ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 11/2011)
ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ މިނިސްޓްރީ އިން ދޫކުރާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ.
2 ވަނަ މާއްދާ – ބުނެވެދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގެގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކޮށް، އެމާއްދާގެ (ރ) އެއީ އެމާއްދާގެ (ބ) ކަމުގައި ހަމަޖައްސައި، އޭގެ ފަހަތުން އަންނަ އަކުރުތައް ތަރުތީބުކުރުން.
މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތަކީ، އެ އުޅަނދަށް މޯލްޑިވްސް ކަސްޓްމްސް ސަރވިސްއިން ޓޫރިސްޓް އުޅަނދަށް އިންވާޑް ކްލިއަރެންސް ދެއްވާ ދުވަހުން ފެށިގެން 7 ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ހުއްދަ ހޯދުމަށްޓަކައި 5،000 (ފަސްހާސް) ރުފިޔާގެ ފީއެއް މިނިސްޓްރީ އަށް ދައްކަންޖެހޭނެއެވެ.
3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގައި ވަކި މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، ގެނެވުނު އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
5 ވަނަ މާއްދާ – މި ގަވާއިދަށް މިގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު