-

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 79/2020)

މި ގަވާއިދުން ވަނީ ގަވާއިދު 34/2016 އުވާލެވިފައި

1 ވަނަ މާއްދާ – ތައާރަފު

މިއީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 150 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލެވިފައިވާ، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދެވެ

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ޖަލުގައި ބަންދުކުރެވޭ މީހުންނަށް ދޭންޖެހޭ އެންމެހައި އަސާސީ ހިދުމަތްތަކާއި އިނާޔަތްތައް ކަނޑައެޅުމާއި، އެ ހިދުމަތްތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް އަންގައިދިނުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ގައިދީންނާއި ބަންދުކޮށްފައި ތިބޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް

ޖަލަށް ގެންނަ ކޮންމެ ގައިދީއަކަށާއި، ބަންދުކޮށްފައި ހުންނަ ކޮންމެ މީހަކަށް، އެ މީހާ ޖަލަށް ގެންނަ ދުވަހުން ފެށިގެން، ތިރީގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޭންވާނެއެވެ.

(ހ) ނަމާދުކޮށް، ގުރުއާން ކިޔަވައި، ރޯދަ ހިފުމުގެ އިންތިޒާމު؛

(ށ) ކެއުމާއި ބުއިމުގެ އިންތިޒާމު؛

(ނ) ފެންވަރައި ގައިން ތާހިރުވުމުގެ އިންތިޒާމާއި، ފާހާނާ ކުރުމުގެ އިންތިޒާމާއި، ބޯކޮށުމާއި، ފިރިހެނުންގެ ތެރެއިން ތުނބުޅި ބާލަން ބޭނުންވާ މީހަކަށް އެކަން ކުރުމުގެ އިންތިޒާމު؛

(ރ) ނިދާނެ ތަނަކާއި، ނިދަން ބޭނުންވާނެ ތަކެތީގެ އިންތިޒާމު؛

(ބ) ބޭސްފަރުވާ ކުރުމުގެ އިންތިޒާމު؛

(ޅ) ކަސްރަތުކޮށް އުޅުމުގެ އިންތިޒާމު؛

(ކ) މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ އެހީތެރިކަން ލިބިގަތުމުގެ އިންތިޒާމު؛

(އ) ޔުނީފޯމާއި އެހެނިހެން އަންނައުނު ދޮވުމާއި، އަންނައުނު ބަދަލުކުރުމުގެ އިންތިޒާމު؛

(ވ) އާއިލާއާ މުއާމަލާތުކޮށް، ބައްދަލުކުރުމުގެ އިންތިޒާމު؛

(މ) ވަކީލުންނާ ބައްދަލުވުމުގެ އިންތިޒާމު؛

(ފ) ސިޓީ ލިޔާނެ ތަކެއްޗާއި، ކިޔާނެ ފޮތް ލިބުމުގެ އިންތިޒާމު؛

(ދ) ގައިދީން ބައިތިއްބާ ތަންތަންނާއި މަސައްކަތްކުރާ ތަންތަނުގައި، އެ މީހުން ނިދުމަށް ކަނޑައަޅައިފައިވާ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި، އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލި ވަންނަ ގޮތަށް ހުންނަންވާނެއެވެ. އަދި ޒަމަނީ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް ވެންޓިލޭށަންގެ ނިޒާމު ގާއިމުކޮށް، ވައި ދައުރުވާ ގޮތަށް ހުންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ނަމާދުކޮށް، ގުރުއާން ކިޔަވައި، ރޯދަ ހިފުމުގެ އިންތިޒާމު

(ހ) ޖަލުގައި ހުންނަ ކޮންމެ މުސްލިމަކަށް، ނަމާދުކޮށް، ގުރުއާން ކިޔަވައި، ރޯދަ ހިފައި، ދީނީގޮތުން އަދާކުރަންޖެހޭ އެހެނިހެން އަޅުކަން އަދާކުރުމުގެ ފުރުސަތު ދީ، އެ ކަމަށް މަގު ފަހިކޮށްދޭން ވާނެއެވެ.

(ށ) ޖަލުގައި ހުންނަ ޣައިރު މުސްލިމަކު، އިސްލާމް ދީނަށް ވަންނަން ބޭނުންވެއްޖެނަމަ، އެ މީހަކަށް އިސްލާމް ދީނަށް ވަނުމުގެ މަގު ފަހިކޮށްދޭން ވާނެއެވެ.

(ނ) ޖަލުގައި ހުންނަ ޣައިރު މުސްލިމަކު، ޖަލު ސަރަހައްދުގައި ފާޅުކަން ބޮޑު ގޮތެއްގައި އާންމުވާގޮތަށް އަޅުކަންކުރުމާއި، އެ މީހުންގެ ދީނީ ށިއާރު ފާޅުކުރުމާއި، އެފަދަ ދީނީ އެއްވެސް ހަރަކާތެއް އާންމުވާގޮތަށް ހިންގުމާއި، އެ މީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

 

8 ވަނަ މާއްދާ - ކެއިންބުއިމުގެ އިންތިޒާމު

(ހ) ޖަލުގައި ހުންނަ ކޮންމެ މީހަކަށްވެސް، ތިރީގައި މިވާ 4 (ހަތަރެއް) އިރުގެ ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

  1. ހެނދުނު ސައި؛
  2. މެންދުރު ކެއުން؛
  3. ހަވީރު ސައި؛
  4. ރޭގަނޑު ކެއުން.

(ށ) ޖަލުގައި ހުންނަ ކޮންމެ މީހަކަށް ވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުތަކުގައި ޖަލުގެ ކަންތައްތައް ބަލަހައްޓާ އޮފީހުން ކެއިންބުއިމުގެ ހިދުމަތް ދޭންވާނެއެވެ.

(ނ) ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ ކޮންމެ ގޮޅިއެއްގައި ވެސް ސާފު ބޯފެން ލިބެން ހުންނަންވާނެއެވެ. އަދި މިގޮތުން ފޯރުވައިދޭ ފެނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ މިންގަނޑަކަށް ހުންނަ ފެނަށް ވާންވާނެއެވެ.

(ރ) ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހުގައި ރޯދަހިފަން ބޭނުންވާ ގައިދީންނަށާއި ބަންދުކޮށްފައި ތިބޭ މީހުންނަށް، ޖަލުން ކަނޑައަޅާ ޖަލު އަމުރާ އެއްގޮތްވާ ގޮތުގެ މަތިން ރޯދަހިފުމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

(ބ) ޖަލުގައި ތިބޭ މީހުންނަށް ދޭ ކާބޯތަކެއްޗަކީ ސިއްހީގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ތަކެއްޗަށް ވާންޖެހޭނެއެވެ.

(ޅ) ޖަލުގައި ހުރި ވަކި މީހަކީ ސިއްހީ މައްސަލައެއް ހުރެގެން ވަކި ބާވަތެއްގެ ކާއެއްޗެއް ދޭންޖެހޭކަމަށް ޑޮކްޓަރަކު ލަފާދީފައިވާ މީހެއް ނަމަ، ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އެކަން ހަމަޖައްސައިދޭން ވާނެއެވެ.

 

9 ވަނަ މާއްދާ - ފެންވަރައި ގައިން ތާހިރުވުމާއި، ފާހާނާ ކުރުމުގެ އިންތިޒާމު

(ހ) ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށާއި ބަންދުކޮށްފައި ތިބޭ މީހުންނަށް ފާހާނާ ކުރެވޭނެ އިންތިޒާމާއި، ފެންވަރައި ގައިން ތާހިރުވެވޭނެ ގޮތް ހަމަޖައްސައިދޭން ވާނެއެވެ.

(ށ) ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން، ގައިދީން ނުވަތަ ބަންދުކޮށްފައި ތިބޭ މީހުން ސާފުތާހިރުވުމަށް ބޭނުންކުރާނެ އަސާސީ ތަކެއްޗާއި، އުޅޭ ތަން ސާފުތާހިރު ކުރުމަށް ބޭނުންވާނެ، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި އެ މީހުންނަށް ފޯރުވައިދޭން ވާނެއެވެ.

  1. ދަތް އުނގުޅާ ބުރުސް؛
  2. ދަތް އުނގުޅާ ބޭސް؛
  3. ސައިބޯނި؛
  4. ދޮންނަ ކުނޑި؛
  5. ކުނިކަހާ ފިހިގަނޑު؛
  6. ތުނބުޅި ބޭލުމަށް ބޭނުންކުރާނެ ރޭޒަރު؛
  7. ފާހާނާ ސާފުކުރުމަށް ބޭނުންވާނެ ސާމާނު.

 

10 ވަނަ މާއްދާ - ނިދުމުގެ އިންތިޒާމު

ޖަލުގައި ހުންނަ ކޮންމެ މީހަކަށް ވެސް ނިދުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ތިރީގައި މިވާ ތަކެތި ފޯރުވައިދޭންވާނެއެވެ.

(ހ) ގޮދަޑި ނުވަތަ ކުނާ؛

(ށ) ބެޑްށީޓް؛

(ނ) ބާލީސް؛

(ރ) ބާލީހު އުރަ.

 

11 ވަނަ މާއްދާ - ބޭސްފަރުވާ ކުރުމުގެ އިންތިޒާމު

ޖަލުގައި ހުންނަ ކޮންމެ މީހަކަށް ވެސް، އެ މީހަކު ބަލިވެއްޖެ ނަމަ، ގަވާއިދު ނަންބަރު 2015/R-223 (ގައިދީންނާއި ބަންދުމީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިއްހީ ފަރުވާ ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - މަސައްކަތްކޮށް އުޅުމުގެ އިންތިޒާމު

ގައިދީން ޖަލުގައި މަސައްކަތްކޮށް އުޅުމަށްޓަކައި، ތިރީގައިވާ ކަންކަމަށް ރިއާޔަތްކޮށް، ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަޝްވަރާގެ މަތިން، ޖަލު އަމުރެއް، ޑައިރެކްޓަރ އޮފް ޕްރިޒަން އެކުލަވައިލައި، އެ އަމުރު ހިންގަންވާނެއެވެ.

(ހ) ޖަލުގައި ގައިދީންނަށް ކުރުމަށް ހަވާލުކުރާ މަސައްކަތަކީ އަނިޔާކުރުމުގެ ނުވަތަ ހާނީއްކަ ކުރުމުގެ ނިޔަތުގައި ހަވާލުކުރާ މަސައްކަތަކަށް ވެގެން ނުވާނެއެވެ.

(ށ) އެ މީހެއްގެ ޖިސްމާނީ ދުޅަހެޔޮކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބެލުމަށްފަހު، މެޑިކަލް އޮފިސަރު ކަނޑައަޅާ ގޮތަކަށް ރިއާޔަތް ކުރުމާއެކު، ކޮންމެ ގައިދީއަކަށް ވެސް، ފުރުސަތު އޮތް މިންވަރަކުން، ޖަލުގައި ވަޒީފާ އަދާކުރަން ހިތްވަރު ދޭންވާނެއެވެ.

(ނ) ޖަލުގައި ލިބެންހުރި ވަޒީފާއަށް ވުރެ ބަންދުގައި ތިބި މީހުންގެ އަދަދު އިތުރު ނަމަ، ފުރުސަތު ދިނުމުގައި، އަހްލާގީ މިންގަނޑަށް ބަލައި، އަހްލާގު ރަނގަޅު މީހުންނަށް އިސްކަން ދޭންވާނެއެވެ.

(ރ) ގައިދީން ލައްވައި މަސައްކަތް ކުރުވަންވާނީ، ޖަލު އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.

(ބ) ގައިދީންގެ މަސައްކަތުގެ ވަގުތު ހަމަޖެހިފައި އޮންނަންވާނީ މަދުވެގެން ހަފުތާއަކު 1 (އެކެއް) ދުވަހު އަރާމުކުރަން ލިބޭގޮތަށެވެ.

(ޅ) ވަޒީފާގެ ފުރުސަތު ދޭއިރު، ކޮންމެ ގައިދީއަކަށް ވެސް، ވަޒީފާ ހޯދުމާއި، ވަޒީފާގައި ކުރިޔަށް ދިއުމަށް ހަމަހަމަ ފުރުސަތުތަކެއް އޮންނަންވާނެއެވެ.

(ކ) ކޮންމެ ގައިދީއަކަށް ވެސް ވަޒީފާ ދޭންވާނީ، ކަނޑައެޅޭ ވަކި މުއްދަތަކަށެވެ.

(އ) ވަޒީފާގައި އުޅޭ ކޮންމެ ގައިދީއަކަށް ވެސް، މި ސަރވިސްއިން ކަނޑައަޅާ ވަޒީފާގެ އޮނިގަނޑާ އެއްގޮތަށް އުޖޫރަ ދޭންވާނެއެވެ. މި އުޖޫރަ ދޭންވާނީ
އެ ގައިދީއަކު މަސައްކަތު ނުކުންނަ ދުވަހަކަށެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އޮނިގަނޑާ އެއްގޮތަށް ގައިދީންނަށް ވަޒީފާ ހަމަޖައްސައިދީ، ވަޒީފާގެ ކުރިއެރުން ދޭނީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރަކުންނެވެ.

(މ) ވަޒީފާގައި އުޅޭ ކޮންމެ ގައިދީއަކު ވެސް، ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ދުވަސްތަކާއި ގަޑިތަކުގައި، ޖަލު އަމުރާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރަންވާނެއެވެ.

(ފ) ވަޒީފާގައި އުޅޭ ކޮންމެ ގައިދީއަކު ވެސް މަސައްކަތުގައި އުޅޭއިރު، އެ މަސައްކަތަކާ ގުޅޭގޮތުން އަޅަންޖެހޭ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަޔަށް އަޅައިފައި ހުންނަން ޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ކަސްރަތުކޮށް އުޅުމުގެ އިންތިޒާމު

ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައި އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު އަދި މޫސުން ތަންދޭ ނަމަ، ގައިދީންނާއި ބަންދުކޮށްފައި ތިބޭ މީހުން ކަސްރަތު ކުރުމަށް ޓަކައި، ދުވާލަކު 1 (އެކެއް) ގަޑިއިރަށް، އެ މީހަކު ބަންދު ކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެއެވެ.

 

14 ވަނަ މާއްދާ - މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ އެހީތެރިކަން ލިބިގަތުމުގެ އިންތިޒާމު

(ހ) ޖަލުގައި ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން، ކޮންމެ ގައިދީއަކަށް ވެސް ހަމަޖައްސައިދޭންވާނެއެވެ.

(ށ) ޕެރޯލަށް ށަރުތު ހަމަވާ ކޮންމެ ގައިދީއަކަށް ޕެރޯލުގެ ގަވާއިދާ އެއްގޮތަށް ޕެރޯލަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަޖައްސައިދޭން ވާނެއެވެ.

 

15 ވަނަ މާއްދާ - ޔުނީފޯމާއި އެހެނިހެން އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމު

ގައިދީން ނުވަތަ ބަންދުކޮށްފައި ތިބޭ މީހުންނަށް ދޭ ޔުނީފޯމާއި އެ މީހުން ބޭނުންކުރުމަށް ހުއްދަދޭ އެ މީހުންގެ އަމިއްލަ އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމު، ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ހަމަޖައްސައިދޭން ވާނެއެވެ.

 

16 ވަނަ މާއްދާ - އާއިލާޔާ މުއާމަލާތުކޮށް ބައްދަލުކުރުމުގެ އިންތިޒާމު

(ހ) ޖަލުގައި ތިބޭ މީހުންނަށް، އެ މީހުންގެ އާއިލާތަކާ އޮންނަ ގުޅުން ދެމެހެއްޓުމަށް ޓަކައި އެ މީހުންގެ އާއިލާއާ މުއާމަލާތުކޮށް ބައްދަލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން، ތިރީގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް ފޯރުވައިދޭން ވާނެއެވެ.

  1. އާއިލީ ބައްދަލުވުން؛
  2. އާއިލާއަށް ފޯނުކުރުން.
  3. ޖަލުގައި ހުރި ނުވަތަ ޖަލުން ބޭރުގައި ހުރި ގައިދީގެ ނުވަތަ ބަންދުކޮށްފައި ހުރި މީހާގެ އަނބިމީހާޔާ ނުވަތަ ފިރިމީހާޔާ އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު، ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ދޭންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް ނުވަތަ ހިދުމަތްތަކުން ބައެއް، ތިރީގައިވާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރި ވެއްޖެ ނަމަ، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ލަފާގެ މަތިން ހިފެހެއްޓުމުގެ ބާރު، ކޮމިށަނަރ އޮފް ޕްރިޒަންސަށް ލިބިގެންވެއެވެ. އަދި މި ހާލަތްތަކުގައި އަސާސީ ހިދުމަތެއް ހިފެހެއްޓޭނީ ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަކަށެވެ. އަސާސީ ހިދުމަތްތައް ނުވަތަ ހިދުމަތްތަކުން ބައެއް ހިފަހައްޓައިފިނަމަ، ހިދުމަތް ހިފެހެއްޓިފައިވާ ސަބަބާއި ހިފެހެއްޓިފައިވާ މުއްދަތު ބަޔާންކޮށް، އެ އާއިލާގެ މެންބަރަކަށް ނުވަތަ މެންބަރުންނަށް ލިޔުމުން އަންގަންވާނެއެވެ.

  1. ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި؛
  2. ލިބޭ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން؛
  3. ޖަލުގައި އެއީ ކުށެއްކަމަށް ބަލާ ކަމެއް ކުރުން.

(ރ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގެ ފުރުސަތު ގައިދީއެއްގެ ނުވަތަ ބަންދުކޮށްފައިވާ މީހެއްގެ އާއިލާގެ މެންބަރުންގެ ތެރެއިން ވަކި މެންބަރަކަށް ނުވަތަ މެންބަރުންތަކަކަށް ނުދީ ހިފެހެއްޓުމުގެ ބާރު، ކޮމިށަރ އޮފް ޕްރިޒަންސަށް ލިބިގެންވެއެވެ. އަދި މި އަސާސީ ހިދުމަތް ހިފަހައްޓައިފި ނަމަ، އެ ހިދުމަތް ހިފެހެއްޓިފައިވާ ސަބަބާއި ހިފެހެއްޓިފައިވާ މުއްދަތު ބަޔާންކޮށް، އެ މެންބަރަކަށް ނުވަތަ މެންބަރުންނަށް ލިޔުމުން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - އާއިލީ ބައްދަލުވުން

(ހ) އާއިލާއާ ބައްދަލުވުމަށް ދެވޭ ފުރުސަތަކީ، ޖަލުގައި ހުރި ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އާއިލާގެ މެންބަރުންނަށް ދެވޭ ފުރުސަތެކެވެ. މި ފުރުސަތު، ވީޑީޔޯ ކޯލު މެދުވެރިކޮށް ވެސް ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އާއިލީ މެންބަރުންނަށް ދެވިދާނެއެވެ.

(ށ) އާއިލީ ބައްދަލުވުމުގެ ފުރުސަތު ދެވޭނީ، ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އާއިލާގެ މެންބަރުންގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) އާއިލީ ބައްދަލުވުމުގެ ފުރުސަތު، ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ޖަލުގައި ބަންދުކުރާ ދުވަހުން ފެށިގެން ކޮންމެ މަހަކު މަދުވެގެން 1 (އެކެއް) ފަހަރު ހަމަޖައްސައިދޭންވާނެއެވެ.

(ރ) އާއިލީ ބައްދަލުވުން ހަމަޖައްސައިދެވޭނީ، ކޮންމެ ބައްދަލުވުމެއްގެ ދިގުމިން 2 (ދޭއް) ގަޑިއިރަށެވެ.

(ބ) ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އާއިލީ ބައްދަލުވުމަށް އަންނަ ފަރާތުން ނުވަތަ ފަރާތްތަކުން ޖަލަށް ޒިޔާރަތްކުރުމުގެ ދަތުރު ހަމަޖައްސަންވާނީ
އެ ފަރާތުން ނުވަތަ އެ ފަރާތްތަކުން އަމިއްލައަށެވެ.

(ޅ) މި ގަވާއިދުގެ މަގްސަދަށް ޓަކައި އާއިލާގެ ގޮތުގައި ބަލާނީ، ތިރީގައި ބަޔާން ކޮށްފައި މިވާ ގޮތަށެވެ.

  1. އަނބިމީހާއާއި ފިރިމީހާ؛
  2. މަންމައާއި، ބައްޕައާއި، މާމައާއި، ކާފަ؛
  3. މަންމަގެ ފިރިމީހާއާއި، ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
  4. މައިދައިތައާއި ބަފައިބެ؛
  5. ދަރިންނާއި، ދޮންދަރިންނާއި، ދަނބިދަރިންނާއި، ޅީދަރިންނާއި، ކާފަ ދަރިންނާއި މާމަ ދަރިން؛
  6. އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން؛
  7. ބޮޑުދައިތައިންނާއި ބޮޑުބޭބެއިން؛
  8. ޅިޔަނުންނާއި ފަހަރިން؛
  9. ށަރުއީ ބަލަދުވެރިޔާއާއި ބެލެނިވެރިޔާ؛
  10. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުއްދަދޭ ފަރާތެއް؛
  11. ބެލެނިވެރިކަމުގެ ދަށުގައި ތިބި 18 (އަށާރަ) އަހަރުން ދަށުގެ ކުދިން.

 

18 ވަނަ މާއްދާ - އެކަހެރި ބައްދަލުވުން

(ހ) މި ފުރުސަތަކީ ޖަލުގައި ހުރި ނުވަތަ ޖަލުން ބޭރުގައި ހުރި ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އަނބިމީހާއާ ނުވަތަ ފިރިމީހާއާ އެކަހެރިކޮށް ބައްދަލު ކުރުމަށް ދެވޭ ފުރުސަތެކެވެ.

(ށ) އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދޭންވާނީ، ހުކުމް ތަންފީޒުކުރަން ގައިދީ ޖަލަށް ގެންނަތާ 14 (ސާދަ) ދުވަސް ހޭދަކުރުމަށްފަހު، އޭނާގެ އަހުލާގީ މިންގަނޑަށް ބަލައިފައެވެ. އަދި ބަންދުކޮށްފައިވާ މީހެއް ނަމަ، އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދޭންވާނީ، ބަންދުކޮށްފައިވާ މީހާ ޖަލަށް ގެނައިތާ 1 (އެކެއް) މަސްދުވަސް ވުމަށްފަހު، އޭނާގެ އަހުލާގީ މިންގަނޑަށް ބެލުމަށްފަހުގައެވެ.

(ނ) އެކަހެރި ބައްދަލުވުން ދެވޭނީ، މަހަކު 1 (އެކެއް) ފަހަރު، ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ރ) ގައިދީއާ ނުވަތަ ބަންދުކޮށްފައިވާ މީހާއާ އެކަހެރި ބައްދަލުވުމަށް ޖަލުން ބޭރުން އަންނަ ފަރާތުން ޖަލަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ފަރާތުން އަމިއްލައަށެވެ.

 

19 ވަނަ މާއްދާ - ބައްދަލުވުމަށް އަންނަ ފަރާތްތައް ބަލައި ފާސްކުރުން

މި ގަވާއިދުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށް އަންނަ ފަރާތްތައް ބަލައި ފާސްކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) ބައްދަލުވުމަށް އަންނަ ފަރާތްތަކުގެ ހަށިގަނޑާއި އެ މީހުންގެ ތަކެތި ބަލައި ފާސްކުރުމަށް ޓަކައި ފުރަތަމަ ބަލާނީ، މެޓަލް ޑިޓެކްޓަރ ނުވަތަ ވޯކްތުރޫ ގޭޓް، ނުވަތަ އެކްސްރޭ މެށިން ފަދަ ޒަމާނީ އާލާތްތައް ބޭނުންކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަލައި ފާސްކުރުމަށްފަހު، ޖަލަށް ވެއްދުން މަނާ އެއްޗެއް އެ މީހެއްގެ އަތުގައި އޮތްކަމަށް ގާބޫލުކުރެވޭ ނަމަ، ޖަލު ސަރަހައްދަށް ވެއްދުމުގެ ކުރިން ޕެޓްޑައުން ސަރޗްކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބަލައި ފާސްކުރުމަށްފަހު، ޖަލަށް ވެއްދުން މަނާ އެއްޗެއް އެ މީހެއްގެ އަތުގައި އޮތްކަމަށް އެކަށީގެންވާ މިންވަރަށް ގަބޫލުކުރެވޭ ނަމަ، ސްޓްރިޕް ސަރޗް ކުރުމަށް ބޭނުންކަމަށް އެންގުމަށްފަހު، އިއުތިރާޒެއް ނެތް ނަމަ، ސްޓްރިޕް ސަރޗް ކުރެވިދާނެއެވެ. އަދި ސްޓްރިޕް ސަރޗް ކުރުމަށް އިއުތިރާޒު ކުރާ ނަމަ، ބައްދަލުވުން ކެންސަލު ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ސްޓްރިޕް ސަރޗް ކުރަންވާނީ، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ހުއްދަ ލިޔުމުން ހޯދައި، އެ ފަރާތުގެ އިޒުނަޔާއެކު ހަމައެކަނި އެ ކަމަށް ކަނޑައަޅައިފައިވާ ހާއްސަ އޮފިސަރުންނެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތީން، ބަލައި ފާސްކުރުމުގެ ތެރޭގައި، ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނިއްޖެ ނަމަ، ނުވަތަ އެ ފަދަ އެއްޗެއް ސިއްރުން ޖަލަށް ވެއްދުމަށް މަސައްކަތް ކޮށްފި ނަމަ، ބައްދަލުވުން ކެންސަލު ކުރެވޭނެއެވެ. އަދި އެ ފަރާތެއްގެ މައްސަލަ، ދައުލަތުގެ ކަމާ ބެހޭ އިދާރާއަށް ހުށަހަޅަން ވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެ މަތިން ބަލައި ފާސްކުރެވޭ ފަރާތަކީ އަންހެނަކު ނަމަ، އެ ފަރާތެއްގެ ހަށިގަނޑު ބަލައި ފާސްކުރާނީ އަންހެން އޮފިސަރެކެވެ. އަދި ބަލައި ފާސްކުރެވޭ ފަރާތަކީ ފިރިހެނަކު ނަމަ، އެ ފަރާތެއްގެ ހަށިގަނޑު ބަލައި ފާސްކުރާނީ ފިރިހެން އޮފިސަރެކެވެ.

(ކ) މި މާއްދާގައިވާ ގޮތުގެ މަތިން ބަލައި ފާސްކުރާނީ، ބަލައި ފާސްކުރާ މީހާގެ އިންސާނީ ކަރާމަތަށާއި އަބުރަށް ރައްކައުތެރިވެ، ފުރިހަމަ އިހްތިރާމާ އެކުއެވެ.

 

20 ވަނަ މާއްދާ - އާއިލާއަށް ފޯނު ކުރުން

(ހ) ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު ޖަލަށް ގެންނަތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ މީހަކު ބަންދުކޮށްފައި ހުރިކަން އާއިލާއަށް އެންގުމުގެ ގޮތުން 5 (ފަހެއް) މިނެޓުގެ ފޯނު ކޯލެއް ދޭންވާނެއެވެ.

(ށ) ޖަލުގައި ހުރި ކޮންމެ މީހަކަށްވެސް، ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އުސޫލަކުން، މަހަކު މަދުވެގެން 14 (ސާދަ) މިނެޓުގެ ފޯނު ކޯލެއް ދޭންވާނެއެވެ.

(ނ) ފޯނު ކޯލު ލިބޭނީ، ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އާއިލާއަށް ގުޅުމަށް ޖަލު އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރުތަކަށް އެކަންޏެވެ. އަދި އާއިލާއާ ގުޅުމަށް ޓަކައި ރަޖިސްޓަރީކުރާ ނަންބަރުތަކަކީ އެ ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އާއިލާގެ މެންބަރުންގެ ފޯނު ނަންބަރުތައްކަން ޔަގީކުރަންވާނެއެވެ. މިގޮތުން ކޮންމެ މީހަކަށް ވެސް ގިނަވެގެން 10 (ދިހައެއް) ފޯނު ނަންބަރު ރަޖިސްޓަރީ ކުރެވިދާނެއެވެ. މިގޮތުން ރަޖިސްޓަރީ ކޮށްފައިވާ ފޯނު ނަންބަރެއްގެ ވެރިފަރާތުން، ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ، އެ ފޯނު ނަންބަރަށް ގުޅުމަށް އިއުތިރާޒު ކުރާ ނަމަ، އެ ފޯނު ނަންބަރެއް ރަޖިސްޓަރީން އުނިކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ 10 (ދިހައެއް) ފޯނު ނަންބަރުގެ ތެރެއިން ފޯނު ނަންބަރެއް ނުވަތަ ނަންބަރުތަކެއް، ސެކިއުރިޓީ ސަބަބުތަކަށް ޓަކައި އުނިކުރުމުގެ އިހްތިޔާރު، ޑައިރެކްޓަރ އޮފް ޕްރިޒަނަށް ލިބިގެންވެއެވެ. މިގޮތުން އުނިކުރެވޭ ކޮންމެ ފޯނު ނަންބަރަކަށް، ބަދަލުގައި އެހެން ފޯނު ނަންބަރެއް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ބ) ގައިދީންގެ ނުވަތަ ބަންދުކޮށްފައިވާ މީހުންގެ ފޯނުކޯލުތައް އަޑުއެހުމާއި ރެކޯޑު ކުރުމުގެ އިހުތިޔާރު، ޑައިރެކްޓަރ އޮފް ޕްރިޒަނަށް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި ދެކެވޭ ވާހަކަތަކަކީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވަތަ ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާ ފަދަ ވާހަކަތަކެއް ނަމަ، ފޯނުކޯލުގެ ގުޅުން ކަނޑައިލުމުގެ އިހުތިޔާރު، ޑައިރެކްޓަރ އޮފް ޕްރިޒަނަށް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ބިދޭސީން ފޯނުން މުއާމަލާތު ކުރުން

(ހ) ގައިދީއަކީ ނުވަތަ ބަންދުކޮށްފައިވާ މީހާއަކީ ބިދޭސީއެއް ނަމަ، ޖަލަށް ގެންނަތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ، އޭނާ ނިސްބަތްވާ ގައުމުގެ ހައި ކޮމިށަނާ ނުވަތަ އެމްބަސީއާ މުއާމަލާތު ކުރުމަށް 5 (ފަހެއް) މިނެޓުގެ ފޯނު ކޯލެއް ދޭންވާނެއެވެ.

(ށ) ގައިދީއަކީ ނުވަތަ ބަންދުކޮށްފައިވާ މީހާއަކީ ބިދޭސީއެއް ނަމަ، އަދި އޭނާ ނިސްބަތްވާ ގައުމުގެ ހައި ކޮމިށަނެއް، ނުވަތަ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ދިވެހިރާއްޖޭގައި ގާއިމުކޮށްފައި ނެތް ނަމަ، ނުވަތަ އޭނާއަކީ ކޮން ގައުމެއްގެ މީހެއްކަން ކަނޑައެޅިގެން ނޭނގޭ ނަމަ، ނުވަތަ އޭނާއަކީ ރެފިއުޖީއެއް ނަމަ، ނުވަތަ ވަކި ގައުމަކަށް ނިސްބަތްނުވާ ފަރާތެއް ނަމަ، އެ ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހާގެ މަސްލަހަތު ހިމާޔަތްކޮށް ރައްކައުތެރި ކުރުމަށް ކަނޑައެޅިފައިވާ ގައުމެއްގެ ޑިޕްލޮމެޓިކް މަންދޫބަކާ ނުވަތަ އެ ފަދަ ފަރާތްތައް ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ދިވެހިރާއްޖޭގެ ޖަމްއިއްޔާއެއް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ތަމްސީލުކުރާ ފަރާތަކާ ފޯނުން މުއާމަލާތު ކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން ވާނެއެވެ.

(ނ) އާއިލާއަށް ގުޅުމަށް ޓަކައި، ބަންދުގައި ހުރި ބިދޭސީ ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާއަށް މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފޯނު ކޯލު ހަމަޖައްސައިދޭންވާނެއެވެ.

(ރ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ކަނޑައަޅާ ފޯނު ނަންބަރުތަކަކީ އެ ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާގެ އާއިލާއަށް ގުޅޭނެ ފޯނު ނަންބަރުތަކެއްކަން ޔަގީން ކުރުމަށް ޓަކައި ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ނިސްބަތްވާ ގައުމުގެ ހައި ކޮމިށަން، ނުވަތަ އެމްބަސީ، ނުވަތަ ކޮންސިއުލޭޓް، ނުވަތަ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒް މެދުވެރިކޮށް އެކަން ޔަގީން ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާއިލާއާ ގުޅޭ ފޯނު ނަންބަރުތައް ޔަގީން ކުރުމަށް ޓަކައި ހޭދަވާ މުއްދަތު 1 (އެކެއް) މަސްދުވަހަށް ވުރެ އިތުރުވެއްޖެ ނަމަ، ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ އެދޭ ނަންބަރަކަށް ފޯނު ކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން ވާނެއެވެ. އެގޮތުން ފޯނު ކޯލު ދިނުމަށް ހަމަޖައްސަން ޖެހިއްޖެ ނަމަ، އެކަން ކުރާނީ، ޑައިރެކްޓަރ އޮފް ޕްރިޒަން ލިޔުމުން އެކަން ކޮމިށަނަރ އޮފް ޕްރިޒަންސަށް ހުށަހެޅުމަށް ފަހު، ކޮމިށަނަރ އޮފް ޕްރިޒަންސް ލިޔުމުން ދޭ އިރުށާދާ އެއްގޮތަށެވެ.

 

22 ވަނަ މާއްދާ - ސިޓީ ލިޔާނެ ތަކެއްޗާއި، ކިޔާނެ ފޮތް ލިބެން ހުރުން

ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން، ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް، ގައިދީންނަށާއި ބަންދުކޮށްފައި ތިބޭ މީހުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން ވާނެއެވެ.

 

23 ވަނަ މާއްދާ - އަސާސީ ހިދުމަތެއް ހިފެހެއްޓުން ނުވަތަ ހަނިކުރުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ލަފާގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތަކުގެ ތެރެއިން، އެ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) އާއި، (ކ) އާއި، (އ) އާއި، (ފ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފިޔަވައި އެ ނޫން ހިދުމަތްތައް ނުވަތަ އެ ހިދުމަތްތަކުން ބައެއް، 1 (އެކެއް) މަސްދުވަހަށް ވުރެ އިތުރު ނުވާނެ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ. އަދި އެކަން ލިޔުމުން އެ ފަރާތަކަށް އަންގަންވާނެއެވެ.

(ހ) ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމާއި މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން؛

(ށ) ލިބޭ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން؛

(ނ) ކުށެއްގެ ގޮތުގައި ޖަލުގައި ބަލާ ކަމެއް ކުރުން.

 

24 ވަނަ މާއްދާ - ގައިދީންނަށް ދެވޭނެ އިނާޔަތްތައް

(ހ) ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުނުވާނޭ ގޮތުގެ މަތިން، ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަޝްވަރާޔާއެކު، ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އިނާޔަތްތަކެއް، ޖަލުގައި ތިބޭ ގައިދީންނަށް ދެވިދާނެއެވެ.

(ށ) ގައިދީންނަށް ދޭ އިނާޔަތްތައް އެކި ޖަލުތަކުގައި ނުވަތަ ސަލާމަތީ ގިންތީގެ އެކި ދަރަޖަތަކުގައި ތިބޭ ގައިދީންނަށް ތަފާތު ކުރެވިދާނެއެވެ. މިގޮތުން ކޮންމެ ޖަލެއްގައިވެސް އެ ޖަލެއްގައި ތިބޭ ގައިދީންނަށް ދެވޭނެ އިނާޔަތްތަކާއި
އެ އިނާޔަތްތައް ދެވޭނެ ގޮތުގެ ޖަލު އަމުރެއް ތައްޔާރުކުރަން ވާނެއެވެ. މިގޮތަށް ދެވޭ އިނާޔަތްތަކުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައި މިވާ އިނާޔަތްތައް ހިމަނަންވާނެއެވެ.

  1. ގައިދީން ބަންދުކޮށްފައި ތިބޭ ތަނުން ނުކުމެގެން އެހެން ގައިދީންނާއެކު ވަގުތު ހޭދަކުރެވޭ ގޮތަށް ހަމަޖެއްސުން.
  2. ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 92 ވަނަ މާއްދާގެ ދަށުން ބައްދަލުކުރުމުގެ ފުރުސަތު އިތުރުކުރުން.

 

25 ވަނަ މާއްދާ - އިނާޔަތް މެދުކަނޑައިލުން

(ހ) ގައިދީއަކު ޖަލުގެ ގަވާއިދާ ހިލާފުވެއްޖެ ނަމަ، އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މީހަކަށް ދީފައިވާ އިނާޔަތްތައް، ކަނޑައެޅޭ ވަކި މުއްދަތަކަށް އުނިކުރުމުގެ އިހުތިޔާރު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ލިބިގެން ވެއެވެ. މިގޮތުން އިނާޔަތް އުނިކުރުމާބެހޭ ޖަލު އަމުރެއް އާންމު ކުރަންވާނެއެވެ.

(ށ) އެއްވެސް ގައިދީއަކަށް ދީފައިވާ އިނާޔަތްތައް އުނިކުރަންވާނީ، އެ ގައިދީއަކު ކުރި ކުށެއް ތަހުގީގުކޮށްފައި، އެ ކަމާ ގުޅޭ ރިޕޯޓް ތައްޔާރު ކުރުމަށްފަހު، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިންނެވެ.

(ނ) އެއްވެސް ގައިދީއަކަށް ދީފައިވާ އިނާޔަތްތައް އުނިކުރާ ނަމަ، އެ ގައިދީއަކަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އެ ލިޔުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. އިނާޔަތްތައް އުނިކުރާ ސަބަބު؛
  2. އުނިކުރެވެނީ ކޮން އިނާޔަތްތަކެއްކަން؛
  3. އިނާޔަތްތައް އުނިކުރާ މުއްދަތާއި، އެ އިނާޔަތްތައް އަލުން ލިބޭނެ ތާރީހު.

 

26 ވަނަ މާއްދާ - ސްޕެށަލް ޕްރޮޓެކްށަން ދޭންޖެހޭ ކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް ދޭންޖެހޭ އިނާޔަތްތަކާއި ހިދުމަތްތައް

ސްޕެށަލް ޕްރޮޓެކްށަން ދޭންޖެހޭކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް ދޭންޖެހޭ އިނާޔަތްތަކާއި ހިދުމަތްތައް ދިނުމުގައި އަމަލުކުރާނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ލަފަޔާ އެއްގޮތަށެވެ.

 

27 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 34/2016 (ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު) އުވުނީއެވެ.

 

އުވާލެވުނު ގަވާއިދު

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބެންޖެހޭ އަސާސީ ހިދްމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 34/2016)

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު