-

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-39) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-126)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 1 ޖަނަވަރީ 2025 ގައި)

 

ގަވާއިދު ނަންބަރު 2016-39 (އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީީ އެހީ ދިނުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ށަރުތުތަކުން އިސްތިސްނާވާ ހާލަތްތައް 9.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، އެހީ އަށް އެދޭ ފަރާތުގެ ދަރިން އެ ފަރާތާ ދުރުގައި ތިބޭ ނަމަ، އެ ފަރާތަކަށް އެހީ އަށް އެދި ހުށަހެޅިދާނެއެވެ.

  1. އެހީ އަށް އެދޭ ފަރާތް ނުވަތަ ކުދިން ތައުލީމު ހާސިލުކުރުމަށް؛
  2. އެހީ އަށް އެދޭ ފަރާތް ނުވަތަ ކުދިންގެ ބަލިހާލަތުގެ ސަބަބުން؛
  3. އެހީ އަށް އެދޭ ފަރާތް އާމްދަނީ ހޯދުމުގެގޮތުން މަސައްކަތްކުރުމަށް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަހެއްގެ މައްޗަށް ކުއްޖަކަށް ދެވޭނެ މިންވަރު 10.

މި ގަވާއިދުގެ ދަށުން ށަރުތު ހަމަވެގެން އެހީ ހަމަޖެހޭ އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ލިބިދެވޭނީ 4 (ހަތަރެއް) ކުދިންނާ ހަމަޔަށް ކޮންމެ ކުއްޖަކަށް 3,000 (ތިންހާސް) ރުފިޔާއެވެ. އަދި 4 (ހަތަރެއް) ކުދިންނަށް ވުރެ އިތުރަށް ކުދިން ތިބި ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި މ ލާދ މަހެއްގެ ތެރޭގައި ލިބިދެވޭނީ 1 (އެއްހާސް) ރުފިޔާއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މީލާދީ މަހެއްގެ ތެރޭގައި އެހީގެ ގޮތުގައި މީހަކަށް ދެވޭނެ މިންވަރު 11.

މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 15,000 (ފަނަރަހާސް) ރުފިޔާއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

އަހަރެއްގައި ދެވޭނެ މިންވަރު 12.

މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 180,000 (އެއްލައްކަ އަށްޑިހަ ހާސް) ރުފިޔާއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

މާލީ އެހީ ދޭނެ ގޮތް 13.

(ހ) މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ދޭނީ އެހީ ހޯދަން އެދި ހުށަހަޅާ ފަރާތެއްގެ ނަމުގައިވާ ބެންކު އެކައުންޓަކަށް، އިޖުތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެހީ ހޯދަން އެދި ހުށަހަޅާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ބެންކު އެކައުންޓަށް އެހީގެ ފައިސާ ޖަމާކުރުމަށް، އެހީ ހޯދަން އެދި ހުށަހަޅާ ފަރާތުން އެދިއްޖެ ނަމަ، ހާލަތަށް ރިއާޔަތްކޮށްފައި، އެޖެންސީން ކަނޑައަޅާ ވަކި މުއްދަތަކަށް މިފަދައިން މާލީ އެހީ ފޯރުކޮށްދިނުމަށް އެ މާއްދާ ހުރަހެއް ނާޅައެވެ.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ، 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.

 

މައި ގަވާއިދު

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-39)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-39)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު