-

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025-120) އަށް 2ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-19)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 އެޕްރީލް 2026 ގައި)

 

ގަވާއިދު ނަންބަރު 2025-120 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން،

ކޯޓާ ފީ 28.

(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ކޯޓާ ޔުޓިލައިޒްކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ކޯޓާގެ ފީގެ ގޮތުގައި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ކޯޓާއަކަށް 2,000 (ދެހާސް) ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓާ ހޯދުމަށް އެދި ހުށަހަޅައިފައިވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން ކަމަށް ވާ ނަމަ، އަދި އެ ފަރާތުން ހުށަހަޅައިފައިވަނީ 20 (ވިހި) ކޯޓާއަށް ކަމަށް ވާ ނަމަ ނުވަތަ އެ ޔަށް ވުރެ މަދު އަދަދެއްގެ ކޯޓާއަށް ކަމަށް ވާ ނަމަ، އެ ފަދަ ފަރާތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ދައްކާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް، 20 (ވިހި) ކޯޓާ ދޫކޮށްފައިވާ ނަމަ ނުވަތަ އެޔަށް ވުރެ މަދު އަދަދެއްގެ ކޯޓާ ދޫކޮށްފައިވާ ނަމަ، އެ ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިމެނިގެން އުފައްދާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ އެހެން ވިޔަފާރިއަކަށް، މި މާއްދާގެ (ށ) ގެ ދަށުން ދެވޭ ކޯޓާ ފީ ދެއްކުމުން ދެވޭ އިސްތިސްނާއެއް ނުލިބޭނެއެވެ.

(ރ) މި މާއްދާގެ އެހެން އަކުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ދޫކޮށްފައިވާ ކޯޓާގެ އަދަދު 20 (ވިހި) ކޯޓާއަށް ވުރެ އިތުރުކޮށްފި ނަމަ، 21 (އެކާވީސް) ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް ކޯޓާ ފީ ދައްކަންޖެހޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ޔުޓިލައިޒްކޮށް ދޫކޮށްފައިވާ ކޯޓާތަކަށް ދައްކަމުންދާ ކޯޓާ ފީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް ދެއްކުން ހުއްޓައިލާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ބަހައިލައިގެން ދައްކަން ބޭނުންވާ، ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ށެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުމުގެ ފުރުސަތު ދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން، ށެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ކޯޓާ ފީ ދައްކާ ނަމަ، އެ ފަރާތުގެ ކޯޓާ ޔުޓިލައިޒްކުރެވޭނީ، ށެޑިއުލްކޮށްފައިވާ ޕޭމަންޓުގެ ފުރަތަމަ ޕޭމަންޓު ދެއްކުމުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް (ނ) އާއި (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް 2 (ދޭއް) އަކުރު އިތުރުކުރުން.

ނޮން ޕްރޮފެށަނަލް ކެޓަގަރީ 41.

(ށ) ނޮން-ޕްރޮފެށަނަލް ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަންސްކިލްޑް) ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި ވަރކް ޕަރމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ، 25 (ފަންސަވީސް) އަހަރުދުވަހެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް 25 (ފަންސަވީސް) އަހަރުދުވަހަށް ވަރކް ޕަރމިޓް ދޫކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނޮން-ޕްރޮފެށަނަލް_އަންސްކިލްޑް) ބިދޭސީއަކު ވަޒީފާ އަދާކުރާތާ 10 (ދިހައެއް) އަހަރުވުމުންނާއި 20 (ވިހި) އަހަރުދުވަސް ވުމުން، ވަޒީފާދޭ ފަރާތުން އެ ބިދޭސީ މުވައްޒަފަކު އިތުރަށް ރާއްޖޭގައި ބަހައްޓަން ބޭނުންވާ މުއްދަތު ބަޔާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، 10 (ދިހައެއް) އަހަރުދުވަސް ވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިންނާއި، 20 (ވިހި) އަހަރުދުވަސް ވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، އެ ބިދޭސީ މުވައްޒަފަކު ރާއްޖެ އައި ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ގޮތަށް (އ) އެއް އިތުރުކުރުން.

ވަޒީފާދޭ ފަރާތް ބަދަލުކުރުން 43.

(އ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ވަރކް ޕަރމިޓް ފީ ނުދައްކާ ފަރާތްތަކުން، ފީ ނުދެއްކޭ ސަބަބު ބަޔާންކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ފީގެ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅަންވާނެއެވެ. ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން މިފަދައިން ހުށަހަޅާ ފަރާތްތަކަށް ފީ ދެއްކުމަށް އިތުރު 1 (އެކެއް) މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގައި އޮތް އިބާރާތަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ށ) އެއް އިތުރުކުރުން. 

ސެކިއުރިޓީ ޑިޕޮޒިޓް ރިފަންޑް ކުރުން (ށ) 

މި ގަވާއިދުގެ 51 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެ މަތީން ނަގާ ސެކިއުރިޓީ ޑިޕޮޒިޓުގެ އަދަދަށް ވުރެ ބޮޑު އަދަދެއް ވަޒީފާދޭ ފަރާތުން މިނިސްޓްރީއަށް ދައްކަންޖެހޭކަމަށް، އެކްސްޕެޓް ސިސްޓަމުގެ ރިކޯޑުތަކުން ދައްކާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 5 ގެ ދަށުން ރީފަންޑްކުރާ ޑިޕޮޒިޓް ހިފެހެއްޓުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 82 ވަނަ މާއްދާގެ (ޑ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ޒ) އެއް އިތުރުކުރުން.

މާނަކުރުން 82.

(ޒ) "އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) ގައިވާ މިންގަނޑުން އެންމެ ކުދި، ކުދި ނުވަތަ މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ވިޔަފާރިތަކަށެވެ.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025-120)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2025-120)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު