-

ގައިދީންގެ ނުވަތަ ބަންދު މީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 134/2015) 

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2022-183 ގެ 11 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، ޖަލުގައި ބަންދުކުރެވޭ މީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެ ގޮތް ބަޔާންކުރުމަށާއި، މީހަކު ޖަލުގައި ބަންދުކުރެވޭ ހިނދު، އޭނާގެ އަތުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއްވާނަމަ، އެ އެއްޗަކާމެދު އަމަލުކުރަންވީ ގޮތް ބަޔާންކުރުމަށް ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 54 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "ގައިދީންގެ ނުވަތަ ބަންދު މީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޖަލަށް ގެނެވޭ ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުން ތަކެތި އަތުލެވޭނެ އުސޫލުތަކާއި، އަތުލެވޭ ތަކެތީގެ ތެރެއިން، އާއިލާއާ ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ތަކެތި އަތުލުވުމުގައި އަމަލު ކުރަންވީ ގޮތް

(ހ) ގައިދީން ނުވަތަ ބަންދުމީހުން ޖަލުގައި ބަންދުކުރެވޭ ހިނދު، އެމީހުންގެ އަތުގައި ހުންނަ ގާނޫނާއި ގަވާއިދާ ހިލާފު ތަކެއްޗާއި، ޖަލަށް ވެއްދުން މަނާ ތަކެތި އެމީހެއްގެ އަތުން އަތުލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ޖަލަށްވެއްދުން މަނާ ތަކެތި ކަމުގައި ބުނެފައި އެވަނީ، ޖަލުގެ ސެކިއުރިޓީ ނިޒާމަށް ބުރޫއަރާފަދަ ކޮންމެ އެއްޗަކާއި، ޖަލުގެ އަމަންއަމާން ކަމަށް ނުރައްކާވެދާފަދަ ކޮންމެ އެއްޗަކާއި، ޖަލުގެ އިމާރާތް، ކުރެވިފައިވާ ގޮތަށް ބަދަލު ގެނެވިދާނެ ކޮންމެ އެއްޗަކާއި، ކުށްވެރިޔާ ބޭނުންކުރަން ގެންގުޅޭ ތަކެތީގެ ތެރެއިން ތަނުގެ ސޭފްޓީއަށް ނުރައްކާ ކުރުވިދާނެފަދަ ކޮންމެ އެއްޗެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތަކެތި އަތުލުމަށްފަހު، އޭގެ ތެރެއިން ގާނޫނުތައް ހުއްދަކުރާ، ނަމަވެސް ޖަލަށްވެއްދުން މަނާ ތަކެތި އަތުލިކަމުގެ ސްލިޕް ހަދައި އެސްލިޕް އެ ގައިދީއަކާ ނުވަތަ އެ ބަންދުމީހަކާ ވަގުތުން ހަވާލު ކުރަންވާނެއެވެ. މިގޮތުން ސްލިޕް ހަދަންވާނީ އެ މީހެއްގެ ހާޒިރުގައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސްލިޕްގައި ތަކެއްޗާ ހަވާލުވި ޕްރިޒަން އޮފިސަރާއި އެ ތަކެތީގެ ވެރި ފަރާތުގެ ނަމާއި ސޮއި އޮންނަންވާނެއެވެ.

 

7 ވަނަ މާއްދާ - އަތުލެވޭ ތަކެތި ސްލިޕްގައި ނޯޓު ކުރުމުގައި އަމަލު ކުރާނެ ގޮތް

(ހ) ގައިދީގެ ނުވަތަ ބަންދުމީހާގެ އަތުން އަތުލާ ކޮންމެ އައިޓަމެއްގެ ތަފުސީލު ވަކިވަކިން ލިޔެފައި އޮންނަންވާނެއެވެ.

(ށ) ކޮންމެ އެއްޗެއް ނޯޓު ކުރާއިރުވެސް އެއެއްޗެއް ހުރި/އޮތް ހާލަތެއް ނޯޓު ކުރަންވާނެއެވެ.

(ނ) އެއްޗެއް ނޯޓު ކުރާއިރު އެ އެއްޗެއް އުފައްދާފައިވަނީ ކޮން އެއްޗަކުންތޯ ނުވަތަ ކޮންކަހަލަ މައުދަނަކުންތޯ ބަޔާންކުރަންވާނެއެވެ. (މިސާލަކަށް: ލަކުޑި، ޕްލާސްޓިކް، ލޯ ނުވަތަ ފޮތި)

(ރ) އެއްޗެއް ނޯޓު ކުރާއިރު އެ އެއްޗެއްގެ ކުލައާއި އަދި ބްރޭންޑް އެނގޭނަމަ އެ ބްރޭންޑެއްވެސް ނޯޓުކުރަންވާނެއެވެ.

(ބ) އެއްވެސް ގަހަނާއެއް ނޯޓު ކުރާއިރު އެ ގަހަނާއަކީ ސީދާ ރަން ނުވަތަ ރިހި އެއްޗެއްގެ ގޮތުގައި ނޯޓް ކޮށްގެން ނުވާނެއެވެ. ނަމަވެސް އެފަދަ އެއްޗެއް ނޯޓު ކުރާނީ އެ ގަހަނާއެއްގެ ކުލައަށް ބަލާފައެވެ. މިސާލަކަށް: 01 އަގޮޓި (ރަންކުލައިގެ)، 01 ކެވެލި ކޮޅު (ރިހިކުލައިގެ)

(ޅ) ކޭޝްކާޑް، އައިޑީކާޑް، ކުރެޑިޓް ކާޑް ނުވަތަ ޕާސްޕޯޓް ފަދަތަކެތި ނޯޓު ކުރާއިރު، އެ ތަކެތީގައި ޖަހާފައިވާ ނަންބަރުވެސް ނޯޓު ކުރަންވާނެއެވެ.

(ކ) އެއްވެސް ފައިސާއެއް ނޯޓު ކުރާއިރު އެއީ ކޮންގައުމެއްގެ ފައިސާއެއްކަމާއި އަދި އަތުލި ފައިސާގެ އަދަދު ހިސާބު އަދަދުންނާއި ތާނައިން ނުވަތަ އިނގެރޭސި ބަހުން ލިޔަންވާނެއެވެ.

 

8 ވަނަ މާއްދާ - އަތުލެވޭ ތަކެތި ބެލެހެއްޓުން

(ހ) ގައިދީން ނުވަތަ ބަންދުމީހުންގެ އަތުން އަތުލެވޭ ހުރިހާ އެއްޗެއްވެސް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެއްޗާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

(ށ) ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުން އަތުލެވޭ ތަކެތި ރައްކާކޮށްފައިވާ ތަނަށް ވަދެވެންވާނީ ހަމައެކަނި އެތަނަށް ވަނުމުގެ ހުއްދަ ދީފައިވާ ނުވަތަ އެ މަސައްކަތާ ހަވާލުވެ ތިބި ފަރާތްތަކަށެވެ.

 

9 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ ހިލާފު ތަކެއްޗާމެދު އަމަލުކުރާނެ ގޮތް

ގައިދީން ނުވަތަ ބަންދުމީހުން ޖަލަށް ގެންނަ ހިނދު އެމީހެއްގެ އަތުން އަތުލެވޭ އެއްޗަކީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އެއްޗަކަށްވާނަމަ، އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި އެ އެއްޗެއް، ލިޔުމަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - އަތުލެވޭ ތަކެތި ހަވާލު ކުރުން

(ހ) ގައިދީ ނުވަތަ ބަންދުމީހާގެ އަތުން އަތުލާފައިވަ ޖަލަށް ވެއްދުން މަނާ ތަކެތި، އޭނާ ކަނޑައަޅާ ޒިންމާދާރު ބަދަލުވެރިއަކާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހަވާލު ކުރަންވާނެއެވެ. މިގޮތުން މީހަކު ކަނޑައަޅައިފިނަމަ ނުވަތަ އޭނާ ކަނޑައަޅާ ޒިންމާދާރު ބަދަލުވެރިއަކު އެ ތަކެއްޗާ ހަވަލުނުވެއްޖެނަމަ، އެ މީހަކު ޖަލުން ދޫކޮށްލާއިރު، އެ ތަކެތި އެ މީހަކާ ލިޔުމުން ހަވާލިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހުވެސް ގައިދީގެ ނުވަތަ ބަންދުމީހާގެ އަތުން އަތުލާފައިވާ އެއްޗެއް، އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިއަކާ ހަވާލުކުރަން ބޭނުންވެއްޖެނަމަ، އެ ތަކެތި އެފަރަތަކާ ހަވާލުކޮށްދިނުމަށް އެދި އެ ތަކެތީގެ ސްލިޕްގެ އަސްލާއެކު ސިޓީއެއް ހުށަހެޅުމުން އެ ތަކެތި އެފަރާތަކާ ހަވާލު ކުރެވިދާނެއެވެ. މިގޮތުން ހުށަހަޅާ ސިޓީގައި އެ ތަކެތި ހަވާލުކުރަންވީ ފަރާތުގެ ފުރިހަމަނަމާއި އެޑްރެހާއި އައި.ޑީ ކާޑުގެ ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ޖަހަންވާނެއެވެ. މީގެއިތުރުން އެ ސިޓީގައި އެ މީހެއްގެ ފިންގަރ ޕްރިންޓްވެސް ޖަހަންވާނެއެވެ.

(ނ) ގައިދީގެ ނުވަތަ ބަންދުމީހާގެ އަތުން އަތުލާފައިވާ، ޖަލަށް ވެއްދުން މަނާ ނުކުރާ ތަކެތި، އޭނާ ކަނޑައަޅާ ޒިންމާދާރު ދަލަދުވެރިއަކާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހަވާލު ކުރަންވާނެއެވެ. މިގޮތުން މީހަކު ކަނޑަނާޅައިފިނަމަ ނުވަތަ އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިއަކު އެ ތަކެއްޗާ ހަވާލިނުވެއްޖެނަމަ، އެ މީހަކު ޖަލުން ދޫކޮށްލާއިރު، އެ ތަކެތި އެ މީހަކާއި ލިޔުމުން ހަވާލު ކުރަންވާނެއެވެ.

 

އުވި ގަވާއިދު

ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-183)

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު