-

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-103)

 

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން، އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ށ) އާއި، 97 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ހައްގުތައް އެ ކުދިންނަށް ލިބިދިނުމުގައި އެ ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަންވާނީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަށް ކަމަށް އެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީހިނދު، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ މަސްލަހަތަށް ފައިދާ ހުރީ އެ ކުދިންގެ އާއިލާތަކާއެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާނަމަ، އެ ކުދިންގެ އާއިލާތަކާ ހަވާލު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން.

(ށ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށާއި 97 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ކުއްޖެއްގެ އާއިލީ މާހައުލުން ކުއްޖާ ވަކިކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އޮންނަ އޮތުމުގެ މަގުސަދަށް ރިއާޔަތްކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ދާއިމީކޮށް އާއިލީ މާހައުލުގައި އުޅުމަކީ އެ ކުދިންގެ މަސްލަހަތަށް ފައިދާވާ ގޮތް ކަމަށް ވާނަމަ، އެ ކުދިންގެ އާއިލީ މާހައުލުގައި އުޅެބޮޑުވުމުގެ ފުރުސަތު އެ ކުދިންނަށް ހޯދައިދިނުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުން އެ މައްޗަށް ބިނާވެފައިވާ އުސޫލުތައް ކަނޑައެޅުން.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމުގެ ކަންކަން ކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާތައް ކަނޑައެޅުން.

(ބ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވޭއިރު، އެ ކުދިންނާ ހަވާލުވާ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.

(ޅ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރުން.

(ކ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (އ) އަށް ރިއާޔަތްކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރާއިރު، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން ވިލަރެސްކޮށްގެން އެ ކުދިން އަލުން އާއިލާތަކާ ހަވާލުކުރުކުރުމުގެ މަސައްކަތް ކުރިއަޔަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައި ބޮޑުކުރުމަށް ޓަކައި، އެ ކުދިންގެ އާއިލާތަކާ ދާއިމީކޮށް ހަވާލުކުރުމެވެ.

 

4 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުން ބިނާވެފައިވާ އަސާސީ އުސޫލުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުން އެ މައްޗަށް ބިނާވެފައިވަނީ، އަންނަނިވި އަސާސީ އުސޫލުތަކުގެ މައްޗަށެވެ.

  1. ދުރު ރާސްތާއަށް ބިނާކޮށް ކުއްޖާއަށް ބޭނުންވާ އަޅައިލުން ރޭވުމުގައި އާއިލާއަކީ މުޖުތަމައުގެ އެންމެ އަސާސީ އިޖުތިމާއީ ބައިކަމަށް ދެކި، އަދި އެއީ ކުއްޖާގެ ރައްކައުތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ތަބީއީ މާހައުލުކަމަށް ދެކި، ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވެން އޮންނަ ހާލަތްތަކުގައި ކުއްޖާގެ އާއިލާއަށް އަލުން ކުއްޖާ ހަވާލުކުރުމަށް އިސްކަންދިނުން. މިގޮތުން ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގެ މައިގަނޑު އަމާޒަކީ އެ ކުދިންނަށް އާއިލީ އަޅައިލުމާއި ލޯބި އެ ކުދިންނަށް ލިބިދިނުމެވެ؛
  2. ކުއްޖާއާ ގުޅޭގޮތުން އަޅާ ކޮންމެ ފިޔަވަޅަކީ، ކުއްޖާގެ މަސްލަހަތަށް އިސްކަންދީގެން، އެ ކުއްޖާގެ ބައިވެރިވުމާއެކު، އެ ކުއްޖާގެ ބޭނުންތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެއް ކަމުގައި ވުން؛
  3. ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމުގެ ހުރިހާ މަސައްކަތެއްގައި ވެސް ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ނަޒަރިއްޔާ ގެންގުޅުން. ވަކިން ހާއްސަކޮށް، ތަފާތު ނުކުރުމާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާއި، ހެދިބޮޑުވުމާއި، ބައިވެރިވުމުގެ ހައްގުތައް ކަށަވަރު ކުރުން؛
  4. ކުއްޖާއާއި ކުއްޖާގެ އާއިލާއާ ދެމެދު، ހެޔޮ ރަނގަޅު ގުޅުމެއް އުފެއްދުމަކީ އަސާސީ ކަމެއް ކަމުގައި ބެލުން؛
  5. ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއް ނުލިބޭނެކަމާއި، ކުއްޖާއަށް އެކަމުގެ ސަބަބުން ފައިދާވާނެކަން ކަށަވަރުކުރުން. މިގޮތުން، ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް އިހްތިޔާރުކުރުމުގެ ވިސްނުމާއެކު ކުދިން އަލުން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތްތައް ބައްޓަންކުރުން؛
  6. ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމުގައި ހިމެނޭ ކަމާބެހޭ ފަރާތްތަކާއެކު ކަންކަން ވިލަރެސްކުރުމަކީ ކުއްޖާއަށާއި އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަސާސީ ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ބެލުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އާއިލާއާ ހަވާލުކުރުމުގައި ހިނގާ ކޮންމެ މަރުހަލާއެއްގައި ވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނަގަހައްޓައި ކަށަވަރުކުރުމަކީ މި ގަވާއިދުގެ 5 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ކޮމިޓީއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

 

 

 

ދެވަނަ ބާބު

ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބޭހޭ ކޮމިޓީ

 

5 ވަނަ މާއްދާ - ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރާ ކޮމިޓީ

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރާ ކޮމިޓީއަކީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމާބެހޭ ކަންކަން ހިންގުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ލަފާދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ.

(ށ) ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބޭހޭ ކޮމިޓީ އެކުލަވައިލާނީ މިނިސްޓަރެވެ.

(ނ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ ކޮމިޓީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ރ) ކޮމިޓީގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް އިންނެވެ.

 

6 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް

ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބޭހޭ ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ތާވަލުކުރެވޭ ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކުދިންނަކީ ކޮބައިކަން ނިންމުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި އެ ކުއްޖާގެ އާއިލާއިން އެ ކުއްޖާ ހަވާލުކުރުމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް އެ މައްސަލައަކާ ހަވާލުވެހުރި އިޖުތިމާއީ ހިދުމަތްތެރިޔާ ފާހަގަކުރާ ފަރާތަކާބެހޭ ލިޔުންތަކާއި އެސެސްމަންޓް ރިޕޯޓު ދިރާސާކުރުން. މިގޮތުން، އެސެސްމަންޓް ރިޕޯޓުގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަވޭތޯ ބެލުމާއި، ހުށަހެޅިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، އިތުރު މައުލޫމާތު ބޭނުންވާނަމަ، އިޖުތިމާއީ ހިދުމަތްތެރިޔާއާ ނުވަތަ ކުއްޖާ ބެލުމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް އިޖުތިމާއީ ހިދުމަތްތެރިޔާ ފާހަގަކޮށްފައިވާ ފަރާތާ ސުވާލުކޮށްގެން މައުލޫމާތު އޮޅުންފިލުވުން.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި ހަވާލުކުރަން ގަސްތުކުރާ ފަރާތާ ކޮމިޓީން އިންޓަވިއު ކުރަން ޖެހިއްޖެ ހާލަތެއްގައި، އިންޓަވިއުކޮށް، އެއީ ކުއްޖާ ބެލެހެއްޓުމަށް ގާބިލު ފަރާތެއްކަން ކަށަވަރުކުރުން.

(ބ) ކޮމިޓީއަށް ހުށަހެޅޭ ލިޔުންތަކާއި ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި އެ ކުއްޖާ ހަވާލުކުރަން ނިންމުން.

(ޅ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމާބެހޭ ހުރިހާ މަރުހަލާއެއްގައި ވެސް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނެގެހެއްޓޭކަން ކަށަވަރުކުރުން.

(ކ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމަށް ކޮމިޓީން ނިންމާ ކުދިން، އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާއި އާއިލާއާ ދެމެދު ވެވޭ އެއްބަސްވުން ފާސްކުރުން.

(އ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވޭ ކުދިންގެ ހާލަތު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޮނިޓަރކުރަމުން ގެންދިޔުން.

(ވ) ކޮމިޓީގެ ހުރިހާ މަސައްކަތެއް ވެސް އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި އަދި ކުއްޖާގެ މަސްލަހަތަށް އިސްކަންދީގެން، ކުއްޖާގެ ކަރާމާތް ރައްކައުތެރި ކުރެވޭކަން ކަށަވަރުކުރެވޭ ގޮތެއްގައި ކުރުން.

(މ) ކޮމިޓީގެ މަސްއޫލިއްޔަތު ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުން.

(ފ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމާބެހޭ އެހެނިހެން ކަންކަމުގައި ވެސް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ދޭންޖެހޭ ލަފާދިނުން.

(ދ) ކޮމިޓީގެ ބައްދަލުވުންތަކާއި، ކޮމިޓީ ހިންގާނެ ގޮތުގެ އިދާރީ އުސޫލުތައް ކަނޑައެޅުމަކީ އެ ކޮމިޓީގެ ޒިންމާއެއްކަން.

 

7 ވަނަ މާއްދާ - ކޮމިޓީ އެކުލެވިގެންވާ ގޮތް

ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކޭސް މެނޭޖްމަންޓުގެ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އިސް ފަރާތެއް.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި މަސައްކަތްކުރާ ގާނޫނީ ވަކީލެއް.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓެއް.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒެއްގެ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އިސް މުވައްޒަފެއް.

(ބ) މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯށަލް ސަރވިސަސްގެ ސޯށަލް ސަރވިސް ޑިޕާޓްމަންޓުގެ ސިވިލް ސަރވިސްގެ މުވައްޒަފެއް.

 

8 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ ށަރުތުތައް

ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

(ހ) ކުޑަކުއްޖަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ ނުވަތަ އެ ފަދަ އަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާކަމުގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކާ އާއިލީ ގުޅުމެއް ނެތުން.

 

9 ވަނަ މާއްދާ - ކޮމިޓީގެ ރައީސާއި ނައިބު ރައީސް

(ހ) ކޮމިޓީގެ މެންބަރުންގެ ތެރޭގައި، އައްޔަނު ކޮށްފައިވާ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. ރައިސާއި ނައިބު ރައީސްކަމަށް އައްޔަނު ކުރާނީ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގައި، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި، ބުނެވިދިޔަ ކަންކަމުގެ އިތުރުން، ރައީސްގެ މަސްއޫލިއްޔަތު ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ ނައިބު ރައީސެވެ.

(ނ) ކޮމިޓީގެ ރައީސްގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

  1. ކޮމިޓީގެ މެންބަރުންގެ އިތުރުން، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުން؛
  2. ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް އަވަސްކަމާއެކު ކުރިޔަށް ގެންދިޔުމަށް ބާރު އެޅުން؛
  3. ކޮމިޓީގައި މަށްވަރާކުރެވޭ ކަންކަމާއި، ކޮމިޓީން ދޭ ލަފަޔާއި، ނިންމާ ނިންމުންތަކާއި، މި ނިންމުންތަކަށް ވާސިލުވެވުނު ގޮތްތަކުގެ ޔައުމިއްޔާ ލިޔެ، ލިޔެކިޔުންތަކާއި ފައިލްތައް ބެލެހެއްޓޭކަން ކަށަވަރުކުރުން؛
  4. ކޮމިޓީގައި ހިންގާ މަށްވަރާތަކުގައި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބައިވެރިވުމަށް ފުރުސަތު ތަނަވަސްކޮށް ހުރިހާ މެންބަރުން އެއް ނިންމުމަކަށް ވާސިލުވުމަށް މަސައްކަތްކުރުން؛
  5. ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުން ކަށަވަރުކުރުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ނެގެހެއްޓުން.
  6. ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ރައީސެވެ.

 

10 ވަނަ މާއްދާ - ކޮމެޓީގެ ސެކެޓްޓޭރިއެޓް

ކޮމެޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސެކެޓްޓޭރިއެޓެއް، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްށަން ސަރވިސްއިން އައްޔަނު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދާއި ބައްދަލުވުންތައް

(ހ) ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ 3 (ތިނެއް) މެންބަރުންނެވެ.

(ށ) ކޮމިޓީގެ ބައްދަލުވުންތައް ބާއްވަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއިން އެ ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކުގެ މައްޗަށް ބިނާކޮށް، އެ ސަރވިސްއިން އެކުލަވައިލާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ކޮމިޓީން ނިންމާ ނިންމުމެއް ފާސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވެއްޖެ ނަމައެވެ.

(ރ) ކޮމިޓީގެ ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސް ބައިވެރިވާން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ހާޒިރުވެ ތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅަންވާނެއެވެ.

(ބ) ކޮމިޓީގެ ބައްދަލުވުމުގެ ހުރިހައި ނިންމުންތަކެއް ވެސް ހުންނަންވާނީ ޔައުމިއްޔާގައި ލިޔެވިފައެވެ. އަދި މި ނިންމުންތައް ހުރިހާ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ކޮމެޓީގެ މެންބަރަކު އިސްތިއުފާ ދިނުން

ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި، ކޮމިޓީން އިސްތިއުފާ ދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

(ހ) ކޮމިޓީގެ އެއްވެސް މެންބަރަކު، މަގުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްފަރާތަށް ލިބިގެންވެއެވެ.

(ށ) ކޮމިޓީގެ އެއްވެސް މެންބަރަކު، ކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ފަދަ އަމަލެއް ކޮށްފި ނަމަ، އެ މެންބަރަކު ވަގުތުން މެންބަރުކަމުން ވަކިކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އިގްރާރުވާންވާނެއެވެ.

 

 

ތިންވަނަ ބާބު

ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބޭހޭ އާންމު އުސޫލުތައް

 

15 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގައި އިސްކަންދޭންޖެހޭ ކަންކަން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި، އެ ކުދިންގެ އާއިލާތައް ހޯދުމަށްފަހު، އެ ކުދިންގެ އާއިލާގެ ތެރެއިން އެ ކުދިން ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ފަރާތްތަކުގެ އެސެސްމަންޓް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހެދުމަށްފަހު، އެ ކުދިން ބެލެހެއްޓުމަށް ޓަކައި އެ ކުދިން ހަވާލުކުރަން އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިކަން ނިންމާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގައި އެންމެ އިސްކަމެއް ދޭންވާނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އާއިލާއިން ވަކި ފަރާތެއް، އެ ކުދިން ބެލެހެއްޓުމަށް ޓަކައި އެ ކުދިންނާ ހަވާލުވުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނާ ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅައިފައިވާ ފަރާތްތަކަށެވެ.

 

16 ވަނަ މާއްދާ - ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އާންމު ށަރުތުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ބެލެހެއްޓުން ހަވާލުކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި އާންމު ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. މީލާދީގޮތުން އުމުރުން 20 (ވިހި) އަހަރާއި 70 (ހަތްދިހަ) އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛
  2. ހަވާލުކުރެވޭ ކުއްޖާ ނުވަތަ ކުދިން ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭ ފަރާތެއް ކަމުގައި ވުން؛
  3. ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައި ވުން؛
  4. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ތައްޔާރުކުރާ އެސެސްމަންޓުން، ކުއްޖާ ބެލޭވަރުގެ ގާބިލްކަން ހުރި ފަރާތެއްކަން އެނގެން އޮތުން؛
  5. ކުޑަކުއްޖަކަށް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފުސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާކަން ނުވަތަ އެފަދަ އަމަލެއް ހިންގައިފައިވާ ނުވަތަ އެފަދަ ކުށަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާކަން ށަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމާއި، އެ ފަދަ މައްސަލައެއް ތަހުގީގުކުރަމުން ނުދިއުމާއި، އެފަދަ މައްސަލައެއްގެ ދައުވާ އުފުލިފައިވާ މީހަކު ކަމުގައި ނުވުން؛
  6. ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބޭހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  7. ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށެއް ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޒު ކުރަމުންދާ ނުވަތަ އެ ފަދަ ދައުވާއެއް އުފުލިފައިވާ ނުވަތަ ތަހުގީގީ މަރުހަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ތަހުގީގީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛
  8. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔ 7 (ހަތެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޒު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް، ތަހުގީގީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހަދާ ބެކްގްރައުންޑް ޗެކް ހިމެނޭ އެސެސްޓްމަންޓް ރިޕޯޓު، އެ ސަރވިސްއިން، ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބެކްގްރައުންޑް ޗެކް ހެދުމަށްޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ދައުލަތުގެ އެހެނިހެން އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ހުރަހެއް ނެތެވެ.

(ރ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ފިޔަވައި، ޖިނާއީ އެހެން ކުށެއް ކޮށްފައިވާ ފަރާތަކަށް، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އެ ފަރާތަކާ ހަވާލުކުރުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން އެ ކުއްޖަކު ބެލެހެއްޓުމުގެ ފުރުސަތު ދިނުމާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، ކޮމިޓީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ ފުރުސަތު ދޭއިރު، ކުޑަކުއްޖަކާ ގުޅޭ މައްސަލައެއް އެ ފަރާތުގެ މައްޗަށް ސާބިތުވެފައި ނުވާކަން ޔަގީންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރާއިރު، ކުއްޖާ ހަވާލުކުރެވޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ އިތުރު ށަރުތުތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރާއިރު، އެ ކުދިން ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ކުއްޖާގެ މައިންބަފައިން، ނުވަތަ މަންމަ ނުވަތަ ބައްޕަ ކަމުގައި ވުން. ނުވަތަ

(ށ) ކުއްޖާގެ ށަރުއީ ބަލަދުވެރިއެއް ކަމުގައި ވުން. ނުވަތަ

(ނ) ކުއްޖާގެ ހަޒާނަތު ހައްގުވާ ފަރާތެއް ކަމުގައި ވުން؛ ނުވަތަ

(ރ) އިސްވެ ބަޔާންކޮށްފައިވާ ހާލަތްތައް ނޫން އާއިލީ އެހެން ގުޅުމެއް ކުއްޖާއާ އޮތް ފަރާތެއް ކަމުގައި ވުން.

 

18 ވަނަ މާއްދާ - ކުއްޖެއްގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭއިރު ހާއްސަ އުސޫލުން އަމަލުކުރުން

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، އެ ކުއްޖެއްގެ ތަބީއީ އާއިލީ މާހައުލުގައި އުޅެވޭނެ ފުރުސަތު ގާއިމްކޮށްދިނުމަށް އޮންނަ އޮތުމުގެ މަގުސަދަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އެ ކުއްޖެއްގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭއިރު، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ލުއިދިނުމުގެ ނަޒަރިއްޔާއަކުން ކޮމިޓީން ރިއާޔަތް ކުރުމަކަށް ހުރަހެއް ނެތެވެ. މިގޮތަށް ލުއިދޭއިރު، މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތަކަށް ލުޔެއް ނުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލުޔެއް ދޭއިރު، ކުއްޖަކު ހަވާލުކުރުމުގެ ކުރިން، އެ ކުއްޖާގެ މައިންބަފައިންގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ހާލަތު ބަދަލުވެފައިވާ މިންވަރާއި، އެ މީހުންގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ފަރާތްތައް ކޮށްފައިވާ މަސައްކަތް ދެނެގަތުމަށާއި، އެ މަސައްކަތް ވަޒަންކުރުމަށް އިތުރު އެސެސްމަންޓެއް ހަދަންވާނެއެވެ. ނުވަތަ ކޮމިޓީން ކަނޑައަޅާ މުއްދަތަކަށް އެ ފަރާތްތައް މޮނިޓަރ ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލު ކުރެވޭނީ އެ ކުއްޖެއްގެ އުމުރުން އެންމެ މަދުވެގެން 18 (އަށާރަ) އަހަރު ފުރެންދެން އެ ކުއްޖާ ބަލަހައްޓާ ގޮތުގެ މަތީންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ފަށަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖެއްގެ އާއިލާގެ ފަރާތުން އެ ކުއްޖާގެ ބެލެހެއްޓުމާ ހަވާލުވުމަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ހުށަހެޅުމަކަށް މި ގަވާއިދުގެ ދަށުން ހުރަހެއް ނެތެވެ.

 

 

ހަތަރުވަނަ ބާބު

ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ މަރުހަލާތައް

 

20 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ މަރުހަލާތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުން ބިނާވެފައިވަނީ އަންނަނިވި މަރުހަލާތަކުގެ މައްޗަށެވެ.

(ހ) ފުރަތަމަ މަރުހަލާ: އާއިލާ ހޯދުމާއި، އެސެސްމަންޓް ހެދުމާއި، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނިންމުން؛

(ށ) ދެވަނަ މަރުހަލާ: އާއިލާއާ ހަވާލުކުރުމަށް ކުއްޖާއާއި ކުއްޖާގެ އާއިލާ ތައްޔާރުކުރުން؛

(ނ) ތިންވަނަ މަރުހަލާ: ކުއްޖާޔާއެކު ގުޅުން ބަދަހިކުރުމާއި، ކުއްޖާ ހަވާލުކުރުން؛

(ރ) ހަތަރުވަނަ މަރުހަލާ: ކުދިން އަލުން އެ ކުދިން އާއިލާއާ ހަވާލުކުރުމަށްފަހު ދޭންޖެހޭ އެހީތެރިކަން ދިނުން.

 

21 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިން އާއިލާއާ ހަވާލުކުރުމުގެ ފުރަތަމަ މަރުހަލާ

(ހ) ކުދިން އަލުން އެ ކުދިންގެ އާއިލާއަށް ހަވާލުކުރުމުގެ ފުރަތަމަ މަރުހަލާގައި ހިމެނެނީ، އަންނަނިވި ކަންކަން ކުރުމެވެ.

  1. ކުއްޖާ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ޓަކައި ޗައިލްޑް އެސެސްމަންޓް ހެދުން؛
  2. ކުއްޖާގެ އާއިލާ ހޯދުން؛
  3. ކުއްޖާގެ އާއިލާގެ އެސެސްމަންޓް ހެދުން؛
  4. ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓު ތައްޔާރުކޮށް، އެ ރިޕޯޓު މެދުވެރިކޮށް، އިޖުތިމާއީ ހިދުމަތްތެރިޔާއަށް ފެންނަ ކަންކަން ކޮމިޓީއަށް ހުށަހެޅުން؛
  5. ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަނެ، ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމާމެދު ކޮމިޓީން ގޮތެއް ނިންމުން.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު އެނގެން އޮންނަންވާނެއެވެ.

  1. ކުއްޖާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. އިންޓަވިއު ކުރެވުނު ފަރާތްތައް؛
  3. އިންޓަވިއު ކުރި އިޖުތިމާއީ ހިދުމަތްތެރިޔާއަކީ ކޮބައިކަން؛
  4. ކުއްޖާއާއި، ކުއްޖާގެ މައިންބަފައިންނާއި، އާއިލާއާއި، ކުއްޖާ އެނބުރި ދާ މުޖުތަމައާބެހޭ މައުލޫމާތާއި، ކުއްޖާއަށް ހުރި ރިސްކުތުތައް؛
  5. ކުއްޖާ، އެ ކުއްޖާގެ އާއިލާއާ ވަކިވާންޖެހުނު ސަބަބުތަކާއި، އެކަން މެދުވެރިވި ސަބަބުތައް؛
  6. ކުއްޖާގެ މިހާރުގެ ހާލަތު؛
  7. ކުއްޖާއަށް ހުރި ފުރުސަތުތަކާއި، އެ ކަމާބެހޭ ދިރާސާ. މި ބައިގައި، ކުއްޖާ ދެކޭ ގޮތާއި، ކުއްޖާގެ ރައްކައުތެރިކަމާއި، ކުއްޖާއާ އާއިލާއާ ދެމެދު އޮންނަ ގުޅުމާއި، ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ކަންކަން ފާހަގަކުރުން؛
  8. ރިކޮމެންޑޭށަންތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓުގައި ހިމަނަންވީ މައުލޫމާތާއި، އެ ރިޕޯޓު އޮންނަންވީ ގޮތް ކަނޑައަޅާނީ، ބައިނަލްއަގްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ.

(ރ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނިންމުން ނިންމުމުގައި، ކުއްޖާ ބެލެހެއްޓުމަށް އާއިލާއާ ހަވާލުކުރަން ފެންނަ ނަމަ އެކަން، ނުވަތަ ހަވާލުކުރަން ނުފެންނަ ނަމަ އެކަން، އެ ގޮތަށް ނިންމި ސަބަބާއެކު ކޮމިޓީން ބަޔާން ކުރަން ވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން މައްސަލަ ބަލަހައްޓާ އިޖުތިމާއީ ހިދުމަތްތެރިޔާ ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން މައްސަލަ ބަލަހައްޓާ އިޖުތިމާއީ ހިދުމަތްތެރިޔާއާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދައުރު ހިމެނޭ ހާލަތްތަކުގައި އެ ސެންޓަރުގެ އިޖުތިމާއީ ހިދުމަތްތެރިޔާ ނުވަތަ ކައުންސިލުގެ އޭޖެންޓާއި، އޯލްޓަނޭޓިވް ކެއަރގައި ކުއްޖާ ބަލަހައްޓާ އިޖުތިމާއީ ހިދުމަތްތެރިޔާއާ ދެމެދު ވިލަރެސްކޮށްގެންނެވެ.

 

22 ވަނަ މާއްދާ - ޗައިލްޑް އެސެސްމަންޓް ހެދުމުގައި އެންމެ މަދުވެގެން ފުރިހަމަވާންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓް ހަދަންވާނީ، ކުއްޖާއާ އެކަށީގެންވާ އަދި ކުއްޖާއަށް ހަމަޖެހުމާއި ރައްކައުތެރިކަން އިހުސާސްވާ ފަދަ މާހައުލެއްގައެވެ.

(ށ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު އެނގެން ހުންނަންވާނެއެވެ.

  1. ކުއްޖާގެ ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް މުހިންމު ހުރިހާ ދާއިރާތަކެއްގެ މައުލޫމާތު؛ މީގެ ތެރޭގައި، ކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާއީ ދުޅަހެޔޮކަމާއި، ބިހޭވިއަރަލް ދުޅަހެޔޮކަމާއި، ކޮގްނިޓިވް ދުޅަހެޔޮކަމާބެހޭ މައުލޫމާތާއި، ކުއްޖާގެ ތައުލީމާބެހޭ މައުލޫމާތު ހިމަނަންވާނެއެވެ.
  2. އާއިލާއާއެކު ހޭދަކުރި ދުވަސްތައް ކުއްޖާގެ ހަނދާނުގައި ހުންނަނަމަ، އެ ދުވަސްވަރާ ބެހޭގޮތުން ކުއްޖާ ދެކޭގޮތް؛
  3. އާއިލާގެ މީހުންނާމެދު ކުއްޖާ ދެކޭގޮތާއި، އެ މީހުންނާމެދު ކުއްޖާއަށް އިހުސާސްވާ ގޮތް؛ މިގޮތުން، ކުއްޖާއަށް އަޅައިލުމާއި ލޯބި ދިން ފަރާތްތައް ކަމުގައި ކުއްޖާ ބަލާ ފަރާތްތަކާމެދު ކުއްޖާ ދެކޭގޮތް ހިމަނަންވާނެއެވެ.
  4. އާއިލީ މާހައުލުގައި ކުއްޖާއަށް ކަމުނުދާކަމަށް ފާހަގަކުރާ ކަންކަން؛
  5. އާއިލީ މާހައުލުގައި ރަނގަޅުކުރަން ކުއްޖާ ބޭނުންވާ ކަންކަން؛
  6. ކުއްޖާއަށް އާއިލާޔާއެކު އުޅުމުގެ ފުރުސަތު ލިބިއްޖެނަމަ، އާއިލާއާއެކު އުޅެން އެ ކުއްޖާ ބޭނުންވާކަން ނުވަތަ ނޫންކަން؛

 

23 ވަނަ މާއްދާ - ކުއްޖާގެ އާއިލާ ހޯދުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖެއްގެ އާއިލާއާ ހަވާލުކުރުމުގެ ގޮތުން، ކުއްޖާގެ އާއިލާ ހޯދުމުގެ މަސައްކަތުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިޖުތިމާއީ ހިދުމަތްތެރިޔާއަށް، ފެމިލީ އެންޑް ޗައިލްޑް ސެންޓަރުތަކުގައި ތިބޭ އިޖުތިމާއީ ހިދުމަތްތެރިންނާއި ކައުންސިލްތަކުގެ އޭޖެންޓުންގެ އެހީތެރިކަން ހޯދިދާނެއެވެ.

(ށ) ކުއްޖާ ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ކުއްޖާގެ އާއިލާގެ މީހުން ހޯދައި، އެ އާއިލާގެ ތެރެއިން އެ ކުއްޖާއަށް ރައްކައުތެރިކަން ހުރިކަން ކަށަވަރު ކުރެވުމުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިޖުތިމާއީ ހިދުމަތްތެރިޔާއާއި އޯލްޓަނޭޓިވް ކެއަރގައި ކުއްޖާއާ ހަވާލުވެހުރި އިޖުތިމާއީ ހިދުމަތްތެރިޔާއާ ދެމެދު ވިލަރެސްކޮށްގެން، ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ރާވަންވާނެއެވެ.

 

24 ވަނަ މާއްދާ - ފެމިލީ އެސެސްމަންޓް ހެދުން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުއްޖާގެ އާއިލާގެ އެސެސްމަންޓުގައި، އެންމެ މަދުވެގެންވެސް އަންނަނިވި މައުލޫމާތު އެނގެން ހުންނަންވާނެއެވެ.

  1. ކުއްޖާގެ މައިންބަފައިންނާއި، ކުއްޖާ ބަލާނެ ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ހައްގުވާ ފަރާތްތަކުގެ ނުވަތަ ކުއްޖާއާ ހަވާލުވާ ފަރާތުގެ "ސްޓްރެންތް" އާއި "ވީކްނަސް".
  2. ކުއްޖާގެ ސަލާމަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަންކަމާއި، އެ ކަންކަން ރަނގަޅު ކުރުމަށް ޓަކައި ގެންނަންޖެހޭނެ ބަދަލުތައް؛
  3. ކުއްޖާ އާއިލީ މާހައުލުން ވަކިވާން ޖެހުނުކަމަށް އާއިލާގެ މެންބަރުން ދެކޭ ސަބަބުތަކާއި، އެ ކަންކަން ހައްލުކުރުމަށް އޮތް ފުރުސަތުތައް؛
  4. ކުއްޖާއާ ހަވާލުވާން ތައްޔާރުވެފައިވާ މިންވަރާއި، ކުއްޖާއާ ހަވާލުވުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގާބިލުކަން ހުރި މިންވަރު؛
  5. ކުއްޖާއަށް ދޭންޖެހޭ އަޅައިލުން ދިނުމުގެ ގާބިލުކަން ހުރި މިންވަރު؛
  6. ކުއްޖާއަށް އަޅައިލަން ބޭނުންވެފައިވާ/ތައްޔާރުވެފައިވާ މިންވަރު؛
  7. މާލީ ހާލަތު.

(ށ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުއްޖާގެ އާއިލާގެ އެސެސްމަންޓް ހަދަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިޖުތިމާއީ ހިދުމަތްތެރިޔެކެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ކަމާބެހޭ އިޖުތިމާއީ ހިދުމަތްތެރިޔާގެ ނުވަތަ ކައުންސިލުގެ އޭޖެންޓުގެ އެހީތެރިކަން އެ ފަރާތަށް ހޯދިދާނެއެވެ.

(ނ) ކުއްޖާގެ އާއިލާގެ އެސެސްމަންޓް ހަދާއިރު، އެ ފަރާތްތަކާއެކު ދިރިއުޅޭ އެންމެންގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރަން ވާނެއެވެ. ވަކިން ހާއްސަކޮށް، އެ ފަރާތްތަކާއެކު ދިރިއުޅޭ ކުޑަކުދިންނާއެކު، އެ ކުދިންނަށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވޭތޯ ބެލުމަށް ސުވާލުކުރެވެން އޮތް އެންމެ ފުޅާ މިންވަރަކަށް ސުވާލުކުރެވޭތޯ މަސައްކަތް ކުރަން ވާނެއެވެ. އަދި މި ފަދައިން އެ ކުދިންނާ ސުވާލުކުރުމުގައި، އެ ތަނުން ކުއްޖަކަށް ނުވަތަ ކުދިންނަށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ އަމަލެއް ލިބިފައިވާ ކަމަށް ބެލެވޭނަމަ، ކަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލަތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

 

25 ވަނަ މާއްދާ - ކޮމިޓީން ރިއާޔަތްކުރަންވީ ކަންކަން

މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމުގައްޔާއި، ކުއްޖާ އަލުން އާއިލާއާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމުގައްޔާއި، ކުއްޖާގެ އާއިލާ ވަޒަންކުރުމުގައި، އަންނަނިވި ކަންކަމަށް ކޮމިޓީން ރިއާޔަތް ކުރަން ވާނެއެވެ.

(ހ) ކުއްޖާއަށް އާއިލާއާއެކު ނުވަތަ އާއިލީ މާހައުލެއްގައި ދިރިއުޅުމުގެ މުހިންމުކަން ދޭހަކުރެވިފައިވާ މިންވަރު.

(ށ) އާއިލާއާއެކު ނުވަތަ އާއިލީ މާހައުލެއްގައި ކުއްޖާ ދިރިއުޅެން ބޭނުންވާ މިންވަރު.

(ނ) އާއިލާއާއެކު ނުވަތަ އާއިލީ މާހައުލެއްގައި ދިރިއުޅުމަކީ ކޮބައިކަމާއި، އެ ފަދަ މާހައުލެއްގައި ދިރިއުޅޭއިރު ކުއްޖާގެ ފަރާތުން އުންމީދުކުރާ ކަންކަމަކީ ކޮބައިކަން ކުއްޖާއަށް ދޭހަވެފައިވާ މިންވަރު.

(ރ) އެފަދަ މާހައުލެއްގައި ކުއްޖާގެ ރައްކައުތެރިކަން ކަށަވަރުކުރެވޭނެ މިންވަރު.

(ބ) ކުއްޖާ ބެލުމަށް ކުއްޖާގެ އާއިލާ ތައްޔާރުވެފައިވާ މިންވަރާއި، އެކަމަށް ބޭނުންވާ މިންވަރު.

(ޅ) ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި ކުއްޖާގެ އާއިލާއިން ޒިންމާ އުފުލަން ތައްޔާރުވެފައިވާ މިންވަރު.

(ކ) ކުއްޖާއަށް ކުރިމަތިވި ކަންކަމާއި، އެ ކަންކަމުގެ ސަބަބުން ކުއްޖާގެ ދުޅަހެޔޮކަމަށާއި އުޅުމަށް އަސަރުކޮށްފައިވާ މިންވަރު، ކުއްޖާގެ އާއިލާއަށް ފަހުމުވެ ދޭހަވެފައިވާ މިންވަރު.

(އ) ކުއްޖާއަށް ސަމާލުކަމާއި އަޅައިލުން ދިނުމުގެ ގާބިލުކަން ހުރި މިންވަރު.

(ވ) ކުއްޖާގެ އަސާސީ ބޭނުންތަކަށާއި ހެދިބޮޑުވުމަށްޓަކައި ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި މިންވަރު.

(މ) ކުއްޖާގެ ހައްގުތަކާއި ބޭނުންތަކަކީ ކޮބައިކަން ދެނެގަނެވިފައިވާ މިންވަރު.

(ފ) ކުއްޖާ އުޅޭނެ ތަނެއް ހަމަޖެހިފައިވާކަން ނުވަތަ ނޫންކަން.

 

26 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ދެވަނަ މަރުހަލާ

ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ދެވަނަ މަރުހަލާގައި ހިމެނެނީ އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުން.

(ށ) ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި ޕްލޭން ތައްޔާރުކުރުން.

(ނ) އާއިލާ ތައްޔާރު ކުރުމަށް ޓަކައި ބޭނުންވާ ކަންކަން ފާހަގަކުރުން.

 

27 ވަނަ މާއްދާ - ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުން

ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުމުގެ މަސައްކަތް ބެހިގެންދަނީ، އަންނަނިވި ކަންކަމުގެ މައްޗަށް ހިމެނޭ މަރުހަލާތަކެއްގެ މައްޗަށެވެ. 

(ހ) ކުއްޖާއަށް އެކަމާ ބެހޭގޮތުން މައުލޫމާތު ދިނުން. މިގޮތުން އާއިލާއާ ބެހޭގޮތުން މައުލޫމާތު ދިނުން.

(ށ) އާއިލާއާ ކުއްޖާ ބައްދަލުކުރުމަށް ކުއްޖާ ތައްޔާރުކުރުން. އެކަމަށްޓަކައި ކުއްޖާއާ ބައްދަލުކޮށް، ކުއްޖާއާ ގުޅުން ބަދަހިކުރުމަށް ރޭވިފައިވާ ގޮތް ކުއްޖާއަށް ކިޔައިދީ، ކުއްޖާގެ ދިރިއުޅުން ބަދަލުވާ މާހައުލާބެހޭ މައުލޫމާތުދީ، ކުއްޖާ ބޭނުންވާ މައުލޫމާތު ކުއްޖާއަށް ފޯރުކޮށްދިނުން.

(ނ) ކުއްޖާގެ އަމިއްލަވަންތަކަން ތަރައްގީކުރުމަށާއި ކުރިއެރުވުމަށް އެހީތެރިވުން.

(ރ) ކުއްޖާ ދިރިއުޅެމުންދާ އޯލްޓަނޭޓިވް ކެއަރ ދޫކޮށް ދިޔުމަށް ކުއްޖާ ތައްޔާރުކުރުން.

(ބ) ކުއްޖާ އާއިލާއާ ހަވާލުކުރާ ފަހުން، ކުއްޖާއަށް ހާދިސާއެއް ކުރިމަތިވެއްޖެނަމަ، އެކަން ރިޕޯޓުކޮށް އަންގާނެ ފަރާތެއް ބަޔާންކޮށްދީ، ކުއްޖާއާއެކު ރައްކައުތެރިކަމުގެ ގޮތުން ސަޕޯޓް ޕްލޭނެއް ތައްޔާރުކުރުން.

 

28 ވަނަ މާއްދާ - ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް ޓަކައި ޕްލޭން ތައްޔާރުކުރުން

(ހ) ކުއްޖާ އަލުން އާއިލާއާ ހަވާލުކުރުމަށް ޓަކައި ޕްލޭން ތައްޔާރުކުރަންވާނީ، ކުއްޖާއާއި ކުއްޖާގެ އާއިލާއާ މަށްވަރާކޮށްގެންނެވެ. އެކަން ކުރާނީ، އިޖުތިމާއީ ހިދުމަތްތެރިޔާއެވެ.

(ށ) ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭން ތައްޔާރުކުރުމުގައި ރިއާޔަތްކުރަންވީ ކަންކަން، ތިރީގައި މިވަނީއެވެ.

  1. ކޮންމެ ކުއްޖެއްގެ ކިބައިގައްޔާއި އާއިލާއެއްގެ ކިބައިގައި ދުޅަހެޔޮ އާއިލީ މާހައުލެއް ބައްޓަން ކުރުމަށް ޓަކައި ބޭނުންވާނޭ ރަނގަޅު ކަންކަން ނުވަތަ ސިފަތަކެއް ވާކަން ދެނެގަތުން؛
  2. އެކަށީގެންވާ އެހީތެރިކަން ލިބިއްޖެނަމަ، ކުދިންގެ ރައްކައުތެރިކަމާއި ދުޅަހެޔޮކަމާބެހޭ ގޮތުން، ކަމާބެހޭ މައުލޫމާތުގެ އަލީގައި ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ގާބިލުކަން އާއިލާތަކަށާއި ކުޑަކުދިންނަށް ލިބިގެންދާކަން؛
  3. ކުދިންނާބެހޭ ކަންކަމުގައި ގޮތް ނިންމުމުގައި އާއިލާތަކާއި ކުދިން ބައިވެރިކުރުމުން ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ނަތީޖާ ރަނގަޅުވާކަން؛
  4. ކުއްޖާގެ ރައްކައުތެރިކަމާއި، ކުއްޖާއާބެހޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ މުހިންމުކަން.

(ނ) ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭނުގައި، އަންނަނިވި މައުލޫމާތު ހިމަނައިފައި ހުންނަންވާނެއެވެ.

  1. އާއިލާއަށް ބޭނުންވާނެ ހިދުމަތްތަކާއި، މުޖުތަމައުގެ ފަރާތުން ބޭނުންވާނެ އެހީތެރިކަން؛
  2. ކުއްޖާގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މުހިންމުވާ ހުރިހާ ބައިތަކާއި، އެކަން ވަޒަންކުރާނެ އިންޑިކޭޓަރުތައް؛
  3. ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާގެ އާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭނެއް ބޭނުންވެއްޖެ ހާލަތެއްގައި އެ ޕްލޭން ތައްޔާރުކުރަންވާނޭކަން.

(ރ) ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭން ތައްޔާރުކުރުމަށްފަހު، އެ ޕްލޭން ފާސްކުރުމަށް، ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. ކޮމިޓީން ފާސްކުރާ ޕްލޭން، އާއިލާއާ ހިއްސާކުރަންވާނެއެވެ. އަދި އެ ޕްލޭން އެ ފަރާތާ ހިއްސާކުރިކަން ލިޔުމުން ރިކޯޑުކޮށް، އެ ރިކޯޑު، އިޖުތިމާއީ ހިދުމަތްތެރިޔާ ބަލަހައްޓަންވާނެއެވެ.

 

29 ވަނަ މާއްދާ - އާއިލާއާއި ކޮމިއުނިޓީ ތައްޔާރުކުރުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމުގެ ކުރިން، އަންނަނިވި ފަރާތްތައް ތައްޔާރުކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

  1. ކުއްޖާގެ އާއިލާ؛ 
  2. އެ ކުއްޖާ އޯލްޓަނޭޓިވް ކެއަރ ދޫކޮށް އެނބުރިދާ މުޖުތަމައު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ތައްޔާރުކުރުމުގައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން، އެ ކުދިންގެ އާއިލާތަކާ ވަކިވާންޖެހުނުއިރު ދިމާވި ހާދިސާތަކާއި، އެ ކުދިންނަށް ދިމާވެފައިވާ އެހެނިހެން ހާދިސާތަކުގެ ސަބަބުން އެ ކުދިންނާމެދު އާއިލީ މާހައުލުގައްޔާއި މުޖުތަމައުގައި ގެންގުޅެފާނެ ތަފާތުކުރުންތަކެއް ހުރިތޯ ބަލައި، އެ ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ އާއިލާއެކު އެ ކުއްޖާ ދިރިއުޅޭނެ މުޖުތަމައުގައި ކުޑަކުދިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދޭ ފަރާތްތަކާއެކު ވާހަކަދައްކައި، އެ ކުދިންނާމެދު ގެންގުޅެފާނެ ތަފާތުކުރުމުގެ ވިސްނުންތައް ބަދަލުކޮށް، އެ އެންމެހައި ފަރާތްތަކުން އެ ކުދިން، އެ ކުދިންގެ ގޮތުގައި ބަލައިގަތުމަށް ބާރުއެޅުން؛
  2. މީގެ ކުރިން އާއިލާގެ ފަރާތުން ކުއްޖާއާމެދު އިހުމާލު ވެފައިވާ ނަމަ، ނުވަތަ އަނިޔާވެރި ވެފައިވާ ނަމަ، ނުވަތަ އާއިލާގެ ތެރެއިން ކުއްޖާއަށް ގޯނާއެއް ލިބިފައިވާ ނަމަ، އެކަމުގެ ސަބަބުން ކުއްޖާއަށާއި އާއިލާގެ މީހުންގެ މެދުގައި އޮންނަ ގުޅުމަށް ކޮށްފައިވާ އަސަރު ދެނެގަތުމާއި، ޕޮޒިޓިވް ޕޭރަންޓިންގ އާލާކުރެވޭނެ ގޮތްތައް ދެނެގަނެ، އެފަދަ ހުނަރުތައް ދަސްކޮށްދިނުން؛
  3. ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތުގެ ނަފުސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުން؛
  4. އާއިލާއާ ހަވާލުކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަ، އެ ކުއްޖަކާ މުއާމަލާތު ކުރެވޭނެ ގޮތް އެ ކުއްޖާ ބެލެހެއްޓުން ހަވާލުކުރެވޭ ފަރާތަށާއި އެ ކުއްޖާޔާ އެކުގައި ދިރިއުޅޭނެ ފަރާތްތަކަށް ދަސްކޮށްދިނުން؛
  5. އާއިލާއާ ހަވާލުކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަ، އެ ކުއްޖަކަށް ބޭނުންވާ ހިދުމަތްތަކާއި ފަސޭހަތައް އެ ކުއްޖާ ދިރިއުޅެން ހަމަޖެހިފައިވާ ރަށުން ލިބޭކަން ކަށަވަރުކުރުމާއި، އެފަދަ ހިދުމަތްތަކަށާއި ފަސޭހަތަކަށް އެންމެ ފަސޭހައިން ވާސިލުވެވެންހުރި ގޮތް ހޯދައި، އެ ކަންކަން، އެ ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތަށް ބަޔާންކޮށްދިނުން؛
  6. ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމުން ކުއްޖާގެ ތައުލީމަށް އަންނާނެ ބަދަލުތައް ރާވައި ޕްލޭންކުރުން. މިގޮތުން ކުއްޖާ ތައުލީމު ހާސިލު ކުރަމުންދާ ސްކޫލް ބަދަލުވާނަމަ، އެ އިރަކު އެ ކުއްޖާގެ ހުރި ތައުލީމީ ފެންވަރާބެހޭ އެސެސްމަންޓެއް ހެދުމާއި، ތައުލީމާބެހޭ ވުޒާރާ މެދުވެރިކޮށް ކުއްޖާގެ ސްކޫލް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، ކުއްޖާ ބަދަލުވާ ސްކޫލުގެ ޓީޗަރުންނަށް އެ ކުއްޖާއަށް ބޭނުންވާ ނަފުސާނީ އެހީތެރިކަމާއި އިޖުތިމާއީ އެހީތެރިކަމަކީ ކޮބައިކަން އެނގޭކަން ކަށަވަރުކުރުން؛
  7. ކުއްޖާ ބެލެހެއްޓުމަށް ޓަކައި ކުއްޖާ ހަވާލުކުރެވޭ ފަރާތަށް ދައުލަތުގެ ފަރާތުން މާލީގޮތުން އެހީތެރިކަން ބޭނުންވާނަމަ، ނުވަތަ ކުއްޖާ ބެލެހެއްޓުމަށް ޓަކައި އެހެން އެހީތެރިކަމެއް ވެސް ބޭނުންވާނަމަ، އެ ކަންކަމަކީ ކޮބައިކަން ދެނެގަތުން؛
  8. ކުއްޖާ ހަވާލުކުރުމުން އާއިލާއެކު އެ ކުއްޖާ ދިރިއުޅޭނެ މުޖުތަމައުގައި (މިސާލަކަށް ރަށު ފެންވަރުގައި) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގގެ ޒިންމާ ހަވާލުކުރާނެ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ދޭންޖެހޭ މައުލޫމާތުދިނުން.

 

30 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ތިންވަނަ މަރުހަލާ

ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ތިންވަނަ މަރުހަލާގައި ހިމެނެނީ، އަންނަނިވި ކަންކަން ކުރުމެވެ.

(ހ) އާއިލާއާ ކުއްޖާ ހަވާލުކުރުމަށް ކުއްޖާގެ އާއިލާއާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގެ ކަންކަން ހަމަޖެއްސުން.

(ށ) ކުއްޖާއާއެކު ގުޅުން ބަދަހިކުރުން.

(ނ) ކުއްޖާގެ އާއިލާއާ ހަވާލުކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން.

(ރ) ކުއްޖާގެ އާއިލާއާ ކުއްޖާ ހަވާލުކުރުން.

 

31 ވަނަ މާއްދާ - ކުއްޖާގެ އާއިލާއާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމުގެ އެއްބަސްވުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އާއިލާއާ ހަވާލުކުރުމުގެ ގޮތުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރަންވާނީ، ކުއްޖާގެ އާއިލާއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާ ދެމެދު، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

(ށ) ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ތިންވަނަ މަރުހަލާ ފަށާ ހިސާބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކުލަވައިލައި، އެ އެއްބަސްވުން، ކޮމިޓީން ފާސްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާއެވެ.

  1. ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
  2. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާތައް؛
  3. ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާ އަދާކުރުމަށް ޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން ދެވޭނެ އެހީތެރިކަން؛
  4. ކުއްޖާގެ ރައްކައުތެރިކަމަށާއި ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް ރިއާޔަތްކޮށް، ވަކި ހާއްސަ ށަރުތުތަކެއް، ކުއްޖާއާ ހަވާލުވާ ފަރާތުގެ މައްޗަށް އިލްތިޒާމްކުރާނަމަ، އެ ށަރުތުތައް؛
  5. ކުއްޖާއާ ހަވާލުވުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރކުރުމުގެ ފިޔަވަޅުތަކަށް، ކުއްޖާއާ ހަވާލުވާ ފަރާތުން އެއްބާރުލުން ދޭންވާނެކަމާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ފަރާތުން އަޅާނެ މޮނިޓަރިންގގެ ފިޔަވަޅުތަކުގެ ތަފުސީލު؛
  6. މައްސަލައެއް ދިމާވެއްޖެނަމަ، އެ މައްސަލައެއް ހައްލުކުރާނެ ގޮތް؛
  7. ކުއްޖާއާ ހަވާލުވާ ފަރާތުން ކުއްޖާއާމެދު އިހުމާލުވާ ހާލަތެއްގައި، ކުއްޖާ ރައްކައުތެރި ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ކުއްޖާއާ ހަވާލުވާ ފަރާތާމެދު އަޅާނެ ފިޔަވަޅުތައް.

(ރ) ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަންނަނިވި ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކަށަވަރު ކުރަން ވާނެއެވެ.

  1. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވެ، ފަހުމުވެފައިވާކަން؛
  2. އެއްބަސްވުމުގެ ދަށުން އެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކާއި، އެ އިލްތިޒާމްތައް އަދާނުކޮށްފިނަމަ، ކުރިމަތިވާނޭ ނަތީޖާތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވެ، ފަހުމުވެފައިވާކަން؛
  3. ކުއްޖާގެ ހައްގުތަކާއި، ކުއްޖާއަށް އަދާކޮށްދޭންޖެހޭ ވާޖިބުތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ދެނެގަނެވި ފަހުމުވެފައިވާކަން.

 

32 ވަނަ މާއްދާ - ކުއްޖާއާއެކު ގުޅުން ބަދަހިކުރުން

(ހ) ކުއްޖާގެ އާއިލާގެ ފަރާތުން ކުއްޖާއާއެކު ގުޅުން ބަދަހިކޮށް، އެ ކުއްޖާއާއެކު ގުޅުމެއް އުފެއްދުމަށް ޓަކައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.

(ށ) ކުއްޖާގެ އާއިލާއަށް ކުއްޖާއާއެކު ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމުގައި، މައްސަލަ ބަލާ އިޖުތިމާއީ ހިދުމަތްތެރިޔާ، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަން ވާނެއެވެ.

  1. ކުއްޖާއާ މުއާމަލާތުކޮށް ގުޅުން އުފެއްދުމުގައި ކުއްޖާގެ ބޭނުންތަކަށާއި، ކުއްޖާ އެ ގުޅުން ކުރިޔަށްގެންދަން ބޭނުންވާ ހަލުއި މިން؛
  2. ކުއްޖާއާ މުއާމަލާތު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގައި، އެންމެ ފުރަތަމަ، ފޯނު، ނުވަތަ ސިޓީ، ނުވަތަ އީ-މެއިލް، ނުވަތަ ވީޑިއޯ މެސެޖު ފަދަ ރިމޯޓު ވަސީލަތްތައް މެދުވެރިކޮށް ކުއްޖާއާ މުއާމަލާތު ކުރުމުގެ ފުރުސަތު ހޯދައިދިނުން؛
  3. ކުއްޖާއާ ބައްދަލުކޮށްގެން މުއާމަލާތު ކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުމުގައި، އެންމެ ފުރަތަމަ، ކުއްޖާ ދިރިއުޅޭ އޯލްޓަނޭޓިވް ކެއަރގައި ކުއްޖާއާއެކު ބޭއްވޭ ކުރު އަދި ސުޕަވައިޒް ކުރެވޭ ބައްދަލުވުންތަކެއް މެދުވެރިކޮށް ބައްދަލުކުރެވޭނޭ ގޮތް ހަމަޖައްސައިދިނުން؛
  4. ކުއްޖާއަށް އާއިލީ މާހައުލު ރައްކައުތެރިނަމަ، ކުއްޖާއާއެކު އެ މާހައުލުގައި، ސުޕަވިޜަނާއެކު، ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުން؛
  5. މި އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައްދަލުވުންތަކުގެ އަލީގައި، ސުޕަވިޜަނާ ނުލައި އާއިލާ ދިރިއުޅޭ ގޭގައި ކުއްޖާއާއެކު ބައްދަލުވުންތައް ބޭއްވުމަށް ކުއްޖާއާއި އާއިލާ ތައްޔާރުކަމަށް އިޖުތިމާއީ ހިދުމަތްތެރިޔާއަށް ގަބޫލު ކުރެވޭ ނަމަ، އެ ފަދަ ބައްދަލުވުމަކަށް ފުރުސަތު ދިނުން.

(ނ) ކުއްޖާގެ އާއިލާއިން ކުއްޖާއާ މުއާމަލާތުކުރާ ކޮންމެ ފަހަރެއްގައި ދެކެވޭ ވާހަކަތަކާއި، ކުއްޖާއާ މުއާމަލާތުކުރަން ބޭނުންކުރި ގޮތާއި، އެކަން ހިނގައިދިޔަ ތާރީހާއި ގަޑި އެނގޭނޭ ގޮތަށް، އިޖުތިމާއީ ހިދުމަތްތެރިޔާ، އެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

 

33 ވަނަ މާއްދާ - އާއިލާއާ ކުއްޖާ ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) ކުއްޖާގެ އާއިލާއާ ކުއްޖާ ހަވާލުކުރުމުގެ ކުރިން، އަންނަނިވި ކަންކަން ފުރިހަމަކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

  1. މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޖާއަށް އާއިލާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  2. މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޖާއަށް އިޖުތިމާއީ ހިދުމަތްތެރިޔާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  3. މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތީން އާއިލާއަށް ކުއްޖާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  4. މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތީން އާއިލާއަށް އިޖުތިމާއީ ހިދުމަތްތެރިޔާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  5. ކުއްޖާގެ ފުރިހަމަ މެޑިކަލް ޗެކްއަޕެއް ހެދުން؛
  6. އޯލްޓަނޭޓިވް ކެއަރ ދޫކޮށްދާއިރު، ކުއްޖާ ބޭނުންވާ ގޮތަކަށް އެ ކަމުގެ އިންތިޒާމް ހަމަޖައްސައިދެވޭތޯ ބެލުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ، ބައިނަލްއަގްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ، ބައިނަލްއަގްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީންނެވެ.

 

34 ވަނަ މާއްދާ - އާއިލާއާ ކުއްޖާ ހަވާލުކުރުން

(ހ) ކުއްޖާގެ އާއިލާއާ ކުއްޖާ ހަވާލުކުރާނެ ތާރީހު ކަނޑައަޅަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭން ތައްޔާރުކުރާ މަރުހަލާގައެވެ. އަދި އެއްވެސް ސަބަބަކާހުރެ މި ތާރީހަށް ބަދަލެއް ގެންނަންޖެހޭކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ފާހަގަކުރެވިއްޖެ ނަމަ، އެކަން ކުރަންވާނީ ކުއްޖާގެ އާއިލާގެ ބަހެއް ހޯދުމަށްފަހު، ކޮމިޓީގެ ލަފާގެ މަތީންނެވެ.

(ށ) ކުއްޖާގެ އާއިލާއާ ކުއްޖާ ހަވާލުކުރަންވާނީ، އެ ކަމަށް ޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކަމާބެހޭ އިސްވެރިއެއްގެ ހުއްދަ ލިބުމަށްފަހުގައެވެ.

(ނ) އޯލްޓަނޭޓިވް ކެއަރ ދޫކޮށް، ކުއްޖާގެ އާއިލާގެ ގާތަށް ކުއްޖާ ގެންދަންވާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކަމާބެހޭ އިޖުތިމާއީ ހިދުމަތްތެރިޔާއެވެ.

(ރ) ކުއްޖާގެ އާއިލާއާ ކުއްޖާ ހަވާލުކުރާއިރު، ކުއްޖާއާބެހޭ މުހިންމު ލިޔެކިޔުންތައް ވެސް، އިޖުތިމާއީ ހިދުމަތްތެރިޔާ ހަވާލުކުރަންވާނެއެވެ.

(ބ) ކުއްޖާގެ އާއިލާއާ ކުއްޖާ ހަވާލުކުރާއިރު، މި ގަވާއިދުގެ ދަށުން އެކުލަވައިލާ މޮނިޓަރިންގ ޕްލޭން، ކުއްޖާއަށާއި އެ ކުއްޖާގެ އާއިލާއަށް ކިޔައިދީ، އެ ޕްލޭން ފަހުމުވެއްޖެކަން ކަށަވަރު ކުރަން ވާނެއެވެ.

(ޅ) ކުއްޖާގެ އާއިލާއާ ކުއްޖާ ހަވާލުކޮށްފައި، އިޖުތިމާއީ ހިދުމަތްތެރިޔާ އެ މާހައުލުން އެ ކުއްޖާއާ ވަކިވުމުގެ ކުރިން، ކުއްޖާގެ ރައްކައުތެރިކަމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސަޕޯޓު ޕްލޭން ކުއްޖާގެ ހަނދާނުގައި ހުރިތޯ ކަށަވަރުކޮށް، އެ ޕްލޭން، ކުއްޖާއަށް އަލުން ކިޔައިދޭންވާނެއެވެ.

(ކ) ކުއްޖާގެ އާއިލާއާ ކުއްޖާ ހަވާލުކޮށް، ރަށެއްގައި ނަމަ، އެ ރަށުގައި ކުއްޖާއަށް ބޭނުންވާ އަސާސީ ހިދުމަތްދޭ ފަރާތްތައް ތައްޔާރުވެފައިވާ މިންވަރު ބަލައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ޕްލޭނުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާ އިޖުތިމާއީ ހިދުމަތްތެރިޔާ ތައާރަފުވެ، އެ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އެ ފަރާތްތަކަށް އޮޅުންފިލުވައިދޭން ވާނެއެވެ.

 

35 ވަނަ މާއްދާ - ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ހަތަރުވަނަ މަރުހަލާ

(ހ) ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ ހަތަރުވަނަ މަރުހަލާގައި ހިމެނެނީ، މޮނިޓަރކުރުމާއި، ކުއްޖާއަށާއި އާއިލާއަށް ދޭންޖެހޭ އިތުރު އެހީތެރިކަން ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

(ށ) އަންނަނިވި ކަންކަން ހިމެނޭ ގޮތުން މޮނިޓަރިންގ ޕްލޭނެއް، އިޖުތިމާއީ ހިދުމަތްތެރިޔާ ތައްޔާރުކޮށް، ކޮމިޓީއަށް އެ ޕްލޭން ހުށަހަޅައި، އެ ކޮމިޓީން އެ ޕްލޭން ފާސްކުރަންވާނެއެވެ.

  1. ކުއްޖާގެ ހާލަތު މޮނިޓަރ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް؛
  2. ކުއްޖާގެ ހާލަތު، ރަށު ފެންވަރުގައި މޮނިޓަރ ކުރަމުންދާނެ ފަރާތްތައް؛
  3. ކުއްޖާގެ ހާލަތު މޮނިޓަރ ކުރަމުން ގެންދާނެ މުއްދަތު؛
  4. ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ފެންވަރުގައި ވިލަރެސްކުރާނެ ފަރާތް ނުވަތަ ފަރާތްތައް.

(ނ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީން މޮނިޓަރިންގ ޕްލޭން ފާސްކުރުމުން، މޮނިޓަރިންގ ޕްލޭން ތަންފީޒު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

 

36 ވަނަ މާއްދާ - މޮނިޓަރިންގ ފިޔަވަޅުތައް

(ހ) ތިރީގައި މިވަނީ ކުއްޖާގެ ހާލަތު މޮނިޓަރކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެވެ.

  1. އިޖުތިމާއީ ހިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުއްޖާއަށް ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛
  2. އިޖުތިމާއީ ހިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުއްޖާގެ އާއިލާއަށް ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛
  3. އިޖުތިމާއީ ހިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތަކުން ކުއްޖާގެ ގެއަށް ހޯމް ވިޒިޓްކުރުން؛
  4. އިޖުތިމާއީ ހިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތަކުން ކުއްޖާއަށް ކިޔަވައިދޭ ޓީޗަރު ނުވަތަ ސްކޫލުގެ ފަރާތުން ގަވާއިދުން ކުއްޖާއާބެހޭ މައުލޫމާތު ހޯދުން؛
  5. ކުއްޖާގެ އާއިލާގެ ހާލަތާބެހޭ މައުލޫމާތު، އިޖުތިމާއީ ހިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ހޯދުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ފިޔަވަޅަކީ، އާއިލާއާ ހަވާލުކުރެވޭ ކޮންމެ ކުއްޖަކާ ގުޅިގެން، އަންނަނިވި ގޮތުގެ މަތީން އަޅަމުން ގެންދަންވާނެ ފިޔަވަޅެކެވެ.

  1. ކުއްޖާ އެ ކުއްޖާގެ އާއިލާއާ އަލުން ހަވާލުކުރެވޭ ފުރަތަމަ 4 (ހަތަރެއް) ހަފުތާގެ ތެރޭގައި، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ހޯމް ވިޒިޓްކުރުން؛
  2. އެއަށްފަހު، ވިދިގެން އަންނަ 12 (ބާރަ) ހަފުތާގެ މުއްދަތަށް، ކޮންމެ 2 (ދޭއް) ހަފުތާއިން 1 (އެކެއް) ހަފުތާއަކު ހޯމް ވިޒިޓްކުރުން؛
  3. އެއަށްފަހު، މޮނިޓަރިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން މަހަކު 1 (އެކެއް) ފަހަރު، ނުވަތަ މަހަކު 2 (ދޭއް) ފަހަރު ހޯމް ވިޒިޓްކުރުން.

(ނ) މި މާއްދާގެ ދަށުން އަޅަމުންދާ މޮނިޓަރިންގ ފިޔަވަޅުތަކާބެހޭ މައުލޫމާތު، އިޖުތިމާއީ ހިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އަންގާ ގޮތެއްގެ މަތީން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށާއި ކަމާބެހޭ ފެމިލީ އެންޑް ޗައިލްޑް ސެންޓަރާ ގަވާއިދުން އެ މައުލޫމާތު ހިއްސާ ކުރަމުން ގެންދަންވާނެއެވެ.

 

37 ވަނަ މާއްދާ - މޮނިޓަރ ކުރަމުންދާ ގޮތުގެ މައުލޫމާތު، ކޮމިޓީއަށް ހުށަހެޅުން

(ހ) މޮނިޓަރިންގ ޕްލޭނުގެ ދަށުން ހޯދާ މައުލޫމާތު، އެންމެ މަދުވެގެން ވެސް ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހު، ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިޓީއާ ހިއްސާކުރާ މައުލޫމާތުގެ އަލީގައި މޮނިޓަރިންގ ޕްލޭނަށް އިސްލާހެއް ގެންނަން ޖެހޭނަމަ، ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، ކުއްޖާއާ އެންމެ ގާތުން މޮނިޓަރިންގ ޕްލޭން ތަންފީޒުކުރަމުންދާ ފަރާތުގެ ކިބައިން ހޯދަންޖެހޭ މައުލޫމާތު ހޯދުމަށްފަހު، އެ ޕްލޭނަށް ބަދަލު ގެނައުމުގެ އިހްތިޔާރު، ކޮމިޓީއަށް ލިބިގެންވެއެވެ.

(ނ) ކުއްޖާ އާއިލާއާ ހަވާލުކުރުމަށްފަހު، 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާނަމަ، މި މައްސަލަ ނިންމައިފައި މައްސަލަ ފައިލްކުރަންވާނެއެވެ. އަދި މައްސަލަ ނިންމައިލިކަމުގެ ލިޔުމެއް، އާއިލާއާ ހަވާލުކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - ކުއްޖާއާއި އާއިލާއާ ދެމެދު ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) ކުއްޖާއާއި އެ ކުއްޖާގެ އާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވަމުންދާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ފާހަގަވެއްޖެނަމަ، އެކަން ހައްލުކުރަން ފުރަތަމަ މަސައްކަތްކުރަންވާނީ މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮންޓިންޖެންސީ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަސައްކަތް ކުރުމަށް ފަހުގައި ވެސް، ކުއްޖާއާއި އާއިލާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުނުވެ، އިތުރަށް ހީނަރުވަމުންދާކަމަށް ފާހަގަކުރެވޭނަމަ، އެކަން ކޮމިޓީގެ ސަމާލުކަމަށް ގެނެސް، އެކަމާ ގުޅޭގޮތުން ދެން އަޅަންޖެހޭ ފިޔަވަޅުތައް ނިންމާނީ ކޮމިޓީންނެވެ.

(ނ) ކުއްޖާއާއި އާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެންދިޔުމުގެ ސަބަބުން ކުއްޖާ އާއިލާއާ ހަވާލުކުރި މަގުސަދު ގެއްލިފައިވާކަމަށް ކޮމިޓީއަށް ފެނިގެން، ކުއްޖާގެ އާއިލާއާ ކުއްޖާ ވަކިކުރަން ކޮމިޓީން ނިންމާ ހާލަތުގައި، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާމެދު އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

 

ފަސްވަނަ ބާބު

އެހެނިހެން މާއްދާތައް

 

39 ވަނަ މާއްދާ - ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތުގެ ޒިންމާ

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، އެ ކުއްޖާ ބެލެހެއްޓުމަށް އެ ކުއްޖާގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭ ހާލަތުގައި، އެ ފަރާތުގެ ނުވަތަ އެ ފަރާތްތަކުގެ މައްޗަށް، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ހިނގާނެއެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، އެ ކުއްޖާ ބެލެހެއްޓުމަށް އެ ކުއްޖާގެ މައިންބަފައިން ފިޔަވައި، އާއިލާގެ އެހެން ފަރާތަކާ ހަވާލުކުރެވޭ ހާލަތުގައި، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ހިނގާނެއެވެ.

(ނ) ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ އެއްވެސް ފަރާތަކުން، ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް މެދުވެރިވުން ހުއްޓުވުމުގައި އިހުމާލުވެއްޖެކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ފެނިއްޖެނަމަ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކޮށްފި ފަރާތަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ޓަކައި، އެ މައްސަލައެއް، ކަމާބެހޭ އިދާރާއަކަށް ފޮނުވޭނެއެވެ.

 

40 ވަނަ މާއްދާ - ކުއްޖާ ބެލެހެއްޓުމަށް މާލީ އެހީތެރިކަން ދިނުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމަށް މާލީ އެހީތެރިކަން ބޭނުންވާކަމަށް، މި ގަވާއިދުގެ ދަށުން ހަދާ އެސެސްމަންޓުތަކުން އެނގެން އޮންނަ ނަމަ، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުއްޖާ ބެލެހެއްޓުމާ ހަވާލުވާ ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

 

41 ވަނަ މާއްދާ - ކޮމިޓީގެ ނިންމުން މުރާޖައާކުރުން

މި ގަވާއިދުގެ ދަށުން ކޮމިޓީން ނިންމާ ނިންމުމަކާ ގުޅޭގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ށަކުވާ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ލިބިއްޖެނަމަ، އަދި އެފަދަ ށަކުވާއެއްގެ އަލީގައި ކޮމިޓީގެ ނިންމުން މުރާޖައާކުރަން ޖެހޭކަމަށް ފެނިއްޖެނަމަ، ކޮމިޓީގެ އެ ނިންމުމެއް މުރާޖައާ ކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

42 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖާ ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ.

(ށ) "ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ ދަށުން ސައްހަ ކާވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކާވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިއާނު ކޮށްފައި ނުވާ ފިރިހެނާއަށެވެ.

(ނ) "ކޯޓު" ކަމަށް ބުނެފައި އެ ވަނީ، ފެމިލީ ކޯޓަށާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ.

(ރ) "އާއިލާއާއި އާއިލީ ގުޅުމެއް އޮންނަ ފަރާތްތައް" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމަޔަށް، ނުވަތަ ބައްޕަޔަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޒާނަތު ހައްގުވާ ފަރާތްތަކަށެވެ.

(ބ) "އިހުމާލުވުން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ އެ ކުއްޖާ އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފުސާނީ ގެއްލުމެއް ކުރިމަތިކުރުވާ ފަދަ އެންމެހައި އަމަލުތައް ނުވަތަ އެ ފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ އަމަލުތަކަށެވެ.

(ޅ) "މައިންބަފައިން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖާގެ މަންމަޔާއި ބައްޕައަށެވެ.

(ކ) "ޗައިލްޑް އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދައުލަތުގެ ބެލުމުގެ ދަށުން އަލުން އާއިލާއާ ހަވާލުކުރެވޭ ކުއްޖާގެ ވަނަވަރާއި ހާލަތު ބަޔާންކޮށްފައި ހެދޭ އެސެސްމަންޓަށެވެ.

(އ) "ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމިޓީއަށެވެ.

(ވ) "ކޮންޓިންޖެންސީ ޕްލޭން" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާގެ އާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނަށެވެ.

 

43 ވަނަ މާއްދާ - އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމުގައި އަމަލުކުރާނީ މި ގަވާއިދަށެވެ.

 

44 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-103)

 

މައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު