ޖަލުގެ އިދާރީ ހިންގުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2/2015)
1 ވަނަ މާއްދާ - ތައާރުފު
މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ޖަލުގެ އިދާރީ ހިންގުމާބެހޭ ގަވާއިދެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ ނަން
މި ގަވާއިދަށް ކިޔާނީ "ޖަލުގެ އިދާރީ ހިންގުމާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ބަލަހައްޓާ ޖަލުތައް، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޖަލު އަމުރުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށްޓަކައި ޖަލުތަކުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ބަޔާންކުރުމެވެ.
4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މިގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. .
6 ވަނަ މާއްދާ - އިދާރީ އޮނިގަނޑާއި ހިންގުން
(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ބަލަހައްޓާ ޖަލުތަކުގެ އިދާރީ އޮނިގަނޑު ކަނޑައަޅާނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދައާއެކު ޑައިރެކްޓަރ އޮފް ޕްރިޒަންއެވެ.
(ށ) ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކު ގައިވެސް މިނިސްޓަރުގެ ލަފަޔާއެކު ކޮމިށަނަރ އޮފް ޕްރިޒަންސް އައްޔަނު ކުރާ ޑައިރެކްޓަރ އޮފް ޕްރިޒަންއެއް ހުންނަންވާނެއެވެ. މިގޮތުން ޖަލު ހިންގުމުގެ އެންމެހައި ޒިންމާތައް އުފުލާނީ ޑައިރެކްޓަރ އޮފް ޕްރިޒަންއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޑައިރެކްޓަރ އޮފް ޕްރިޒަން ނެތް ހާލަތެއްގައި އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ކޮންމެ ޖަލެއްގައިވެސް ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަންއެއް ހުންނަންވާނެއެވެ.
(ރ) ކޮންމެ ޖަލެއްގައިވެސް އެޖަލެއް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެވޭނެ މިންވަރަށް އެޖަލެއްގެ އޮނިގަނޑު އެކުލަވާލާފައި އޮންނަންވާނެއެވެ. އަދި ޖަލުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތަފުސީލުކޮށް ލިޔެ ބަޔާން ކޮށްފައި އޮންނަންވާނެއެވެ.
7 ވަނަ މާއްދާ - ހިދުމަތުގެ ވަގުތު
މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ބަލަހައްޓާ ކޮންމެ ޖަލަކީވެސް 24 (ސައުވީސް) ގަޑިއިރު ހިދުމަތްދޭ ތަނަކަށް ވާންޖެހޭނެއެވެ.
8 ވަނަ މާއްދާ - ޖަލުތަކުގެ އިމާރާތްތަކާއި މާހައުލު
(ހ) ޖަލުތައް ހިންގާ އިމާރާތްތައް ވާންޖެހޭނީ ގާނޫނު ނަންބަރު 14/2013 (ދިވަހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އާއި އެގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާގޮތަށް ހަދާފައިވާ އިމާރާތްތަކަށެވެ.
(ށ) ޖަލުގެ މާހައުލަކީ ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތަށް ސަލާމަތާއި ރައްކާތެރިކަމާއި ހިމާޔަތް ލިބިގެންވާ، އިތުބާރު ހިފޭފަދަ މާހައުލަކަށް ވާންޖެހޭނެއެވެ.
(ނ) އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް، އެއްވެސް ޖަލެއް، ގާއިމުކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ހިންގައިގެން ނުވާނެއެވެ.
9 ވަނަ މާއްދާ - މައިގަނޑު މަސައްކަތްތައް
ޖަލުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން؛
(ށ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ އާންމު ހާލަތު ބެލެހެއްޓުން؛
(ނ) ޖަލުގެ ސަލާމަތީ ނިޒާމު ބެލެހެއްޓުން؛
(ރ) ޖަލުގެ ގޮޅިތަކުގައި ބަންދުކޮށްފައި ތިބޭ މީހުންގެ އަމަލުތައް ބަލާ މޮނީޓަރ ކުރުމާއި ތަނުގެ އަމަން އަމާންކަން ދެމެހެއްޓުން؛
(ބ) ގަވާއިދާ ހިލާފުވާ ގައިދީންނާއި ބަންދުމީހުންނާ މެދު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުން؛
(ޅ) ޖަލުގައި ތިބޭ މީހުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ތަކެއްޗާއި އިނާޔަތްތައް ފޯރުކޮށްދިނުން؛
(ކ) ޖަލުގައި ތިބޭ މީހުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ބެލެހެއްޓުން؛
(އ) ގައިދީން މުޖުތަމައަށް އަހުލުވެރިކޮށް އަލުން މުޖުތަމައަށް ގެނައުމަށްޓަކައި ތަފާތު އެކި ޕްރޮގްރާމްތައް ރާވައި ހިންގުން؛
(ވ) އެކިއެކި ބޭނުންތަކަށް އެކި ތަންތަނަށް ގެންދަންޖެހޭ ގައިދީންނާއި ބަންދުމީހުން އެތަނަކަށް ގެންގޮސް ގެނައުމަށްޓާކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛
(މ) ޖަލު ހިންގުމަށްޓަކައި ކުރަން ޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން؛
(ފ) ޖަލުގައި ގާއިމުކޮށްފައިވާ ވަސީލްތަކާއި އިމާރާތްތައް މެއިންޓެއިންކޮށް ބެލެހެއްޓުން؛
(ދ) ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
10 ވަނަ މާއްދާ - ޖަލުގެ އާންމު ހާލަތު ބެލުން
(ހ) ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ގޮތެއްގެ މަތިން މަދުވެގެން ދުވާލަކު އެއްފަހަރު ޖަލުގައި ތިބޭ މީހުންގެ އާންމު ހާލަތު ބަލައި، ހުރި މައްސަލަތައް ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ފަރާތަކަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާންމު ހާލަތު ބެލުމަށްފަހު ފާހަގަ ކުރެވޭ ކަންތައްތައް ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި ދިމާވާ މައްސަލަތަކަށް ލަސްނުކޮށް އެކަށީގެންވާ ފިޔަވަޅޔތައް އަޅަންވާނެއެވެ.
11 ވަނަ މާއްދާ - މުވައްޒަފުން
(ހ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ނިސްބަތުން މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކުރުމަށް މަދުވެގެން 1:1:75 (ކޮންމެ ޖަލު އޮފިސަރަކަށް 1.75 ގައިދީން ނުވަތަ ބަންދު މީހުން) ރޭށިއޯއަށް ޖަލު އޮފިސަރުން ތިބެންވާނެއެވެ.
(ށ) ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޕްރިޒަން އެކަޑިމީ އިން ނުވަތަ ޕްރިޒަން އެކަޑަމީ އިން ގަބޫލުކުރާ ފެންވަރެއްގެ ކަމާގުޅޭ ތަމްރީނު ލިބިފައިވާ ބަޔަކަށް ވާންޖެހޭނެއެވެ. އަދި މުވައްޒަފުންނަކީ އެގޮތުގައި ދެމިތިބޭ ބަޔަކަށް ހެދުމަށްޓަކައި މެދުނުކެނޑި އެމީހުންނަށް ތަމްރީނު ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގަންވާނެއެވެ.
(ނ) ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބިދޭންޖެހޭ އެންމެހައި ހައްގުތަކާއި އިނާޔަތްތައް ލިބިދޭން ޖެހޭނެއެވެ.
12 ވަނަ މާއްދާ - ރެކޯޑް ބެލެހެއްޓުން
(ހ) ކޮންމެ ޖަލަކުންވެސް އެޖަލެއްގައި ބަންދުކޮށްފައި ތިބޭ މީހުންގެ ރަޖިސްޓަރީއެއް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން އެރަޖިސްޓަރީގައި އެންމެ މަދުވެގެން އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.
- ޖަލުގައި ބަންދުކުރެވޭ މީހާގެ ފުރިހަމަ މައުލޫމާތު؛
- ބަންދުކުރެވިފައިވާ ސަބަބާއި، މުއްދަތު އަދި އެކަމަށް އަމުރު ކުރިފަރާތް؛
- ބަންދު ކުރެވުނު ތާރީހާއި، ގަޑި؛
- އެމީހެއްގެ ސަލާމަތީ ގިންތީގެ ދަރަޖަ؛
- އެމީހެއްގެ ހުކުމާ ބެހޭ މައުލޫމާތު؛
- އެމެޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ގުޅާނެ ފަރާތެއްގެ މައުލޫމާތު؛
- އެމީހެއްގެ އަތުން އަތުލެވޭ ޖަލަށް ވެއްދުން މަނާ ތަކެތި؛
- ގޮޅި ބަދަލުކުރެވުނު ގޮތުގެ ތަފުސީލު؛
- އެމީހަކީ ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ މީހެއްނަމަ އެކަން އަދި ޕެރޯލަށް ހުށަހަޅަންޖެހޭ ތާރީހު؛
- ޖަލުން ދޫކޮށްލެވޭނެ ތާރީހު؛
- ޖަލުން ނެރެ ވެއްދުނު ގޮތުގެ ތަފުސީލު؛
- އެމީހެއްގެ ކުރީގެ ކުށުގެ ރެކޯޑް؛ އަދި ޖަލުގައި ކުރާ ކުށުގެ ރެކޯޑް؛
- ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމީހަކާމެދު އަޅާފައިވާ ފިޔަވަޅުތައް؛
- އެމީހަކާ ހަވާލު ކުރެވޭ ތަކެތި؛
- އެމީހަކަށް ދެވޭ ސިއްހީ ފަރުވާގެ މައުލޫމާތު؛
- ޖަލުގައި އަދާކުރާ ވަޒީފާގެ މައުލޫމާތު؛
- ފޯނުކޯލާއި ދެވޭ ބައްދަލުވުންތަކުގެ މައުލޫމާތު؛
- އެމީހަކަށް ކަނޑައެޅިފައިވާ ޕްރޮގްރާމްތަކާ، އެމީހަކު ބައިވެރިވާ ޕްރޮގްރާމްތަކާބެހޭ މައުލޫމާތު.
- އެމީހަކު ޖަލުގައި ބަންދުކުރެވުނުއިރު ހުރި ސިއްހީ ހާލަތު؛
(ށ) ޖަލުގައި ބަންދުކޮށްފައި ހުންނަ ކޮންމެ މީހަކަށްވެސް ޕާސަނަލް ރެކޯޑް ފައިލަކާއި މެޑިކަލް ރެކޯޑް ފައިލެއް ތައްޔާރުކޮށް، އެފައިލް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބަލަހައްޓަންވާނެއެވެ.
(ނ) ޕާސަނަލް ރެކޯޑް ފައިލުގައި އެންމެ މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުންނަންވާނެއެވެ.
- ޖަލުގައި ބަންދު ކުރުމުގެ އަމުރު ނުވަތަ އެކަމަށް ހުއްދަ ދީފައިވާ ޗިޓު؛
- ކޮށްފައިވާ ހުކުމްތަކުގެ ތަފުސީލު؛
- ކުށުގެ ރެކޯޑް؛
- އަންގާ އެކި އެންގުންތަކާއި ގަވާއިދާ ހިލާފުވެގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ލިޔުންތައް؛
- ގައިދީ ފޮނުވާ ސިޓީތަކާއި އޭނާއަށްދޭ ޖަވާބުތަކުގެ ކޮޕީތައް؛
- ގައިދީގެ ފޮޓޯ؛
- ގައިދީގެ އައިޑީ ކާޑުގެ ކޮޕީ؛
- އެކިއެކި ބޭނުންތަކަށް ގައިދީ ވަގުތީ ގޮތުން ޖަލުން ނެރެ ވެއްދުމަށް ހުއްދަ ދީފައިވާ ޗިޓު؛
- ގައިދީއާ ގުޅޭ އެހެނިހެން މުހިންމު މައުލުމާތާއި ލިޔުންތައް؛
- ގައިދީ ކުރާ ޖަލުކުށާބެހޭ މައުލޫމަތުގެ ކޮޕީ.
(ރ) މެޑިކަލް ރެކޯޑް ފައިލްގައި އެންމެ މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުންނަންވާނެއެވެ.
- ގައިދީ ފުރަތަމަ ޖަލަށް ގެނެވޭ ވަގުތު އެމީހެއްގެ ބަލި ހާލަތާ ގުޅޭ ގޮތުން ފުރާފައިވާ މެޑިކަލް ސްކްރީނިންގ ފޯމުގެ އޮޕީ؛
- ގައިދީޢަށް ސިއްހީ ފަރުވާ ދިނުމުގެ ކަންތައް ކުރިއަށް ގެންދެވޭ ގޮތުގެ ތަފުސީލު؛
- ގައިދީގެ ބޭސް ސިޓީތަކާއި ރިފަރތަކާއި ޓެސްޓް ރިޕޯޓުތަކާއި މިނޫންވެސް ގައިދީގެ ސިއްހީ ފަރުވާއާ ގުޅޭ އެންމެހައި ލިޔެ ކިޔުންތައް؛
- ގައިދީއަށް ބޭސް ދެވުނު ގޮތުގެ ތަފުސީލު؛
- ގައިދީއަށް ދިނުމަށް ޑޮކްޓަރ ހަމަޖައްސާ ބަލި ކޮއްތުގެ ތަފުސީލު؛
- ގައިޑީގެ ބަލި ހާލަތަށްޓަކައި އޭނާއާ ހަވާލު ކުރެވޭ ނަންބަރު އައިނު، ފަދަ ތަކެތި ހަވާލު ކުރިކަމުގެ ލިޔުން.
(ބ) ޖަލުގައި ތިބޭ މީހުންގެ ޕާސަނަލް އަދި މެޑިކަލް ރެކޯޑް ފައިލްތައް ބަހައްޓަންވާނީ ތަޅުލެވޭ ރައްކާތެރިތަނެއްގައެވެ.
(ޅ) ޖަލުގައި ތިބޭ މީހުންގެ ޕާސަނަލް އަދި މެޑިކަލް ރެކޯޑް ފައިލްތަކުގައިވާ އެއްވެސް މައުލޫމާތެއް، އެމީހަކަށް ނުވަތަ އެމީހަކު ކަނޑައަޅާ ވަކި ފަރާތަކަށް ނުވަތަ ސަރުކާރުގެ ކަމާގުޅޭ އިދާރާއަކަށް މެނުވީ އެހެން އެއްވެސް ފަރާތަކަށް އެމައުލޫމާތެއް ހާމަ ކުރުމަކީ މަނާކަމެކެވެ.
(ކ) ޖަލަށް ވަދެނިކުމެހަދާ އެންމެހައި ފަރާތްތަކުގެ މައުލޫމާތު ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(އ) ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ ކޮންމެ ޔުނިޓެއްގައިވެސް އެޔުނިޓެއްގައި ހިނގާ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް، އެތަނެއްގައި ލިޔެ ބަހައްޓަންވާނެއެވެ. މިގޮތުން އެންމެ މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް އެކަމެއް ހިނގާ ވަގުތެއްގައި ލިޔެ އެފޮތް އަޕްޑޭޓްކޮށް ބަހައްޓަން ވާނެއެވެ.
- ޑެޕިއުޓީ އަދާ ކުރާ ގަޑި އާއި ތާރީހް؛
- ޑިއުޓީއާ ހަވާލުވޮ އޮފިސަރުންގެ ނައްތައް؛
- ޑިއުޓީއާ ހަވާލުވިއިރު ޔުނިޓުގައި ނުވަތަ ގޮޅިތަކުގައި މީހުން ތިބި އަދަދު؛
- ގޮޅިން ނެރެ ވައްދާ މީހުންގެ މައުލޫމާތު (ގޮޅިން ނެރޭ މީހާގެ މަނާއި އެޑްރެސް، ގޮޅިން ނެރެވުނު ބޭނުން، ގޮޅި ނަންބަރާއި ގޮޅިން ނެރުނު ގަޑި، ގޮޅިން ނެރުމަށްފަހު އެމީހަކު ހަވާލު ކުރެވުނު އޮފިސަރުގެ ނަން، އެމީހަކު އަނބުރާ ގޮޅިއަށް ދެއްދުނު ގަޑިއާއި އެމީހަކު ގޮޅިއަށް ވައްދަން ގެނައި އޮފިސަރުގެ ނަން)؛
- ގައިދީންނާއި ގޮޅިތަކާއި ވިންގްތައް އަދި ޔާރޑް ސާރޗް ކުރުމާ ބެހޭ އެންމެހައި މައުލޫމާތުތައް؛
- ޔުނިޓްގައި ތިބޭ މީހުން ހިންގާ ހަމަނުޖެހުންތަކާއި ކުރާ ގަވާއިދާ ހިލާފު ކަންތައްތަކާ ބެހޭ އެންމެހައި މައުލޫމާތުތައް؛
- ޔުނިޓުގައި ކުރިއަށް ގެންދެވޭ ހަރަކާތްތަކާ ބެހޭ މައުލޫމާތުތައް (ޔާޑަށް ނެރުން، ފޯން ކޯލް ދިނުން، ގައިދީންނާއި ބައްދަލު ކުރުން، ސެލް އިންސްޕެކްށަން ބޭއްވުން ފަދަ ކަންތައްތައް)؛
- ޔުނިޓަށް ޒިޔާރަތްކުރާ ފަރާތްތަކާބެހޭ މައުލޫމާތުތައް.
(ވ) ޖަލުގެ ކޮންޓްރޯލް ރޫމުން ޖަލުގައި ހިންގާ އެންމެހައި މޫވުމެންޓްތަކާއި ހިނގާ މުހިންމު ކަންތައްތައް ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(މ) ޖަލުގައި އެއްވެސް ހާދިސާއެއް ހިނަގައިފިނަމަ، އެކަމާގުޅޭ ހާދިސާ ރިޕޯޓު ތައްޔާރު ކުރަންވާނެއެވެ.
(ފ) ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތުތައް " މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.
13 ވަނަ މާއްދާ - ޖަލުގައި ތިބޭ މީހުން ހުށަހަޅާ ށަކުވާތައް ބެލުން
(ހ) ގައިދީންގެ ށަކުވާތަކާއި އެމީހުންބޭނުންވާ ކަންތައްތައް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.
(ށ) ގައިދީން ށަކުވާގެ ބާވަތާއި ކުޑަބޮޑުމިނަށާއި ކުރިން އެ ގައިދީއަކު ކޮށްފައިވާ އެ ނޫންވެސް ށަކުވާތަކަށް ބަލައި، ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ތިރީގައި ބަޔާން ކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލު ކުރެވިދާނެއެވެ.
- ށަކުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ކުރި ށަކުވާއެއް ނޫންކަމަށް އެކަށީގެންވާ ސަބަބުތަކާއެކު ގަބޫލުކުރެވޭނަމަ، އެ ށަކުވާއެއް އިތުރަށް ނުބަލައި އެ ގޮތަށް ނިންމިކަމަށް ޖަބާބުދިނުން.
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަކުވާ ފިޔަވައި އެހެން ކޮންމެ ށަކުވާއެއް އިތުރަށް ބަލައި ޖަވާބު ދިނުމާއި އަޅަންޖެހޭ ފިޔަވަޅު އެޅުން.
(ނ) ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރު އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ގައިދީއަކު ކުރި ށަކުވާތަކާއި އޭނާ ބޭނުންވި ކަންތައްތަކާއި އެކަމާބެހޭ ގޮތުން އެޅުނު ފިޔަވަޅުތައް ލިޔެ ބެލެ ހެއްޓުން؛
- ގައިދީއަކު ކުރި ށަކުވާތަކާއި އޭނާ ބޭނުންވި ކަންތައްތައް ބަލައި އެކަމާމެދު ނިންމި ގޮތެއް އޭނާއަށް 5 (ފަހެއް) ދުވަހުގެ ތެރޭގައި އެންގުން؛ އަދި
- ގައިދީއަކު ކުރި ށަކުވާ އަކީ އޭނާއަށް ޖިސްމާނީ އަނިޔާއެއް ލިބެގެންކުރި ށަކުވާ އެއްކަމަށްވާނަމަ އެކަމާބެހޭ ގޮތުން އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާ ވަގުތުން ދިނުމާއި ކޮމިށަނަރަށް ރިޕޯޓުކުރުން؛
(ރ) ހުށަހަޅާ ށަކުވާއަކާ ގުޅިގެން، އެކަން ބެލުމަށްފަހު ގާނޫނައި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
(ބ) ޖަލުގައި މީހުން ކުރާ ށަކުވާތަކާއި އެށަކުވާތަކާ ގުޅޭގޮތުން އެޅުނު ފިޔަވަޅުތައް ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
14 ވަނަ މާއްދާ - ޑައިރެކްޓަރ އޮފް ޕްރިޒަން ދިން ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އިނިސްޕެކްޓަރަށް އެކަން ހުށަހެޅުން
(ހ) ގައިދީއަކު ކުރި ށަކުވާއާމެދު ނުވަތަ ބޭނުންވި ކަންތަކާބެހޭ ގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޖަލު އޮފިސަރަކު އަމަލު ކޮށްފައިވާ ގޮތާބެހޭ ގޮތުން ހިތްހަމަ ނުޖެހޭނަމަ، އޭނާއަށް އެ މައްސަލަ އިނިސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅިދާނެއެވެ. މިފަދަ ހާލަތްތަކުގައި އެކަން އިނިސްޕެކްޓަރަށް އެންގޭނެ މަގު ޑައިރެކްޓަރ އޮފް ޕްރިޒަން ތަނަވަސްކޮށްދެންވާނެއެވެ.
(ށ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގަލި ބަލައި ފާސްކުރަމުން ގެންދާ ވަގުތެއްގައި ގައިދީއަކަށް އޭނާގެ ށަކުވާ ސީދާ އިންސްޕެކްޓަރަށް ހުށަހެޅިދާނެއެވެ.
15 ވަނަ މާއްދާ - އިންސްޕެކްޓަރ ށަކުވާ އަޑުއަހައި ގޮތެއްނިންމުން
(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ހާލަތުގައި އިންސްޕެކްޓަރ އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ށަކުވާ ކުރާ ގައިދީއާ ސުވާލުކޮށް، އެކުރާ ށަކުވާ ނުވަތަ ބޭނުންވާ ކަމެއް އޮޅުން ފިލުވުން؛
- ގައިދީ ކުރި ށަކުވާއާ ބެހޭ ގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަންއާ ވާހަކަދައްކައި އެއީ ސައްހަ ށަކުވާއެއްނަމަ އެކަމަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުން.
(ށ) މި މަޢްދާގެ (ހ) ގެ (2) ގައިވާ ގޮތުގެ މަތިން ގައިދީއަކު ކުރާ ށަކުވާއެއް ވާހަކަ ދައްކައިގެން ހައްލު ނުކުރެވިއްޖެ އެކަން ކޮމިށަނަރަށް ހުށަހެޅިދާނެއެވެ.
16 ވަނަ މާއްދާ - ޖަލަށް ބޭނުންވާ ތަކެތި ހޯދުން
(ހ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި ޖަލު ހިންގުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ކޮންމެ ޖަލެއްގައިވެސް ގާއިމުކޮށްފައި ހުންނަންވާނެއެވެ.
(ށ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި ޖަލު ހިންގާ ބެލެހެއްޓުމަށްޓަކައި ބޭނުންވާ އެންމެހައި ތަކެޓީގެ ސްޓޮކެއް، އެކަށީގެންވާ އަދަދަކަށް ކޮންމެ ޖަލެއްގައިވެސް ހުންނަންވާނެއެވެ.
(ނ) ޖަލަށް ބޭނުންވާ ތަކެތި ހޯދާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހެޑްކުއާޓާ މެދުވެރިކޮށެވެ.
(ރ) ޖަލުގައި ހުންނަ ސްޓޮކާއި ހަރުމުދާ ކަމާގުޅޭ ގަވާއިދުތަކާއު އުސޫލުތަކާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.
17 ވަނަ މާއްދާ - އިމާރާތްތަކާއި ތަކެތި ބެލެހެއްޓުން
ޑައިރެކްޓަރ އޮފް ޕްރިޒަން، ޖަލުގައި ހުންނަ އެންމެހައި އިމާރާތްތަކާއި އެއްގަމުގައާއި ކަނޑުގައި ދުއްވާ އުޅަނދުތަކާއި އެނޫންވެސް ތަކެތި ގަވާއިދުން މަރާމާތުކޮށް ބަހައްޓަންވާނެއެވެ.
18 ވަނަ މާއްދާ - ޖަލުގައި ޑިއުޓީ ކުރުން
(ހ) ކޮންމެ ޖަލެއްގައިވެސް ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖަލު ތެރޭގައާއި ޖަލު ވަށައިގެން ޑިއުޓީ ޕޮއިންޓްތައް ގާއިމުކޮށް އެތަންތަނުގައި 24 ގަޑިއިރު ޑިއުޓީއަށް މީހުން ބައިތިއްބަންވާނެއެވެ.
(ށ) ކޮންމެ ޑިއުޓީއެއްގައިވެސް ޖަލުގައި ހިނގާ ކަންތައްތައް މޮނީޓަރކޮށް ސްޕަވައިޒް ކުރުމަށްޓަކައި އޮފަސަރ އިންޗާޖެއް ހުންނަންވާނެއެވެ.
(ނ) ކޮންމެ ޑިއުޓީއެއް ފެސުމުގެ ކުރިން އެ ޑިއުޓީއަކަށް ހާޒިރުވާ މުވައްޒަފު ފޯލިންގކޮށް، އެމީހުންގެ އިންސްޕެކްށަން ބާއްވައި، ކުރަންޖެހޭ މަސައްކަތްތައް އޮޅުންފިލުވައިދީ، މަސައްކަތާ ގުޅޭގޮތުން އަންގަންޖެހޭ އެނޫންވެސް އެންގުންތައް އަންގަންވާނެއެވެ.
19 ވަނަ މާއްދާ - ސެކިއުރިޓީ ނިޒާމު ބެލެހެއްޓުން
(ހ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި "ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ޖަލުގައި އަމަލުކުރަންވީގޮތާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރަންވާނެއެވެ.
(ށ) ޖަލުގެ ސެކިއުރިޓީ ނިޒާމުގައި އެއްވެސް މައްސަލައެއް ހުރިތާ ގަވާއިދުން ޑައިރެކްޓަރ އޮފް ޕްރިޒަން ބަލަންވާނެއެވެ. އަދި އެފަދަ މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަމެއް ވަގުތުން ހައްލު ކުރަންޖެހޭނެއެވެ.
20 ވަނަ މާއްދާ - އެމެޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް
(ހ) ޖަލުގައި އެމެޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، އަމަލު ކުރާނެ ގޮތުގެ ސްޓޭންޑާޑް އޮޕަރޭޓިންގ ޕްރޮސީޖަރއެއް، ކޮމިށަނަރ އޮފް ޕްރިޒަންސްގެ ލަފައާއެކު ޑައިރެކްޓަރ އޮފް ޕްރިޒަން ތައްޔާރުކޮށް، އެކަން ޖަލުގައި ތިބޭ މީހުންނަށާއި މުވައްޒަފުންނަށް އޮޅުން ފިލުވައިދޭންވާނެއެވެ.
(ށ) ޖަލުގައި އެމެޖެންސީ ހާލަތެއް ދިމާވެގެން ކުއްލި ހާލަތު އިއުލާން ކޮށްފިނަމަ، ޖަލުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ވަގުތުން ޖަލު ސަރަހައްދަށް ހާޒިރުވާން ޖެހޭނެއެވެ.
21 ވަނަ މާއްދާ - ޖަލު އެލާޓް ކުރުން
(ހ) ޖަލުގައި ބޮޑު އޮޕަރޭށަނެއް ހިންގުމަށް ނުވަތަ ޖަލުގައި ދިމާވާ ކުއްލި ހާލަތަކާ ގުޅިގެން ނުވަތަ އެނޫންވެސް އެފަދަ ހާލަތެއް މެދުވެރިވެގެން ޖަލު އެލާޓް ކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.
(ށ) ޖަލު އެލާޓް ކުރާނަމަ، އެކަމާގުޅޭ އެންގުމެއް ޑައިރެކްޓަރ އޮފް ޕްރިޒަން ނެރެންވާނެއެވެ. އަދި ޖަލު އެލާޓްކުރިކަން ކޮމިށަނަރ އޮފް ޕްރިޒަންސް އަށް އަންގަންވާނެއެވެ.
(ނ) ޖަލު އެލާޓް ކޮށްފިނަމަ، ޖަލުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ތިބެންވާނީ ޖަލު ސަރަހައްދު ތެރޭގައެވެ. އަދި އެއްވެސް މުވައްޒަފަކަށް ޖަލު ސަރަހައްދުން ބޭރަށް ދެވޭނީ ޒަރޫރީ ބޭނުމަކަށް ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
ކިޔުންތެރިންގެ ހިޔާލު