-

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 39/2016)

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރަފު

މިއީ ގާނޫނު ނަންބަރު 2/2014 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއަށް ލިބިބޭ އިހުތިޔާރުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، " އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމެވެ.

(ހ) އެކަނިވެރި މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިން ބިކަ ވިޔަނުދީ މުޖްތަމައުގެ އެހެން ކުދިންނާ އެއްހަމައެއްގައި ދިރިއުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މައިން ނުވަތަ ބަފައިން މެދުވެރިކޮށް އެހީތެރިވެދިނުން.

(ށ) އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެދަށުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ ހައްގުވާ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައެޅުން.

(ނ) އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ ލިބޭ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި، ދަފުތަރު ބެލެހެއްޓުމާއި އަދި އެކަމާގުޅޭ މަސައްކަތްތައް ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައެޅުން.

(ރ) އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.

(ބ) އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރު ކަނޑައެޅުން.

(ޅ) އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ދިނުން މެދުކަނޑާލުމާއި ހުއްޓާލުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

 

ދެވަނަ ބާބު

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރު އެކުލަވާލުމާއި ދަފުތަރުގައި މީހުން ހިމެނުމުގައި ބަލާނެ ށަރުތުތައް

4 ވަނަ މާއްދާ - އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރު

ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރެއް ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ. މި ދަފުތަރަށް ކިޔާނީ "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރު" އެވެ.

 

5 ވަނަ މާއްދާ - ދަފުރަތަރުގައި މީހުން ހިމެނުން

(ހ) އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރުގައި ހިމެނުމަށްޓަކައި އެޖެންސީގައި އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގެ ޒަރީއާއިންނެވެ. މި ފޯމު ހުށަހަޅަންވާނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއަށް ނުވަތަ އެޖެންސީން ކަނޑައަޅާ ތަނަކަށެވެ.

(ށ) އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ގޮތުގައި ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭނީ މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ހުރިހާ ށަރުތުތައް ފުރިހަމަވާ ދިވެހިރައްޔިތެކެވެ.

(ނ) އިޖްތިމާއީ ރައްކާތެރިކަމާބެހޭ އާންމު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް އެހީއަށް އެދި ހުށައަޅާ ފޯމުތަކާމެދު އަމަލުކުރެވޭނެއެވެ.

(ރ) އެހީއަށް އެދޭ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ ދަށުން އެހީ ދެވޭނީ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

(ބ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީ މެދުކަނޑާލަންޖެހޭ ފަދަ ހާލަތެއް، އެހީ ލިބެމުންދާ ފަރާތަކަށް މެދުވެރިވެއްޖެނަމަ، 3 (ތިނެއް) މަސްދުވަހު މުހުލަތެއް އިސްލާހުވުމަށް ދިނުމަށްފަހު އިސްލާހުނުވެއްޖަނަމަ، ނުވަތަ މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީ ހުއްޓާލަން ޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ދަފުތަރުން އެ ފަރާތެއްގެ ނަން އުނިކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - އެހީއަށް އެދި ފޯމު ހުށަހެޅޭނެ ފަރާތްތައް

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ ހޯދުމަށް އެދި ފޯމު ހުށަހެޅޭނީ "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް" އެކަންޏެވެ.

 

7 ވަނަ މާއްދާ – އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ށަރުތުތައް

(ހ) ފިރިއެއް ނުވަތަ އަނތްބަކާ ނުލައި، ނުވަތަ ފިރިއެއްގެ ނުވަތަ އަނތްބެއްގެ އެހީތެރިކަމާ ނުލައި، 18 އަހަރު ނުފުރޭ ކުއްޖަކު ބަލަމުންދާ މައެއް ނުވަތަ ބަފައެއް ކަމުގައިވާންވާނެއެވެ.

(ށ) ފަގީރުކަމުގެ ހާލަތު ދެނެގަތުމާބެހޭ ގޮތުން އެޖެންސީން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން މީލާދީ މަހެއްގެ މައްޗަށް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައިވާންވާނެއެވެ.

(ނ) އެހީއަށް އެދޭ ފަރާތަކީ މީހަކާ އިނދެގެން އުޅޭ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

(ރ) އެހީއަށް އެދޭ ފަރާތުން ބަލަހައްޓާ ކުއްޖާ ނުވަތަ ކުދިން ދިރިއުޅެނީ އެހީއަށް އެދޭ ފަރާތާއެކުގައި ކަމަށް ވާންވާނެއެވެ.

(ބ) އެހީއަށް އެދޭ ފަރާތަކީ ކައިވެނި ރޫޅިފައިވާ މީހެއްނަމަ، އޭނާގެ ވަރި ސާބިތުވުމަށްފަހު 3 (ތިނެއް) މަސްދުވަސް ހަމަވެފައިވާ މީހެއް ކަމުގައި ވާންވާނެއެވެ. މީގެތެރޭގައި ހުވަފަތް ވެފައިވާ މީހުން ނުހިމެނޭނެއެވެ.

(ޅ) ދިވެހިރާއްޖެއިން ބޭރުގައި ދާއިމީ ގޮތެއްގައި ދިރިއުޅެމުންދާ ފަރާތްތަކަށް މި އެހީ ނުލިބޭނެއެވެ.

 

8 ވަނަ މާއްދާ – ކުއްޖާ ނުވަތަ ކުދިންގެ ށަރުތުތައް

(ހ) އެހީ ލިބޭ ކުއްޖާ ނުވަތަ ކުދިންނަކީ ދިވެހި ރައްޔިތުންނަށް ވާންވާނެއެވެ.

(ށ) އެހީއަށް އެދޭ ފަރާތުން ބަލަހައްޓާ 18 އަހަރުން ދަށުގެ ކުއްޖާ ނުވަތަ ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިގެން މާލީ އެހީ ލިބޭ ކުއްޖެއްކަމުގައި ވެގެންނުވާނެއެވެ.

(ނ) ރަސްމީ ތައުލީމު ހާސިލުކުރާ އުމުރުގެ ކުއްޖެއްނަމަ ސްކޫލަކަށް ކިޔަވަން ހާޒިރުވާ ކުއްޖެއް ކަމުގައިވާންވާނެއެވެ.

(ރ) ވެކްސިން ދޭ އުމުރުގެ ކުއްޖެއްނަމަ ވެކްސިން ދީފައިވާ ކުއްޖަކަށްވާންވާނެއެވެ.

 

9 ވަނަ މާއްދާ – ށަރުތުތަކުން އިސްތިސްނާވާ ހާލަތްތައް

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، އެހީއަށް އެދޭ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ 6 މަހަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާނަމަ އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން ށަރުތުތައް ފުރިހަމަވާނަމަ، އެ ހުކުމެއްގެ މުއްދަތަށް އެހީ ދިނުމަކަށް އެ މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މިގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން އެހީއަށް އެދޭ ފަރާތުގެ ދަރިން އެ ފަރާތާއި ދުރުގައި ތިބޭ ނަމަ، އެ ފަރާތަކަށް އެހީ އަށް އެދި ހުށަހެޅިދާނެއެވެ.

  1. ރަށުގައި ލިބެންނެތް ތައުލީމް ހާސިލުކުރުމަށް މަންމަ ނުވަތަ ބައްޕައާއި ދުރުގައި ކުއްޖާ ނުވަތަ ކުދިން އެހެން ރަށެއްގައި ހުންނަންޖެހުން.
  2. ކުއްޖާ ނުވަތަ ކުދިންގެ ބަލިހާލު ހުރިގޮތުން މަންމަ ނުވަތަ ބައްޕައާއި ދުރުގައި އެހެން ރަށެއްގައި ހުންނަންޖެހުން.
  3. ކުއްޖާ ނުވަތަ ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން ކުއްޖާއާއި ނުވަތަ ކުދިންނާއި ދުރުގައި ހުންނަން ޖެހުން.
  4. އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރުމަށް ކުއްޖާ ނުވަތަ ކުދިންނާއި ދުރުގައި މަންމަ ނުވަތަ ބައްޕަ ހުންނަން ޖެހުން. 

 

ތިންވަނަ ބާބު

އެހީގެ މިންވަރުތަކާއި އެހީ ދޭނެ ގޮތް

10 ވަނަ މާއްދާ – މަހެއްގެ މައްޗައް ކުއްޖަކަށް ދެވޭނެ މިންވަރު

މި ގަވާއިދުގެ ދަށުން ށަރުތުހަމަވެގެން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ލިބިދެވޭނީ ކުއްޖަކަށް 1000 (އެއްހާސް) ރުފިޔާއެވެ.

 

11 ވަނަ މާއްދާ – މީލާދީ މަހެއްގެ ތެރޭގައި އެހީގެ ގޮތުގައި މީހަކަށްދެވޭނެ މިންވަރު

މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި މީހަކަށް މީލާދީ މަހެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 3000 (ތިންހާސް) ރުފިޔާއެވެ.

 

12 ވަނަ މާއްދާ – އަހަރެއްގައި ދެވޭނެ މިންވަރު

މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 36000 (ތިރީސް ހަހާސް) ރުފިޔާއެވެ.

 

13 ވަނަ މާއްދާމާލީ އެހީ ދޭނެ ގޮތް

މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ދޭނީ އެހީ ހޯދުމަށް އެދި ހުށަހަޅާ ފަރާތެއްގެ ބޭންކު އެކައުންޓަކަށް އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށެވެ.

 

ހަތަރު ވަނަ ބާބު

އެހީލިބެމުންދާ ފަރާތުގެ ޒިންމާތަކާއި އެހީ ދިނުން ކުރިއަށް ގެންދިއުން

14 ވަނަ މާއްދާ - އެހީ ލިބޭ ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާތައް

މާލީ އެހީ ލިބޭ ފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާއަށް ނުވަތަ ކުދިންނަށް ތިރީގައިވާ ކަންތައްތައް ކަށަވަރުކޮށްދިނުމަކީ ބެލެނިވެރިކަމާ ހަވާލުވެހުރި ފަރާތްތަކުގެ ޒިންމާއެކެވެ.

(ހ) ކުއްޖާއަށް ނުވަތަ ކުދިންނަށް ކޮންމެހެން ދޭންޖެހޭ "ވެކްސިންތައް" ދެމުން ގެންދިއުން.

(ށ) ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކުއްޖާ "ސްކޫލަށް ގަވާއިދުން ގެންދިއުން".

(ނ) ކުއްޖާއަށް ބޭނުންވާ "އަސާސީ ކަންކަމާއި ބޭނުންތައް" ހަމަޖައްސައިދިނުން.

(ރ) "ކުއްޖާ ނުވަތަ ކުދިންގެ ރައްކާތެރިކަން" ކަށަވަރުކުރެވިފައިވުން.

 

15 ވަނަ މާއްދާ - އެހީ ލިބޭ ފަރާތްތަކުގެ ޒިންމާ އަދާނުކުރުން

މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލައި، އެއިން ކަމެއް ފުރިހަމަނުވާކަމަށް އެޖެންސީއަށް ފާހަގަކުރެވިއްޖެނަމަ، އެހީ މެދުކަނޑާލުމަށް ނުވަތަ ހުއްޓާލުމަށް ނުވަތަ ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

 

ފަސްވަނަ ބާބު

އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުމާއި އެހީ މެދުކަނޑާލުން ނުވަތަ ހުއްޓާލުން

16 ވަނަ މާއްދާ - އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވެއްޖެކަން އިދާރާއަކަށް އެނގުން

މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތަށް ނުވަތަ އެ ފަރާތެއްގެ މައުލޫމާތަކަށް އެއްވެސް ބަދަލެއް އައިކަން ސަރުކާރުގެ އިދާރާއަކަށް އެނގިއްޖެނަމަ އެކަން ލަސްނުކޮށް އެޖެންސީއަށް ލިޔުމުން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުން

(ހ) މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ނުވަތަ އެ ފަރާތުގެ މައުލޫމާތަށް ނުވަތަ މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބުނެފައިވާ ށަރުތެއް ބަދަލުވެއްޖެނަމަ އެކަން މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގެ ޒަރީއާއިން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެހީ ލިބެމުންދާ ފަރާތުން އެޖެންސީއަށް އަންގަންވާނެއެވެ.

(ށ) އެހީ ލިބޭ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ ހާލަތު ބަދަލުވުމުގެ ސަބަބުން، ނުވަތަ އެހީ ލިބުމުގައި ފުރިހަމަވާންޖެހޭ އެއްވެސް ށަރުތެއް އެ ފަރާތުގެ ކިބައިގައި ހަމަނުވުމުގެ ސަބަބުން، އެހީ ދިނުމުގައި ބަލާ މިންގަނޑާއި އުސޫލުތަކަށް ނުފެތޭ ފަރާތަކުން މިކަން އޭޖެންސީއަށް އެންގުމަކާ ނުލައި އެހީ ނަގަމުން އަންނަކަން އެޖެންސީއަށް އެނގިއްޖެނަމަ، އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށްޓަކައި، އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ދެވޭ އެހީތަކުގެ ތެރެއިން އިތުރު އެހީއެއް ދެވޭނަމަ، އިތުރަށް ޖަމާކުރެވިފައިވާ ފައިސާ ހަމަ ހަމަވަންދެން، ލިބެމުންދާ ފައިސާގެ އެހީ ހިފެހެއްޓިދާނެއެވެ.

 

18 ވަނަ މާއްދާ - އެހީ މެދުކަނޑާލުން ނުވަތަ ހުއްޓާލުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީ ލިބެމުންދާ ފަރާތެއްގައި ހުންނަންޖެހޭ ށަރުތެއް އުނިވެއްޖެނަމަ ނުވަތަ މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީ މެދުކަނޑާލެވޭނެއެވެ. އަދި މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެއްޖެނަމަ އެހީ ހުއްޓާލެވޭނެއެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެފަރާތުގައި ހުންނަންޖެހޭ ށަރުތެއް އުނިވެއްޖެނަމަ އެހީ ހުއްޓާލެވޭނެއެވެ. މިގޮތަށް އެހީ ހުއްޓާލުމުގައި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކެއް ނުހިމެނޭނެއެވެ.

(ނ) މިގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އެހީ މެދުކަނޑާލުމަށްފަހު، 3 (ތިނެއް) މަސްދުވަހުގެ މުހުލަތެއް އިސްލާހުމުށް ދިނުމަށްފަހު އިސްލާހުނުވެއްޖެނަމަ އެހީ ހުއްޓާލެވޭނެއެވެ.

 

19 ވަނަ މާއްދާ – އެހީ ހުއްޓާލެވޭނެ ހާލަތްތައް

މި މާއްދާގެ ދަށުން އެހީ ހުއްޓާލެވޭނީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވުމުން ނުވަތަ އެހީ ލިބޭ ފަރާތުން ކުރުމުންނެވެ.

(ހ) އެހީލިބޭ ފަރާތް ކައިވެނިކުރުން ނުވަތަ އެހީ ލިބެމުންދާ ކުއްޖާ ކައިވެނިކުރުން.

(ށ) ކުއްޖާއަށް 18 އަހަރު ފުރުން.

(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ދަށުން އިސްތިސްނާ ނުވެ، ކުދިން އެހެން ފަރާތެއްގެ ކައިރިއަށް ދިރިއުޅުން ބަދަލުކުރުން.

(ރ) "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު"ގެ ދަށުން މާލީ އެހީތެރިކަމެއް ކުއްޖާއަށް ލިބުން.

(ބ) ކުއްޖާގެ ބައްޕަ ނުވަތަ މަންމައަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއްކަމުގައިވަނީނަމަ ބަންދުގެ މުއްދަތު ހަމަވުން ނުވަތަ ދޫކޮށްލުން.

(ޅ) ކުއްޖާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ނިޔާވުން.

(ކ) ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެންދިޔުން.

 

20 ވަނަ މާއްދާ – އެހީ މެދުކަނޑާލެވޭނެ ހާލަތްތައް

މި މާއްދާގެ ދަށުން އެހީ މެދުކަނޑާލެވޭނީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވުމުން ނުވަތަ އެހީ ލިބޭ ފަރާތުން ކުރުމުންނެވެ.

(ހ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން އެހީ ލިބޭ ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ ތެރެއިން ޒިންމާއެއް އަދާނުކުރުން.

(ށ) އެހީ ލިބޭ ކުއްޖާއާއެކު އާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުން.

(ނ) އެހީ ލިބެމުންދާ ފަރާތް ވަރިކުރި މީހަކާ އެއް ގޭބީސީއެއްގައި ދިރިއުޅުން.

(ރ) އެހީ ކުރިޔަށް ގެންދިއުމުގައި އެޖެންސީން ބަލާ މިންގަނޑަކާ ނުވަތަ އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނާ، އެހީ ލިބެމުންދާ ފަރާތް ހިލާފުވުން.

 

21 ވަނަ މާއްދާ – ގަވާއިދާއި ހިލާފުވުން

މި ގަވާއިދާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދާއި އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

22 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ – ގަވާއިދު ތަންފީޒުކުރުމާއި އިސްލާހުކުރުން

މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒުކޮށް ހިންގުމަކީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީގެ ޒިންމާއެކެވެ. އަދި މި ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެ އިސްލާހު ގެނައުމުގެ ބާރާއި އިހުތިޔާރު ލިބިގެންވަނީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއަށެވެ.

 

24 ވަނަ މާއްދާ – މާނަކުރުން

(ހ) "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ދިވެހިރައްޔިތަކަށެވެ.

(ށ) "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއަށެވެ.

(ނ) "ކުއްޖާ" ނުވަތަ "ކުދިން" ކަމުގައި ބުނެފައި އެވަނީ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ތެރެއިން އެހީއަށް އެދޭ ފަރާތުން ބަލަހައްޓަމުންދާ އުމުރުން 18 އަހަރު ނުފުރޭ އުފަންދަރިން ނުވަތަ ދޮންދަރިންނަށެވެ.

(ރ) "ކުއްޖާ ނުވަތަ ކުދިންގެ ރައްކާތެރިކަން" ކަމުގައި ބުނެފައި އެވަނީ، ކުއްޖާއަށް ލިބިދާނެ އެއްވެސް އަނިޔާއަކުން ނުވަތަ ގޯނާއަކުން ސަލާމަތްކަން ހޯދައި ދިނުމަށެވެ. މީގެ ތެރޭގައި ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ހިމެނޭނެއެވެ.

(ބ) "އަސާސީ ކަންކަމާއި ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ކެއިންބުއިމާއި، ދިރިއުޅޭނެ ތަނަކާއި، އަންނައުނާއި، ބޭސް ފަރުވާއާއި، ތަޢުލީމާއި އެފަދަ އަސާސީ ކަންކަމަށެވެ.

(ޅ) "ހަރަދުކޮށް ބަލަހައްޓަންޖެހޭ ކުދިންނާއި މީހުން" ކަމުގައި ބުނެފައި އެވަނީ، އެއް ގޭބިސީއެއްގައި ދިރިއުޅެމުންދާ އެހީއަށް އެދޭ މީހާއާއި، އެ މީހާ ބަލަހައްޓަންޖެހޭ ކުދިންނާއި މީހުންނަށެވެ.

(ކ) "އެއް ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްކޮށް ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެންނަށެވެ.

(އ) "މީލާދީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން މަހުން މަހަށް، ނުވަތަ ގަނޑުކޮށް ނޫނީ އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާ މަހުން މަހަށް ބަހާލުމުން ޖެހޭ އާމްދަނީގެ އަދަދަށެވެ.

(ވ) "ހާލަތު ބަދަލު ވުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 19 ވަނަ މާއްދާ އަދި 20 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ށަރުތެއް އުނިވުމަށް ނުވަތަ ހާލަތަކަށް ބަދަލުއައުމަށް ނުވަތަ މެދުވެރިވުމަށެވެ.

(މ) "މާލީ އެހީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން އެހީއަށް އެދޭ ފަރާތްތަކަށް ދެވޭ އެހީގެ މިންވަރަށެވެ.

(ފ) "ވެކްސިންތައް" ކަމުގައި ބުނެފައި އެވަނީ، ހެލްތު ޕްރޮޓެކްށަން އެޖެންސީން ކުޑަކުދިންނަށް ކޮންމެހެން ދިނުމަށް ކަނޑައަޅާފައިވާ ވެކްސިންތަކަށެވެ.

(ދ) "ވެކްސިން ދޭ އުމުރު" ކަމުގައި ބުނެފައި އެވަނީ، ކުއްޖާ އުފަންވާ ދުވަހުން ފެށިގެން އުމުރުން 5 އަހަރު ފުރުމާ ދެމެދަށެވެ.

(ތ) "ސްކޫލަށް ގަވާއިދުން ގެންދިއުން" ކަމުގައި ބުނެފައި އެވަނީ، އެކަށީގެންވާ އުޒުރެއް މެދުވެރިވެގެން މެނުވީ ސްކޫލަށް ހާޒިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން މަދުވެގެން %80 ދުވަހު ހާޒިރުވުމަށެވެ.

(ލ) "ގާނޫނު" ކަމުގައި ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2/2014 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) އަށެވެ.

(ގ) "ދާއިމީ" ކަމުގައި ބުނެފައި އެވަނީ، 1 އަހަރަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖެއިން ބޭރުގައި އުޅެމުންދާ ފަރާތްތަކަށެވެ.

(ޏ) "ރަސްމީ ތައުލީމު" ކަމުގައި ބުނެފައި އެވަނީ، ގްރޭޑް 1 ން 10 އަކަށެވެ.

(ސ) "ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީން އެކުލަވައިލައި ބަލަހައްޓާ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރަށެވެ.

(ޑ) "ފިރިއެއް ނުވަތަ އަނތްބަކާއި ނުލައި" ކަމުގައި ބުނެފައި އެވަނީ، ކުރީގެ ފިރިމީހާ ނުވަތަ އަނބިމީހާ ނިޔާވެފައިވުން، ނުވަތަ ވަރިވުން ނުވަތަ ދުވަހަކުވެސް މީހަކާއި އިނދެފައިނުވުމަށެވެ.

(ޒ) "ފިރިއެއްގެ ނުވަތަ އަނތްބެއްގެ އެހީތެރިކަމާނުލައި" ކަމުގައި ބުނެފައި އެވަނީ، ފިރިމީހާ ނުވަތަ އަނބިމީހާ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިއުމުގެ ސަބަބުން ފިރިމީހާ ނުވަތަ އަނބިމީހާގެ އެހީތެރިކަން ނުލިބުމަށެވެ.

 

------------

 

(ޖަދުވަލު 1)

ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)  

 

 

------------ 

 

(ޖަދުވަލް 2)

ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހަށްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދޭ ފަރާތުގެ ހާލަތު ބަދަލުވިކަން އަންގާ ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

 އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2/2014)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު