްތައް ހިމެނެއެވެ.

 

24 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގައި ކޮމިޓީއަށް އެންގުން

ކޮމިޓީއިން ބަލަމުންދާ މައްސަލައެއްގައި ކޮމިޓީއިން ސުވާލު ކުރެވެމުންދާ މީހަކު ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ފުރައިގެންދާނަމަ ކޮމިޓީއަށް އަންގަންވާނެއެވެ.

 

25 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން

(ހ) ކޮމިޓީއިން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރެވޭ ކޮންމެ މީހަކަށްވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު އޮތްކަން ބަޔާންކުރުމާއެކު އެ މީހަކު އެދޭނަމަ އެ ފުރުސަތު ކޮމިޓީއިން ދޭންވާނެއެވެ.

(ށ) ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންވާނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ފުރަތަމަ ފަހަރު 7 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. 7 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެނަމަ، އިތުރު 7 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާފަދައިން ދެވަނައަށް ފުރުސަތު ދެވުނު މުއްދަތުގައި ގާނޫނީ ވަކީލަކު ހަމަޖައްސައިފިނަމަ ބެލެވޭނީ އެމީހަކު ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދޫކޮށްލީކަމުގައެވެ.

(ރ) ތަހުގީގު ފެށުމުގައި ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުން ނޫންކަމުގައި ބުނެފައި ތަހުގީގު ފެށުމަށްފަހު ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތަށް އެދުނުކަމުގައިވިޔަސް އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

(ބ) ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ބޭނުން ނުވާކަމަށް ބުނެފިނަމަ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު އެ މީހަކަށް ދިން ކަމަށާއި، އެމީހަކު ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންނުވާކަން ބަޔާންކޮށް ލިޔެފައިވާ ލިއުމުގައި އެ މީހަކު ލައްވައި ސޮއިކުރުވަންވާނެއެވެ.

(ޅ) ތަހުގީގުގައި ސުވާލުކުރެވެމުންދާ ވަގުތުގައި އެމީހަކު އައްޔަންކުރާ ގާނޫނީ ވަކީލަކާއެކު އެކަހެރިވެ މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު އަމަލުކުރަންޖެހޭ ގޮތް

(ހ) ށަކުވާގެ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތައް ނިންމުމަށްފަހު، ށަކުވާ ރައްދުވާ ފަރާތުގެ މައްޗަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ސާބިތުވެއްޖެނަމަ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާއާބެހޭ ގާނޫނާ ހިލާފު ނުވާނެ ގޮތެއްގެ މަތިން އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން އޭނާއާ މެދު އެކަށީގެންވާ އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދައިން ފިޔަވަޅު އެޅުމުގައި، މައްސަލައިގެ ކުޑަބޮޑިމިނާއި ޖިންސީ ގޯނާކުރެވުނު ފަރާތަށް އެކަމުގެ ސަބަބުން ލިބިފައިވާ ނުވަތަ އެ އަމަލެއްގެ ސަބަބުން ލިބިދާނެ ގެއްލުމަށް ރިއާޔަތްކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ޖިނާއީ މައްސަލައެއްނަމަ އަމަލުކުރާނެ ގޮތް

(ހ) ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތައް ނިންމުމަށްފަހު، އެށަކުވާއަކީ ޖިނާއީ ކުށަކާ ގުޅޭ ށަކުވާއެއްނަމަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ 19 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާފަދައިން އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ށަކުވާ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދައިން ށަކުވާ ހުށަހެޅި ފަރާތަށް އެންގުމަށްފަހު ކަމާބެހޭ ފަރާތަށް މައްސަލަ ހުށަހެޅުމަށާއި އެއިދާރާއިން މައްސަލަ ކުރިއަށްދާގޮތް ބެލުމުގައި ށަކުވާ ކޮމިޓީއިން ށަކުވާ ހުށަހެޅި ފަރާތަށް އެހީތެރިވެދޭންވާނެއެވެ.

 

28 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުން ނުވަތަ ގޯނާކުރުމުގެ ސަބަބުން ގެއްލިފައިވާ ހައްގުތައް ހޯދައިދިނުން

(ހ) ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްފަހު، ށަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ އޭގެ ސަބަބުން މުވައްޒަފަށް ގެއްލިފައިވާ އިނާޔަތެއް ނުވަތަ ވަޒީފާގެ ކުރިއެރުމެއް ނުވަތަ އެހެންވެސް ހައްގެއްވާނަމަ އެކަންކަން މުވައްޒަފަށް އަނބުރާ ލިބިދިނުމަށް ށަކުވާ ކޮމިޓީއިން ވަޒީފާ އަދާކުރާ ތަނަށް ހުށަހެޅިދާނެއެވެ؛ އަދި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް މައްސަލަ ހުށަހެޅި މުވައްޒަފަށް ލަފާދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާ ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ވަޒީފާދޭ ފަރާތުން އަމަލުކޮށްފައި ނުވާނަމަ، އެ މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު ށަކުވާ ހުށަހެޅި ފަރާތް ނުވަތަ އެއަމަލުގެ ސަބަބުން ގެއްލުން ލިބުނު މުވައްޒަފަށް ލިބިގެންވެއެވެ.

(ނ) ށަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްފަހު، ށަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ސާބިތުވެއްޖެނަމަ، އޭގެ ސަބަބުން މަރުކަޒަކުން ހިދުމަތް ހޯދުމަށްދިޔަ ފަރާތަކަށް ގެއްލިފައިވާ ފުރުސަތެއް ނުވަތަ ހައްގެއްވާނަމަ އެކަންކަން އެފަރާތަކަށް އަނބުރާ ހޯދައިދިނުމަށް ނުވަތަ ބަދަލުދިނުމަށް ށަކުވާ ކޮމިޓީއިން އެމަރުކަޒަކަށް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ށަކުވާ ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް މަރުކަޒުން އަމަލުނުކޮށްފިނަމަ އެ މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ހައްގު ށަކުވާ ހުށަހެޅި ފަރާތަށް ނުވަތަ އެ އަމަލެއްގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - މާނަކުރުން

(ހ) "ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުދިންނަށެވެ.

(ށ) "ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ އަމަލު" ކަމަށް ބުނެފައިވަނީ ޖިންސީ ފުރައްސާރަކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މީހެއްގެ ނުގަބޫލުގައި އެހެން މީހަކު އޭނާއާ ދެކޮޅަށް ނުވަތަ އޭނާއާ ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުމަށެވެ. އެފަދަ އަމަލުތަކުގެ ތެރޭގައި، އެގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ފޮށުމުގެ ގޮތުން ތުނބުން ފުމުމާއި، އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުމާއި، ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުމާއި، ފޯރުވުމާއި، ސަމާސާ ކުރުމުގެ ގޮތުން އަތުގައި ހިފުމަށްފަހު، ދޫނުކޮށް އަތަށް ފިއްތުން ނުވަތަ ކޮއްޓުމާއި އޮރިޔާންކާޑު ނުވަތަ ބަދުއަހުލާގީ އަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ދައްކާ ހެދުމާއި، ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކައި ސަމާސާ ކުރުމާއި، ވަޒީފާ ދެވޭނީ ނުވަތަ ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ވަޒީފާގައި ކުރިއެރުމުގެ ފުރުސަތު ލިބޭނީ ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ކުރިއެރުމެއް ލިބިދެވޭނީ އޭގެ ބަދަލުގައި ޖިންސީ އެދުމެއް ފުއްދައިދިނުމުން ނުވަތަ ޖިންސީ ފުރައްސާރަކުރުމުގެ ނުވަތަ ގޯނާ ކުރުމުގެ އަމަލެއް ބަލައިގަތުމުންކަމަށް ދޭހަވާގޮތަށް ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ހުށަހަޅާ ހުށަހެޅުންތައް ހިމެނެއެވެ.

(ނ) "ށަކުވާ ހުށަހަޅާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ އަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ، އެއަމަލުގެ ށިކާރައަކަށްވާ މީހާއަށެވެ.

(ރ) "ޖިންސީ ފުރައްސާރަކުރުމުގެ އަމަލު ރައްދުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ އަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ، އެއަމަލުގެ ށިކާރައަކަށްވާ މީހާއަށެވެ.

(ބ) "ށަކުވާ ރައްދުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުމުގެ އަމަލު ހިންގާ މީހާއަށެވެ.

(ޅ) "ވަޒީފާ އަދާކުރާ ތަން" ނުވަތަ "ވަޒީފާ އަދާކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުން މަސައްކަތްކުރާ ތަންތަނެވެ.

(ކ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ތައުލީމީ މަރުކަޒުތަކާއި، ޖަލުތަކާއި ކުޑަކުދިން ބަލަހައްޓާ ތަންތަނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ތަންތަނާއި، މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، ކުޅިވަރާބެހޭ މަރުކަޒުތަކާއި އިޖުތިމާއީ މަރުކަޒުތަކާއި އެނޫންވެސް އާންމުންނަށް ހިދުމަތް ފޯރުކޮށްދޭ އެންމެހައި ތަންތަނަށެވެ.

(އ) "ކޮމިޓީ" ނުވަތަ "ށަކުވާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައި އަދި މަރުކަޒުތަކުގައި ގާއިމުކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށެވެ.

(ވ) "ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2014-377)

 

މައި ގާނޫނު

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-16)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު