އުނި ކުރެވިފައި

ބޭހާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2014-46)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2026-64 ގެ 72 ވަނަ މާއްދާއިން އުވާލެވިފައި)

މި ފައިލް އަދި އަޕްލޯޑްކޮށް ނުނިމޭ

1 ވަނަ މާއްދާ - ތައާރުފު

1.1 މި ގަވާއިދަކީ ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ބޭރުކުރުމާއި، ވިއްކުމާއި، ބޭސް ލިޔެދިނުމާއި، އުފުލާ ގެންގުޅުމާއި އަދި ގުދަންކުރުމާ ބެހޭ ގަވާއިދެވެ. މިގަވާއިދުގައި ބޭސް ކަމުގައި ބުނެފައި އެވަނީ، ޑޮކްޓަރީ ބޭހާއި އޯލްޓަރނޭޓިވް ބޭހެވެ. ޑޮކްޓަރީ ބޭސް ކަމުގައި ބުނެފައި އެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރީ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކާއި އޭގެ ބަލްކް ކެމިކަލްއެވެ. އަދި އޯލްޓަރނޭޓިވް ބޭސް ކަމުގައި ބުނެފައި އެވަނީ، އެ ޑިސިޕްލިންއެއްގެ އުސޫލުތަކާ އެއްގޮތަށް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކޮންމެ ބޭހެކެވެ.

1.2 މި ގަވާއިދަށް ކިޔަނީ "ބޭހާބެހޭ ގަވާއިދު" އެވެ.

1.3 މިގަވާއިދަށް އަމަލުކުރަން ފަށާނީ މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފަހުންނެވެ.

 

2 ވަނަ މާއްދާ - ބޭސްގުދަނާއި ބޭސްފިހާރަ ރަޖިސްޓަރީ ކުރުން

2.1 ބޭސް ފިހާރަ ރަޖިސްޓަރީ ކުރުމަށްޓަކައި އެކަމަށް އެދޭ ފަރާތުން، ބޭސް ފިހާރަ ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް، މިގަވާއިދުގެ 2.2 ވަނަ މާއްދާގައިވާ ތަކެއްޗާއި، އެތަނަކަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއަކުން ދޫކޮށްފައިވާ "އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ" ގެ ކޮޕީ އަކާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. ބޭސްފިހާރަ، ރަޖިސްޓަރީ ކުރެވޭނީ އެތަނެއް ހިންގުމަށް ތައްޔާރު ކުރެވިފައިވާ އިމާރާތަކާއި އެ އިމާރާތެއްގައި ހުންނަންވީ ކަންތައްތައް މި ގަވާއިދާ އެއްގޮތަށް ހުރިތޯ ބެލުމަށްފަހު އެގޮތަށް ހުރިނަމައެވެ. (ބޭސްފިހާރަ، ހުންނަންޖެހޭ ގޮތް މިގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާން ކުރެވިފައި ވާނެއެވެ.)

2.2 ބޭސްފިހާރަ، ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު ބޭސްފިހާރައިގެ ތަޅުމުގެ ކުރެހުމަކާއި ބޭސްފިހާރައިގެ މިންތައް އެނގޭނޭ ކުރެހުމަކާއި ބޭސްފިހާރަ ހުންނަ ތަން އަންގައިދޭ ކުރެހުމާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

2.3 ރަޖިސްޓަރީ ކޮށްފައިވާ ބޭސްފިހާރައިގެ ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ ދެއަހަރުން އެއްފަހަރު އާ ކުރަންވާނެއެވެ. މިގޮތަށް އާކުރާއިރުގައި ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ދޫކޮށްފައިވާ ހުއްދަ ހުށަހަޅަންވާނެއެވެ. އަދި މިހުއްދަ ގެއްލިފައިވާނަމަ އެކަން މިއޮތޯރިޓީއަށް ލިޔުމަކުން އަންގަންވާނެއެވެ.

2.4 ބޭސްގުދަން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ، އޮންނަންވާނެއެވެ. އިމާރާތުގެ ކުރެހުމާއި، ބޭސްގުދަނުގެ ކުރެހުން، މިންތައް އެނގޭގޮތަށް ހުށަހަޅަންވާނެއެވެ. ބޭސްގުދަން، ރަޖިސްޓަރީ ކުރެވޭނީ އެތަނެއް ހިންގުމަށް ތައްޔާރު ކުރެވިފައިވާ އިމާރާތަކާއި އެ އިމާރާތެއްގައި ހުންނަންވީ ކަންތައްތައް މިގަވާއިދާ އެއްގޮތަށް ހުރިތޯ ބެލުމަށްފަހު އެގޮތަށް ހުރިނަމައެވެ. (ބޭސްގުދަން، ހުންނަންޖެހޭ ގޮތް މިގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާން ކުރެވިފައި ވާނެއެވެ.) އަދި އެ އިމާރާތް ބޭސް ގުދަނެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށްފަހު އިމާރާތަށް އެއްވެސް ބަދަލެއް ގެންނަންވާނީ އެ ބަދަލެއް ގެންނަން ގަސްދުކުރާ ގޮތުގެ ކުރެހުމަކާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅައި، އެ ބަދަލު ގެނައުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ލިބިގެންނެވެ. ބޭސް ގުދަން ރަޖިސްޓަރީ ކުރުމަށްފަހު ބޭސް ގުދަނަށް ބަދަލެއް ގެނެސް ހިދުމަތް މެދުކަނޑާލައި ނުވަތަ އުވައިލަން ވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ލިބިގެންނެވެ.

 

3 ވަނަ މާއްދާ - ޑޮކްޓަރީ ބޭހާއި އޯލްޓަރނޭޓިވް ބޭސް ރަޖިސްޓަރީ ކުރުން

3.1 ރާއްޖެއަށް އަލަށް އެތެރެކުރުމަށް ރަޖިސްޓަރީ ކުރާ ޑޮކްޓަރީ ބޭސް ރަޖިސްޓަރީ ކުރުމުގެ އުސޫލުތައް މިގަވާއިދުގެ ޖަދުވަލު 4 (ހަތަރެއް) ގައި ބަޔާން ކުރެވިފައި ވާނެއެވެ.

3.2 ރާއްޖެއަށް އަލަށް އެތެރެކުރާ ޑޮކްޓަރީ ބޭސް އަދި އޯލްޓަރނޭޓިވް ބޭސް ރަޖިސްޓަރީ ކުރުމަށް ދައްކަންޖެހޭ "ފީ"، ނެގޭނެއެވެ. މިގަވާއިދުގެ 13 ވަނަ މާއްދާގައި ބޭސް ރަޖިސްޓަރީ ކުރުމަށް ދައްކަން ޖެހޭ ފީ ބަޔާން ކުރެވިފައިވާނެއެވެ.

3.3 ރާއްޖެއަށް އެތެރެކޮށް ވިއްކުމަށްޓަކައި ކުރިން ރަޖިސްޓަރީ ކުރެވިފައިނުވާ ޑޮކްޓަރީ ބޭހެއް ނުވަތަ އޯލްޓަރނޭޓިވް ބޭހެއް ރަޖިސްޓަރީ ކުރެވޭނީ އެބޭހަކާ ގުޅުންހުރި ކަންތައްތަކުގައި ތަމްސީލްކޮށް ރިކޯލްކުރުމުގެ ޒިންމާ އުފުލާނެ، ރާއްޖޭގައި ގާއިމުވެފައިވާ ފަރާތެއް ހަމަޖެހިފައި ހުރެގެންނެއެވެ. މިގޮތަށް ރަޖިސްޓަރީވާ ޑޮކްޓަރީ ބޭހާއި އޯލްޓަރނޭޓިވް ބޭސް އެތެރެކުރުމުގެ ހުއްދަ އެފަރާތަށް އޮތްކަމުގައިވިޔަސް ބޭހުގެ އަގަށް ހެޔޮ ބަދަލުގެނައުމުގެ ގޮތުންނާއި ސަޕްލައި މެދުކެނޑުނަނުދިނުމަށް ޕެރަލަލް އިމްޕޯޓް ކުރުމުގެ ހުއްދަ އެހެންފަރާތްތަކަށް ދިނުމުގެ އިހުތިޔާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިގެންވެއެވެ. އެފަރާތުން ޒިންމާވާ ޑޮކްޓަރީ ބޭހެއް ރިކޯލް ކުރުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލަފަޔާއި އިރުށާދުގެ މަތިން އެ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

 

4 ވަނަ މާއްދާ - ބޭސް ވިއްކުމުގެ ހުއްދަ

ބޭސްފިހާރަތަކުން ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ ދޫކުރެވޭނީ 2 (ދޭއް) ގްރޭޑަކަށެވެ. އޯލްޓަރނޭޓިވް ބޭސް ވިއްކުމަށް މިފަދަ ގްރޭޑްތަކެއް ކަނޑައެޅިފައެއް ނެތެވެ. މީގެ އިތުރުން މިމާއްދާގެ 4.3 އާއި 4.4 ގައި ވާ ހާލަތްތަކުގައި ޑޮކްޓަރީ ބޭސް ދޫކުރުމުގެ ހުއްދައެއް ދެވިދާނެއެވެ.

4.1 ގްރޭޑް 1 (އެކެއް) ގެ ބޭސްފިހާރަ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ބޭސް ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ދީފައިވާ ޑޮކްޓަރުން މަސައްކަތް ކުރާ ސަރަހައްދުތަކަށެވެ.

4.2 ގްރޭޑް 2 (ދޭއް) ގެ ބޭސް ފިހާރަ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ އެރަށެއްގައި ޑޮކްޓަރުންގެ ހިދުމަތްދެވޭ މަރުކަޒެއްނެތި ޖަމާއަތުގެ ޞިއްހީ އެހީތެރިންގެ ހިދުމަތް ދެވެންހުރި ރަށްރަށުގައެވެ. ނުވަތަ ޞިއްހީ މަރުކަޒު ހުންނަ ސަރަހައްދުތަކާއި، ޕްރައިވެޓް ޕްރެކްޓިސް ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ދީފައިވާ، ޖަމާއަތުގެ ޞިއްހީ އެހީތެރިއަކު ނުވަތަ މެޑިކަލް އެސިސްޓެންޓަކު މަސައްކަތްކުރާ ރަށްރަށުގައެވެ.

4.3 މެޑިކަލް ކޭމްޕެއްގައި ބޭސް ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ދީފައިވާ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ޑޮކްޓަރީ ބޭސް ވިއްކުމުގެ ވަގުތީ ހުއްދައެއް ދެވިދާނެއެވެ. މިފަދަ ހުއްދައެއް ދެވޭނީ އެފަދަ ކޭމްޕަކާ ބެހޭ މައުލޫމާތާއި ކަމާބެހޭ އެހެން ފަރާތްތަކުގެ ހުއްދައާއެކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުއްދައަށް އެދުމުންނެވެ. އަދި ބޭސް ވިއްކަވަންވާނީ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ލިބިގެންނެވެ. އަދި މިގޮތުން ވިއްކަންވާނީ ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ބޭހެވެ.

4.4 ޞިއްހީ ހިދުމަތްދޭ ތަނެއްގައި، ބޭސް ފަރުވާ ކުރުމުގެ ހުއްދަ އޮތް ޑޮކްޓަރެއްގެ ނުވަތަ ކޮމިއުނިޓީ ހެލްތުވާރކަރެއްގެ ބެލުމުގެ ދަށުން ބޭސް ވިއްކިދާނެއެވެ. ނަމަވެސް ބޭސް ވިއްކަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންނެވެ. އަދި ބޭސް ރައްކާކޮށް ދޫކުރުމުގެ ކަންތައްތައް ހުންނަންވާނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

4.4.1 ބޭސް ދޫކުރުމަށްޓަކައި ތަނާ އެކަށީގެންވާ ފަސޭހައިން ސާފު ކުރެވޭފަދަ ކައުންޓަރެއް ހުރުން.

4.4.2 އެއަރ ކަންޑިށަން ކުރެވިފައި ހުރުން (ފިނިހޫނުމިން 25 (ފަންސަވީސް) ޑިގްރީއަށްވުރެ މަތި ނުވާގޮތަށް ހުރުން). ތަނުގެ ފިނިހޫނުމިން އެނގޭނެ މީޓަރެއް ހުރުން.

4.4.3 ކޮންޓްރޯލް ޑްރަގްސް ބެހެއްޓުމަށްޓަކައި އެތެރެ ނުފެންނަ، ރަނގަޅަށް ތަޅުލެވޭ ކަބަޑެއް ހުރުން.

4.4.4  ކޮންޓްރޯލް ޑްރަގްސް ފިޔަވައި އެހެން ބޭސްތައް ބެހެއްޓުމަށް އެކަށީގެންވާ ހަރުގަނޑުތައް ހުރުން. ބޭސް ބަހައްޓާ ހަރުގަނޑުތައް ހުންނަންވާނީ ފަސޭހައިން ސާފުކުރެވޭގޮތަށް.

4.4.5 ވަކި ހާއްޞަ ފިނިހޫނު މިނެއްގައި ބަހައްޓަންޖެހޭ ބޭހާއި، އިންޖެކްށަން ބެހެއްޓުމަށްޓަކައި އެކަށީގެންވާ އައިސް އަލަމާރިއެއް ނުވަތަ މިފަދަ އެއްޗެއް ހުރުން.

4.4.6 ޕައުޑަރ ސިރަޕް ފަދަ ބޭސް ތައްޔާރު ކުރުމަށްޓަކައި ކައްކައި ހިހޫ ކުރި ފެން ނުވަތަ ބޯންކަމުދާ ރައްކާތެރި ފެން ލިބެން ހުރުން.

4.4.7 މަތިޖެހޭގޮތަށް ހުރި ފައިންހުޅުވާ ކުނިއަޅާނެ ވަށިގަނޑެއް ހުރުން.

 

5 ވަނަ މާއްދާ - ފާމަސިސްޓުން

5.1 ފާމަސިސްޓަކަށް ބޭސްފިހާރައެއްގައި ޑޮކްޓަރީ ބޭސް ދޫކުރުމުގެ މަސައްކަތް ކުރެވޭނީ، އެމީހަކު އެ ބޭސްފިހާރައެއްގައި ޑޮކްޓަރީ ބޭސް ދޫކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީ ކުރެވި ހުއްދަ ލިބިގެންނެވެ.

5.2 ދިވެހި ފާމަސިސްޓަކަށް ރާއްޖޭގެ ބޭސްފިހާރައެއްގައި ފާމަސިސްޓެއްގެ ގޮތުގައި ރަޖިސްޓަރީކޮށް މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ، ސަރުކާރުން ގަބޫލުކުރާ އިންސްޓިޓިއުށަނަކުން ދަށްވެގެން އެޑްވާންސްޑް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ އިން ފާމަސީ ސެޓްފިކެޓް ލިބިފައި އޮތުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރެވިފައިވާކަމުގެ ސެޓްފިކެޓެއް އޮތުމުންނެވެ.

5.3 ބިދޭސީ ފާމަސިސްޓަކަށް ރާއްޖޭގެ ބޭސްފިހާރައެއްގައި ފާމަސިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ، ސަރުކާރުން ގަބޫލުކުރާ އިންސްޓިޓިއުށަނަކުން ދަށްވެގެން ޑިޕްލޮމާ އިން ފާމަސީ ސެޓްފިކެޓް ލިބިފައި އޮތުމާއެކު، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ސެޓްފިކެޓް އޮތުމާއި، ފާމަސީއެއްގައި ބޭސް ދޫކުރުމުގެ ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުރި ކަމުގެ ލިޔުމާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޭ އިންޓަރވިއުއިންނާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ދެވޭ ޓެސްޓުން ފާސްވުމުންނެވެ.

5.4 ބިދޭސީ ފާމަސިސްޓަކު މަސައްކަތްކުރާ ބޭސް ފިހާރައެއްގައި ނަމަ އޭނާގެ ޑިއުޓީގައި ދިވެހިބަހާއި އިނގިރޭސިބަހުން ތަރުޖަމާކޮށްދެވޭ ފެންވަރުގެ ތަރުޖަމާނަކު ހުންނަންވާނެއެވެ.

5.5 އޯލްޓަރނޭޓިވް ބޭސް ވިއްކުމުގެ މަސައްކަތް ކުރެވޭނީ އެފަދަ ބޭސް ވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހުއްދަ ދީފައިވާ ތަނެއްގައި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް (އެލައިޑް ހެލްތު ޕްރޮފެށަނަލްސް ރަޖިސްޓަރީކުރުމާއި ރެގިއުލޭޓްކުރުމުގެ ޒިންމާ އުފުލާ ފަރާތް) އިނ ބޭސް ވިއްކުމުގެ ހުއްދަ ދީފައިވާ މީހެއްގެ ބެލުމުގެ ދަށުންނެވެ. 

 

6 ވަނަ މާއްދާ - ބޭސް އެތެރެކުރުން

6.1 ރާއްޖެއަށް ބޭސް ގަނޑުކޮށް އެތެރެކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭހެއް ގަނޑުކޮށް އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ރާއްޖެއަށް އެތެރެކުރާ ވެކްސިންތަކާއި ބައޮލޮޖިކަލްސްގެ ބެޗްރިލީޒް/ލޮޓް ރިލީޒް ސެޓްފިކެޓް، ނުވަތަ ޕްރޮޑަކްޓް އެނަލިސިސް ރިޕޯޓު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. ރާއްޖެއަށް އެތެރެކުރާ ބޭހަކީ އެ ކުންފުންޏަކުން އެކްސްޕޯޓްކުރުމަށް އުފައްދާފައިވާ ބޭހަކަށްވާންވާނެއެވެ. ގަނޑުކޮށް އަދި ވަކިންވިއްކަން ރާއްޖެއަށް އެތެރެކުރާ ބޭހުގައި ދިމާވާ މައްސަލަތަކުގެ ޒިންމާ އެ ބޭސް އެތެރެކުރި ފަރާތަކުން ފުރިހަމައަށް އުފުލަންވާނެއެވެ.

ރާއްޖެއަށް ވިޔަފާރީގެ ބޭނުމުގައި އެތެރެ ކުރަންވާނީ އެއިރެއްގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ށާއިއު ކޮށްފައިވާ "އެޕްރޫވްޑް ޑްރަގް ލިސްޓު" ގައި ހިމެނިފައިވާ ބޭސްތަކެވެ. އޯލްޓަރނޭޓިވް ބޭހުގެ ގޮތުގައި އެތެރެކުރަންވާނީ އެޕްރޫވްޑް އޯލްޓަރނޭޓިވް މެޑިސިން ލިސްޓުގައި ހިމެނިފައިވާ ބޭސްތަކެވެ.

ވަކި ބަލިމީހެއްގެ ފަރުވާއަށް ޑޮކްޓަރުން ލިޔެދީފައިވާ ބޭސް ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް އެތެރެ ކުރުމުގެ ހުއްދަ ދެވިދާނެއެވެ. ޑޮކްޓަރެއްގެ ބޭސް ސިޓީއަކަށް ރާއްޖެއިން ބޭރުން ބޭހެއް ގެންނައިރު ނުވަތަ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ގޮސްފައި އަންނަ އައުމުގައި ފަރުވާގެ މުއްދަތުގައި ބޭނުންކުރުމަށް ބޭހެއް ގެންނައިރު އެބޭހަކާ ގުޅޭގޮތުން ޑޮކްޓަރު ދީފައިވާ ބޭސް ސިޓީ ނުވަތަ މެޑިކަލް ރިކޯޑުސް އޮންނަންވާނެއެވެ. ނަމަވެސް މިފަދަ ބޭސްތަކުގެ ތެރޭގައި ހިމެނޭ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ގާނޫނު) ގެ ޖަދުވަލު 2 (ދޭއް) ގައި ބަޔާންކުރެވިފައިވާ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގައިވާ ބޭހެއް ރާއްޖެއަށް އެތެރެ ކުރެވޭނީ ގިނަވަގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ. ނަމަވެސް ދިގު މުއްދަތަކަށް ދެވޭ ހާއްޞަ ފަރުވާއެއްގައި އުޅޭ ބަލިމީހަކަށް 3 (ތިނެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ފަރުވާއަށް ޑޮކްޓަރ ލިޔެދީފައިވާ ބޭހެއް ދޫކުރެވިދާނެއެވެ. 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ދޫކުރެވޭނީ ބޭހާބެހޭ ތަފުސީލާއި ޑައިގްނޯސިސް އަދި މެޑިކަލް ރިކޯޑުސް ފަދަ މައުލޫމާތު ހިމެނޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުންނެވެ.

6.2 ވިޔަފާރިއަށް އެތެރެކުރާ ބޭހާބެހޭ ގޮތުން ތިރީގައި މިވާ މައުލޫމާތުތައް އޮޅުންފިލާނޭހެން އިންވޮއިސްއެއް ހުށަހަޅަންވާނެއެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭގޮތަށް ބޭސް އެތެރެކުރި ނުވަތަ ވިއްކި ފަރާތުގައި 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް މި މައުލޫމާތު ރައްކާކުރެވިފައި ހުންނަންވާނެއެވެ.

6.2.1 ބޭހުގެ ޖެނެރިކް ނަމާއި ބްރޭންޑް ނަން

6.2.2 ބޭހުގެ ބާރު ހުރި މިންވަރު

6.2.3 ބޭހުގެ އަދަދު

6.2.4 ބޭހުގެ އަގު

6.2.5 ބޭސްއުފެއްދި ގައުމު އަދި ކުންފުނި

6.2.6 ބޭސްއުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރީހު

6.2.7 ބެޗް ނަންބަރު / ލޮޓް ނަންބަރު

6.3 ބައޮލޮޖިކަލްސް އާއި މިނޫންވެސް ރެފްރިޖެރޭޓް ކޮށްގެން ގެންނަންޖެހޭ ތަކެތި ފިޔަވައި ރާއްޖެއަށް އެތެރެކުރާ ބޭސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި ޗެކްކުރުމަށްފަހު އެ ފަރާތްތަކަށް ދޫކުރެވޭނީ، މި ގަވާއިދުގެ 6.2.1 ވަނަ ނަންބަރުން ފެށިގެން 6.2.7 ނަންބަރުގެ ނިޔަލަށް ހިމެނޭ މައުލޫމާތުތައް ރަނގަޅަށް އޮޅުންފިލާނެގޮތަށް އިންވޮއިސް ޕެކިންގ ލިސްޓާއެކު، އެ ށިޕްމަންޓެއް ކަސްޓަމްސްއިން ކްލިއަރ ކުރުމަށް ބޭނުންވާ ގަޑީގެ 48 ގަޑިއިރު ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހެޅުމުންނެވެ.

6.4 އަލަށް ބޭހެއް ތައާރުފުކޮށް ޕްރޮމޯޓްކޮށް ނުވަތަ ރަޖިސްޓަރީކުރުމުގެ ބޭނުމުގައި ސާމްޕަލްގެ ގޮތުގައި ރާއްޖެއަށް އެތެރެކުރާ ބޭހުގެ ޕެކިންގައި ނުވަތަ އުރައިގެ ބޭރުގައި "ސާމްޕަލް" މިގޮތަށް ލިޔެވިފައި އޮންނަންވާނެއެވެ. ތައާރުފު ކުރުމުގެ ބޭނުމުގައި ކޮންޓްރޯލްޑް ޑްރަގްގެ ސާމްޕަލް ރާއްޖެއަށް އެތެރެކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހާއްޞަ ހުއްދައެއްގެ ދަށުންނެވެ. ސާމްޕަލް ބޭސް ދޫކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެ ބޭސް ޗެކްކުރުމަށް ފަހުގައެވެ. ސާމްޕަލްގެ ގޮތުގައި ރާއްޖެއަށް އެތެރެކުރެވޭ އެއްވެސް ބޭހެއް ވިއްކުމަކީ މަނާކަމެކެވެ.

6.5 ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ކަނޑައަޅާފައިވާ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ ހުރިހާ އެއްޗެއް، ރާއްޖެއަށް އެތެރެކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ ފަރާތްތަކުންނެވެ.

6.6 ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ޖަދުވަލު 1 (އެކެއް) ގައި ހިމެނޭ ބޭސްފިޔަވައި ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ޖަދުވަލު 2 ގައި ހިމެނޭ ބޭހުގެ ތެރެއިން އެޕްރޫވްޑް ޕްރޮޑަކްޓް ލިސްޓުގައި ނުހިމެނޭ ބޭސްކަމުގައިވިޔަސް ބަލިމީހުންނަށް ފަރުވާދިނުމުގެ ބޭނުމުގައި އެބޭސް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިގެންވެއެވެ. މީގެ ތެރޭގައި އ.ދ ގެ ޖަމްއިއްޔާތައް މެދުވެރިވެގެން ގެނެވޭ ބޭހާއި، ބޭރުގެ އެހީގައި ހިލޭ ލިބޭ ބޭހާއި އެއިރަކު ވާރލްޑް ހެލްތު އޯރގަނައިޒޭށަން ޕްރީ ކޮލިފިކޭށަން ސްކީމްގައި ހުއްދަދެވިފައިވާ ބޭސް ހިމެނެއެވެ.

6.7 ރާއްޖެއަށް ބޭރުގެ އެހީގައި ހިލޭ ލިބޭ ބޭސް އެތެރެކުރަންވާނީ ދުނިޔޭގެ ޞިއްހަތު ޖަމްއިއްޔާގެ ޑްރަގް ޑޮނޭށަން ގައިޑްލައިންސްއާ އެއްގޮތްވާގޮތުގެ މަތިންނެވެ.

6.8 ތިރީގައި މިވާ ހާލަތްތަކުގައި އެއްވެސް ބޭހެއް އެއްވެސް ފަރާތަކުން ރާއްޖޭގައި އުފައްދައި، ރާއްޖެއަށް އެތެރެކޮށް، ރާއްޖެއިން ބޭރުކޮށް، ގުދަންކޮށް، ވިއްކައި، އިށްތިހާރުކޮށް، ޑިސްޓްރިބިއުޓްކޮށް ހަދައިގެންނުވާނެއެވެ.

އެބޭހަކީ:

6.8.1 އިންސާނުން ބޭނުންކުރަން ކަމުނުދާ ތަކެތި
6.8.2 ގަޑުބަޑު ވެފައިވާ ތަކެތި
6.8.3 ރައްކާކުރެވި ޕެކެޖްކޮށް އަދި ގުދަންކުރެވިފައި ވަނީ ސާފުނޫން ތަނެއްގައި ކަމަށްވުން

6.8.4 އެބޭހެއް އުފައްދާ، ޕެކްކޮށް، ލޭބަލްކޮށްފައިވާ، ގޮތުން އެބޭހެއް އުފެއްދި ތަނާއި ފެންވަރާއި ބާރުމިނާއި އެކުލެވޭބައިތަކާއި ރައްކާތެރިކަން އޮޅޭފަދަ އެއްޗަކަށްވުން.

6.8.5 ކައުންޓަރފީޓް ބޭހެއްކަމަށްވުން.

6.9 މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފަށް ގެނެވޭ އެއްވެސް ބޭހެއް ރީއެކްސްޕޯޓެއް ނުކުރެވޭނެއެވެ. މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފަށް އެތެރެކުރާ ޑޮކްޓަރީ ބޭހާއި، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ހިމެނޭ ބޭސް ހިފަހައްޓައި، ބޭސް އެތެރެކުރަން އުޅުނު ފަރާތާމެދު ފިޔަވަޅު އެޅޭނެއެވެ. (މީގެ ތެރޭގައި މިގަވާއިދުގެ 6.1 ގައިވާ ގޮތަށް ޕްރިސްކްރިޕްށަނަށް ގެނެވޭ ޑޮކްޓަރީ ބޭހާއި، ޕްރިސްކްރިޕްށަނަށް ގެންނަ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ހިމެނޭ ބޭހެއް ނުހިމެނެއެވެ.)

6.10 ރާއްޖެއަށް ޑޮކްޓަރީބޭސް އެތެރެކުރާ ކޮންމެ ފަރާތެއްގައި މިގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ފެންވަރުގެ ގުދަނެއް ހުންނަންވާނެއެވެ. އެތަނަކީ މާލޭގައިނަމަ ގުދަނުގެ ގޮތުގައި ބޭނުންކުރުމަށް މާލޭ ސިޓީ ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކުރެވިފައިވާ ތަނެއް ކަމުގައި ވާންވާނެއެވެ. މާލެ ފިޔަވައި އެހެންރަށެއްގައިނަމަ އެރަށުގެ ރަށު ކައުންސިލްގެ އިދާރާގެ ހުއްދައެއް އޮންނަންވާނެއެވެ.

6.11 ވަކި ފިނިހޫނު މިނެއްގައި ބަހައްޓަންޖެހޭ ބޭސް، ރާއްޖެއަށް އެތެރެކޮށް އުފުލައި، ގުދަންކޮށް، ރައްކާކުރަންވާނީ އެބޭހެއް ބަހައްޓަންޖެހޭ ފިނިހޫނުމިނަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށެވެ. މިގޮތުގެ މަތިން މިގަވާއިދުގެ ޖަދުވަލު 8 ގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.

 

6.12 އުފުލައި ގެންގުޅުމުގައި ބޭސް ބަހައްޓަންޖެހޭ ފިނިހޫނުމިނަށް ބަދަލު އައުމާއި، އަދި ބޭހުގެ ލޭބަލް ހަލާކުވުމުގެ ސަބަބުން ބޭހާބެހޭ މައުލޫމާތު ރަނގަޅަށް އޮޅުންފިލަން ނުހުންނަ ބޭސް ވިއްކައި އަދި އޭގެ ބޭނުންކޮށްގެން ނުވާނެއެވެ. އަދި ވަކިން ވިއްކާ ކޮންމެ ބޭހަކީ ކޮން ބޭހެއްކަން އެނގޭ ގޮތެއް ހެދުމަކީ ބޭސްވިއްކާ ފަރާތުގެ ޒިންމާއެކެވެ. 

 

7 ވަނަ މާއްދާ - ޑޮކްޓަރީ ބޭސް ވިއްކުން

7.1 ޑޮކްޓަރީ ބޭސް، ބަލިމީހުންނަށް ދޫކުރުމުގައި ތިރީގައި މިދަންނަވާ ދަރަޖަތަކަށް ބެހިފައިވެއެވެ.

7.1.1 ޑޮކްޓަރެއްގެ ލިޔުމަށް ދޫކުރެވޭ ބޭސް

7.1.1.1 އާންމު ޕްރިސްކްރިޕްށަން ބޭސް

7.1.1.2 ނާރކޮޓިކްސް ސައިކޯޓްރޮޕިކްސް އަދި އެހެނިހެން ގޮތްގޮތުން ކޮންޓްރޯލް ކުރެވޭ ބޭސް

7.1.1.3 ހޮސްޕިޓަލް އަދި އިމާރޖެންސީ ބޭސް

7.1.2 ޑޮކްޓަރެއްގެ ލިޔުމެއްނެތި ދޫކުރެވޭ ބޭސް

7.1.2.1 ފާމަސިސްޓްގެ ބެލުމުގެ ދަށުން ބޭސްފިހާރައިން ދޫކުރުމަށް ހުއްދަ ދެވޭ ބޭސް.

7.1.2.2 އާންމު ވިޔަފާރިކުރާ ތަންތަނުގައި ބެހެއްޓުމަށް ހުއްދަ ދެވޭ ބޭސް (ޖަދުވަލު -7)

7.2 ގަނޑުކޮށްނާއި ވަކިވަކިން ޑޮކްޓަރީބޭސް ރާއްޖޭގައި ވިއްކަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެންނެވެ.

7.3 ޑޮކްޓަރީބޭސް ވިއްކުމަށް ދޭ ހުއްދަ ބޭސްފިހާރަތަކުގައި ފަސޭހައިން މީހުންނަށް ފެންނާނޭހެން ބަހައްޓާފައިހުންނަންވާނެއެވެ.

7.4 ޑޮކްޓަރީބޭސް ވިއްކަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން އެ ވަގުތަކު ޑޮކްޓަރީބޭސް ވިއްކުމަށް ހަމަޖައްސަވާފައިވާ އަގަށްވުރެ ބޮޑުނުވާ އަގަކަށެވެ. ބޭސް ވިއްކުމުގައި ފައިދާ ލެވޭނެ މިންވަރު މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާނެއެވެ.

7.5. ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކާނަމަ ވިއްކަންވާނީ މި ގަވާއިދާ އެއްގޮތަށް ރާއްޖެއަށް އެތެރެކުރެވިފައިވާ ބޭހެވެ.

7.6. ބޭސް ފިހާރަތައް ހުޅުވައިގެން ވިޔަފާރި ކުރަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިމްޕޯޓް މުދާ ވިއްކުމަށް ހުއްދަ ދޭ ގަޑިތަކުގައެވެ.

7.7. ކޮންމެ ބޭސްފިހާރައެއްގައި އެބޭސްފިހާރައަކުން ވިއްކާ ބޭސްތަކުގެ އަގު އެނގޭނެ ގޮތެއް އޮންނަންވާނެއެވެ. އަދި ށެލްފްގައި ހުންނަ ބޭސްތައް ހުންނަންޖެހޭނީ އަގު ޖަހާފައެވެ.

7.8. ޑޮކްޓަރީބޭސް ފިޔަވައި ބޭސްފިހާރަތަކުން ޞިއްހަތާ ގުޅުންހުރި ބައެއް ތަކެތި ވިއްކިދާނެއެވެ. މިގޮތުން ބޭސްފިހާރަތަކުގައި ވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަކުރާ ތަކެތި ބަހައްޓަންވާނީ ބޭސްތަކާ ވަކިންނެވެ. މި ތަކެތީގެ ލިސްޓު ޖަދުވަލު 6 ގައި ހިމެނިފައި ވާނެއެވެ.

7.9. ކޮންމެ ބޭސްފިހާރައަކުން ވިއްކާ ބޭސްތަކުގައި ތިރީގައި މިވާ މައުލޫމާތު ހުންނަންވާނެއެވެ.

7.9.1. ބޭހުގެ ނަން އަދި ބޭހުގެ ބާރު

7.9.2. ބޭސް ބޭނުންކުރަންޖެހޭ ގޮތް

7.9.3. ބޭސް ބޭނުންކުރަންޖެހޭ ވަގުތުތައް

7.9.4. ބޭސް ބޭނުންކުރެވޭ މުއްދަތު

7.10. ކޮންމެ ބޭހަކާބެހޭ އިތުރު މައުލޫމާތެއް ބޭނުންވެގެން އެދިއްޖެ ކަމުގައިވާނަމަ އެ މައުލޫމާތެއް ފޯރުކޮށްދޭނެކަން އެނގޭފަދަ ދިވެހިބަހުން ތައްޔާރުކޮށްފައިވާ ލިޔުމެއް ކޮންމެ ބޭސްފިހާރައެއްގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

7.11. ބޭސްސިޓީގައި ދިމާވާ މައްސަލަތައް، ނޫނީ ބޭސް ބޭނުންކޮށްގެން ދިމާވާ ނޭދެވޭ އަސަރުތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އަންގަންވާނެއެވެ.

7.12. ބޭސްވިއްކާ ފިހާރަ ތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެވަގުތެއްގައި ކަނޑައަޅާފައިވާ "އެސެންށަލް މެޑިސިން ލިސްޓު" ގެ ގޮތުގައި ފާހަގަ ކުރެވޭ ބޭސްތައް ކޮންމެ ބޭސް ފިހާރައަކުންވެސް އަބަދުވެސް ލިބެން ހުންނަންޖެހޭނެއެވެ. މިގޮތުގެ މަތިން ޞިއްހީ ހިދުމަތް ދޭ ތަފާތު ދަރަޖަތަކުގައި އެ ދަރަޖައަކަށް ކަނޑައެޅިފައިވާ ބޭސްތައް ލިބެން ހުންނަންޖެހޭނެއެވެ.

7.13. ޑޮކްޓަރެއްގެ ލިޔުމަށް ދޫކުރެވޭ އެއްވެސް ބޭހެއް ޕްރޮމޯޓްކޮށް އިށްތިހާރެއް ނުކުރެވޭނެއެވެ. މިނޫން ބޭސް އިޝްތިހާރު ނުވަތަ ޕްރޮމޯޓް ކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅައި، ހުއްދަ ލިބިގެންނެވެ. މި ގަވާއިދުގެ ޖަދުވަލު 9 ގައި މިފަދަ ބޭސް އިޝްތިހާރު ކުރުމާ ޕްރޮމޯޓް ކުރުމުގެ ގައިޑްލައިން ހިމެނިފައި ވާނެއެވެ.

7.14. ބޭސް ލިޔެދިނުމުގައާއި ދޫކުރުމުގައި ބަލިމީހާއާބެހޭ މަޢުލޫމާތު އޭނާ ހުއްދަ ދީފައިވާ މީހެއް ފިޔަވައި އެހެން މީހަކަށް ހާމަކޮށްގެން ނުވާނެއެވެ.

7.15.  ބަލިމީހާއަށް ނުވަތަ ބަލިމީހާ ހުއްދަދީފައިވާ ފަރާތަކަށް ބޭސް ދޫކުރާއިރު ބޭސް ބޭނުންކުރަންޖެހޭ ގޮތާއި ބޭސް ރައްކާކުރަންވީ ގޮތާއި ބޭހުން ދިމާވެދާނެ ނޭދެވޭ އަސަރަކާ ބެހޭ އެކަށީގެންވާ މަޢުލޫމާތު ދޭންވާނެއެވެ.

7.16. ޑޮކްޓަރުގެ ސިޓީނެތި ވިއްކަން ހުއްދަ ދީފައިވާ ބޭސް ފިޔަވައި އެހެން ބޭސްތައް ވިއްކަންވާނީ ޑޮކްޓަރުގެ ސިޓީއަށެވެ. ޑޮކްޓަރުގެ ސިޓީއެއް ނެތި ވިއްކޭނެ ބޭސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޝާއިޢު ކުރަމުންދާނެއެވެ.

7.17. ބޭސް ވިއްކުމަށްފަހު ބޭސް ގަންނަފަރާތަށް ފައިސާގެ ރަސީދު ދޭންވާނެއެވެ. އެރަސީދުގައި ތިރީގައި މިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

7.17.1. ބޭސްފިހާރައިގެ ނަމާއި އެޑްރެސް:
7.17.2. ބޭހުގެ އަދަދު:
7.17.3. ބޭހުގެ ބްރޭންޑް ނަމާއި ބާރުމިން:
7.17.4. ބޭހުގެ އަގު:
7.17.5. ވިއްކި ތާރީޚު:
7.17.6. ވިއްކި ފާމަސިސްޓްގެ ނަމާއި ސޮއި:

7.18. ބޭސް ފިހާރަތަކުން ޕްރިސްކްރިޕްޝަނަށް ވިއްކާ ކޮންމެ ބޭހެއްގެ ނަމުގެ ކައިރީގައި ފާމަސީގެ ތައްގަނޑާއި ބޭހުގެ އަގު ޖަހަންވާނެއެވެ. މިތައްގަނޑުގެ ޑައިމީޓަރ 1.5 ސެންޓިމީޓަރު ހުންނަންވާނެއެވެ.

7.19. ރާއްޖޭގައި ބޭސް ވިއްކާ ފިހާރައެއްގައި ބޭސް ދޫކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ މީހެއް އެމީހެއްގެ ޑިއުޓީގައި މަސައްކަތް ކުރާއިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކޮށްފައިވާ "ފާމަސިސްޓް އައިޑެންޓިޓީ ކާޑު" ފެންނަގޮތަށް އެމީހެއްގެ ހެދުމުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

7.20 "ފާމަސިސްޓް އައިޑެންޓިޓީ ކާޑު" ހަދައިދެވޭނީ ފާމަސިސްޓުގެ ކޮލިފިކޭޝަން ސެޓްފިކެޓާއި ސްޓޭމްޕް ސައިޒުގެ ދެ ފޮޓޯއާ އެކު އެމީހަކު މަސައްކަތްކުރާ ބޭސް ފިހާރައެއްގެ ވެރިފަރާތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހެޅުމުން  3 (ތިނެއް) އަހަރުގެ މުއްދަތަކަށެވެ. މިގަވާއިދުގެ 14 ވަނަ  މާއްދާގައި ފާމަސިސްޓް އައިޑެންޓިޓީ ކާޑު ހެދުމަށް ނެގޭ ފީ ބަޔާން ކުރެވިފައިވާނެއެވެ.

7.21 ބޭސް އެތެރެކުރުމުގައާއި ވިއްކުމުގައާއި ސްޓޮކް ކުރުމުގައި ޢަމަލު ކުރަމުންދާ ގޮތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ އިންސްޕެކްޓަރުން މެދުވެރިކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ބަލަމުން ގެންދާނެއެވެ. އަދި އިންސްޕެކްޓަރުންގެ މަސައްކަތަށް އިންސްޕެކްޓްކުރެވޭ ތަނަކުން އެއްބާރުލުން ދޭންވާނެއެވެ. މިގޮތަށް ބަލައި ޗެކްކުރުމުގައި މި ގަވާއިދާ ޚިލާފަށް ހުރި ކަންތައްތަކާމެދު މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އިންސްޕެކްޓަރުންނަށް އެޅޭނެއެވެ. 

7.22 މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން  ދީފައިވާ ‘’ފާމަސިސްޓް އައިޑެންޓިޓީ ކާޑު" އެމީހަކު މަސައްކަތް ކުރުމަށް ހުއްދަދެވިފައިވާ ކޮންމެ ބޭސްފިހާރައެއްގައި މަސައްކަތް ކުރާއިރު ބޭނުން ކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ކޮންޓްރޯލް ޑްރަގްސް

8.1 ވިއްކާ ކޮންޓްރޯލް ޑްރަގްސްގެ ރިކޯޑު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގާ ގޮތުގެ މަތިން ދުވަހުން ދުވަހަށް ލިޔެ ބަލަހައްޓަންވާނެއެވެ. ކޮންޓްރޯލް ޑްރަގްސްގެ ލިސްޓު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޝާއިޢު ކުރާނެއެވެ. 

8.2 ކޮންޓްރޯލް ޑްރަގްސްގެ ތެރޭގައި ހިމެނޭ ސައިކޯޓްރޮޕިކްސްއާއި ނާރކޮޓިކްސްއަށް ވަކި ރަަޖިސްޓަރީއެއް އޮންނަންވާނެއެވެ. މިފަދަ ބޭސްތަކާބެހޭ ރިޕޯޓު ކޮންމެ 3 (ތިން) މަހުން އެއްމަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ފޮނުވަން ވާނެއެވެ. މިރިޕޯޓު އޮންނަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވާ ނަމޫނާއަ އެއްގޮތަށެވެ. އަދި މިރިޕޯޓާއެކު ބޭސްސިޓީތަކުގެ ކޮޕީ ފޮނުވަން ވާނެއެވެ. 

8.3 ޑޮކްޓަރީބޭހުގެ ގޮތުގައި ބޭނުންކުރެވޭ ނާރކޮޓިކް ޑްރަގްސް ވިއްކޭނީ އެ ބޭސް ވިއްކުމުގެ ހާއްޞަ ހުއްދަ ލިބިފައިވާ ފަރާތްތަކުންނެވެ. 

8.4 ސިއްޙީ ޚިދުމަތްދޭ ތަނަކަށް ދޫކުރެވޭ ކޮންޓްރޯލް ޑްރަގްސް ތިއޭޓަރ، ވޯޑު ފަދަ ތަންތަނުގައި ގެންގުޅުމާއި ސްޓޮކް ބެލެހެއްޓުމަކީ  އެތަނެއްގެ މެނޭޖްމަންޓުން ބަލަހައްޓަންޖެހޭ ކަމެކެވެ. 

8.5 ސްޓޮކް ޗެކްކުރަމުންދާއިރު ރިކޯޑުތަކާ އެއްވެސް މިންވަރަކަށް ފުށުއަރާގޮތެއް ދިމާވެއްޖެނަމަ އެ މައްސަލަ ދިމާވި ސަބަބު ބަލައި ވަގުތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިއަށް އަންގަންވާނެއެވެ.

8.6 ކޮންޓްރޯލް ޑްރަގްސް ވިއްކާ ފިހާރައަކުން ކޮންޓްރޯލް ޑްރަގްސް ވަގަށްނަގައިފި ނަމަ މާލޭގައި ނަމަ ވަގުތުން މިކަން މޯލްޑިވްސް ޕޮލިސް ސާރވިސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އެކަން އަންގަން ވާނެއެވެ. އަދި ރާއްޖެ ތެރޭގައި ނަމަ ރަށު ކައުންސިލްގެ އިދާރާ ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް މިކަން އަންގަންވާނެއެވެ. އަދި މައްސަލަ ބަލައި ޗެކްކުރުމަށް ކަމާބެހޭ ޤާނޫނީ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ. 

 

9 ވަނަ މާއްދާ - ބޭސް ލިޔެދިނުން

9.1 ރާއްޖޭގައި ޑޮކްޓަރީބޭސް ލިޔެދެވޭނީ މޯލްޑިވްސް މެޑިކަލް ކައުންސިލުން ބޭސް ފަރުވާކުރުމުގެ ހުއްދަ ދީފައިވާ ޑޮކްޓަރުންނަށެވެ. އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްއިން މިނިސްޓްރީ އޮފް ހެލްތުން ބޭސްފަރުވާ ކުރުމުގެ ހުއްދަ ދީފައިވާ ޖަމާޢަތުގެ ސިއްހީ އެހީތެރިންނަށެވެ. އޯލްޓަނޭޓިވް މެޑިސިން ލިޔެދެވޭނީ ހަމައެކަނި މިނިސްޓްރީ އޮފް ހެލްތުން އެކަމަށް ހުއްދަދީފައިވާ ފަރާތްތަކަށެވެ. 

9.2 ބޭސްސިޓީގައި ހުންނަންޖެހޭ މަޢުލޫމާތުތަކަކީ:

9.2.1 ބަަލިމީހާގެ ނަމާއި އުމުރު އަދި ޖިންސު

9.2.2 ޞިއްޙީ އެހީދޭ ތަނުގެ ނަން

9.2.3 ހޮސްޕިޓަލް ނުވަތަ ކްލިނިކެއްނަމަ ރެޖިސްޓްރޭޝަން ނަންބަރު

9.2.4 ބޭސް ދޫކުރި ތާރީޚު

9.2.5 ބަލީގެ ނަން

9.2.6 ބޭހުގެ ބާވަތް

9.2.7 ބޭހުގެ ނަން ބޭހުގެ ބާރާއެކު

9.2.8 ބޭސް ބޭނުންކުރަންޖެހޭ ވަގުތު ތައް

9.2.9 ބޭސް ބޭނުން ކުރެވޭ ރޫޓުް.

9.2.10 ބޭސް ބޭނުން ކުރަންޖެހޭ މުއްދަތު ނުވަތަ ބޭސް ދޫކުރަންވީ އަދަދު

9.2.11 ބޭސް ލިޔެދިން ޞިއްޙީ އެހީތެރިއެއްގެ ނަން. 

9.2.12 ޑޮކްޓަރުގެ ރެޖިސްޓްރޭޝަން ނަންބަރު/ ޞިއްޙީ އެހީތެރިޔާގެ ރަޖިސްޓްރޭށަން ނަންބަރު.

9.2.13 ޑޮކްޓަރު ނުވަތަ ޞިއްޙީ އެހީތެރިޔާގެ ހައިސިއްޔަތު ނުވަތަ މަގާމު.

9.3 ބޭސްލިޔެދޭ ފަރާތްތަކުން އެފަރާތަކުން ލިޔެދޭ ބޭހަކުން ކޮށްފާނެ އެދެވޭ އަދި  ނޭދެވޭ އަސަރުތަކާ ބެހޭ އެކަށީގެންވާ މަޢުލޫމާތު ބަލިމީހާއަށް ދޭންވާނެއެވެ. 

9.4 ބޭސް ސިޓީގައި ހުންނަންޖެހޭނެކަމަށް މިގަވާއިދުގެ 9 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ އެއްވެސް މަޢުލޫމާތެއް ސާފުކޮށް އެނގެންނެތް ބޭސް ސިޓީއަށް ބޭސް ދޫކުރުމަކީ މަނާ ކަމެކެވެ. 

 

10 ވަނަ މާއްދާ - ބޭސް ނައްތާލުން

10.1 އެއްވެސް ބޭހެއް ނައްތައިލަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން  ބޭސް ނައްތާލުމަށް ކަނޑައަޅާފައިވާ ގައިޑްލައިންސް އާ އެއްގޮތަށެވެ. މި ގައިޑްލައިންސް ޖަދުވަލު 10 ގައި ހިމެނެއެވެ. 

10.2 ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ކުރެވިފައިނުވާ އެއްވެސް ބޭހެއް، އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިނުވާ އެއްވެސް ބޭހެއް، ތަނަކުން ފެނިއްޖެނަމަ އެ ބޭހެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިފަހައްޓައި ބަދަލު ނުދޭގޮތަށް 

ނައްތައިލެވޭނެއެވެ. އަދި މީގެ އިތުރުން އެ ފަރާތަކާމެދު ގަވާއިދުން ފިޔަވަޅު އެޅޭނެއެވެ. 

 

11 ވަނަ މާއްދާ - ފިޔަވަޅުއެޅުން

11.1 ބޭސް އެތެރެކުރުމާއި ގުދަން ކުރުމާއި ބޭސް ގަނޑުކޮށް އަދި ވަކިވަކިން ވިއްކުމުގައި އަދި ބޭސް ފިހާރަ ހިންގުމުގައި މިގަވާއިދާ ޚިލާފު ޢަމަލެއް ކޮށްފިނަމަ އެ ޢަމަލެއް ކުރި ފަރާތެއް ކުށްވެރިވާނެއެވެ. އަދި ކުރިކުށުގެ ކުޑަ ބޮޑު މިނަށް ބަލައި އެ ކުށެއް ކުރި ފަރާތަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. 

11.1.1 ނަސޭހަތްދިނުމާއެކު އެކަމެއް އިޞްލާޙުރުމަށް މުއްދަތެއް ދިނުން. 

11.1.2 500 (ފަސް ސަތޭކަ) ރުފިޔާއާއި 2000 (ދެ ހާސް) ރުފިޔާއާ ދެމެދު އަދަދަކަށް ޖޫރިމަނާ ކުރުން. 

11.1.3 ދީފައިވާ ހުއްދަ 14 (ސާދަ) ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ސަސްޕެންޑް ކުރުން. 

11.1.4 މައްސަލަ ޝަރީޢަތަށް ހުށަހެޅުން.

11.2 މި ގަވާއިދުގައި ހިމެނިފައިނުވާ ކަމަކާމެދު ގޮތެއް ނޫނީ އުސޫލެއް ކަނޑައަޅާނީ ބޯޑް ފޯރ ފާާރމަސޫޓިކަލްސްގެ ލަފާގެ މަތިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ. 

 

12 ވަނަ މާއްދާ - ރަޖިސްޓްރޭޝަން ފީ

12.1 ބޭސްގުދަނާއި ބޭސް ފިހާރަތައް ރަޖިސްޓަރީކުރުމުގެ ފީނެގުން. 

12.1.1 ރާާއްޖެއަށް އެތެރެކުރާ ބޭސް ބަހައްޓާ ގުދަނުގައި މިގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވޭތޯ ބަލައި މިގުދަން ރަޖިސްޓަރީކުރުމުގެ ފީއެއްގެ ގޮތުގައި 1200 (އެއް ހާސް ދުއިސައްތަ) ރުފިޔާ ނެގޭނެއެވެ. 

12.1.2 ޑޮކްޓަރީބޭސް ތަންތަން ރަޖިސްޓަރީކުރުމަށްޓަކައި މި ގަވާއިދުގެ ޖަަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވޭތޯ ބަލައި މިތަންތަން ރަޖިސްޓަރީކުރުމުގެ ފީއެއްގެ ގޮތުގައި 300 (ތިންސަތޭކަ) ރުފިޔާ ނެގޭނެއެވެ. 

 

13 ވަނަ މާއްދާ - ބޭސް ރަޖިސްޓަރީ ކުރުމުގެ ފީ

13.1 ރާއްޖެއަށް އަލަށް އެތެރެކުރާ ބޭސް ރަޖިސްޓަރީ ކުރުމަށްޓަކައި ހުށަހަޅާ ކޮންމެ ބޭހަކަށް އެެޕްލިކޭޝަން ޕްރޮސެސިންގ ފީއެއްގެ ގޮތުގައި 100 (ސަތޭކަ) ރުފިޔާ ނެގޭނެއެވެ. 

13.2 ރަަޖިސްޓަރީކުރުމަށް ހުށަހަޅާ ބޭސްތަކުގެ ތެރެއިން މިގަވާއިދުގެ 3 ވަނަ މާއްދާއާއި ޖަަދުވަލު 4 ގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ ކޮންމެ ބޭހެއް ރަޖިސްޓަރީކުރުމުގެ ފީ ގެ ގޮތުގައި ބޭހަކަށް 300 (ތިންސަތޭކަ) ރުފިޔާ ނެގޭނެއެވެ. 

 

14 ވަނަ މާއްދާ - ފާމަސިސްޓުންގެ އައި.ޑީ.ކާޑު ފީ

14.1 މިިގަވާއިދު ގެ 7.20 ވަނަ މާއްދާގައި ބަޔާންވެގެންވާ ފާމަސިސްޓުންގެ އައިޑެންޓިޓީ ކާޑު ހަަދައިދިނުމަށް 50 (ފަންސާސް) ރުފިޔާ ގެ ފީއެއް ނެގޭނެއެވެ. 

14.2 ކާޑު އާކުރަންޖެހޭ މުއްދަތުގެ ކުރިން ކާޑެއް އާކޮށްދެވޭނީ ނުވަތަ ހަދައިދެވޭނީ 100 (ސަތޭކަ) ރުފިޔާ ދެއްކުމުންނެވެ. 

 

ޖަދުވަލު 1 

 ބޭސް ފިހާރަ ގްރޭޑް 1، 2 ނުވަތަ ފާމަސީ ހުންނަންވާ ގޮތް (އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 2

ޞިއްޙީ ޚިދުމަތްދޭ ތަނެއްގައި ބޭސް ވިއްކާ ތަން ހުންނަންވާނެ މިންގަނޑުތައް (އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 3 

ބޭސް ގުދަން ހުންނަންވާ ގޮތް (އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 4 

ބޭސް ރަޖިސްޓަރީކުރުން (އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

 

ޖަދުވަލު 5 

ބޭސް ވިއްކުމުގައި ފައިދާ ލެވޭނެ މިންވަރ (އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

 

ޖަދުވަލު 6

ބޭހުގެ އިތުރުން ފާރމަސީތަކުގައި ވިއްކޭނެ ތަކެތި (އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

 

ޖަދުވަލު 7 

LIST OF PHARMACEUTICAL RELATED ITEMS FOR GENERAL SALE FROM 
COMMERCIAL OUTLETS (އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
 

 ޖަދުވަލު 8

 

ޖަދުވަލު 9

ޑޮކްޓަރުގެ ސިޓީއާ ނުލައި ދޫކުރެވޭ ބޭސް، އޯޓީސީ ބޭހާއި ވިޓަމިންސް އަދި ފުޑް ސަޕްލިމެންޓްސް އިޝްތިހާރުކުރުމުގައި ޢަމަލުކުރަން ޖެހޭ ގޮތް

 

 

ޖަދުވަލު 10

 ބޭސް ނައްތައިލާނެ ގޮތް
 

 

ޖަދުވަލު 11 

ބޭސްފިހާރަ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

 1 ވަނަ އިސްލާހު

 

މައި ގާނޫނު

 (ނެތް)

 

އުވި ގަވާއިދު

ބޭހާ ބެހޭ ގަވާއިދު (ގާނޫނު ނަންބަރު 2026-64)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު