-

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1/2016)

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 144/2021 އިން އުވާލެވިފައި

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ހިދުމަތެއްގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގައި، އަމަލުކުރެވޭނެ ގަވާއިދެވެ. މި ގަވާއިދުގެ ނަމަކީ "އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހެދުމުގެ ބާރު

މި ގަވާއިދު ހެދުމަށް ބާރު ލިބިދެނީ ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިންނެވެ. 

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މައިގަނޑު މަގްސަދުތައް ތިރީގައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ ސަރަހައްދުތަކުގައި ކަނޑައެޅިފައިވާ އެއް ގަވާއިދެއްގެ ދަށުން، ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެއްސުން؛

(ށ) އާންމު ދަތުރުފަތުރުގެ ގޮތުގައި ކުރެވޭ ބަހުގެ ދަތުރަކީ ފަސިންޖަރުންނަށް ރައްކާތެރި އަމާން ދަތުރަކަށްހެދުން؛

(ނ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ލިބިގަންނަ ފަސިންޖަރުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ މަސްލަހަތު ރައްކާތެރިކުރުން؛

(ރ) އާންމު ހިދުމަތެއްގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގައި ބައިވެރިވާ އެކި ފަރާތްތަކުގެ ޒިންމާއާއި ވާޖިބުތައް ކަނޑައެޅުން.

 

4 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުން

ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދެވޭނީ، ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުމަކުން ހުއްދަ ދީފައިވާ ސަރަހައްދުތަކުގައެވެ. މިފަދަ ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ދިނުމަށް ހިދުމަތް ދޭ ފަރާތަށް އެކަމުގެ ލައިސަންސް ދޭނީ، އެ ސަރަހައްދެއްގައި ބަހުގެ ހިދުމަތް ދިނުމާބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސްއޫލިއްޔަތު ޓްރާންސްޕޯޓް އޮތޯރިޓީން ހަވާލުކޮށްފައިވާ، ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުންނެވެ. 

 

5 ވަނަ މާއްދާ - ބަހުގެ ހިދުމަތް ދިނުމާއި ހިދުމަތް ދިނުމަށް ހުށަހެޅުން

(ހ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދެވޭނީ ޓްރާންސްޕޯޓް އޮތޯރިޓީން އެކަމަށް ލައިސަންސް ދޫކުރާ ފަރާތްތަކަށެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރަންވާނީ BO, B2, B1 ގިންތީގެ އުޅަނދެވެ.

(ނ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބޭނުންކުރާ ބަސް، "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" ގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތެންވާނެއެވެ. 

(ރ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާން ކުރުމުން، އެކަމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ޕްރޮޕޯސަލެއް ހުށަހަޅަންވާނެއެވެ.

  1. ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ މައުލޫމާތު
  2. ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަން ހުރި މިންވަރު އެނގޭނެ ލިޔުން
  3. އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހުށަހަޅާ ގޮތުގެ ތަފުސީލު

 

6 ވަނަ މާއްދާ - ބަސް ދަތުރު ކުރާނޭ  މަގުތައް ކަނޑައެޅުން

(ހ) ބަހުގެ ހިދުމަތް ދޭ ސަރަހައްދުގައި ބަސް ދަތުރުކުރާނޭ މަގުތައް ކަނޑައަޅާނީއެ ސަރަހައްދެއްގައި ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތާއި، ހިދުމަތް ދޭ ފަރާތާ ދެމެދު މަށްވަރާ ކުރުމަށް ފަހު، ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅާ މަގުތަކާއި، އެ މަގުތަކަށް ބަދަލެއް ގެނެވިއްޖެނަމަ ގެނެވޭ ބަދަލުތައް، އެ ގޮތަށް އަމަލުކުރަން ފެށުމުގެ 1 މަސްދުވަހުގެ ކުރިން ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން، ހިދުމަތް ދޭ ފަރާތަށާއި ހިދުމަތް ލިބިގަންނަ ފަރާތަށް އަންގަންވާނެއެވެ. އަދި ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން މިކަން ހިދުމަތް ދޭ ފަރާތަށް އަންގަންވާނީ ލިޔުމުންނެވެ. އަދި މިކަން ހިދުމަތް ލިބިގަންނަ ފަރާތަށް އެންގުމަށްޓަކައި ހިދުމަތް ދޭފަރާތުން މި މައުލޫމާތު އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބަސްހުއްޓިތައް ހަދައި، ބެލެހެއްޓުން

(ހ) ބަހުގެ ހިދުމަތް ދޭ ސަރަހައްދުގައި ބަސް ހުއްޓާނޭ ބަސްހުއްޓިތައް ހަދާނޭ ތަންތަން ކަނޑައަޅާނީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ލަފަޔާއެކު އެ ސަރަހައްދެއްގައި ބަހުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ.

(ށ) ބަސް ހުއްޓާނޭ ބަސްހުއްޓިތައް ހަދައި ބަލަހައްޓާނީ، އެ ސަރަހައްދެއްގައި ބަހުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ.

(ނ) ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން ބަސްހުއްޓިތައް މަރާމާތުކޮށް އަދި ސާފުތާހިރުކޮށް ބަލަހައްޓަންވާނެއެވެ. 

(ރ)  ބަސްހުއްޓިތަކަށް ގެއްލުމެއް ލިބޭ ފަދަ އަދި އެ ތަންތަނުގެ ސާފުތާހިރުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް، އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - ބަސް ރަޖިސްޓަރީކުރުން

ހިދުމަތް ދޭ ފަރާތުން ބަހުގެ ހިދުމަތް ދޭންވާނީ ހިދުމަތް ދިނުމަށް ބޭނުން ކުރާ ބަސް، "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު" ގައި ކަނޑައަޅާފައިވާ ގޮތަށް، މި ފަދަ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު ރަޖިސްޓަރީ ކޮށްގެންނެވެ.

 

9 ވަނަ މާއްދާ -  ބަހުގައި ގާއިމުކުރަންޖެހޭ  ބައެއް ނިޒާމު 

(ހ) ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި އަލިފާންނިވި ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި ބަހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ ކަމުން ސަލާމަތްވުމަށްޓަކައި ފިޔަވަޅުއެޅޭނެ ނިޒާމެއް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ގަބޫލުކުރާ މިންވަރަށް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ށ)  ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި، އަވަސްފަރުވާގެ ހިދުމަތް ދިނުމަށް ބޭނުންވާ ފުރަތަމައެހީގެ ތަކެތި، ބޭނުންކުރެވޭގޮތަށް އަބަދުވެސް ހުންނަން ވާނެއެވެ.

(ނ) ބަހުގެ ހިދުމަތް ލިބިގަންނަން ބޭނުންވާ 65 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިހްސާސްކުރަން ޖެހިފައިވާ މީހުންނަށްވެސް، ފަސޭހަކަމާއެކު ބަހަށް އަރައި ފޭބުމާއި، ބަހުގައި އިށީނދެ ތިބެވޭނޭ އިންތިޒާމު، ބަހުގައި ހަމަޖައްސާފައި ހުންނަންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ މީހުން، ބަހަށް އަރައި ފޭބުމާއި، އިށީނދެ ތިބުމުގައި، ބަސް ޑްރައިވަރު ނުވަތަ ޑްރައިވަރުގެ އެހީތެރިޔާ އެހީތެރިވެދޭންވާނެއެވެ. 

 

10 ވަނަ މާއްދާ -  ޑްރައިވަރާއި އެހީތެރިޔާ

(ހ) ބަސް ދުއްވާ ޑްރައިވަރަކީ، ބަސް ދުއްވުމުގެ ކެޓަގަރީގެ ޑްރައިވިންގ ލައިސަންސްގެ އިތުރުން އާންމު ދަތުރުފަތުރުގެ ގޮތުގައި ބަސް ދުއްވުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފައިވާ ދިވެއްސަކަށް، ނުވަތަ ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ، ދިވެހި ދައުލަތުގެ ރެސިޑެންޓް ވިސާ ލިބިފައިވާ ބިދޭސީއަކަށް ވާންވާނެއެވެ.

(ށ) ބަސް ދުއްވާ ޑްރައިވަރަކަށް އާންމު ދަތުރުފަތުރުގެ ގޮތުގައި ބަސް ދުއްވުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާނީ، އެ މީހެއްގެ ކުށުގެ ރިކޯޑެއް އޮތްތޯ ބަލައި، ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި ޕޮލިހުގައި ޖިނާއީ ކުށެއްގެ ރިކޯޑެއް ނެތްނަމައެވެ.

(ނ)  (ނ) ބަހުގެ ހިދުމަތް ދޭ އިރު ބަހުގައި އެހީތެރިޔަކު ހުންނަނަމަ، އެހީތެރިޔާއަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް، ނުވަތަ ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ ދިވެހި ދައުލަތުގެ ރެސިޑެންޓް ވިސާ ލިބިފައިވާ ބިދޭސީއަކަށް ވާންވާނެއެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ޕޮލިސް ރިކޯޑެއް ނެތް މީހެއް ކަމުގައި ވާންޖެހޭނެއެވެ.

(ރ) ބަހުގައި ހިދުމަތް ދިނުމަށް ތިބޭ ޑްރައިވަރާއި އެހީތެރިޔާ، ހިދުމަތް ދިނުމުގައި، ފަސިންޖަރުންނާ މުއާމަލާތް ކުރަންވާނީ އިހުތިރާމާއެކު ރަނގަޅަށެވެ.  

(ބ)  ބަހުގައި ހިދުމަތް ދިނުމަށް ތިބޭ ޑްރައިވަރާއި އެހީތެރިޔާ، ހިދުމަތް ދިނުމުގައި މި ނަންބަރުގެ (ރ) ގައިވާ ގޮތުގެމަތިން، ފަސިންޖަރުންނާ މުއާމަލާތް ކުރަން ރަނގަޅަށްތޯ، ހިދުމަތްދިނުމަށް ލައިސަންސް ދޭ ފަރާތުން ބަލަންވާނެއެވެ.

 

11 ވަނަ މާއްދާ - ހިދުމަތުގެ އަގު ކަނޑައެޅުން

(ހ)  ބަހުގެ ހިދުމަތް ދިނުމުގައި ހިދުމަތަށް ނަގާ އަގު ކަނޑައަޅާނީ ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތާއި ހިދުމަތް ދޭ ފަރާތާ ދެމެދު މަށްވަރާކުރުމަށްފަހު، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅާފައިވާ އަގު ނަގަންވާނީ ޓްރާންސްޕޯޓް އޮތޯރިޓީން  ހުއްދަ ލިބިގެންނެވެ.

 

12 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތުން ބަހަށް އަރުވާ އަތްދަބަހާއި ކޮތަޅު އަދި ލަގެޖް ފަދަ ތަކެތި

(ހ) ހިދުމަތް ލިބިގަންނަ ފަރާތުން ބަހަށް އަރުވާ ވީލްޗެއަރ، ކުޑަކުދިންގެ ޕްރޭމް، އަތްދަބަސް ފަދަ ތަކެއްޗަށް އިތުރު ފީއެއް ނެގުމަކީ މަނާކަމެކެވެ.

(ށ) ހިދުމަތް ލިބިގަންނަ ފަރާތެއްގެ އަތުގައި އޮންނަ، އެކުގައި ދަތުރުކުރާ އެހެން ފަރާތަކަށް އުނދަގޫނުވާ ވަރުގެ ކުދި އަތްދަބަހާއި ކޮތަޅު ފިޔަވައި، ބަހަށް އަރުވާ އަތްދަބަހާއި ކޮތަޅު ފަދަ ތަކެތި ބަހައްޓަންވާނީ އެފަދަ ތަކެތި ބަހައްޓަން ބަހުގައި ކަނޑައަޅާފައި ހުންނަ ވަކި ތަނެއްގައެވެ. ނުވަތަ އެ އެއްޗެ ްއ ބެހެއްޓުމުން ފަސިންޖަރުންނަށް އުނދަގޫނުވާ ފަދަ ތަނެއްގައެވެ. މިގޮތުން ކޮންމެ ފަސިންޖަރަކު އުފުލާ ލަގެޖުގެ ބަރުދަން ޖުމުލަ 30 ކިލޯއަށް ވުރެ ވުރެވެގެން ނުވާނެއެވެ. 

 

13 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތަށް އެނގެން ބޭނުންވާނެ މައުލޫމާތު އެންގުން 

ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން ބަހުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް މި މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި މައުލޫމާތުތައް ރަނގަޅަށް އެނގޭނޭ އިންތިޒާމު ހަމަޖައްސަންވާނެއެވެ. 

(ހ) ބަސް ދަތުރު ކުރާގޮތުގެ ތާވަލު (ގަޑިތައް އެނގޭގޮތަށް ކަނޑައަޅާފައިވާ)

(ށ) ބަސްދަތުރަށް ނަގާ އަގު

(ނ) ބަހަށް އެރޭ ފަސިންޖަރުންގެ އަދަދު

(ރ) ބަސް ދަތުރު ކުރާނެ މަގު

(ބ) ބަސްހުއްޓިތައް ހުންނަ ތަންތަން  

 

14 ވަނަ މާއްދާ - ބަސް ދުއްވުން

(ހ) ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު ދުއްވަންވާނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ބަސް ދުއްވާފައި ދާއިރު، ބަހަށް މީހުން އަރައި ފޭބުމަށް ބަހުގައި ހުންނަ ހުރިހައި ދޮރުތައް ހުންނަންވާނީ ލައްޕާފައެވެ. 

 

15 ވަނަ މާއްދާ - ފަސިންޖަރުންގެ އަދަދު

ބަހުގައި މީހުން އުފުލަންވާނީ އެ ބަހެއްގައި ފަސިންޖަރުން އުފުލުމަށް އެ ބަހެއްގެ ރަޖިސްޓަރީގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ނުވާގޮތަށެވެ. 

 

16 ވަނަ މާއްދާ - ހިދުމަތް ބޭނުންވާ މީހުންނަށް ހިދުމަތް ރޯކޮށްދިނުން

ބަހުގައި ދަތުރުކުރާ މީހުން އިތުރުވާ ވަރަކަށް ހިދުމަތް ދޭ ފަރާތުން، ހިދުމަތް ދިނުމަށް ބޭނުން ކުރާ ބަހުގެ އަދަދު އިތުރުކޮށް، ބަހުގެ ހިދުމަތް ބޭނުންވާ މީހުންނަށް ހިދުމަތް ރުކޮށްދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ހިދުމަތް މެދުކެނޑުން

އެއްވެސް މައްސަލައެއް ދިމާވެގެން ބަހުގެ ހިދުމަތް މެދުކެނޑިއްޖެނަމަ، އެ މައްސަލައެއް ދިމާވިތާ ލަސްވެގެން 30 މިނިޓުގެ ތެރޭގައި ހިދުމަތް ލިބިގަންނަ ފަރާތަށް އެކަން އެނގޭނެ އިންތިޒާމު، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން، ހަމަޖައްސަންވާނެއެވެ. އަދި މިގޮތުން އަންގާ އެންގުމުގައި، އަލުން ބަހުގެ ހިދުމަތް ފެށޭނެ ވަގުތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. 

 

18 ވަނަ މާއްދާ - ބަހުގައި ވިޔަފާރީގެ މުއާމަލާތް ކުރުން

ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި ފަސިންޖަރުން، އެއްވެސް އެއްޗެއް ގަނެ، ވިއްކައި ހެދުމަކީ މަނާކަމެކެވެ.

 

19 ވަނަ މާއްދާ - ބަހުގެ ސާފުތާހިރުކަން

ހިދުމަތް ދޭ ފަރާތުން ބަހުގެ ބޭރާއި އެތެރެ ސާފުތާހިރުކޮށް ބަލަހައްޓަންވާނެއެވެ.  

 

20 ވަނަ މާއްދާ - ބަހުގެ ވެށީގެ ރައްކާތެރިކަމާއި ހިތްހަމަޖެހުން ދެމެހެއްޓުން

(ހ) މަގުމަތީގައި ބަސް ދުއްވާފައި ދާއިރުގައާއި، ބަސްހުއްޓިއެއްގައި ބަސް މަޑުކޮށްފައި އޮންނައިރު، ބަހުގެ ހިދުމަތަށް ހުރަސްއެޅޭގޮތަށް އެއްވެސް މީހަކު އަދި އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.

(ށ) ފަސިންޖަރުން ބަހަށް އަރައި ފައިބާއިރު އަދި ބަހުގައި ދަތުރު ކުރަމުންދާއިރު، ބަސް ދުއްވަން އިންނަ ޑްރައިވަރަށް އުނދަގޫވާ ފަދަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ނ) ބަހުގައި ދަތުރުކުރާ ފަސިންޖަރުން އެކަކު އަނެކަކަށް އުނދަގޫކޮށް، ބަހުގެ ތެރޭގައި މަސްލަހަތު ގެއްލޭ ފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ. 

(ރ) ބައިލްފޯނު، ނުވަތަ އަަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލާތެއް (ރޭޑިޔޯ، ކެސެޓް ޕްލޭޔަރ، ސީޑީ ޕްލޭޔަރ، ޓީވީ، އެމްޕީ 3 ޕްލޭޔަރ، ޑީވީޑީ ޕްލޭޔަރ ނުވަތަ މިނޫން ވެސް މި ބާވަތުގެ އެހެން އެއްވެސް އެއްޗެއް) ބަހުގައި ދަތުރުކުރާ ފަސިންޖަރުން ބޭނުންކުރަން ވާނީ، ހެޑްފޯނު ބޭނުންކޮށްގެން އަޑުއަހާ ގޮތަށެވެ. ނުވަތަ ދަތުރުކުރާ އެހެން ފަސިންޖަރުންނަށް އުނދަގޫނުވާ ގޮތުގެ މަތީންނެވެ.

(ބ) އިމަރޖެންސީ ހާލަތެއްގައި މެނުވީ، ބަސްހުއްޓިއަކުން ނޫން އެހެން އެއްވެސް ތަނަކަށް ބަސް ހުއްޓައިގެން ބަހަށް މީހުންއަރުވައި ބޭލުމަކީ މަނާކަމެކެވެ.  

(ޅ) ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކުގެ އެއްވެސް ތަނެއްގައި، ބަހުގެ ހިދުމަތް ދޭ ފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު، އެއްވެސް ބާވަތެއްގެ އެއްޗެއް ލިޔެ، ކުރަހައި، ޕޯސްޓަރު ތަތްކޮށް ނުވަތަ ހަރުކޮށްގެން ނުވާނެއެވެ. 

(ކ)  ބަހުގެ އެތެރެއާއި ބޭރު ހަޑިވާ ފަދަ އެއްވެސް އަމަލެއް، އަދި ބަހަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް އަމަލެއް ހިދުމަތް ލިބިގަންނަ ފަރާތުން ކޮށްގެން ނުވާނެއެވެ. 

(އ) ބަހުގެ އެތެރޭގައާއި ބަސްހުއްޓީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. 

 

21 ވަނަ މާއްދާ - ސްކޫލް ބަސް 

ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ވަކި ބަހެއް ދުއްވިދާނެއެވެ. މިގޮތަށް ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ވަކި ބަހެއް ތައާރަފު ކުރާނަމަ، މި ގަވާއިދުގައި ކަނޑައަޅާފައިވާ އާންމު މިންގަނޑުތަކުގެ އިތުރަށް މި ގަވާއިދުގެ 22 ވަނަ މާއްދާއިން 26 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރަން ވާނެއެވެ. 

 

22 ވަނަ މާއްދާ - ސްކޫލް ބަސް ދަތުރުކުރުން

ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ވަކި ބަހެއް ދުއްވާނަމަ، ސްކޫލް ބަހެއްކަން އެނގޭ ފަދަ ނަން ބޯޑެއް ފަސޭހަކަމާއެކު ފެންނަގޮތަށް ބަހުގައި ހަރުކުރެވިފައި ހުންނަން ވާނެއެވެ. އަދި ސްކޫލުތަކާ ވީހާވެސް ކައިރިއަށް ބަސް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މިކަންތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭށަންގެ މަށްވަރާއާއެކުގައެވެ. 

 

23 ވަނަ މާއްދާ - ސްކޫލް ކުދިން ބަހަށް އެރުވުމާއި ބޭލުން

ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް، މި މާއްދާގައި ބަޔާންކޮށްފައިވާ މަައުލޫމާތު، މިނިސްޓްރީ އޮފް އެޑިއުކޭށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން ހިދުމަތްދިނުމުގެ ލައިސަންސް ދޭ ފަރާތުން ސްކޫލުތަކަށާއި ބެލެނިވެރިންނަށް އަންގަން ވާނެއެވެ. 

(ހ) ސްކޫލް ކުއްޖެއްކަން އަންގައިދޭ ފޮޓޯޖެހި ކާޑުއޮތުން. 

(ށ) ބަސް ދަތުރުކުރާ ރޫޓާއި ނަންބަރު 

(ނ) ބަސް ދަތުރުކުރާ ގޮތުގެ ތާވަލު

(ރ) ބަސްދަތުރުގެ އަގު: އެއްކޮޅު، ދެކޮޅު، ދުވަހު ފާސް، ހަފުތާ ފާސް، މަހު ފާސް، އަހަރު ފާސް 

(ބ) ބަހަށް އެރޭ ފަސިންޖަރުންގެ އަދަދު

(ޅ) ބަސް ދަތުރުކުރާ މަގު

(ކ) ބަސްހުއްޓިތައް ހުންނަ ތަންތަން

(އ) ސްކޫލު ކުދިން ބަހުގައި ދަތުރުކުރާއިރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތް.

(ވ) ސްކޫލަށް ކުދިން އަންނަ ވަގުތާއި ސްކޫލު ނިންމާފައި ކުދިން ގެއަށްދާ ވަގުތު އެ ކުދިން ބަހަށް އެރުވުމާއި ބޭލުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް. 

 

24 ވަނަ މާއްދާ - ސްކޫލް ބަހުގައި ކުދިން އުފުލުން

މި ގަވާއިދުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސްކޫލް ކުދިންނަށް ހާއްސަ ބަހެއް ތައާރަފު ކުރާނަމަ މިދަންނަވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ހ) ސްކޫލް ބަހަކީ ސްކޫލް ކުދިންނަށް ހާއްސަކުރެވޭ ބަހަކަށް ވާހިނދު، އާންމު ފަސިންޖަރުން ނޭރުވުން.

(ށ) ބަހުގައި ދަތުރުކުރުމަށް ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް ކުދިން ނޭރުވުން.

(ނ) ރައްކާތެރިވުމަށް އަޅަންޖެހޭ ސީޓްބެލްޓް އެޅުވުން.

(ރ) ދަށު ގްރޭޑްތަކުގެ ކުދިންނަށް ފަސޭހަކަމާއެކު އިށީނދެތިބެވޭ ކަހަލަ ތިރި ގޮނޑި
ބަހުގައި ހަރުކުރެވިފައި ހުރުން.

(ބ) ދިމާވާ ނުރައްކާތެރި ހާދިސާތަކުން ކުދިން ސަލާމަތް ކުރުމަށް އަލިފާން ނިވާ ފުޅިއާއި ފުރަތަމައެހީގެ ތަކެތި ބަހުގައި ހަރުކުރެވިފައި ހުރުން. 

 

25 ވަނަ މާއްދާ - ސްކޫލް ކުދިންގެ ބަހުގެ އަގުތައް 

ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ހެޔޮ އަގުތަކެއް ބަސްދަތުރުކޮށްދޭ ފަރާތުން ހަމަޖައްސަން ވާނެއެވެ. 

 

26 ވަނަ މާއްދާ - ސްކޫލްބަސް ދުއްވާ ގަޑި

ސްކޫލުތަކުގެ ދިރާސީ އަހަރުގެ ކިޔެވުން އޮންނަ ދުވަސްތަކުގެ ކަނޑައެޅިފައިވާ ދަންފަޅިތަކުގައި، ގަޑިއަށް ދަތިކަމެއްނެތި ބަހުގައި ސްކޫލަށް ދިޔުމުގެ ބަސްދަތުރު، އަދި ސްކޫލް ނިމުމުން ސްކޫލްކުދިން ގެއަށް ދިޔުމުގެ ބަސްދަތުރު، މިނިސްޓްރީ އޮފް އެޑިޔުކޭށަންގެ މަށްވަރާގެ މަތީން ބަހުގެ ހިދުމަތް ދޭ ފަރާތުން ހަމަޖައްސަންވާނެއެވެ. 

 

27 ވަނަ މާއްދާ - ހިދުމަތް ދޭ ގޮތް ބެލުން

ހިދުމަތް ދޭ ފަރާތުން އެ ހިދުމަތް ދެމުން ގެންދާގޮތް ޓްރާންސްޕޯޓް އޮތޯރިޓީން ރަނގަޅަށް ބަލަންވާނެއެވެ. 

 

28 ވަނަ މާއްދާ - ހުށަހެޅޭ ށަކުވާ ބެލުން

(ހ) ހިދުމަތް ދޭ ފަރާތަށް ނުވަތަ ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތަށް ފަސިންޖަރުން ހުށަހަޅާ ށަކުވާތައް، އެ ފަރާތްތަކުން ބަލަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުށަހަޅާ ށަކުވާ އެ ފަރާތްތަކުން ބަލައި ނުދީފިނަމަ، އެ ށަކުވާއެއް ލިޔުމުން ނުވަތަ ހޮޓްލައިން މެދުވެރިކޮށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ. 

(ނ) ބަހުގެ ހިދުމަތް ދިނުމުގައި ހިދުމަތް ދޭ ފަރާތާއި ފަސިންޖަރުންނާ ދެމެދު ޖެހޭ މައްސަލަތަކާއި، ފަސިންޖަރުންގެ ށަކުވާތައް ހައްލު ކުރުމަށްޓަކައި ހިދުމަތް ދޭ ފަރާތުން އަޅަންޖެހޭ ފިޔަވަޅެއް އޮތް ނަމަ،  ޓްރާންސްޕޯޓް އޮތޯރިޓީން ހިދުމަތް ދޭ ފަރާތަށް އެކަން އަންގައި، އެކަމެއް ހައްލު ކުރަންވާނެއެވެ. 

 

29 ވަނަ މާއްދާ - ބަސް ޗެކުކުރުން

މި ގަވާއިދު ތަންފީޒުކުރާ ފަރާތަކުން ނުވަތަ އެކަމުގެ އިހުތިޔާރު ދީފައިވާ ފަރާތަކުން ބަސް ޗެކުކުރަން ބޭނުންވެއްޖެ ހިނދެއްގައި ބަސް ހުއްޓުވައި ޗެކުކުރުމުގެ އިހުތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ. 

 

30 ވަނަ މާއްދާ - ލައިސަންސް ބާތިލު ކުރުން

(ހ) ހިދުމަތް ދޭ ފަރާތުން އަމަލުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފަށް ހިދުމަތް ދޭ ފަރާތުން އަމަލުކުރަމުންދާނަމަ، އެ ފަރާތަށް ދީފައިވާ އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ ނުވަތަ އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު، ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. 

(ށ)  ބަހުގެ ހިދުމަތް ދޭ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރަން ޖެހިއްޖެ ހާލަތެއްގައި، ޓްރާންސްޕޯޓް އޮތޯރިޓީން ހިދުމަތް ދޭ ފަރާތަށް، މަދުވެގެން 90 (ނުވަދިހަ) ދުވަހުގެ ކުރިން އެކަން ލިޔުމަކުން އަންގަންވާނެއެވެ. 

(ނ)  ބަހުގެ ހިދުމަތް ދޭ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން ބޭނުންވެއްޖެނަމަ،  ޓްރާންސްޕޯޓް އޮތޯރިޓީއަށް ސަބަބު ބަޔާންކޮށް ލިޔުމުން އަންގަންވާނެއެވެ. 

 

31 ވަނަ މާއްދާ - ހިދުމަތް ހުއްޓާލުން 

ހިދުމަތް ދޭ ފަރާތުން ބަހުގެ ހިދުމަތް ހުއްޓާލާނަމަ، ހިދުމަތް ހުއްޓާލުމުގެ މަދުވެގެން 90 (ނުވަދިހަ) ދުވަހުގެ ކުރިން ހިދުމަތް ދޭ ފަރާތުން އެކަން ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިޔުމަކުން އަންގަންވާނެއެވެ. 

 

32 ވަނަ މާއްދާ - ތަފާސްހިސާބު ބެލެހެއްޓުން

(ހ) ހިދުމަތް ދޭ ފަރާތުން ދޭ ހިދުމަތުގެ ތަފާސްހިސާބު ބަލަހައްޓަން ވާނެއެވެ. 

(ށ) ހިދުމަތް ދޭ ފަރާތުން ބަލަހައްޓާ ތަފާސްހިސާބު ޓްރާންސްޕޯޓް އޮތޯރިޓީއަށާއި ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތަށް، މަހަކު އެއް ފަހަރު، ލިޔުމުން ފޮނުވަންވާނެއެވެ. 

 

33 ވަނަ މާއްދާ - މި ގަވާއިދާ ހިލާފަށް ބަހުގެ ހިދުމަތް ދޭ ފަރާތްތަކާމެދު  އަޅާނެ ފިޔަވަޅު

(ހ) ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް ލައިސަންސް ނުވަތަ ހުއްދަ ނުނަގައި ބަހުގެ ހިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރި ފަރާތެއްގެ އަދަބަކީ 2000 (ދެ ހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ފިޔަވައި، މި ގަވާއިދާއި ހިލާފަށް ބަހުގެ ހިދުމަތް ދޭ ފަރާތްތަކުގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1000 (އެއް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށްނަމަ 1500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ތިން ފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެ ފަރާތެއްގެ ބަހުގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުވާނެއެވެ. 

(ނ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ ފުލުހުން ނުވަތަ ކައުންސިލް އިދާރާތަކުން ނުވަތަ ސަރުކާރުން އެ ވަގުތަކު އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަވާލުކުރާ ފަރާތަކުންނެވެ. 

 

34 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

35 ވަނަ މާއްދާ - މާނަ 

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހައި ހިނދަކު؛ 

(ހ) "ޓްރާންސްޕޯޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް ހުއްދަ ދިނުމާއި، ބަހުގެ ހިދުމަތް ދިނުމުގެ އުސޫލުތައް ކަނޑައަޅައި "އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު" ހިންގުމާ ހަވާލުވެފައިވާ ސަރުކާރުގެ އިދާރާކަމަށްވާ "ޓްރާންސްޕޯ އޮތޯރިޓީ" އަށެވެ. 

(ށ)  "ހިދުމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓްރާންސްޕޯޓް އޮތީރިޓީން ހިދުމަތް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތަށެވެ.

(ނ)  "ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، ބަހުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށެވެ.

(ރ) "ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ސަރަހައްދެއްގައި އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ކަންކަން ބެލެހެއްޓުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަވާލުކުރާ ފަރާތަށެވެ. 

(ބ) "ތަންފީޒުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ ،ޓްރެފިކް ފުލުހުންނާއި، މި ގަވާއިދު ތަންފީޒުކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.

(ޅ)  "ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އަތޮޅު ނުވަތަ ރަށް ނުވަތަ އަވަށަށެވެ. 

(ކ) "ބަސް" ކަމަށް ބުނެފައި އެވަނީ، އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށްޓަކައި އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓަރީ ކުރުމުގައި B0 ،B1 އާއި B2 ކެޓަގަރީގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމުއުޅަނދަށެވެ.

(އ) "ބަސްހުއްޓި" ކަމަށް ބުނެފައި އެވަނީ، މީހުން އެރުވުމަށާއި ބޭލުމަށް ބަސް މަޑުކުރުމަށް ކަނޑައަޅާފައިވާ ތަންތަނަށެވެ. 

 

އުވި ގަވާއިދު

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 144/2021)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު