-

ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-84)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، އެ ގާނޫނުގެ 21 ވަނަ މާއްދާގެ (ވ) އާއި، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) އާއި، 54 ވަނަ މާއްދާގެ (ވ) އާއި، 68 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ހައި ކޯޓާއި، ސުޕީރީއަރ ކޯޓުތަކާއި، ޖުޑީށަލް ދާއިރާތަކުގެ އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގައި "އިސް ފަނޑިޔާރު" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދިވެހިރާއްޖޭގެ ހައި ކޯޓަށް އައްޔަނުކުރާ އެ ކޯޓުގެ އިސް ފަނޑިޔާރަށާއި، ސުޕީރިއާ ކޯޓުތަކަށް އައްޔަނުކުރާ އެ ކޯޓުތަކުގެ އިސް ގާޟީންނަށާއި، ޖުޑީށަލް ދާއިރާތަކަށް އައްޔަނުކުރާ އެ ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނަށެވެ.

 

2 ވަނަ މާއްދާ - އިސް ފަނޑިޔާރުކަމަށް މީހަކު އައްޔަނު ކުރުން

އިސް ފަނޑިޔާރުކަމަށް ފަނޑިޔާރަކު އައްޔަނު ކުރަންވާނީ، އެ ފަރާތެއްގެ ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި، ގާބިލުކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ބެލުމަށްފަހު، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

3 ވަނަ މާއްދާ - އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުން

(ހ) ދިވެހިރާއްޖޭގެ ހައި ކޯޓަށް ނުވަތަ ސުޕީރީއަރ ކޯޓުތަކަށް ނުވަތަ ޖުޑީށަލް ދާއިރާއަކަށް އިސް ފަނޑިޔާރަކު އައްޔަނު ކުރުމަށް ކޮމިށަނުން ކަނޑައަޅައިފި ހިނދެއްގައި، އެ މަގާމު އަދާކުރުމަށް ށައުގުވެރިކަން ހުރި ފަރާތްތަކަށް އެ ކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮމިށަނުން ހުޅުވައިލަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނުވަތަ ސުޕީރިއަރ ކޯޓެއްގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ، އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުންނަށެވެ. އަދި ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަމަށް ކުރިމަތިލެވޭނީ، އެ ޖުޑީށަލް ދާއިރާއެއްގައި މަސައްކަތްކުރާ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށެވެ.

 

4 ވަނަ މާއްދާ - އިންޓަވިއު ކުރުން

(ހ) ކޮމިށަނުން ކުރާ އިއުލާނާ ގުޅިގެން އިސް ފަނޑިޔާރުކަމަށް ކުރިމަތިލާ ހުރިހާ ފަނޑިޔާރުންނާ ކޮމިށަނުގެ ފަރާތުން އިންޓަވިއު ކުރަންވާނެއެވެ.

(ށ) އިސްފަނޑިޔާރު ކަމަށް ފަނޑިޔާރުން ހޮވަން ކޮމިށަނުގެ ފަރާތުން ކުރާ އިންޓަވިއު ކުރިޔަށް ގެންދާނެ ޕެނަލަކީ ކޮމިށަނުގެ "ފަނޑިޔާރުން އައްޔަނު ކުރުމުގައި ކޮމިށަނަށް ލަފާދޭ ކޮމިޓީ" އެވެ.

(ނ) އިންޓަވިއު ބާއްވާނެ ތާރީހާއި ގަޑި، ކޮމިޓީން ކަނޑައެޅުމަށްފަހު، ފަނޑިޔާރުންނަށް އެކަން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - އިންޓަވިއު ގްރޭޑް ކުރާނޭ ގޮތް

(ހ) އިންޓަވިއު ޕެނަލުން އިންޓަވިއު ކުރުމަށްފަހު، "ހައިލީ ރެކޮމެންޑަޑް" ނުވަތަ "ރިކޮމެންޑަޑް" ނުވަތަ "ނޮޓް ރެކޮމެންޑަޑް"، މި ތިން ކެޓަގަރީގެ ތެރެއިން ކެޓަގަރީއަކަށް ކޮންމެ ކެންޑިޑޭޓަކުވެސް ގްރޭޑް ކުރަންވާނެއެވެ.

(ށ) އިންޓަވިއު ޕެނަލުން ގްރޭޑް ދިނުމުގައި މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް، މި މާއްދާގެ (ހ) ގައިވާ ގްރޭޑްތައް ދީ، ގްރޭޑް ށީޓެއް ފުރިހަމަ ކުރަންވާނެއެވެ. އަދި އިންޓަވިއު ނިމުމުން، އިންޓަވިއު ޕެނަލުގައި ހިމެނޭ ފަރާތްތަކުން ގްރޭޑް ށީޓްތަކުގައި ވަގުތުން ސޮއިކުރަންވާނެއެވެ.

(ނ) އިންޓަވިއުކޮށް ނިމުމުން، އިންޓަވިއު ޕެނަލުގެ މެންބަރުން، ހުރިހާ ފަނޑިޔާރުންނަށް ދިން ގްރޭޑް އެނގޭނެ ލިސްޓެއް ހަދަންވާނެއެވެ. އަދި އެ ލިސްޓު ތަރުތީބު ކުރަންވާނީ އެންމެ މަތިން އެވްރެޖް ގްރޭޑް ލިބިފައިވާ ފަނޑިޔާރުންގެ ތަރުތީބުންނެވެ.

(ރ) އިންޓަވިއުކޮށް ނިމުމަށްފަހު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިސްޓު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މިގޮތަށް ލިސްޓު ހުށަހަޅާއިރު، ކޮމިށަނުގެ މެންބަރުންގެ މައުލޫމާތަށްޓަކައި ޕެނަލުގެ މެންބަރުން ވަކިވަކި ފަނޑިޔާރުންނަށް ގްރޭޑް ދިން ގޮތް އެނގޭނޭ ށީޓް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - އިސްފަނޑިޔާރު އައްޔަނު ކުރާ މިންގަނޑު

ޕެނަލުން އިންޓަވިއުގައި ފަނޑިޔާރުންނަށް ގްރޭޑް ދޭންވާނީ ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށެވެ.

  1. ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު؛
  2. މުޖުތަމައުގައި ދިމާވާ ކަންތައްތަކާމެދު ގެންގުޅޭ ނަޒަރިއްޔާތު؛
  3. މުއާމަލާތު ކުރުމުގެ ހުނަރު؛
  4. އަމިއްލަ ނަފްސަށް އިތުބާރުކުރާ މިންވަރު؛
  5. މަސަތްކަތުގެ އަހްލާގު؛
  6. ހިންގުމުގެ ހުނަރު؛ އަދި
  7. ކުރިމަތިލައިފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރު.

 

7 ވަނަ މާއްދާ - އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރާނެ ފަނޑިޔާރު ކަނޑައެޅުން

(ހ) އިންޓަވިއު ޕެނަލުގެ ގްރޭޑިންގ ލިސްޓަށް ބެލުމަށްފަހު، އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރާނެ ފަރާތެއް ކަނޑައަޅާނީ ކޮމިށަނުންނެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ގްރޭޑް ލިސްޓަށް ބެލުމަށްފަހު، ލިސްޓުގައިވާ ތަރުތީބުން އެންމެ މަތިން ގްރޭޑް ކޮށްފައިވާ ފަނޑިޔާރަށް އެންމެ ފުރަތަމަ ވޯޓަށް އަހައި، ކޮމިށަނުގެ އަޣުލަބިއްޔަތު ފުރަތަމަ ލިބޭ ފަނޑިޔާރެއް އެ ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރަންވާނެއެވެ.

(ނ) ދެ ފަނޑިޔާރަކަށް ނުވަތަ އެއަށްވުރެ ގިނަ ފަނޑިޔާރަކަށް ލިބިފައިވާ ޖުމުލަ މާކްސް އެއްވަރުވެއްޖެނަމަ، އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ފުރަތަމަ ވޯޓަށް އަހާނެ ފަނޑިޔާރުން ކަނޑައަޅާނީ، ފަނޑިޔާރުކަމުގެ ހިދުމަތުގައި ވީ މުއްދަތަށް ބެލުމަށްފަހުއެވެ.

(ރ) އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިސް ފަނޑިޔާރުކަމަށް ހޮވުނު ފަރާތަށް ހޮވުނުކަން އަދި ނުހޮވޭ ފަރާތަށް ނުވަތަ ފަރާތްތަކަށް ނުހޮވުނުކަން ކޮމިށަނުން އަންގަންވާނެއެވެ.

(ބ) އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ކޮމިށަނުން ނިންމައިފައިވާ ފަރާތްތައް އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރާނީ ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލެވެ.

 

8 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ކޮމިށަނުން ފާސްވެ، ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއު ކުރުމުންނެވެ.

 

މައި ގާނޫނު

  1. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
  2. ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)
  3. ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު