ށަރީއާ އެޑްވަރިޒުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2013-54)
1 ވަނަ މާއްދާ - ތައާރުފު
މި ގަވާއިދަކީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާ އަދި 60 ވަނަ މައްދާގެ ދަށުން ކެޕިޓަލް މާހެތޤ ޑިވެލޮޕްމެންޓް އޮތޯރިޓީންއަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މުސަދަކީ، ށަރީއާ އެޑްވައިޒަރުން ރަޖިސްޓަރީކުރުމާއި އެކަމާއި ބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ސަރީއާ އެޑްވައިޒަރެއްގެ ހިދުމަތް ދެވޭނެ ދާއިރާގެ ތެރޭގައި ސުކޫކު ސްޓްރަކްޗަރކުރުމާއި އިސްލާމިކް ކެޕިޓަލް މާކެޓްގެ ޕްރޮޑަކްޓްތަކަށް ބޭނުންވާ ލަފާ ދިނުންވެސް ހިމެނެއެވެ.
3 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަތައް
މި ގަވާއިދުގައި އެހެން ގޮތަކަށް މާނަކުރެވިފައި ނުވާހައި ހިނދަކު މި ގަވާއިދުގެ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައިމިވާ ގޮތަށެވެ.
"ހުއްދަ ކޮށްފައިވާ ލިސްޓް" ކަމަށް ބުނެފައިއެވަނީ، މި ގަވާއިދުގައިވާ ށަރުތުތައް ހަމަވާ، އަދި ށަރީއާ އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އޮތޯރިޓީއިން ހުއްދަ ދީފައިވާ ފަރާތްތަކުގެ ލިސްޓެވެ.
"ށަރީއާ އެޑްވައިޒަރ" ކަމަށް ބުނެފައިއެވަނީ، މި ގަވާއިދުގެ ދަށުން އޮތޯރިޓީން ހުއްދަދީފައިވާ ފަރާތަކަށެވެ.
"އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު ) ގެދަށުން ގާއިމުކޮށްފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓިއަށެވެ.
"ކޯޕަރޭޓް ޕްރޮޕޯޒަލް" ކަމަށް ބުނެފައިއެވަނީ، ސެކިއުރިޓީޒް ދޫކުރުމަށްޓަކައި ނުވަތަ ވިއްކުމަށްޓަކައި، ނުވަތަ ސެކިއުރިޓީޒް ގަތުމަށް ދައުވަތުދިނުމަށްޓަކައި އޮތޯރިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެކެވެ. (މީގެ ތެރޭގައި އިންފޮމޭށަން މެމޮރެންޑަމްއާއި އޮތޯރިޓީއަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ހިމެނޭނެއެވެ.)
4 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ށަރުތުހަމަވާ ފަރާތްތައް
ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ބޭނުންވާ ފަރާތްތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ށަރީއާ އެޑްވައިޒަރަކަށް ވުމަށް ހުށަހަޅާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކުން ށަރީއާގެ ރޮނގުން ޑިގްރީއެއް، ހާއްސަކޮށް، ފިގްހުލް މުއާމަލާތު ނުވަތަ އުސޫލުލް ފިގްހް ނުވަތަ ށަރީއާ އެންޑް ލޯ ގެ ރޮނގުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވުން؛ އަދި
(ށ) އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އެންމެ މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތަރުޖިބާ ލިބިފައިވާ ފަރާތަކަށްވުން؛ އަދި
(ނ) އޮތޯރިޓީން ކުރިއަށް ގެންދާ، މިކަމާގުޅޭ އިމްތިހާނަކުން ފާސްވެފައިވާ ފަރާތަކަށްވުން ނުވަތަ ރާއްޖެއިން ބޭރުގެ ސެކިއުރިޓީޒް ކޮމިށަނެއްގައި ނުވަތަ ކެޕިޓަލް މާރކެޓް ރެގިއުލޭޓްކުރާ ފަރާތެއްގައި ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއްކަމުގައިވުން، އަދި
(ރ) އޮތޯރިޓީއިން ކަނޑައަޅާފައިވާ 'ފިޓް އެންޑް ޕްރޮޕަރ' ށަރުތުތައް ފުރިހަމަވާ ފަރާތަކަށްވުން.
5 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީ އައުކުރުމާއި ފީތައް
(ހ) ހުއްދަކޮށްފައިވާ ލިސްޓުގައި ރަޖިސްޓަރީވުމަށް އެދިހުށަހަޅާނީ، މި ގަވާއިދުގެ ގަދުވަލުގައިވާ ފޯމުން މިއޮތޯރިޓީއަށެވެ.
(ށ) މި ގަވާއިދާ އެއްގޮތަށް އެޕްލިކޭށަން ހުށަހެޅުމުން، އެފަރާތަކީ ށަރުތުހަމަވާ ފަރާތެއްކަމުގައި އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިޔުމެއް އޮތޯރިޓީއިން އެ ފަރާތަށް ދޫކުރުމާއެކު އެފަރާތުގެ ނަން ހުއްދަކޮށްފައިވާ ލިސްޓުގައި ހިމަނާނެއެވެ.
(ނ) ހުއްދަކޮށްފައިވާ ލިސްޓު ބަލަހައްޓާނީ އޮތޯރިޓީއިންނެވެ. އަދި އެ ލިސްޓަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ވަގުތުން އޮތޯރިޓީގެ ވެބްސައިޓުގައި ހާމަކުރަންވާނެއެވެ.
(ރ) ށަރީއާ އެޑްވައިޒަރުން ކޮންމެ 2 (ދޭއް) އަހަރަކުން މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމުން ރަޖިސްޓްރޭށަން އައުކުރުމަށް އެދެންވާނެއެވެ.
(ބ) އަހަރީ ފީ އެއްގެ ގޮތުގައި 1200 (ބާރަ ސަތޭކަ) ރުފިޔާ ކޮންމެ އަހަރަކުވެއް އޮތޯރިޓީއަށް ދައްކަންވާނެއެވެ. (ފުރަތަމަ އަހަރު ފީ ދައްކާނީ ޕްރޯ-ރާޓާ ކޮންނެވެ).
(ޅ) ށަރީއާ އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީއިން ބާއްވާ، މިކަމަށްޓަކައި ހާއްސަ އިމްތިހާނުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 250 (ދުއިސްތަ ފަންސާސް) ރުފިޔާ އޮތޯރިޓީއަށް ދައްކަންވާނެއެވެ.
6 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ދެމިހުންނަހާ ހިނދަކު އަދާކުރަންޖެހޭ ޒިންމާ
(ހ) ހުއްދަ ދީފައިވާ ށަރީއާ އެޑްވައިޒަރުން ހުރިހާ ވަގުތެއްގައިވެސް ކްލައެންޓުން ހާމަކޮށްފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ދަމަހައްޓަންވާނެއެވެ.
(ށ) ހުއްދަ ދީފައިވާ ށަރީއާ އެޑްވައިޒު އެފަރާތުގެ މަސައްކަތާއި ހަވާލިވުމުގައި އަދި އެމަސައްކަތް ކުރިއަށް ގެނަދިއުމުގައި އެއްވެސް ކަހަލަ މަސްލަހަތު ތައާރަޒުވުމެއް ނެތްކަމަށް ޔަގީންކުރަންވާނެއެވެ.
(ނ) ކްލައެންޓެއްގެ މަސައްކަތާ ހަވާލުވުމަށްފަހު، ށަރީއާ އެޑްވައިޒަރ އެކަން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.
(ރ) ކޯޕަރޭޓް ޕްރޮޕޯސަލްތައް އޮތޯރިޓީއިން ދިރާސާކުރުމުގައި، ހުއްދަ ދީފައިވާ ށަރީއާ އެޑްވައިޒަރު އޮތޯރިޓީއަށް އެއްބާރުލުން ދޭންވާނެއެވެ.
7 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރުން ރިވިއުކުރުން
ހުއްދަދީފައިވާ ށަރީއާ އެޑްވައިޒަރު މި ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރުމަށްޓަކައި އޮތޯރިޓީއިން އެފަރާތް ރިވިއުކުރެވިދާނެއެވެ.
8 ވަނަ މާއްދާ - ހުއްދަކޮށްފައިވާ ލިސްޓުން އުނިކުރުން
(ހ) ހުއްދަ ދީފައިވާ ށަރީއާ އެޑްވައިޒަރެއްގެ ހައިސިއްޔަތުން އަބަދުވެސް ފުރިހަމަވާންޖެހޭ ށަރުތުތަކާއި ކަންކަން ފުރިހަމަކޮށް ނުދެމެހެއްޓޭނަމަ، އެފަރާތް ހުއްދަކޮށްފައިވާ ލިސްޓުން އުނިކުރެވިދާނެއެވެ.
(ށ) އެ ށަރީއާ އެޑްވައިޒަރަކީ ހުއްދަ ކޮށްފައިވާ ލިސްޓުގައި ހިމަނާފައި އޮތުމަށް އެކަށީގެންނުވާ ފަރާތެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ހުއްދަކޮށްފައިވާ ލިސްޓުން އެފަރާރް އުނިކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް އުނިކުރަންވާނީ، ށަރީއާ އެޑްވައިޒަރަށް އޮތޯރިޓީއަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހު، ލިޔުމަކުން ސަބަބު އެންގުމަށްފަހުގައެވެ.
9 ވަނަ މާއްދާ - ޑައިރެކްށަން ދިނުމަށް އޮތޯރިޓީއަށް ލިބިދީފައިވާ ބާރު
އޮޓޯރިޓީއަށް އެއީ ބޭނުންތެރިކަމެއްގެ ގޮތުގައި ނުވަތަ އާންމުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ނުވަތަ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފެނިއްޖެ ހިނދެއްގައި ށަރީއާ އެޑްވައިޒަރަށް ލިޔުމުން އަންގައި ޑައިރެކްށަން ދެވިދާނެއެވެ.
10 ވަނަ މާއްދާ - މި ގަވާއިދަށް ބަދަލު ގެނައުމުގެ ބާރު
މި ގަވާއިދަށް ގެނައުމަށް އެކަށީގެންވާ އިސްލާހުތައް ގެނައުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މި ގަވާއިދަށް ގެނެވޭ އިސްލާހުތަކަށް އަމަލުކުރަންފަށާނީ އެ އިސްލާހުތައް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
11 ވަނަ މާއްދާ - އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
---------------
ޖަދުވަލު
ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީކުރާ/ރަޖިސްޓަރީ އައުކުރާ އެޕްލިކޭށަން ފޯމު
(ހ) ހުށަހަޅާ ފަރާތުގެ މައުލޫމާތު-
- ފުރިހަމަ ނަން:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު:
- ދާއިމީ އެޑްރެސް:
- މިހާރު ދިރިއުޅޭ އެޑްރެސް:
- ގުޅޭނެ ނަންބަރު (ނުވަތަ ނަންބަރުތައް):
- އީމެއިލް:
- ލިބިފައިވާ ތައުލީމާއި ތަރުޖިބާ:
- އަދާކޮށްފައިވާ ވަޒީފާތަކާބެހޭ މައުލޫމާތު:
(ށ) އިގުރާރު
އަޅުގަނޑު......................................، (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ......................) މި އެޕްލިކޭށަންއާއެކު ހުށަހަޅާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ މިންވަރު ތެދު އަދި ހަގީގަތާ އެއްގޮތް މައުލޫމާތުކަމަށާއި އަދު ށަރީއާ އެޑްވައިޒަރުންނާބެހޭ ގަވާއިދަށް އަމަލުކުރާނެކަމަށް އިގުރާރުވަމެވެ.
އަޅުގަނޑު މި އެޕްލިކޭށަން މިހުށަހަޅަނީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ކިޔައި އަދި، އޮތޯރިޓީއަށް ހުށަހަޅާ އެޕްލިކޭށަނެއްގައި، ގަސްތިގައި ނުވްތް އެނގިހުރެ ހަގީގަތާ ހިލާފު، ނުވަތަ ހގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ދިނުމާއި އުނިކުރުމަކީ ކުށެއްކަން އެނގިހުރެއެވެ.
ނަން:
ސޮއި:
ތާރީހު:
މި އެޕްލިކޭށަނާއެކު އަންނަނިވި ލިޔުންތައް ހުށަހެޅުމަށް އެދެމެވެ:
- ވަނަވަރު
- ޕާސްޕޯޓް ސައިޒުގެ 2 (ދޭއް) ފޮޓޯ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް/ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް
- ތައުލީމީ ސެޓްފިކެޓްތަކުގެ އަދި ލިބިފައިވާ ޓްރެއިނިންގތަކުގެ ސެޓްފިކެޓްތަކުގެ އެކްރިޑިޓް/އެޓެސްޓްކޮށްފައިވާ ކޮޕީތައް
- ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ބަލާ ފޯމު (ފޯމު އޮތޯރިޓީއިން ލިބެން ހުންނާނެއެވެ.)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ށަރީއާ އެޑްވަރިޒުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-54)
ކިޔުންތެރިންގެ ހިޔާލު