gaanoon_logo
-

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2016-21)

މިފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ

1 ވަނަ މާއްދާ - ތަޢާރުފާއި ނަން

(ހ) މި ގަވާއިދަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 89 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓްކޮށް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީންނެވެ.

 

3 ވަނަ މާއްދާ - މަޤްޞަދު

މި ގަވާއިދަކީ، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަޒީފާގެ ބާޒާރުގައި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދައިދިނުމުގައާއި، ވަޒީފާ ހޯދަން އުޅޭ މީހުންނަށް އެ މަގު ފަހިކޮށްދިނުމުގައި ރާއްޖޭގެ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ދައުރު އެކަށައަޅައި، އެފަދަ ވިޔަފާރިތައް ރަޖިސްޓަރީކޮށް އެ މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި، އެ ހުއްދަ ހިފަހައްޓައި ބާޠިލުކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ވަޒީފާގެ ގުޅުމުގައި ހިމެނޭ ފަރާތްތަކުގެ ޙައްޤަކަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ފުށުނާރާނެ ގޮތުގެ މަތިން، ވިޔަފާރީގެ އުސޫލުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

 

4 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގޭނީ އެކަމަށް ނަގަންޖެހޭ ޚާއްޞަ ހުއްދަ މިނިސްޓްރީން އޭޖެންސީ ހިންގުމަށް ހޯދުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހުއްދަ ހޯދުން

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ހޯދުމަށް މިނިސްޓްރީގައި އެދެންވާނީ "ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދައަށް އެދޭ ފޯމު" (ޖަދުވަލު 1) މެދުވެރިކޮށެވެ. އަދި ހުއްދައަށް އެދި ހުށަހަޅާއިރު އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

(ނ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ -/2500 (ދެހާސް ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށްފަހުއެވެ.

 

5 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދޫކުރެވޭނެ ޝަރުތުތައް

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ސަރުކާރުގެ ކަމާގުޅޭ ފަރާތުގައި އެ ވިޔަފާރިއެއް ރަޖިސްޓަރީކޮށްފައިވުމާއެކު އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއްކަމުގައިވުން.
  2. ހުއްދައަށް އެދޭ ކުންފުނީގެ މަޤުޞަދުތަކުގެ ތެރޭގައި، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުން ހިމަނައި ކުންފުނީގެ އަސާސީ ގަވާއިދުގައި އެކަން ބަޔާންކޮށްފައިވުން.
  3. މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ފައިސާ ދައްކާފައިވުން.
  4. މާއްދާގެ (ށ)، (ނ)، (ރ) މި ތިން މާއްދާގައި ބުނާ ފަދަ ކުންފުންޏެއް ކަމުގައި ނުވުން.
  5. ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އޮފީހެއްގެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފަކާއި ޢާއިލީ ގޮތުން ގާތް ގުޅުން ހުރި ފަރާތްތައް ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއްކަމުގައި ނުވުން.
  6. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފީ ދައްކާފައިވުން.
  7. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެ ކުންފުނިން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާފައިވާ، އަދި ޓެކްސް ޤާނޫނުތަކުގެ ދަށުން އެ ކުންފުންޏަކުން އަދާކުރަންޖެހޭ އެންމެހައި ޒިންމާތައް އަދާކޮށްފައިވާ ކުންފުންޏެއް ކަމުގައި ވުން.

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދައަށް އެދި ކުންފުނިން ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅާ ތާރީޚުން ފެށިގެން ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ގަވާއިދު ނުވަތަ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ، ނުވަތަ ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ ޚިލާފުވުމުގެ ސަބަބުން، އެ ކުންފުންޏަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ ނުވަތަ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު ހިނގަމުންދާނަމަ، އެ ކުންފުންޏަކަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ނ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދައަށް އެދި ކުންފުނިން ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅާ ތާރީޚުން ފެށިގެން ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ގަވާއިދާ ނުވަތަ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ، ނުވަތަ ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ، ކުންފުންޏެއްގެ ޑިރެކްޓަރަކު ނުވަތަ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތައް ފިޔަވައި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ކުންފުންޏެއްގެ ހިއްސާދާރަކު ޚިލާފުވެގެން އެއްވެސް މައްސަލައެއް އެ ޑިރެކްޓަރަކާ ނުވަތަ ހިއްސާދާރަކާމެދު ހުށަހެޅިފައިވާނަމަ، ނުވަތަ އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ ނުވަތަ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު ހިނގަމުންދާނަމަ އެ ޑިރެކްޓަރަކު ނުވަތަ ހިއްސާދާރަކު ހިމެނޭ ކުންފުންޏަކަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ. އަދި ހުއްދަ އައުކުރަން އެފަދަ ކުންފުންޏަކުން ހުށަހެޅުމުން، ހުއްދަ އައުކޮށެއް ނުދެވޭނެއެވެ.

(ރ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދައަށް އެދި ކުންފުނިން ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅާ ތާރީޚުން ފެށިގެން، ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި، ވައްކަން، ޓެކުން، ޚިޔާނާތްތެރިވުން، މަކަރާއި ހީލަތް ނުވަތަ ފޭރުމުގެ މައްސަލައެއްގައި، އެ ކުންފުންޏަކާ ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރަކު ނުވަތަ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތައް ފިޔަވައި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ކުންފުންޏެއްގެ ހިއްސާދާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ، ނުވަތަ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު ހިނގަމުންދާނަމަ ކުންފުންޏަކަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ޢަމަލެއް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ހިންގުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާފައިވާ ކުންފުންޏަކުން ނުވަތަ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތައް ފިޔަވައި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ކުންފުންޏެއްގެ ހިއްސާދާރަކު ހިންގާފައިވާކަން ބެލުމަށްޓަކައި ރިޢާޔަތްކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުގެ ރިކޯޑުތަކަށެވެ.

  1. މި ގަވާއިދު ތަންފީޒުކުރާ މިނިސްޓްރީ
  2. ލޭބަރ ރިލޭޝަންސް އޮތޯރިޓީ
  3. މޯލްޑިވްސް އިމިގްރޭޝަން
  4. މޯލްޑިވްސް ޕޮލިސް ސަރވިސް
  5. އެމްޕްލޯއިމަންޓް ޓްރައިބިއުނަލް
  6. ޝަރުޢީ ކޯޓުތައް

 

6 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ދައުރު

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ ދައުރަކީ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދިވެހިންނަށް ވަޒީފާ ހޯދައިދިނުމާއި ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ހޯދައިދިނުމުގެ ޚިދުމަތް، ވިޔަފާރި އުސޫލުން ފޯރުކޮށްދިނުމެވެ.

 

7 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ބިދޭސީން ގެނައުން

(ހ) ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތް، ވިޔަފާރި އުސޫލުން ފޯރުކޮށްދެވޭނީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކަށެވެ. އަދި ބިދޭސީން ގެނައުމުގެ ޚިދުމަތް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުން ފޯރުކޮށްދޭންވާނީ "ވަޒީފާއާބެހޭ ޤާނޫނުގެ 63 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންވެފައިވީނަމަވެސް، ސަރުކާރުގެ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ގެންނަ ބިދޭސީންނާއި، ގޭގޭގެ ޑޮމެސްޓިކް މަސައްކަތްތަކަށް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތައް މެދުވެރިނުކޮށް ބިދޭސީން ގެނައުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

8 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުން

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

9 ވަނަ މާއްދާވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދޫނުކުރެވޭނެ ފަރާތްތައް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށް، ދިވެހިރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދެވޭނެކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް ތިރީގައި ބަޔާންކުރާ އެއްވެސް އޮފީހެއްގެ މުވައްޒަފަކު، ނުވަތަ އެ މުވައްޒަފަކާ ޢާއިލީގޮތުން ގާތް ގުޅުން ހުރި ފަރާތްތައް ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ އެފަދަ ކުންފުންޏަކާ ގުޅުންހުރި އެއްވެސް ކުންފުންޏަކަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދައެއް ދޫނުކުރެވޭނެއެވެ. 

  1. ވަޒީފާއާބެހޭ މެންޑޭޓް ތަންފީޒުކުރާ މިނިސްޓްރީ
  2. ލޭބަރ ރިލޭޝަންސް އޮތޯރިޓީ
  3. މޯލްޑިވްސް އިމިގްރޭޝަން

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އޮފީހެއްގެ މުވައްޒަފަކު، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ހިންގާ ކުންފުންޏެއްގެ ހިއްސާދާރެއް، ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް އެއްވެސް މުވައްޒަފަކު ކޮށްފިނަމަ، ނުވަތަ އެފަދަ އަމަލެއް ކުރިކަން އެނގޭ ތާރީޚުން ފެށިގެން، އެ އަމަލެއް ހިންގި މުވައްޒަފަކު، އެ އޮފީހުން ވަކިކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮފީހެއްގައި މަސައްކަތްކުރަމުންދާ އެއްވެސް މުވައްޒަފަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޢަމަލެއް، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކުރަމުންގެންދާ މުވައްޒަފެއްނަމަ، މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް، މި ގަވާއިދަށް ޢަމަލުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުހުލަތެއް، އެފަދަ މުވައްޒަފުންނަށް ދެވޭނެއެވެ. 

 

10 ވަނަ މާއްދާ - ހުއްދަ އައުކުރުން

(ހ) ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ ކޮންމެ 2 (ދޭއް) އަހަރަކުން އެއްފަހަރު އައުކުރަން ހުށަހަޅަންވާނެއެވެ. އަދި މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަސް ކުރިން ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ހުއްދަ އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުއްދަ އައުކުރާ ކޮންމެ ފަހަރަކު -/2,500 (ދެހާސް ފަސްސަތޭކަ) ދިވެހި ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ އައުކޮށްދެވޭނީ އެ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ރިޕޯޓު، ކަނޑައަޅާފައިވާ ތާރީޚުތަކުގައި މިނިސްޓްރީއަށް ހުށަހަޅާފައިވާނަމައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުއްދަ އައުކުރަން ހުށަނާޅައިފިނަމަ، އެ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ހުއްދަ ހިފަހައްޓާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުއްދަ އައު ނުކޮށްފިނަމަ ހުއްދަ ބާޠިލުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިފަހައްޓާފައިވާ ހުއްދައެއް އައުކޮށްދެވޭނީ، ހުއްދަ އައުކުރަން ޖެހޭ ދުވަހުން ފެށިގެން ހުއްދަ އައުކުރަން ހުށަހެޅި ތާރީޚާ ހަމައަށް ހޭދަވާ ކޮންމެ ދުވަހަކަށް -/100 (ސަތޭކަ) ދިވެހި ރުފިޔާގެ ޖޫރިމަނާއެއް ނެގުމަށްފަހުއެވެ.

 

11 ވަނަ މާއްދާ - ހުއްދަ އައުކޮށްނުދެވޭނެ ހާލަތްތައް

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ އައުކުރަން ކުންފުނިން ހުށަހަޅާއިރު، ހުށަހަޅާ ތާރީޚުން ފެށިގެން ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ބާޠިލު ކޮށްފައިވާނަމަ ނުވަތަ ހުއްދަ ހިފަހައްޓާފަދަ ޢަމަލެއް ތަކުރާރުކޮށް ކޮށްފައިވާނަމަ، އެ ކުންފުންޏަކަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ އައު ކޮށްނުދެވޭނެއެވެ.

 

12 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ބްލެކްލިސްޓުކުރުމާއި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހުއްޓުވުމަށް އެންގުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ގަވާއިދާ ނުވަތަ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ ނުވަތަ ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ، އެ އޭޖެންސީއަކާއި، އެ އޭޖެންސީއެއްގެ މެނޭޖިންގ ޑިރެކްޓަރު ބްލެކްލިސްޓުކޮށް އެ އޭޖެންސީއަކަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި، ސަރުކާރުގެ އިދާރާތަކުން އެ އޭޖެންސީއަށް ފޯރުކޮށްދޭ ޚިދުމަތްތައް ހުއްޓުވުމަށް އެންގުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ބްލެކްލިސްޓުކުރެވޭ އޭޖެންސީއެއްގެ ހުއްދަ ބާޠިލުކުރަން އެންގުމުގެ އިޚްތިޔާރުވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ޢަމަލެއް އޭޖެންސީއަކުން ހިންގައިފިކަމަށް ނިންމާނީ ތިރީގައި ބަޔާންކުރާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށެވެ.

  1. ޝަރުޢީ ކޯޓުތައް
  2. އެމްޕްލޯއިމަންޓް ޓްރައިބިއުނަލް
  3. މި ގަވާއިދު ތަންފީޒުކުރާ މިނިސްޓްރީ
  4. ލޭބަރ ރިލޭޝަންސް އޮތޯރިޓީ
  5. މޯލްޑިވްސް ޕޮލިސް ސަރވިސް
  6. މޯލްޑިވްސް އިމިގްރޭޝަން

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތައް، ބްލެކްލިސްޓުކޮށް އޭޖެންސީތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް، ހުއްޓުވުމުގައި ޢަމަލުކުރާނީ މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

13 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދެވޭނީ -/50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާގެ ޑިޕޮޒިޓެއް މިނިސްޓްރީގައި ބެހެއްޓުމުންނެވެ. މި ޑިޕޮޒިޓް ފައިސާއަށް އިންޓަރެސްޓް ނުލިބޭނެއެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން، ވަޒީފާއާބެހޭ ޤާނޫނާއި، ގަވާއިދާއި، މީހުން ޓްރެފިކުކުރުން ހުއްޓުވުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ އެއްވެސް ގަވާއިދަކާ ޚިލާފުވުމުގެ ސަބަބުން، އެއްވެސް ޚަރަދެއް ކުރަންޖެހި، އެ ޚަރަދު އެ އޭޖެންސީއިން ނުކޮށްފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެ އޭޖެންސީއަކުން ބަހައްޓާފައި ހުރި ޑިޕޮޒިޓް ފައިސާއިން ޚަރަދުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ޚަރަދެއް ކުރަންޖެހިގެން، ޑިޕޮޒިޓްގެ ތެރެއިން ފައިސާ ޚަރަދުކުރަންޖެހި، ޑިޕޮޒިޓުން އުނިވާ ފައިސާ އަދި ޑިޕޮޒިޓް އަދަދަށް ވުރެ އިތުރަށް ޚަރަދުވެއްޖެނަމަ އެ ފައިސާއާއެކު، 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގާ ފަރާތުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ދައްކައި، ކަނޑައަޅާފައިވާ ޑިޕޮޒިޓުގެ އަދަދު ހަމަކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން، ޑިޕޮޒިޓް ފައިސާ ދައްކައި، ޑިޕޮޒިޓަށްވާ އަދަދު އެ ފައިސާ ދައްކަން އެ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުގައި ނުދައްކައިފިނަމަ، އެ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓޭނެއެވެ. އަދި ހުއްދަ ދޫކުރެވޭނީ އެ ފައިސާ ދެއްކުމުންނެވެ. ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާނަމަ، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން ހުއްދަ ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އަދި މި ގަވާއިދުގެ އެހެނިހެން މާއްދާތަކުގައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ ހުއްދަ ހިފަހައްޓާފައިވާނަމަ އެ ފަރާތަށް، ސަރުކާރުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހުއްޓުވުމަށް އެންގުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ ހުއްދަ ހިފަހައްޓާފައިވަނިކޮށް، އެ އޭޖެންސީއަކުން ވަޒީފާ ހަމަޖައްސައިދިނުމުގެ ޚިދުމަތް އެއްވެސް ފަރާތަކަށް ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

 

14 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގާ އޮފީހެއްގައި ހުރުން ލާޒިމްކަންކަން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ އޮފީހުގައި، ތިރީގައި ބަޔާންކުރާ ކަންތައްތައް ފުރިހަމައަށް ހުންނަންވާނެއެވެ.

  1. މީހުން ދިރިއުޅޭ ރަށެއްގައި އާންމުންނަށް ޚިދުމަތް ދެވޭގޮތަށް އަދި މީހުން ދިރިއުޅޭ ގޭބިސީއާ ވަކިން ވަދެނިކުމެވޭ ގޮތަށް ވަކި އޮފީހެއް ގޮތުގައި އޭޖެންސީގެ އޮފީސް ގާއިމުކުރެވިފައި ހުރުން.
  2. ޢިމާރާތުގެ ބޭރުގައި އަދި އޮފީހުގެ ބޭރުގައި އާންމުކޮށް ފެންނާނެ ގޮތަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ނަންބޯޑު ހުރުން.
  3. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން ޚިދުމަތްދޭ ގަޑިތައް އާންމުކޮށް ފެންނާނެހެން ޢިމާރާތުގެ ބޭރުގައި އަދި އޮފީހުގެ ބޭރުގައި ހުރުން.
  4. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ނަމުގައި ޓެލެފޯން އަދި ފެކްސްގެ މުވާސަލާތީ ގުޅުން ޢިމާރާތުގައި ވަކިން ޤާއިމުކޮށްފައި ހުރުން.
  5. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ނަމުގައި އެކްޓިވް އީމެއިލް އެޑްރެސްއެއް އަދި އޭޖެންސީއާއި ކުއްލިގޮތަކަށް މުއާމަލާތް ކުރަންޖެހިއްޖެނަމަ ގުޅޭނެ މޯބައިލް ހޮޓްލައިނެއް ޤާއިމުކޮށްފައި އޮތުން އަދި މި ހޮޓްލައިންގެ މަޢުލޫމާތު އާންމުކޮށް ފެންނާނެ ގޮތަށް ބަހައްޓާފައި ހުރުން.
  6. ވާރކް ވިސާ އަދި ރެކްރޫޓްމަންޓްގެ ޚިދުމަތްތަކާ ގުޅިގެން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގައި ވަގުތީގޮތުން ބަހައްޓަންޖެހޭ ޕާސްޕޯޓް ފަދަ މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެހެއްޓުމަށް ތިޖޫރީއެއް (ނުވަތަ ލޮކަރ ފަދަ ވަސީލަތްތައް) ހުރުން.
  7. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ (ނުވަތަ މިނިސްޓްރީން އެންޑޯޒްކޮށްފައިވާ ހުއްދައިގެ ނަކަލެއް) އެ އޭޖެންސީގެ އޮފީހުގައި އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ހުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) އިން (7) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުކުރުމަކީ، ނުވަތަ އެ އަކުރުގައި ބަޔާންވެގެންވާ ގޮތަށް އަމަލު ނުކުރުމަކީ މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުން

(ހ) ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހަކު ހެނދުނު 9:00 އާއި މެންދުރު ފަހުގެ 3:00 އާ ދެމެދު، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހުޅުވާފައި ހުންނަންވާނެއެވެ. މި ގަޑިތައް ފިޔަވައި، އާންމުންނަށް ޚިދުމަތްދިނުމަށް ސަރުކާރުން ހުއްދަކޮށްފައިވާ ވަގުތުތަކުގައި އޭޖެންސީ ހުޅުވުމުގެ އިޚުތިޔާރު އެ އޭޖެންސީއަކަށް ލިބިގެންވެއެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން މީހަކަށް ވަޒީފާ ހަމަޖައްސައިދިނުމުގެ ގޮތުން ކުރާ ހުރިހާ މުޢާމަލާތެއް ހުންނަންވާނީ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ލެޓަރހެޑްގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ތައްގަނޑު ޖަހައި ވެރިޔަކު ސޮއިކޮށްފައެވެ.

(ނ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން އެ އޭޖެންސީއެއްގެ ނަމުގައި ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ބޭންކެއްގައި ވަކި އެކައުންޓެއް ހުޅުވަންޖެހޭނެއެވެ.

(ރ) މަޤުބޫލު އުޒުރެއްކަމުގައި ޤަބޫލުކުރެވޭ ފަދަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން މެނުވީ އެއްވެސް އިރެއްގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ޓެލެފޯން އަދި ފެކްސްގެ ޚިދުމަތް ކެނޑިފައި ހުރެގެން ނުވާނެއެވެ. މިގޮތުން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން، މުވާސަލާތީ ޚިދުމަތް މެދުކެނޑިގެން ދާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ޚިދުމަތް އަލުން ޤާއިމުކުރަންވާނެއެވެ.

(ބ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން ބޭރުގެ އޭޖެންޓަކާއި ގުޅިގެން، ވަޒީފާއަށް މީހުން ގެނަންވާނީ ނުވަތަ ފޮނުވަންވާނީ، އެ އޭޖެންޓަކީ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ، އެ އޭޖެންސީއެއް ނިސްބަތްވާ ޤައުމެއްގެ ސަރުކާރުން ދޫކޮށްފައިވާ އޭޖެންސީއެއް މެދުވެރިކޮށެވެ.

(ޅ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން މުޢާމަލާތްކުރާ ބޭރު ޤައުމުތަކުގެ އޭޖެންޓުންނާބެހޭ ތިރީގައިމިވާ މަޢުލޫމާތު، އެ އޭޖެންޓް މެދުވެރިކޮށް ވަޒީފާއަށް މީހުން ގެނައުމުގެ ނުވަތަ ފޮނުވުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

  1. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ނަން
  2. ޕޯސްޓަލް އެޑްރެސް
  3. ފޯން ނަންބަރާއި ފެކްސް ނަންބަރު
  4. އީމެއިލް އެޑްރެސް
  5. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ގޮތުގައި މަސައްކަތްކުރުމަށް އެ އޭޖެންސީއެއް ނިސްބަތްވާ ޤައުމެއްގެ ސަރުކާރުން އެ އޭޖެންސީއަކަށް ދޫކޮށްފައިވާ ހުއްދައިގެ އަސްލާ އެއްގޮތް އޮތަރައިޒްޑް ކޮޕީ 

(ކ) ވާރކް ވިސާ ހޯދުމުގެ މަޤުޞަދު ފަދަ އިދާރީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި، ޕާސްޕޯޓްފަދަ މުހިންމު ލިޔުމެއް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން އެ މަޤުޞަދަށްޓަކައި ނަގާނަމަ، ޕާސްޕޯޓް ފަދަ މުހިންމު ލިޔުމަކާއި ވަގުތީ ގޮތުން އޭޖެންސީއިން ހަވާލުވުމަށް، ޕާސްޕޯޓްގެ ވެރިފަރާތުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން، ޕާސްޕޯޓް (ނުވަތަ އެ ފަދަ މުހިންމު ލިޔުމެއްގެ) ވެރިފަރާތުން ހޯދައި، އެ ލިޔުމުގެ އެއް އަސްލު އޭޖެންސީގެ ރިކޯޑަށް އޭޖެންސީއެއްގައި ބާއްވާ އެ ޕާސްޕޯޓް ނުވަތަ އެ ލިޔުމެއްގެ ވެރިފަރާތަށް އެ ލިޔުމުގެ އެއް އަސްލު ހަވާލުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ، ޕާސްޕޯޓުގެ ވެރިފަރާތުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން އޮންނަންވީގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 12 ގައި ހިމެނިފައިވާނެއެވެ.

(ވ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން، ޕާސްޕޯޓް ފަދަ މުހިންމު ލިޔުންތައް ހިފެހެއްޓުމަކީ މަނާކަމެކެވެ. މި ނޫން ގޮތަކަށް ޕާސްޕޯޓް ފަދަ މުހިންމު ލިޔުމެއް ހިފަހައްޓާ ކޮންމެ ފަހަރަކު އެ އޭޖެންސީއެއް -/5000 (ފަސް ހާސް) ދިވެހި ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

 

16 ވަނަ މާޢްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ މަސްއޫލުވާންޖެހޭ ކަންތައްތައް

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ މެދުވެރިވެގެން ރާއްޖެ އަންނަ މީހާ، ރާއްޖެ އެތެރެވާ ވަގުތުން ފެށިގެން، ވަޒީފާ ދޭ ފަރާތާ ހަވާލުކުރުމާ ހަމައަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން މަސްއޫލުވާންޖެހޭ ކަންތައްތަކެވެ. މިގޮތުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން މަސްއޫލުވާންޖެހޭ ކަންތައްތަކަކީ:

  1. ވަޒީފާއަށް ގެންނަ ބިދޭސީ މީހާ ރާއްޖެ އައުމުން، އޭނާ އަންނަ ވައިގެ ބަނދަރަކުން ނުވަތަ އެ ނޫންވެސް އެހެން ބަނދަރަކުން އެ މީހާއާ ހަވާލުވުން.
  2. ވަޒީފާއަށް ގެންނަ ބިދޭސީ މީހާ ރާއްޖެ އެތެރެވާ ވަގުތުން ފެށިގެން، ވަޒީފާ ދޭ ފަރާތާ ހަވާލުކުރުމާ ހަމައަށް، އޭނާގެ ކެއިންބުއިމާއި، ނިދުމާއި، ފެންވެރުމާއި، ފާޚާނާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
  3. ވަޒީފާއަށް ގެންނަ ބިދޭސީ މީހާ ކުއްލި ގޮތަކަށް ބަލިވެއްޖެނަމަ އެ މީހަކު ހުރި އެންމެ ކައިރި ހޮސްޕިޓަލަކުން ނުވަތަ ޞިއްޙީ ފަރުވާދޭ މަރުކަޒަކުން، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، ވަޒީފާ ދޭ ފަރާތުން އެ މީހާއާ ހަވާލުވަންދެން އެ މީހާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  4. ވަޒީފާއަށް ގެންނަ ބިދޭސީ މީހާ ވަޒީފާދޭ ފަރާތާ ހަވާލުކުރުމުގެ ކުރިން މަރުވެއްޖެނަމަ، ރާއްޖޭގެ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ޚަރަދުގައި އެ މީހެއްގެ ހަށިގަނޑު އެ މީހެއްގެ ޤައުމަށް ފޮނުވުން ނުވަތަ ރާއްޖޭގައި ވަޅުލުން.
  5. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން ވަޒީފާއަށް ގެންނަ ބިދޭސީ މީހާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، އެ ބިދޭސީ މީހާއަށް ވަޒީފާ ދިން ފަރާތާ ހަވާލުކޮށް، 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވީޒާ ފީ ދައްކައި، 20 (ވިހި) ދުވަހުގެ ތެރޭގައި ޕާސްޕޯޓާއި ވީޒާ ކާޑު، ވަޒީފާ ދިން ފަރާތާ ހަވާލުކުރަންވާނެއެވެ.
  6. ވަޒީފާ ދޭ ފަރާތާ ބިދޭސީ މީހާ ހަވާލު ކުރާއިރު، ވަޒީފާ ދޭ ފަރާތުން، އެ ބިދޭސީ މީހާއާއި، އޭނާގެ ޕާސްޕޯޓާއި ވީޒާ ކާޑު ހަވާލުވިކަމަށް ލިޔުމެއްގައި ސޮއިކޮށް، އެ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގައި ރައްކާކުރަންވާނެއެވެ.
  7. މި އަކުރުގައި ބަޔާންކޮށްފައިވާ އެއްވެސް ގޮތަކާ ޚިލާފަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން ޢަމަލުކުރުމަކީ މަނާކަމެކެވެ.

(ށ) ދިވެހިރާއްޖޭގައި ބިދޭސީން މަސައްކަތްކުރުން ހުއްދަކުރާ ކަމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މަސައްކަތަކަށް ފިޔަވައި އެހެން މަސައްކަތަކަށް ބިދޭސީން ގެނައުމަށްޓަކައި ވަޒީފާ ދޭ ފަރާތަށް އަދި އެ ވަޒީފާއަކަށް ގެންނަ ބިދޭސީ މީހާއަށް އޮޅުވާލަން މަސައްކަތްކޮށްގެން ނުވާނެއެވެ. މި އަކުރުގައި ބުނާފަދަ ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ނ) ވަޒީފާއަށް ގެންނަ ބިދޭސީ މީހާ ރާއްޖެއަށް އަންނަ ތާރީޚުން ފެށިގެން ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާއި ވަޒީފާ ދޭ ފަރާތާ ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އުފުލަންޖެހޭ ޒިންމާތައް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން ފުރިހަމައަށް އުފުލަންވާނެއެވެ. މި މާއްދާގައިވާ ފަދައިން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން ޒިންމާ ނުއުފުލައިފިނަމަ އެ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން އެކުރަނީ މަނާކަމެކެވެ.

(ރ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ރަޖިސްޓަރީކުރާ މަރުޙަލާގައި ހުށަހަޅާފައިވާ މަޢުލޫމާތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި އެކަން މިނިސްޓްރީއަށް ލިޔުމަކުން އަންގަންވާނެއެވެ.

 

17 ވަނަ މާޢްދާ - ރިޕޯޓު ހުށަހެޅުން

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން ވަޒީފާ ހޯދައިދޭ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ރިޕޯޓު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނިފައިވާ ފޯމެޓުގައި، ކޮންމެ ތިން މަހުން އެއް މަހު، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ރެޕްރެޒެންޓެޓިވްސް ކަނޑައެޅުމާއި ރެޕްރެޒެންޓެޓިވްއެއްކަން އަންގައިދޭ ކާޑު ހެއްދުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ފަރާތުން އެ އޭޖެންސީއެއް ތަމްސީލުކުރުމަށްޓަކައި އެ އޭޖެންސީއެއްގެ ރެޕްރެޒެންޓެޓިވުން ކަނޑައަޅަންޖެހޭނެއެވެ. މިގޮތުން ކަނޑައަޅާ ކޮންމެ ރެޕްރެޒެންޓެޓިވްއެއް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ ޕެންޝަން ސްކީމެއްގައި ރަޖިސްޓަރީކުރަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ރެޕްރެޒެންޓެޓިވުންގެ ގޮތުގައި ކުންފުނީގެ ހިއްސާދާރެއް ނުވަތަ ޕްރޮބޭޝަން މުއްދަތުގައި ހުރި މުވައްޒަފަކު، ޕްރޮބޭޝަން މުއްދަތު ހަމަވަންދެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ ޕެންޝަން ސްކީމެއްގައި ރަޖިސްޓަރީކުރުމާއި ނުކުރުމުގެ އިޚުތިޔާރު ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ޕްރޮބޭޝަން މުއްދަތުކަމުގައި ބަލާނީ، އެ މުވައްޒަފަކު ވަޒީފާއަށް ޢައްޔަންކުރާ ތާރީޚުން ފެށިގެން މީލާދީގޮތުން 3 (ތިނެއް) މަސްދުވަހެވެ. އަދި ޕްރޮބޭޝަންގައި ތިބޭ މުވައްޒަފުން ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ޢައްޔަންކުރުމުން، އެފަދަ މުވައްޒަފުންގެ ޕްރޮބޭޝަން މުއްދަތުގެ ނިޔަލަށް ވަގުތީ ކާޑެއް ދޫކުރެވޭނެއެވެ.

(ރ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ ރެޕްރެޒެންޓެޓިވެއްގެ ގޮތުގައި އެއްވެސް ފަރާތެއް ރަޖިސްޓަރީކޮށްދެވޭނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ހުއްދަދޭ ފަރާތުން ހިންގާ ކަމާބެހޭ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމުން ދެވޭ އިމްތިޙާނުން ފާސްވެ، ސެޓްފިކެޓް ޙާޞިލުކޮށްފައިވާ ފަރާތަކަށެވެ.

(ބ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ރެޕްރެޒެންޓެޓިވް ކާޑު މިނިސްޓްރީން ހައްދައިދޭންވާނީ އެ ފަރާތެއްގެ ފާއިތުވީ 5 (ފަހެއް) އަހަރުދުވަހުގެ ކުށުގެ ރިކޯޑަށް ބެލުމަށް ފަހުގައެވެ. ފާއިތުވީ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެއްވެސް ކުށެއް ކޮށްފައިވާކަމަށް ޝަރުޢީ ކޯޓެއްގައި ސާބިތުވެފައިވާނަމަ، އެ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ރެޕްރެޒެންޓެޓިވް ކާޑު ހަދައެއް ނުދެވޭނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ ރެޕްރެޒެންޓެޓިވަކު، އިތުރު ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ތަމްސީލު ކުރާނަމަ، އެ އޭޖެންސީއެއްގެ ނަމުގައި، ރެޕްރެޒެންޓެޓިވްއެއް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

(ކ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ރެޕްރެޒެންޓެޓިވް ކާޑު ހެއްދުމަށްޓަކައި، "ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ރެޕްރެޒެންޓެޓިވް ކާޑު ހެއްދުމަށް އެދޭ ފޯމު" (ފޯމުގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 4 ގައި) ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު، ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(އ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ރެޕްރެޒެންޓެޓިވް ކާޑު ހެއްދުމަށް ޕްރޮސެސިންގ ފީއެއްގެ ގޮތުގައި -/200 (ދުއިސައްތަ) ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ.

(ވ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް، ދޫކުރާނީ، ގިނަވެގެން 10 (ދިހައެއް) ރެޕްރެޒެންޓެޓިވް ކާޑެވެ. މިގޮތުން، މި ކާޑު ދޫކުރެވޭނީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓަރީކޮށްފައިވާ އެ އޭޖެންސީގެ ދާއިމީ ދިވެހި މުވައްޒަފުންނަށެވެ. ކާޑު ދޫކޮށްފައިވާ މުވައްޒަފަކު، އެ އޭޖެންސީން ވަކިވުމުން، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން މިނިސްޓްރީއަށް އެކަން އަންގައި 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ކާޑެއް ކެންސަލްކުރަން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. މިގޮތަށް ޢަމަލު ނުކުރާ އެޖެންސީތަކުން އެ ކުރަނީ މަނާކަމެކެވެ.

(މ) މިނިސްޓްރީން ނުވަތަ ސަރުކާރުގެ ކަމާގުޅޭ އެހެން އިދާރާއަކުން، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ މުވައްޒަފަކު ޚިދުމަތެއް ހޯދާނަމަ، އެ އޭޖެންސީއެއް ތަމްސީލުކުރާ ރެޕްރެޒެންޓެޓިވް ކާޑު އެ މުވައްޒަފެއްގެ އަތުގައި އޮންނަންވާނެއެވެ. އަދި ޚިދުމަތަށް އެދޭއިރު ކާޑުގެ އަސްލު ދައްކަންޖެހޭނެއެވެ. 

 

19 ވަނަ މާޢްދާ - ރިޕްރެޒެންޓޭޓިވް ކާޑު އައުކުރުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން ރެޕްރެޒެންޓެޓިވް ކާޑުގެ މުއްދަތު ހަމަވުމުގެ 7 (ހަތެއް) ދުވަސް ކުރިން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ކާޑު އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ށ) ރެޕްރެޒެންޓެޓިވް ކާޑު އައުކުރުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) ރެޕްރެޒެންޓެޓިވް ކާޑު އައުކުރާ ކޮންމެ ފަހަރަކު، ޕްރޮސެސިންގ ފީއެއްގެ ގޮތުގައި -/200 (ދުއިސައްތަ) ރުފިޔާ ނެގޭނެއެވެ. އަދި ކާޑުގައިވާ އެއްވެސް މަޢުލޫމާތެއް ބަދަލުވެގެން ނުވަތަ ކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެން ކާޑު އައުކުރާ ހާލަތްތަކުގައިވެސް މި ފީ ނެގޭނެއެވެ.

 

20 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ ވަޒީފާގައި ބިދޭސީން ގެންގުޅުން މަނާ

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ އެއްވެސް އިދާރީ މަސައްކަތެއްގައި ބިދޭސީން ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރީ މަސައްކަތްތަކުގެ ގޮތުގައި ބެލެވޭނީ އޭޖެންސީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ސަރުކާރުގެ އެކި އިދާރާތަކާއި އޮފީސްތަކުން ޚިދުމަތްތައް ހޯދުމާއި، އޭޖެންސީގެ މަސައްކަތްތަކާ ގުޅޭ ފޯމުތައް ފުރުވުމާއި، ވަޒީފާދޭނެ މީހުން ހޯދުމާއި، ވަޒީފާއަށް އަންނަން ނުވަތަ ދާން ބޭނުންވާ މީހުންގެ ޕާސްޕޯޓުގެ ޑޭޓާޕޭޖް ހޯދުމާއި، ވަޒީފާދޭ ފަރާތާއި އޭޖެންސީއާ ދެމެދު ކުރެވޭ މުޢާމަލާތްތައް ބެލެހެއްޓުމާއި، ވަޒީފާއަށް އަންނަން ނުވަތަ ދާން ބޭނުންވާ މީހުންނާ އޭޖެންސީއާ ދެމެދު ކުރެވޭ މުޢާމަލާތްތައް ބެލެހެއްޓުމާއި، ވަޒީފާއަށް އަންނަ ބިދޭސީންނާ ހަވާލުވުމަށް ވައިގެ ބަނދަރަކަށް ނުވަތަ އެނޫންވެސް އެހެން ބަނދަރަކަށް ފޮނުވުމާއި، ވަޒީފާއަށް އަންނަ ފަރާތްތަކުން ވަޒީފާ ދޭ ފަރާތާ ހަވާލުކުރުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލެއް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން ކުރުމަކީ އަދި ބިދޭސީ މުވައްޒަފަކު ލައްވާ ކުރުވަން އުޅުމަކީ މަނާކަމެކެވެ. އަދި މި ފަދަ ޢަމަލެއް ކުރި އޭޖެންސީއެއް އެ ޢަމަލެއް ކުރި ފުރަތަމަ ފަހަރު -/3,000 (ތިން ހާސް) ދިވެހި ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މިފަދަ ޢަމަލެއް ދެވަނަ ފަހަރަށް ކޮށްފިނަމަ، -/4,000 (ހަތަރު ހާސް) ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތިންވަނަ ފަހަރު ކޮށްފިނަމަ، -/5,000 (ފަސް ހާސް) ދިވެހި ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މިފަދަ ޢަމަލެއް ހަތަރުވަނަ ފަހަރު ކޮށްފިނަމަ، އޭޖެންސީއަކަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި، އެ ހުއްދަ މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތިން ބާޠިލުކުރެވޭނެއެވެ.

 

21 ވަނަ މާޢްދާ - ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާއި ވަޒީފާދޭ ފަރާތުގެ ގުޅުން

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާއި އެ އޭޖެންސީ މެދުވެރިވެގެން މީހުން ހޯދައިދެވޭ ފަރާތާ ދެމެދު، އެކަމާ ބެހޭގޮތުން ލިޔުމުން އެއްބަސްވެފައި އޮންނަ އެއްބަސްވުމެއް އޮންނަންވާނެއެވެ. މި އެއްބަސްވުމުގައި، އެންމެ މަދުމިނުން، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

 

22 ވަނަ މާޢްދާ - ލެޓަރ އޮފް އެޕޮއިންޓްމަންޓް

(ހ) ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީ މީހާ، ރާއްޖެއަށް އައުމަށްޓަކައި، އެ މީހެއްގެ ޤައުމުން ފުރުމުގެ ކުރިން އެ މީހަކާއި، އެ މީހަކަށް ވަޒީފާދޭ ފަރާތާ ދެމެދު، އެއްބަސްވާ  "ލެޓަރ އޮފް އެޕޮއިންޓްމަންޓް" ގައި ވަޒީފާއަށް ގެންނަ ބިދޭސީ މީހާ ލައްވާ ސޮއިކުރުވައި، އެ މީހެއްގެ ކަނާތު ނުވަތަ ވާތު ބޮޑުވާ އިނގިލީގެ ނިޝާން ޖަހައި، އެ ލިޔުމުގެ އަސްލު، ވަޒީފާ ލިބޭ ފަރާތާ ހަވާލުކޮށް، އެ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގައި ފައިލުކޮށް ބަލަހައްޓަން ވާނެއެވެ. ބުނެވިދިޔަ "ލެޓަރ އޮފް އެޕޮއިންޓްމަންޓް" ގައި މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުމަކީ، މަނާކަމެކެވެ.

 

23 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުމާއި ރިކޯޑު ހާމަކުރުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ މެދުވެރިވެގެން ވަޒީފާ ހޯދައިދެވުނު މީހުންނާ ބެހޭގޮތުން، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަކޮށް، އެ މަޢުލޫމާތު، މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން ބަލަހައްޓަންވާނެއެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން އެކިއެކި ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ މުޢާމަލާތްތަކުގައި ބޭނުންކުރާ ލިޔުންތަކާއި އިޝްތިހާރުތަކުގެ އަސްލާ އެއްގޮތް ކޮޕީއެއް ފައިލުކޮށް، މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން ބަލަހައްޓަންވާނެއެވެ.

(ނ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ މަސައްކަތް ހިނގަމުންދަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމުގެ ގޮތުން، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގެ ރިކޯޑުތައް ބަލަން މިނިސްޓްރީން އެދިއްޖެ ހިނދެއްގައި، އެ ރެކޯޑުތައް މިނިސްޓްރީން ބަލަން އެދޭ ވަގުތު ދައްކަންވާނެއެވެ. މިނިސްޓްރީން ރިކޯޑުތައް ބަލަން އެދޭ ވަގުތު ރިކޯޑުތައް ނުދެއްކިއްޖެނަމަ، މިނިސްޓްރީން ރިކޯޑުތައް ބަލަން އެދޭ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ރިކޯޑުތައް ދައްކަންވާނެއެވެ. އަދި މިނިސްޓްރީއަށް ބޭނުންވެއްޖެ ހާލަތެއްގައި އެފަދަ ލިޔުންތަކުގެ ކޮޕީ ފޯރުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާއާ ޚިލާފަށް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން، ޢަމަލުކުރުމަކީ، މަނާކަމެކެވެ.

 

24 ވަނަ މާއްދާ - ތެދު މަޢުލޫމާތު ދިނުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީން އެކިއެކި ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ މުޢާމަލާތްތަކާއި އިޝްތިހާރުތަކުގައި، ބަޔާންކޮށްފައި ހުންނަންވާނީ ވަޒީފާއާބެހޭ ފުރިހަމަ ތެދު މަޢުލޫމާތެވެ.

(ށ) މި މާއްދާއާ ޚިލާފަށް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން، ޢަމަލުކުރުމަކީ، މަނާކަމެކެވެ.

 

25 ވަނަ މާޢްދާ - ދިވެހިންނަށް ރާއްޖޭން ބޭރުން ވަޒީފާ ހޯދައިދިނުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް މެދުވެރިވެގެން ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަން ދިވެހިން ފޮނުވަންވާނީ، މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހުގައެވެ. މި ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަން ވާނެއެވެ.

  1. ލެޓަރ އޮފް އެޕޮއިންޓްމަންޓްގެ ކޮޕީ.
  2. ވަޒީފާ ހޯދައިދިނުމުގައި މެދުވެރިވާ ވަޒީފާ ހަމަޖައްސައިދޭ ދިވެހިރާއްޖޭގެ އޭޖެންސީއާއި، ރާއްޖޭން ބޭރުން ވަޒީފާދޭ ފަރާތާ ނުވަތަ އެ ފަރާތް ތަމްސީލުކުރާ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ދެމެދު ކޮށްފައިވާ އެއްބަސްވުމުގެ ކޮޕީ. 
  3. ރާއްޖެއިން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާއި، އެ އޭޖެންސީ މެދުވެރިކޮށް ރާއްޖޭން ބޭރުން ވަޒީފާ ހޯދައިދެވޭ މީހާއާ ދެމެދު ކޮށްފައިވާ އެއްބަސްވުމުގެ ކޮޕީ.
  4. ވަޒީފާ ދޭ ފަރާތުގެ ޕްރޮފައިލް: (މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ މަޢުލޫމާތު ހިމެނޭގޮތަށް)

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ މެދުވެރިވެގެން ވަޒީފާ އަދާކުރަންދާ މީހާއަށް މި ގަވާއިދުގެ ޖަދުވަލު 9 ގައިވާ މަޢުލޫމާތު، ލިއުމަކުން ފޯރުކޮށްދިނުމަށްފަހު އެ މަޢުލޫމާތު ފޯރުކޮށްދެވުނު ކަމަށް ލިޔުމެއްގައި ސޮއިކުރަންވާނެއެވެ. މިގޮތަށް ފޯރުކޮށްދެވޭ މަޢުލޫމާތާއި، އެ މަޢުލޫމާތު ފޯރުކޮށްދެވުނު ކަމުގެ ލިޔުން 5 އަހަރުދުވަހުގެ މުއްދަތަށް އެ އޭޖެންސީއެއްގައި އަރުޝީފުކޮށްފައި ބަހައްޓަންވާނެއެވެ.

(ނ) ވަޒީފާ ހޯދައިދިނުމުގައި މެދުވެރިވާ ވަޒީފާ ހަމަޖައްސައިދޭ ދިވެހިރާއްޖޭގެ އޭޖެންސީއާއި، ރާއްޖޭން ބޭރުން ވަޒީފާ ދޭ ފަރާތާ ނުވަތަ އެ ފަރާތް ތަމްސީލުކުރާ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ދެމެދު، އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ މަޢުލޫމާތު މި އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

(ރ) ވަޒީފާ ހަމަޖައްސައިދޭ ރާއްޖޭގެ އޭޖެންސީއާއި، އެ އޭޖެންސީ މެދުވެރިކޮށް ރާއްޖޭން ބޭރުން ވަޒީފާ ހޯދައިދެވޭ މީހާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެއެވެ. މި ގަވާއިދުގެ ޖަދުވަލު 11 ގައިވާ މަޢުލޫމާތު މި އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

(ބ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ މެދުވެރިވެގެން ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރުމަށް ދިވެއްސަކު ދާނަމަ އޭނާއަށް ވަޒީފާދޭ ފަރާތާއެކު އެއްބަސްވާ "ލެޓަރ އޮފް އެޕޮއިންޓްމަންޓް" ގައި އެ މީހާ ލައްވައި ސޮއިކުރުވައި، އެ މީހެއްގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ އާއި އިނގިލީގެ ނިޝާން ޖަހައި ލިޔުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހަށް ބަލަހައްޓަންވާނެއެވެ. މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ މަޢުލޫމާތު މި ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމަނަންވާނެއެވެ.

(ޅ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް މެދުވެރިވެގެން ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރުމަށް ފޮނުވާ މީހަކު، ވަޒީފާ އަދާކުރަންދާ ޤައުމަށް ދާތާ 3 މަސްދުވަހުގެ ތެރޭގައި އެއްވެސް ސަބަބަކާ ހުރެ ވަޒީފާއިން ވަކިވެއްޖެ ނަމަ، އެފަދަ މީހަކު ރާއްޖެ އައުމުގައި ޢަމަލުކުރާނީ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާއި އެ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ މެދުވެރިކޮށް ވަޒީފާ ހޯދައިދެވޭ މީހާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ކ) ވަޒީފާ ދޭ ފަރާތުގެ ހާލަތާއި، ވަޒީފާ އަދާކުރަންދާ މާޙައުލުގައި ކަންތައްތައް ހުރިނެތްގޮތާއި ވަޒީފާ އަދާކުރަންދާ މީހާގެ ޙައްޤުތަކާއި ޢިނާޔަތްތަކަށް ރިޢާޔަތްކޮށް، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަން ފޮނުވުމުގެ ހުއްދަ ނުދިނުމުގެ އިޚުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(އ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް މެދުވެރިވެގެން ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރުމަށް މީހަކު ފޮނުވާނަމަ އެ މީހަކު ވަޒީފާއަށް ދާ ޤައުމަކުން އަނބުރާ އައުމުގެ އެއްކޮޅު ޓިކެޓަށްވާ ފައިސާ އެ މީހަކު ވަޒީފާއަށް ދާ ޤައުމަކުން އަނބުރާ އަންނަންދެން، މިނިސްޓްރީގައި، އެ އޭޖެންސީއަކުން،

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

  

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު