ޔޮޓު ބަނދަރު ހަދައި ހިންގުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2017-92)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 ޑިސެމްބަރު 2017 ގައި)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-178 ގެ 22 ވަނަ މާއްދާގެ (ށ) އިން އުވާލެވިފައި)
ދިވެހިރާއްޖޭގައި ޔޮޓް ބަނދަރު ހަދައި ހިންގުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
ދިވެހިރާއްޖޭގައި ޔޮޓް ބަނދަރު ހަދައި ހިންގުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަށް އަންނަނިވި އިސްލާހު ގެނައުން.
ހުއްދަދިނުމުގެ ށަރުތު 3.
ގަވާއިދުގެ 3 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަދާ ޔޮޓް ބަނދަރު ހިންގަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކުރުމުން، އެ ތަނެއް ހިންގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ހޯދުމަށްފަހު، މި ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، (ރ)، (ބ)، (ޅ)، އަދި (ކ) ގެ ގޮތުގައި އަންނަނިވި އަކުރުތައް އިތުރުކުރުން.
(ރ) ފަތުރުވެރިކަމަށް ކުއްޔަށްދޫކޮށްފައިވާ ފަޅުތަކުގައި ހަދާ ޔޮޓް ބަނދަރުތައް ހުންނަންވާނީ އެންމެ ގިނަވެގެން 20 އުޅަނދު ބަނދަރުކުރެވޭ ގޮތަށެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޔޮޓް ބަނދަރު ބޭނުންކުރެވޭނީ ފަތުރުވެރިކަމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅު ހިއްކައިގެން ތަރައްގީކޮށް ހިންގާ ރިސޯޓެއްގެ ބޭނުމަށް އަންނަ އުޅަނދުފަހަރަށް އެކަންޏެވެ.
(ޅ) މި ގަވާއިދުގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ޔޮޓް ބަނދަރެއް ފިޔަވައި، އެއަށްވުރެ ގިނަ އުޅަނދު ބަނދަރުކުރެވޭ ފަދަ ބަނދަރެއް، ހުޅުމާލޭގެ ހޭޅިފަށުން ފެށިގެން 50 ނޯޓިކަލް މޭލުގެ ސަރަހައްދު ތެރޭގައި ތަރައްގީއެއް ނުކުރެވޭނެއެވެ.
(ކ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ހުޅުމާލޭގައި ޔޮޓް ބަނދަރެއް ތަރައްގީކޮށް ހިންގާނަމަ، އެ ޔޮޓް ބަނދަރެއް މި މާއްދާގެ (ރ)، (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް، އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން، ފެށިގެންނެވެ.
މައި ގަވާއިދު
ޔޮޓު ބަނދަރު ހަދައި ހިންގުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2005-05)
ކޮންސޮލިޑޭޓެޑް ގަވާއިދު
ޔޮޓު ބަނދަރު ހަދައި ހިންގުމާ ބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2025-05)
އުވި ގަވާއިދު
ޔޮޓު ބަނދަރު ހަދައި ހިންގުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-178)
ކިޔުންތެރިންގެ ހިޔާލު