-

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06) ގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައް ތަޙުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-38)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 މޭ 2026 ގައި)

 

ގަވާއިދު ނަންބަރު 2023-134 (ގާނޫނު ނަންބަރު 2006-06 ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އަށް އަންނަނިވިި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އަންނަނިވި ގޮތަކުން ކުރެ ކޮންމެ ގޮތަކަށް ވެސ،ް ކޮމިށަނަށް މައްސަލަ ހުށަހެޅިދާނެއެވެ.

  1. ސިޓީން؛
  2. ފޯނުކޯލުން؛
  3. ކޮމިށަނުގެ ހިލޭ ގުޅޭ ފޯނު ނަންބަރު 1424 އަށް ގުޅައިގެން ނުވަތަ އިލެކްޓްރޯނިކް މެސެޖް މެދުވެރިކޮށް؛
  4. ކޮމިށަނުގެ ރަސްމީ އ-ީމެއިލަށް ފޮނުވާ އ-ީމެއިލެއް މެދުވެރިކޮށް؛
  5. އޯޑިއޯ ފައިލުން؛
  6. ވީޑިއޯ ކްލިޕަކުން؛
  7. އެސ.ްއެމ.ްއެސް ނުވަތަ އެމ.ްއެމ.ްއެސް މެދުވެރިކޮށް؛
  8. ކޮމިށަނަށް ހާޒިރުވެގެން؛ ކޮމިށަނަށް ހާޒިރުވެގެން މައްސަލަ ހުށަހެޅޭނީ، ކޮމިށަނުގެ ރަސްމީ މަސައްކަތު ގަޑީގައެވެ.
  9. ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ކޮމިށަނަށް މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް.
  10. މީސްމީޑިއާގެ އެކި މަންސަތަކުގައި ކޮމިށަން ޓެގްކޮށްފައި ހުންނަ މައްސަލަތަކުގެ ތެރެއިން ކޮމިށަނުން އިސްނަގައިގެން އެ މައްސަލައެއް ބެލުމަށް ހުށަހެޅުން؛
  11. ކޮމިށަނުގެ ވެބް ޕޯޓަލް މެދުވެރިކޮށް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ކޮމިށަނަށް ހިލޭ ގުޅޭ ފޯނު ނަންބަރު 1424 އަކީ، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގެ މެންދުރުފަހު 2:00 އާއި ރޭގަނޑު 12:00 އާ ދެމެދުގެ ގަޑިތަކުގައި މައްސަލަ ހުށަހެޅުމަށް ގުޅޭނެ ނަންބަރެކެވެ. މި ނަންބަރަށް އަންނަ ކޯލުތަކަށް ޖަވާބުދާރީވާނީ، ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވާކަން ކަށަވަރުކުރާނީ، ކޮމިށަނުގެ ރަޖިސްޓްރޭށަން ޑިޕާޓްމަންޓުންނެވެ. އަދި މައްސަލަ ތަހުގީގުކުރުމަށް ބޭނުންވާ މައުލޫމާތު ފުރިހަމަނުވާ ނަމަ، އެ މައުލޫމާތު ފުރިހަމަކުރުމަކީ، މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ރަޖިސްޓްރޭށަން ޑިޕާޓްމަންޓުގެ ޒިންމާއެކެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލައަށް އެންޓްރީ ނަންބަރެއް ދިނުމާއެކު، ކޮމިށަނަށް މައްސަލަ ލިބިފައިވާކަން، އެ މައްސަލަ ހުށަހެޅި ފަރާތަށް، ރަސްމީ ބަންދުނޫން 3 )ތިނެއް ( ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ. މި ލިޔުން ދޫކުރާނީ، ކޮމިށަނަށް އަންނަ ލިޔެކިޔުން ބަލައިގަތުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ޑިޕާޓްމަންޓަކުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައަށް އެންޓްރީ ނަންބަރެއް ދިނުމަށްފަހު، ރަޖިސްޓްރޭށަން ޑިޕާޓްމަންޓަށް އެ މައްސަލައެއް ފޮނުވަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އެންޓްރީތައް ރަޖިސްޓްރޭށަން ޑިޕާޓްމަންޓަށް ލިބުމާއެކު، އެ ޑިޕާޓްމަންޓުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއާ އެއްގޮތްވާ ގޮތުގެ މަތީނ،ް އެންޓްރީތަކާމެދު ފިޔަވަޅުއަޅައި، އައު މައްސަލަތަކުގެ ރަޖިސްޓްރޭށަން މަރުހަލާ ކުރިޔަށް ގެންދަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މައްސަލައާ އެކުގައި ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރާއިރު، އެ މައްސަލައަކީ ކޮމިށަނުން ބަލަންޖެހޭ ފަދަ މައްސަލައެއްކަމާމެދު ގޮތެއް ރަޖިސްޓްރޭށަން ޑިޕާޓްމަންޓަށް ފެންނަ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް، މައްސަލަ ހުށަހެޅި ފަރާތުގެ ކިބައިން އެދެންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ރަޖިސްޓްރޭށަން ޑިޕާޓްމަންޓަށް އެންޓްރީވާ މައްސަލަތަކަށް ރަޖިސްޓަރީ ނަންބަރެއްދީ، ކޭސް މެނޭޖްމަންޓް ސިސްޓަމުގެ ތެރޭގައި ދަފުތަރުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ރަޖިސްޓްރޭށަން ޑިޕާޓްމަންޓަށް މައްސަލައެއް އެންޓްރީކޮށްފައި ލިބޭ ތާރީހުން ފެށިގެނ،ް ގިނަވެގެން ރަސްމީ ބަންދުނޫން 7 )ހަތެއް( ދުވަހުގެ ތެރޭގައި އެ މައްސަލައެއް ތަހުގީގުކުރުމާމެދު ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން ގޮތެއް ނިންމަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ތަހުގީގުކުރުމާމެދު ގޮތެއް ކަނޑައެޅުން 15.

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލައެއްގައި، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރި އާޔަތްކޮށް، ތިރީގައިވާ ގޮތްތަކުން ކުރެ ގޮތެއް، ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން ކަނޑައަޅަންވާނެއެވެ.

  1. މައްސަލަ ތަހުގީގުކުރުމަށް ފުދޭވަރުގެ މައުލޫމާތު ފުރިހަމަވާ ނަމަ، އަދި އެ މައްސަލައަކީ ކޮމިށަނުން ބެލުމުގެ އިހްތިސާސް ލިބިފައިވާ މައްސަލައެއް ނަމަ ތަހުގީގުކުރުމަށް ނިންމުން؛
  2. ކޮމިށަނުން ތަހުގީގުކުރުމުގެ އިހްތިސާސް ލިބިފައިނުވާ ނަމަ ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތްތަކުން/ އިދާރާތަކުން ހޯދާ މައުލޫމާތަށް ރިއާޔަތްކޮށް، އެ މައްސަލައަކީ މިވަގުތު ކޮމިށަނުން ބަލަންޖެހޭ މައްސަލައެއްކަމަށް ނުފެންނަ ނަމަ، ތަހުގީގު ނުކުރުމަށް ނިންމުން؛
  3. އެހެން އިދާރާއެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނަމަ، އެ މައްސަލައެއް/ މައްސަލައިގައި ހިމެނޭ ކަންކަން އެ އިދާރާއަކަށް ކޮމިށަނުގެ ފަރާތުން ފޮނުވުމަށް ނިންމައި ނުވަތަ މައްސަލަ ހުށަހެޅި ފަރާތަށް، ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށް ލަފާދީ ތަހުގީގު ނުކުރުމަށް ނިންމުން.
  4. ކޮމިށަނަށް ހުށަހެޅޭ އަދި އަމިއްލަ އިސްނެގުމުގައި ބަލާ މައްސަލައެއްގެ ބާވަތުން އެ މައްސަލައަކާ ގުޅުންހުރި އިދާރާއެއްގެ ސަމާލުކަމަށް ގެންނަންޖެހޭ ފަދަ ކަމެއް ފާހަގަވާ ނަމަ، އެ ކަންކަން އެ އިދާރާގެ ސަމާލުކަމަށް ގެނައުމަށް ނިންމުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތެއް ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން ނިންމުމަށްފަހު، ރަޖިސްޓްރޭށަން ޑިޕާޓްމަންޓުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކޮމިށަނަށް ހުށަހަޅައިފައިވާ މައްސަލައަކީ ކޮމިށަނުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ފަދަ މައްސަލައެއް ނަމަ، ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން އެ މައްސަލައަކަށް ކޭސް ނަންބަރެއް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން އެ މައްސަލައެއް ތަހުގީގު ނުކުރުމަށް ނިންމައިފި ނަމަ، އެ ނިންމުމުގެ މައުލޫމާތު ކޮމިށަނަށް ހުށަހެޅުމަށްފަހު، ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނަށް ހުށަހަޅައިފައިވާ މައްސަލަ ތަހުގީގުކުރުމާމެދު ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން ގޮތެއް ނިންމައިފައި ކޮމިށަނަށް ހުށަހެޅުމަށްފަހު، ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ތަހުގީގުކުރުމާމެދު ނިންމިގޮތ،ް މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) މައްސަލަ ތަހުގީގުކުރަން ނިންމައިފި ނަމަ، އެ މައްސަލައަކަށް ދީފައިވާ ކޭސް ނަންބަރު؛

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް އެންޓްރީކޮށް ރަޖިސްޓަރީކުރެވޭ ހިސާބުން ފެށިގެން އެ މައްސަލައެއްގެ ރިކޯޑުތައް ބެލެހެއްޓުމަށް ޓަކައި އެކަމަށް ހާއްސަކޮށްފައިވާ ކޭސް މެނޭޖްމަންޓް ސިސްޓަމުގައި އެ މައްސަލައެއްގެ މައުލޫމާތުތައް ރިކޯޑުކުރަންވާނެއެވެ. އަދި ރަޖިސްޓަރީކުރާ ހުރިހާ މައްސަލަތަކުގައި، އެ މައްސަލައަކާ ގުޅޭ ހުރިހާ މައުލޫމާތު، ކޭސް މެނޭޖްމަންޓް ސިސްޓަމަށް އެންޓަރކުރާނީ، ރަޖިސްޓްރޭށަން މަރުހަލާގައި ނަމަ، އެ މައްސަލައެއްގެ އިބްތިދާއީ ތަހުގީގެއް ހިންގުމަށް ހަވާލުކުރެވޭ ރަޖިސްޓްރޭށަން ޑިޕާޓްމަންޓުގެ މުވައްޒަފެވެ. އަދި ތަހުގީގުކުރުމަށް ނިންމާ މައްސަލަތަކުގައި އެ މައްސަލައެއް ތަހުގީގުކުރުމަށް ހަވާލުކުރެވޭ އިންވެސްޓިގޭށަން އޮފިސަރެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިސްޓަމަށް އެކްސެސްވެވޭނީ، ކޮމިށަނުގެ މެންބަރުންނާއި، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލާއި، ކޮމިށަނުގެ ރަޖިސްޓްރޭށަން ޑިޕާޓްމަންޓާއި އިންވެސްޓިގޭށަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ކޮމިށަނުގެ ދެކުނު ގޮފީގައި ވާ ނަމަ، މައްސަލަ ބެލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ. އަދި އެ ނޫން ފަރާތަކަށް އެ ސިސްޓަމަށް އެކްސެސް ދެވޭނީ، އެކަމަށް ޓަކައި ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންވެސްޓިގޭށަން އޮފިސަރުގެ ޒިންމާތައް 18.

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ތަހުގީގުކުރުމަށް ނިންމާ ކޮންމެ މައްސަލައަކަށް އަދި ކޮމިށަނުން އިސްނަގައިގެން ބެލުމަށް ނިންމާ ކޮންމެ މައްސަލައަކަށް އިންވެސްޓިގޭށަން އޮފިސަރަކު، އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އިންވެސްޓިގޭށަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުރި މުވައްޒަފަކު ކަނޑައަޅަންވާނެއެވެ. އަދި މައްސަލައިގެ ބާވަތަށާއި މަސައްކަތް ކުރަންޖެހޭނެ މިންވަރަށް ރިއާޔަތްކޮށްފައި، އިންވެސްޓިގޭށަން އެއް އޮފިސަރަށް ވުރެ ގިނަ އޮފިސަރުން ވެސް ކަނޑައެޅިދާނެއެވެ. މިގޮތުން ކަނޑައަޅާ އިންވެސްޓިގޭށަން އޮފިސަރުންގެ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. މައްސަލަ ހުށަހަޅައިފައިވަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކުގައިކަން ކަށަވަރުކުރުން؛
  2. މައްސަލަ ތަހުގީގުކުރުމުގެ ޕްލޭން އެކުލަވައިލައި، އެކަށީގެންވާ އަވަސްގޮތެއްގައި، ޕްލޭނާ އެއްގޮތަށް ނިންމުން؛
  3. މައްސަލައާ ގުޅޭ ހެކި ހޯދުން؛
  4. ސުޕަވައިޒަރުންގެ ލަފާގެ މަތީން ކުއްލި ހާލަތަކާ ގުޅިގެން ނުވަތަ އެ ނޫން ހާލަތްތަކުގައި ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި، ކޮމިށަނުން ގާނޫނީ މަސައްކަތްތައް ކުރުމަށް ކަނޑައަޅައިފައިވާ ޑިޕާޓްމަންޓުގެ ލަފާ ބޭނުންވާ ކަންކަމުގައި އެ ޑިޕާޓްމަންޓުގެ ލަފާ ހޯދުމާއި، އެކްސްޕާޓް އޮޕީނިއަން ހޯދުން؛
  5. މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ގޮތުގެ މައުލޫމާތު ހޯދުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދޭ ހާލަތްތަކުގައި އެ ފަރާތާ ހިއްސާކުރުމާއި، މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެދިގެން އަންނަ ހުށަހެޅުންތަކަށް ޖަވާބުދާރީވުން؛
  6. މައްސަލައިގެ ތަހުގީގާ ގުޅިގެން ލިބޭ ލިޔެކިޔުންތަކާއި އެހެނިހެން ހެކިތައް، ކޭސް މެނޭޖްމަންޓް ސިސްޓަމަށް ގަވާއިދުން އެންޓަރކޮށް ފައިލް އަޕްޑޭޓްކުރުން؛
  7. މައްސަލަ ތަހުގީގުކޮށް ގޮތެއް ކަނޑައެޅުމުގައި ޑިޕާޓްމަންޓުގެ ވެރިޔާގެ ނުވަތަ ސުޕަވައިޒަރުންގެ މަށްވަރާ ހޯދުމާއި، މައްސަލަ ކުރިޔަށްދާ ގޮތުގެ މައުލޫމާތު އެ ފަރާތާ ހިއްސާކުރުން؛
  8. މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ކޭސް މެނޭޖްމަންޓް ސިސްޓަމަށް ހުރިހާ މައުލޫމާތެއް އެންޓަރކުރެވިފައިވާކަމާއި، މައުލޫމާތު ފުރިހަމަވެފައިވާކަން ޔަގީންކުރުމަށްފަހު، މައްސަލައާމެދު ގޮތެއް ނިންމުމަށް ރިޕޯޓު ތައްޔާރުކޮށް ކޮމިށަނަށް އެޖެންޑާކުރުމަށް ފޮނުވުން؛
  9. ކޮމިށަނުން މައްސަލަ ބަލައި ނިމުމަށްފަހު، ކޮމިށަނުގެ ނިންމުން އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލިބޭތާ ރަސްމީ ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު ތައްޔާރުކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، މައްސަލައާ ގުޅޭގޮތުން ރިކޮމެންޑޭށަން ދީފައިވާ ފަރާތްތަކަށް އެކަން އަންގައި، މައްސަލަ ކުރިޔަށްދާ ގޮތް ބަލައި، ކޭސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓްކުރުން.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތަހުގީގުކުރާ މައްސަލައިގެ ތެރެއިން ފާހަގަވާ އެހެން މައްސަލަ 28.

(ހ) އިންވެސްޓިގޭށަން ޑިޕާޓްމަންޓުން އެ މައްސަލައެއް ތަހުގީގުކުރުމުގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ކޮމިށަނުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭކަމަށް ފެންނަ އިތުރު މައްސަލައެއް ނުވަތަ މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިއްޖެ ނަމަ، އެފަދަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމާމެދު ނުވަތަ ތަހުގީގުކުރަމުންދާ މައްސަލައިގެ ތެރެއިން އެ ކަންކަމަށް ގޮތެއް ކަނޑައެޅުމާމެދު ކޮމިށަނުގެ ލަފާގެ މަތީން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީނ،ް ވަކި މައްސަލައެއްގެ ގޮތުގައި ކުރިޔަށްގެންދިއުމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، އެ މައްސަލައެއްގެ ރަޖިސްޓްރޭށަން މަރުހަލާ ނިންމުމަށް ޓަކައި ރަޖިސްޓްރޭށަން ޑިޕާޓްމަންޓަށް ފޮނުވަންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުއްލި ހާލަތެއް މެދުވެރިވެގެން ބަލަންޖެހޭ މައްސަލަތައް 30.

(ހ) މުޖުތަމައުގައި ހިނގާ ކުއްލި ހާދިސާއަކާ ގުޅިގެން ނުވަތަ ކަމަކާ ގުޅިގެން އެއްވެސް މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިދާނެ ކަމަށް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަނެވިދާނެ ކަމަށް ކޮމިށަނަށް ފެނިއްޖެ ނަމަ، އެފަދަ ކަންކަން ބަލައި މޮނިޓަރކުރުމަށް ޓަކައި އެ ހާދިސާއެއް ނުވަތަ އެ ކަމެއް ހިނގި ތަނަށް ޒިޔާރަތްކުރާނެ ރެޕިޑް ރެސްޕޮންސް ޓީމެއް (RRT) ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ޓީމުން އެ ހާދިސާއެއް ހިނގި ތަނަކަށް ޒިޔާރަތްކުރުމާއި، ބަލަންޖެހޭ ކަންކަން ބެލުމުގައްޔާއި، އެއަށްފަހު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) އެއް ކޮމިށަނުން އެކުލަވައިލައި، ރެޕިޑް ރެސްޕޮންސް ޓީމު ހަރަކާތްތެރިވުމުގައި އަމަލުކުރާނެ ތަފުސީލީ އުސޫލުތައް، އެ އެސްއޯޕީގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަރުގެ މައްސަލަތައް ތަހުގީގުކުރުމާ ގުޅޭ އުސޫލުތައް 31.

(ހ) ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެގެން އެކަމުގެ މައުލޫމާތު ކޮމިށަނަށް ލިބިއްޖެ ނަމަ، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާދިސާއަކާ ގުޅިގެން ހަރަކާތްތެރިވާނެ ޓީމެއް، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް ސާފުކުރުމަށް ޓަކައި ފޮނުވަންވާނެއެވެ.

(ށ) އިސްވެ ބަޔާންކޮށްފައިވާ ހާލަތުގައި، އެ މައްސަލައިގައި ލިބެންހުރި މައުލޫމާތާއެކު ތަހުގީގު ފެށުމަށް ޓަކައި ރަޖިސްޓްރޭށަން ޑިޕާޓްމަންޓުނ،ް އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 50 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލައާ ގުޅިގެން މޮނިޓަރކުރަންޖެހޭ ކަންކަން 50.

(ހ) ކޮމިށަނުން މައްސަލައެއް ނިންމުމަށްފަހު، އެ މައްސަލައާ ގުޅިގެން ސިސްޓަމިކް ގޮތެއްގައި މޮނިޓަރކުރަންޖެހޭ މައްސަލައެއް އޮތްކަމަށް ކޮމިށަނުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ނަމަ، ކޮމިށަނުގެ ނިންމުން ނިންމާތާ ރަސްމީ ބަންދުނޫން 1 (އެކެއް) ދުވަހުގެ ތެރޭގައި އެ ކަމެއް މޮނިޓަރކުރަމުން ގެންދިޔުމަށް ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓަށް ނުވަތަ ޑިޕާޓްމަންޓްތަކަށް، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް ފޮނުވަންވާނެއެވެ.

(ށ) ކޮމިށަނުން މައްސަލައެއް ނިންމުމަށްފަހު، އެ މައްސަލައާ ގުޅިގެން ހުށަހެޅުމެއް ނުވަތަ ހުށަހެޅުންތަކެއް އެއްވެސް އިދާރާއަކަށް ހުށަހެޅުމަށް ނިންމައި އެ ހުށަހެޅުންތައް ތަންފީޒުކުރާ މިންވަރު މޮނިޓަރކުރަންޖެހޭ ކަމަށް ނިންމައިފި ނަމަ، ކޮމިށަނުގެ ނިންމުން ނިންމާތާ ރަސްމީ ބަންދުނޫން 1 (އެކެއް) ދުވަހުގެ ތެރޭގައި އެ ކަމެއް މޮނިޓަރކުރަމުން ގެންދިޔުމަށް ކޮމިށަނުގެ ކަމާބެހޭ ޑިޕާޓްމަންޓަށް ނުވަތަ ޑިޕާޓްމަންޓްތަކަށް، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް ފޮނުވަންވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނުގެ ގޮފިތަކުން އަމަލުކުރާނެ އުސޫލު 53.

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބެލުމަށް ގާއިމުކޮށްފައިވާ ގޮފިތަކުން އެ ގޮތްޕަކަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކަށާއި އުސޫލުތަކަށް އަމަލުކުރަންވާނެއެވެ. އަދި އިންވެސްޓިގޭށަން ޑިޕާޓްމަންޓެއް އެ ގޮފީގައި ނެތް ނަމަ، އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ޒިންމާ އަދާކުރާނީ، އެ އޮފީހެއްގެ މައްސަލަތައް ބެލުމުގައި ޒިންމާ އަދާކުރާ އެންމެ އިސް ފަރާތުންނެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 57 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) "އިންވެސްޓިގޭށަން ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް އެ އިރެއްގައި ބަލައި ތަހުގީގުކުރުމުގެ މެންޑޭޓު ހަވާލުކޮށްފައިވާ ކޮމިށަނުގެ ޑިޕާޓްމަންޓްތަކާއި ކޮމިށަނުގެ ގޮފިތަކަށެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 56 ވަނަ މާއްދާގެ (ށ) އަށް (8) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(8) ރަޖިސްޓްރޭށަން ޑިޕާޓްމަންޓުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 57 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް (މ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރެއް އިތުރުން.

(މ) "ރަޖިސްޓްރޭށަން ޑިޕާޓްމަންޓު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ސްކްރީންކުރުމާއި، ރަޖިސްޓަރީކުރުމާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމާމެދު ގޮތެއް ނިންމުމާއި، ތަހުގީގުކުރުމަށް ނިންމާ މައްސަލަތަކާއި ކޮމިށަނުން އިސްނަގައިގެން ބަލާ މައްސަލަތަކުގެ ރަޖިސްޓްރޭށަން މަރުހަލާ ނިންމުމަށްފަހު މައްސަލައިގެ ތަހުގީގު ހިންގުމަށް ޓަކައި ކަމާ ގުޅުންހުރި ޑިޕާޓްމަންޓަށް ނުވަތަ ކޮމިށަނުގެ ގޮތްޕަށް ފޮނުވުމަށް ކޮމިށަނުގައި ގާއިމުކޮށްފައިވާ ޑިޕާޓްމަންޓަށެވެ.

 

25 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06) ގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައް ތަޙުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-134)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު