ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 41/2012)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާ އާއި ހަވާލާދީ، މަސައްކަތްކުރާ ތަންތަނާއި އާންމު ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް ބަޔާންކުރުމަށްޓަކައި، އެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ދުންފަތުގެ އިސްތިއުމާލްކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހް
މި ގަވާއިދަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2013 ވަނަ ދުވަހުން ފެށިގެންނެވެ.
3 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން
މި ގަވާއިދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމެކެކވެ
4 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން
(ހ) މިގަވާއިދަށް އަމަލުކުރަން ފެށުމާއެކު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމެކެވެ.
- ގާނޫނުގެ 3 ވަނަ މާއްދާގެ (ނ)، (ބ)، (ޅ) އަދި (ކ) ގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާ ތަންތަން.
މީގެ ތެރޭގައި އެތަންތަނަށް މަގުމަތިން ވަދެ އަދި އެތަންތަނުން މަގުމައްޗަށް ނުކުންނަން ހުންނަ ދޮރުތަކާއި ދޮރާށިތަކާއި ގޭޓުތަކުގެ ކުރިމަތިވެސް ހިމެނެއެވެ. ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތަކުގެ ކުރިމަތި ކަމުގައި ބެލެވޭނީ، ދޮރު ހުރި ހިސާބުން ވަށައިގެން 10 ފޫޓްގެ ދުރު މިނަށެވެ. - ސަރުކާރުގެ އެންމެހައި އިދާރާތަކެއް ހިންގާ އިމާރާތެއް
މިތަންތަނުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި މުސްތަގިއްލު މުއައްސަސާތައް ހިންގާ އިމާރާތްތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނިތައް ހިންގާ އިމާރާތްތައް ހިމެނެއެވެ. - މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތަނެއްގައި ހާމަ ބިންތައް
- ރިހެބިލިޓޭށަން ސެންޓަރުތަކާއި އެތަނެއްގައި އޮންނަ ހާމަބިން
- ކުޑަކުދިންގެ ޕާކުތަކާއި، އެކުދިން އާންމުކޮށް މުނިފޫހިފިލުވުމަށް ގޮސްއުޅޭ ތަންތަން.
- ފެރީ އުޅަނދުތަކާއި ފެރީ ޓާމިނަލްތައް
- ފެރީ އުޅަނދު ކަމުގައި ނުބެލެވޭ އުޅަނދުފަހަރުގައި އާންމުކޮށް އެ އުޅަނދެއްގައި މަސައްކަތް ކުރާ މީހުން ފިޔަވައި އެހެން މީހުން ގޮވައިގެން ދަތުރުކުރެވޭ ހާލަތުގައި އެ އުޅަނދެއް.
- ދަތުރުފަތުރުކުރުމުގައި ފަސިންޖަނރުން އުފުލުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ ކޮންމެ އުޅަނދެއް.
- ސައި ހޮޓާ، ރެސްޓޯރަންޓް، ކެފޭ އަދި މި ނޫންވެސް ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އެއަރކޮންޑިށަން ކޮންފައިވާ ތަންތަން.
- އެއަރކޮންޑިށަން ކޮށްފައިނުވާ ހޮޓާ، ރެސްޓޯރަންޓް ކެފޭ އަދި މި ނޫންވެސް ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވައި އެހެނިހެން ތަންތަން.
- ތަކެތި ނުވަތަ ހިދުމަތް ލިބިގަތުމަށް އެތަނަކަށް އާންމުކޮށް މީހުން ވަންނަންޖެހޭ ނުވަތަ ކިއު ހަދައިގެން ނުވަތަ އެހެންގޮތަކަށް ވިއަސް މަޑުކޮށްގެން ތިބެންޖެހޭ ތަންތަން.
- އާންމުކޮށް ހުޅުވާލެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަން.
5 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަން ކަނޑައެޅުމާއި ހުއްދަ ދިނުމާއި ފީ ނެގުން.
(ހ) ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަނަށް މި ގަވާއިދުގެ ދަށުން ހާއްސަ ހުއްދައެއް މިނިސްޓްރީން ހޯދަންވާނެއެވެ.
(ށ) އެއަރކޮންޑިށަން ކޮށްފައިނުވާ ހޮޓާ، ރެސްޓޯރަންޓް، ކެފޭ އަދި މި ނޫންވެސް ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަން ކަނޑައެޅުމަށް ހުއްދަ ދޫކުރެވޭނީ ބޯޑުގެ މަށްވަރާގެ މަތިން މިނިސްޓްރީން ކަނޑައަޅާ ށަރުތުތައް ހަމަވާ ތަނަކަށެވެ. މި ށަރުތުތަކާއި ހުއްދައަށް އެދި ހުށަހަޅާ ފޯމު މި ގަވާއިދު ދިވެހި ސަރުކަރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 20 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމު ކުރަން ވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ދޫކުރެވޭ ހުއްދަ ދޫކުރެވޭނީ ބޯޑުގެ މަށްވަރާގެ މަތިން މިނިސްޓްރީން އެކަމަކަށް ކަނޑަޅާ ފީއެއް ނެގުމަށް ފަހުއެވެ. ހުއްދަ ދޫ ކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައވާ ތަފްސީލް މި ގަވާއިދުގެ ޖަދުވަލު 2 (ދޭއް) ގައި އެވަނީޢެވެ.
6 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލު ނުކުރެވޭކަން އެންގުން
(ހ) ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނާއި މި ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގައި އަދި މި ގަވާއިދުގެ ދަށުން ވަކި ހާލަތުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތާނގައި އެފަދަ ހާލަތްތަކުގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ލިޔުމެއް އާންމުންނަށް ފެންނާނެހެން ބަހައްޓަން ވާނެއެވެ. މިގޮތުން، މި ގަވާއިދު އާއްމު ކުރާއިރު ގަވާއިދާއި އެކު އާންމުކުރެވޭ (ޖަދުވަލު- 1 ގައި ތަފްސީލް ދީފައިވާ) މިފަދަ ލިޔުންތައް ބެހެއްޓުމުގެ ސުންގަނޑިއަކީ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހެވެ. ނަމަވެސް މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން އަލަށް ކަނޑައަޅާ އާންމުކުރާ ލިއުންތައް ބެހެއްޓުމުގެ ސުންގަނޑި އަކީ، އެ ލިޔުން އާންމުކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހެވެ.
(ށ) މި ގަވާއިދުގެ ދަށުން ބަހައްޓަން ޖެހޭ އެންމެހައި ލިޔުންތައް، މިނިސްޓްރީން އާންމުކުރާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް އާންމުކޮށް ބެހެއްޓުމަކީ، ތަކެއްޗާއި ހިދުމަތް ވިއްކާ ތަންތަން ނަމަ އެފަދަ ތަންތަން ހިންގާ ފަރާތުގެ، ނުވަތަ އާންމު ތަންތަން ނަމަ އެފަދަ ތަންތަން ބަލަހައްޓަން ހަމަޖެހިފައިވާ ރަސްމީ އިދާރާގެ، ނުވަތަ އާންމު އިވެންޓެއް އަދި އެހެނިހެން ހަރަކާތްތައް ހިންގާ މާހައުލެއް ނަމަ އެކަމެއް އިންތިޒާމް ކުރާ ފަރާތުގެ ޒިންމާއެކެވެ.
(ނ) މި ގަވާއިދުން ލާޒިމް ކުރާ ލިޔުން ހުންނަންވީ ގޮތުގެ ނަމޫނާ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑުން ކަނޑައަޅައި މިނިސްޓްރީން އެކަން އާންމުކޮށް އިއުލާން ކުރާނެއެވެ.
7 ވަނަ މާއްދާ - އެހެނިހެން ކަންކަން
(ހ) މި ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގައި ހަދާފައިވާ ސައިހޮޓާ ނުވަތަ ކެންޓީން ނުވަތަ ކެފޭ ފަދަ ތަނެއްގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރުމަކީ މަނާކަމެކެވެ.
(ށ) މި ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމަށް ކަނޑައަޅާ ތަންތަނުގެ ލިސްޓް މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށް އާންމުކޮށް ލިބެން ހުންނަން ވާނެއެވެ.
8 ވަނަ މާއްދާ - ވަގުތީ ގޮތުން މަނާވުން
(ހ) މި ގަވާއިދުގެ ދަށުން އާންމު ތަނެއް ކަމަށް ކަނޑައަޅާފައި ނުވާ ތަނެއް ނަމަވެސް، އެތަނެއްގައި ފާހަގަކުރާ އިވެންޓެއްގެ ސަބަބުން ނުވަތަ ކުރާ ކަމެއްގެ ސަބަބުން އެތަނެއް އެއީ ވަގުތީ ގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރާ ތަނެއް ކަމަށް ހަމަޖެއްސިދާނެއެވެ.
(ށ) މި މާއްދާގެ (ހ)ގައި ބުނެފައިވާ ފަދަ ތަނެއް ހަމަޖައްސާނަމަ، އެތަނެއްގައި އެކަން އަންގައިދޭ ލިޔުމެއް އެ އިވެންޓް ފެށުމުގެ 1 (އެކެއް) ދުވަސްކުރިން ފެށިގެން އެ އިވެންޓް ނިމުމާ ހަމައަށް ބަހައްޓަން ވާނެއެވެ.
9 ވަނަ މާއްދާ - ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި މި ގަވާއިދާ ހިލާފުވާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުން
(ހ) ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނާއި މި ގަވާއިދުގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނާކަމަށް ކަނޑައަޅާފައިވާ އާންމު ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްފިނަމަ، އެކަމެއް ކުރާ މީހަކު 500 (ފަސްސަތޭކަ) ރުފިޔާއިން ޖުރިމާނާކުރުން.
(ށ) މި ގަވާއިދުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާންމު ތަންތަން ފިޔަވައި އެހެނިހެން ތަންތަނުގައި، ދުންފަތުގެ އިސްތިއުމާލު ކުރަމުންދާނަމަ އެތަނެއްގެ ވެރިފަރާތް 1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
(ނ) ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި އެކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާނަމަ، ފުރަތަމަ ފަހަރު އެ ތަނެއްގެ ވެރިފަރާތް 500 (ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ ފަރާތްތައް ޖޫރިމަނާ ކުރެވޭއިރު، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދައިން ޖޫރިމަނާ ފައިސާ ދެއްކުމަށް ޗިޓެއް ހަވާލުކުރުން.
(ބ) ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި މި ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ތަންފީޒުކުރުމާބެހޭ ވިލަރެސް ކުރުމުގެ ކަންކަން ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރަމުން ގެންދާނީ ކަމާ ބެހޭ ގާނޫނީ ބާރު ލިބިފައިވާ ދައުލަތުގެ މުއައްސަސާތަކުންނެވެ.
10 ވަނަ މާއްދާ - މާނަކުރުން
"ފެރީ އުޅަނދު" ކަމަށް ބުނެފައި އެވަނީ މީހުން އެއްތަނުން އަނެއްތަނަށް ކަނޑުމަގުން އުފުލުމަށް ބޭނުންކުރާ އެކި ވައްތަރުގެ އުޅަނދަށެވެ.
"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ ސިއްހަތާގުޅޭ ކަންކަން ހިންގުމަށް ސަރުކާރުން ކަނޑައަޅާ ވުޒާރާއަށެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރ 15/2010 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު) އަށެވެ.
"އާންމު ތަންތަން ކަމަށް ބުނެފައި އެވަނީ އެތަނެއްގައި މީހުން ހިނގާ ބިނގާވާ ނުވަތަ އެއްވެސް ހުރަހެއް ނެތި އެތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބޭ ތަންތަނާއި، ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި އެފަދަ ގޮތަކަށް ބޭނުންކުރެވޭ އުޅަނދުފަހަރު ފަދަ ތަކެއްޗަށާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ތަންތަނަށެވެ.
"މަސައްކަތްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ ފުރާޅާކުން ނުވަތަ މި ނޫންވެސް އެފަދަ ވަސީލަތެއް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ނުވަތަ ފާރަކުން ނުވަތަ ފާރުތަކަކުން ނުވަތަ ބިތްގަނޑަކުން ނުވަތަ ބިތްގަނޑުތަކަކުން ނުވަތަ މިފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ވިޔަސް ބަންދުކުރެވިފައިވާ ނުވަތަ ނިވާކުރެވިފައިވާ ތަންތަނުގެ ތެރެއިން އުޖޫރައެއް ލިބޭ ގޮތަށް ނުވަތަ ހިލޭ ސާބަހަށް ހިދުމަތްކުރުމުގެ ގޮތުން މީހަކު މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ކޮންމެ ތަނެކެވެ. މިގޮތުން އާންމުކޮށް މަސައްކަތްކުރާ ތަނުގެ އިތުރުން އެތަނަކާ ގުޅިފައި ހުންނަ، އަދި މަސައްކަތް ކުރާ މީހުން، މަސައްކަތުގެ ވަގުތުގައި ބޭނުންކުރާ ލިފްޓް، ކޮރިޑޯއާއި، ސިޑިއާއި، ލޮބީއާއި، ފާހާނާއާއި، ލައުންޖާއި، ކެފެޓީރިއާއާއި، ކެންޓީނާއި، ސައިކޮޓަރި ފަދަ ތަންތަން މި މާނައިގައި ހިމެނެއެވެ. ވިޔަފާރީގެ ބޭނުމުގައި ނުވަތަ އާންމު ހިދުމަތެއް ދިނުމުގައި ބޭނުންކުރާނަމަ، ދިރިއުޅުމަށް ބޭނުންކުރާ ތަންތަން، މަސައްކަތްކުރާ ތަންތަނުގެ ތެރޭގައި ނުހިމެނެއެވެ.
"ބޯޑު ކަމަށް ބުނެފައި އެވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑަށެވެ.
--------------
ޖަދުވަލު 1
(މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ "ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ލިޔުން މި ގަވާއިދުގެ ޕީޑީއެފް ފައިލްގައި ހިމެނިފައިވާނެއެވެ)
--------------
ޖަދުވަލު 2
(މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނޭ "ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަނަށް ދޫކުރެވޭ ހުއްދައަށް ކަނޑައެޅިފައިވާ ފީގެ ތަފުސީލު" މި ގަވާއިދުގެ ޕީޑީއެފް ފައިލްގައި ހިމެނިފައިވާނެއެވެ)
މައި ގާނޫނު
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 15/2010)
ކިޔުންތެރިންގެ ހިޔާލު